އިސްލާމް ދީނުގެ ފުރިހަމަކަން - الإِمَامُ ابن القيم رحمه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإِمَامُ ابن القيم رَحِمَه الله
އިސްލާމް ދީނުގެ ފުރިހަމަކަން
އިބުނުލްޤައްޔިމް އެބޭފުޅާގެ ފޮތް، އިޢްލާމުލް މުވައްޤިޢީން (4/375-376) ގައި ޝަރީޢަތުގެ ފުރިހަމަކަން ބަޔާންކުރައްވައި ވިދާޅުވެފައިވެއެވެ. (( މިއުޞޫލަކީ އެންމެ މުހިއްމު އުޞޫލެވެ. އަދި އެންމެ ފައިދާކުރަނިވި އުޞޫލެވެ. އަދި އެއުޞޫލު ބިނާވެގެންވަނީ އެންމެއަކުރެއްގެ މަތީގައެވެ. އަދި އެއީ އެކަލޭގެފާނު ‘ ގެ ރިސާލަތު އަޅުތަކުންގެ އެންމެހާ ބޭނުންތަކަށް ޢާއްމުވެގެންވުމެވެ. އެބައިމީހުންގެ ދޭހަވުމާއި އެބައިމީހުންގެ ޢިލްމުވެރިކަމާއި އެބައިމީހުންގެ ޢަމަލުތަކުގައެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގަފާނުގެ އުންމަތް އެއްވެސްމީހަކަށް ބޭނުންޖެހިގެން ނުވެއެވެ. އަދި ކިއެއްހެއްޔެވެ. އެއުންމަތުގެ މީހުންނަށް ބޭނުން ޖެހިގެންވަނީ އެކަލޭގެފާނު އެތަކެއްޗާއިގެން ވަޑައިގެންނެވި ކަންތައްތައް އެބައިމީހުންނާ ހަމަޔަށް ފޯރުކޮށްދޭނޭ މީހަކަށެވެ.
ފަހެ، އެކަލޭގެފާނުގެ ރިސާލަތަކީ ރައްކާތެރިވެގެންވާ ޢާއްމު ދެއެއްޗެކެވެ. އެދެއެއްޗަކަށް ޚާޞަކުރުމަކަށް ބޭނުމެއް ނުވެއެވެ. ( އެރިސާލަތަކީ ) ފޮނުއްވުނު މީހުންގެ ނިސްބަތުން ޢާއްމު އެއްޗެކެވެ. އަދި ( އެރިސާލަތަކީ ) ފޮނުއްވުނު މީހުންގެ ބޭނުންތަކުގެ ނިސްބަތުން އެންމެހާ ކަމެއްގައި، ދީނުގެ އުޞޫލުތަކާއި ފަރުޢީ އެންމެހާކަމެއްގައި ޢާއްމު އެއްޗެކެވެ. ފަހެ، އެކަލޭގެފާނުގެ ރިސާލަތަކީ ފުދިގެންވާ، ޝިފާއެއްކަމުގައިވާ، ޢާއްމު ރިސާލަތެކެވެ. އެނޫން އެއްޗަކަށް ބޭނުން ޖެހިގެން ނުވާ ރިސާލަތެކެވެ. އަދި އެކަލޭގެފާނުގެ ރިސާލަތުގެ ޢާއްމުކަން ހުރިހާކަމެއްގައި ޘާބިތު ކޮށްގެން ނޫނީ އެކަލޭގެފާނަށް އީމާންވުން ފުރިހަމައެއް ނުވާނެއެވެ. ފަހެ، މުކައްލަފުންކުރެ އެއްވެސްމުކައްލަފަކު ( ބާލިޣްވެ، ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ) އެކަލޭގެފާނުގެ ރިސާލަތުން ބޭރުވެގެން ނުވެއެވެ. އުންމަތަށް ބޭނުން ޖެހިގެންވާ ޙައްޤުތަކުގެ ތެރެއިން އެއްވެސް ޙައްޤަކުން އެއީ އެއުންމަތަށް ބޭނުންވާ ޢިލްމާއި ޢަމަލުކަމުގައި ވިޔަސް އެކަލޭގެފާނު އެތަކެއްޗާއިގެ ވަޑައިގެންނެވި ކަންތައްތަކުން ބޭރުވެގެން ނުދެއެވެ.
އަދި ހަމަކަށަވަރުން ﷲގެ ރަސޫލާ ‘ އަވަހާރަވެ ވަޑައިގެންނެވި އިރު އުޑުގައި ، އެސޮރުގެ ދެފިޔައިން އުދުހޭ ދޫނީގެ ޚަބަރުތައްވެސް ވަނީ އުންމަތަށް ބަޔާންކުރައްވާފައެވެ. އަދި އެބައިމީހުންނަށް (އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް) ވަނީ ހުރިހާކަމެއް އުނގަންނަވާދެއްވާފައެވެ. އެންމެ ކުޑަމިނުން ޤަޟާޙާޖަތް ކުރާނޭ އަދަބުތަކާއި ޖިމާޢުވުމާއި ނިދުމާއި، ކޮޅަށްހުރުމާއި އިށީނުމާއި، ކެއުމާއި ބުއިމާއި، )ސަވާރީއަކަށް( އެރުމާއި )ސަވާރީން( ފޭބުމާއި، ދަތުރުމަތީގައިޔާއި ރަށުގައި ޤާއިމުވެ ހުރުމުގައްޔާއި، ހަނުހުރުމާއި ވާހަކަދެއްކުމާއި ، އެކަހެރިކޮށްއުޅުމާއި މީސްތަކުންނާއި މައްސްހުނިވެ އުޅުމާއި، ފަޤީރުކަމާއި މުއްސަދިކަމާއި،ޞިއްޙަތާއި ބަލިމަޑުކަމުގެ ( ޙާލަތުގައި ކަންތައްތައް ކުރާނޭގޮތުގެ ) އަދަބުތައްވެސް ވަނީ އުނގަންނަވާދެއްވާފައެވެ.
އަދި ދިރުމާއި މަރުގެ ހުރިހާ ޙުކުމްތަކެއް އެބައިމީހުންނަށް އުނގަންނަވައިދެއްވިއެވެ. އެބައިމީހުންނަށް ޢަރްޝިއާއި ކުރުސިއްޔި ، މަލާއިކަތުންނާއި ޖިންނީން، ސުވަރުގެއާއި ނަރަކަ ޞިފަކޮށްދެއްވިއެވެ. އަދި ޤިޔާމަތްދުވަހާއި އެދުވަހުގައި ހިނގާނޭ ކަންތައްތައް ހަމަލޮލުން ފެންނަ ފަދައިން ޞިފަކޮށްދެއްވިއެވެ. އަދި އެބައިމީހުންގެ އަޅުވެތި ފަރާތާއި އެބައިމީހުންގެ އިލާހު އެންމެފުރިހަމަ ގޮތުގައި، އެއިލާހުގެ ފުރިހަމަ އަދި މަތިވެރި ޞިފަފުޅުތަކުން އެބައިމީހުންގެ ލޮލުން ބަލައި ފެންނަފަދައިން އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ. ނަބިއްޔުންނާއި އެނަބިއްޔުންގެ ޤަޥްމުތަކާއި އެޤަޥްމުތަކަށް ދިމާވި ކަންތައްތަކާއި އެނަބިއްޔުންނާއެކު އެޤަޥްމުތަކަށް ވެގެންދިޔަގޮތް، އެބައިމީހުން އެޤަޥްމުތަކާއެކު އުޅުނުފަދައިން އެބައިމީހުންނަށް ބަޔާންކޮށްދެއްވިއެވެ.
އަދި އެބައިމީހުންނަށް ހެޔޮކަމުގެ މަގުތަކާއި ނުބައިކަމުގެ މަގުތައް، އޭގެ ކުޑަމިންވަރާއި އޭގެ ބޮޑުމިންވަރު، ކުރީގެ އުންމަތްތަކުގެ ނަބިއްޔަކު އެނަބިއްޔެއްގެ ޤަޥްމަށް ބުނެނުދޭހާ މިންވަރަށް ބުނެދެއްވިއެވެ. އަދި އެބައިމީހުންނަށް އެކަލޭގެފާނު ‘ ވަނީ މަރުގެ އަޙްވާލުތަކާއި މަރުވުމަށްފަހުގައި ކައްވަޅުގައި ކަންތައްވާނޭ ގޮތާއި ކައްވަޅުގައި ފުރާނައާއި ހަށިގަޑަށް ލިބޭނެ ނިޢްމަތްތަކާއި ޢަޛާބުގެ ވާހަކަ އެކަލޭގެފާނު ނޫން އެހެންނަބިއްޔަކު ބަޔާންކޮށް ނުދެއްވާ މިންވަރަށް ބަޔާންކުރައްވާފައެވެ.
އަދި ހަމައެހެންމެ އެކަލޭގެފާނު ‘ ވަނީ ތަޥްޙީދުގެ ދަލީލުތަކާއި ނަބީކަމާއި މަރުވުމަށްފަހު އަލުންދިރުއްވާނޭ ދުވަހާއި ކާފަރުންނާއި މަގުފުރެދިފައިވާ ބައިގަޑުތަކަށް ރައްދުދެއްވައި ( ހުރިހާ ކަމެއް ) އެބައިމީހުންނަށް ބަޔާންކޮށްދެއްވާފައެވެ. އެކަން އެނގޭމީހަކު އޭގެފަހުގައި ( އެހެންމީހަކަށް ) ބޭނުން ޖެހިގެން ނުވެއެވެ. ހަމައެކަނި އެމީހާއަށް ވަންހަނާވެފައިވާ ކަމެއް އެމީހާއަށް ފޯރުކޮށްދީ ބަޔާންކޮށްދީ އޮޅުންފިލުވައިދޭނޭ މީހަކަށް މެނުވީއެވެ.
އަދި ހަމައެހެންމެ އެކަލޭގެފާނު ‘ ވަނީ ހަނގުރާމަތަކާއި ދުޝްމަނުންނާ ބައްދަލުކުރުމުގައި ގެންގުޅޭނޭ އުކުޅުތަކާއި ނަޞްރާއި ކާމިޔާބު ލިބޭނޭ މަގުތައް އެބައިމީހުންނަށް ދަސްކޮށްދެއްވާފައެވެ. އެކަންތައް އެބައިމީހުންނަށް އެނގި އެކަންތައް އެބައިމީހުންނަށް ވިސްނި ޙައްޤުގޮތުގައި އެބައިމީހުން އެކަންތަކަށް ރިޢާޔަތްކޮށްފިނަމަ އެބައިމީހުންގެ މައްޗަށް ދުޝްމަނަކަށް ދުވަހަކުވެސް ގަދައެއް ނުވެވޭނެއެވެ.
އަދި ހަމައެހެންމެ އެކަލޭގެފާނު ‘ ވަނީ ޝައިޠާނާގެ ކެހިވެރިކަމާއި އޭނާ އެބައިމީހުންނާ ހަމައަށް ވާޞިލުވާނޭ މަގުތަކާއި އޭނާގެ މަކަރުވެރިކަމާއި ކެހިވެރިކަމުން ރައްކާތެރިވާނޭ ގޮތާއި އޭނާގެ ނުބައިކަމުން ދިފާޢުވާނޭގޮތް އިތުރު ތަފްސީލަކަށް ބޭނުން ނުވާ މިންވަރަށް އެބައިމީހުންނަށް ބަޔާންކޮށްދެއްވާފައެވެ.
އަދި ހަމައެހެންމެ އެކަލޭގެފާނު ‘ ވަނީ އެބައިމީހުންގެ ނަފްސުތަކުގެ އަޙްވާލުތަކާއި ޞިފަތަކާއި މަކަރުވެރިކަމާއި އޮޅުވާލުންތައް އެބައިމީހުންނަށް ބަޔާންކުރައްވާފައެވެ. އެއާ އެކު އެބައިމީހުންނަށް އެހެން އެއްޗަކަށް ބޭނުންޖެހިގެން ނުވެއެވެ.
އަދި ހަމައެހެންމެ އެކަލޭގެފާނު ‘ ވަނީ ދިރިއުޅުމުގެ އެންމެހާކަމެއް އެބައިމީހުންނަށް ބަޔާންކުރައްވާފައެވެ. އެބައިމީހުންނަށް އެކަންތައް އެނގި އެބައިމީހުން އެއަށް ޢަމަލުކޮށްފި ނަމަ އެބައިމީހުންނަށް އެބައިމީހުންގެ ދުނިޔެ އެންމެ ފުރިހަމަޔަށް ޙާޞިލުވާނެއެވެ.
އަދި ފަހެ، ޖުމްލަގޮތެއްގައި އެކަލޭގެފާނު އެބައިމީހުންގެ ކައިރިޔަށް ވަޑައިގެންނެވީ ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެވަކާއިގެންނެވެ. އަދި ﷲ އެކަލޭގެފާނަށްފަހުގައި އެބައިމީހުންނަށް އެހެންމީހެއްގެ ބޭނުން ނުޖައްސަވައެވެ. ފަހެ، އެކަލޭގެފާނުގެ ޝަރީޢަތަށް ވުރެފުރިހަމަ ޝަރީޢަތެއް ދުނިޔެ ދެކެފައި ނުވާ ފުރިހަމަ ޝަރީޢަތަކީ އުނި، އެފުރިހަމަ ކުރުމަށްޓަކައި ބޭރުގެ ސިޔާސަތުތަކަށް ބޭނުންޖެހިފައިވާ ނުވަތަ ޤިޔާސުކުރުމަށް ބޭނުންވާ ނުވަތަ ޙަޤީޤަތަކަށް ބޭނުންޖެހިފައިވާ ނުވަތަ ބޭރުގެ ވިސްނުމަކަށް ބޭނުންޖެހިފައިވާ އެއްޗެއްކަމަށް މީހަކު ހީކުރާނީ ކިހިނަކުންހެއްޔެވެ؟ އަދި އެގޮތަށް ހީކޮށްފިމީހަކީ ފަހެ، ހަމަކަށަވަރުން އެކަލޭގެފާނަށްފަހުގައި މީސްތަކުންނަށް އެހެންރަސޫލަކަށް ބޭނުން ޖެހިފައިވާކަމަށް ހީކުރާ މީހެއްފަދަ މީހެކެވެ. އަދި މިކަމުގެ ހުރިހާވެސް ސަބަބަކީ އެފަދައިން ހީކުރާމީހާއަށް އެކަލޭގެފާނު އެކަންކަމާއިގެން ވަޑައިގެންނެވި ކަންތައްތައް ވަންހަނާވެފައިވުމެވެ. އަދި ﷲ އެއިލާހުގެ ނަބިއްޔާގެ އަޞްޙާބުންނަށް ތަޥްފީޤުދެއްވި ފަހުމުން ( ދޭހަވުމުން ) އެމީހާއަށް ލިބިފައިވާ ނަސީބު ކުޑަވުމެވެ. އެބައިމީހުން ( ޞަޙާބީން ) ވަނީ އެކަލޭގެފާނު އެތަކެއްޗާއިގެ ވަޑައިގެންނެވި ކަންތައްތަކުން ފުދިވަޑައިގެންނެވެ. އަދި އެބައިމީހުންވަނީ އެކަލޭގެފާނު އެތަކެއްޗާއިގެން ވަޑައިގެންނެވިތަކެރިން އެނޫންތަކެތީގެ މައްޗަށް މުއްސަދިކަން ހޯދާފައެވެ. އަދި އެތަކެތީން އެބައިމީހުންވަނީ ހިތްތަކާއި ރައްތައް ފަތަޙަކުރައްވާފައެވެ. އަދި އެބައިމީހުން ވިދާޅުވިއެވެ. މިއީ އަޅުގަދުމެންނަށްވާ އަޅުގަޑުމެންގެ ނަބިއްޔާގެ ޢަހްދެވެ. އަދި އެއީ ތިޔަބައިމީހުންނަށްވާ އަޅުގަޑުމެންގެ ޢަހްދެވެ."