5  އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

ތަރުޖަމާނު: ލޯބިވާ އަޚުންނާއި އުޚްތުންނޭވެ. މިއަދު އަހުރެން ތިޔަ އަޚުންނާއި އުޚްތުންނަށް މި ހުށަހަޅަނީ ޙަނަފީ މަޒްހަބުގެ ބޮޑު އިމާމެއްގެ ގޮތުގައި މަޝްހޫރުވީ أَبُو جَعْفَر أَحْمَدُ بْنُ محمد بْنُ سَلَامَة الطَّحَاوِي رحمه الله ލިއުއްވި މިއުންމަތަށް ފާޅުވެ، ޢިލްމުވެރިންގެ އަރިއަހުގައި މަޤްބޫލުކަން ލިބިގެންދިޔަ މަޝްހޫރު ޢަޤީދާ ފޮތް: اَلْعَقِيدَةُ الطَّحَاوِيَّة ގައި ޛިކުރުކުރެވިފައިވާ މުސްލިމުންގެ ޢަޤީދާގެ މުހިންމު ބައިތަކުގެ ތެރެއިން ބައެކެވެ. އެފޮތް ފައްޓަވަމުން الإمام الطَّحَاوِي ވިދާޅުވި އެވެ:


"މިއީ أَهْلُ السُّنَّةِ وَالْجَمَاعَة ގެ ޢަޤީދާ ބަޔާންކުރުމަށް އޮތް ޛިކުރާ އެކެވެ. أَبُو حَنِيفَة النُّعْمَانُ بْنُ ثَابِت الكُوفِي އާއި، أَبُو يُوسُف يَعْقُوب بْنُ إِبْرَاهِيم الْأَنْصَارِي އާއި، أَبُو عَبْدِ اللهِ محمد بْنُ الحَسَن الشَّيْبَاني، މިއްލަތުގެ ފިޤުހު ޢިލްމުވެރިންގެ މަޒްހަބެވެ. -الله އެ އެންމެހައި ބޭފުޅުންނަށް އެ އިލާހުގެ ރުއްސަވާވޮޑިގެންނެވުން ލައްވަވާށި އެވެ.- އަދި އެބޭފުޅުން ދީނުގެ އަޞްލުތަކެއްގެ ގޮތުގައި އިއުތިޤާދުކުރައްވައި ޤަބޫލުކުރެއްވި ކަންތަކާއި، ޢާލަމްތަކުގެ ވެރި އިލާހުއަށް ދީނެއްގެ ގޮތުގައި އަދާ ކުރެއްވި ކަންކަމެވެ."
އެހެންކަމުން މުސްލިމް އުންމަތަށް ފާޅުވި 4 މަޒުހަބުގެ އިމާމުންގެ ތެރެއިން އެއް އިމާމު الإمام أَبُو حَنِيفَة ގެ ޢަޤީދާގެ ތެރެއިން މިބައި ތިޔަ އެންމެހައި ކިއުންތެރިންނަށް އިތުރު ހަދިޔާ އަކާ އެކު ހުށަހަޅަމެވެ. އެއީ އަހަރުމެންގެ ޝައިޚުންގެ ޝައިޚު: العَلَّامَة زَيْدُ بْنُ محمد بْنُ هَادِي الْمَدْخَلِي رحمه الله، اَلْعَقِيدَةُ الطَّحَاوِيَّة، އެފޮތް ޝަރަޙަ ކުރައްވަމުން ވިދާޅުވެފައިވާ ޚުލާސާ ބަސްފުޅުތަކެކެވެ. އެހެންކަމުން ނަބިއްޔުންގެ ތަރިކަ މުދަލުގެ ގޮތުގައި ދޫކުރެއްވި ޝަރުޢީ ޢިލްމު އަމިއްލަ ނަފްސުން މަޙްރޫމް ނުކުރާ ހުށިކަމެވެ. އެހެންވުމާއެކު އިތުރު ލަސްކުރުމަކާ ނުލައި މި ބާބު ނިމެންދެން ކެތްތެރިކަމާއެކު ވިދާޅުވުން އެދެމެވެ.

◇  ◇  ◇
 

الإمام أَبُو جَعْفَر أَحْمَدُ بْنُ محمد بْنُ سَلَامَة الطَّحَاوِي رحمه الله ވިދާޅުވި އެވެ:
"
وَلَا نَرَى الخُرُوجَ عَلَى أَئِمَّتِنَا وَوُلَاةِ أُمُورِنَا وَإِنْ جَارُوا."
މާނައީ: "އަދި އަހަރުމެންގެ އިމާމުންނާއި، އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ."

الشَّيْخُ العَلَّامَة زَيْدُ بْنُ محمد بْنُ هَادِي الْمَدْخَلِي رحمه الله ގެ ޝަރަޙަ: މިއީ (ނަބިއްޔާ ﷺ އަށް) ތަބައަވުމުގެ އަހުލުވެރިން، أَهْلُ السُّنَّةِ وَالْجَمَاعَة ގެ މަޒުހަބެވެ. ބިދުޢައިގެ އަހުލުވެރިންނާ ޚިލާފަށެވެ. ފަހެ ހަމަކަށަވެރުން މުސްލިމް ސުލްޠާނާ ދެކޮޅަށް ނުކުތުމީ އެމީހުންގެ ޢަޤީދާގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އަދި އެއީ ފާޅުވެގެންވާ މުންކަރާތްތަކާއި ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެކެވެ. ފަހެ މުސްލިމު ވެރިއެއްގެ ވެރިކަމުން الله އެބަޔަކު މާތްކުރެއްވި (އެބަޔަކަށް އެކަމުގެ ނިޢުމަތް ދެއްވި) ބައެއްގެ މައްޗަށް ވާޖިބުވެގެންވަނީ މެދުކެނޑުމަކާ ނުލައި އެވެރިއަކަށް (ހެޔޮ) ދުޢާ ކޮށްދިނުމެވެ. އަދި އެވެރިއެއްގެ މުއާމަލާތްތަކުގައި، ނުވަތަ މުޖްތަމަޢުއާއި އަވަށްތަކާމެދު އޭނާއަށް ކުރެވުނު މުޢާމަލާތްތަކުގައި އުނިކަމެއް ހާސިލުވެއްޖެ ނަމަ އެވެރިޔާއަށް ނަޞޭޙަތްތެރިވުމެވެ. އެވެރިޔާއަށް ނަޞޭޙަތްދީ، ބަޔާންކޮށްދީ، އުނގަންނައިދީ، ދުޢާ ކޮށްދިނުން ވާޖިބުވެގެންވެ އެވެ. އެއީ އިންސާނުންގެ ދުނިޔޭގައި ސުލްޠާނަށް ބޮޑުވެގެންވާ އަހަންމިއްޔަތުކަމެއް ލިބިގެންވާތީ އެވެ. އަދި ސުލްޠާނަކާ ނުލައި މީސްތަކުން ވެއްޖެ ނަމަ އެބައިމީހުންނާ ކުރިމަތިވާނީ ހަމަނުޖެހުންތަކެވެ. މަރާލާ އެއްޗާއި މަރާލެވުނު އެއްޗަކާ މެދު މިނިކާ ވަލުޖަނަވާރުން އުޅޭ ފަދައިންނެވެ. މިގޮތުން ޙަދީޘްގައި ވާރިދުވެގެންވެ އެވެ: {مَنْ أَهَانَ سُلْطَانَ اللهِ فِي الْأَرْضِ أَهَانَهُ اللهُ}( )، މާނައީ: "ބިމުގައިވީ الله ގެ ސުލްޠާން ނިކަމެތިކޮށްލި މީހާ، الله އެމީހަކު ނިކަމެތި ކުރައްވާނެ އެވެ." އަދި ވެރިޔާއާ ދެކޮޅަށް ނުކުތުމީ އޭނާ ނިކަމެތިކޮށް އޭނާއަށް އިޙްތިރާމް ނުކުރުމެވެ. އަދި اِبْنُ تَيْمِيَّة އަށް الله ރަޙްމަތް ލައްވާށި އެވެ. އެ ޢިލްމުވެރިޔާ ވިދާޅުވި ހިނދެވެ: "قَالَ بَعْضُ الْعُقَلَاءِ: سِتُّونَ سَنَةً مِنْ سُلْطَانٍ ظَالِمٍ خَيْرٌ مِنْ لَيْلَةٍ وَاحِدَةٍ بِلَا سُلْطَانٍ"( )، މާނައީ: "ބުއްދީގެ ބައެއް އަހުލުވެރިން ވިދާޅުވި އެވެ: އެންމެ ރެއަކު ވެރިއަކު ނުލައި އުޅުމަށްވުރެ ފަސްދޮޅަސް އަހަރު އަނިޔާވެރި ވެރިޔަކާ އެކުގައިވުން ހެޔޮކަން ބޮޑެވެ." އެބަހީ: އަނިޔާވެރި ވެރިޔާ އަނިޔާވެރިވި ކަމުގައިވީ ނަމަވެސް، މީސްތަކުން ވަނީ އަމާންކަމުގެ ތެރޭގަ އެވެ. ވެރިޔާ، އޭނާގެ ޢަސްކަރިއްޔާ އެކު ވުޖޫދުގައިވުމުން، އަދި ރަށްތަކުގައާއި އަވަށްތަކުގައާއި، ގައުމުގެ ކަންކޮޅުތަކުގައި އެވެރިޔާގެ ނާއިބުން ވުޖޫދުގައިވުމުން ހަމަނުޖެހުންތައް ހިނގައި ދިއުމަކީ އެކަށީގެންވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ވެރިޔާ ނެތިއްޖެ ނަމަ، އެކަކު އަނެކާއަށް ރަޙުމް ނުކުރާނެ އެވެ. އަދި ކިއެއްތޯ އެވެ. ބާރުގަދަ މީހާ ބަލިކަށި މީހާގެ މައްޗަށް ވެރިވެގަންނާނެ އެވެ. އަދި އެއް ޤަބީލާ އަނެއް ޤަބީލާގެ މައްޗަށް، އެއް ފަރުދު އަނެއް ފަރުދުގެ މައްޗަށް، މީސްތަކުންގެ ތެރެއިންވީ ފާސިޤުން ތަޤްވާވެރި އަޅުތަކުންގެ މައްޗަށް ވެރިވެގަންނާނެ އެވެ. އަދި އެނޫންވެސް ފަސާދަތަކުގެ ތެރެއިން ހިމެނިގެންވާ ކަންތައް، ބިންމަތީގައި ވެރިއަކު ނެތިއްޖެ ނަމަ، ކޮންމެހެންވެސް ހިނގައިގެންދާނެ އެވެ. އޭނާއަކީ އަނިޔާވެރިއެއް ކަމުގައިވީ ނަމަވެސްމެ އެވެ.
 

ވުމާއެކު، އެވެރިޔާއަށް ދުޢާ ކޮށްދިނުމާއި، އޭނާއަށް ނަޞޭހަތް ދިނުމާއި، އޭނާއަށް އަޑުއަހައި ކިޔަމަންތެރިވުމަށް ރައްޔިތުންނަށް އިރުޝާދު ދިނުމާއި، އޭނާއާ ދެކޮޅަށް ނުކުތުމާ ބެހޭގޮތުން އިންޒާރު ދިނުން ...، ހަމަކަށަވަރުން މުއުމިނުންގެ މަގަކީ މިއީ އެވެ. އަދި މުއުމިނުންގެ ސަބީލަކީ މިއީ އެވެ. ފާސިޤު ޚަވާރިޖުންނާ ޚިލާފަށެވެ. އެބައިމީހުންނީ ބިންމަތީގައި ފަސާދަ އުފައްދަން މެނުވީ ބޭނުން ނުވާ ބައެކެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުން ވެރިޔާއަށް އިޙުތިރާމެއް ނުކުރާނެ އެވެ. އަދި އެބައިމީހުން މުއުމިނުންނަށް އިޙުތިރާމެއް ނުކުރާނެ އެވެ. އެއީ އެމީހުންގެ ހިތްތަކުގެ ފަސާދައާއި، އެބައިމީހުންނަށް މުޞީބާތްކުރުވި މަގުފުރެދުމުގެ ސަބަބުންނެވެ. އެއީ އެބައިމީހުން ޙައްޤުން އެއްކިބާވެ މަގުފުރެދި، ބާޠިލަށް އޮތް އެބައިމީހުންގެ ލޯބީގެ ސަބަބުންނެވެ. އެންމެ ކުރީ ޒަމާނުއްސުރެން އެބައިމީހުންގެ ހާލަކީ މިއީ އެވެ. އަދި އެބައިމީހުންގެ މުހިންމުކަމަކީވެސް މިއީ އެވެ. ސުވަރުގޭ ނިޢުމަތް ލިބޭނެ ކަމުގެ ހެކި (ޤުރުއާނުންނާއި ސުންނަތުން) ލިބިވަޑައިގަތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންނީ ކާފަރުން ކަމަށް އެބައިމީހުން (ޚަވާރިޖުން) ޙުކުމް ކުރިއެވެ. އަދި ޒަމާންތައް ވޭތުވެ، އަހަރުމެންގެ މިއަދާ ހަމައަށް އެބައިމީހުންގެ ނުބައިކަމާއި އަނިޔާވެރިކަން ދެމިގެންދިޔައެވެ. މިޒަމާނުގެ ޚަވާރިޖުން، ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގައާއި، ޔަމަނުގެ ބިންތަކުގައާއި، މުސްލިމުންގެ ބިންތަކުގެ ތެރެއިން ގިނަ ބިންތަކުގައިވާ ޚަވާރިޖުންގެ އަނިޔާވެރިކަން ވަނީ ފެތުރިފަ އެވެ. އަދި އިސްލާމް ދީން އެބައެއްގެ މުދަލާއި، އެބައެއްގެ އަބުރާއި، އެބައެއްގެ ލެއަށް ޙުރުމަތްތެރިކޮށް ހިތާފައިވާ މުއުމިނުންނާއި މުސްލިމުންނާއި، ޣައިރު މުސްލިމުންގެ ތެރެއިންވާ މުސްތައުމަނުން ގަތުލުކުރުމަށް ހަތިޔާރުތައް ޚަވާރިޖުން ބޭނުން ކުރެ އެވެ. އެންމެ ބޮޑަށް ސުންނާފަތިކުރުވާ ކަހަލަ ހަތިޔާރުތައް އެމީހުންނާ ދެކޮޅަށް ޚަވާރިޖުން ބޭނުން ކުރެ އެވެ. ފަހެ އެޚަވާރިޖުން މުސްލިމުންނަށް އަނިޔާ ކޮށްފި އެވެ. އަދި އިސްލާމީ ދަޢުވަތުގެ މައްޗަށް ދޮގު ހަދައިފި އެވެ. އަދި އިސްލާމް ދީން ނޭނގޭ މީހުންގެ ގާތުގައި އިސްލާމް ދީނުގެ ރިވެތި ނަން ކިލަނބު ކޮށްފި އެވެ. ދެން ފަހެ އިސްލާމް ދީން ދަންނަ މީހުންނަށް އެނގޭނެ އެވެ. އިސްލާމް ދީނުގެ ނަމުގައި ކިތަންމެހައި ނުބައިކަމެއް ކުރިކަމުގައިވީ ނަމަވެސް، ފަހެ ހަމަކަށަވަރުން އިސްލާމް ދީން ވަނީ އެބައިމީހުންގެ ނުބައި ކަމާއި އެމީހުންގެ އަމަލުތަކުން ބަރީއަވެގެންނެވެ. ފަހެ އިސްލާމް ދީން އެކަމެއް ޙަރާން ކޮށް، އެކަމަކާ ދުރުވެ، އެކަމަކާ ދެކޮޅަށް ހަނގުރާމަކުރާ ކަންތައް ޚަވާރިޖުން ފަދަ އިސްލާމް ދީނަށް ނިސްބަތްވާ ބައެއް މީހުން ކުރުމުގެ ސަބަބުން އިސްލާމް ދީނަށް ތުހުމަތު ކުރުން އެކަކަށްވެސް ހުއްދަވެގެނެއް ނުވެ އެވެ.
    

މިއާ (މިހުރިހައި ކަމަކާ) އެކުވެސް ޚަވާރިޖުންނަށް ކާމިޔާބެއް ނުލިބޭނެ އެވެ. އެބައިމީހުން ކުރި ކަންތައް ކުރުވީ ހަސަދަވެރިކަމާއި، ރުޅިވެރިކަމާއި، އެމީހުންގެ ހިތްތަކަށް އަރާފައިވާ ރާންނު (ނުބައި އަމަލުތަކުގެ ސަބަބުން ހިތްތަކުގައި ލެއްވޭ ކަޅުތިއްކަކުން ފެށިގެން ނުބައި އަމަލުތައް އިތުރުވެގެންދާ ދިއުމުން ހިތްތައް ކަޅުވާ ކަޅުވުން) އެވެ. ފަހެ އެބައިމީހުން ވާސިލުވީ ހަސަދަވެރިކަމާއި މުޑުދާރުކަން ބޮޑު ޖާހިލުކަމާ ހަމައަށެވެ. އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އެބައިމީހުން ރަޙުމެއް ނުކުރެ އެވެ. އަދި އެހެން މީހުންނަށް އެބައިމީހުން ރަޙުމެއް ނުކުރެ އެވެ. ފަހެ އެމީހުންގެ ހަނގުރާމަތައް ފަށަނީ އެބައިމީހުންގެ އަމިއްލަ ނަފްސުތައް (ބޮން ތަތްކޮށް ގޮއްވާލާއި) ގަތުލު ކުރުމާ އެކު އެވެ. ދެން އެއަށްފަހު އެނޫން މީސްތަކުންނާ ހަމައަށް ގަތުލު ފޯރައި ދެއެވެ. އަދި އެކަމަށް ހިތްވަރުދެނީ އެމީހުންގެ ބޮޑެތި މީހުންނާއި އެމީހުންގެ ތެރެއިންވާ ފަތުވާގެ އަހުލުވެރިންނެވެ. އެބައިމީހުން ދޮގު ހަދައިފި އެވެ. އެމީހުންނާ އެކު ޙައްޤުގެ ޛައްރެއްގެ މިންވަރުވެސް ނުވެ އެވެ. ހަމަކަށަވަރުން އެމީހުން ދިރިއުޅެނީ ބާޠިލާއި ބާޠިލުގެ ތެރޭގައެވެ. އެހެންނަމަވެސް އެބައިމީހުންނާ ބެހޭގޮތުން اِبْنُ عُمَر ގެ އަރިއަހުން ރިވާވެގެންވީ އަޘަރުގައި ވާރިދުވެގެންވެ އެވެ: "ރަސޫލު الله ﷺ ޙަދީޘް ކުރެއްވި އެވެ: {يَنْشَأُ نَشْءٌ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيهِم، كُلَّمَا خَرَجَ قَرْنٌ قُطِعَ}، މާނައީ: "ބައިގަނޑެއް އަލަށް އުފެދިގެންދާނެ އެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެތެވެ. އެ ކިއެވުން އެބައިމީހުންގެ ވައިނޮޅި ކަށިގަނޑުތައް ފަހަނައަޅައި ނުދާނެ އެވެ. އެމީހުންގެ ބައިގަނޑެއް ނުކުންނަ ކޮންމެ ފަހަރަކު އެބަޔަކު ހަލާކު ކޮށްލެވޭނެތެވެ."  اِبْنُ عُمَر ވިދާޅުވި އެވެ: " ރަސޫލު الله ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަން ޞަޙާބީ އަޑުއެއްސެވީމެވެ: {كُلَّمَا خَرَجَ قَرْنٌ قُطِعَ، أَكْثَرُ مِنْ عِشْرِينَ مَرَّةً، حَتَّى يَخْرُجَ فِي عِرَاضِهِمُ الدَّجَّال}(1)، މާނައީ: "އެމީހުންގެ ބައިގަނޑެއް ނުކުންނަ ކޮންމެ ފަހަރަކު އެބަޔަކު ހަލާކު ކޮށްލެވޭނެތެވެ. ވިހި ފަހަރަށް ވުރެ ގިނައިންނެވެ. އެބައިމީހުންގެ ތެރެއިން ދައްޖާލު ފާޅުވެއްޖައުމަށް ދާންދެނެވެ." ޚަވާރިޖުންގެ އާދައަކީ މިއީ އެވެ. ބައިގަނޑެއް ފާޅުވާ ކޮންމެ ފަހަރަކު އެބައިގަނޑު ހަލާކު ކޮށްލެވޭނެ އެވެ. އެހެންކަމުން ދުވަހަކުވެސް އެބައިމީހުންނަށް ކާމިޔާބެއް ނުލިބޭނެ އެވެ. ދެން އެއާ އެކު، ހަމަކަށަވަރުން އެބައިމީހުން، ޒަމާންތަކެއް ފާއިތުވުމާއެކު އެބައިމީހުން ދެމިތިބޭނެ އެވެ. އެމީހުންގެ ތެރެއިން އެންމެ ފަހު ބައިގަނޑު ދައްޖާލުއާ އެކު ނުކުތުމަށް ދާންދެނެވެ. ފަހެ އެބައިމީހުން ވާނީ ދައްޖާލުގެ ހަނގުރާމަވެރިންގެ ތެރެއިންނެވެ. ދައްޖާލު ވާހުށީ ފަހު ޒަމާނުގައިވާ އެންމެ ނުބައި ފިތުނައަށެވެ.


ދެން ފަހެ أَهْلُ السُّنَّةِ އަދި ތަބައަވުމުގެ އަހުލުވެރިން، ފަހެ ބިންމަތިން އެމީހުން ގެއްލި ހުސްވެގެން ނުދާނެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ފަދައިންނެވެ: {لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الْحَقِّ ظَاهِرِينَ لَا يَضُرُّهُم مَنْ خَذَلَهُم وَلَا مَنْ خَالَفَهُم حَتَّى يَأْتِيَ أَمْرُ اللهِ وَهُمْ كَذَلِكِ}(2)، މާނައީ: "ތިމަން ނަބިއްޔާގެ އުންމަތުން ޖަމާޢަތެއް ފާޅުވެގެންވާ ގޮތުގައި ޙައްޤުގެ މަތީގައި ގާއިމްވެ ތިބޭނެ އެވެ. އެބައިމީހުންނަށް އޮޅުވާލާ މީހުން އަދި އެބައިމީހުންނާ ޚިލާފުވާ މީހުން އެބައިމީހުންނަށް ގެއްލުމެއް ނުދެވޭނެ އެވެ. އެބައިމީހުން އެގޮތުގައި ތިއްބާ الله ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެނެވެ." އެހެންކަމުން، މުއުމިނުންގެ ޢަޤީދާ އަކީ ވަލިއްޔުލް އަމްރުންނަށް އިޙްތިރާމް ކުރުމާއި، އެމީހުންނަށް ދުޢާ ކޮށްދިނުމާއި، އެމީހުންނާ މެދު (އާންމުންގެ) ހިތްތައް އޯގާތެރިކުރުވުމާއި، އެމީހުން ކުށެއް ކޮށްފި ނަމަ، ކުޅަދާނަވީ މިންވަރަކުން އެމީހުންނަށް ނަޞޭޙަތް ދިނުމެވެ. އެހެންނަމަވެސް، ވަލިއްޔުލް އަމްރުންގެ ތެރެއިން މީހަކު ފާފައަކަށް އަމުރުކޮށްފި ނަމަ، ފަހެ އޭނާއަށް އެކަމުގައި ކިޔަމަންތެރިވުމެެއް ނުއޮންނާނެ އެވެ. އަދި ކިއެއްތޯ އެވެ. ކިޔަމަންތެރިވުން އޮތީ ހަމަކަށަވަރުން الله سُبْحانَهُ وَتَعالَى އަށެވެ. އެއިލާހީ ކިޔަމަންތެރިވުމަށް އަމުރު ކުރައްވައި، ފާފަކުރުން ނަހީ ކުރެއްވި އިލާހެވެ. ފަހެ الله އަށްޓަކައި ކިޔަމަންތެރިކަން އަދާކުރުމުންނާއި، ފާފަކުރުން ދޫކޮށްލުމުން އަޅާ ވާހުށީ الله سُبْحانَهُ وَتَعالَى އަށް ކިޔަމަންތެރިއެއްގެ ގޮތުގައެވެ. އަދި الله ގެ ރަސޫލާ ﷺ އަށް ކިޔަމަންތެރިއެއްގެ ގޮތުގައެވެ. ފަހެ އޭނާ ފާފަކުރުމުން ދުރުވާށެވެ. ފިތުނަވެރިކަން ފެތުރުމަކާ ނުލައެވެ. އަދި ނުބައިކަމާއި، ބިންމަތީގައި ފަސާދަ ފެތުރުމަކާ ނުލައެވެ. އެހެންނަމަވެސް އޭނާ ފާފަކުރުން ދޫކޮށްލާށެވެ. އަދި އޭނާ ފާފަކުރުން ދޫކޮށްލައިފި ނަމަ، ފަހެ އެކަން ކުރިކަމަށްޓަކައި އޭނާއަށް އަނިޔާ ދެވުނުކަމުގައިވީ ނަމަވެސް، ފަހެ އޭނާ ވަނީ އަޖުރުލިބިގެންނެވެ. އަދި الله سُبْحانَهُ وَتَعالَى ގެ ޙަޟްރަތުގައި ޘަވާބު ލިބިގެންނެވެ.
ލިއުން ނަގައިފައިވަނީ: التَّعْلِيقَاتُ المُخْتَصَرَة اليَسِيرَة عَلَى الْعَقِيدَةِ الطَّحَاوِيَّةِ الشَّهِيرَة، ص104-ص107، دار الميراث النبوي للنشر والتوزيع، 1435 ه.

◇  ◇  ◇

ތަރުޖަމާނު: އެންމެހައި އަޚުންނާއި އުޚްތުންނޭވެ! ޢަޤީދާގެ އެހެނިހެން ބާބުތަކުގެ ތެރެއިން މިބާބު ޚާއްޞަކޮށްލީ އަންނަނިވި ސަބަބަށްޓަކައެވެ.
ދިވެހި މުޖްތަމަޢުގައި، އަދި އެހެނިހެން މުސްލިމް ދައުލަތްތަކުގައި ފެތުރިގެން ދިޔަ ވަރުގަދަ ބަލިގަނޑެއް ފަދައިން، ޤައުމުގެ ވެރިޔާއާ ދެކޮޅަށް ނުކުތުން ޒަމާނުއްސުރެ ވަނީ އާންމު، ރީތި، މޮޅު ކަމަކަށް ވެފައެވެ. ޙައްޤު ބަސް ބުނުމުގެ ނަމުގައެވެ. ރައްޔިތުންނާއި ދައުލަތުގެ ޙައްޤުތައް ދިފާޢު ކުރުމުގެ ނަމުގައެވެ. ދަރީންގެ ނަމުގައެވެ. އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައެވެ. ސަތޭކަ އެތަކެއް އުޒުރެއް ދެއްކުމާ އެކުގައެވެ. އެކަން ކުރުވައި އެކަމަށް ބާރުއަޅައި ހިތްވަރު ދެނީ ދުނިޔެއަށްޓަކައި އުޅޭ ސިޔާސީ ޕާރޓީތަކުގެ އަހުލުވެރިންނެވެ. އަދި ދީނުގެ ނަމުގައި އުޅޭ ދީނީ ޖަމްޢިއްޔާތަކާއި ސިޔާސީ ޕާރޓީތަކުގެ އަހުލުވެރިންނެވެ. އެބައިމީހުންގެ ޝައިޠާނީ އަވައިގައި ޖެހި، އެބައިމީހުންގެ ވަކިތަކުގެ ޝިކާރައަކަށް ވަނީ ޝަރުޢީ ޢިލްމު އުނގެނިފައި ނުވާ އާންމު ނިކަމެތި ރައްޔިތުންނެވެ. ހާހުން ހާހުންނެވެ. މިލިއަނުން މިލިއަނުންނެވެ. ފަހެ ވެރިންނާ ދެކޮޅަށް ނުކުތުމުގެ ބިދުޢަވެރި އަމަލު ފައްޓާފައިވަނީ الله ގެ ރަސޫލާ ﷺ އާ ދިމާއަށް ބަދުބަސް ބުނި މުނާފިޤު ކަލޭގެ ذُو الخُوَيْصِرَة التَّمِيمِي އެވެ. އަދި އޭނާގެ ފިޔަވަޅުތަކުން ހިނގައި ދިޔައީ عُثْمَان بْنُ عَفَّان رضي الله عنه ގަތުލު ކުރި ރާފިޟީންނެވެ. އަދި އެއަށްފަހު عَلِي بْنُ أَبِي طَالِب رضي الله عنه ގަތުލު ކުރި ޚަވާރިޖުންނެވެ. އަދި މިއަދާ ޖެހެންދެން އެމީހުންގެ ބަސްތަކުން ބަސްބުނެ، އެމީހުންގެ އަމަލުތަކުން އަމަލުކޮށް އުޅޭ މީހުންނެވެ. ފަހެ މި ނުލަފާ ބައިގަނޑު ވަނީ މުސްލިމުންގެ ޢަޤީދާއާ ޚިލާފުވެފައެވެ. އަދި މުސްލިމުންގެ ލޭތަކާއި މުދާތައް ހަލާލުކޮށް، ބިންމަތީގައި ފަސާދަ އުފައްދާފަ އެވެ. ފަހެ މިނުބައި ސުންޕާ އަމަލު ކުރުމުން ދުރުވެ ސަލާމަތްވެގެންވަނީ ނަބިއްޔާ ﷺ ގެ ސުންނަތަށް ތަބައަވީ ޞަޙާބީންނާއި، އެބޭފުޅުންގެ ފަހުމާއި އެއްގޮތަށް ޤުރުއާނާ ސުންނަތުގެ މައްޗަށް އަމަލު ކުރި މީހުންނެވެ. އެހެންކަމުން މި ބާބު ކިޔައި ނިމުމުން ތިބާގެ އަމިއްލަ ނަފްސަށް ތިބާ ސުވާލު ކުރާށެވެ. ތިމާ މީހާ، އަދި ތިމާގެ ރަޙްމަތްތެރިން، ތިމާގެ އާއިލާ، ތިމާގެ ޝައިޚުން، ޚާއްސަކޮށް ދީނުގެ ނަމުގައި ޑިމޮކްރަސީގެ ބިދުޢަވެރި ޝިޢާރުގެ ފަހަތުގައި ސިޔާސީ ޕާރޓީތައް ހަދައިގެން އުޅޭ 'ޝައިޚުން'ނާއި، 4 އިމާމުންގެ ޢަޤީދާއޭ ކިޔައިގެން ތިމަންމެން މިތިބީ ޞައްޙަ ޢަޤީދާގެ މަތީގައިކަން ދައްކަން އުޅޭ ޖަމާޢަތާއި، އެޖަމާޢަތުގެ އަހުލުވެރިންނާ ވާގިވެރިން، އިހުގައި އަދި ފަހުގައިވެސް އެތިބީ މި ޢަޤީދާގެ މަތީގައިތޯ އެވެ؟ އާނއެކޭ ނަމަ، الحَمْدُ لله އެވެ. އެހެން ނޫންނަމަ، الله އަށް ބިރުވެތިވެ އެ އިލާހަށް ތައުބާވާން ތިބާ އަވަސްވެގަންނާށެވެ. އަދި މިޢަޤީދާއާ ޚިލާފުވާ މީހުންނާ ދުރުވެ ރައްކައުތެރިވާށެވެ. ހަމަކަށަވަރުން މިޢަޤީދާއާ ޚިލާފުވާ މީހުން ތިބާއަށް ދިވެހިރާއްޖޭގެ ގިނަ 'ޝައިޚުން'ގެ ތެރެއިން ފެންނާނެ އެވެ. އިސްލާމް ދީނުގެ ނަމުގައި، އަނިޔާވެރިކަމާ ދެކޮޅުވެރިވުމުގެ ނަމުގައި އެ 'ޝައިޚުން' ވެރިޔާއާ ދެކޮޅަށް ބަދުބަސްތައް ބުނެ، ވެރިޔާގެ އައިބުތައް އިއުލާންކޮށް ފާޅު ކުރާތަން ފެންނާނެ އެވެ. ތިބާއަށް އެ 'ޝައިޚުން' ވެރިޔާއާ ދެކޮޅަށް ޖަލްސާތައް ބާއްވައި، މުޒާހަރާ ކުރާތަން ފެންނާނެ އެވެ. ތިބާއަށް އެ 'ޝައިޚުން' ވެރިޔާއަށް ބަދު ދުޢާ ކުރާތަން ފެންނާނެ އެވެ. އަދި އެ 'ޝައިޚުން'ގެ ވާހަކަ މިފަދައިން ދެއްކުމުން އަސަރުގަދަ ވަރުގަދަ ރުޅިގަނޑެއް އަންނަތަން ތިބާއަށް ފެންނާނެ އެވެ. ދަންނަ ހުއްޓެވެ! މިޢަޤީދާ އޮޅުވާލައި، ވަޅުޖަހައި، الله ގެ ދީން އެ 'ޝައިޚުން' އާންމު މީސްތަކުންނަށް އޮޅުވާލައިފި އެވެ. އިސްވެ ބަޔާންވެދިޔަ ލިއުމުން ތިބާއަށް އެކަން ޔަގީންވާނެ އެވެ. އިސްލާމީ އުންމަތުގެ ޢަޤީދާ ފޮތްތަކުގައި ވެރިމީހާއަށް ކިޔަމަންތެރިވުމުގެ ބާބު އެހާމެ ގިނައިން ޛިކުރުކުރެވިފައިވީ ނަމަވެސް، ހިތާމައަކީ ގިނަ މުސްލިމުންނަށް އެ ޢިލްމު އުނގެނިފައިނުވާ ކަމެވެ. ވުމާއެކު، އޭ އަޚާއެވެ. ތިބާއަށް ޙައްޤު ޢިލްމުވެރިންގެ ވާހަކަތައް ނުފުދޭތޯ އެވެ؟ ތިބާއަށް ރަނގަޅީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ 'ޝައިޚުން'ތޯ އެވެ؟ ނުވަތަ އުންމަތުގެ ސަލަފުންގެ އަރިއަހުން މި އިސްލާމީ ޢަޤީދާ އޭގެ ސާފުކަންމަތީ ފޯރުކޮށްދެއްވާ أَبُو جَعْفَر الطَّحَاوِي އާއި زَيْدُ بْنُ محمد بْنُ هَادِي ފަދަ ރައްބާނީ ބޮޑެތި ޢިލްމުވެރިންތޯ އެވެ؟


ވުމާއެކު، ތިބާ މިޢަޤީދާ ތިބާގެ ލޯބިވާ އަނބީންނަށާއި، ދަރީންނަށާއި، ގާތްތިމާގެ މީހުންނަށާއި، ރަޙްމަތްތެރިންނަށާއި އަވަށްޓެރިންނަށް ފޯރުކޮށްދޭށެވެ. ހަމަކަށަވަރުން ހެޔޮ ކަމަކަށް މަގު ދެއްކި މީހަކަށް އެހެޔޮ ކަމެއް ކުޅަ އެންމެހައި މީސްތަކުންގެ އަޖުރުތައްވެސް ލިބޭނެތެވެ. އަދި ނުބައި މަގަކަށް މަގު ދެއްކި މީހާ އެނުބައި އަމަލު ކުޅަ އެންމެހައި މީސްތަކުންގެ ފާފަތައް ބޮލުގައި އަޅާނެތެވެ. الله އެންމަހައި މުސްލިމުންނަށް ހެޔޮ ތައުފީޤު ދެއްވާށި އެވެ.
وصلى الله على نبينا محمد وعلى آله وصحبه وسلم.

 

(1) ރިވާކުރެއްވީ: ابن ماجه في السنن، برقم (174), وروي نحوه عن ابن عمرو بن العاص أخرجه أحمد في المسند برقم (6871), ونعيم بن حماد في الفتن برقم (1506), والطبراني في المعجم الكبير برقم (14542), والحاكم في المستدرك برقم (8497), والبغوي في شرح السنة برقم (4008), والحديث في سلسلة الأحاديث الصحيحة (5/582)(2454).
(2) ރިވާކުރެއްވީ: البخاري في الصحيح، كتاب المناقب، باب: (غير مترجم) برقم (3641), ومسلم في الصحيح، كتاب الإمارة، باب قوله صلى الله عليه وسلم لا تزال طائفة من أمتي ظاهرين على الحق لا يضرهم من خالفهم، برقم (1920).

 

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން | 18 ނޮވެމްބަރ 2019

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله | 17 ފެބުރުއަރީ 2018

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى | 13 މެއި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 30 އޭޕްރީލް 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله | 13 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...