5 ފިރިންނާއި އަނބިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް - الشيْخُ د. عَبْدُ الله بن عَبد الرَّحِيم البُخَارِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިރިންނާއި އަނބިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް - الشيْخُ د. عَبْدُ الله بن عَبد الرَّحِيم البُخَارِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ކައިވެނި

"ފިރިމީހާ އޭނާގެ އަނބިމީހާގެ މައްޗަށް ޚަރަދުކުރުން ވާޖިބު ވެގެންވެ އެވެ. އަނބިމީހާއަށް ކުޅަދާނަވެގެންނުވާ ކަންތައްތަކަށް އަމުރުކޮށްގެން ނުވާނެ އެވެ. އަބިމީހާއާ ދިރިއުޅެން އެއްފަދަވެގެންވާ ހިޔާވައްސެއް ހޯދައިދޭން ޖެހޭނެ އެވެ. އަނބިމީހާއަށް އޭނާގެ ދީނުގައި ދެމިހުރުމަށް ބޭނުންވާ ކަންތައްތައް އަނބިމިހާއަށް އުނގަންނައިދޭން ޖެހޭނެ އެވެ. އަދި ޝަރުޢީގޮތުން ބަޔާންވެގެންވާ ޣީރަތްތެރިކަން އަނބިމީހާގެ މައްޗަށް ހުންނަން ޖެހޭނެ އެވެ. އަނބިމީހާ ފުރިހަމަވެގެންވާ ރައްކާތެރިކަމުގައި ރައްކާތެރިކުރަން ޖެހޭނެ އެވެ. އަނބިމީހާއަށް ޚިޔާނާތްތެރިނުވެ، އަނބިމީހާ އެކުގައި ހެޔޮގޮތުގައި ރިވެތިވެގެންވާ ދިރިއުޅުމެއްގައި އުޅުން ހުއްޓެވެ. ﴿فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ﴾ "ފަހެ ހެޔޮގޮތުގައި އެކަނބަލުންނާ އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު އެކަނބަލުން ދޫކޮށްލުމެވެ." އަދި ނަބިއްޔާ ﷺ ހަދީޘް ކުރެއްވި އެވެ. (اسْتَوْصُوا بِالنِّسَاءِ خَيْرًا) "އަންހެނުންނަށް ތިޔަބައިމީހުން ހެޔޮގޮތުގައި ވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ." އަދި އަހަރެމެންގެ ތެރެއިންވާ މީހެއްގެ މައްޗަށް އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކާއި މެދުގައި ނަބިއްޔާ ﷺ އަރިހުގައި ސުވާލު ދެންނެވުނެވެ. (أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ أَوْ اكْتَسَبْتَ وَلَا تَضْرِبْ الْوَجْهَ وَلَا تُقَبِّحْ وَلَا تَهْجُرْ إِلَّا فِي الْبَيْتِ) "ތިބާ ކައިފި ހިނދުގައި އަނބިމީހާއަށް ކާންބޯން ދިނުމެވެ. ތިބާ އަންއަނައުނު ބޭނުންކޮށްގެންވާ ހިނދުގައި އަނބިމީހާއަށް އަންނައުނު ހޯދާދިނުމެވެ. އަދި އަނބިމީހާގެ މޫނުމަތީގައި ޖަހައިގެން ނުވާނެ އެވެ. އަދި އަނބިމީހާއަށް ނިސްބަތްކޮށް ހުތުރު (ހަޑި މުޑުދާރު) ބުނެގެން ނުވާނެ އެވެ. އަދި ގޭގައި ނޫންގޮތަކަށް ހަޖަރުކޮށްގެން ނުވާނެ އެވެ." މިޙަދީޘް الإمام أحمد އަދި أبوداود  ރިވާކޮށްފައިވެ އެވެ. އަދި މިއީ ޞައްޙަ ޙަދީޘެކެވެ.
 

އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި، ފިރިމީހާއަށް އެންމެހައި ހެޔޮކަންކަމުގައި ކިޔަމަންގަތުން ހުއްޓެވެ. އަދި ފިރިމީހާ ހޯދައިދީފައިވާ ބޯހިޔާކަމުގައި ދެމިހުރުން ހުއްޓެވެ. ފިރިމީހާގެ ހުއްދަނެތީސް ސުންނަތް ރޯދައަށް ހުރެގެން ނުވާނެ އެވެ. ފިރިމީހާގެ ގެއަށް، ފިރިމީހާގެ ހުއްދަނެތީސް އެއްވެސް މީހަކު ވަނުމަށް ހުއްދަ ދީގެން ނުވާނެ އެވެ. އަދި ގެ އިން ފިރިމީހާގެ ހުއްދަ ނުހޯދައި ނުކުތުމެއް ނެތެވެ. އަންހެން މީހާއަށް އޭނާއަށް ފިރިމީހާގެ ފަރާތުން ލިބިދޭ ނިޢުމަތްތަކަށް ޝުކުރުވެރިވެ އެ ނިޢުމަތްތަކަށް ކާފިރުވެގެން ނުވާނެ އެވެ. އަނބިމިހާ ދިރިއުޅޭ ގެ ރަގަނޅަށް ބެލެހެއްޓުންވެ އެވެ. އަދި ފިރިމީހާއަށް ތައްޔާރުކޮށް، ފިރިމީހާ ހިތްއެދޭ ގޮތުގައި ބެހެއްޓުންވެ އެވެ. ރިވެތި، ހެޔޮވެގެންވާ ދިރިއުޅުމަށް ވާޞިލްވެދޭނެ އެންމެހައި ސަބަބުތައް ފުރިހަމަކޮށްދިނުން ހުއްޓެވެ. ފިރިމީހާ އޭނާގެ ދީނުގައި، މުދަލުގައި އަދި ފިރިމީހާގެ އަބުރު ރައްކާތެރިކުރުން ހުއްޓެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. "އެެއްވެސް އަންހެނަކު ދުނިޔެ ދޫކޮށްފައިދާ ހިނދުގައި، އޭނާގެ ފިރިމީހާ އަނބިމީހާގެ މައްޗަށް ރުހިގެންވާ ނަމަ، އަންހެންމީހާ ސުވަރުގެއަށް ވަންނާނެ އެވެ." މިޙަދީޘް الترمذي އަދި الحاكم ރިވާކުރެއްވި އެވެ. އަދި މިއީ ޞައްޙަ ޙަދީޘެކެވެ."
***

ފަތުވާ ނަގާފައިވަނީ : http://goo.gl/sVqwBu

Like what you see?

Close

Hit the buttons below to follow us, you won't regret it...