5 ކާފިރު އަސީރުން އަލިފާނުން އަންދާލުން ޙަރާމްވެގެންވާއިރު ފަހެ މުސްލިމަކު އަލިފާނުން އަންދާލެވޭނީ ކިހިނަކުންތޯ އެވެ؟ - الشيخ عبد القادر بن محمد الجنيد حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ކާފިރު އަސީރުން އަލިފާނުން އަންދާލުން ޙަރާމްވެގެންވާއިރު ފަހެ މުސްލިމަކު އަލިފާނުން އަންދާލެވޭނީ ކިހިނަކުންތޯ އެވެ؟ - الشيخ عبد القادر بن محمد الجنيد حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އައިއެސްއައިއެސް

الشيخ عبد القادر بن محمد الجنيد حَفِظَه الله ވިދާޅުވިއެވެ.

މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައިވާ ކާފިރު އަސީރު އަލިފާނުން އަންދާލުން ޙަރާމް ވެގެންވާކަން ނަބިއްޔާގެ ސުންނަތުން ބަޔާންވެގެންވޭ! މިކަމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްއޮތްކަން އިނގޭކަށެއް ނެތް. ފަހެ މުސްލިމަކު އަލިފާނުން އަންދާލެވޭނީ ކިހިނަކުންތޯ އެވެ؟

ﷲ އަށް ޙަމްދު ހުއްޓެވެ. އަދި އެކަލާނގެ މީސްތަކުންގެ ތެރެއިން އިޚްތިޔާރު ކޮށް މަތިވެރި ކުރެއްވި ނަބިއްޔުންނާއި ރަސޫލުންނަށް ޞަލަވާތާއި ސަލާމް ހުއްޓެވެ.
އެއަށްފަހުގައި ބުނަމެވެ.


އިމާމް البُخَارِي رحمه الله ޞަޙީޙުގައި (ޙަދީޘް ނަންބަރ 2904) ގައި أَبوهُريرة رضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. أَبوهُريرة رضي الله عنه ވިދާޅުވި އެވެ. (بَعثَنا رسولُ اللهِ صلى الله عليه وسلم في بعثٍ فقال:إن وجدتُم فلانًا وفلانًا فأَحْرِقُوهما بالنارِ . ثم قال رسولُ اللهِ صلى الله عليه وسلم حين أردنا الخروج: إني أمرتُكم أن تُحرِّقوا فلانًا وفلانًا، وإن النارَ لا يعذبُ بها إلا اللهُ فإن وجدتُموهما فاقتُلُوهما)

"ހަނގުރާމައިގެ ލަޝްކަރެއްގައި ރަސޫލާ صلّى الله عليه وسلّم އަހަރެމެން ފޮނުއްވި އެވެ. އަދި އަހަރެމެން ކައިރީގައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުން މިވަނި، މިވަނި –އެއީ ޤުރައިޝު ވަންހައިގެ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ނަން ޛިކުރު ކުރެއްވި އެވެ.- ފަހެ، އެ ދެމީހުން އަލިފާނުން އަންދާލާށެވެ." ޞަޙާބީ ވިދާޅުވި އެވެ. އެއަށްފަހުގައި އަހަރެމެން ހަނގުރާމަކުރުމަށް ނުކުތުމަށްޓަކައި، ރަސޫލާ صلّى الله عليه وسلّم ގެ އަރިއަހަށް ވަދާޢު ކިޔުމަށްޓަކައި ދިޔައީމެވެ. ފަހެ އެ ހިނދުގައި ޙަދީޘް ކުރައްވާ ވިދާޅުވި އެވެ. "ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް މިވަނި މިވަނި މީހަކު އަލިފާނުން އަންދާލުމަށް ޙަދީޘް ކުރެއްވީމެވެ. ފަހެ، ހަމަކަށަވަރުން އަލިފާނުން އުޤޫބާތް ﷲ ނޫން އެހެން ފަރާތެއް ނުދެއްވާނެ އެވެ. ފަހެ، އެ ދެމީހުން ތިޔަބައިމީހުންނަށް ހައްޔަރު ކުރެވިއްޖެ ހިނދުގައި އެ ދެމީހުން ޤަތުލު ކޮށްލާހުއްޓެވެ."

*****


އިމާމް النسائي رحمه الله ލިޔުއްވި ޙަދީޘް ފޮތް السنن الكبرى ގައި (ނަންބަރ 8599) ބާބެއް ބަންނަވާފައި އެ ބާބުގައި ވިދާޅުވެފައިވެ އެވެ. "ކުޅަދާނަކަން ލިބި، މުޝްރިކުން އަލިފާނުން އަންދާލުން ނަހީކުރެވިފައިވާކަން"
*****


އިމާމް الحافظ البيهقي رحمه الله ލިޔުއްވި ޙަދީޘް ފޮތް السنن الكبرى ގައި (ނަންބަރ 18063) ބާބެއް ބަންނަވާފައި އެ ބާބުގައި ވިދާޅުވެފައިވެ އެވެ.
"މުޝްރިކުން އަސީރު ކުރެވުމަށްފަހުގައި އެ މުޝްރިކުން އަލިފާނުން އަންދާލުން މަނާވެގެންވާކަން ބަޔާންކުރެވޭ ބާބު"
*****


އިމާމް أبوداود رحمه الله ލިޔުއްވި ޙަދީޘް ފޮތް السنن ގައި (ނަންބަރ 2673) ޞަޙާބީ حمزة الأسلمي رضي الله عنه އަރިހުން ރިވާކޮށްފައިވެ އެވެ.

(أنَّ رسولَ اللهِصلى الله عليه وسلم أمره على سرية قال فخرجت فيها وقال إن وجدتم فلانا فأحرقوه بًالنار فوليت فناداني فرجعت إليه فقال إن وجدتم فلانا فاقتلوه ولا تحرقوه فإنه لا يعذب بًالنار إلا رب النار )

ނަބިއްޔާ صلّى الله عليه وسلّم އެ ޞަޙާބީ ހަނގުރާމަވެރި ލަޝްކަރެއްގެ ކޮމާންޑަރަކަށް ބެހެއްޓެވި އެވެ. ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް މިވަނި މީހަކު ފެނިއްޖެ ހިނދުގައި އޭނާ އަލިފާނުން އަންދާލާށެވެ." ޞަޙާބީ ވިދާޅުވި އެވެ. ތިމަންނަ ނަބިއްޔާއަށް ފުރަގަސްދީ އަނބުރާ ދިޔަ ހިނދުގައި ތިމަންނައަށް ނަބިއްޔާ صلّى الله عليه وسلّم ގޮވާލެއްވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް މިވަނި މީހަކު ފެނިއްޖެ ހިނދުގައި އޭނާ ޤަތުލުކޮށްލާށެވެ. އަންދާލައިގެން ނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން އަލިފާނުން އެ އަލިފާނުގެ ވެރި ރައްބު ނޫނީ އެހެން ފަރާތެއް ޢުޤޫބާތެއް ނުދޭނެ އެވެ."

މި ޙަދީޘްއަށް އިޝާރާތްކޮށް الإمام الألباني رحمه الله سلسلة الأحاديث الصحيحة ގައި (ނަންބަރ 1565) ގައި ވިދާޅުވެފައިވެ އެވެ. "މިއީ ޞައްޙަ ސަނަދެކެވެ. އަދި އެންމެހައި ރިޖާލުންނަކީ ޘިޤާ އިންނެވެ. އެންމެހައި ރިޖާލުންނަކީ الإمام مسلم ޞަޙީޙުގައި ގެންނަވާފައިވާ ރިޖާލުންނެވެ.
*****


އިމާމް البغوي الشافعي رحمه الله ލިޔުއްވި ފޮތް شرح السنة ގައި (ނަންބަރ 11-55) ވިދާޅުވެފައިވެ އެވެ.

"ފަހެ، އަސީރު ކުރެވިފައިވާ ކާފަރު މީހާ އަންދާލުން، އަދި މުރުތައްދުވެފައިވާ މީހާ އަންދާލުން، މިކަމުގައި ޢާއްމުކޮށް ޢިލްމުވެރިންގެ ބަޔާންކޮށްފައިވަނީ އެއީ ހުއްދަވެގެންވާ ކަމެއް ނޫން ކަމުގަ އެވެ."
*****


އިމާމް ابن قدامة الحنبلي رحمه الله ލިޔުއްވި ފޮތް المغني ގައި (ނަންބަރ 9/286-287) ވިދާޅުވެފައިވެ އެވެ.

"ފަހެ، ޢަދުއްވުގެ މައްޗަށް ކުޅަދާނަކަން ލިބިގެންވި ކަމުގައިވިޔަސް، އެ ޢަދުއްވުން އަލިފާނުން އަންދާލުން ހުއްދައެއް ނުވާނެ އެވެ. މިކަމުގެ މައްޗަށް އެއްވެސް ޚިލާފެއް ނެތްކަމުގައި އަހަރެމެން ދަންނަމު އެވެ. ހަމަކަށަވަރުން أبوبكر الصديق رضي الله عنه މުރުތައްދުގެ އަހުލުވެރިން އަންދާލުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި أبوبكر الصديق رضي الله عنه އަމުރުފުޅާ އެއްގޮތަށް خالد بن وليد رضي الله عنه ޢަމަލުފުޅު ކުރެއްވި އެވެ. އެހެނަސް މިއަދު މިކަމުގައި މީސްތަކުންގެ މެދުގައި އެއްވެސް ޚިލާފެއް އުފެދިފައިވާ ކަމެއް ނުދަންނަމެވެ.ހަމަކަށަވަރުން މި މައްސަލައިގެ މައްޗަށް حمزة الأسلمي رضي الله عنه  އަރިހުން ޙަދީޘް ރިވާވެގެންވެ އެވެ.


(أنَّ رسولَ اللهِ صلى الله عليه وسلم أمره على سرية قال فخرجت فيها وقال إن وجدتم فلانا فأحرقوه بًالنار فوليت فناداني فرجعت إليه فقال إن وجدتم فلانا فاقتلوه ولا تحرقوه فإنه لا يعذب بًالنار إلا رب النار )

ނަބިއްޔާ صلى الله عليه وسلم އެ ޞަޙާބީ ހަނގުރާމަވެރި ލަޝްކަރެއްގެ ކޮމާންޑަރަކަށް ބެހެއްޓެވި އެވެ. ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް މިވަނި މީހަކު ފެނިއްޖެ ހިނދުގައި އޭނާ އަލިފާނުން އަންދާލާށެވެ." ޞަޙާބީ ވިދާޅުވި އެވެ. ތިމަންނަ ނަބިއްޔާއަށް ފުރަގަސްދީ އަނބުރާ ދިޔަ ހިނދުގައި ތިމަންނައަށް ނަބިއްޔާ صلى الله عليه وسلم ގޮވާލެއްވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް މިވަނި މީހަކު ފެނިއްޖެ ހިނދުގައި އޭނާ ޤަޔުލުކޮށްލާށެވެ. އަންދާލައިގެން ނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން އަލިފާނުން އެ އަލިފާނުގެ ވެރި ރައްބު ނޫނީ އެހެން ފަރާތެއް ޢުޤޫބާތެއް ނުދޭނެ އެވެ."
މި ޙަދީޘް أبوداود އަދި سعيد ރިވާކުރެއްވި އެވެ. އަދި މި މާނައިގައި އެހެން ޙަދީޘްތަކެއް ވެ އެވެ."

އަދި މިކަމުގެ މައްޗަށް އިމާމް البُخَارِي رحمه الله އަދި އެ ނޫން އިމާމުންވެސް أَبوهُريرة رضي الله عنه ގެ އަރިހުން، حمزة الأسلمي ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގެ މާނައިގައި ނަބިއްޔާ صلى الله عليه وسلم ގެ ފާރާތުން ޙަދީޘް ރިވާކޮށްފައި ވެ އެވެ.
*****


އިމާމް الفقيه الماكي ابن المناصف رحمه الله ލިޔުއްވި ފޮތް الإنجاد في أبواب الجهاد ގައި (ނަންބަރ 196) ވިދާޅުވެފައިވެ އެވެ.

"ހަތިޔާރު ނޫން އެހެން އެއްޗަކުން ޢަދުއްވު ޤަތުލުކުރުމާއި (މަރާލުން) މެދުގައި ޚިލާފްވެފައިވެ އެވެ. އެހެނަސް ހަތިޔާރުން މަރާލުމަށް ކުޅަދާނަކަން ލިބިގެންވާ ހިނދުގައި އެހެން ގޮތެއްގައި ޤަތުލުކޮށްލުމަށް އެއްވެސް ޚިލާފެއް އޮތް ކަމެއް ނުދަންނަމެވެ. މިކަމުގައި އެއްވެސް ޚިލާފެއްނެތެވެ. އެގޮތުން ޢަދުއްވުންގެ ތެރެއިން ވަކި މީހަކު ޚާއްޞަކޮށް ހަތިޔާރުން މަރާލުމަށް ކުޅަދާނަކަން ލިބިފައިވާ ޙާލުގައި، އަލިފާނުން އަންދާލުން ހުއްދައެއް ނުވާނެ އެވެ. އަދި އެ ކާފަރުން، އެއްވެސް މުސްލިމުންގެ ތެރެއިން އެއްވެސް މުސްލިމަކު އަލިފާނުން އަންދާލާ ނަހަދަ އެވެ. މިކަމަށް އޮތް އަޞްލަކީ އިމާމް البُخَارِي رحمه الله ، أَبوهُريرة رضي الله عنه އަރިހުން ރިވާކޮށްފައިވާ ހަދީޘެވެ. އެ ޙަދީޘްގައިވެ އެވެ.

(بَعثَنا رسولُ اللهِ صلى الله عليه وسلم في بعثٍ فقال:إن وجدتُم فلانًا وفلانًا فأَحْرِقُوهما بالنارِ . ثم قال رسولُ اللهِ صلى الله عليه وسلم حين أردنا الخروج: إني أمرتُكم أن تُحرِّقوا فلانًا وفلانًا، وإن النارَ لا يعذبُ بها إلا اللهُ فإن وجدتُموهما فاقتُلُوهما) "ހަނގުރާމައިގެ ލަޝްކަރެއްގައި ރަސޫލާ صلى الله عليه وسلم އަހަރެމެން ފޮނުއްވި އެވެ. އަދި އަހަރެމެން ކައިރީގައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުން މިވަނި، މިވަނި –އެއީ ޤުރައިޝު ވަންހައިގެ ދެ ފިރިހެނުންނެވެ. އެ ދެމީހުންގެ ނަން ޛިކުރު ކުރެއްވި އެވެ.- ފަހެ، އެ ދެމީހުން އަލިފާނުން އަންދާލާށެވެ." ޞަޙާބީ ވިދާޅުވި އެވެ. އެއަށްފަހުގައި އަހަރެމެން ހަނގުރާމަކުރުމަށް ނުކުތުމަށްޓަކައި، ރަސޫލާ صلى الله عليه وسلم ގެ އަރިއަހަށް ވަދާޢު ކިޔުމަށްޓަކައި ދިޔައީމެވެ. ފަހެ އެ ހިނދުގައި ޙަދީޘް ކުރައްވާ ވިދާޅުވި އެވެ. "ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް މިވަނި މިވަނި މީހަކު އަލިފާނުން އަންދާލުމަށް ޙަދީޘް ކުރެއްވީމެވެ. ފަހެ، ހަމަކަށަވަރުން އަލިފާނުން އުޤޫބާތް ﷲ ނޫން އެހެން ފަރާތެއް ނުދެއްވާނެ އެވެ. ފަހެ، އެ ދެމީހުން ތިޔަބައިމީހުންނަށް ހައްޔަރު ކުރެވިއްޖެ ހިނދުގައި އެ ދެމީހުން ޤަތުލު ކޮށްލާހުއްޓެވެ."

*****


އިމާމް مسلم رحمه الله شداد بن أوس رضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. "އަހަރެން ރަސޫލާ صلى الله عليه وسلم ގެ އަރިހުން ދަސްކޮށް ރައްކާކޮށްފައިވާ 2 އެއްޗެއް ވާނެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
إنَّ اللهَ كتب الإحسانَ على كلِّ شيٍء . فإذا قتلتم فأحسِنُوا القِتْلَةَ . وإذا ذبحتم فأحسِنُوا الذبحَ . وليُحِدَّ أحدُكم شفرتَه . فليُرِحْ ذبيحتَه "ހަމަކަށަވަރުން ﷲ ވަނީ އެންމެހައި ތަކެއްޗަކަށް އިޙްސާންތެރިކަން ލިޔުއްވާފައި އެވެ. ފަހެ ތިޔަބައިމީހުން އެއްޗެއް ޤަތުލުކުރާ ކަމުގައިވާ ހިނދުގައި، އެއަށް އިޙްސާންތެރިކަމާ އެކުގައި ޤަތުލުކުރުން ހުއްޓެވެ. އަދި ތިޔަބައިމީހުން އެއްޗެއް ކަތިލާ ހިނދުގައި، އެ ކަތިލާ އެއްޗަށް އިޙްސާންތެރިވުން ހުއްޓެވެ. އަދި ކޮންމެ މީހަކުވެސް އޭނާ (ކަތިލަން ބޭނުންކުރާ އެތި) އޭގެ މިޔަމަތި ނުހަނު ތޫނުކުރުން ހުއްޓެވެ. އަދި އެ ކަތިލެވޭ އެއްޗަށް އަރާމްކުރެވޭ ގޮތަށް ޢަމަލުކުރުން ހުއްޓެވެ."
*****


އިމާމް أبوداود رحمه الله ޞަޙާބީ عبد الله رضي الله عنه އަރިހުން ރިވާކޮށްފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ޤަތުކޮށްލުމުގައި އެންމެ އޯގާތެރި، ކުލުނު، ރަޙްމަތާއެކު ޤަތުލުކުރުމުގައިވާ މީސްތަކުންނަކީ އީމާން ކަމުގެ އަހުލުވެރިންނެވެ."

ޞަޙާބީ سمرة بن جندب ضي الله عنه عمران بن حصين ضي الله عنه އަރިހުން ރިވާކޮށްފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ރަސޫލާ صلى الله عليه وسلم އަހަރެމެންނަށް ޞަދަޤާތް ކުރުމަށް ބާރުއެޅުއްވި އެވެ. އަދި މީސްތަކުންގެ ގުނަވަންތައް ކަނޑައި މީސްތަކުން ޤަތުލުކޮށް އެމީހުންނަށް އަނިޔާ ކުރުން ނަހީކުރެއްވި އެވެ."
އިމާމް مسلم رحمه الله ޞަޙާބީ بريدة رضي الله عنه އަރިހުން ރިވާކޮށްފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ހަނގުރާމަކުރުމަށް ލަޝްކަރުގެ އަމީރުންނަށް ވަޞިއްޔަތް ކުރައްވާ ޙަދީޘް ކުރައްވަ އެވެ. "ތިޔަބައިމީހުން ހަނގުރާމައިގައި ހޯދާ ޣަނީމާ މުދާ ބެހުމުގެ ކުރިން އެއްވެސް ފަރުދެއް އެއިން މުދަލެއް ނުނަގާހުއްޓެވެ. އަދި ތިޔަބައިމީހުން ޣައްދާރު (އެއްބަސްވުންތަކަށް ބޭވަފާތެރިވުން) ނުވާ ހުއްޓެވެ. އަދި ގުނަވަންތައް ކަނޑާ ނަހަދާށެވެ."
*****


އެހެނަސް މިބާބުގައި ވާރިދުވެގެންވެ އެވެ. ރަސޫލާ صلى الله عليه وسلم ޢުރަނިއްޔީންގެ އަހުލުވެރިންގެ ލޯތައް ކޮނެ ނެއްގެވި އެވެ. އެއީ އެބައިމީހުންގެ މައްޗަށް ޤިޞާޞް ހިފުމުގެ ގޮތުންނެވެ. (އެއީ:ޢުރަނިއްޔީން ގެ އަހުލުވެރިން ވަރަށްވެސް އިހާނާތްތެރި ގޮތުގައި ބަކަރި ހުއިހެއްޕެވުމުގައި ވި މުސްލިމުން ޤަތުލުކޮށް އަނިޔާކޮށްފައިވުމުންނެވެ.) ނުވަތަ އެ ޙުކުމް މިހާރުވަނީ މަންޞޫޚު ވެގެންވާ ޙުކުމެއްގެ ގޮތުގަ އެވެ.

އިމާމް البُخَارِي رحمه الله ، ޢުރަނިއްޔީންގެ އަހުލުވެރިންގެ ޙާދިޘާ، އެމީހުންގެ ވާހަކަ ޛިކުރު ކުރުމަށްފަހުގައި މި ބަސްފުޅު ގެންނަވާފައިވެ އެވެ. "أبو قلابة  ވިދާޅުވި އެވެ. ޢުރަނިއްޔީންގެ އަހުލުވެރިން ވަނީ، މުސްލިމުން ޤަތުކޮށްފަ އެވެ. ވައްކަންކޮށްފަ އެވެ. ﷲ އާއި އެކަލާނގެ ރަސޫލާގެ މައްޗަށް ހަނގުރާމަ ކޮށްފަ އެވެ. އަދި އެމީހުން ވަނީ ބިންމަތި ފަސާދަ ކޮށްފަ އެވެ."

އިމާމް مسلم رحمه الله ޞަޙާބީ أنس رضي الله عنه އަރިހުން ރިވާކޮށްފައިވެ އެވެ. ޞަޙާބީ ވިދާޅުވި އެވެ. "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އެބައިމީހުންގެ ލޯތައް ކޮނެ ނެންގެވީ، ސަބަބަކީ އެމީހުންވަނީ ބަކަރިހުއި ހެއްޕެވުމުގައިވި މީހުންގެ ލޯތައް ކޮނެ ނަގާފައިވުމުންވެ."
*****


އިމާމް الفقيه الحنبلي أبو الفرج ابن قدامة رحمه الله ލިޔުއްވި ފޮތް الشرح الكبير على متن المقنع ގައި (ނަންބަރ 10-396) ވިދާޅުވެފައިވެ އެވެ.
"އެއްވެސް ޚިލާފެއް ނެތް ގޮތުގައި، (ޚިލާފެއް އޮތްކަމެއް އެއްވެސް ގޮތަކަށް ނޭނގެ އެވެ.) ޢަދުއްވުގެ މައްޗަށް ކުޅަދާނަކަން ލިބިއްޖެ ހިނދުގައި، ޢަދުއްވުން އަލިފާނުން އެންދުން ހުއްދައެއް ނުވާނެ އެވެ. އަދި ހަމަކަށަވަރުން أبوبكر الصديق رضي الله عنه މުރުތައްދުގެ އަހުލުވެރިން އަންދާލުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި أبوبكر الصديق  އަމުރުފުޅާ އެއްގޮތަށް خالد بن وليد رضي الله عنه ޢަމަލުފުޅު ކުރެއްވި އެވެ. އެހެނަސް މިއަދު މިކަމުގައި މީސްތަކުންގެ މެދުގައި އެއްވެސް ޚިލާފެއް އުފެދިފައިވާ ކަމެއް ނުދަންނަމެވެ. (މާނައީ : މިއީ ކުރުން ހުއްދަވެގެންވާ ކަމެއްގެ ގޮތުގައި އެކަކުވެސް ބުނެފަ އެއް ނުވެ އެވެ.)"
ހަމަކަށަވަރުން މި މައްސަލައިގެ މައްޗަށް حمزة الأسلمي رضي الله عنه އަރިހުން ޙަދީޘް ރިވާވެގެންވެ އެވެ.


(أنَّ رسولَ اللهِ صلى الله عليه وسلم أمره على سرية قال فخرجت فيها وقال إن وجدتم فلانا فأحرقوه بًالنار فوليت فناداني فرجعت إليه فقال إن وجدتم فلانا فاقتلوه ولا تحرقوه فإنه لا يعذب بًالنار إلا رب النار )
ނަބިއްޔާ صلّى الله عليه وسلّم އެ ޞަޙާބީ ހަނގުރާމަވެރި ލަޝްކަރެއްގެ ކޮމާންޑަރަކަށް ބެހެއްޓެވި އެވެ. ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް މިވަނި މީހަކު ފެނިއްޖެ ހިނދުގައި އޭނާ އަލިފާނުން އަންދާލާށެވެ." ޞަޙާބީ ވިދާޅުވި އެވެ. ތިމަންނަ ނަބިއްޔާއަށް ފުރަގަސްދީ އަނބުރާ ދިޔަ ހިނދުގައި ތިމަންނައަށް ނަބިއްޔާ صلّى الله عليه وسلّم ގޮވާލެއްވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް މިވަނި މީހަކު ފެނިއްޖެ ހިނދުގައި އޭނާ ޤަތުލުކޮށްލާށެވެ. އަންދާލައިގެން ނުވާނެ އެވެ. ފަހެ، ހަމަކަށަވަރުން އަލިފާނުން އެ އަލިފާނުގެ ވެރި ރައްބު ނޫނީ އެހެން ފަރާތެއް ޢުޤޫބާތެއް ނުދޭނެ އެވެ."

އަދި މިކަމުގެ މައްޗަށް އިމާމް البُخَارِي رحمه الله އަދި އެ ނޫން އިމާމުންވެސް أَبوهُريرة رضي الله عنه ގެ އަރިހުން، حمزة الأسلمي ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގެ މާނައިގައި ނަބިއްޔާ رضي الله عنه ގެ ފާރާތުން ޙަދީޘް ރިވާކޮށްފައި ވެ އެވެ.
*****

މުސްލިމުންނާ ދެކޮޅުވެރިވެ، މުސްލިމުންނާ ހަނގުރާމަ ކުރާ ކާފަރު އަސީރެއް، އަލިފާނުން އަންދާލުން ނަހީ ކުރެވިފައިވާ ހިނދުގައި، މުސްލިމެއް އަލިފާނުން އަންދާލާ މަރާލެވޭނީ ކިހިނަކުންތޯ އެވެ؟

އެއްވެސް ޝައްކެތްނެތެވެ. ޙަރާމްކަން އެތައްގުނައަކަށް އިތުރުވެގެންވެ އެވެ. މިކަން މަނާވެގެންވާކަން އެތަށް ގުނައަކަށް މާނާވެގެންވާނެ އެވެ. އަދި މިކަން ނަހީކުރެވިފައިވާ މިންވަރު ބޮޑުކަމުގައިވާނެ އެވެ. ފާފައިގެ ގޮތުން ލިބޭ ޖަޒާ ބޮޑުވެގެންވާނެ އެވެ. މިގޮތުގައި އެތަކެއް ގިނަ ޢިލްމުވެރިން ވަނީ އިޖްމާޢުވެގެންނެވެ.
*****
މި ލިޔުމުގެ އަޞްލު ބެއްލެވުމަށް : http://goo.gl/bZyRrK

 


އިޚްވާނުންނޭވެ. ދަންނަހުއްޓެވެ. އިސްލާމް ދީނުގެ ޙުދޫދުން ބޭރުވެފައިވާ، ހަލާކުވެ، ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަވެގެންވާ ބަޔަކު، ޙަރާމް ކަންތައްތަކެއް ކުރުން އެއީ އިސްލާމީ އުއްމަތަށް ބީރައްޓެހި ކަމެއް ނޫނެވެ. ދަންނަހުއްޓެވެ! އެބައެއްގެ ފަރާތުން ދީނޭ ބުނެ، ސުންނަތޭ ބުނެ، އަދި ޙުކުމް ޤާއިމް ކުރުމޭ ބުނެ، މީސްތަކުންގެ ލޯތައް އެމީހުންގެ ތެރެއަށް، އެމީހުންގެ ޙަޤީޤަތް ނޭނގިތިބެ އޮޅުމެއްގެ ތެރެއަށް ގެންގޮސްގެން ނުވާނެ އެވެ. ވިދާހާ އެއްޗަކީ ރަންކަމުގައި ނުވާ ފަދައިން، އިސްލާމީ ޝަރީޢަތޭ، ޚިލާފަތޭ ބުނާ ކޮންމެ ބަޔަކީ ޙައްޤުގައިވާ ބައެއްކަމުގައި ނުވާނެ އެވެ.

އިލްމުވެރިންގެ ބަސްތަކަށް ދިއުން ހުއްޓެވެ. ޢިލްމުވެރިން ބަޔާންކޮށްފައިވާ ބަސްފުޅު ތަކާއި ޢިލްމުވެރިން ވިދާޅުވެފައިވާ ޤައުލުތައް ތިބާ ބުނުން ހުއްޓެވެ. ތިބާއަށް އެ ޤަބޫލު ނުވެވޭ ކަމުގައި ވިޔަސް ތިބާއަށް އޮތީ އެ ޢިލްމުވެރިންގެ މަގުގައި ދެމިހުރުމެވެ. އެއީ ތިބާއަށްވުރެ ޢިލްމީ ގޮތުންނާއި، ޝަރީޢަތާއި މަންހަޖާއި ފިޤުހީ ގޮތުން އަދި ﷲ އަށް ބިރުވެތިވާ ބައެއްގެ ގޮތުގައިވާ ބައެއް ކަމުގައި ވުމުންވެ. ޢިލްމުވެރިންގެ ބަސްތަކުގައިވާ ގޮތަށް ނުބުނެވޭ ހިނދުގައި ތިބާ އަކީވެސް އެފަދަ ހަވާނަފްސަށް ގޮސްފައިވާ މީހެއްގެ ގޮތުގައި ވުން ކަޝްފުވުން ނޫން އެހެން ޢިބްރަތެއް ނެތެވެ.މިއަދު އިސްލާމް ދީނޭ ބުނެ، މުސްލިމުން އެންދުމުގައިވާ، ލަދުވެތި ކަން ފިލައިފައިވާ، ފާޙިޝް މުޖުރިމުން ގެ މައްޗަށް ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތައް ބަލާލުން ހުއްޓެވެ.


الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله - އައިއެސް އަކީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫން.


މިއީ މިދުނިޔެމަތީގައި މިހާރު ހުންނެވި، އިމާމް އިބްން ބާޒް ގެ ދަރިވަރުންތަކުގެ ތެރެއިން އެންމެ އިސް އެއް ދަރިވަރެވެ. މިހާރުވެސް މަސްޖިދުއް ނަބަވީގައި ކިޔައިވައި ދެއްވާ އެންމެ ގިނަ ދުވަސްވީ ޝެއިޚުންގެ ތެރެއިން އެއް ޝެއިޚެވެ.

ސުވާލު : އަހަރެމެންގެ ފަޟީލަތުއް ޝެއިޚް އެވެ. ބައެއް މީހުން މިހާރު ވުޖޫދުގައިވާ "އިސްލާމީ ދައުލަތަށް" އެބައިމީހުންނަކީ ޚަވާރިޖުންނޭ ބުނެ އެވެ. ފަހެ، މިއީ ޞައްޙަ ބަހެއްތޯ؟

ޖަވާބު : އެއްވެސް ޝައްކެތްނުވާ ގޮތުގައި، އެބައިމީހުންގެ ސިފަތަކާއި، އެބައިމީހުން ޢަމަލުތަކަކީ ޚަވާރިޖުންގެ ޢަމަލުތަކެވެ. އެއީ "ދާޢިޝިއްޔަ" ނަމުން ނަން ކިޔުނު މީހުންނެވެ. އާއެކެވެ. އެބައިމީހުންނަށް "އިސްލާމީ ދައުލަތް" އޭ ކިޔުން ހެޔޮނުވާނެ އެވެ. އެމީހުންނަށް ކިޔުން އޮތީ "ދާޢިޝިއްޔަ" އިން ނެވެ. އެބައިމީހުންނަށް އެންމެ މުނާސަބު ވެގެންވާ ނަމަކީ މި އެވެ. އިސްލާމީ ދައުލަތޭ ކިޔާބަޔަކު މީސްތަކުން ވަޅިތަކުން ޤަތުލުކުރާނެ ހެއްޔެވެ. މީސްތަކުން ވަޅިން ޤަތުލު ކުރާނެ ތޯ އެވެ؟
އަދި ފަސާދަ އުފައްދައި، މީސްތަކުން މަރައި، މިއީ އިސްލާމްދީނާއި އެއްވެސް ގުޅުމެއް ހުރި ބައެއް ނޫނެވެ.

*****
އަޑުއައްސަވާ : http://goo.gl/bonXZF


الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله - އައިއެސް ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެކެވެ.


ސުވާލު : އަހަރެމެންގެ ތެރޭގައި ޙަމާސް (ޖޯޝާއި ފޯރި އަރައިގެން) އުޅޭ ޒުވާނުންތަކެއް ސީރީއާއަށް ޖިހާދަށް ގޮއްސި އެވެ. އެބައިމީހުން އެތަނަށް ގޮސް ގުޅިފައިވަނީ، އެތަނުގައިވާ ޖަމާޢަތެއް ކަމުގައި ދައުލަތުލް އިސްލާމިއްޔާ (ދާޢިޝް ISIS) ކިޔުނު ޖަމާޢަތާ އެވެ. އެބައިމީހުން ބުނެފައިވަނީ އެބައިމީހުންނަށް ނިޞްބަތްކޮށް ބަޔާންކޮށްފައިވާ، ޤަތުލުއާންމު، ޓެރެރިޒަމް އަކީ ޞައްޙަ ވާހަކަތަކެއް ނޫން ކަމުގަ އެވެ.
މި ޖަމާޢަތާއި މެދުގައި ޞައްޙަ ބަސްފުޅަކީ ކޮބައިތޯ އެވެ؟ بارك الله فيكم

ޖަވާބު : "ޞައްޙަ ޤައުލަކީ : އެ ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެކެވެ. މީގެ ދުވަސްކޮޅެއް ކުރިން، އަހަރެންގެ ބޮޑުދައިތަގެ މާމަ ދަރިއެއް އޭނާއަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ދަޢުވާކޮށް އެބައިމީހުން ޤަތުލުކުރި އެވެ. ސަބަބަކީ އޭނާވަނީ މިބައިމީހުންނާއި އިދިކޮޅު އަނެއް ބައިގަ އެވެ. މި ބައިމީހުންނާއި ދެކޮޅު ޖަބްހާގަ އެވެ. މި ދެބައި ގަނޑަކީވެސް ކުށްކޮށްފައިވާ ދެ ބައިގަނޑެވެ. އެއީ ނުޞްރާގެ ބައިގަނޑު ނުވަތަ ދާޢިޝް އޭ ކިޔުނު ބައިގަނޑު ކަމުގައިވިޔަސް އެވެ. އެހެނަސް (ދާޢިޝް ISIS) ނުބައިކަން އަނެއްބައި މީހުންނަށް ވުރެން ބޮޑެވެ. ދެބައިގަނޑަކީވެސް ނުބައިކަމުގައިވާ ބަ އެކެވެ. ދެބައިމީހުންވެސް ގާތްތިމާގެ ގުޅުމަކަށްވެސް އަދި ޢަހުދަކަށްވެސް ނުބަލާ، ރައްކާތެރިއެއް ނުވާނެ އެވެ.

 

މީގެ ދެ ދުވަސް ނުވަތަ ތިން ދުވަސްކުރިން އެބައިމީހުން ޢިޢުލާންކުރި ޚަލީފާ އިން މިމީހުންގެ ނުބައި މުޑުދާރުކަމަށް ފުދެއެވެ. މި ޚަލީފާއަށް ބައިޢަތު ހިފުމަށް އެބައިމީހުން ގޮވާލި ގޮވާލުމެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެއީ މުސްލިމުންގެ ޚަލީފާ އެވެ. މިބައިމީހުން ފަށައިފައިވާ ގޮތަކީ، އަހަރެމެންގެ ޒުވާނުންގެ ތެރެއިން އެބައިމީހުންނާ ގުޅިއްޖެ މީހެއްކަމުގައިވާނަމަ، (އެންމެ ފުރަތަމަ ކުރާ ކަމަކީ) އެބައިމީހުންގެ ކަރުގައި އެޅިފައިވާ ބައިޢަތް އުވާލުމެވެ. ތިޔަބައިމީހުންނަށް ބައިޢަތް އުވާލުމުގެ ނުބައިކަން އެނގިފައިވާނެ އެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ކަރުގައި ބައިޢަތެއް އެޅިފައިވެ އެވެ. މިޤައުމުގެ ވަލިއްޔުލް އަމްރުގެ ބައިޢަތް ތިޔަބައިމީހުންގެ ކަރުގައިވެސް ބައިޢަތެއް ގޮތުގައި އެޅިފައިވާނެ އެވެ. ފަހެ މިބައިޢަތް ދޫކޮށްލުމަކީ، ޚިޔާނާތެކެވެ. ޣައްދާރު ވުމެކެވެ. ޣައްދާރުވީ މީހާގެ މައްޗަށް (ޤިޔާމަތް ދުވަހުގައި) ދިދައެއް ނެގިފައިވާނެ އެވެ. އޭގައިވާނެ އެވެ. މިއީ މިވަނިމީހަކަށް ޣައްދާރުވެފައިވާ މީހެކެވެ. ބައިޢަތް ދޫކޮށްލައިފި މީހާވަނީ ނުރައްކަލެއްގެ ތެރޭގައި އެވެ. ފަހެ، އޭނާ ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގެ ތެރޭގަ އެވެ.

 

މުސްލިމްވެރިޔާގެ ޖަމާޢަތާ ކައިވަތެއްހާ މިންވަރަށް ވަކިވެ، އެގޮތުގައި ހުރެ މަރުވެއްޖެމީހާ މަރުވެގެންދާނީ، ޖާހިލިއްޔަ މަރެއްގަ އެވެ. ވެރިޔާގެ ކިޔަމަންގަތުމުން ބޭރުވެ، މުސްލިމުންގެ ޖަމާޢަތާ ވަކިވެ، އޭނާ ޤިޔާމަތް ދުވަހުގައި ﷲ އާއި ބައްދަލުކުރާނީ އެއްވެސް ޙުއްޖަތެއްނެތް ޙާލުގަ އެވެ. ފަހެ، މިބައިމީހުންނަކީ ޢަހުދުތައް ދޫކޮށްލާފައިވާ ބައެކެވެ. މިބައިމީހުންނަކީ ޢަޙުދުތައް އެއްލާލާފައިވާ ބައެކެވެ. މިބައިމީހުންނަކީ، ޙައްޤާއި ދުރުވާނޭހައި އެންމެހައި ގޮތްތަކުން ޙައްޤާއި ދުރުވެފައިވާ ބައެކެވެ. (މިބައިމީހުން) ޢިލްމުވެރިން ކާފަރު ކުރެ އެވެ. އެބައިމީހުން އަހަރެމެންގެ ވަލިއްޔުލް އަމްރު ކާފަރު ކުރެ އެވެ. އެބައިމީހުންނަށް މީސްތަކުން ކާފަރު ކުރުން (ތަކްފީރު) ކުރުން ނޫން އެހެން ކަމެއް ނެތެވެ. އެބައިމީހުން ޢަޤީދާގައި ޤަބޫލުކުރާ ގޮތަކީމި އެވެ. އެބައިމީހުން ދީނުގެ ގޮތުގައި ދަންނަ އެއްޗަކީ މި އެވެ.

 

ތަންތަނުގައި ފޮރުވިގަނެގެން ތިބި، ތަންދޮރު ފިލައިފައިނުވާ މޮޔަ ބަޔަކު ދޭ ފަތުވާ ތަކުގައި ޖެހި މިބައިމީހުން ވަނީ އެފަތުވާތަކުގެ މައްޗަށް ގެނބިގެން ގޮސްފަ އެވެ. (އެފަތުވާދޭ މީހުން ދެ ބަޔަކަށް ބެހިގެންދެ އެވެ.) ފަތުވާ ދޭ މީހުން އެފަތުވާދެނީ އެބައިމީހުންނާއި އެކުގައިވެ ތިބެ އެވެ. އެބައިމީހުންނަށް ތިބި ޝެއިޚުން ކަމަށް ވި އެވެ. އަދި އެ ފަތުވާ ދޭމީހުންނަށް އެބައިމީހުންވަނީ ބަރޯސާވެގެންނެވެ. އަދި އެބައިމީހުން ﷲ ގެ ޙުކުމަކަށް ރުޖޫޢައެއް ނުވެ އެވެ. އަދި ރައްބާނީ ޢިލްމުވެރިންނަށް ރުޖޫޢައެއް ނުވެ އެވެ. މިބައިމީހުން ވެގެންދިޔައީ އެބައިމީހުންފަދަ އިންނެވެ.

 

އަދި ފަތުވާދޭ "ޤަޢަދަ" އިންތަކެއް ވެ އެވެ. އެބައިމީހުން ފަތުވާ ދޭއިރުގައި (ބައެއްފަހަރު) ތިބެނީ އަހަރެމެންގެ މި ޤައުމުގަ އެވެ. (މިބައިމީހުން) ފަތުވާދެނީ އެ (ދާޢިޝް ISIS) އަށް ހިތްވަރު ދިނުމުގަ އެވެ. އަދި މުސްލިމު ޒުވާނުންތައް އަނދައިގެންދާ މި އަނދަމުންދާ އަލިފާނުގެ ތެރެއަށް ދިއުމަށެވެ. އެއްވެސް އަމާޒެއް ނެތި، ކަނު (ކާކު ނަގަހައްޓާފައިވާ) ދިދައެއް ކަމެއްނޭނގި ތިބެ، އެ ދިދައިގެ ދަށުގައި ހަނގުރާމަ ކުރެ އެވެ. ޢަޞަބިއްޔަތަށް ނަގާފައިވާ ދިދައެއްގެ (ދަށުގައި ހަނގުރާމަ) ކުރަމުން ދެ އެވެ. އަދި ޖާހިލިއްޔާ ދިދަތަކެއްގެ ދަށުގަ އެވެ. ނަބިއްޔާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވެ އެވެ. "ގޮތްނޭނގޭ ދިދައެއްގެ ދަށުގައި ހަނގުރާމަކުރާ މީހާ އަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."  އެދިދަ ޢަޞަބިއްޔަތަށްޓަކައި ނުވަތަ ޢަޞަބިއްޔަތަށް ދަޢުވަތުދެ އެވެ.

 

މި ޖުއްހާލުން (ޖާހިލު ކަމުގައި ޙައްދުފަނައަޅައިފައިވާ މީހުން) ނަކީ މޮޔައިންނެވެ. އުމުރުން ޅަ ބައެކެވެ. މޮޅެތި ހުވަފެންތައް ދެކުމުގައިވާ ބައެކެވެ. މިބައިމީހުންގެ ކިބައިން ނަބިއްޔާ صلّى الله عليه وسلّم ވަނީ (އުއްމަތަަށް) އިންޒާރު ދެއްވާފަ އެވެ. (ޙަދީޘް ކުރެއްވި އެވެ.) "ތިމަން ނަބިއްޔާ އެބައިމީހުންނާއި ބައްދަލުވެއްޖެނަމަ ޢާދުބައިގެ އަހުލުވެރިން ޤަތުލިކޮށް މަރާލެވުނު ފަދައިން ހަނގުރާމަކޮށް ޤަތުލު ކުރާނަމެވެ." އަދިވެސް صلّى الله عليه وسلّم (ޙަދީޘް ކުރެއްވި އެވެ.) "އެންމެ ހެޔޮވެގެންވާ ހަނގުރާމައެއްކޮށް މީސްތަކުން މަރާލި މީހަކީ އެބައިމީހުންނާ ދެކޮޅަށް ނުކުމެ އެބައިމީހުން މަރާލި މީހެކެވެ." އަދިވެސް صلّى الله عليه وسلّم (ޙަދީޘް ކުރެއްވި އެވެ.) "މި މީހުންނަކީ އުޑުދަށުގައިވާ އެންމެ ނުބައިވެގެންވާ ގޮތުގައި މަރާލަންޖެހޭ މީހުންނެވެ." އަދި (ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރައްވާ) ޚަބަރު ދެއްވި އެވެ. "އެބައިމީހުންނަކީ ނަރަކައިގެ ކިލާބުން (ކުއްތާއިންނެވެ.)" އަދިވެސް (ޙަދީޘް ކުރެއްވި އެވެ.) "އެބައިމީހުން ޤުރުއާން ކިޔަވާނެ އެވެ. އެހެނަސް އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އެތެރެއަކަށް އެ ޤުރުއާނެއް ނުދާނެ އެވެ." އަދިވެސް ޙަދީޘް ކުރެއްވި އެވެ. "އެބައިމީހުން ދުނިދަނޑިން ތީރު ނުކުމެގެންދާ ފަދައިން އިސްލާމްދީނުުން ބޭރުވެގެން ދާނެ އެވެ. އެ އިސްލާމް ދީނަށް އަނބުރާ އެބައިމީހުން ވަންނާނީ ތީރު އަނބުރައި އެ ދުނިދަނޑިއަށް އަނބުރާ އައިސްފިނަމަ އެވެ."


އެބައިމީނުންނަށް ބަޔާންކޮށްފައިވާ ނަމަކީ ނަރަކައިގެ ކުއްތާއިންނެވެ. އަދިވެސް (ނަބިއްޔާ صلّى الله عليه وسلّم) ޚަބަރު ދެއްވާފައިވަނީ އެބައިމީހުން ކޮންމެ ޤަރުނެއްގައިވެސް ފާޅުވާނެ އެވެ. ކޮންމެ ޤަރުނެއްގައި އެބައިމީހުން ފާޅުވުމުންވެސް އެބައިމީހުން ނައްތާލެވޭނެ އެވެ. އެންމެފަހުންގޮސް އާޚިރުގައި ދައްޖާލު އެބައިމީހުންގެ ތެރެއަށް ނުކުތުމަށް ދާންދެނެވެ.
އަދިވެސް (ނަބިއްޔާ صلّى الله عليه وسلّم)

ޚަބަރު ދެއްވާފައިވަނީ އެބައިމީހުން ނަމާދު ކުރުމުގައި، އެބައިމީހުންގެ ނަމާދާއި އެހެން މީހުންގެ ނަމާދު އަޅައިނުކިޔޭނެ އެވެ. (މާނައަކީ : އެހެން މީހުންގެ ނަމާދަކީ ދެރަ ނިކަމެތި ނަމާދެއްގެ ގޮތުގައި އެބައިމީހުން ހަދާނެ އެވެ.) އަދި ރޯދަވެސް އެބައިމީހުންގެ ރޯދަ އާއި އެހެންމީހުންގެ ރޯދަ އަޅާ ނުކިޔޭނެ އެވެ. އަދި އެހެން އަޅުކަންތައްވެސް އެފަދައިންނެވެ. އަދި އެބައިމީހުން ޤުރުއާން ކިޔަވާނެ އެވެ. އަދި އެ ޤުރުއާން އެބައިމީހުންގެ ކަރުގެ ވައިނޮޅިއަށްވުރެ އަޑިއަށް ނުދާނެ އެވެ.
އަދި މިނޫންވެސް އެހެން ޞިފަތައް ނަބިއްޔާ صلّى الله عليه وسلّم ބަޔާންކުރެއްވި އެވެ.

 

މިބައިމީހުންނަކީ علي رضي الله عنه ޤަތުލުކުރި މީހުންނެވެ. މި މީހުންނަކީ عثمان رضي الله عنه ޤަތުލުކުރި މީހުންނެވެ. علي رضي الله عنه އަދި عثمان رضي الله عنه މި މީހުންނުކުމެ ޤަތުލު ކުޅަ އެވެ. ތެދުވެރި، ތެދުބަސް ޙަދީޘް ކުރުމުގައިވާ ޞާޙިބާ ނަބިއްޔާ صلّى الله عليه وسلّم ޙަދީޘް ކުރައްވާފައިވާ ފަދައިން، މިބައިމީހުންނަކީ އިސްލާމް ދީނުގެ އަހުލުވެރިންނާ ހަނގުރާމަކޮށް އިސްލާމުން މަރާ ބައެކެވެ. އަދި މިބައިމީހުން ހަނގުރާމަ ނުކޮށް ދޫކޮށްލަނީ ކޮންބައެއް ހެއްޔެވެ؟ ބުދަށް އަޅުކަން ކުރާ މީހުންނެވެ.

 

މިބައިމީހުންގެ ސަލަފުން (މިބައިމީހުންނަށް މިޘާލުކަމުގައި ވަނީ) عثمان رضي الله عنه މަރާލި މީހުންނެވެ. މި ބައިގަޑުގެ ތެރޭގައިވި މީހާ، عثمان رضي الله عنه ގެ ހަށިގަނޑަށް ހަމަލާދީ، ހަށިގަނޑާއި ބޯ ވަކިކޮށް، އެއަށްފަހުގައި މިކަން ކުރި ލަޢުނަތް ލިބިގެންވި މީހާ ބުނެ އެވެ. "ﷲ ޤަންދީ ބުނަމެވެ. ﷲ އަށްޓަކައި ތިމަންނަ ހޭދަ ކުރި ދުވަސްތަކުގެ ތެރެއިން މިއަށްވުރެ ހެޔޮވެގެންވާ އެއްވެސް ދުވަހެއް، އަދި ޖިހާދު ކުރުމުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން މިއަށްވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަހެއް ތިމަންނަ ނުދަންނަމެވެ."
އަދި ފަހެ، علي رضي الله عنه ޤަތުލުކުރި މީހާ ޢަބްދުއް ރަޙްމާން ބިން މުލްޖިމް ބުންޏެވެ. "އަހަރެމެން މި ޙަރްބަށް، ނުވަ ބޯ ކަނޑަން ޖެހިފައިވެ އެވެ. އޭގެ ތެރޭގައި (ކަނޑަންޖެހޭ) ތިން ބޮލަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަނޑަންޖެހޭ ތިން ބޮލެވެ......"


އިޚްވާނުންނޭވެ! މިބައިމީހުންގެ ޢަލާމަތް (ސިފަތަކުގެ) ތެރޭގައި މީބައިމީހުންނަކީ ފޮރުވިގެންވާ ބައެކެވެ. (މީސްތަކުންނަށް ފޮރުވިގެންވާ ބައެކެވެ.)
އަހަރެމެންގެ ދީނަކީ ފާޅުކަންބޮޑު ގޮތުގައިވާ ދީނެއް ނުވަތަ ވަންހަނާ ވެގެންވާ ދީނެއް ހެއްޔެވެ؟ ފާޅުވެގެންވާ ދީނެއް ނުވަތަ ސިއްރިޔާތުގައި (ކަންތައްތައް) ކުރާ ދީނެއް ހެއްޔެވެ؟


މި ދީނަކީ، ނުހަނު ފާޅުކަންބޮޑު ގޮތުގައިވާ ދީނެކެވެ.  އަހަރެމެންގެ އަތުގައި ވަންހަނާކުރާނެ އެއްވެސް އެއްޗެއް ނޯންނާނެ އެވެ.
އެގޮތުން سفيان رحمه الله ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުންނަށް ބަޔަކު ދީނުގެ ކަމެއްގައި އެބައިމީހުން ޢާންމު މީސްތަކުންނާއި ވަކިވެގަނެ، އެބައިމީހުން ސިއްރު ވާހަކަތަކެއް ދައްކާތަން ފެނިއްޖެ ނަމަ، އެބައިމީހުން އެވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ދަންނަހުއްޓެވެ."


މީގެ ހަތަރު ދުވަސްކުރިން އަހަރެން މަސްޖިދުއް ނަބަވީގައި، މި ދަޢުވާކުރާ ޚިލާފަތާއި ބެހޭގޮތުން އަދި އެބައިމީހުން އެ ބައިޢަތު ހިފާފައިވާ ދައްޖާލުން، ބޮޑުދޮގުވެރިން ގެ ވާހަކަ ދައްކާފައިވާނެ އެވެ. އެ ބަސްތައް އެންމެހައި ތަންތަނުގައި ފަތުރާލުމަށް އަހަރެން އެދެމެވެ. އެއިން ﷲ ޙަޟުރަތުން އަހަރެމެންނަށް ޘަވާބާއި ދަރުމަ ލިބޭނެކަމަށް އަހަރެމެން އުއްމީދު ކުރަމެވެ. އަދި ހަމަ އެފަދައިން މި ޖަވާބުވެސް، މީސްތަކުންގެ ތެރޭގައި ފެތުރުމަށް ބޭނުންވާ މީހަކު ފެތުރުމަށް އަހަރެން އިޒުނަ ދެމެވެ.
އަޑުއައްސެވުމަށް : http://goo.gl/5iWX78

*****
އައިސިސް އަކީ، ޚަވާރިޖުން، އެމީހުންނަށް ބަޔާންވެގެންވާ ނަމަކީ ނަރަކައިގެ ކުއްތާއިން.

އައިއެސްއައިއެސް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ISIS އަކީ ﷲގެ ޝަރީޢަތް ޤާއިމްކުރާ ބައެއްކަމަށް ބުނުމުގެ ޙުކުމް - فضيلة الشَّيْخُ العلامة عُبَيْدُ الجَابِرِيْ حَفِظَهُ الله | 07 ޖެނުއަރީ 2016

(ISIS ގެ) ޙަޤީޤަތާއި އެޖަމާޢަތުގެ ނުރައްކައުތެރިކަން - الشَّيْخُ العَلَّامة محمد بن هادي المدخلي حَفِظَه الله | 15 ސެޕްޓެމްބަރ 2015

ISIS އަކީ ޚަވާރިޖު ޢަމަލުތަކުގެ އަހުލުވެރިން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 23 މާރޗް 2015

ދާޢިޝް (ISIS) ވަނީ ޙައްޤުގެ މަތީގައި ކަމަށް ޤަބޫލުކުރާ މުސްލިމުންނާ ދޭތެރޭ އަހަރުމެން ޢަމަލުކުރަންވީ ކިހިނެއް؟ - الشيخ محمد بن هَادِي المَدْخَلِي -حفظه الله- | 22 ފެބުރުއަރީ 2015

އައިއެސް އަކީ މިހާރު ދުނިޔޭގައިވާ ޚަވާރިޖުން - الشَّيْخُ مُحَمَّدُ بِنْ هَادِيْ المَدْخَلِي حَفِظَه الله | 05 ފެބުރުއަރީ 2015

އައިއެސް އަކީ އިސްލާމް ދަޢުލަތެއް ނޫން، އެއީ "ދާޢިޝިއްޔާ-ޚަވާރިޖު" ދަޢުލަތެއް - الشَّيْخُ العَلاَّمَة عَبْدُ المُحْسِنُ العَبَّاد حفظه الله | 05 ފެބުރުއަރީ 2015

އައިއެސް ޖަމާޢަތަކީ، ޚަވާރިޖް، ތަކްފީރީ ޖަމާޢަތެއް - الشَّيْخُ العَلَّامة صَالِح السُّحَيْمِي حَفِظَه الله | 05 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...