ދުނިޔަވީ މައްސަލަތަކުގައި އެއްބަޔަކު އަނެއް ބަޔަކު ހަޖުރުކޮށް ގުޅުންކެނޑުން ހުއްދަވެގެންނުވެއެވެ. - الشيخ العلامة عبيد الجابري حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشيخ العلامة عبيد الجابري حفظه الله ވިދާޅުވެފައިވެއެވެ.
ސުވާލު: ސަލަފީންގެ ދެމެދުގައި ދުނިޔަވީ މައްސަލަތަކެއްޖެހި، އެއަށްފަހުގައި އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދެއްކުމުގައި ގުޅުންކަނޑައި ހަދައެވެ. ހިތުގައި އެއެއްޗެއް އެގޮތުގައި ބޭއްވުމާއި އެކުގައި ސަލާމް ގޮވައި، ސަލާމް ރައްދު ކުރެއެވެ، މި ޢަމަލުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި މިޢަމަލު ކުރާމީހާ ޙަދީޘްގައި ޒިކުރުވެގެންވާ ފަދައިން އެބައި މީހުން އިޞްލާހު ވުމަށް ދާންދެން އެމީހުންގެ ފާފަ ފުހެވިގެން ނުދާނެކަމުގައިވާ ޙަދީޘްގެ ތެރެއަށް ވަންނާނެހެއްޔެވެ؟
ޖަވާބު: "އަހަރެން ބުނަމެވެ. ދުނިޔެއަކީ ނުރައްކާތެރި، އިންސާނާ ހަލާކުކުރުވަނިވި ތަނެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (فَوَاللَّهِ مَا الْفَقْرَ أَخْشَى عَلَيْكُمْ وَلَكِنِّي أَخْشَى أَنْ تُبْسَطَ الدُّنْيَا عَلَيْكُمْ كَمَا بُسِطَتْ عَلَى مَنْ قَبْلَكُمْ فَتَنَافَسُوهَا كَمَا تَنَافَسُوهَا فَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ) "ﷲ ޤަންދީ ބުނަމެވެ. ތިޔަބައި މީހުން ފަޤީރުވެދާނެކަމަށް ބިރުވެތި ނުވަމެވެ. ނަމަވެސް ތިމަން ނަބިއްޔާ ތިޔަބައި މީހުންގެ މައްޗަށް ބިރުވެތިވަނީ، ތިޔަބައި މީހުންގެ ކުރީގެ މީސްތަކުންގެ އަތްމައްޗަށް ދުޔިނެފާޅުވެ، އެދުނިޔެ ހޯދުމަށް އެބައި މީހުން އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިޔަ ފަދައިން ތިޔަބައިމީހުންވެސް ދުނިޔެ ހޯދުމަށްޓަކައި އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމަށް މަސައްކަތް ކުރާނެކަމާއި މެދުގައެވެ. އަދި އެބައި މީހުން އެގޮތުން ހަލާކުވެދިޔަ ފަދައިން ތިޔަބައި މީހުން ހަލާކުވެ ދާނެތެވެ."
އަހަރެމެން ތިޔަބައިމީހުންނަށް އިންޒާރުދެނީ މިކަމުންނެވެ. އެމީހަކު ﷲ އަށްޓަކައި ލޯބިވެ –އެއީ އޭނާގެ އިސްލާމް ކަމާއި ސުންނަތުގައި ދެމިހުރުމުން- އެޙާލުގައި މިދުނިޔެއަކީ އެއްބައެއްގެ ގޮތުގައި ދެމިތިބުމާއި، ވަކިވެގަތުމުގައި އޮތް އެއްޗެއްގޮތުގައި ހަދައިގެން ނުވާނެއެވެ. އަދި އެފަދަ ދެ މީހުން މި ޙަދީޘުގައި ޛިކުރުވެގެންވާ މީހުންގެ ތެރެއިން ނިކުންނާނެ ކަމަކަށް ނުދެކެމެވެ. ޙަދީޘްގައި ވެއެވެ. ﷲ ވަޙީކުރައްވާނެއެވެ. (كفِّروا من سيِّئات كلِّ مسلم إلَّا اثنين بينهما شحناء فدعوهما حتى يصطلحا، فدعوهما حتى يصطلحا، فدعوهما حتى يصطلحا) "އެންމެހައި މުސްލިމުންގެ ފާފަތައް ފުހެލައްވާށެވެ. އެ ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފެދިފައިވާ ދެމީހުން ފިޔަވައެވެ. އެދެމީހުން އިޞްލާހުވުމަށް ދާންދެން ދޫކޮށްލާށެވެ. އެދެމީހުން އިޞްލާޙުވުމަށް ދާންދެން ދޫކޮށްލާށެވެ. އެދެމީހުން އިޞްލާޙުވުމަށް ދާންދެން ދޫކޮށްލާށެވެ."
އެ ދެމީހުންނަށް އޮތީ ﷲ އަށް ތައުބާވުމެވެ. އަދި އަތާއި އަތްޖޯޑުކޮށް ސަލާމްކޮށްހެދުމެވެ. އެދެމީހުންގެ ކައިރީގަ އުޅޭ ހެޔޮ، ތަޤްވާވެރި، ރަގަނޅު މީހުންނަށް އެދެމީހުން އިޞްލާޙުކުރުމަށްޓަކައި މަސައްކަތް ކުރުމަށް އަހަރެން ނަޞޭޙަތްތެރި ވަމެވެ. އަދި އެމީހުންގެ ތެރޭގައިވާ އިދިކޮޅުހަދާ މީހާގެ މައްޗަށް ގަދަކަން ފާޅުކުރުން ހުއްޓެވެ. އާއެކެވެ."
ފަތުވާ ނަގާފައިވަނީ : j.mp/10W7zf7