5 ﷲ ގެ ޙުކުމް ނޫން، އެހެން ޙުކުމަކަށް ޙުކުމް ކުރާ މީހަކީ މުޠްލަޤުކޮށް އެއީ "ކާފަރެއް" ކަމުގައި ނުބުނެވޭނެ އެވެ. - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ﷲ ގެ ޙުކުމް ނޫން، އެހެން ޙުކުމަކަށް ޙުކުމް ކުރާ މީހަކީ މުޠްލަޤުކޮށް އެއީ "ކާފަރެއް" ކަމުގައި ނުބުނެވޭނެ އެވެ. - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރުން

ސުވާލު: السلام عليكم و رحمة الله و بركاته.  ފަޟީލަތުއް ޝެއިޚް އެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ މި އާޔަތަށް (ومن لم يحكم بما أنزل الله فأولئك هم الكافرون) "ﷲ ބާވައިލެއްވި ޙުކުމަށް، ޙުކުމް ނުކުރާ މީހާއަކީ ފަހެ، ކާފަރެކެވެ." އެއްވެސް ގޮތަކަށް ތަފްޞީލު ކުރުމެއް ނެތްގޮތުގައި (މާނައަކީ: އާޔަތުގައި ބަޔާންވެގެންވާ ފަދައިން އެއްވެސް ބަލާލުމެއް ނެތްގޮތުގައި އެއްވެސް އެހެން ތަފްޞީލަކަށް ނުބަލައި، އެއީ ކާފަރެކޭ ބުނުން) ޝެއިޚް ވިދާޅުވާކަމަށް އަހަރެންނަށް އަޑުއިވެ އެވެ. މިކަމަށް އިޝާރަތްކޮށް ބަސްފުޅެއް ވިދާޅުވުން އެދެމެވެ. جزاكم الله خيرا.
 

ޖަވާބު: އަހަރެންނާއި ބެހޭގޮތުން ނުވަތަ އަހަރެން ނޫން މީހަކާ ބެހޭގޮތުން ތިބާއަށް ބަސްތަކެއް އަޑުއިވިއްޖެ ހިނދުގައި، ކޮންމެހެންވެސް ތިބާ އެބަސްތައް ޤަބޫލުކުރުމުގެ ކުރީގައި، އެމީހެއްގެ ފޮތްތަކަށް ނުވަތަ ޓޭޕް ތަކުން އެބަސްތައް އަޑުއެހުން ހުއްޓެވެ. އެހެނަސް އެބަސްތައް ނަޤުލުކޮށް ގެންދިއުމާއި، އެބަސްތަށް ފަތުރާލުމުގައި މީސްތަކުން އެކުރާ ކަންތައްތަށް ތިބާ ޤަބޫލު ނުކުރާށެވެ. އެއީ އަހަރެންގެ މައްޗަށް ބަސްތައް ބުނުން ކަމުގައި ވިޔަސް އަދި އަހަރެން ނޫން އެހެން މީހެއްގެ މައްޗަށް ބަސްތައް ބުނުން ކަމުގައި ވިޔަސް އެވެ. ކޮންމެހެންވެސް އެ ޘާބިތު ކުރަން ޖެހޭނެ އެވެ. އެއީ އެމީހަކު ލިޔެފައިވާ ފޮތްތަކުން ނުވަތަ އޭނާގެ ބަސްތައް ރެކޯޑު ކުރެވިފައިވާ ރޯލުތަކުން ނުވަތަ އެމީހެއްގެ ފަރާތުން އަނގަބަހުން ސުވާލުކޮށްގެންނެވެ. އެހިނދުގައި އޭނާ އެއަށް ޖަވާބު ދޭނެ އެވެ.
އެހެނަސް އެމީހެއްގެ މައްޗަށް ފަތުރާލާ އެކިއެކި ބަސްތަކުގެ މައްޗަށް ބަރޯސާ ވުން، ފަހެ ކަމަކަށަވަރުން މިއަދު މީސްތަކުންވަނީ ދޮގުހެދުމުގައި ނުހަނު ޤާބިލް ބައެއްގެ ގޮތުގައިވެ، މީސްތަކުން ނުބުނާ ވާހަކަތައް ބުންޏޭ ކިޔައިގެން ބުނުމުގަ އެވެ. އޭގެ ސަބަބަކީ އެބައިމީހުން އެ ދެމިތިބި ގޮތަށް ނަޞްރު ހޯދުމަށްޓަކަ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ.

﴿ وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ "ﷲ ބާވައިލެއްވި ޙުކުމަށް، ޙުކުމް ނުކުރާ މީހާއަކީ ފަހެ، ކާފަރެކެވެ."

އަދި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ.

(كفى بالمرء إثما أن يحدث بكل ما سمع) "އޭނާއަށް އަޑުއިވޭ ކޮންމެ ވާހަކައެއް އޭނާ ދެއްކުމަކީ، ފާފައަކަށް ފުދިގެންވާ ކަމެކެވެ."


ފަހެ ތިބާއަށް އަޑުއިވޭ ކޮންމެ އެއްޗަކީ ޞައްޙަ އެއްޗަކަށް ނުވާނެ އެވެ. އަދި އެކަލާނގެ ވަޙީކުރެއްވި ފަދައިން، އެ އެއްޗެއް ޔަޤީންކޮށް ޘާބިތުކޮށްފަ މެނުވީ ތިބާ އެ އެއްޗެއް އެ މީހަކަށް ނިސްބަތްކޮށްގެން ނުވާނެ އެވެ.

﴿ يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴾ الحجرات 6"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތައް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ. އެއީ ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެނެވިދާނެ ތީ އެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."


ﷲ ގެ ޙުކުމް ނޫން، އެހެން ޙުކުމަކަށް ޙުކުމް ކުރާ މީހަކީ މުޠްލަޤުކޮށް (އެއްވެސް އެހެން އެއްޗަކަށް ބަލާލުމެއްނެތި) ކާފަރެކޭ އަހަރެން ނުބުނަމެވެ. ތަފްސީރު ފޮތްތަކުގައި އަދި އަޤީދާގެ ފޮތްތަކުގައި ނުހަނު ފާޅުކޮށް ބަޔާންވެގެންވާ ފަދައިން މި މައްސަލައިގައި އަހަރެން ތަފްޞީލު ކުރަމެވެ. އަދި އެ ތަފްޞީލު ގޮތުގައި ބުނަމެވެ. މި މައްސަލައަކީ މަޖްހޫލު (މީސްތަކުންނަށް ނޭނގިފައިވާ) އޮޅިފައިވާ މައްސަލައެއް ނޫނެވެ. އެހެނަސް މި މައްސަލައަކީ ޢިލްމުގެ އަހުލުވެރިންގެ ފޮތްތަކުގައި އަދި ތަފްސީރު ފޮތްތަކުގައި ތަފްޞީލުކޮށް ބަޔާންވެގެންވާ މައްސަލަ އެކެވެ. ابن كثير ގެ ތަފްސީރުގައި އަދި އަޤީދާގެ ފޮތްތަކުގައި الطحاوية ގެ ޝަރަޙައިގައި އަދި އެނޫން ފޮތްތަކުގައި މިފަދައިން (ތަފްޞީލު) ބަޔާންވެ އެއަށް އިޤްރާރު ވެވިގެންވެ އެވެ.

*******
ފަތުވާ ނަގާފައިވަނީ : التكفير و ضوابطه 40

 

އިޚްވާނުންނޭވެ! މިއަދު ﷲ ގެ ޝަރީޢަތަށް ޙުކުމް ނުކުރި ކޮންމެ މީހަކީ ކާފަރެއް، ޑޮމޮކްރަސީ ނުވަތަ އެހެން ވަޟުޢީ ޤާނޫނުތައް ގެނައި ޙުކުމްކުރާ މީހަކީ ކާފަރެއް ކަމުގައި މުޠްލަޤުކޮށް ބުނާ އެތަކެއް ބަޔަކުވެ އެވެ. މިފަދަ މީހުން މި ދީން ހޯދައި ޢިލްމުވެރިންނޭ ކިޔަނީ ކޮންތާކުން ބާވަ އެވެ. ފޮތްތަކޭ ބުނާއިރު، މި މީހުންނަށް ޢިލްމުވެރިންނަށް ނޭނގޭ އެއްޗަކަށް ފޮތުން ފެންނަނީ ކޮން ޞަފުޙާއެއް ބާވަ އެވެ!
މި ތަކްފީރީންގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކޮށްދެއްވާނދޭވެ!

Like what you see?

Close

Hit the buttons below to follow us, you won't regret it...