މުޖްތަމަޢު އިޞްލާޙު ކުރުމޭބުނެ ޕާޓީ ހެދުމަކީ ކުރެވޭނެ ކަމެއް ނޫން - الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العلامة المحدث الشيخ محمد ناصر الألباني رحمه الله
އިޞްލާޙު ކުރުމޭބުނެ ޕާޓީ ހެދުމަކީ ކުރެވޭނެ ކަމެއް ނޫން
"އިސްލާމީ އިޞްލާޙު ތަކަކީ އެއްވެސް ގޮތެއްގައި ޕާޓީހަދައިގެން ނުވަތަ މީސްތަކުން ޖަމަޢަވެގެން ނުވަތަ ބައިބައި ވެގެން ކުރެވޭނެ ކަންތަކެއް ނޫނެވެ. ސަބަބަކީ ތިޔަ އެންމެހައި މީސްތަކުންނަށް އެނގޭނެ ފަދައިން ޤުރުއާނާއި ސުންނަތުގެ އެތަކެއް ދަލީލުތަށް އައިސްފައިވަނީ ބައިބައި ވެގަތުމުން ނަހީކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَلَا تَكُونُوا مِنَ الْمُشْرِكِينَ (31) مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ [الروم: 31، 32] "އަދި މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ. އެބައިމީހުންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން (ތިޔަބައި މީހުން ނުވާށެވެ.) ކޮންމެ ބަޔަކުމެ އެބައިމީހުންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ."
އިޞްލާޙަކީ ސިޔާސީ ޕާޓީތަކެއް ހަދައިގެން އަންނާނެ އެއްޗެއް ނޫނެވެ. މި ހިނގާދިޔަ ބައިޤަރުނުގެ މުއްދަތަށް ބަލައިލުމުން އަހަރެމެންނަށް ފެނިފައިވަނީ ސިޔާސީ ޕާޓީއަކީ އޭގެއިން އެއްވެސް ޝަރުޢީ މަޞްލަޙަތެއް ނުކުންނަ އެއްޗެއް ނޫނެވެ. އެހެނަސް އެއާއި ޚިލާފަށް ފެނިފައި ވަނީ މުސްލިމުން ބައިބައިވުން އިތުރުވެފައިވާ ކަމެއްގެ ގޮތުގައެވެ. އޭގެ ތެރެއިން މީސްތަކުން ފެނިފައިވަނީ އިސްލާމް ދީނުގައި މަނާވެފައިވާ އަޚްލާޤުތަކުގައި ޖެހިފައިވާ ތަނެވެ. އަހަރެމެން އަބަދުމެ ދަޢުވަތުގައި ޔަޤީންކަމާއެކީގައި ބުނަމުންދަނީ ހުރިހައިވެސް ހެޔޮކަމަކީ އަހަރުމެންނަށްވުރެ ކުރީގައި ގޮސްފައިވާ ސަލަފުންނަށް ތަބަޢަވުމެވެ. އަދި އެންމެހައި ނުބައިކަމަކީ ޚަލަފުން ގެނެސްފައިވާ އާ ގޮތްތައް ހޯދައިގަތުމެވެ. އެ ސަލަފުންގެ އެންމެ މަތީގައިވާ ފަރާތަކީ މުޙައްމަދު صلى الله عليه وسلم އެވެ. ފަހެ، އެ ނަބިއްޔާގެ ފަރާތުން ޘާބިތުވެގެންވަނީ، އަހަރެމެންނަށް ހެޔޮ ކަމެއްގެ ގޮތުގައި ބަޔާންވެގެންވާ އެއްމެހައި ކަންތައް އަދި ﷲ އާއި ކުށްތަންވެވޭ ކަމެއް ކަމުގައި ވާނަމަ އެހުރިހައި ކަމެއް ނަބިއްޔާ صلى الله عليه وسلم އަހަރެމެންނަށް އަމުރުފުޅު ކުރެއްވިއެވެ. އަދި އެއްވެސް ކަމެއް އެއީ ﷲއާއި އެކަލާނގެ އަޅާ ކުށްތަން ވުމުން ދުރުކޮށްދޭ ކަމެއް ކަމުގައި ވާނަމަ ނުވަތަ ނަރަކަ އާއި ކައިރި ވެވޭ ކަމެއްގެ ގޮތުގައި ވާނަމަ އެކަމަކުން އަހަރެމެންނަށް ނަހީކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم އެއްމެފުރަތަމަ ރަސޫލުކަމާއިގެން ފޮނުއްވި ޤައުމު އިސްލާޙް ކުރުމަށްޓަކައި މަސައްކަތްކޮށް އެއަށްފަހުގައި އެންމެހައި މީސްތަކުން އިޞްލާޙްކުރެއްވުމަށްޓަކައި މަސައްކަތް ފެއްޓެވީ ކީއްވެގެން ތޯއެވެ. އެއްވެސް ޝައްކެތް ނުވާގޮތުގައި އެންމެ ފުރަތަމަ އެބައި މީހުންނަށް ދަޢުވަތް ދެއްވަން ފެއްޓެވީ ތައުޙީދަށެވެ. އެއަށްފަހުގައި ދީނުގައި ފުރިހަމައަށް ހިފެހެއްޓުމަށާއި، ރިވެތިވެގެންވާ އަޚްލާޤުތަކުގައި ދެމިތިބުމަށް އެބައި މީހުންނަށް ދަޢުވަތް ދެއްވިއެވެ.
މިއަދުގައި އިސްލާމް ދީނަށް ޚިދުމަތް ކުރުމަށްޓަކައި ސިޔާސީ ޖަމާޢަތަކަށް ވަދެގެންނޫނީ އެކަން ކުރުމަށް އެއްވެސް މަގެއް ނުވާނެކަމަށް ބުނެ މިފަދަ ދަޢުވާ ކުރާ ޢިލްމުވެރިންނަށް އަހަރެމެން ބުނަނީ ކުރީގައި އިޝާރަތް ކުރި ފަދައިން ތިޔަ ޖަމަޢަވުމަކީ އިސްލާމްދީނުގެ އެއްވެސް ކުލަވަރެއް ޖެހިގެންވާ ކަމެއް ނޫން ކަމުގައެވެ.
ދެވަނައީ: މުސްލިމުން އިސްލާޙު ކުރުމަށްޓަކައި ހޯދައިގަންނަ ވަޞީލަތް ތަކަކީ މަޞާލިޙުލް މުރުސަލާގެ ދަށުން ހޯދިފައިވާ ވަޞީލަތެއް ކަމުގައި ބުނެވި ދާނެއެވެ. އެހެނަސް މަޞާލިޙުލް މުރުސަލާ އަކީ ޝެއިޚުލް އިސްލާމް އިބްން ތައިމިޔާ އިޤްތިދާއުއް ސިރާތުލް މުސްތަޤީމް ލިމުޚާލަފަތި އަޞްޙާބުލް ޖަޙީމްގެ ފޮތުގައި ޒިކުރު ކުރައްވާފައިވާ ފަދައިން އެއްވެސް އިރެއްގައި އަހަރެމެން އަމިއްލައަށް އެކަމުގެ ތަފްޞީލަކަށް ބަލައިލުމެއް ނެތީސް ހޯދައިގަންނަ އެއްޗަކަށް ވެގެން ނުވާނެއެވެ. އަހަރެންނަށް އެއްވެސް އެހެން ތަނަކުން ފެނިފައި ނުވާފަދަ ބަސްތަކެއް ޝެއިޚުލް އިސްލާމް މިފޮތުގައި ވިދާޅުފެފައި ވެއެވެ. (جزاه الله خيرا). ޝެއިޚުލް އިސްލާމްގެ ބަސްފުޅު ތަކުގެ ޚުލާސާއަކީ ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރެއްވުމަށް ފަހުގައި އުފެދިގެން އަންނަ އާ ކަންތައްތަކަށް ބެލުން ހުއްޓެވެ. އެއީ އެއެއްޗެއްގައި ހިފެހެއްޓުމަށް ހޯދިފައިވާ ވަޞީލަތް ހޯދައިގަތުމަށް މެދުވެރިވި ސަބަބެއްކަމުގައި ވެފައިވަނީ މުސްލިމުން އެބައި މީހުންގެ ދީނުގައި ޤާއިމްވެ ދެމިތިބުމަށް ވާޖިބު ވެގެންވާ ކަންކަމުގައި ފަރުވާކުޑަވުމުގެ ސަބަބުން ކަމުގައި ވާނަމަ އެކަމަކީ ވަޞީލަތެއްގެ ގޮތުން ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ. އެހެނީ އެވަޞީލަތް ހޯދިފައިވަނީ މުސްލިމުން އެބައި މީހުންގެ ދީނުގައި ދެމިތިބުން ފަރުވާ ކުޑަވުމުގެ ސަބަބުން ކަމުގައި ވުމެވެ. އެހިނދު އެބައި މީހުންނަށް އޮތީ އެބައިމީހުންގެ ވެރި އިލާހުގެ ހަޟުރަތަށް ކުއްތަން ވުމުގެ މަގު އިސްލާޙްކުރުމެވެ.
އަދި ބުނަމެވެ. ކުރީގައި ބުނަންޖެހޭ އެއްޗެއް އަހަރެންނަށް ފާއިތު ވެއްޖެއެވެ. އެއީ: އެބައި މީހުން އެ ހޯދައިގަތް ވަޞީލަތާއި މެދު ބަލަން ޖެހެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެކަމެއް އެގޮތުގައި ކުރުމަށް ދޮރުތަށް ހުޅުވިފައިވި ހެއްޔެވެ. ނުވަތަ ނޫން ހެއްޔެވެ. ޖަވާބަކީ، ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެކަން ކުރުމަށް އެންމެހައި ކަންތައްތައް މެދުވެރިވި ކަމުގައި ވިޔަސް ރަސޫލާ صلى الله عليه وسلم އެ ވަޞީލަތެއް ހޯދައިގަތުމަށް މީސްތަކުންނަށް އެދުވަހުގައި ބަޔާންކޮށްފައި ނުވުމުން، މީސްތަކުންނަށް އެކަމެއް އެއަށްފަހުގައި އަހަރެމެނަށް ޝަރީއަތުގައި ލެވިގެންވާ ކަމެއްގެ ގޮތުގައި ހޯދައިގަނެގެން ނުވާނެއެވެ. އެހެނީ އެކަމަށް ބާލާހިނދުގައި ނަބިއްޔާ صلى الله عليه وسلم ޒަމާނުގައި މީސްތަކުންނަށް އެކަމަށް ޝަރުޢުކުރުމަށް ކުޅަދާނަ ވެފައިވާއިރު ނަބިއްޔާ صلى الله عليه وسلم މީސްތަކުންނަށް އެކަމެއް ﷲ ގެ ވަޙީގައި ޝަރުޢު ކޮށްފައެއް ނުވެއެވެ. އެހެންވުމުން މިފަދަ ވަޞީލަތްތަށް އަދި މިފަދަ އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް އަހަރެމެން ގޮސްގެން ނުވާނެއެވެ. އެހެނީ މިކަންމިގޮތުގައި ކުރުމަށް ރަސޫލާ صلى الله عليه وسلم މާ ހެޔޮކަން ބޮޑުވެގެންވެއެވެ. ކުރީގައި ބަޔާންކުރެވުނު ކަންތަކުގެ ތަފްސީލު އަހަރެމެން ބަޔާންކޮށްދެމެވެ.
އެ ވަޞީލަތް ހޯދުމަށް މެދުވެރިވި ސަބަބު ކަމުގައި ވަނީ (ނަބިއްޔާ صلى الله عليه وسلم ޒަމާނުގައި އެކަމެއް ކުރުމަށް ދޮރުތަށް ހުޅުވިފައި ނެތް ކަމެއް) މުސްލިމުން އެބައިމީހުންގެ ދީނުގެ ބައެއް ޙުކުމްތަކުގައި ބަލިކަށިވެގެން ދިއުމުން ކަމުގައި ވާނަމަ، މިފަދަ އެއްވެސް ވަޞީލަތެއް ހޯދައިގަތުން ހުއްދައެއް ނުވާނެއެވެ. މި އަލަށް ގެނެވުނު ކަންތައް ވަޞީލަތެއް ފަދައިން ހޯދައިގެން ނުވާނެއެވެ. އަދި އެ ހޯދައި ގަނެވުނު ވަޞީލަތަކީ (ނަބިއްޔާ صلى الله عليه وسلم ޒަމާނުގައި ނެތް ކަމެއް) މުސްލިމުން އެބައި މީހުންގެ ދީނުގައި ބަލިކަށި ވުމަކާއި ނުލައި ހޯދައިގަތް ވަޞީލަތެއް ކަމުގައި ވާނަމަ މިޙާލަތުގައި އެ ވަޞީލަތަށް ޢަމަލުކުރެވިދާނެއެވެ. އެއީ ނުލާހިކު ބޮޑަށް އެކަމަށް ޝަރީޢަތުގައި ބޭނުންވެފައިވާ ކަމުގައިވާ ޙާލަތުގައެވެ.
އެހެންވެ އަހަރެމެން ތިޔަ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ތިޔަ ޖަމަޢަވުން، ޕާޓީ ހެދުމުގެ ބޭނުމަކީ ތި ވަޞީލަތުން މުސްލިމުން އިޞްލާޙްކުރުމެވެ. އެހެނަސް އިސްލާމް ދީނަށް ރުޖޫޢަވެގެން، އެބައި މީހުންގެ ދީނުގައި ފުރިހަމައަކަށް ހިފެހައްޓައިގެން މެނުވީ އެ އިޞްލާޙެއް ނުކުރެވޭނެއެވެ. މިކަމުގެ ދަލީލަކީ އަދި އަހަރެމެން މިބުނާ ބަސްތަކަށް ބާރު ގެނެސްދޭ ކަމަކީ މި އެންމެހައި ސިޔާސީ ޕާޓީ ތަކާމެދު އަހަރެމެން ބުނަނީ (އެންމެހައި ސިޔާސީ ޕާޓީ ތަށް ނުވަތަ ގިނަ ސިޔާސީ ޕާޓީ ތަކަކީ) މިއީ އިސްލާމްދީނުގެ މަތީގައި ޤާއިމްވެފައިވާ އެއްޗެއް ނޫނެވެ. އެބައި މީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެފައިވާ ބަޔަކަށް ވީ ހިނދުގައި ފަހެ، އެ ޝެއިޚުންތައް ނުވަތަ އެ ޢިލްމުވެރިންތައް ޢާންމު މީސްތަކުންނަށް އެއަށް ވަނުމަށް ގޮވަނީ އަދި އެމީހުންގެ ފަރާތަށް ލެނބުމަށް ބުނަމުންދަނީ ކޮންގޮތަކުން ހެއްޔެވެ. ﷲ عز وجل ވަޙީކުރައްވާފައި ވެއެވެ. {وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَسَّكُمُ النَّارُ} [هود: 113] "އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައި މީހުން ކުޑަކޮށްވެސް ނުލެނބޭށެވެ. ފަހެ، އެހިނދު ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ."
އެހެންވުމުން އަހަރެން ދެކޭގޮތަކީ އެއްވެސް ގޮތަކަށް އަދި އެއްވެސް ޙާލަތެއްގައި ސިޔާސީ ޕާޓީ އަކަށް ވަދެގެން ނުވާނެއެވެ.
******
ފަތުވާ އަޑުއައްސަވާ: http://goo.gl/17bb2
އަޚުންނޭވެ.
މިއީ އުއްމަތަށް ފާޅުވި އެންމެ މަތީދަރަޖައިގައިވީ އިމާމުންގެ ބަސްފުޅެވެ. އަދި އެބަޔަކު މި ބޮޑެތި ރައްބާނިއްޔަ ޢިލްމުގެ އަހުލުވެރިންގެ ކިބައިން ޢިލްމު ހޯދައި، ދަރިވަރުވެއްޖެ ހިނދުގައި، އެފަދަބަޔަކުވެސް ބުނާނީ މި އިމާމުންގެ ބަސްފުޅުތަކެވެ. އެހެނަސް މިއަދު ޢިލްމުވެރިންގެ ލިބާސްލައި، އެ ނަމުން ދަޢުވާކޮށް ހަދާފައިވާ މީހުން މިމައްސަލައިގައި ބަސްމަގު ހުރީ ކިހިނަކުންތޯއެވެ؟ ކުރީގެ ޢިލްމުވެރިންނާއި އެބައިމީހުންގެ ބަސްމަގު ދިމާވޭތޯ ނުވަތަ ނޫންތޯ އެވެ. އެހެނަސް ޢިލްމުގެ އަހުލުވެރިން ދޫކޮށް، ތިމާމެންނަށް ފައިސާ އާއި ޖާހާއި މަޤާމު ފެނުމުން، އެއަށް ދިއުމަށްޓަކައި ދީނާއި، ޝަރީޢަތުގެޙުދޫދުތައް ދޫކޮށް އަމިއްލައަށް ފެންނަ ގޮތަކަށް އެއީ ދީނޭ ބުނެ، ޢާންމު މީސްތަކުންނާއި ޚާއްޞަ އަހުލުވެރިން ފަސާދަކޮށް، މަގުފުރައްދަމުން ގެންދިއުމުގައިވާ ބަޔަކު ފާޅުވެގެންވާކަން މިއަދު މި ފެންނަ މަންޒަރުތަކުން ދޭހަވެ އެވެ. ދަންނަ ހުއްޓެވެ. މި ފަތުވާތަކާއި، ނަޞޭޙަތްތަކުގައި ކޮޅުފައިން ޖަހައި، ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް އެއްލާލި ފަދައިން ތިބާއަށް އެހެނިހެން ކަންތައްތައްވެސް އެބަޔަކު އޮޅުވާ ނުލާނެކަމުގައި ނުދެކޭށެ އެވެ. ސަމާލު ވާށެވެ. އިންޒާރު ލިބިގަންނާށެވެ.