ސަޢުދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންނަށް "މަޤާމުތަކުގެ ބޭނުމުގައި ތިބޭ ބައެއްކަމާއި، އެއީ ދެފުށް ދެގޮތް ބައެއްކަމުގައި" ބުނާ މީހުންނަށް ރައްދު - الشيخ صالح بن فوزان الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشيخ صالح الفوزان حفظه الله
ސުވާލު: އަހަރެމެންނަކީ ކާފަރު ޤައުމެއްގައި ދިރިއުޅޭ ބަޔަކީމެވެ. ނުބައި ކަންތައް މިތަނުގައި ނުހަނު ގިނައަކަށް އިތުރުވެފައިވެއެވެ. ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންނާއި ދިމާލަށް ވަރަށް ފާޅުކޮށް އެއްޗެހި ކިޔައެވެ. އެގޮތުން "ހައިއަތު ކިބާރުލް ޢުލަމާ" ކިޔުމުގެ ބަދަލުގައި "ހައިއަތު ކިބާރުލް ޢުމަލާ" ޢިލްމުވެރިނަށް ނިޞްބަތްކޮށް ކިޔާއަޑު އަހަމެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންނަކީ މަޤާމުތަކުގެ ބޭނުމުގައި ތިބޭ ބައެއްކަމާއި، އެއީ ދެފުށް ދެގޮތް ބައެއްކަމުގައި އެމީހުން ބުނެއެވެ. އަދި ބައެއްމީހުން އެޢިލްމުވެރިންނަކީ ކާފަރު ވެފައިވާ ބައެއްގެ ދަރަޖައަށް ގެންދެއެވެ. އެ ޢިލްމުވެރިންނަކީ ޠާޣޫޠުންނަށް ލޯބިކުރާ ބައެއްގެ ގޮތުގައި ބުނެއެވެ. މި ފިކުރާ މެދުގައި އަހަރެމެން ދެކެން ޖެހޭނީ ކިހިނަކުން ހެއްޔެވެ. އެމީހުންނަށް ރައްދު ދޭނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު: ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންނަކަށް ތިޔަކަންތަކުން އެއްވެސް އަނިޔާއެއް ނުލިބޭނެއެވެ. ތިޔަ ބަސްތަކުން ގެއްލުން ލިބޭނީ އެބަސްތައް ބުނި މީހުންނަށެވެ. އެ ބުހުތާނު ދޮގާއި، ފާފަތައް ރައްދުވާނީ ހަމަ އެމީހުންނަށެވެ. އެބައި މީހުން އެ ވެއްޓިފައިވާ ފާފަތަކާއި، ނުބައި ކަންތަކުގެ މައްޗަށް ތިޔަބައި މީހުން ދެރަނުވާށެވެ. ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ތިޔަވަރަށް ވުރެ ބޮޑަށް މީސްތަކުން ބަސްތައް ބުންޏެވެ. ސިޙުރުވެރިއެކޭ، މޮޔައެކޭ، ބުންޏެވެ. އެއީ ހަމަނުޖެހޭ މީހެކޭ ބުންޏެވެ. އެއީ ބޮޑު ދޮގުވެރިއެކޭ އަދި ބޮޑާ މީހެކޭ ބުންޏެވެ. މިފަދަ ބަސްތަކަކީ އެއްވެސް ގޮތަކަށް ބީރައްޓެހި ބަސްތަކެއް ނޫނެވެ. ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރިންނަށް ތިފަދަ ބަސްތަކުން ކުރާނެ އެއްވެސް ގެއްލުމެއް ނެތެވެ. و لله الحمد . އެ ބަސްތައް ރައްދުވަނީ އަދި އެބަސްތަކުގެ ފާފައާއި ގެއްލުން ލިބިދެނީ އެބަސްތައް މުޚާޠަބު ކުރި މީހުންނަށެވެ. ތިޔަބައި މީހުން މިކަމުގައި އެއްވެސް ގޮތަކަށް ދެރަނުވާށެވެ.
الفتاوى الشرعية في القضايا العصرية ص 70