ސަފީރުން، އެމްބަސެޑަރުން، ފަތުރުވެރިން، ޒިޔާރަތްކުރާ މީހުން މެރުމުގެ ޙުކުމް - الشَّيْخ د. عَبْدُ السلام بن سالم السُّحيمي حفظه الله

(ތުރުކީގެ އެންބަސީގައި ރަޝިއާ ސަފީރު މަރާލި ޚާރިޖީ)
މި ބަސްތައް ނަގާފައިވަނީ ޝެއިޚް ލިޔުއްވާފައިވާ ފޮތް "އިސްލާމްދީނުގައި ޖިހާދުކުރުން، ޖިހާދު ކުރުމުގެ މަފްހޫމާއި، ޖިހާދު ކުރުމުގެ ޤަވާޢިދުތަކާއި، ޖިހާދު ކުރުމުގެ ބާވަތްތައް އަދި ޖިހާދު ކުރުމުގެ މަޤްޞަދް" މި ފޮތުންނެވެ.
ކާފަރުންގެ ތެރޭގައި އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރެވޭ މީސްތަކުންގެ މައްޗަށް ޝަރުޠުކުރެވިފައިވާ ޤަވާޢިދުތައް:
ޖުމްލަގޮތެއްގައި އެއީ ފަސް ޝަރުޠެވެ. އެއީ:
1. ހަނގުރާމަ ކުރެވޭ ފާރާތަކީ ޛިއްމީއެއް ކަމުގައި ނުވުން. ޛިއްމީއަކީ ޢަހުދެއް (އެއްބަސްވުމެއްގެ ދަށުން) ލިބިގެންވާ ގޮތުގައި މުސްލިމުންގެ ބިމެއްގައި ދިރިއުޅޭ ކާފަރުމީހާ އެވެ. އޭނާއަށް އަބަދުގެ އަބަދަށް ޢަހުދެއް ދެވިދާނެ އެވެ.
2. ހަނގުރާމަ ކުރެވޭ ކާފަރުމީހާ އަކީ މުޢާހިދަކަށް ވެގެން ނުވާނެ އެވެ. މުޢާހިދުންނަކީ އެބަޔަކާ މެދުގައި އިމާމް (ވެރިން) ޞުލްޙަ ޤާއިމްކޮށްފައިވާ މީހުންނެވެ. އެއީ ވަކި މުއްދަތެއް ވަންދެން ހަނގުރާމަ ކުރުން ހުއްޓާލުމަށް ޞުލްޙައެއް ޤާއިމްކޮށްފައިވުމެވެ.
3. ހަނގުރާމަ ކުރެވޭ ކާފަރުމީހާ އަކީ މުސްތައުމަނަކަށް ވެގެން ނުވާނެ އެވެ. މުސްތައުމަނަކީ މުސްލިމުންގެ ރަށަކަށް، މުސްލިމުންގެ އިމާމް ނުވަތަ މުސްލިމުންގެ ތެރެއިން މީހެއްގެ ފަރާތުން އަމާންކަން ލިބިގެންވާ ގޮތުގައި އެތަނުގައި ވަޒަންވެރިވުމަށް، މުސްލިމުންގެ ރަށަށް ވަންނަމީހާ އެވެ.
4. ހަނގުރާމަ ކުރެވޭ ކާފަރުމީހާ އަކީ އޭނާގެ މައްޗަށް އިސްލާމްދީނުގެ ދަޢުވަތް ފޯރާފައިވާ މީހަކަށް ވާންޖެހޭނެ އެވެ.
5. ހަނގުރާމަ ކުރެވޭ ކާފަރުމީހާ އަކީ ހަނގުރާމައިގެ އަހުލުވެރިންގެ ތެރެއިން މީހަކަށްވާން ޖެހޭނެ އެވެ. ކުޑަކުއްޖަކަށް، އަންހެނަކަށް، ދުވަސްވެފައިވާ މުސްކުޅިއަކަށް، މީސްތަކުންނާ ވަކިވެ ހަނގުރާމައިގެ މައިދާން ދޫކޮށްފައިވާ މީހަކަށްވެގެން ނުވާނެ އެވެ. އަދި އެ ޖިހާދަކީ ﷲ އަށްޓަކައި ކުރެވޭ ޖިހާދެއްގެ ގޮތުގައިވެ، ހަނގުރާމައެއްގެ މައިދާނުގައި ކާފަރުންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގެ ގޮތުގައިވާން ޖެހޭނެ އެވެ. އެއީ ބޮންގޮއްވުމާއި، މީހުންމެރުމާއި ޖާނުންފިދާވެވޭ ޙަމަލާތައްފަދައިން ވެގެންނުވާނެ އެވެ.
ބަޔާންކުރެވުނު މި އެންމެހައި ޤަވާޢިދުތަކަކީ ޖުމްލަކޮށް ފިޤުހު ޢުލްމުވެރިންގެ މެދުގައި އިއްތިފާޤުވެވަޑައިގެންވާ ޤަވާޢިދުތަކެކެވެ. ފަސްވަނަ ޝަރުޠުގައި އެބޭކަލުންގެ މެދުގައި ޚިލާފްއުފެދިފައިވެ އެވެ. ހަނގުރާމަކޮށް ޤަތުލު ކުރެވޭ ކާފަރަކީ އަންހެނެއް އަދި ކުޑަކުއްޖެއް ގޮތުގައި ވެގެންނުވުމާއި މެދުގައި އެބައިމީހުން އިއްތިފާޤްވެވަޑައިގެންފައިވެ އެވެ. ކުޑަކުދިންނާއި އަންހެނުން ފިޔަވައި އެހެނިހެން މީސްތަކުންގެ މެދުގައި ޚިލާފްވެ އެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ހަނގުރާމައިގެ މައިދާނުގައި ޤާއިމްވެ ހުރުމަކީ އެއީ ހަނގުރާމަކޮށް ޤަތުލުކުރުން ހުއްދަވެގެންވާންޖެހޭ ޝަރުޠެއްކަމުގައި ކަނޑައަޅުއްވާފައިވެ އެވެ.
الإِمَامُ ابن القَيِّم رحمه الله ވިދާޅުވެފައިވެ އެވެ. "ކާފަރުން އެއްގޮތަކީ ޙަރުބީން ގެ ގޮތުގައިވުމެވެ. ނުވަތަ އެއީ ޢަހުދެއްގެ ދަށުގައިވާ ބައެއްގެ ގޮތުގައިވުމެވެ. ޢަހުދުގެ ދަށުގައިވާ އަހުލުވެރިން ތިން ބަޔަކަށް ބެހިގެންދެ އެވެ. ޛިއްމަތުގެ އަހުލުވެރިން، ހުދްނާގެ އަހުލުވެރިން އަދި އަމާންކަމުގެ އަހުލުވެރިންނެވެ. ފަހެ، ފިޤުހުގެ އަހުލުވެރިން މިއިން ކޮންމެ ބަޔަކަށް ބާބެއް ބަންނަވާފައިވެ އެވެ. ބާބުގައިވެ އެވެ. ހުދްނާގެ ބާބު، އަމާންގެ ބާބު، ޛިއްމަތްގެ ބާބު. "ޛިއްމީ، ޢަހްދް" މި ދެބައިގައި އެ އެންމެހައި ފަރާތްތަކެއް މި އަޞްލުގައި ހިމެނިގެންދާނެ އެވެ. އަދި ހަމައެފަދައިން "ޞުލްޙް" މި ލަފްޛުގައި އެ އެންމެހައި ފަރާތްތަކެއް ހިމެނިގެންވެ އެވެ. ހަމަކަށަވަރުން ޛިއްމީ އަކީ ޢަހްދު އަދި ޢަޤްދު ގެ ޖިންސުގެ ތެރޭގައި ހިމެނޭ ލަފްޟެކެވެ. އެގޮތުން ބުނެވެ އެވެ. "މި މީހާވަނީ މިވަނި މީހެއްގެ ޢަހުދުގެދަށުގަ އެވެ." މާނައީ އޭނާވަނީ އެމީހެއްގެ ޢަހުދުގައި އަދި ޢަޤްދުގެ ދަށުގަ އެވެ. ޔަޢުނީ، ޢަހުދުގައި އަދި އެއްބަސްވުމުގައި ފުރިހަމައަށް ދެމިހުންނާށެވެ. އެއަށްފަހުގައި ޙައްޤުލިބިގަތުމަށް އެކަށޭނެ އެންމެހައި ކަންތަކުގައި އިސްތިޢުމާލު ކުރެވެ އެވެ.
އަދި މުސްތައުމަން އަކީ މުސްލިމުންގެ ބިންތަކަށް އެތަނުގައި ދެމިހުރުމަށް އަންނަ ކާފަރުންނެވެ. އެބައިމީހުން ހަތަރު ބަޔަކަށް ބެހިގެންދެ އެވެ. ސަފީރުން، ވިޔަފާރިވެރިން، އުޖޫރައަށް މަސައްކަތްކުރުމަށް އަންނަމީހުން، އެބައިމީހުންނަށް އިސްލާމްދީން އަދި ޤުރުއާން ބަޔާންކޮށްދެވުނު ހިނދުގައި އެބައިމީހުން އެ ޤަބޫލުނުކުރި އެވެ. އެބައިމީހުން ބޭނުންކަމުގައިވާ ނަމަ އެރަށަށް ވަދެވޭނެ އެވެ. އަދި އެބައިމީހުން ބޭނުންކަމުގައިވާ ނަމަ އެނބުރި އެބައިމީހުންގެ ރަށަށް އެނބުރި ދާންވީ އެވެ. (ހަތަރުވަނަ ބަޔަކީ) ޒިޔާރަތް ކުރުމުގެ ގޮތުން ނުވަތަ އެހެން ޙާޖަތްތަކުގައި އަންނަ މީހުންނެވެ. މިބައިމީހުންގެ މައްޗަށް އޮތް ޙުކުމަކީ އެބައިމީހުން ދޫކޮށް (ޤައުމަށް ނުވައްދައި) ހަދައިގެން ނުވުމާއި، އެބައިމީހުން ޤަޠުލުނުކުރުމާއި އަދި އެބައިމީހުންގެ އަތުން ޖިޒިޔަ ނަގައިގެން ނުވާނެ އެވެ. އަދި އެބައިމީހުންގެ ތެރެއިން އުޖޫރައަށް މަސައްކަތްކުރުމަށްޓަކައި އަންނަމީހުންނަށް އިސްލާމްދީން އަދި ޤުރުއާން ބަޔާންކޮށްދިނުމެވެ. ފަހެ، އެބައިމީހުން އިސްލާމްދީނަށް ވަދެއްޖެ ނަމަ އެހިނދުގައި އެކަން ފުރިހަމަވީ އެވެ. އޭނާ އަމާންކަން ލިބިގެންވާ ގޮތުގައި ވުމަށް ލޯބިކުރާ ނަމަ، އެ އަމާންކަން ލިބުމަށްފަހު އޭގެ މުއްދަތު ހަމަވުމުގެ ކުރީގައި އެއްވެސް ގޯނާއެއް އޭނާއަށް ކޮށްގެން ނުވާނެ އެވެ. އޭނާއަށް ލިބިގެންވާ އަމާންކަމުގެ މުއްދަތު ހަމަވުމުން އޭނާއަކީ އޭގެ ކުރީގައި ޙަރުބީއެއްފަދައިންވާ މީހެއްގެ ގޮތުގައިވީ ފަދައިން އެގޮތަށް ބަދަލުވާނެ އެވެ."
މިއީ މިކަމުގައި ޖުމްލަގޮތުގައި ބުނެވޭ ގޮތެވެ. އެހެނަސް މިކަމުގެ ތަފްޞީލުގައި ބަޔާންކުރަމެވެ.
ފުރަތަމައީ: ހަނގުރާމަ ކުރެވޭ ފަރާތަކީ ޛިއްމީއެއް ކަމުގައި ނުވުން.
މާނައީ، ޛިއްމަތް ގެ އަހުލުވެރިއެއް ކަމުގައި ނުވުމެވެ. ޛިއްމަތް ގެ އަހުލުވެރިންނަކީ އެބަޔަކު މުސްލިމުންނަށް ޖިޒްޔަ ދިނުމުގައި ދެމިތިބޭ އަހުލުވެރިންނެވެ. އެބައިމީހުންނަށް އޮތް ޛިއްމަތް ތާއަބަދަށް ވެސް ބޭއްވިދާނެ އެވެ. އަދި އެބައިމީހުން އެބައިމީހުންގެ ދީނުގައި ދެމިތިބެ މިގޮތުގައި ދެމިތިބެވޭނެ ޝަރުޠަކީ އެބައިމީހުން އިސްލާމްދީނުގައި އެންމެހައި ޙުކުމްތަކުގައި ޤާއިމްވެ އަދި ޖިޒްޔަދިނުމުގައި ފުރިހަމައަށް ދެމިތިބުމެވެ. ފަހެ، އެބައިމީހުން ފުރިހަމައަށް ޖިޒްޔަ ދޭކަމުގައިވާ ނަމަ އެމީހުންގެ ފަރާތުން މިކަންތައް ޤަބޫލުކުރުން ހުއްޓެވެ. އަދި އެހިނދުގައި އެބައިމީހުންނާ ހަނގުރާމަ ކުރުން ޙަރާމްވެގެންވެ އަދި އެބައިމީހުން ލިބިދޭ އަނިޔާ (ދަތި) ތަކުން އެބައިމީހުން އެއްކިބާކޮށްދިނުން ވާޖިބުވެގެންވެ އެވެ.
ޖިޒްޔަ: އެއީ މުސްލިމުންގެ ބިމެއްގައި ކާފަރުންގެ ގޮތުގައި އެބައިމީހުން ދެމިތިބޭތީވެ އެބައިމީހުންގެ އަތުން ކޮންމެ އަހަރަކު އެކަމުގެ ބަދަލުގައި ނެގޭ މިންވަރެކެވެ. ޖިޒްޔަ (ޖަޒާ) ގެ ނަމުން ނަންދެވިފައިވަނީ އެބައިމީހުންނާ ހަނގުރާމަ ކުރުމަށް ނުކުތުމުގެ ބަދަލުގައި އޭގެ ޖަޒާއެއްގެ ގޮތުގައި ދެވޭ އެއްޗެއްގައި ވުމުންނެވެ. މާނައީ ޖިޒްޔަ ދިނުމުގައިވާ އަހުލުވެރިޔާ އޭގެ ސަބަބުން އޭނާއަށް ރައްކައުތެރިކަން ލިބިގެން ދިއުމެވެ.
ޤުރުއާން، ސުންނަތް އަދި އިޖްމާޢުއިން މިއީ ޙުއްދަވެގެންވާ ކަމެއްގެ ގޮތުގައި ދަލީލިކުރެވިގެންވެ އެވެ.
ކީރިތި ޤުރުއާނުގައި މިކަމަށް ދަލީލު ކުރެވޭ ދަލީލުތަކުގެ ތެރޭގައި، ﷲ ގެ ވަޙީބަސްފުޅު ހިމެނެ އެވެ. قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ "ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންނުވާ އަދި ﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމްކުރެއްވި ކަންތައް ޙަރާމް ނުކުރާ އަދި ޙައްޤު ދީނަށް ތަބަޢަނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ. އެއީ އެބައިމީހުން ނިކަމެތިވެ، ދެރަވެގެންވާ ޙާލު އަމިއްލައަތުން ޖިޒިޔަ ދީފުމަށް ދާންދެނެވެ."
ނަބިއްޔާ ﷺ ގެ ސުންނަތުގައި މިކަމަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރޭގައި بُرَيْدَة رضي الله عنه ގެ ރިވާޔަތް ހިމެނެ އެވެ. އެ ޙަދީޘްގައިވެ އެވެ. (وَإِذَا لَقِيْتَ عَدُّوَك مِن المُشْرِكِيْن فَادْعُهُم إِلَى إِحْدَى ثَلاَث خِصَالٍ اُدْعُهمْ إِلَى الإِسْلَامِ فَإِنْ أَجَابُوْكَ فَاقْبَل مِنْهُمْ وَكف عَنْهُم فَإِنْ أَبَوا فَادْعُهُم إِلَى إِعْطَاءِ الجِزْيَةِ فَإِنْ أَجَابُوا فَاقْبَل مِنْهُم وَكف عَنْهُم فَإِنْ أَبَوا فَاسْتَعِنْ بِاللهِ تَعَالَى وَقَاتِلْهُم) "މުޝްރިކުންގެ ތެރެއިން ތިބާގެ ޢަދުއްވުއާ ބައްދަލުވެއްޖެ ނަމަ، ފަހެ ތިން ކަމަކަށް އޭނާއަށް ދަޢުވަތުދޭ ހުއްޓެވެ. (އެންމެ ފުރަތަމަ) އިސްލާމްދީނަށް ވަނުމަށް ދަޢުވަތްދޭ ހުއްޓެވެ. އެކަމަށް އިޖާބަދީފި ނަމަ އެކަން ޤަބޫލުކޮށް އެބައިމީހުންގެ މަތިން އަތްއުފުލުން ހުއްޓެވެ. އެއަށް އިޖާބަނުދީފި ނަމަ އެބައިމީހުންނަށް ޖިޒްޔަ ދިނުމަށް ދަޢުވަތުދޭ ހުއްޓެވެ. އެއަށް އިޖާބަދީފި ނަމަ އެކަން ޤަބޫލުކޮށް އެމީހުންގެ މަތިން އަތްއުފުލުން ހުއްޓެވެ. ފަހެ، އެއަށް އިޖާބަނުދީފި ނަމަ ފަހެ، ﷲ ގެ ހަޟުރަތުން ވާތްގަށް އެދި އެބައިމީހުންނާ ހަނގުރާމަ ކުރުން ހުއްޓެވެ."
މިކަމަށް އޮތް އިޖްމާޢުއަކީ، ފަހެ، އެންމެހައި މުސްލިމުން ޖުމްލަ ގޮތެއްގައި ޖިޒްޔަ ނެގުމަކީ އެއީ ހުއްދަވެގެންވާ ކަމެއްގެ ގޮތުގައި އިޖްމާޢުވެގެންވެ އެވެ.
ޛިއްމަ އަދި ހުދްނަ (އެއްބަސްވުން) ޤާއިމްކުރުން ޞައްޙަވެގެންވާ މީހުން، އަދި އެފަދަ ޛިއްމަ ނުވަތަ ހުދްނަ އެއް ޤާއިމްކޮށްފިހިނދުގައި އެބައިމީހުންގެ މަތިން އަތްއުފުލުން ވާޖިބުވެގެންވާ ކަމުގެ ދަލީލުތަކާއި، އަދި (ހުދްނަ ނުވަތަ ޛިއްމަ) ގައިވާ އަހުލުވެރިންގެ މައްޗަށް ގޯނާކުރާ މުސްލިމުންނާއި ކާފަރުންގެ ކިބައިން އެބައިމީހުން ސަލާމަތްކުރަން ޖެހޭނެކަން ވާޖިބުވެގެންވާ ކަމުގެ ދަލީލުތައް.
އިމާމް ނުވަތަ އިމާމްގެ ނާއިބު ނޫން އެހެން އެއްވެސް ފަރާތަކަށް ހުދްނަ ނުވަތަ ޛިއްމަ ގެ އެއްބަސްވުމެއް ޤާއިމްކުރުން ހުއްދައެއް ނުވާނެ އެވެ.
ابنُ قُدَامَة رحمه الله ވިދާޅުވެފައިވެ އެވެ. "އަދި އިމާމް ނުވަތަ އިމާމްގެ ނާއިބު ނޫން އެހެން އެއްވެސް ފަރާތަކަށް ހުދްނަ ނުވަތަ ޛިއްމަ ގެ އެއްބަސްވުމެއް ޤާއިމްކުރުން ހުއްދައެއް ނުވާނެ އެވެ. މިފަދައިން الشَّافِعِيُّ ވިދާޅުވެފައިވެ އެވެ. އަދި މިކަމުގެ މައްޗަށް އެއްވެސް ޚިލާފެއް އޮތްކަމެއް އަހަރެމެން ނުދަންނަމެވެ."
މިކަމުގެ ދަލީލުތައް:
މިކަންތަކަކީ (މުޢާހަދާތްތައް) އަކީ އިމާމް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީގައި، އަދި މަޞްލަޙަތަށް ބެލުމަށްފަހުގައި އިމާމް ކުރާކަމެކެވެ. އަދި ޛިއްމަ ގެ މުޢާހަދާއަކީ ތާއަބަދަށް ދެމިއޮންނަ އެއްޗެއްގެ ގޮތުގައި ވުމުން، އެކަމުގައި އިމާމްގެ ހުއްދަ އަދި މަޝްވަރާއެއް ނެތި ހުއްދައެއް ނުވާނެ އެވެ.
ޛިއްމަ ގެ މުޢާހަދާއިން އެބައިމީހުންގެ މައްޗަށް މުސްލިމުންގެ ފަރާތުންނާއި އަދި އެނޫން މީސްތަކުންގެ ފަރާތުން ލިބޭ އެންމެހައި ނޭދެވޭ ކަންތަކުން އެބައިމީހުން ސަލާމަތްކޮށްދިނުން ވާޖިބުވެގެންވެ އެވެ. އެކަމުގެ ދަލީލުތަކުގެ ތެރޭގައި :
1. ﷲ ވަޙީކުރައްވާފައިވެ އެވެ. حَتَّىٰ يُعْطُوا الْجِزْيَةَ "ޖިޒިޔަ ދީފުމަށް ދާންދެނެވެ." ފަހެ، އެބައިމީހުން ޖިޒްޔަ ދިނުމުގެ ބަދަލެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އެބައިމީހުންނާ ހަނގުރާމަ ކުރުމުން އެއްކިބާވުމެވެ.
2. މީގެ ކުރީގައި ބަޔާންވެގެންދިޔަ ޙަދީޘްގައިވާ ފަދައިންނެވެ. (فَادْعُهُم إِلَى إِعْطَاءِ الجِزْيَةِ فَإِنْ أَجَابُوا فَاقْبَل مِنْهُم وَكف عَنْهُم) "އެބައިމީހުންނަށް ޖިޒްޔަ ދިނުމަށް ދަޢުވަތުދޭ ހުއްޓެވެ. އެއަށް އިޖާބަދީފި ނަމަ އެކަން ޤަބޫލުކޮށް އެމީހުންގެ މަތިން އަތްއުފުލުން ހުއްޓެވެ."
3. عَبْدُ الله بِن عَمرو رضي الله عنه النَّبِيُّ ﷺ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. النَّبِيُّ ﷺ ޙަދީޘް ކުރެއްވި އެވެ. (مَنْ قَتَلَ نَفْسًا مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا) "މުޢާހަދާއެއްގައިވާ (އެއްބަސްވުމެއްގެ ދަށުގައި) ވާ ނަފްސެއް ޤަތުލުކޮށްފި މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުދުވާ ހުއްޓެވެ. ހަމަކަށަވަރުން ސުވަރުގޭގެ ވަސް އޭނާއަށް ލިބުމާ ދެމެދުގައި ސާޅިސް އަހަރުގެ މުއްދަތުވެ އެވެ."
މި ޙަދީޘްގެ މައްޗަށް الإِمَامُ البُخَارِي ބާބު ބަނދެފައިވަނީ މިފަދައިންނެވެ. "ޙައްޤަކާއި ނުލައި ޛިއްމަތްގައި ވާ މީހަކު ޤަޔުލުކޮށްފިމީހާގެ ޙުކުމް"
الحَافِظُ ابن حَجَر رحمه الله ވިދާޅުވެފައިވެ އެވެ. "ޙަދީޘްގައިވާ ލަފްޟު (مَنْ قَتَلَ نَفْسًا مُعَاهَدًا) "މުޢާހަދާއެއްގައިވާ (އެއްބަސްވުމެއްގެ ދަށުގައި) ވާ ނަފްސެއް ޤަތުލުކޮށްފި މީހަކަށް" މިފަދައިން ޛިއްމަތްގައި ވާމީހާއަށް ބާބު ބަނދެފައި، މުޢާހިދެއްގައިވާ މިހާގެ ޙަދީޘް ގެނެސްދެއްވާފައިވެ އެވެ. އަދި ޖިޒްޔައިގެ ބާބުގައި، ޙަދީޘްގައިވާ ލަފްޟު (مَنْ قَتَلَ مُعَاهَدًا) "މުޢާހަދާއެއްގައިވާ (އެއްބަސްވުމެއްގެ ދަށުގައި) ވާ މީހަކު ޤަތުލުކޮށްފި މީހަކަށް" މިފަދައިން ގެނެސްދެއްވާފައިވެ އެވެ. މީގެ މުރާދަކީ މުސްލިމުންގެ ފަރާތުން ޢަހުދެއް ލިބިގެންވާ ކޮންމެ މީހެކެވެ. އެ ޢަހުދަކީ މުސްލިމުންގެ ވެރިޔާ ޖިޒްޔަ ނުވަތަ ހުދްނަ ގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާ އެންމެހައި ކާފަރުންނެވެ. ނުވަތަ މުސްލިމުންގެ ތެރެއިން މީހަކު ކާފަރުންގެ ތެރެއިންވާ މީހަކަށް އަމާންކަން ދީފައިވުމެވެ.
ދެވަނައީ: ހަނގުރާމަ ކުރެވޭ ފާރާތަކީ ފަރާތަކީ މުޢާހަދާއެއްގައިވާ ފަރާތެއް ގޮތުގައި ނުވުން.
މާނައީ މުސްލިމުންގެ ވެރިޔާ އެބަޔަކާ އެކުގައި "ހުދްނަ" ގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާ ބައެއްކަމުގައި ނުވުމެވެ.
ހުދްނަ އަކީ : އެބައެއްގެ ބިމުގައި ދެމިތިބި ހަނގުރާމަ ކުރުމުގައިވާ އަހުލުވެރިންތަކަކާ އެކު އެބައިމީހުންނަށް ބަދަލުގައި އެއްޗެއް ދިނުމަށްފަހު ނުވަތަ ބަދަލުގައި އެއްޗެއް ނުދީ ހަނގުރާމަކުރުން ދޫކޮށްދެމިތިބުމަށް އެބައިމީހުންނާ އެކު ވެވޭ ޞުލްޙައިގެ އެއްބަސްވުމެކެވެ. އަދި މިކަމަށް މުހާދަނާ، މުވާދަޢާ އަދި މުޢާހަދާއޭ ބުނެވެ އެވެ.
ހަތަރު ޝަރުތަކާ އެކުގައި "ހުދްނަ" ހުއްދަވާނެ އެވެ.
1. އެ އެއްބަސްވުމަކީ މުސްލިމުންގެ ވެރިޔާ ނުވަތަ ވެރިޔާގެ ނައިބު ކޮށްފައިވާ އެއްބަސްވުމަކަށް ވުން.
2. މުސްލިމުން އެކަމަށް ޙާޖަތް ޖެހިފައިވުން. އަދި އެއީ އޭގެ ސަބަބުން މުސްލިމުންނަށް މަޞްލަޙަތު ހުރި ކަމެއްގެ ގޮތުގައިވުމެވެ. އެގޮތުން މުސްލިމުން އެބައިމީހުންގެ ޢަދަދުގެ ގޮތުން މަދުބައެއްގެ ގޮތުގައި ވުމާއި ނުވަތަ މުދަލުގެ ގޮތުން ބަލިކަށި ބައެއްގެ ގޮތުގައި ވުމާއި ނުވަތަ ޢަދުއްވުން ދެމިތިބި ހިސާބަކީ ނުހަނު ދުރު ހިސާބެއްގެ ގޮތުގައިވުމާއި ނުވަތަ އެބައިމީހުން އިސްލާމްދީން ޤަބޫލުކޮށްފާނެ ކަމުގެ އުއްމީދު ބޮޑުވުން ނުވަތަ އެބައިމީހުން ޖިޒްޔަދީގެން ތިބުމަށް ޤަބޫލުވުން ނުވަތަ އެބައިމީހުން އެހެންމީހުންނަށް ހަނގުރާމަކުރުމަށް އެހީތެރިވުން ނުވަތަ މީނޫންވެސް މުސްލިމުންނަށް އެބައިމީހުންނާ ޞުލްޙައެއް ޤާއިމްކުރުމުން ލިބޭ މަޞްލަޙަތު ބޮޑުވެ އެފަދަ ޞުލްޙައެއް ޤާއިމްކުރުމެވެ. ފަހެ، މިޙާލަތުގައި މުސްލިމުންގެ ވެރިޔާއަށް ޞުލްޙައެއް، ހުދްނަ އެއް މުސްލިމުން އެބަޔަކާ އެކުގައި އެފަދަ އެއްބަސްވުމެއްގެ ސަބަބުން މަޞްލަޙަތު ހުރި ބަޔަކާ ޞުލްޙަ ޤާއިމްކުރުން ހުއްދަވެގެންވެ އެވެ.
3. (އެފަދަ އެއްބަސް ވުމެއްގައި) ފާސިދު ޝަރުޠުތަކެއް އެކުލެވިފައި ނުވުން، މިޘާލަކަށް މުސްލިމުން އެބައިމީހުންގެ އަތްމައްޗަށް ދޫކޮށްލުން ނުވަތަ އެއްވެސް ބިރުވެތިކަމެއް ނެތްގޮތުގައި މުދާތައް ހޭދަކުރުން ފަދަ ކަންކަމެވެ.
4. މުސްލިމްވެރިޔާގެ އިޖްތިހާދުން އެފަދަ (ޞުލްހައެއް ޤާއިމްކުރުމަށް) ފެންނަ މުއްދަތައްވުރެ ދިގު މުއްދަތަކަށް ޞުލްޙަ ޤާއިމް ނުކުރުން.
ހަމަކަށަވަރުން ފިޤުހީ ޢިލްމުވެރިން އަބަދުގެ އަބަދަށް މުސްލިމުންނާއި ކާފަރުންނާ ދެމެދުގައި ހުދްނަ އެއް ޤާއިމްކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫންކަމުގައި އިއްތިފާޤުވެ ވަޑައިގެންވެ އެވެ. ސަބަބަކީ އެހިނދު އެކަމަކީ އިސްލާމްދީނުގައި ޝަރުޢު ކުރެވިފައިވާ ޖިހާދު އެކުއެކީގައި ނައްތާލެވޭނެ ކަމެއްގެ ގޮތުގައިވުމެވެ.
ފިޤުހީ ޢިލްމުވެރިން ކަނޑައެޅިގެންވާ ވަކިމުއްދަތަކަށް ހުދްނަ ގެ ޞުލްޙައެއް ޤާއިމްކުރުން ހުއްދަވެގެންވާ ކަމުގައި އިއްތިފާޤުވެ ވަޑައިގެންފައިވެ އެވެ. އަދި މުޠްލަޤުކޮށް ޤާއިމްކޮށްފައިވާ ހުދްނައިގެ ޞުލްޙައާ މެދުގައި ޚިލާފްވެވަޑައިގެންފައިވެ އެވެ. މާނައަކީ މުސްލިމުން ކާފަރުންނާ އެކުގައި ޞުލްޙައެއް ދާއިމަށް ޤާއިމް ކުރުމެވެ. އެއާ އެކުގައި އެބައިމީހުންގެ ނިޔަތުގައިވަނީ މުސްލިމުންނަށް އެއިރެއްގައި ބާރުވެރިކަން ލިބުމާއެކުގައި ކާފަރުންނަށް އެންގުމަށް ފަހުގައި ޞުލްޙަ އުވާލުމެވެ.
މިކަމުގައި ޚިލާފް އުފެދިފައިވާ ސަބަބު الإِمَامُ ابن القَيِّم رحمه الله ވިދާޅުވެފައިވެ އެވެ. "މުޠްލަޤުކޮށް ހުދްނަ ގެ އެއްބަސްވުމެއް ޤާއިމްކުރުން ހުއްދަނުކުރި ޢިލްމުވެރިންނަށް ވިސްނިވަޑައިގެންފައިވަނީ އެއިން ލާޒިމްކުރަނީ ދާއިމަށް "ޛިއްމަ" ގެ ޢަހުދު ފަދައިން އޮންނަން ޖެހޭނެ ކަމުގަ އެވެ. ފަހެ، އެހިނދުގައި ހުއްދަވެގެންނުވާނެ ކަމަށް އިއްތިފާޤުވެ ވަޑައިގެންވެ އެވެ. ހުދްނާގެ ޢަހުދަކީ ލާޒިމް އެއްޗަކަށް ވުމަށްޓަކައި އޭގެ ވަޤުތު ކަނޑައަޅަން ޖެހެ އެވ. އެއީ ﷲ ޢަހުދުތަކަށް ވަފާތެރިވުމަށާއި ޢަހުދުތަކަށް ޚިޔާނާތްތެރި ނުވުމަށް އަމުރުކުރައްވާފައިވުމުންނެވެ. އަދި ޢަހުދަކީ ލާޒިމް ޢަހުދަކަށް ވެގެންމެނުވީ އެއަށް ވަފާތެރިވާކަށެއް ނުޖެހެ އެވެ."
الإِمَامُ ابن القَيِّم رحمه الله ވިދާޅުވެފައިވެ އެވެ. "ދެވަނަ ޤައުލަކީ : -މާނައީ ދާއިމަށް އޮންނަ ގޮތުގައި ޢަހުދެއް ޤާއިމްކުރުން- މިކަމުގައިވާ އެންމެ ހެޔޮގޮތަކީ ޢަހުދުތައް މުތްލަޤުކޮށް އަދި ކަނޑައެޅިގެންވާ ވަކި މުއްދަތަށް ވެސް ޤާއިމްކުރެވުމެވެ. ފަހެ އެ ޢަހުދަކީ ވަކި މުއްދަތަކަށް ކަނޑައެޅިގެންވާ އެއްޗެއްގެ ގޮތުގައި ޤާއިމްކުރެވިއްޖެ ހިނދުގައި އެއީ ލާޒިމްކުރެވިފައިވާ އެއްޗެއްގެ ގޮތުގައި ކަނޑައެޅުން ހުއްދަވެގެންވެ އެވެ. އެ ޢަހުދަކީ (ނައްތާލުން ހުއްދަކުރެވިފައިވާ) ގޮތުގައި ޤާއިމްކުރެވިފައިވާ އެއްބަސްވުމެއް ކަމުގައި ވީހިނދުގައި ދެ ކުންފުންޏެއް، ޙަވާލުކުރެވިފައިވާ ދެފަރާތެއް ނުވަތަ ދެމީހެއްގެ މެދުގައިވާ މިފަދަ އެއްބަސްވުން އެބައިމީހުން ބޭނުވެއްޖެ ހިނދެއްގައި އެ އެއްބަސްވުން ނައްތާލެވިދާނެ އެވެ. މިގޮތަށް ނައްތާލުން ޝަރުޠަކާ އެކުގައި ހުއްދަވެގެންވެ އެވެ. އެއީ ދެފަރާތައް ހަމަހަމަވާގޮތުގެ މަތިން އެކަން ކުރެވޭނެކަމުގައި ވާނަމަ އެވެ. މުޠްލަޤުކޮށް (އަބަދުގެ އަބަދަށް) ޢަހުދު ޤާއިމްކުރުން ހުއްދަވެގެންވެ އެވެ. އެ އެއްބަސްވުން ޤާއިމްކޮށްފައިވަނީ ދާއިމަށް ކަމުގައިވާ ނަމަ، އެއީ ތާއަބަދަށް އޮތް އެއްބަސްވުމެއްގެ ގޮތުގައިވުން ލާޒިމްވެގެނެއްނުވެ އެވެ. އެހެނަސް ބޭނުންވެއްޖެ ހިނދެއްގައި އެ އެއްބަސްވުން އުވާލެވިދާނެ އެވެ. އެހެނީ ޢަހުދުތައް ޤާއިމް ކުރުމުގެ އަޞްލަކީ ކޮންމެ ސިފައެއްގައިވީ ނަމަވެސް އެއިން މަޞްލަޙަތު އޮތުމެވެ. ބައެއްފަހަރު މިގޮތުގައި އަދި އަނެއްބައިފަހަރު އެހެން ގޮތަކަށް މަޞްލަޙަތު އޮވެދާނެ އެވެ. ޢަހްދު ޤާއިމްކުރާ ފަރާތަށް އެ ޢަޙުދު ދެފަރާތް ތާއަބަދަށް ލާޒިމްކުރާ ގޮތުގައި ޢަހްދު ކުރެވިދާނެ އެވެ. އަދި އެ ޢަހްދު ޝަރުޢީގޮތުން މަނާކުރާނެ ސަބަބެއްނެތް ކަމުގައި ވާނަމަ، އެ ޢަހްދު ޤާއިމްކުރާ ފަރާތަށް ޢަޙްދު އުވާލުން ހުއްދަވެގެންވާ ގޮތަށް ޢަހްދު ކުރެވިދާނެ އެވެ. އަދި މަނާކުރާ ކަމެއް ނެތި އެހެނަސް (އުވާލުން) އެއީ އެންމެ މަޞްލަޙަތު އެކަމުގައި އޮތްގޮތް ކަމުގައި ވެދާނެ އެވެ. ފަހެ، އެ ޢަހްދެއް ކުރެވިފައިވަނީ ނުހަނު ދިގުވެގެންވާ މުއްދަތެއްގެ މައްޗަށްވުމުން، ފަހަރެއްގައި އެ މުއްދަތް ނިމިދިޔުމުގެ ކުރިން މުސްލިމުން އެބައިމީހުންނާ ހަނގުރާމަކުރުން އެއީ އެންމެ މަޞްލަޙަތު އޮތްގޮތް ކަމުގައި ވެދާނެ އެވެ. އެހެންވުމުން، އެކަމަށް ޤުރުއާން އަދި ސުންނަތުން ދަލީލު ކުރެވިފައިވާ ކަމުގައިވާ ނަމަ އެކަމުގައިވާނީ ކިހިނެތްތޯ އެވެ. ޢާންމުކޮށް النَّبِيُّ ﷺ މުޝްރިކުންނާ އެކުގައި ޤާއިމްކުރެއްވި އެންމެހައި ޢަހުދުތަކަކީ ވަކިމުއްދަތެއް ކަނޑަނުއަޅުއްވާ ދާއިމަށްް ޤާއިމްކުރެއްވި ޢަހުދުތަކެކެވެ..."
شَيْخُ الإِسْلاَمُ اِبن تَيْمِيَّة رحمه الله ވިދާޅުވެފައިވެ އެވެ. "ޢަހުދުތައް މުޠްލަޤުކޮށް އަދި ވަކިމުއްދަތަކަށް ކަނޑައެޅުން ހުއްދަވެގެންވެ އެވެ. ކަނޑައެޅިގެންވާ ވަކިމުއްދަތަކަށް ޤާއިމްކޮށްފައިވާ ޢަހުދުތަކަށް ޢަދުއްވުން އެއާއި ދެކޮޅުވެރިނުވާ ހިނދެއްގައި ދެފަރާތުން އެ ޢަހުދަށް ވަފާތެރިވުން ވާޖިބުވެގެންވެ އެވެ. އެމީހުން އެ ޢަހުދަށް ޚިޔާނާތްތެރިވެދާނެ ކަމަށް ހީވާ މުޖައްރަދު ހީވުމެއްގެ މައްޗަށް އެއްބަސްވުން އުވާލުމާ މެދުގައި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަސްފުޅަކީ، ޢަހުދު އުވާލައިގެން ނުވާނެ އެވެ. އަދި މުޠްލަޤުކޮށް ކޮށްފައިވާ ޢަހުދަކީ އޭގެ މަޞްލަޙަތަށް ބެލުމަށްފަހު އިމާމް އެގޮތުގައި ޢަމަލުކުރުން ހުއްދަވެގެންވާ ކަމެކެވެ."
ޙުދައިބިއްޔާގެ ޙާދިޘާ ޛިކުރު ކުރެއްވުމަށްފަހު، އެއަށްފަހުގައި ابن القَيِّم رحمه الله ވިދާޅުވެފައިވެ އެވެ. "މި ޙާދިޘާއިން މުޠްލަޤުކޮށް މުއްދަތެއް ކަނޑަނާޅައި ހުދްނަ ގެ ޢަހުދެއް ޤާއިމްކުރުން ހުއްދަވެގެންވާ ކަމުގައި ދަލީލު ކުރެވެ އެވެ. އަދި އެގޮތުން އިމާމްއަށް ފެންނަ މުއްދަތަކަށް އެފަދަ ޢަހުދެއް ޤާއިމްކުރެވިދާނެ އެވެ. އަދި އެކަން މަންސޫޚު ކުރުމަށް އެއަށްފަހުގައި އެއްވެސް ދަލީލެއް ވާރިދުވެގެން ނުވެ އެވެ. ފަހެ، މިކަމުގައިވާ ޞައްޙަގޮތަކީ އެކަން ހުއްދަވެ އަދި ޞައްޙަވުމެވެ. އެހެނަސް އެބައިމީހުންނަށް ހަމަހަމަވެގެންވާ ގޮތުގައި ބަޔާންކޮށްފުމަށް ދާންދެން އެބައިމީހުންގެ މައްޗަށް ހަނގުރާމަކުރުމަށް އަވަސްވެ ގަނެގެން ނުވާނެ އެވެ. އެއީ އެބައިމީހުން އެކަމަށް ތައްޔާރުވުމަށްޓަކައި އެވެ. އަދި އެހިނދުގައި އޭނާގެ ނިޔަތަކީ ޢަހުދު އުވާލުމެވެ."
އެކަމުގައި މަޞްލަޙަތު އެކުލެވިގެންވާކަން ވެރިޔާއަށް ފެނިއްޖެ ހިނދުގައި ހުދްނަގެ ޢަހުދެއް ޤާއިމްކުރުން ހުއްދަވެގެންވާކަން ބަޔާންވެގެންވާ ދަލީލުތައް
1. ﷲ ވަޙީކުރައްވާފައިވެ އެވެ. وَإِنْ جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ "އަދި ޞުލްޙައިގެ ފަރާތަށް އެބައިމީހުން ލެނބިލައިފިނަމަ، ނަބިއްޔާ ވެސް (އެގޮތް ޤަބޫލުކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ. އަދި ﷲ އަށް ވަކީލު ކުރައްވާށެވެ."
الإِمَامُ ابْن كَثِيْر رحمه الله ބަރާ ޞޫރަތުގެ އަންނަނިވި އާޔަތް ގެނެސްދެއްވުމަށް ފަހުގައި قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ "ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންނުވާާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ." މި އާޔަތްވަނީ وَإِنْ جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ "އަދި ޞުލްޙައިގެ ފަރާތަށް އެބައިމީހުން ލެނބިލައިފި ނަމަ، ނަބިއްޔާ ވެސް (އެގޮތް ޤަބޫލުކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ." މި އާޔަތުގެ ސަބަބުން މަންސޫޚު ކުރެވިފައިވާ ކަމުގައި ބުނެވޭ ބުނުމާ މެދުގައި ވިދާޅުވެފައިވެ އެވެ.
"މިކަމަށް (މިފަދައިން ބުނާ ބުނުމާ މެދުގައި) ބަލައިލުން ހުއްޓެވެ. ސަބަބަކީ ބަރާ ސޫރަތުގެ އާޔަތުން ދަލީލުކޮށްދެނީ ހަނގުރާމަކުރުމަށް ކެރިކުޅަދާނަވެގެންވާ ޙާލަތުގައި ހަނގުރާމަކުރުމެވެ. މި މަތިވެރިވެގެންވާ އާޔަތުން ދަލީލު ކުރެވޭ ފަދައިން، އެހެނަސް ކާފަރުންގެ ޢަދަދު ނުހަނު ގިނަ ކަމުގައިވެއްޖެ ހިނދުގައި އެބައިމީހުންނާ އެކުގައި ހުދްނަ އެއް ޤާއިމްކުރުން ހުއްޓެވެ. އެއީ النَّبِيُّ ﷺ ޙުދައިބިއްޔާގައި ޢަމަލުފުޅު ކުރެއްވި ފަދައިންނެވެ. ފަހެ، އެއްވެސް ދެކޮޅުވެރިކަމެއް، އަދި މަންސޫޚުވެ ދިއުމެއް އަދި ޚާއްޞަވެގެންވާ މާނައެއް އެހިނދުގައި ނުވެ އެވެ. وَاللهُ أَعْلَم"
2. البَراء بن عَازِب رحمه الله ވިދާޅުވެފައިވެ އެވެ. "النَّبِيُّ ﷺ ޙުދައިބިއްޔާގައި މުޝްރިކުންނާ އެކު ތިން ކަމެއްގެ މައްޗަށް ޞުލްޙަ ޤާއިމްކުރެއްވި އެވެ. މުޝްރިކުންގެ ތެރެއިން މުސްލިމުންގެ ތެރެއަށް މީހަކު އަތުވެއްޖެ ނަމަ އެމީހަކު ރައްދު ކުރުމެވެ. އަދި މުސްލިމުންގެ ތެރެއިން މުޝްރިކުންގެ ތެރެއަށް ދާ މީހަކު އަނބުރާ ރައްދު ނުކުރުމަށެވެ. އަދި އަންނަ އަހަރުގައި (މިފަހަރު މައްކާއަށް ނުވަދެ) މައްކާއަށް ތިންދުވަހުގެ މުއްދަތަށް ވަނުމެވެ. އަދި މައްކާއަށް ވަންނައިރު ހަތިޔާރުގެ ގޮތުގައި ހަމައެކަނި ގެންދެވޭނީ ކަނޑި އާއި ދުނިދަނޑި އެވެ. ފަހެ (އެއްބަސްވުން ލިޔެ ނިމުނުތަނާހެން) أَبُو جَنْدَل ނަބިއްޔާ ﷺ އަރިއަހަށް (މައްކާއިން ނިކުމެގެން) އައެވެ. އެހިނދު ނަބިއްޔާ ﷺ އޭނާ މުޝްރިކުންނަށް ރައްދު ކުރެއްވި އެވެ."
3. سَهْلُ بِن أَبِيْ حشْمَة ވިދާޅުވި އެވެ. "عَبْدُ الله بِن سَهْل އަދި مَحِيْصَة بِن مَسْعُودٍ ޚައިބަރަށް ވަޑައިގެންނެވި އެވެ. އެ ދުވަސްތަކުގައި އެބައިމީހުންވަނީ ޞުލްޙައެއްގެ މަތީގަ އެވެ."
މި ޙަދީޘްއިން ލިބިގެންދާ ފިލާވަޅަކީ ޙަދީޘްގެ މި ލަފްޟެވެ. "އެ ދުވަސްތަކުގައި އެބައިމީހުންވަނީ ޞުލްޙައެއްގެ މަތީގަ އެވެ." މިތަނުގެ މުރާދަކީ، ޔަހޫދިންނާއި މުސްލިމުންނާ ދެމެދުގައި ޞުލްޙައެއް ޤާއިމްކޮށްފައި ވުމެވެ.
ފަހެ، ޙަދީޘްއިން ބަޔާންވެގެންދާ ދަލީލަކީ އެކަމަށް ބޭނުންވާ ޙާޖަތެއް މެދުވެރިވެއްޖެ ހިނދުގައި މުޝްރިކުންނާ އެކު ޞުލްޙައެއް (އެއްބަސްވުމެއް) ޤާއިމްކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ.
މުސްލިމުންގެ ވެރިޔާ މުޢާހަދާއެއް (އެއްބަސްވުމެއް) ޤާއިމްކުރުމުން އެއަށް ވަފާތެރިވުން ވާޖިބުވެގެންވާ ކަމުގެ ދަލީލުތައް އަދި ހަމަކަށަވަރުން މުސްލިމުންނަށް މުޢާހަދާ ކުރެވުނު މުސްލިމުން އަދި ޛިއްމީން ޙިމާޔަތް ކުރުމުގައި ދެމިތިބެންޖެހޭނެ ކަމުގެ ދަލީލުތައް.
މުސްލިމުންގެ އިމާމް (ވެރިޔާ) ހުދްނަ އެއް ޤާއިމްކޮށްފި ހިނދުގައި، ﷲ ގެ ވަޙީބަސްފުޅުގައި އަންގަވާފައިވާ ފަދައިން އެއަށް ވަފާތެރިވުން ލާޒިމްވެގެންވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا أَوْفُوا بِالْعُقُودِ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަޤްދުތައް ފުއްދާށެވެ."
އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَى مُدَّتِهِمْ "ފަހެ، ތިޔަބައިމީހުން އެބައިމީހުންގެ މުއްދަތު ހަމަވަންދެން އެބައިމީހުންގެ ޢަހުދު ފުރިހަމަކުރާށެވެ."
އަދި ސަބަބަކީ އެ ނުފުއްދައިފި ނަމަ، އޭގައިވާ މުއްދަތަށް އެ (އެއްބަސްވުން) ދެމިއެއް ނޯންނާނެ އެވެ. އަދި އެހިނދުގައި އޭގައިވާ މުއްދަތަށް ދެމިއޮތުން ބޭނުންޖެހިފައި އޮވެދާނެ އެވެ.
އަދި ﷲ ގެ ވަޙީބަސްފުޅުގައިވާ ފަދައިން އެ އެއްބަސްވުން އުވާލައިފި ނަމަ ހަނގުރާމަކުރުން ހުއްދަވާނެ އެވެ. وَإِنْ نَكَثُوا أَيْمَانَهُمْ مِنْ بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ إِنَّهُمْ لا أَيْمَانَ لَهُمْ لَعَلَّهُمْ يَنْتَهُونَ "އަދި އެބައިމީހުން ޢަހުދު ކުރުމަށް ފަހު، އެބައިމީހުންގެ ހުވާތައް އުވާލައި އަދި ތިޔަބައިމީހުންގެ ދީނަށް ޢައިބު ބަސް ބުނެއުޅެނީ ނަމަ، ތިޔަބައިމީހުން ކާފަރުންގެ ބޮޑުންނާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން ހުވަޔަކީ އެބައިމީހުންނަށް އެއްވެސް އެއްޗެއް ނޫނެވެ. (ހަނގުރާމަ ކުރަންވީ) އެބައިމީހުން އެކަންތައް ހުއްޓާލާތޯ އެވެ."
އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ "އެބައިމީހުން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު ތިޔަބައިމީހުން ވެސް އެބައިމީހުންނަށް ސީދާވާށެވެ."
އަދި ﷲ ގެ ވަޙީބަސްފުޅުގައި ބަޔާންވެގެންވާ ފަދައިން މުސްލިމުންގެ ވެރިޔާއަށް އެބައިމީހުން އެއްބަސްވުމާ ޚިލާފްވެދާނެ ކަމަށް ބިރުހީވާނަމަ، އެއްބަސްވުމުގެ މުއްދަތު ނިމުނުކަން އެބައިމީހުންނަށް ހަނގުރާމަ ކުރުމުގެ ކުރިން އިޢުލާނުކޮށް އެންގުންހުއްޓެވެ. وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ "ބަޔަކުމީހުންގެ ފަރާތުން ޚިޔާނާތްތެރިކަމެއް އަތުވެދާނެކަމަށް ނަބިއްޔާ ބިރުފުޅުގަންނަ ނަމަ (އެބަޔަކާ އެކު ކުރައްވާފައިވާ މުޢާހަދާއެއް) އެބައެއްގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ. ހަމަހަމަވާ ގޮތުގެ މަތިންނެވެ. ހަމަކަށަވަރުން ޚިޔާނާތްތެރިން ދެކެ ﷲ ލޯބިވެވޮޑިއެއް ނުގަންނަވަ އެވެ."
މާނައަކީ، އެއްބަސްވުން އުވާލެވިއްޖެކަން އެބައިމީހުންނަށް އަންގާށެވެ. އެއީ ނަބިއްޔާއާއި އެބައިމީހުން އެއްފަދައަށް (އެއްހަމައަކަށް) އައުމަށްޓަކަ އެވެ.
މުސްލިމުންގެ އިމާމް (ވެރިޔާ) ހުދްނަ އެއް ޤާއިމްކޮށްފި ހިނދުގައި، އެ (ހުދްނަ ޤާއިމްކުރެވުނު) މީސްތަކުންގެ ތެރޭގައިވާ މުސްލިމުންނާއި ޛިއްމީން ހިމާޔަތްކުރުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ އެ ވެރިޔާ އެހިނދުގައި އެވަނީ އޭނާގެ އަތްދަށުގައިވާ އެންމެހައި މީސްތަކުންގެ ފަރާތުން އެބައިމީހުންނަށް އަމާންކަން ދީފަ އެވެ. އެ (ހުދްނަ ޤާއިމްކުރެވުނު) މީސްތަކުންގެ ތެރޭގައިވާ މީހުން ވެރިޔާގެ އަތްދަށުގައިވާ އެންމެހައި މީސްތަކުންގެ މައްޗަށް އަމާންކަން ލިބިދީފައިވާ ފަދައިންނެވެ.
އިސްވެ ބަޔާންކުރެވުނު ޙަދީޘްގައިވާ ފަދައިންނެވެ. (مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ) "މުޢާހަދާއެއްގައިވާ (އެއްބަސްވުމެއްގެ ތެރޭގައި) ވާ ނަފްސެއް ޤަތުލުކޮށްފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުދުވާ ހުއްޓެވެ."
ޖިހާދުއް ދަޢުވަތް އަދި ޖިހާދުއް ޠަލަބްގައިވާ ޢަދުއްވުންގެ މައްޗަށް ހުދްނަ އަދި ޞުލްޙަ ޤާއިމްކުރުމުގެ ޙުކުމްވަނީ އެއީ ހުއްދަކަމެއްގެ ގޮތުގަ އެވެ. ހަމައެފަދައިން ޖިހާދުއް ދިފާޢުގައިވެސްމެ އެވެ.
ފަހެ، ހަމަކަށަވަރުން އެބިމަކަށް ޢަދުއްވުން އެބައިމީހުންގެ އާރާއި ބާރުގެ ސަބަބުން ވެރިވެގަތުމަށް ކުޅަދާނަވެ، އެބިމުގައިވާ މުސްލިމުންނަށް އެބައިމީހުންގެ މައްޗަށް ފާޅުވެގެންވާ ޢަދުއްވުން ނެރެލުމުގެ ކުޅަދާނަކަން ނެތިއްޖެ ހިނދުގައި، މުސްލިމުންގެ ލޭ އޮހޮރިގެން ދިއުމުން ސަލާމަތްވުމަށްޓަކައި ޢަދުއްވުންނާ އެކުގައި ޞުލްޙައެއް، ހުދްނަ އެއް ޤާއިމްކުރުން ހުއްޓެވެ. އެއީ މުސްލިމުން އެބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާ ނުލުމަށެވެ. އެކަމުގެ މިޘާލަކީ މުސްލިމުންގެ އަތުން މައްކާގައިި ކާފަރުން، ﷲ ވަޙީކުރައްވާފައިވާ ފަދައިން އެބައިމީީހުންގެ ގެދޮރު ފޭރިގަނެފައިވީ ޙާލުގައި رَسُوْلُ الله ﷺ މައްކާގެ އަހުލުވެރިންނާ އެކުގައި ޞުލްޙައެއް، ހުދްނަ އެއް ޤާއިމްކުރެއްވި އެވެ. لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلا مِنَ اللَّهِ وَرِضْوَانًا وَيَنْصُرُونَ اللَّهَ وَرَسُولَهُ أُولَئِكَ هُمُ الصَّادِقُونَ "އެބައިމީހުންގެ ގެދޮރުންނާއި އެބައިމީހުންގެ މުދަލުން ނެރެލާފައިވާ ފަޤީރު މުހާޖިރުންނަށް ޙައްޤެއްވެ އެވެ. އެބައިމީހުންނަކީ ﷲ ގެ ޙަޟުރަތުން ފަޟްލުވަންތަވެރިކަމާއި ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ނަޞްރުދޭ މީހުންނެވެ. އެބައިމީހުންނީ ހަމަ ތެދުވެރިންނެވެ."
الشَّيْخُ العَلاَّمَة عَبْدُ العَزِيْز بِن بَاز رحمه الله ވިދާޅުވެފައިވެ އެވެ. "މި ކަންތައްތަކާ އެކު ހިޖުރައިން ހަވަނަ އަހަރުގައި ޙުދައިބިއްޔާގައި ޤުރައިޝުންނާ އެކުގައި النَّبِيُّ ﷺ ޞުލްޙައެއް ޤާއިމްކުޅަ އެވެ. ޤުރައިޝުން މުހާޖިރުންގެ މައްޗަށް ކޮށްފައިވާ އަނިޔާވެރިކަމާއި، މުހާޖިރުން އެބައިމީހުންގެ މުދަލާއި ގެދޮރުން ނެރެލުމަކީ މި ޞުލްޙަ ޤާއިމްކުރުން މަނާކުރާނެ ކަމެއްގެ ގޮތުގައި ނުވެ އެވެ. ނަބިއްޔާ ﷺ ބައްލަވާފައިވަނީ މުހާޖިރުންނަށާއި އެހެނިހެން އެންމެހައި މުސްލިމުންނަށް މިކަމުގެ ސަބަބުން ލިބިދޭނެ މަޞްލަޙަތަށެވެ. އަދި އިސްލާމްދީނަށް ވަނުމަށް އެދޭމީހުންނަށް އޮތް އެންމެ ހެޔޮގޮތްކަމުގަ އެވެ."
*****
މިފަދައިން ޤުރުއާނާއި ސުންނަތުގެ ދަލީލުތައްވީ އިރު، "ސަލަފް" ކަމުގައި ދަޢުވާ ކުރާ ޚަލަފް އިޚްވާނީ ޖަމްޢިއްޔާގެ ބޮޑުން، ޝޭޚުން ޓެރަރިޒަމްގެ މި ޢަމަލަށް ހިތްވަރުދޭ ގޮތް ވިސްނާލުން ހުއްޓެވެ!