ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإِمَامُ محمد بن صالح العثيمين رَحِمَه الله ވިދާޅުވެފައިވެ އެވެ.
"ހަމަ އެގޮތަށް އަހުލުއްސުންނަތާއި ބިދުޢައިގެ އަހުލުވެރިންނާއި ދެމެދު ދީނުގެ އުޞޫލުތަކުގައި އުފެދިފައިވާ ޚިލާފްތަކުގެ ތެރޭގައި ވެރިންނާއި ދެކޮޅަށް ނުކުތުން ހިމެނެއެވެ. ޙަރޫރިއްޔާއިން، ޚަވާރިޖުން، މުސްލިމު ވެރިންނާއި ދެކޮޅަށް ނުކުތެވެ. އަދި އެވެރިން ކާފަރުކޮށް އެވެރިން ޤަތުލުކުރިއެވެ. އެޢަމަލު ހިންގުމަށްޓަކައި މުސްލިމުންގެ ލޭ އޮހޮރައިލުން ހުއްދަކުރިއެވެ.
އެހެނަސް، އަހުލުއް ސުންނާވަލް ޖަމާޢަތް ބުނަމުންދަނީ މުސްލިމުވެރިން ފާސިޤު އަދި އެވެނި މިވެނި ބޮޑެތި ފާފަތައް ކުރި ކަމުގައިވިޔަސް އަހަރުމެންނަށް ވާޖިބުވެގެންވަނީ އެވެރިންނަށް އަޑުއަހައި ކިޔަމަންތެރިވުމެވެ. ބަޔާންވެގެންވާ، ފާޅުވެގެންވާ ކާފަރުވުމަކުން އެވެރިން ކުފުރުވުމަށް ދާންދެނެވެ. މިފަދަ ހާލަތުގައި އެބައިމީހުންނާއި ދެކޮޅަށް ނުކުމެ ހަނގުރާމަ ކުރެވިދާނެއެވެ. އެއީ އެނުކުތުމުގެ ސަބަބުން (އެއަށްވުރެ ބޮޑު) ނުބައެއް ނުނުކުންނާނެ ކަމުގައިވާނަމައެވެ. އެފަދައިން ޝަރުޠު ތަކާއިގެން މެނުވީ ވެރިންނާއި އިދިކޮޅަށް ނުކުތުން ނަބިއްޔާ صلى الله عليه وسلم ވަނީ ނަޙީ ކުރައްވާފައެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
إلا أن تروا كفرًا بواحًا عندكم من الله فيه برهان
އެއީ 4 ޝަރުޠެކެވެ.
1. أن تروا
ތިޔަބައިމީހުންނަށް ފެނިއްޖެނަމައެވެ. އެއީ ތިޔަބައިމީހުންގެ ލޯތަކަށް ފެނުމެވެ. ނުވަތަ ތިޔަބައިމީހުންނަށް ޔަޤީންވުމެވެ. .
2. كفرًا
ވެރިޔާ ކާފަރުވީއެވެ. ފާސިޤުވީއެއް ނޫނެވެ. ތިޔަބައިމީހުންނަށް ވެރިޔާ ޒިނޭކުރިކަން، ވައްކަންކުރިކަން ނުވަތަ ހުރުމަތްވެގެންވާ ނަފްސެއް ޤަތުލުކުރިކަމުގައިވިޔަސް އެކަންތައް ޙަލާލުނުކުރާ ކަމުގައިވާނަމަ އެވެރިޔާ ކާފަރެއް ނުވާނެއެވެެ. އެހެނީ އެހެން ފާސިޤު މީހުން ވާފަދައިން ވެރިޔާއަކީ ފާސިޤު މީހެއްގެ ގޮތުގައި ވީއެވެ. އެއްވެސް ގޮތަކަށް މިހާލުގައި ވެރިޔާދެކޮޅަށް ނުކުތުން ހަލާލެއް ނުވާނެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވީ ކުފްރަކަށް ވާންޖެހޭނެކަމެވެ.
3. بواحًا
ފާޅުކަންބޮޑު އެއްވެސް ޝައްކެއް ވަސްވާހެއް ނުވާ ގޮތުގައެވެ. ޔަޢުނީ ޞަރީހަކޮށް ކާފަރުވީއެވެ. އޭގައި ތަޢުވީލު ކުރެވޭނެފަދަ ހާލަތެއް އޮވެގެން ނުވާނެއެވެ. އެއްވެސް ގޮތަކަށް ތަޢުވީލުކުރެވިދާނެފަދަ ކަމެއް ކަމުގައިވާނަމަ އަހަރެމެން ވެރިޔާ ކާފަރުކޮށްގެން ނުވާނެއެވެ. އަދި ވެރިޔާ ދެކޮޅަށް ނުކުމެގެން ނުވާނެއެވެ.
4. عندكم من الله فيه برهان
އަހަރެމެންނަށް ވެރިޔާގެ ފަރާތުން ފެނުނު ފާޅުކަންބޮޑު ކާފިރުކަމަކީ ޤިޔާސްކޮށްގެން ކާފިރު ކުރެވޭނެ ނުވަތަ އެފަދަ ގޮތަކަށް ކާފިރު ކުރެވޭނެ ކަމެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި އެއީ ފާޅުކަންބޮޑު ބުރުހާނެއް އެހެނީ ޤުރުއާނާއި ސުންނަތުން ކަޑައެޅިގެން އެއީ ކުފުރެއްކަން ބަޔާންވެގެންވާ ދަލީލެއް އޮތް ކަމެއް ކަމުގައިވާންޖެހޭނެއެވެ. މިހަތަރު ޝަރުޠެވެ.
5. قدرة
އެހެން ދަލީލުތަކުން ފަސްވަނަ ޝަރުޠެއް ނެގިފައިވެއެވެ. އެއީ އަހަރެމެންނަށް ބަޔާންވެގެންވާ ދަލީލުތަކުގެ މައްޗަށް ﷲ ގެ ހަޒްރަތުން ދަލީލުތަކާއިއެކު ކާފިރުވި ވެރިޔާ ބޭލުމަށް ކުޅަދާނަކަން ލިބިފައިވުމެވެ. އަހަރެމެންނަށް އެ ކުޅަދާނަކަން ލިބިގެން ނުވާނަމަ އެކަމުން އަންނާނީ އަހަރެމެން ނައްތާލަން ބޭނުންވި ނުބަޔަށްވުރެ ބޮޑު ނުބަޔެކެވެ. އެހެންކަމުން އަހަރެމެންނަށް އިޞްލާހުގެނެވޭނެ ކުޅަދާނަ އެހެން ގޮތެއް ހޯދާ ބަލާނީއެވެ. ބައެއް އަޚުންނަށް އިސްލާމްދީނުގައި ނުވާ ހަމާސް ނުވަތަ ޖޯޝު އައިސްގެން މި ކަމުގައި ކުށް ކުރެއެވެ. އެބައިމީހުންގެ މައްޗަށް ﷲ ގެނެސްފައިވާ ވެރިޔާ ދެކޮޅަށް ނުކުތުމުގައި ކުށް ކުރެއެވެ.
ﷲ އެއީ ޙަކީމްވަންތަ އިލާހެވެ. އެކަލާންގެ އަނިޔާވެރިންގެ މައްޗަށް އަނިޔާވެރިން އިސްކުރައްވައެވެ. ވެރިން ނުބައިވެ މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ، އެބައިމީހުންގެ މައްޗަށް ހައްދުފަހަނައަޅައި ދިއުމުން، އެކަމަކީ ﷲ އެކަނލާންގެ އަޅުތަކުންގެ މައްޗަށް ހަމައެކަނި އެގޮތް މެދުވެރި ކުރެއްވީ ކަމުގައި ތިޔަބައިމީހުން ނުދެކޭށެވެ. މިކަމުގައި ހިކްމަތްތަކެއް ވެއެވެ.
އެކަނލާންގެ ވަޙީކުރެއްވިއެވެ.
قَوْله تَعَالَى : { وَكَذَلِكَ نُوَلِّي بَعْض الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ }
"އެބައިމީހުން ހޯދައިގަތް ކަންކަމުގެ ސަބަބުން ތިމަން އިލާހު އަނިޔާވެރިންގެ އެއްބަޔަކު އަނެއް ބަޔަކާއި މަތިކުރެއްވީމެވެ."
ރައްޔިތުންގެ ނުބައިކަމުން މެނުނީ އަނިޔާވެރި ވެރިން ރައްޔިތުންގެ މައްޗަށް ވެރިނުގަންނާނެއެވެ. ބައެއް މީސްތަކުން އެބައިމީހުންގެ މައްޗަށް ގަދަބާރުން ކަމުގައިވިޔަސް އައިސްފައިވާ ވެރިންނާއި ދެކޮޅަށް އެނުކުންނަކީ، އެބައިމީހުންނަށް އެކުރެވެނީ ކުށެކެވެ.
އެންމެ ފުރަތަމަ، ﷲ އިސްކޮށްފައިވާ ވެރިޔާއަށް ކުރެވުނު ކަންތައްތަކާއި މެދުގައި ފުރިހަމައަށް ޢިލްމު ލިބެންޖެހެއެވެ. މުޖައްރަދު މީސްތަކުން ވާހަކަތަކެއް ދެއްކުމުން އެބަސްތަކެއް ތެދުކޮށްގެން ނުވާނެއެވެ. ވެރިންނާއި ބެހޭގޮތުން އަދި އެނޫން މީސްތަކުންނާއި ބެހޭގޮތުން އަހަރެމެންގެ މައްޗަށް ކިތަށް ވާހަކަ ނަޤުލުކުރެވިގެން އާދޭތޯއެވެ. އެބަސްތައް ތަހުޤީޤުކޮށްފިނަމަ އެއީ އެއްވެސް އަޞްލެއް ނެތް އެއްޗެއްކަން އިނގެއެވެ. އެހެންވެ ހަދީޘްގައި ޒިކުރު ކޮށްދެއްވާފައިވަނީ إلا أن تروا كفرًا "ތިޔަބައިމީހުންނަށް ކާފަރުކަން ފެނުމުން މެނުވީއެވެ."
ދެވަނައީ، އެކަންތައް އަހަރެމެންގެ ލޯތަކަށް ފެނިއްޖެނަމަ ނުވަތަ އިތުބާރުހިފޭ އެތައް ބައެއްގެ ފަރާތުން އަހަރެމެންނަށް ނަޤުލުކުރެވިއްޖެނަމަ އެބަސްތައް ޤުރުއާނާއި ސުންނަތުގެ މައްޗަށް ގެނެސްގަންނަން ޖެހޭނެއެވެ. އެއީ ކާފަރުވާނެ ކަމެއްތޯއެވެ؟ ނުވަތަ ފާސިޤުވާނެ ކަމެއްތޯ؟ އެކަމަކީ ކާފިރުވާނެ ކަމެއްގެގޮތުގައި ފެނިއްޖެނަމަ ﷲ ގެ ހަޒުރަތުން އެކަމަށް ބަޔާންވެގެންވާ ބުރުހާނެއް ވޭތޯ ބަލަން ޖެހޭނެއެވެ. އެކަމަކީ ޞަރީޙަކޮށް އެއްވެސް ތަޢުވީލުކުރުމެއް ނުވާފަދަ ކަމެއްތޯ ބަލަންޖެހޭނެއެވެ. ބައެއްފަހަރު އެއީ ކާފަރުވާނެ ކަމެއްގެ ގޮތުގައިވިޔަސް އިންސާނާއަށް އޭނާއަށް ނޭގުމުގެ ތެރޭގައި އެކަން ކުރެވުމުން އޭނާއަކީ އުޒުރުވެރިއެއްކަމުގައި ވެދާނެތީއެވެ. ވުމުން ކޮންމެހެންވެސް އެކަމަކީ ފަޅުކަންބޮޑު ޞަރީޙަގޮތުގައި އެއްވެސް ތަޢުވީލުކުރުމެއްނުވާ ކަމެއްގެ ގޮތުގައި ވާންޖެހޭނެއެވެ. ހަމައެގޮތަށް އެކަމުގެ މައްޗަށް އަހަރެމެންގެ އަތުގައި ޔަޤީންވެގެންވާ ޝައްކެއް ނުވާފަދަ ފާޅުކަންބޮޑު ބުރުހާނެއް ނުވަތަ ދަލީލެއް އޮންނަން ޖެހޭނެއެވެ.
ވެރިންގެ މައްޗަށް ނުކުތުމަށް މިކަންކަމަކީ ޝަރުޠުތަކެއްގެ ގޮތުގައި ކަނޑައަޅާ ދެއްވާފައިވަނީ މިއުންމަތުގެ ނަބިއްޔާ صلى الله عليه وسلم އެވެ.
ބައެއް މީހުންނަށް މިއީ ދަތި އުދަނަގޫ ކަމެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، މިގޮތަށް މިކަންތައް ލެވިގެންވަނީ އެބައިމީހުންގެ ވެރިންނާއި ދެކޮޅަށް ނުކުތުމުން ދިމާވާ ނުބައިކަންތައްތައް އެބައިމީހުން ތިބިގޮތުގައި ދެމިތިބުމަށްވުރެ އިތުރުކަން ބޮޑުވެދާނެތީއެވެ. ތިޔަބައިމީހުންނަށް މިއަދު (މުޒާހަރާތައް، އިންޤިލާބުތައް) ހަޅުތާލުތައް ކުރާތަން އެބަފެނެއެވެ. އެބައިމީހުން އެ ހަޅުތާލުތަކަށް ފަހުގައި ކުރީގައި އޮތް ހާލަތަށްވުރެ ހެޔޮކަން ބޮޑު ހެއްޔެވެ؟ ހަމަހިލާ އެހެނެއް ނުވެއެވެ. ފެންނަނީ އިދިކޮޅެވެ. މިކަމުގައި ވަކިޤައުމެއް ކިޔާނެ ކަމެއް ނެތެވެ. އެހެނީ މިކަންއޮތީ ސާފުކޮށް ފެންނާށެވެ.
ވުމުން އަހަރެން މުސްލިމު އަޚުންނަށް ދޭ ނަޞޭހަތަކީ ތިޔަބައިމީހުން މިކަމުގައި އަވަސްވެ ނުގަންނާށެވެ. ތިޔަބައިމީހުންގެ މައްޗަށް އިސްވެފައިވާ ވެރިޔާ ނުބައިކަމުގައިވާނަމަ އެފަރާތަށް ހިދާޔަތް ލިބުމަށްއެދި ތިޔަބައިމީހުން ދުޢާ ކުރާށެވެ. އަދި ވެރިޔާގެ ނުބައިކަމުން ސަލާމަތްވުމަށް އެދި ދަންނަވާށެވެ. އަދި މިކަމުގައި ކެތްތެރިވާށެވެ.
ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
«مَنْ رَأَى مِنْ أَمِيرِهِ شَيْئًا يَكْرَهُهُ فَلْيَصْبِرْ، فَإِنَّهُ مَنْ فَارَقَ الْجَمَاعَةَ شِبْرًا، فَمَاتَ، فَمِيتَةٌ جَاهِلِيَّةٌ»
"އެމީހެއްގެ އަމީރުގެ ފަރާތުން ނުބައިކަންތައްތައް ފެނިއްޖެ މީހާ އެކަންތައްތަށް ކެތްކުރާށެވެ. ހަމަކަށަވަރުން މުސްލިމުންގެ ޖަމަޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެދާ މީހާ އެގޮތުގައި ހުރެ މަރުވެއްޖެ ނަމަ އޭނާ މަރުވެދާނީ ޖާހިލިއްޔަ މަރަކުންނެވެ." (أخرجه البخاري ج 13 ص 5 و مسلم ج 3 ص 1477)
ކޮންމެހެންވެސް ކެތް ކުރަން ޖެހޭނެއެވެ. ކޮންމެހެންވެސް ނަޞޭހަތް ދޭން ޖެހޭނެއެވެ. މިކަމަކީ ބިދުޢަވެރިންނާއި (ބިދުޢައިގެ އަހުލުވެރިންނާއި) ސުންނަތް ޖަމާޢަތުގެ އަހުލުވެރިނާމެދުގައި ތަފާތުވެފައިވާ މުހިންމުކަންބޮޑު އިސްލާމްދީނުގެ އުޞޫލެކެވެ. އެބައިމީހުން ވެރިންނާއި ދެކޮޅަށް ނުކުންނަތަން ފެންނާއެވެ. އަދި އެނުކުތުމުގެ ސަބަބުން ކުރިއަށްވުރެ ހާލަތު ގޯސްވެ ނުބައިކަން އިތުރުވިތަން ނޫންތަނެއް ނުފެންނާނެއެވެ. އުޘްމާން رضي الله عنه ގެ މައްޗަށް ދެކޮޅުވެ ނުކުތް ދުވަހުން ފެށިގެން އުންމަތް ބައިބައިވެގެން ދިޔައީ މިކަމުގެ ސަބަބުން ނޫން ދެން ކޮން ސަބަބަކާއި ހުރެތޯއެވެ؟ އަހަރެމެން ﷲ ތަޢާލާގެ ހަޒުރަތުގައި ދަންނަވަނީ އަހަރެމެންނަށް ސަލަމާތްތެރިކަމާއި ހިދާޔަތް ދެއްކެވުމެވެ. އަދި އެކަނލާންގެ ރުހިވޮޑިގެންވާމަގަށް އަހަރެމެންނަށް ތައުފީޤު ދެއްވުމަށެވެ..".