އައިއެސް ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެއް - الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله
ސުވާލު : އަހަރެމެންގެ ތެރޭގައި ޙަމާސް (ޖޯޝާއި ފޯރި އަރައިގެން) އުޅޭ ޒުވާނުންތަކެއް ސީރީއާއަށް ޖިހާދަށް ގޮއްސި އެވެ. އެބައިމީހުން އެތަނަށް ގޮސް ގުޅިފައިވަނީ، އެތަނުގައިވާ ޖަމާޢަތެއް ކަމުގައި ދައުލަތުލް އިސްލާމިއްޔާ (ދާޢިޝް ISIS) ކިޔުނު ޖަމާޢަތާ އެވެ. އެބައިމީހުން ބުނެފައިވަނީ އެބައިމީހުންނަށް ނިޞްބަތްކޮށް ބަޔާންކޮށްފައިވާ، ޤަތުލުއާންމު، ޓެރެރިޒަމް އަކީ ޞައްޙަ ވާހަކަތަކެއް ނޫން ކަމުގަ އެވެ.
މި ޖަމާޢަތާއި މެދުގައި ޞައްޙަ ބަސްފުޅަކީ ކޮބައިތޯ އެވެ؟ بارك الله فيكم
ޖަވާބު : "ޞައްޙަ ޤައުލަކީ : އެ ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެކެވެ. މީގެ ދުވަސްކޮޅެއް ކުރިން، އަހަރެންގެ ބޮޑުދައިތަގެ މާމަ ދަރިއެއް އޭނާއަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ދަޢުވާކޮށް އެބައިމީހުން ޤަތުލުކުރި އެވެ. ސަބަބަކީ އޭނާވަނީ މިބައިމީހުންނާއި އިދިކޮޅު އަނެއް ބައިގަ އެވެ. މި ބައިމީހުންނާއި ދެކޮޅު ޖަބްހާގަ އެވެ. މި ދެބައި ގަނޑަކީވެސް ކުށްކޮށްފައިވާ ދެ ބައިގަނޑެވެ. އެއީ ނުޞްރާގެ ބައިގަނޑު ނުވަތަ ދާޢިޝް އޭ ކިޔުނު ބައިގަނޑު ކަމުގައިވިޔަސް އެވެ. އެހެނަސް (ދާޢިޝް ISIS) ނުބައިކަން އަނެއްބައި މީހުންނަށް ވުރެން ބޮޑެވެ. ދެބައިގަނޑަކީވެސް ނުބައިކަމުގައިވާ ބަ އެކެވެ. ދެބައިމީހުންވެސް ގާތްތިމާގެ ގުޅުމަކަށްވެސް އަދި ޢަހުދަކަށްވެސް ނުބަލާ، ރައްކާތެރިއެއް ނުވާނެ އެވެ.
މީގެ ދެ ދުވަސް ނުވަތަ ތިން ދުވަސްކުރިން އެބައިމީހުން ޢިޢުލާންކުރި ޚަލީފާ އިން މިމީހުންގެ ނުބައި މުޑުދާރުކަމަށް ފުދެއެވެ. މި ޚަލީފާއަށް ބައިޢަތު ހިފުމަށް އެބައިމީހުން ގޮވާލި ގޮވާލުމެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެއީ މުސްލިމުންގެ ޚަލީފާ އެވެ. މިބައިމީހުން ފަށައިފައިވާ ގޮތަކީ، އަހަރެމެންގެ ޒުވާނުންގެ ތެރެއިން އެބައިމީހުންނާ ގުޅިއްޖެ މީހެއްކަމުގައިވާނަމަ، (އެންމެ ފުރަތަމަ ކުރާ ކަމަކީ) އެބައިމީހުންގެ ކަރުގައި އެޅިފައިވާ ބައިޢަތް އުވާލުމެވެ. ތިޔަބައިމީހުންނަށް ބައިޢަތް އުވާލުމުގެ ނުބައިކަން އެނގިފައިވާނެ އެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކަރުގައި ބައިޢަތެއް އެޅިފައިވެ އެވެ. މިޤައުމުގެ ވަލިއްޔުލް އަމްރުގެ ބައިޢަތް ތިޔަބައިމީހުންގެ ކަރުގައިވެސް ބައިޢަތެއް ގޮތުގައި އެޅިފައިވާނެ އެވެ. ފަހެ މިބައިޢަތް ދޫކޮށްލުމަކީ، ޚިޔާނާތެކެވެ. ޣައްދާރު ވުމެކެވެ. ޣައްދާރުވީ މީހާގެ މައްޗަށް (ޤިޔާމަތް ދުވަހުގައި) ދިދައެއް ނެގިފައިވާނެ އެވެ. އޭގައިވާނެ އެވެ. މިއީ މިވަނިމީހަކަށް ޣައްދާރުވެފައިވާ މީހެކެވެ. ބައިޢަތް ދޫކޮށްލައިފި މީހާވަނީ ނުރައްކަލެއްގެ ތެރޭގައި އެވެ. ފަހެ، އޭނާ ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގަ އެވެ.
މުސްލިމްވެރިޔާގެ ޖަމާޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެ، އެގޮތުގައި ހުރެ މަރުވެއްޖެމީހާ މަރުވެގެންދާނީ، ޖާހިލިއްޔަ މަރެއްގަ އެވެ. ވެރިޔާގެ ކިޔަމަންގަތުމުން ބޭރުވެ، މުސްލިމުންގެ ޖަމާޢަތާ ވަކިވެ، އޭނާ ޤިޔާމަތް ދުވަހުގައި ﷲ އާއި ބައްދަލުކުރާނީ އެއްވެސް ޙުއްޖަތެއްނެތް ޙާލުގަ އެވެ. ފަހެ، މިބައިމީހުންނަކީ ޢަހުދުތައް ދޫކޮށްލާފައިވާ ބައެކެވެ. މިބައިމީހުންނަކީ ޢަޙުދުތައް އެއްލާލާފައިވާ ބައެކެވެ. މިބައިމީހުންނަކީ، ޙައްޤާއި ދުރުވާނޭހައި އެންމެހައި ގޮތްތަކުން ޙައްޤާއި ދުރުވެފައިވާ ބައެކެވެ. (މިބައިމީހުން) ޢިލްމުވެރިން ކާފަރު ކުރެ އެވެ. އެބައިމީހުން އަހަރެމެންގެ ވަލިއްޔުލް އަމްރު ކާފަރު ކުރެ އެވެ. އެބައިމީހުންނަށް މީސްތަކުން ކާފަރު ކުރުން (ތަކްފީރު) ކުރުން ނޫން އެހެން ކަމެއް ނެތެވެ. އެބައިމީހުން ޢަޤީދާގައި ޤަބޫލުކުރާ ގޮތަކީމި އެވެ. އެބައިމީހުން ދީނުގެ ގޮތުގައި ދަންނަ އެއްޗަކީ މި އެވެ.
ތަންތަނުގައި ފޮރުވިގަނެގެން ތިބި، ތަންދޮރު ފިލައިފައިނުވާ މޮޔަ ބަޔަކު ދޭ ފަތުވާ ތަކުގައި ޖެހި މިބައިމީހުން ވަނީ އެފަތުވާތަކުގެ މައްޗަށް ގެނބިގެން ގޮސްފަ އެވެ. (އެފަތުވާދޭ މީހުން ދެ ބަޔަކަށް ބެހިގެންދެ އެވެ.) ފަތުވާ ދޭ މީހުން އެފަތުވާދެނީ އެބައިމީހުންނާއި އެކުގައިވެ ތިބެ އެވެ. އެބައިމީހުންނަށް ތިބި ޝެއިޚުން ކަމަށް ވި އެވެ. އަދި އެ ފަތުވާ ދޭމީހުންނަށް އެބައިމީހުންވަނީ ބަރޯސާވެގެންނެވެ. އަދި އެބައިމީހުން ﷲ ގެ ޙުކުމަކަށް ރުޖޫޢައެއް ނުވެ އެވެ. އަދި ރައްބާނީ ޢިލްމުވެރިންނަށް ރުޖޫޢައެއް ނުވެ އެވެ. މިބައިމީހުން ވެގެންދިޔައީ އެބައިމީހުންފަދަ އިންނެވެ.
އަދި ފަތުވާދޭ "ޤަޢަދަ" އިންތަކެއް ވެ އެވެ. އެބައިމީހުން ފަތުވާ ދޭއިރުގައި (ބައެއްފަހަރު) ތިބެނީ އަހަރެމެންގެ މި ޤައުމުގަ އެވެ. (މިބައިމީހުން) ފަތުވާދެނީ އެ (ދާޢިޝް ISIS) އަށް ހިތްވަރު ދިނުމުގަ އެވެ. އަދި މުސްލިމު ޒުވާނުންތައް އަނދައިގެންދާ މި އަނދަމުންދާ އަލިފާނުގެ ތެރެއަށް ދިއުމަށެވެ. އެއްވެސް އަމާޒެއް ނެތި، ކަނު (ކާކު ނަގަހައްޓާފައިވާ) ދިދައެއް ކަމެއްނޭނގި ތިބެ، އެ ދިދައިގެ ދަށުގައި ހަނގުރާމަ ކުރެ އެވެ. ޢަޞަބިއްޔަތަށް ނަގާފައިވާ ދިދައެއްގެ (ދަށުގައި ހަނގުރާމަ) ކުރަމުން ދެ އެވެ. އަދި ޖާހިލިއްޔާ ދިދަތަކެއްގެ ދަށުގަ އެވެ. ނަބިއްޔާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވެ އެވެ. "ގޮތްނޭނގޭ ދިދައެއްގެ ދަށުގައި ހަނގުރާމަކުރާ މީހާ އަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." އެދިދަ ޢަޞަބިއްޔަތަށްޓަކައި ނުވަތަ ޢަޞަބިއްޔަތަށް ދަޢުވަތުދެ އެވެ.
މި ޖުއްހާލުން (ޖާހިލު ކަމުގައި ޙައްދުފަނައަޅައިފައިވާ މީހުން) ނަކީ މޮޔައިންނެވެ. އުމުރުން ޅަ ބައެކެވެ. މޮޅެތި ހުވަފެންތައް ދެކުމުގައިވާ ބައެކެވެ. މިބައިމީހުންގެ ކިބައިން ނަބިއްޔާ صلّى الله عليه وسلّم ވަނީ (އުއްމަތަަށް) އިންޒާރު ދެއްވާފަ އެވެ. (ޙަދީޘް ކުރެއްވި އެވެ.) "ތިމަން ނަބިއްޔާ އެބައިމީހުންނާއި ބައްދަލުވެއްޖެނަމަ ޢާދުބައިގެ އަހުލުވެރިން ޤަތުލިކޮށް މަރާލެވުނު ފަދައިން ހަނގުރާމަކޮށް ޤަތުލު ކުރާނަމެވެ." އަދިވެސް صلّى الله عليه وسلّم (ޙަދީޘް ކުރެއްވި އެވެ.) "އެންމެ ހެޔޮވެގެންވާ ހަނގުރާމައެއްކޮށް މީސްތަކުން މަރާލި މީހަކީ އެބައިމީހުންނާ ދެކޮޅަށް ނުކުމެ އެބައިމީހުން މަރާލި މީހެކެވެ." އަދިވެސް صلّى الله عليه وسلّم (ޙަދީޘް ކުރެއްވި އެވެ.) "މި މީހުންނަކީ އުޑުދަށުގައިވާ އެންމެ ނުބައިވެގެންވާ ގޮތުގައި މަރާލަންޖެހޭ މީހުންނެވެ." އަދި (ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރައްވާ) ޚަބަރު ދެއްވި އެވެ. "އެބައިމީހުންނަކީ ނަރަކައިގެ ކިލާބުން (ކުއްތާއިންނެވެ.)" އަދިވެސް (ޙަދީޘް ކުރެއްވި އެވެ.) "އެބައިމީހުން ޤުރުއާން ކިޔަވާނެ އެވެ. އެހެނަސް އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އެތެރެއަކަށް އެ ޤުރުއާނެއް ނުދާނެ އެވެ." އަދިވެސް ޙަދީޘް ކުރެއްވި އެވެ. "އެބައިމީހުން ދުނިދަނޑިން ތީރު ނުކުމެގެންދާ ފަދައިން އިސްލާމްދީނުުން ބޭރުވެގެން ދާނެ އެވެ. އެ އިސްލާމް ދީނަށް އަނބުރާ އެބައިމީހުން ވަންނާނީ ތީރު އަނބުރައި އެ ދުނިދަނޑިއަށް އަނބުރާ އައިސްފިނަމަ އެވެ."
އެބައިމީނުންނަށް ބަޔާންކޮށްފައިވާ ނަމަކީ ނަރަކައިގެ ކުއްތާއިންނެވެ. އަދިވެސް (ނަބިއްޔާ صلّى الله عليه وسلّم) ޚަބަރު ދެއްވާފައިވަނީ އެބައިމީހުން ކޮންމެ ޤަރުނެއްގައިވެސް ފާޅުވާނެ އެވެ. ކޮންމެ ޤަރުނެއްގައި އެބައިމީހުން ފާޅުވުމުންވެސް އެބައިމީހުން ނައްތާލެވޭނެ އެވެ. އެންމެފަހުންގޮސް އާޚިރުގައި ދައްޖާލު އެބައިމީހުންގެ ތެރެއަށް ނުކުތުމަށް ދާންދެނެވެ.
އަދިވެސް (ނަބިއްޔާ صلّى الله عليه وسلّم)
ޚަބަރު ދެއްވާފައިވަނީ އެބައިމީހުން ނަމާދު ކުރުމުގައި، އެބައިމީހުންގެ ނަމާދާއި އެހެން މީހުންގެ ނަމާދު އަޅައިނުކިޔޭނެ އެވެ. (މާނައަކީ : އެހެން މީހުންގެ ނަމާދަކީ ދެރަ ނިކަމެތި ނަމާދެއްގެ ގޮތުގައި އެބައިމީހުން ހަދާނެ އެވެ.) އަދި ރޯދަވެސް އެބައިމީހުންގެ ރޯދަ އާއި އެހެންމީހުންގެ ރޯދަ އަޅާ ނުކިޔޭނެ އެވެ. އަދި އެހެން އަޅުކަންތައްވެސް އެފަދައިންނެވެ. އަދި އެބައިމީހުން ޤުރުއާން ކިޔަވާނެ އެވެ. އަދި އެ ޤުރުއާން އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އަޑިއަށް ނުދާނެ އެވެ.
އަދި މިނޫންވެސް އެހެން ޞިފަތައް ނަބިއްޔާ صلّى الله عليه وسلّم ބަޔާންކުރެއްވި އެވެ.
މިބައިމީހުންނަކީ علي رضي الله عنه ޤަތުލުކުރި މީހުންނެވެ. މި މީހުންނަކީ عثمان رضي الله عنه ޤަތުލުކުރި މީހުންނެވެ. علي رضي الله عنه އަދި عثمان رضي الله عنه މި މީހުންނުކުމެ ޤަތުލު ކުޅަ އެވެ. ތެދުވެރި، ތެދުބަސް ޙަދީޘް ކުރުމުގައިވާ ޞާޙިބާ ނަބިއްޔާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވާ ފަދައިން، މިބައިމީހުންނަކީ އިސްލާމް ދީނުގެ އަހުލުވެރިންނާ ހަނގުރާމަކޮށް އިސްލާމުން މަރާ ބައެކެވެ. އަދި މިބައިމީހުން ހަނގުރާމަ ނުކޮށް ދޫކޮށްލަނީ ކޮންބައެއް ހެއްޔެވެ؟ ބުދަށް އަޅުކަން ކުރާ މީހުންނެވެ.
މިބައިމީހުންގެ ސަލަފުން (މިބައިމީހުންނަށް މިޘާލުކަމުގައި ވަނީ) عثمان رضي الله عنه މަރާލި މީހުންނެވެ. މި ބައިގަޑުގެ ތެރޭގައިވި މީހާ، عثمان رضي الله عنه ގެ ހަށިގަނޑަށް ހަމަލާދީ، ހަށިގަނޑާއި ބޯ ވަކިކޮށް، އެއަށްފަހުގައި މިކަން ކުރި ލަޢުނަތް ލިބިގެންވި މީހާ ބުނެ އެވެ. "ﷲ ޤަންދީ ބުނަމެވެ. ﷲ އަށްޓަކައި ތިމަންނަ ހޭދަ ކުރި ދުވަސްތަކުގެ ތެރެއިން މިއަށްވުރެ ހެޔޮވެގެންވާ އެއްވެސް ދުވަހެއް، އަދި ޖިހާދު ކުރުމުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މިއަށްވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަހެއް ތިމަންނަ ނުދަންނަމެވެ."
އަދި ފަހެ، علي رضي الله عنه ޤަތުލުކުރި މީހާ ޢަބްދުއް ރަޙްމާން ބިން މުލްޖިމް ބުންޏެވެ. "އަހަރެމެން މި ޙަރްބަށް، ނުވަ ބޯ ކަނޑަން ޖެހިފައިވެ އެވެ. އޭގެ ތެރޭގައި (ކަނޑަންޖެހޭ) ތިން ބޮލަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަނޑަންޖެހޭ ތިން ބޮލެވެ......"
އިޚްވާނުންނޭވެ! މިބައިމީހުންގެ ޢަލާމަތް (ސިފަތަކުގެ) ތެރޭގައި މީބައިމީހުންނަކީ ފޮރުވިގެންވާ ބައެކެވެ. (މީސްތަކުންނަށް ފޮރުވިގެންވާ ބައެކެވެ.)
އަހަރެމެންގެ ދީނަކީ ފާޅުކަންބޮޑު ގޮތުގައިވާ ދީނެއް ނުވަތަ ވަންހަނާ ވެގެންވާ ދީނެއް ހެއްޔެވެ؟ ފާޅުވެގެންވާ ދީނެއް ނުވަތަ ސިއްރިޔާތުގައި (ކަންތައްތައް) ކުރާ ދީނެއް ހެއްޔެވެ؟
މި ދީނަކީ، ނުހަނު ފާޅުކަންބޮޑު ގޮތުގައިވާ ދީނެކެވެ. އަހަރެމެންގެ އަތުގައި ވަންހަނާކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ އެވެ.
އެގޮތުން سفيان رحمه الله ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުންނަށް ބަޔަކު ދީނުގެ ކަމެއްގައި އެބައިމީހުން ޢާންމު މީސްތަކުންނާއި ވަކިވެގަނެ، އެބައިމީހުން ސިއްރު ވާހަކަތަކެއް ދައްކާތަން ފެނިއްޖެ ނަމަ، އެބައިމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ދަންނަހުއްޓެވެ."
މީގެ ހަތަރު ދުވަސްކުރިން އަހަރެން މަސްޖިދުއް ނަބަވީގައި، މި ދަޢުވާކުރާ ޚިލާފަތާއި ބެހޭގޮތުން އަދި އެބައިމީހުން އެ ބައިޢަތު ހިފާފައިވާ ދައްޖާލުން، ބޮޑުދޮގުވެރިން ގެ ވާހަކަ ދައްކާފައިވާނެ އެވެ. އެ ބަސްތައް އެންމެހައި ތަންތަނުގައި ފަތުރާލުމަށް އަހަރެން އެދެމެވެ. އެއިން ﷲ ޙަޟުރަތުން އަހަރެމެންނަށް ޘަވާބާއި ދަރުމަ ލިބޭނެކަމަށް އަހަރެމެން އުއްމީދު ކުރަމެވެ. އަދި ހަމަ އެފަދައިން މި ޖަވާބުވެސް، މީސްތަކުންގެ ތެރޭގައި ފެތުރުމަށް ބޭނުންވާ މީހަކު ފެތުރުމަށް އަހަރެން އިޒުނަ ދެމެވެ.
އަޑުއައްސެވުމަށް : http://goo.gl/5iWX78