ފާފަތަކުގެ އަހުލުވެރިން ހަޖުރު ކުރުމާއި ބިދުޢަތަކުގެ އަހުލުވެރިން ހަޖުރު ކުރުމުގެ ތަފާތު - الشيخ صالح بن فوزان الفوزان حفظه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشيخ صالح الفوزان – حفظه الله - ވިދާޅުވެފައި ވެއެވެ.
"ފާފަތައް ކުރުމުގައި ދެމިތިބޭ މީސްތަކުން ދޫކޮށް އެމީހުން ހަޖުރު ކުރުމުގައި ތަފްޞީލުތަކެއް ވެއެވެ. ސަބަބަކީ ފާފަތައް ކުރާ އަހުލުވެރިން އެކި ބައިތަކަށް ބެހިގެން ދެއެވެ.
ފުރަތަމަ ބަޔަކީ: ފާފަތައް ކުރުމުގައި ދެމިތިބޭ މީސްތަކުންނެވެ.
ދެވަނަ ބަޔަކީ: ބިދުޢަތަކުގެ އަހުރުވެރިންނެވެ.
ތިންވަނަ ބަޔަކީ: ޢަޤީދާގެ ކަންތަކުގައި މަގުފުރެދިފައިވާ މީސްތަކުންނެވެ.
ފަހެ، ބިދުޢަތަކުގައި ޤާއިމްނުވެ އަދި މަގުފުރެދިފައިވާ، ފަސާދައިގެ ޢަޤީދާގެ އަހުލުވެރިއެއް ނޫންކަމުގައިވެ، އޭނާގެ ޝަހުވާނީ އެދުންތަކުގައި ދެމިތިބެ، ދީނުގައި ބަޔާންވެފައިވާ ވާޖިބު ކަންތައްތައް ދޫކުރާ މީހުންގެ މައްޗަށް އަހަރެމެންނަށް ވާޖިބުވެގެންވަނީ އެމީހުންނަށް ހަޖުރު ކުރުމުން އެ ނުބައި ފާފަތަކުން އެބައި މީހުން އެއްކިބާ ވެދާނެނަމަ އެމީހުންނަށް ހަޖަރު ކުރުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިބެ ހަނގުރާމައަށް ނުނިކުތް ތިން ޞަޙާބީންނަށް ހަޖަރު ކުރި ފަދައިންނެވެ. ﷲ އެބައި މީހުންގެ ތައުބާ ޤަބޫލު ކުރެއްވުމަށް ދާންދެން އެގޮތުގައި ހަޖަރު ދެމިއޮތެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަނބިން އެއްމަސް ވަންދެން ހަޖުރު ކުރެއްވިއެވެ. އަދި ހަމަ އެފަދައިން ޢާއިޝާ عائشة رضي الله عنها ޢާއިޝާގެ ދައްތަގެ ދަރިފުޅު، ޢާއިޝާ ﷲ އަށްޓަކައި ހޭދަކުރައްވާ ޞަދަޤާތް ގިނަކަމުގައި ބުނެ އެކަން މަނާކޮށް ހެދުމުން، ޢާއިޝާ އެ ދަރިފުޅު ( ޢަބްދިއް ﷲ ބިން ޒުބައިރު) ހަޖުރު ކުރެއްވިއެވެ. އެ ނުބައި ކަންތަކުން އެބައި މީހުން ވަކިވެގަންނަނަމަ އެމީހުންނަށް ހަޖުރު ކުރުން ޝަރުޢުވެގެންވެއެވެ. އެއާއި ޚިލާފަށް ހަޖުރު ކުރުމުގެ ސަބަބުން އިތުރަށް ކަންތައް ނުބައިވާކަމުގައި ވާނަމަ ހަޖުރު ކޮށްގެން ނުވާނެއެވެ. އެބައި މީހުންނަށް އޮތީ އެހިނދު ނަޞޭހަތް ދިނުމުގައި ދެމިހުރުމެވެ.
ބިދުޢައިގެ އަހުލުވެރިންނަށް ހަޖުރުކުރުންއޮތީ އެމީހުން އެބިދުޢަތަށް ފެތުރުނަ ނުދިނުމަށެވެ. އަދި އެމީހުންގެ މަޖްލިސްތަކުގައި އިށީނުމުން އެކަމުން އަޘަރު ކުރާނެތީއެވެ.
މިހެންވުމުން ޢަޤީދާގައި އެބަޔަކު މަގުފުރެދިފައިވާނަމަ އެބަޔަކު ހަޖުރުކުރުން މާބޮޑަށް އައުލާވެގެންވެއެވެ. އެއީ މިޘާލަކަށް ޖަހަމީން، މުޢުތަޒިލާއިން، ޚަވާރިޖުން، އަދިމުރުޖީންފަދަ ޢަޤީދާގައި ބިދުޢަވެރިވެފައިވާ މީހުންނެވެ. މުސްލިމުން އެބައި މީހުންގެ ނުބައި ކަމުން ސަލާމަތް ވުމަށްޓަކައި މިބައި މީހުންނާއި ވަކިވާން ޖެހޭނެއެވެ. އަދި މިބައި މީސްތަކުންގެ ފަރާތުން އިންޒާރު ދޭން ޖެހޭނެއެވެ.
ފަހެ، ފާފަތައް ކުރުމުގައި ދެމިތިބޭ މީހުންނާއި ބިދުޢަ ވެރިންނާއި އަދި ޢަޤީދާގައި މަގުފުރެދިފައިވާ މީސްތަކުންގެ މެދުގައި ތަފާތުވެއެވެ."
ލިޔުން ނަގާފައި ވަނީ : إتحاف الطلاب بشرح منظومة الآداب