5  އުސާމާ ބިން ލާދިން އަށް ތަޢުރީފު ކުރާ މީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ޖަރީމާގެ އަހުލުވެރިންނެވެ. ހަވާ ނަފްސުގެ އަހުލުވެރިންނެވެ. - الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އުސާމާ ބިން ލާދިން އަށް ތަޢުރީފު ކުރާ މީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ޖަރީމާގެ އަހުލުވެރިންނެވެ. ހަވާ ނަފްސުގެ އަހުލުވެރިންނެވެ. - الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ އުސާމާ ބިން ލާދިން

7 އޮގަސްޓު, 2017

الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله އަށް އުސާމާ ބިން ލާދިންއާ ބެހޭގޮތުން ސުވާލު ދެންނެވުމުން ވަރަށް ތަފްސީލުކޮށް 23 ސަފުޙާގެ ޖަވާބެއް ލިޔުމަކުން ޝައިޚު ލިއުއްވި ފޮތް: اَلْأَجْوِبَةُ الْأَثَرِيَّةُ عَنِ الْمَسَائِلِ الْمَنْهَجِيَّة ގައި ދެއްވި އެވެ. މިތަނުގައި ޖަވާބުން ބައެއް ތަންތަންކޮޅު ޛިކުރު ކޮށްލަމެވެ.


ޝައިޚު اَلْأَجْوِبَةُ الْأَثَرِيَّةُ ގެ 113 ވަނަ ޞަފުޙާގައި ވިދާޅުވި އެވެ: 'ހަމަކަށަވަރުން އުސާމާ ބިން ލާދިން އަކީ ދީނަށް ނަސްރުދޭ މީހުންގެ ތެރެއިންވާ މީހެއް ކަމަށާއި ޙައްޤަށް ނަސްރުދޭ ރަނގަޅު ގޮތާހަމައަށް ވާސިލުވެފައިވާ މީހެއް ކަމަށާއި....' މި ނޫންވެސް ތައުރީފުގެ ކުލަތައް އޭނައަށް ނިސްބަތް ކޮށް ބުނެފައިވާ އަދި ބުނެއުޅޭ މީހުންނާ ބެހޭ ގޮތުން ތިބާ ދަންނާށެވެ. އެމީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ފަހެ ޙައްޤަށް ފުރަގަސްދީ ދުރަށް ދިއުމަށް އެމީހުންނަށް އެއްވެސް އުޒުރެއް ލިބިގެން ނުވެ އެވެ. ނުވަތަ އެމީހުންނީ ޖަރީމާގެ އަހުލުވެރިންނެވެ. (އެބަހީ މުޖްރިމުންނެވެ.) އެމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާ ޢިލްމު ލިބިގެންވެ އެވެ. އެހެންނަމަވެސް އެމީހުންނީ ބިންމަތީގައި ފަސާދައަށް އެދޭ އަދި މުސްލިމު ވެރިންނާއި ރައްބާނީ ޢިލްމުވެރިންނާ މެދު ފޮރުވިގެންވާ ރުޅިވެރިކަން ގެންގުޅޭ ހަވާ ނަފްސުގެ އަހުލުވެރިންނެވެ. ރައްބާނީ ޢިލްމުވެރިންނީ ދީނުގައި ފިޤުހުވެރިކަމުން އެބޭފުޅުންގެ ލޯފުޅުތައް الله އަލިކޮށްދެއްވާފައިވާ ބޭފުޅުންނެވެ. ފަހެ ފަސާދައަށް އެދޭ ހަވައިގެ އަހުލުވެރިންގެ ޖަރީމާގެ މުޑުދާރުކަން މާ ބޮޑެވެ. އަދި الله ގެ ޙަޟްރަތުގައި އެމީހުންނަށް އޮތް ޢުޤޫބާތް ބޮޑުވެގެންވެ އެވެ. އެއީ އެމީހުން ޙައްޤަށް ކިބުރުވެރިވެގަތީމަ އެވެ. އަދި ބިންމަތީގައި އެމީހުން ހިންގާފައިވާ ފަސާދައާއި އެއްވެސް ޙައްޤަކައި ނުލާ މައުސޫމު ނަފްސުތައް ގަތުލުކުރުމުގެ ސަބަބުންނެވެ.


  
 އަދި އޭގެ މައްޗަށް ބިނާކޮށް (ބުނަމެވެ.) ފަހެ ހަމަކަށަވަރުން (މުސްލިމުންގެ ސަފުތަކުން، ޖަމާޢަތުން) ނިކުމެފައިވާ އުސާމާ ބިން ލާދިންއަށް ނަސްރުދޭ މި ބައިގަނޑު، 'އުސާމާ ބިން ލާދިން އަކީ މުޖާހިދެއް ކަމަށާއި ދީނަށް ނަސްރުދޭ މީހެއް ކަމަށް' ކުރާ ދައުވާގައި، ޝަރީއަތުންނާއި ބުއްދިންނާއި ޢުރްފުންނާއި ޤަބޫލުކުރެވޭ ނިޒާމަކުން އެމީހުންނަށް އެއްވެސް ދަލީލެއް ލިބިގެން ނުވެއެވެ. ހަމަޔަގީނުންވެސް އެމީހުންނާ އެކުގައި ވަނީ ބާޠިލު ބޭނުންކޮށްގެން ޖަދަލު ކުރުމެވެ. އަދި އެބައެއްގެ ޢިލްމާއި އީމާންތެރިކަމާއި الكريم الرحمان، الله އަށް ތަޤްވާވެރިކަމުގެ މިންވަރު ދަށްވި ބަޔަކަށް (ޙައްޤު) އޮޅުވާލުމެވެ. އަދި އޭގެ ސަބަބުން އެމީހުން މަގުފުރެދިގެން ދިޔައެވެ. އަދި ގިނަ މީސްތަކުން އެމީހުން މަގު ފުރެއްދި އެވެ. އަދި ސީދާވެގެންވާ ތެދުމަގުން އެމީހުން އެއްކިބާވެ މަގުފުރެދިގެން ދިޔައެވެ.


    އަދި ތިބާ ޢަޖައިބުވާ ނަމަ، ފަހެ ނަން ޛިކުރުކުރެވިގެންވާ އުސާމާ ބިން ލާދިން އަކީ: 'އޭނާގެ ނަފްސުންނާއި އޭނާގެ މުދަލުން އިސްލާމް ދީނުގެ ދިދަ އުފުލުމަށާއި ޖިހާދުގެ ޢިލްމު ގާއިމް ކުރަން މަސައްކަތް ކުރާ މީހެކޭ' ކިޔައިފައި އެމީހުން ބުނާ ބުނުމުގެ އަޖައިބުކަން މާ ބޮޑެވެ. އެއާ ޚިލާފަށް،
ހަމަކަށަވަރުން އޭނާއާއި އޭނާއަށް ތަބާވި މީހުންނާއި އޭނާއަށް ނަސްރުދިން މީހުންނަކީ ބިންމަތީގައި ފަސާދައުފައްދަމުން ހިނގާ މީހުންނެވެ. اللهގެ އަމުރުފުޅަށާއި އެއިލާހުގެ ނަބިއްޔާ ﷺ ގެ އަމުރުފުޅަށާއި، މުއުމިނުންގެ މަގާ (އެބަހީ ޞަޙާބީންގެ މަގާ) ޚިލާފުވުމުގެ ސަބަބުންނެވެ. އެހެނީ އެމީހުންވަނީ ނަންރިވެތިވެގެންވާ އިސްލާމް ދީނުގެ ނަން (އަދި ސޫރަ) ނުބައިކޮށްލާފަ އެވެ. އަދި އިސްލާމް ދީނާ ދުރަށް މީސްތަކުން ފައްސާލުމަށް މަސައްކަތް ކޮށްފައެވެ. އިސްލާމް ދީންވަނީ އެމީހުންގެ އަމަލުން ބަރީއަވެގެންނެވެ. ސަބަބަކީ އިސްލާމް ދީނަކީ އަދުލުވެރިކަމާއި، ރަޙުމަތާއި ވަފާތެރިކަމުގެ ދީނެވެ. އެއީ އޮޅުވާލުމާއި މަކަރުވެރިކަމާއި ހަރުކަށިކަމުގެ ދީނެއް ނޫނެވެ.


    އަދި އިސްލާމް ދީނުގައި އަދި އިސްލާމީ ޝަރީޢަތުގައި މައުސޫމްކުރެވިފައިވާ ލޭތައް އޮހޮރުވަމުންނާއި، މުދާތަކާއި މިލްކިއްޔާތުތައް ސުންނާފަތިކުރަމުން، ބިންމަތީގައި ފަސާދަ ހިންގަމުން އެބައިމީހުން ހިނގައެވެ. އަދި މުސްލިމުންނާއި އެނޫން މީހުންގެ ތެރެއިން އިސްލާމީ ޝަރީޢަތުގައި އަމާންކަން ލިބިގެންވާ އާމިނުންނަށް ބިރުދައްކަމުން ދެއެވެ. ޝަރީޢަތުގެ ފަރާތުން އެއްވެސް އިޒުނައަކާ ނުލައެވެ. އަދި ސަލާމަތްވެގެންވާ ބުއްދިއެއްގެ ފަރާތުން ބުރުހާނެއްވެސް ނެތިއެވެ. ފަހެ އެމީހުން މުސްލިމުންނަށް ކުރިމަތިކުރުވި މުސީބާތުން އެމީހުން ކާފަރުން އުފާކޮށްދީފި އެވެ. އަދި އެމީހުން، އިސްލާމްދީނަށާއި މުސްލިމުންނަށް (އަނިޔާއާއި ހިތާމަ ކުރިމަތިކުރުވުމަށް) ފާރަލައިގެން ތިބި މީހުން ހެއްވާލައިފި އެވެ. އަދި އެމީހުން، އިސްލާމް ދީނުގެ މަތިވެރި ކަމާއި، އެދީނުގެ އެންމެހައި އަހުލުވެރިންގެ ކަރާމާތްތެރިކަމަށް އަރައިގަތުމަށް ކާފަރުންނަށް މަގު ހުޅުވައިދީފި އެވެ. ފަހެ އެމީހުންނަށް ހަލާކު ހުއްޓެވެ! އެމީހުން ޖަރީމާތަކަށް އަރައިގަތުމުގައި ހާދަ ޖެހިލުން ކުޑަ އެވެ! އަދި މުންކަރާތްތަކަށް އަރައިގަތުމުގައާއި ފާފަތައް ކުރުމުގައި ހާދަ ގަދަ އަޅާ މަސައްކަތް ކުރެ އެވެ!


    ހަމަކަށަވަރުން ވިސްނުންކޮށި، ތަޖުރިބާ މަދު މީހުންނަށް ބިން ލާދިން ވަނީ ޖާނުން ފިދާވުން ޒީނަތްތެރިކޮށްދީފަ އެވެ. އަނިޔާވެރިކަމާއި އަދާވަތްތެރިކަމާއެކީގައެވެ. ފަހެ އެމީހުންގެ އަމިއްލަ ނަފްސުތައް އެބައިމީހުން ގަތުލު ކުރިއެވެ. އަދި ޝަރުޢީގޮތުން އަދި ބުއްދީގެ ގޮތުން އެބަޔަކު ގަތުލުކުރުމުގެ އިޒުނަ ލިބިގެން ނުވާ މުސްލިމުންނާއި، މުސްތައުމަނުންނާއި ޛިއްމިއްޔުންނާއި، މުޢާހަދުން އެބައިމީހުން ގަތުލު ކުރިއެވެ. އެމީހުން (އެބަހީ މުސްލިމުންނާއި، މުސްތައުމަނުންނާއި ޛިއްމިއްޔުންނާއި، މުޢާހަދުން) ގަތުލުކޮށްފި މީހަކު ހަމަކަށަވަރުން ހަލާކުކުރަނިވި ބޮޑެތި ފާފަތަކުގެ މައްޗަށް އަރައިގަނެފި އެވެ. އަދި މުޙްކަމް އާޔަތްތަކާއި، ސައްޙަވެގެންވާ ސާފުވެގެންވާ ޙަދީޘްތަކުން ދަލީލުކޮށްދޭ އެންމެ ގަދަފަދަ ޢުޤޫބާތްތައް އެބައިމީހުންނަށް ޙައްޤުވެއްޖެ އެވެ. ......" އެއަށް ފަހު މައުސޫމް ނަފްސުތައް ގަތުލުކުރުމުން ލިބޭ އަޒާބުގެ ނައްސުތައް ޛިކުރު ކުރެއްވި އެވެ.


    އޭގެ އިތުރުން ޝައިޚު 116 ވަނަ ޞަފުޙާގައި ވިދާޅުވި އެވެ: "ދެން ފަހެ އަލް-ގައިދާ ޖަމާޢަތުގެ އިމާމް އަދި ރައީސް އިބްނު ލާދިން އާއި އައް-ޒަވާހިރީ އަދި ޢިރާޤުގެ ފިތުނައިގައި ހަލާކުވެގެންދިޔަ އަބޫ މުސްޢަބު އައް-ޒަރްޤާވީ ކަހަލަ އޭނާގެ ބައިގަނޑުގެ މީހުންނާއި، ކުފުރު އަދި ފާޖިރު ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ މުޙައްމަދު އަލް-މިސްޢަރީ އަދި ސަޢުދު އަލް-ފަޤީހު ކަހަލަ އޭނައާ އެއްފަދަ މީހުން؛ ފަހެ ހަމަކަށަވަރުން ޖާނުންފިދާވުމުގެ މުޑުދާރު އަމަލަށް 'ޝަހީދުވުމުގެ' ނަމުން އެމީހުން ނަންދީފައިވެ އެވެ. އަދި الله ގެ މަގުގައި ޝަހީދުވާ މީހަކަށް الله ތައްޔާރުކުރައްވާފައިވާ ޘަވާބާއި ދަރުމަ، އެޖަރީމާއަށް އަރައިގަތް މީހުންނަށް ލިބޭނެ ކަމަށް އެމީހުން ޙުކުމް ކޮށްފައިވެ އެވެ. ފަހެ އެމީހުން ބުނި ބަހެއްގެ ނުބައިކަމާ އެވެ! އަދި އެމީހުން ކުރި ޙުކުމުގެ ނުބައިކަމާ އެވެ!"


    އަދިވެސް، 119 ވަނަ ޞަފުޙާގައި ޝައިޚު ވިދާޅުވި އެވެ:
"ހަމަކަށަވަރުން ޙިކްމަތްތެރި ޝަރީޢަތުގައި، ޖިހާދަށް ޝަރުތުތަކެއްވެ އެވެ. އަދި ޤަވައިދުތަކެއްވެ އެވެ. އަދި މަނާކުރަނިވި ކަންތައްތަކެއްވެ އެވެ. އެއިން އެއްވެސް ކަމަކަށް ބިން ލާދިންއާއި އޭނާގެ ބައިގަނޑު ބަލައެއް ނުލައެވެ. ހަމަކަށަވަރުން އަލް-ގައިދާ ޖަމާޢަތުގެ ޒައީމު ވަނީ އުމުރުން ހަގު ޒުވާނުންނާއި ވިސްނުންކޮށި މީހުން ފޯރިއަރުވާލާފައެވެ. އެއީ ވިސްނާލުމަކައިނުލައި އަވަސްއަރުވާލާފައި އެޒުވާނުން ގަތުލުކުރަނިވި ހަތިޔާރުތައް ބޭނުންކޮށްގެން ބޮންގޮއްވުންތައް ހިންގާލުމަށްޓަކައެވެ. ޝަރަފުވެރި ދެ ޙަރަމްފުޅުގެ ބިންއެކުލެވިގެންވާ ސަޢޫދީގެ ރަށްތަކުން ފަށައިގެންނެވެ."


    އަދިވެސް، 120 ވަނަ ޞަފުޙާގައި ޝައިޚު ވިދާޅުވި އެވެ: "ހަމަކަށަވަރުން ސަޢޫދީގެ ރަށްތަކުގައިވާ ބޮޑެތި ޢިލްމުވެރިން ގޮވައިލެއްވި އެވެ. އެބޭފުޅުންގެ ތެރެއިން އެންމެ އިސްކޮށް، ޝައިޚު ޢަބްދުލް ޢަޒީޒް ބިން ބާޒު އާއި، ޝައިޚު މުޙައްމަދު ބިން ޞާލިޙު އަލް-ޢުޘައިމީން އާއި، ޝައިޚު ޞާލިޙު އަލް-ލުޙައިދާން އާއި، ޝައިޚު ޞާލިޙު އަލް-ފައުޒާން އާއި، ސަޢޫދީ އަރަބިއްޔާގެ މުފްތީ ޝައިޚު ޢަބްދުލް ޢަޒީޒް އާލު ޝައިޚު އަދި އެނޫން އެތައް އެތައް ބޭފުޅުންނެކެވެ. އުސާމާ ބިން ލާދިން އަށާއި އޭނާގެ ބައިގަނޑަށް ވިދާޅުވެލެއްވި އެވެ. އަދި الله ގެ ޢުޤޫބާތް (ހަނދުމަކޮށްދެއްވައި) އެބައިމީހުންނަށް ބިރުދެއްކެވި އެވެ. އަދި ޙައްޤަށް ރުޖޫޢަވުމަށާއި އެބައިމީހުން ދެމިތިބި ބާޠިލު ދޫކޮށްލުމަށް އެބައިމީހުންނަށް ވަސިއްޔަތް ކުރެއްވި އެވެ. ހަމަކަށަވަރުން އެމީހުން ތިބި ބާޠިލުގެ ގެއްލުން ވަނީ އާންމުވެފައެވެ. އަދި އޭގެ ނުބައިކަން ވަނީ ފެތުރިފަ އެވެ. ފަހެ ރުޅިއައިސްފައިތިބި މީހުންތައް އެބޭފުޅުންގެ ވިދާޅުވުމަށް އިޖާބައެއް ނުދިނެވެ. އަދި މިއަދާ ހަމައަށްވެސް އެބޭފުޅުންގެ ނަސޭހަތެއް ޤަބޫލެއް ނުކުރެ އެވެ.


    އަދި ހަމައެފަދައިން އަލް-މިސްޢަރީއާއި ސަޢުދު އަލް-ފަޤީހްގެ ފެކްސްތަކުންނާއި، އިންޓަނެޓުތަކުގައާއި ޚަބަރުފަތުރާ ވަސީލަތްތަކުގައިވާ އެމީހުންގެ ސައިޓްތަކުންނާއި، އިބްނު ލާދިންގެ ޓޭޕުތަކުންނާއި އޭނާ ފަތުރާފައިވާ ތަކެއްޗާއި ބެހޭގޮތުން ޢިލްމުވެރިން އިންޒާރު ދެއްވާފައިވެ އެވެ. އެއީ އެހުރިހައި ތަކެތީގައި ބައިބައިވުމަށް ދަޢުވަތު ދީފައިވާތީ އާއި، ވެރިންނާ ދެކޮޅަށް ނުކުތުމަށާއި އެމީހުންނަށް އެއްޗެހި ގޮވުމާއި، ނަސޭހަތްތެރިވާ ޢިލްމުވެރިންނަށް މަލާމާތް ކުރުމާއި އެނޫންވެސް ތަކެތި ހިމެނޭތީ އެވެ. ފާސިދު، ފަސާދަކުރަނިވި، މުޑުދާރު ވަސީލަތްތަކުން އެތަކެތި ފަތުރަމުން އައިސްފައިވަނީ އަލް-މިސްޢަރީ އަދި އަލް-ފަޤީހު ވަޒަންވެރިވެފައިވާ އިނގިރޭސި ވިލާތުންނެވެ. އަދި އިބްނު ލާދިން ވަޒަންވެރިވެފައިވާ އަފްޣާނިސްތާނުގެ ފަރުބަދަތަކުގެ ހޮހަޅަތަކުންނެވެ. އަދި އެތަންތަނުން (އެތަންތަނުގައި ފިލާ ހުރެގެން) ފާޅުވެގެންވާ ފަސާދައާއި މަޝްހޫރުވެގެންވާ ޚަރާބު އެކުލެވިގެންވާ ދުނިޔޭގެ ހަނގުރާމަ އޭނާ ހިންގަމުންދެއެވެ. ޝަރަފުވެރި ދެ ޙަރަމްފުޅުގެ ބިންއެކުލެވިގެންވާ ސަޢޫދީގެ ރަށްތަކުން ފަށައިގެންނެވެ. فَحَسْبُنَا اللهُ وَنِعْمَ الوَكِيل!"


121 ވަނަ ޞަފުޙާގައި ޝައިޚު ވިދާޅުވި އެވެ: "އޭ ސުވާލު ކުރާ މީހާއެވެ. ކަންތައް އޮތީ ތިބާއަށް އެނގުނު ފަދައިންވީ ހިނދު، އަދި ކިއެއްތަ، ކަންތައް އޮތީ އަހަންނަށާ ތިބާއަށް އެނގުނު މިންވަރަށް ވުރެ ފުޅާކޮށްވީ ހިނދު،
ފަހެ އިސްވެ އެބަޔަކާ ބެހޭގޮތުން (ޙަޤީޤަތް) ފާޅުކުރެވުނު އުސާމާ ބިން ލާދިން އާއި އޭނާގެ އައުވާނުންގެ ފަސާދައާ ބެހޭގޮތުން ތިބާ އިންޒާރު ލިބިގަންނާށެވެ. އަދި އިންޒާރު ދޭށެވެ!


އަދި އެބައިމީހުންނާ ދޭތެރޭ ހެޔޮކޮށް ވިސްނި މީހުން ނުވަތަ އެމީހުންގެ ހަރަކާތްތައް ފަތުރާ މީހުންނާ ބެހޭ ގޮތުން ތިބާ އިންޒާރު ލިބިގަންނާށެވެ. އަދި އިންޒާރު ދޭށެވެ.
އެ ހަރަކާތްތަކަކީ الرحيم الرحمان ގެ މަގުގައި ކުރާ ކަމެއްގެ ގޮތުގައި އެމީހުން ޤަބޫލު ކުރިކަމުގައިވީ ނަމަވެސް ފަހެ ހަމަކަށަވަރުން އެ ކަންތަކަކީ ޝައިޠާނާގެ މަގުގައި ހިންގާ ހަރަކާތްތަކެކެވެ!


އަދި އެބައިމީހުންނީ ބާޠިލާއި ފަސާދައިގެ އިސްމީހުންކަމާއި އެމީހުންނީ އިސްލާހާއި ޖިހާދުގެ އިސްވެރިންނެއް ނޫންކަން ތިބާ ޔަގީން ކުރާށެވެ. އަދި (ތިބާ ޔަޤީން ކުރާށެވެ!) ބާޠިލު ބަލިކޮށްލުމުގެ ބާރެއް އެބަ އޮތެވެ. ދެން އެއަށްފަހު، އެއްބާޠިލަށް ފަހު އަނެއް ބާޠިލު ވެއްޓިގެންދާނެ އެވެ. އަދި އެބާޠިލު ބަލިވެގެންދާނެ އެވެ. އަދި އެބާޠިލުގެ އަހުލުވެރިން الله އަށް ތަޥްބާ ނުވާ ނަމަ، އަދި އެމީހުންގެ އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި އެމީހުންގެ އަމިއްލަ ނަފްސުތައް މުރާޖަޢާ ނުކުރާ ނަމަ އެބައިމީހުން ނިމިގެން ދާނީ الله ގެ ކޯފާއަކާ އެކީގައެވެ. الله ވަޙީ ކުރެއްވި އެވެ: ﴿ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً ۖ وَأَمَّا مَا يَنفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْأَمْثَالَ ﴾ މާނައީ: "ފަހެ (ދަންނާށެވެ.) މައްޗަށް އަރާ ފޮނު އުކައިލެވި، ގެއްލި ދަނީ އެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ ހަރުލައި ހުންނާނެތެވެ. އެފަދައިން الله މިސާލު ޖައްސަވަތެވެ." ......"
މަސްދަރު: الأجوبة الأثرية عن المسائل المنهجية لفضيلة الشيخ زيد بن محمد بن هادي رحمه الله، دار أضواء السلف، الطبعة الأولى1433ه.


ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް ވެއްޔާ މޮޑެލައި، މަގުފުރެދުނު ތަކްފީރީ، ޚަވާރިޖީ މުޖްރިމުންގެ ސޫރަ ރީތިކޮށް ރާއްޖެގެ ބައެއް "ދަންނަ ބޭކަލުން" ހަދާފައިވާ ބޮޑެތި ދޮގުތައް
20170804-binladen.jpg 
ފަހެ، އުންމަތުގެ ބޮޑެތި ޢިލްމުވެރިން އެހާމެ ބޮޑެތި އަދި ވަރުގަދަ ބަސްފުޅުތައް އުސާމާ ބިން ލާދިން ފަދަ މުޖުރިމަކާ ދޭތެރޭ ބަޔާން ކުރައްވާފައިވީ ހިނދު، ދިވެހިރާއްޖޭގައި، މިފަދަ ނުލަފާ އިންސާނަކަށް ސަނާގެ ބަސްތައް ރައްދުކުރާ ބަޔަކު އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާ ދިފާއު ކުރާ ބަޔަކު އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ފިކުރު ފަތުރާ މީހުންގެ ގޮތުގައި އެބައިމީހުން ވާނެ ހެއްޔެވެ؟ އާނއެކެވެ. ލަދެއް ނެތި، ބިރެއް ނެތި، މީސްތަކުންނަށް ބިންލާދިންގެ ސޫރަ ރީތިކޮށް، އޭނާގެ އަމަލުތައް ޒީނަތްތެރި ކޮށްދޭ މީހުން ރާއްޖޭގައި އެބައުޅެއެވެ. އަދި އޭނާގެ މަގުފުރެދިފައިވާ ޢަޤީދާ ރާއްޖޭގައި ފަތުރާ މީހުން އެބަ އުޅެއެވެ. ހިތާމަ ހުރީ ސަޢޫދީ ޢަރަބިއްޔާއިން ކިޔަވައިގެން އައުމަށްފަހު ޢިލްމުގެ އެންމެ މަތީ ހަރުފަތުގައި ތިއްބެވި ރައްބާނީ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކުގައި ކޮޅުފައިން ޖަހައި، އެއަށް ބީރު ކަންފަތެއް ދޭތީ އެވެ. ބިން ލާދިން އަދި އެފަދަ މީހުންނާ މެދު އިންޒާރު ލިބިގަތުމީ އެމީހެއްގެ ދީނަށް ރައްކައުތެރިވާ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. والله أعلم.

އުސާމާ ބިން ލާދިން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އައް-ޒަރްޤާވީ އާއި އުސާމާ ބިން ލާދިންގެ ކިބައިން މުސްލިމުންނަށް ލިބުނީ ހަލާކާއި، ޚަރާބާއި، އިޚްތިލާފުވުމާއި، ބައިބައިވުން މެނުވީ ކޮން އެއްޗެއް ހެއްޔެވެ؟ - الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله | 06 އޮގަސްޓު 2017

 އުސާމާ ބިން ލާދިންގެ ޖިހާދަކީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެކެވެ. - الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله | 04 އޮގަސްޓު 2017

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - العَلاَّمة الشَّيخ صَالح بن الفَوزَان الفَوزَان حفظه الله | 15 ނޮވެމްބަރ 2016

އުސާމާ ބިން ލާދިން އަށް އަދި އޭނާގެ އެންމެހައި ރޭވުންތެރިކަމަށް އިންޒާރު ދިނުން ވާޖިބުވެގެންވޭ - الإمام العلامة الشيخ صالح الفوزان حفظه الله | 23 އޮގަސްޓު 2015

ތަދު ހަޤީޤަތެއް: އަލް ޤާއިދާ އަކީ އިޚްވާނުލް މުސްލިމީންގެ ތެރެއިން ފާޅުވި ބައެއް އަދި އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް | 20 އޭޕްރީލް 2015

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 19 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...