ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 01 - الإمام عبد الرحمن بن عمرو الأوزاعي رحمه الله

ފުރަތަމަ ބައި: الإمام عبد الرحمن بن عمرو الأوزاعي – رحمه الله - ގެ ބަސްފުޅު
ހަމަކަށަވަރުން، ސަލަފުއް ޞާލިޙުން ވަނީ މި މަތިވެރިވެގެންވާ އަޞްލު، އެބަހީ: ބިދުޢަވެރިން ހަޖުރުކުރުމަށް، ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައެވެ. އެބޭކަލުން އެއަޞްލަށް ވަރަށްބޮޑު ޢިނާޔަތްތެރިކަމެއް ދެއްވިއެވެ. ފަހެ، އެބޭކަލުންގެ ސީރަތް ފުރިފައިވަނީ ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމާއި، އެބައިމީހުން ދެރަކުރުމާއި ނިކަމެތި ކުރުމުގެ މައްޗަށެވެ. ފަހެ، މި ސިލްސިލާ ލިޔުންތަކުގައި - ﷲ تعالى ގެ އިޛުނަފުޅާއެކު – މި ގެނެސްދެނީ ޢިލްމުގެ އަހުލުވެރިންނާއި، ސަލަފުންގެ އިމާމުންގެ ތެރެއިން، ބިދުޢައިގެ އަހުލުވެރިން ހަޖުރުކޮށް އެބައިމީހުންނާ ގުޅުން ކަނޑާލުމުގެ މައްޗަށް އިޖުމާޢު ޛިކުރުކުރަށްވާފައިވާ ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. މި ލިޔުންތައް ތައްޔާރުކުރުމުގައި އަޞްލެއް ކަމުގައި ބަލާފައިވަނީ الشّيخ خالد بن ضحوي الظَّفيري – حفظه الله - ލިޔުއްވާފައިވާ إجماع العلماء على الهجر والتحذير من أهل الأهواء މި ފޮތެވެ. އަދި މިނޫން މަޞްދަރުތަކަށްވެސް ބަލާފައި ވާނެއެވެ.
އަހަރެންގެ އަޚާއެވެ! އިޖްމާޢު އަކީ އެއާއި ޚިލާފްވުން ޙާރާމްވެގެންވާ ޝަރުޢީ ޙުއްޖަތެކެވެ. ﷲ تعالى ވަޙީ ކުރަށްވާފައިވެއެވެ.
ފަހެ، ޢިލްމުވެރިންގެ އިޖުމާޢު ޛިކުރުކުރެވުމަށްފަހު، އެއާ ޚިލާފްވާ މީހުންގެ ތެރެއިން ތިބާ ނުވާށެވެ! އަދި ބިދުޢަވެރިންނާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކޮށް ގުޅުން ކަނޑާލުމަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން އަޞްލެއް ނޫންކަމުގައި ބުނާ މީހުންނާ މެދު ސަމާލުވެ ހުންނާށެވެ!
މި ސިލްސިލާގެ ފުރަތަމަ ބައިގައި މި ގެނެސްދެނީ ސުންނަތުގެ އިމާމުންގެ ތެރެއިން އިމާމެއް ކަމުގައިވާ الإمام عبد الرحمن بن عمرو الأوزاعي – رحمه الله - ގެ ބަސްފުޅެވެ. އެބޭފުޅާ އަވަހާރަވީ ހިޖުރައިން 157 ވަނަ އަހަރުގައެވެ.
الإمام عبد الرحمن بن عمرو الأوزاعي – رحمه الله - (تاريخ دمشق 6/362) ވިދާޅުވެފައިވެއެވެ.
”މުސްލިމުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ނަޞޭޙަތްދޭ މީހުންގެ ނަޞޭޙަތާއި، ވަޢުޡުދޭ މީހުންގެ ވަޢުޡު ޤަބޫލުކުރާށެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން މި ޢިލްމަކީ މިއީ ދީނެކެވެ. ފަހެ، ތިޔަބައިމީހުން ތިޔަ ޢަމަލުކުރަނީ ކިހިނަކުންތޯ ބަލާށެވެ! އަދި ތިޔަބައިމީހުން (އެ ޢިލްމު) ނަގަނީ ކޮންބައެއްގެ ގާތުންތޯ ބަލާށެވެ! އަދި ތިޔަބައިމީހުން އިޤްތިދާވަނީ ކޮން ބަޔަކަށްތޯ (ރަނގަޅަށް) ބަލާށެވެ! އަދި ތިޔަބައިމީހުންގެ ދީނުގެ މައްޗަށް އަމާންކަން ލިބިގެން ތިޔަ ތިބީ ކޮން ބަޔެއްގެ ކިބައިންތޯ (ރަނގަޅަށް) ބަލާށެވެ! ފަހެ، ހަމަކަށަވަރުން ބިދުޢައިގެ ހުރިހާ އަހުލުވެރިންނަކީ (ޙައްޤު) ބާޠިލް ކުރާ ބަޔެކެވެ. އަދި ދޮގުހަދާ ފާފަވެރި ބަޔެކެވެ. އެބައިމީހުންނަކީ ރިޢާޔަތްތެރިވާ ބަޔެއް ނޫނެވެ. އަދި (ރަނގަޅަށް) ބަލާ ބަޔެއް ނޫނެވެ. އަދި ތަޤުވާވެރިވާ ބަޔެއް ނޫނެވެ. އަދި އެއާއެކު، ތިޔަބައިމީހުން އަޑުއަހާ ތަކެތި (އެބަހީ: ޤުރުއާނާއި ސުންނަތް) ބަދަލު ނުކުރާނޭ ކަމުގެ އަމާންކަން އެބައިމީހުންގެ ކިބައިން ލިބިފައިވާ ބައެއްވެސް ނޫނެވެ. އަދި އެބައިމީހުންނަކީ، އެބައިމީހުން އިންކާރުކުރާ ކަންތައްތައް ސަރްދު ކުރުމުގައި (އެބަހީ: ލިސްޓު ކުރުމުގައި) އަދި އެބައިމީހުން ހަދާ ދޮގުތައް ތެދުކުރުމުގައި އެބައިމީހުންނަށް ނޭނގޭ ޙާލު ބަސްބުނެ އުޅޭ ބަޔެކެވެ. އަދި އެބައިމީހުން ކުރާ ޢަމަލުތައް ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ފަހެ، ތިޔަބައިމީހުންނަކީ އެބައިމީހުންނާ މެދު އިންޒާރު ލިބިގެންވާ، އެބައިމީހުންނަށް ތުހުމަތު ކުރާ، އެބައިމީހުންނާ ދެކޮޅުވެރިވާ، އެބައިމީހުން ދުރުހެލި ކުރުވާ ބަޔަކު ކަމުގައި ވާށެވެ! ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެންމެ ކުރީގެ ޢިލްމުވެރިންނާއި، ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޞާލިޙު ޢިލްމުވެރިންވެސް ޢަމަލު ކުރެއްވީ އެގޮތަށެވެ. އަދި އަމުރު ކުރެއްވީވެސް އެގޮތަށެވެ! އަދި ތިޔަބައިމީހުންނަކީ ﷲ ގެ މައްޗަށް މުޒާހަރާކުރާ (އެބަހީ: އެކަލާނގެ ޙުކުމްފުޅުތަކާއި ޚިލާފްވެގަންނަ) ބަޔަކު ކަމުގައި ވުމާ މެދު އިންޒާރު ލިބިގަންނާށެވެ! އަދި އެކަލާނގެ ދީން ފުނޑުފުނޑު ކޮށްލާ ބަޔަކު ކަމުގައި ވުމާއި މެދު އިންޒާރު ލިބިގަންނާށެވެ. އަދި އެބައިމީހުން (އެބަހީ: ބިދުޢައިގެ އަހުލުވެރިން) ނަށް ޤަދަރުކުރުމުގެ ސަބަބުން އެކަލާނގެ ދީނަށް އުނިކަން ގެނެސް އިހާނަތިކޮށް ހިތާ ބަޔަކު ކަމުގައި ވެގެންދިޔުމާއި މެދު އިންޒާރު ލިބިގަންނާށެވެ! ނުވަތަ ބޮޑުވެގެންވާ މަތިވެރިކުރުމެއްގެ ސަބަބުން އެބައިމީހުންގެ ގާތުން ދީން (އެބަހީ: ދީނުގެ ޢިލްމު) ނަގުމާއި، އެބައިމީހުންނަށް އިޤްތިދާވެ، އެބައިމީހުން ތެދުކުރުމާއި، އެބައިމީހުންނަށް އިތުބާރުކުރުމާއި، އެބައިމީހުންނާއި ގުޅުން ބަދަހި ކުރުމާއި މެދު އިންޒާރު ލިބިގަންނާށެވެ! މީސްތަކުން އެބައިމީހުންގެ ގާތަށް ގެނައުމަށް ދައްކާ ދަޅަތަކުގައްޔާއި، އެބައިމީހުން ދެކޭ ރައުޔަށާއި، އެބައިމީހުން ދީންވެރިވާ ދީނަށް، ބަލިކަށި މުސްލިމުން ޖަމާކުރުމަށް އެމީހުން ކުރާ މަސައްކަތުގައި އެބައިމީހުންނަށް އެހީތެރިވުމާއި މެދު އިންޒާރު ލިބިގަންނާށެވެ! ފަހެ، އެގޮތަށް ކަންތައް ކޮށްފިނަމަ (އެބަހީ: އެބައިމީހުންނަށް އެހީތެރިވެއްޖެނަމަ) އެބައިމީހުން އެކުރާ ޢަމަލުތަކުގައި ބައިވެރިވެވޭ ބައިވެރިވުމެއްގެ ގޮތުގައި އެކަން ފުދިގެން ވެއެވެ."
މިއީ ބިދުޢަވެރިންގެ ޚަބަރުތައް ދެނެވަޑައިގެން ހުންނެވި، މުސްލިމުންނަށް އޯގާތެރިވެލެއްވި ޢިލްމުވެރި އިމާމަކު، ބިދުޢަވެރިންގެ ގޮތްތަކާއި އެބައިމީހުންގެ ފަސާދަ ބަޔާންކޮށް ދެއްވާފައިވާ ނަޞޭޙަތެކެވެ. ތިރީގައި މިވަނީ އިސްވެ ނަޤުލުކުރެވުނު ބަސްފުޅު ބިނާވެފައިވާ މުހިންމު 3 ނުކުތާއެކެވެ.
ފުރަތަމަ ނުކުތާ: الإمام الأوزاعي – رحمه الله - އެވަނީ ބިދުޢައިގެ އެންމެހާ އަހުލުވެރިންނަކީ ދޮގުހަދާ، ފާފަވެރި، ތަޤުވާވެރި ނުވާ ބަޔަކު ކަމުގައި ޚަބަރު ދެއްވާފައެވެ. އަދި އެބައިމީހުންނަކީ تَحْرِيف ކުރާ (އެބަހީ: ނައްޞުތަކުގެ ޙަޤީޤީ މާނަތައް ބަދަލުކުރާ) ބަޔެއް ކަމާއި، ޢިލްމަކާ ނުލައި ﷲ تعالى ގެ މައްޗަށް ބަސްބުނާ ބަޔަކު ކަމުގައި ޚަބަރު ދެއްވާފައެވެ.
ދެވަނަ ނުކުތާ: އެއަށްފަހު، އެބައިމީހުންނާ މެދު މުޢާމަލާތް ކުރަންޖެހޭ ގޮތް ބަޔާންކޮށްދެއްވިއެވެ. އެގޮތުން އެބައިމީހުންގެ ކިބައިން އިންޒާރު ލިބިގަތުމާއި، އެބައިމީހުންނާ މެދު އިންޒާރު ދިނުމާއި، އެބައިމީހުންނާއި ދުރުހެލިވުމާއި، އެބައިމީހުން ހަޖުރުކޮށް ގުޅުންކަނޑާލުން ބަޔާންކުރެއްވިއެވެ. އަދި ކުރީގެ ޢިލްމުވެރިންނާއި، އެބޭކަލުންނަށް ތަބަޢަވީ ފަހުގެ ޢިލްމުވެރިންވެސް ޢަމަލުކުރެއްވި ގޮތަކީ އަދި އަމުރު ކުރެއްވި ގޮތަކީ އެއީކަން ބަޔާންކުރެއްވިއެވެ.
ތިންވަނަ ނުކުތާ: ބިދުޢައިގެ އަހުލުވެރިންގެ ކިބައިން ޢިލްމާއި ދީން ނަގައި އެބައިމީހުންނަށް ކަމޭހިތައި މަތިވެރި ކުރުމަކީ ދީން މުގުރައިލުމާއި އެ ދީން ނިކަމެތި ކޮށްލުމަށް ވެވޭ އެހީއެއް ކަމުގައި ބަޔާންކުރެއްވިއެވެ.
الفُضيل بن عياض -رحمه الله- (شرح السّنّة – للبربهاري ، ص.139) ވިދާޅުވެފައިވެއެވެ. "ބިދުޢައިގެ އަހުލުވެރިޔަކު މަތިވެރި ކޮށްފި މީހާ، ފަހެ، ހަމަކަށަވަރުން އޭނާ އިސްލާމްދީން މުގުރާލުމަށް އެހީތެރިވެއްޖެއެވެ. އަދި ބިދުޢަވެރިޔަކަށް ހިނިތުންވެއްޖެ މީހާ، ފަހެ، ﷲ عزّ وجلّ މުޙައްމަދު صلّى الله عليه وعلى آله وسلّم ގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް އޭނާ ނިކަމެތިކޮށް ހިތައިފިއެވެ. އަދި އެމީހެއްގެ އަންހެން ދަރި ނުވަތަ އުޚްތު ބިދުޢަވެރިޔަކާއި ކައިވެނި ކުރުވައިފި މީހާ، ފަހެ، އޭނާ އެ އަންހެނާއާއި ދެމެދު އޮތް ރަޙިމުގެ ގުޅުން ކަނޑާލައިފިއެވެ. އަދި ބިދުޢަވެރިޔެއްގެ ޖަނާޒާގެ ފަހަތުން ދިޔަ މީހާ، ފަހެ، އޭނާ ރުޖޫޢަވެއްޖައުމަށް ދާންދެން އެނާ ވާހުށީ ﷲ ގެ ކޯފާގެ ދަށުގައެވެ."
الشّاطبي -رحمه الله- (الاعتصام 1/114 ގައި) ވިދާޅުވެފައިވެއެވެ. "ފަހެ، ހަމަކަށަވަރުން، ބިދުޢައިގެ އަހުލުވެރިޔާއަށް ކަމޭހިތުމުގެ ސަބަބުން، އިސްލާމްދީން ފުނޑުފުނޑުވެގެން ދިޔުމަށް މެދުވެރިވާ، ނުބައިވެގެންވާ 2 ކަމަކަށް މަގުފަހިވެގެން ދެއެވެ.
ފުރަތަމަ ކަމަކީ: ޖާހިލުންނާއި ޢާންމު މީސްކަތުން އެ ކަމޭހިތުން ބަލައިގަތުމެވެ. ފަހެ، އެހާރުން އެބައިމީހުން ހީކުރާނީ އެ ބިދުޢަވެރިޔާއަކީ އެންމެ ރަނގަޅު މީހާ ކަމުގައެވެ. އަދި އެ ބިދުޢަވެރިޔާ ހުރި ގޮތަކީ އެއީ އޭނާ ނޫން އެހެން މީސްތަކުން ތިބިގޮތަށްވުރެ ހެޔޮވެގެންވާ ގޮތެއް ކަމުގައެވެ. ފަހެ، އޭގެ ސަބަބުން، އަހްލުއް ސުންނަތުގެ ސުންނަތް ދޫކޮށް، އެ ބިދުޢަވެރިޔާގެ ބިދުޢައިގެ މައްޗަށް އޭނާއަށް ތަބަޢަވުމަށް މެދުވެރިވެގެން ދެއެވެ.
ދެވަނަ ކަމަކީ: ހަމަކަށަވަރުން، އެ ބިދުޢަވެރިޔާއަށް ކަމޭހިތެނީ އޭނާ ހަދާފައިވާ ބިދުޢައިގެ ސަބަބުން ކަމުގައިވާނަމަ، ހުރިހާ ކަމެއްގައިވެސް ބިދުޢަހެދުމުގެ މައްޗަށް އޭނާއަށް ދެވޭ ނުހަނު ބޮޑު ހިއްވަރެއް ކަމުގައި އެކަންވެގެން ދާނެއެވެ.ފަހެ، (މިއިން) ކޮންމެ ޙާލެއްގައިވެސް، ބިދުޢައަށް ދިރުން ލިބި، ސުންނަތް މަރުވެގެން ދެއެވެ. މިއީ ހަމަ ސީދާ އިސްލާމްދީން ފުނޑުފުނޑު ކުރުމެވެ."
އަހަރެންގެ އަޚާއެވެ! މި އިމާމް ދެއްވާފައިވާ އަގުހުރި ނަޞޭޙަތުގައި ހިފައި އެ ނަޞޭޙަތް ޤަބޫލުކުރާށެވެ. އޭރުން ހަލާކާއި، ހަވާނަފްސަށް ތަބަޢަވުމުން ސަލަމާތްވެ ރައްކާތެރިކަން ތިބާއަށް ލިބޭނެއެވެ. މި ސިލްސިލާގެ ދެވަނަބައިގައިވެސް ﷲ عزّ وجلّ ގެ އިޒުނަފުޅާއެކު، އެހެން ޢިލްމުވެރިއެއްގެ ބަސްފުޅަށް ބައިލާލާނަމެވެ.
وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين ، والحمد للّه ربّ العالمين