5  ޤުރުއާނާއި ސުންނަތް އެކި އެއްޗެހީގައި ލިޔެ ހަރުކޮށްފައި ބެހެއްޓުމާމެދު މުސްލިމުން ޢަމަލުކުރަންޖެހޭނެ ގޮތް - الإمام العلامة الشيخ صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޤުރުއާނާއި ސުންނަތް އެކި އެއްޗެހީގައި ލިޔެ ހަރުކޮށްފައި ބެހެއްޓުމާމެދު މުސްލިމުން ޢަމަލުކުރަންޖެހޭނެ ގޮތް - الإمام العلامة الشيخ صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޤުރުއާން

ސުވާލު: ޤުރުއާނުގެ އާޔަތްތައް އަދި ނަބިއްޔާ ﷺ ގެ ފަރާތުން އައިސްފައިވާ އެކިއެކި ދުޢާތައް ފާރުގައި ހަރުކޮށްފައި ބެހެއްޓުމަކީ ހުއްދަ ކަމެއްތޯއެވެ؟


ޖަވާބު: އާޔަތްލިޔެފައި ހަރުކޮށްފައި ބެހެއްޓުމާއި ނޫނީ ޙަދީޘްތައް ނުވަތަ ދުޢާތައް ހަރުކޮށްފައި ނޫނީ ތަތްކޮށްފައި ބެހެއްޓުމަކީ ސަލަފުއް ޞާލިޙުން ކުރެއްވި ޢަމަލުތަކުގެ ތެރެއިންވާ ކަމެއްނޫނެވެ. އެހެނަސް އެ އެއްޗެހި ދަސްކޮށް މީސްތަކުންނަށް ކިޔަވައިދީ އަދި އެންމެ މަތިވެރިވެގެންވާ ގޮތަށް އެތަކެއްޗަށް އެބައިމީހުން އިޙްތިރާމް ކުރިއެވެ. އަދި ފޮތްތަކުގައި ލިޔެފައި ބަހައްޓައެވެ. އާޔަތްތައް އަދި ޙަދީޘް ނުވަތަ ދުޢާ ހަރުކޮށް ބެހެއްޓުމަކީ އެއްވެސްގޮތަކަށް ހުއްދަވެގެންވާނެ ކަމެއްނުނެވެ. އެގޮތުގައި ބެހެއްޓުން ވެގެންދަނީ އެތަކެއްޗަށް އިހާނާތްތެރިވުމެވެ. ބައެއްފަހަރު އެތަކެތި ވެއްޓި ނުވަތަ ހަޑިވެ އިހާނާތްތެރިކޮށް ހިތެއެވެ. އަދި އެހެންތަކެއްޗަށް ގެއްލުންލިބޭ ފަދައިން މިތަކެއްޗަށް ގެއްލުންލިބި އިހާނާތްތެރިވުން ވެގެންދަނީ ކުޅިވަރާއި މަޖަލެއްގެ ގޮތުގައެވެ. ގިނަފަހަރު މިކަންކުރެވެނީ ޒީނަތްތެރި ކުރުމުގެ ގޮތުގައެވެ. ބައެއްފަހަރު އާޔަތްތައް ހުއްދަނުވާފަދަ އެކިވައްތަރުތަކަށް ބައްޓަންގެނެވޭ ގޮތުގައި ކުރަހަ އެވެ. ބައެއްފަހަރު ފައިވާނެއްގެ ބައްޓަމުގައި ނުވަތަ ދޫންޏެއްގެ ސިފައިގައި ނޫނީ ކަރަންޓް ހޮޅިބުރިއެއްގެ ސިފައިގައި ކުރަހާލެވެއެވެ. މިހުރިހާ ކަމަކީ އެތަކެއްޗަށް ކުޅިވަރު ކުޅުންފަދަ ހުއްދަނުވާނެ ކަންތަކެވެ.

 

އަދި ހަމައެހެންމެ ބައެއްފަހަރުގައި ކިޔަންނޭނގޭފަދަ ގޮތްތަކަށް ކުރެހި އެހެނީ ބޭނުމަކީ އެލިޔުން ނުވަތަ އަކުރުތައް ރީތި ބައްޓަމެއް ދެއްކުމަށް ކުރެހުމެވެ. މި ހުރިހާކަމަކީ އެތަކެއްޗަށް މަޖާކޮށް ކުޅެހެދުމެވެ. ﷲގެ ފޮތަށް މިގޮތަށް ހެދިގެންނުވާނެއެވެ."    
****

ފަތުވާ ނަގާފައިވަނީ : فتاوى الفوزان – نور على الدرب – الجزء الثالث

ސަޢުދީ ޢަރަބިއްޔާގެ ފަތުވާކޮމެޓީން ނެރެފައިވާ ބަޔާން
ޤުރުއާންލިޔެ އެކިއެކި ތަކެތީގައި ތަތްކުރުމާއި، ޤުރުއާން އަދި ޛިކުރު ހަރުކޮށްފައި ބެހެއްޓުމުގެ ޙުކުމް

 

الحمد لله وحده و الصلاة والسلام على رسوله و آله و صحبه و بعد :
ފުރަތަމައީ: الله تعالى ޤުރުއާން ބާވާއިލެއްވީ މީސްތަކުންނަށް އޮތް ވަޢުޟެއް އަދި ހިތްތަކަށް ފަރުވާއެއްކަމުގަ އެވެ. އަދި ޙިދާޔަތާއި ރަޙްމަތެއްގެ ގޮތުގަ އެވެ. މީސްތަކުންގެ މައްޗަށް ބަޔާންވެގެންވާ ޙުއްޖަތެއް ކަމުގައި އަދި ނޫރެއްގެ ގޮތުގަ އެވެ. އެ ޤުރުއާނުގެ މައްޗަށް ހިތް ހުޅުވައިފި މީހަކަށް ހެޔޮ ނުބައި ވަކިކޮށްދޭ އެއްޗެއްކަމުގަ އެވެ. ކިޔެވުމާއިއެކު އަޅުކަމެއްގެ ގޮތުގަ އެވެ. އެޤުރުއާން ތަދައްބުރުކޮށް އިސްލާމްދީނުގައިވާ މުޢާމަލާތްތަކާއި އަޅުކަންތަށް އަދި އަޤީދާ އުނގެނި ހޯދާ އެއްޗެއްގެ ގޮތުގައި އެވެ. ކޮންމެފަދަ ކޮންމެޙާލެއްގައި އޭގައި ހިފައި ހިމާޔަތް ހޯދޭނެގޮތުގައި ބާވާލެއްވި އެވެ.

އެ ޤުރުއާން މީސްތަކުންގެ ރާނާފައިހުންނަ ފާރުތައް ޒީނަތްތެރި ކުރުމަށް ހަރުކޮށްފައި ބެހެއްޓުމަށް ބާވައިނުލައްވަ އެވެ. ޢާންމު މީސްތަކުން ޤަބޫލުކުރާގޮތަށް ޤުރުޢާނުން ތަވީދުހަދައި ނުވަތަ އެފަދަ ފްރޭމްތައް ހަދައި ގެތަކުގައި އަދި ވިޔަފާރިކުރާ ތަންތަނުގައި ބެހެއްޓުމުން އެތަން ރައްކާތެރިވެ އަލިފާންނުހިފާނެ ތަނެއްކަމުގައިވެ، ވައްކަންކުރާމީހުންގެ ފަރާތުން ސަލާމަތްވާނެކަން ޤަބޫލުކުރާމީހުންގެ މިފަދަ ޢަމަލުތަކަށް ޤުރުއާން ބާވައިނުލައްވަ އެވެ. މިއީ ޚާއްސަކޮށް ބިދުޢަވެރިންގެ ޢަމަލެކެވެ. މިފަދަ މީހުންގެ އަދަދު ގިނަކަމާ އެވެ.
 

ޤުރުއާން އިން މަންފާއެއް ލިބިގަތުން އޮތީ އެބާވައިލެވުނު ސަބަބުންނެވެ. ﷲގެ ޙަޟުރަތުން މީސްތަކުންނަށް ބާވައިލެވުނު ބަޔާނެއްކަމުގައި އަދި ހިދާޔަތް ބަޔާންކޮށްދޭ މީސްތަކުންނަށް ހެޔޮނުބައި ވަކިކޮށްދޭ އެއްޗެއްގެ ގޮތުގައި ދެކިގަތުމެވެ. މިޤުރުޢާން ފާރުގައި ލިޔެ ނުވަތަ އެއްޗެއްގައި ލިޔެ ހަށިގަނޑުގައި އަޅައި ނުވަތަ ޒީނަތެއްގެ ގޮތުގައި އަޅައި ނުވަތަ މީސްތަކުން ހިމާޔަތް އަދި ރައްކާތެރި ވާނެކަމަށްދެކި ނުވަތަ ގޭގައިވާ މުދަލާއި ތަކެތި ހިމާޔަތް ކުރެވިދާނެކަމަށް ބަލައިފިމީހާ ޤުރުއާން ނުވަތަ އާޔަތް ނުވަތަ ސޫރަތުގެ ހިމާޔަތުން އެއްކިބާވެ ސީދާވެގެންވާ މަގުން އެކަހެރިވެ މިދީނުގައި ﷲ އިޛުނަދެއްވާފައި ނުވާ އެއްޗެއް ދީނަށް ވައްދައި ޢަމަލީގޮތުންނާއި ބަހުގެގޮތުން މިދީނަށް ބިދުޢައެއް ގެނެސްފި އެވެ. މިއީ ނަބިއްޔާ   ގެ ޚުލަފާއުއް ރާޝިދޫން އަދި ޞަޙާބީން رضي الله عنهم ކުރެއްވެވި ޢަމަލެއްނޫނެވެ. އަދި އެންމެ ހެޔޮވެގެންވާ 3 ޤަރުނު ކަމުގައި ރަސޫލާ  حديث ކުރެއްވި ޤަރުނު ތަކުގައި ފާޅުވި ހިދާޔަތުގައިވި އިމާމުން ކުރެއްވެވި ކަމެއްނޫނެވެ. މި ހުރިހައިކަމަކާ އެކީގައި މި މީސްތަކުން މިގޮތަށް ލިޔެފައިހުންނަ ފްރޭމްތަކާއި އެއްޗެހި އެއްތަނުން އަނެއްތަނަށް ބަދަލުވާއިރު އެތަކެއްޗަށް އިހާނާތްކޮށް ހަދައެވެ. އަދި އެއްލާލައި އުކާހެދުން މިއީ ކުރުން ހެޔޮވެގެންވާނެ ކަންތަކެއް ނޫނެވެ. މުސްލިމް އަޅާއަށްވަނީ އެންމެ މަތިވެރިވާގޮތަށް ޤުރުޢާން އަދި އެއާޔަތްތައް ރައްކާތެރިކޮށް އެއްވެސް ގޮތަކަށް އިޙްތިރާމް ކުޑަވެދާނެފަދަ ގޮތްތަކުން ދުރުވެގަތުމެވެ.


ދެވަނައީ: ލަޖްނާއިން މިގޮތަށް ލިޔެފައިހުރި 3 ފުރޭމަށް ބަލާހެދިއެވެ. ފުރަތަމަ ލިޔެފައިވާ ބޯޑުގައި ބިސްމި ލިޔުމަށްފަހު މިއާޔަތް ލިޔެފައި ހުއްޓެވެ.
فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ އަދި  رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِين

 

އަދި މިބޯޑުގައި ކަޢުބާގެ ތަސްވީރަކާއެކީގައިި އަނަހެނުންނާއި ފިރިހެނުންގެ ތަވާފުކުރަމުންދިޔަ ފޮޓޯ ހުއްޓެވެ. އަނެއްބޯޑުގައި ފާތިޙާ ސޫރަތްލިޔެ އަދި ދުޢާއެއްލިޔެ "ﷲ" މި ލަފްޒް ލިޔެފައި "ރަސޫލާ " ނަންލިޔެ ހަތަރު ޚަލީފާއިންގެ ނަންލިޔެ މަސްޖިދުލް އަޤްޞާގެ ފޮޓޯހުއްޓެވެ.
 ފުރަތަމަ ބޯޑާމެދު ބުނަމެވެ. މިފަދައިން ހަދާފައިހުންނަ ބޯޑު ނުވަތަ ފޮތިތައް ގޭގައި ނުވަތަ މަދަރުސާގައި ނުވަތަ ނާދީ، ވިޔަފާރިކުރާތަންތަނުގައި ޒީނަތްތެރިކުރުމުގެ ގޮތުން ނުވަތަ ބަރަކާތް ހޯދުމުގެގޮތުން ބަހައްޓައިގެން ނުވާނެއެވެ. ތިރީގައި މިބަޔާންކުރާ ކަންތައްތަކުގައި ވާގޮތުންނެވެ.
1- އެކަމެއްގެ މައްޗަށް ޤުރުއާން ބާވައިލެއްވުނު ސަބަބުން އެއްކިބާވެ އެޤުރުޢާންގައިވާ ޙިދާޔަތާއި، ރިވެތިވެގެންވާ ވަޢުޠާއި ކިޔެވުންފަދަ ކަންކަމުން ދުރުހެލިވުމެވެ.
2- ނަބިއްޔާ   އަދި ޚުލަފާއުއްރާޝިދޫންގެ މަގާއި ޚިލާފްވެ ދިޔުމެވެ. ފަހެ މިކަމަކީ އެބައިމީހުން ކުރެއްވެވިކަމެއް ނޫނެވެ. ހުރިހާ ހެޔޮކަމަކީ އެބޭކަލުންނަށް ތަބަޢަވުމެވެ. އަލަށް ކަންތައްތަކެއް ކުރުމެއްނޫނެވެ.
3- އެތަވީދުތަކާއި ފްރޭމްފަދަ ތަކެތީގައި ޤުރުޢާނުން ލިޔެފައި ހުރިކަމުގައިވީނަމަވެސް މިކަންތައްތަކަކީ ޝިރުކަށް ގެންގޮސްދޭ ވަޞީލަތެކެވެ. ވުމުން މިމަގު ބަންދުކުރުން އެއީ އޮތްގޮތެވެ. ނަބިއްޔާ ގެ ޙަދީީޘްތަކުން މިކަންވަނީ މަނާކުރެވިގެންނެވެ.
އެއްވެސް ޝައްކެއްނުވާ ގޮތުގައި މިފަދަަ އެއްޗެހިތައް ވެގެންދާނީ އިންސާނުން އެބައިމީހުން ހިމާޔަތް ހޯދުމަށް އެދި ބޭނުންކުރާ ތަކެއްޗެއްގެ ގޮތުގައެވެ. ތަޖުރިބާއިން އަދި މީސްތަކުން އުޅެމުންދާ ގޮތްތަކުން މިއީ މިކަންވެދާގޮތްކަން އެނގެއެވެ.
4- މިކަންތަކަކީ ވިޔަފާރިކޮށް މީސްތަކުން ފައިސާހޯދުމަށް އޮތް ވަޞީލަތެއްކަމުގައި ވެދެއެވެ. އެ އެއްޗެހި ތަކުގައި ޤުރުޢާން ލިޔުމުން އޭގެ އަގުބޮޑުވެ ފައިދާލިބޭލެއް ބޮޑުވެދެއެވެ. ފަހެ ޤުރުޢާން ބާވާއިލެއްވުނީ ވިޔަފާރިއަށް ފައިސާ ހޯދުމަށް އޮތް އެއްޗެއް ގޮތުގައެއް ނޫނެވެ. މިކަމުން ދުރުހެލިވެ އެކަހެރިވުން ވާޖިބު ވެގެންވެ އެވެ.
5- މިކަމުގައި ޤުރުޢާނުގެ އާޔަތްތައް އަދި ސޫރަތްތަކަށް އިހާނެތިކުރުން މެނުވީ ނުވެ އެވެ. އެއްތަނުން އަނެއްތަނަށް ބަދަލުވެދާއިރު ގޭގައި ގެންގުޅޭ ތަކެއްޗާއި އެކީގައި އުކާލެވި އަޅައިލުންކުޑަ ގޮތެއްގައި ގެންގުޅެވެ އެވެ. އެކިކަހަލަ އެކިވައްތަރުގެ ތަކެއްޗާއި އެއްވެ ހުރުމަތް ކެނޑިގެންދެ އެވެ. ޤުރުއާން ލިޔެފައިވާ މިފަދަތަކެތި ދުވަސްވެ ބާވެ ހަޑިވެދިއުމުން އުކާލަ އެވެ. މިއީ ކުރުން ހެޔޮވާވަރު ކަންތަކެއްނޫނެވެ.

 

މި ހުރިހައިކަމެއްގެ މައްޗަށް ޖުމްލަގޮތެއްގައި ބުނެވެނީ މުސްލިމުންނަށް އެންމެ ސަލާމަތްކަންބޮޑީ ނަބިއްޔާ   އެބައެއްގެ މައްޗަށް ހެކިވެވަޑައިގެންނެވި ހެޔޮކަމުގެ އަހުލުވެރިންގެ ގޮތުގައި ޤާއިމްވެވަޑައިގެންނެވި ފުރަތަމަ ތިން ޤަރުނުގެ ހިދާޔަތުގައިވި އިމާމުންތަކުގެ ހިދާޔަތުގައި ޤާއިމްވެ މި ހުރިހައި ނުބައި މަގުތަކުން އަދި ފާފަތަކުން އެއްކިބާވެ މިހުރިހައި ދޮރުތަކެއް ބަންދުކުރުމެވެ. އެއިމާމުންގެ އަޤީދާ އަދި ދީނުގައިވި ހުރިހާ ޙުކުމްތަކުގައި ޤާއިމްވުމެވެ. ބިދުޢަތައްގެނެސް އޭގައި ޤާއިމްވުމުގެ ސަބަބުން ނިމުން ވެގެންދާނީ ކިހާބޮޑު ފާފައެއްގެ މަތީގައި ކަމެއްނޭނގެ އެވެ.
 

ތިންވަނައީ: މީސްތަކުން ހެޔޮކަންތައްތަކުގައި ޝައުގުވެރި ކުރުވުމަށްބުނެ ޝިރުކުފަދަ ކަންތައްތަކަށް ވާޞިލްވެދާނެ ކަންތައްތައް ކުރުމާއި އަދި ޤުރުއާނަށް އިހާނާތެރިކޮށް ހިތައި ފާރުގައި އަދި އެކިތަންތަނުގައި ތަތްކުރާތަކެތި ހަދައި މިގޮތަށް ކަންތައްކުރުން ހުއްދައެއްނުވާނެ އެވެ. އަދި ވިޔަފާރިއަށް މިތަކެތި ނެރެ އަގުބޮޑުކޮށް ވިއްކުމުގެ ޤަސްދުގައި މިގޮތަށް ޢަމަލުކުރުން ހެޔޮނުވާނެ އެވެ. ދަޢުވަތުދިނުމަށް ނިކުންނަ މީހާއަށްއޮތީ ޝަރުޢުވެގެންވާ ހުއްދަ އެހެނިހެން ވަޞީލަތްތަކުގައި ޤާއިމްވެ މިކަންތަކުން އެއްކިބާވުމެވެ.
 

ހަތަރުވަަނައީ: ޤުރުއާންލިޔެފައި އެކިތަންތަނުގައި ބަހައްޓައި މިފަދަތަކެތި އެތައްޒަމާނެއް ކުރިންފެށިގެން މިތަކެތި އެކިއެކި ގެތަކުގައާއި ބާޒާރުތަކުގައި ގިނަވެފައި ހުރުމުން ދައްކައިދެނީ، މީސްތަކުންގެ މެދުގައި ދީނުގެ ކަންތައް ބަލިކަށިވެ މިކަންކަމާއިމެދު އަޅާލުން ކުޑަކޮށްފައިވާކަން ދޭހަކޮށްދޭކަމެވެ. މިމުންކަރާތް ގިނަވެ ޖާހިލުކަންތައް އިތުރުވެދިއުމަކީ މިކަންތައްތަކަކީ ހުއްދަކަމެއްކަމުގައި ބުނެވޭނެ ޙާލަތެއްނޫނެވެ. ފަހެ ބިދުޢަވެރިންނާއި ދީނުގެ އަސްލުން އެއްކިބާވެފައިވާ މީހުންނަކީ ނުހަނު ގިނަބައެކެވެ. ބިދުޢަތަކަށްގޮވައި އޭގެ މައްޗަށް ވާގިވެރިވާ މީހުން ގިނަގުނަ އެވެ. لاحول ولاقوة إلا بالله. މިފަދަތަކެތި ބަހައްޓައި މިމުންކަރާތުގައި މީސްތަކުން އަށަގަނެފައިވުމުން ޢިލްމުވެރިންނަށް ވާޖިބުވެގެންވަނީ މިކަންތައް އިންކާރުކޮށް މިކަން އިސްތިޢުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުމެވެ.
****
ފަތާވާ ނަގާފައިވަނީ  ( فتاوى اللجنة الدائمة  2078 )

Like what you see?

Close

Hit the buttons below to follow us, you won't regret it...