5  ޙަރާމް ޢަމަލުތައް ކުރުމަށް އިޛުނަ ދިނުމުން އެކަންކަމަށް ތަރުޙީބު ކިޔަނީ ތިޔަބައިމީހުންނަކީ މުސްލިމުންގެ ނަން ބޭރުފުށަށް ފާޅުކޮށްގެން އުޅޭ މުނާފިޤުން ހެއްޔެވެ؟ - أُسْتَاذ أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޙަރާމް ޢަމަލުތައް ކުރުމަށް އިޛުނަ ދިނުމުން އެކަންކަމަށް ތަރުޙީބު ކިޔަނީ ތިޔަބައިމީހުންނަކީ މުސްލިމުންގެ ނަން ބޭރުފުށަށް ފާޅުކޮށްގެން އުޅޭ މުނާފިޤުން ހެއްޔެވެ؟ - أُسْتَاذ أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ الحركة النسوية - ފެމިނިސްޓު ޙަރަކާތްތައް

 

ޙަރާމް ޢަމަލުތައް ކުރުމަށް އިޛުނަ ދިނުމުން އެކަންކަމަށް ތަރުޙީބު ކިޔައި އުފާފާޅުކުރުން

 

الحمد لله رب العالمين، و الصلاة والسلام على رسول الله وعلى آله و صحبه، و بعد:


އިސްލާމް ދީނުގެ މައްޗަށް ފިތުނަވެރިކަމާއި ފަސާދަ ފާޅުވެ ދީން ނުހަނު ބީރައްޓެހި ޙާލަތަށް ހުށެހެޅިގެން ދާނެކަމުގައި މާތް ނަބިއްޔާ ﷺ އަންގަވާފައިވެ އެވެ. ޙަދީޘް ކުރެއްވި އެވެ. (بَدَأَ الإسْلَامُ غَرِيبًا، وَسَيَعُودُ كما بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ) "އިސްލާމް ދީން ފެށިގެންއައީ ބީރައްޓެހި ގޮތުގަ އެވެ. ފެށުނުހިނދު އޮތް ބީރައްޓެހި ކަމަށް ފަހުން އަނބުރައި ދާނެ އެވެ. ފަހެ، ޠޫބާވަނީ އެ ބީރައްޓެހިންނަށެވެ." مسلم 145 


ނަބިއްޔާ ﷺ އިސްލާމް ދީނުގެ ދަޢުވަތައިގެން ވަޑައިގަންނަވާ 23 އަހަރުގެ ތެރޭގައި އިސްލާމް ދީން ފުރިހަމަކޮށް ޝަރީޢަތް ބަޔާންކޮށްދެއްވި އެވެ. ޝަހާދަތް ކިޔައި އިސްލާމްވި ކޮންމެ މީހަކު ޤަބޫލުކުރަންޖެހޭ އެއް އަސާސަކީ ﷲ ގެ ދީނުގައިވަނީ ޢަދުލުވެރި، އިންސާފުވެރި، އެންމެހައި ބާއްޖަވެރިކަމެއް ދެދުނިޔޭގައި ޙާޞިލްވެވޭނެ ޙުކުމްތަކެއް ކަމެވެ. ﷲގެ ޙުކުމްތަކަކީ، ނާތަހުޒީބު، އެކަށީގެންނުވާ، މިޒަމާނާއި ނުގުޅޭ ބޯދާއެއްޗެއް ކަމުގައިދެކި، އެ ޙުކުމްތަކުގެ ބަދަލުގައި އެހެން އެއްޗެއް ހޯދުމަށް ބޭނުންވާކަމުގައި ދެކެފި މީހާއަކީ އިސްލާމް ދީނުން ބޭރުވެފައިވާ މުރުތައްދު ވެފައިވާ ކާފަރެކެވެ. 


ﷲ ގެ ޝަރީޢަތުގައި ލެވިފައިވާ އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި، ޙިކްމަތްތެރި ފުރިހަމަ ޙުކުމްތަކެއްކަން ބަޔާންކުރައްވާ ﷲ ވަޙީ ކުރައްވާފައިވެ އެވެ.
أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَﱠ المائدة 50  "ފަހެ، އެބައިމީހުން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމަށް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲއަށްވުރެ ޙުކުމް ކުރެއްވުން މޮޅީ ފަހެ ކާކު ހެއްޔެވެ؟"


އަދިވެސް ﷲ ވަޙީ ކުރައްވާފައިވެ އެވެ.
 أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَﱠ  التين 8  "ޙުކުމް ކުރައްވާ އެންމެ ޢަދުލުވެރި އިލާހު ކަމުގައި ﷲ ވޮޑިގެން ނުވޭ ހެއްޔެވެ؟"
ފަހެ، އަޅުތަކުންނަށް އެންމެ މަސްލަހަތު ހުރި ރަނގަޅު ގޮތް އެނގުން އައުލާ ވެގެން ވަނީ ދެރަ ނިކަމެތި އިންސާނާއަށް ހެއްޔެވެ. ނޫނީ އެންމެހައި ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ އެންމެ ޙިކްމަތްވަންތަ ﷲ އަށް ހެއްޔެވެ. 


މުސްލިމެއްގެ ނަމުގައި ހުރެ، ﷲ ގެ ޢަދުލުވެރި ޙުކުމްފުޅުތަކުގެ މައްޗަށް ބަސްބުނާ މީހުންގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ! އެބަޔަކު އެހުށަހެޅެނީ ކޮންފަދަ ނުރައްކަލެއްގެ ތެރެއަށްކަން އެބަޔަކަށް ނޭނގެނީ ބާއެވެ! ﷲ ވަޙީކުރެއްވި އެވެ. 
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُﱠ  الملك 14  "ހުރިހައި ތަކެއްޗެއް ހެއްދެވި އިލާހުއަށް އެތަކެތި ދެނެވޮޑިގެން ނުވޭ ހެއްޔެވެ؟ އަދި އެ އިލާހުއީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."


އަދިވެސް ވަޙީކުރައްވާފައިވެ އެވެ.
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا "އަދި ނަބިއްޔާގެ ވެރި އިލާހުގެ ބަސްފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެ އެވެ." ﷲ ބާވައިލެއްވި އެންމެހައި ޚަބަރު ތަކަކީ ތެދުބަސްފުޅެވެ. އަދި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެވެ. ﷲ ގެ ޙުކުމްފުޅުތަކުން ބޭރުވެގަތުމަކީ އެއީ ތިމާގެ އަމިއްލަނަފްސަށް ނުވަތަ އަނެކާއަށް އަނިޔާވެރިވެރި ވުމެވެ. 


ﷲ ބާވައިލެއްވި ޝަރީޢަތަކީ އެންމެހައި ޒަމާނަކަށް، އެންމެހައި ވަޤުތުތަކަށް ފުދިގެންވާ، ޝާމިލްވެގެންވާ ޝަރީޢަތެކެވެ. އެއްވެސް ޒަމާނަކަށް އެކަށީގެން ނުވާ ޝަރީޢަތެއްކަމުގައި ޤަބޫލުކޮށްފި މީހާ އެވަނީ ﷲ ގެ ޝަރީޢަތަކީ އުނި އެއްޗެއް ކަމުގައި ބުނެފަ އެވެ. މި ޝަރީޢަތް ބާވައިލެއްވިފައިވަނީ އެންމެހައި އިންސާނުންގެ ޙަޔާތް ބާއްޖަވެރި ކުރުމަށާއި، ﷲ ރުއްސަވާ ވޮޑިގެންވާ މަގަށް ވާޞިލްކޮށްދިނުމަށެވެ. އެމަގަށް ވާޞިލް ވުމަށްޓަކައި، ﷲ ލޯބިވެވޮޑިގެންނަވާ، ރުއްސަވާވޮޑިގަންނަވާ އެންމެހައި ކަމެއް ޙަލާލުކުރައްވާ އެކަންތައްތަކަށް އަމުރުފުޅު ކުރެއްވި އެވެ. އަދި ﷲ ނުރުއްސަވާ، ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތަކެއް ޙަރާމް ކުރައްވާ އެކަންތަކެއް ނަހީ ކުރެއްވި އެވެ. މިފަދައިން މުއުމިނު އަޅާ ޤަބޫލުކުރުމަކީ އޭނާގެ އީމާންކަން ދަލީލުކޮށްދޭ ބުރުހާނެކެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا  "ނަބިއްޔާގެ ވެރިއިލާހު ޤަންދެއްވައި ވަޙީ ކުރައްވަމެވެ. އެބައިމީހުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެތެވެ. އެހިނދު  ނަބިއްޔާ ނިޔާކުރެއްވި ގޮތާ މެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާ ކަމުގައި އެބައިމީހުން ނުދެކޭނެތެވެ. އަދި އެބައިމީހުން އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންގަތުމަކުން ކިޔަމަން ވާނެ އެވެ." 


ޝަރީޢަތުގެ ޙުކުމް ބަޔާންވެގެން ދިއުމުން، އެއީ ތިމާއަށް ބުރަ، ދަތި، އުނދަގޫ އަދި ކުރުމަށް ހިތްނޭނދޭ ކަމުގައިވީނަމަވެސް، އެއީ ﷲ ގެ ޙުކުމް ކަމާއި ރަސޫލާ ﷺކަނޑައަޅުއްވާފައިވާ ޙުކުމް ކަމުގައި ބަޔާންވެ ދިއުމުން، އީމާން ކަމުގެ އަހުލުވެރިން އެ ޙުކުމް ފުރިހަމައަށް ޤަބޫލުކޮށް، އެކަމަށް ހިތުގައި އެއްވެސް ބުރައެއް ނޯންނާނެ ގޮތުގައި އީމާންވާނެ އެވެ. އީމާންކަމުގެ އަހުލުވެރިންގެ މިޘާލަކީ މިފަދަ އެވެ. 


وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ  وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا "އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންނަށް އެކަމުގައި އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ." 


އަޚުންނާއި އުޚްތުންނޭވެ! މިއީ ﷲ ގެ ޙުކުމްތަކާ މެދު މުސްލިމެއްގެ ހިތުގައި އޮންނަންޖެހޭނެ، އިޚްތިޔާރުކޮށްފައިވާންޖެހޭނެ މަގެވެ. ތިމާގެ ނަފްސު އެ އިލާހުގެ ކުރިފުޅުމައްޗަށް ހުށަހެޅޭނެ ދުވަހުގައި ގެނެވޭނެ އެކައްޗަކީ ޤުރުއާނެވެ. މިފޮތް އެއީ ހެކިވާނެ ހެކިވެރިއެއްގެ ގޮތުގައިވާނެ އެވެ. އޭނާ، މީނާ، އެވެނި މީހެއް، މިވެނި މީހެއް ބުނި ބަސްތަކެއް އެދުވަހުގައި ކޮށްދޭނެ އެއްވެސް މަންފާއެއް ނޯންނާނެކަން ކަށަވަރެވެ. 


އަންހެން ދަރިއަކު، ބާލިޣްވެ، ފުރާ ފުރިހަމަ އަންހެނަކަށްވުމުން، އެފަދަ އަންހެނެއްގެ މައްޗަށް ވަނީ ޙުކުމްތަކެއް ޝަރީޢަތުގައި ނިޔާކުރައްވާފަ އެވެ. އެއީ މަޙްރަމާ ނުލައި މެނުވީ ދަތުރުކޮށްގެން ނުވުމެވެ. ދީނުގައި އަންހެނުން މަޙްރަމެއްނެތި ދަތުުރުކުރުން ވަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ކަނޑައަޅުއްވާފަ އެވެ. 


النبيُّ ﷺ ޙަދީޘް ކުރެއްވި އެވެ. (لا تسافرُ المرأةُ إلَّا معَ ذي محرمٍ، ولا يدْخُلُ عليها رجلٌ إلا ومعَهَا محرمٌ فقالَ رجلٌ : يا رسولَ اللهِ، إنِّي أريدُ أنْ أخرُج في جيشِ كذا وكذا، وامرَأتي تريدُ الحجَّ ؟ فقالَ : اخرُجْ معَها) صحيح البخاري  1862  "މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ. އަދި އަންހެނެއްގެ ގާތަށް މަޙްރަމަކު ނެތި ފިރިހެނަކު ވަދެގެން ނުވާނެ އެވެ. ފަހެ އެހިނދުގައި މީހަކު ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. އަހަރެން މިވެނި އެވެނި ހަނގުރާމައެއްގެ ލަޝްކަރުގައި ބައިވެރިވުމަށް ނިންމައިފީމެވެ. އަދި އަހަރެންގެ އަނބިމީހާ ޙައްޖު ކުރުމަށްޓަކައި ބޭނުންވެ އެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. "އަނބިމީހާއާ އެކުގައި ޙައްޖަށް ނުކުންނާށެވެ."


މިއީ ޙައްޖަށް ނުކުތް އަންހެނެއްގެ ވާހަކަ ބަޔާންކުރެވުނުހިނދު ރަސޫލާ ﷺ ދެއްވެވި އިރުޝާދެވެ. ފިރިމީހާވަނީ ރަސޫލާ ﷺ އާއެކު ހަނގުރާމައަށް ދިއުމަށް ކަނޑައަޅާފަ އެވެ. ހަނގުރާމަ ދޫކޮށްލައި އަންހެނުންނާ އެކު ޙައްޖުވުމަށް އަމުރުފުޅު ކުރެއްވުމުން އެކަމުގައި ނިޔާކުރެވިފައިވާ މިންވަރު ވިސްނާލުން ހުއްޓެވެ. 


ޙަދީޘްގައިވެ އެވެ.

(لا تُسافِرُ المرأةُ إلا مع ذِي مَحْرَمٍ، ولا يَدْخُلُ عليها رجلٌ إلا معها مَحْرَمٌ) صحيح الجامع 7301

"މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ. އަދި އަންހެނެއްގެ ގާތަށް މަޙްރަމަކު ނެތި ފިރިހެނަކު ވަދެގެން ނުވާނެ އެވެ."

 
މި ބާބުގައި މިފަދަ ކިތަންމެ ޙަދީޘްތަކެވެ. މިއީ ދީނުގައި އެކަމަށް ސަމާލުކަންގެނެސްފައިވާ، އިންޒާރު ދެވިފައިވާ، އެ ފާފައަކާ ގުޅިގެން އީމާންކަން ޛިކުރުކޮށްފައިވުމުން އެހިނދު ކޮންފަދަ ބޮޑުވެގެންވާ ނުބައި ޢަމަލެއް ކަމުގައިވެ އެވެ. ޙަދީޘްގައިވެ އެވެ. (لا يَحِلُّ لِامْرَأَةٍ تُؤْمِنُ باللَّهِ واليَومِ الآخِرِ أنْ تُسافِرَ مَسِيرَةَ يَومٍ ولَيْلَةٍ ليسَ معها حُرْمَةٌ.) "ﷲ އަށާއި ޤިޔާމަތްދުވަހަށް އީމާންވެގެންވާ އަންހެނަކަށް މަޙްރަމެއްނެތި ރެއަކާ ދުވާލެއްގެ ދަތުރު ކުރުން ޙަލާލެއް ނުވާނެ އެވެ." صحيح البخاري 1088 


ބައެއް ރިވާޔަތްތައް މުއްދަތެއް ޛިކުރުކުރެވިފައިނުވެ މުޠްލަޤުކޮށް މަޙްރަމެއް ނެތި އެއްވެސް ދަތުރެއް ކުރުން ޙަލާލު ނުވާނެކަން ބަޔާންވެގެންވެ އެވެ.


ވިސްނާލުން ހުއްޓެވެ! އަންހެނަކު މަޙްރަމެއް ނެތި ދަތުރުކޮށްފިހިނދު އޭނާގެ އީމާންކަން ނެތް ކަމުގައި ނިޞްބަތްކޮށްފައިވުމުން އޭގެ ނުރައްކާތެރިކަންވަނީ ކޮންފަދަ ބޮޑުވެގެންވާކަން ވިސްނާލުން ހުއްޓެވެ! މިއީ ކޮންފަދަ ކަމެއްކަމުގައި ވިސްނުމުގައިވޭ ހެއްޔެވެ؟


އުއްމަތަށް ފާޅުވި ކުރީގެ އިމާމުން މިބާބުގައި ޛިކުރުކުރައްވާ ބަސްފުޅުތަކަށް ބަލާއިރުވެސް މިކަމުގެ ނުރައްކަލާއި، ފާފައިގެ ބޮޑުކަން ބަޔާންވެ އެވެ. 


الحافظ النووي (ت 676)  رحمه الله ވިދާޅުވެފައިވެ އެވެ. "ފަހެ، މިތަނުން ޙާޞިލްވާ އެއްޗަކީ، ހަމަކަށަވަރުން ދަތުރެއް ކަމުގައި ބުނެވޭ އެންމެހައި ދަތުރުތަކެއްގައި އަންހެނުން އެބައިމީހުންގެ ފިރިމީހާ ނެތި ނުވަތަ މަޙްރަމެއް ނެތި ދަތުރުކުރުން ނަހީކުރެވިފައިވުމެވެ. އެއީ ތިން ދުވަހުގެ މުއްދަތަށް ނުވަތަ ދެ ދުވަހުގެ މުއްދަތަށް ނުވަތަ އެއް ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދަތުރުކުރި ކަމުގައިވިޔަސް އެވެ. އެއީ مسلم ގެ ރިވާތަޔުގައި މުޠްލަޤުކޮށް އައިސްފައިވުމެވެ. އެއީ ކުރީގައި ގައި ބަޔާންކުރެވުނު ރިވާޔަތެވެ. (لا تسافر امرأة إلا مع ذي محرم) "މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ." ފަހެ، މި ޙުކުމްގެ ތެރެއަށް އެއީ ދަތުރެއް ކަމުގައިބުނެވޭ އެންމެހައި ދަތުރުތަކެއް ވަންނާނެ އެވެ. والله أعلم" شرح صحيح مسلم   9 -103


ﷲ ގެ ޝަރީޢަތުގެ ޙުކުމް ވަރަށް ސާފެވެ. ޝައްކެތް ނުވާ މިންވަރަށް ޙަދީޘްގައިވާ ޖުމްލަތަކުގެ މާނަވަނީ ސާފުވެފަ އެވެ. އެއްވެސް އޮޅުމެއް އޭގައިނުވެ އެވެ. 


އަމިއްލަ ނަފްސަށް، ބުއްދިއަށް ވިސްނާލުން ހުއްޓެވެ. އިސްލާމް ދީނުގެ އެއް ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަމެވެ. އެއްވެސް ފާފައެއް އަދި ފާޙިޝް ޢަމަލެއް ކުރުމުގެ ޤަޞްދެއްވެސް ނެތެވެ. އެހެނަސް އެ އަޅުކަމަށްޓަކައި ދަތުރު ކުރުމަށް އަންހެނާއަށް މަޙްރަމެއް ނެތިއްޖެހިނދު ވާޖިބުކަން ކެނޑިގެންދެ އެވެ. މިއީ ޙައްޖުގެ ވާހަކަ އެވެ. އެހެންކަމުގައިވެއްޖެހިނދު އަޅުކަމަކަށް ނުވާ، ހެޔޮ ޢަމަލަކަށް ނުވާ، އޭގެ އިތުރަށް ދުނިޔޭގެ ހިތްހަމަޖެހުން ހޯދުމަށް ކުރާ ޢަމަލެއްގައި އެކަން އޮންނާނީ ކޮންފަދަ ފާފައެއްގެ ގޮތުގައި ހެއްޔެވެ؟ ސަޢުދީގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމެޓީގެ މެންބަރ الشيخ د. العلامة صالح الفوزان حفظه الله ވިދާޅުވެ
ފައިވެ އެވެ. "ވާޖިބު ޙައްޖު ކުރުމަށްޓަކައި އަންހެނަކަށް، އަންހެނުންގެ ޖަމާޢަތަކާ އެކުގައި ދަތުރު ކުރެވިދާނެ ކަމަށް ދީފައިވާ ފަތުވާއަކީ ސުންނަތާ ޚިލާފު ވެގެންވާ ފަތުވާ އެކެވެ." 


އަދިވެސް الشيخ د. العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. "މިބައިމީހުން (ބާޠިލް ބަސްތައް ބުނާ މީހުން) ބުނެފައިވެ އެވެ. މަޙުރަމު ގޮސް އަންހެންމީހާ ފްލައިޓަށް އަރުވާނީ އެވެ. އަދި އަނެއް މަޙްރަމު އަންހެން މީހާ ދާން ބޭނުންވާ މަންޒިލުން އިސްތިޤްބާލު ކުރާނީ އެވެ. ސަބަބަކީ ފްލައިޓަކީ އަމާންކަމުގައިވާ އެއްޗެކެވެ. އެމީހުންގެ ދަޢުވާއަކީ ފްލައިޓުގައި ގިނަ ފަސެންޖަރުންގެ ގޮތުގައި ފިރިހެނުންނާއި އަންހެނުން ތިބޭތީ އެވެ. އެބައިމީހުންނަށް އަހަރެމެން ބުނަމެވެ. ހަމަހިލާ އެހެނަކުން ނުވާނެ އެވެ. ފްލައިޓަކީ އެހެން ތަކެއްޗަށްވުރެން ނުރައްކާތެރިކަން ބޮޑު އެއްޗެކެވެ. ސަބަބަކީ އޭގައި ފަސެންޖަރުންވަނީ މައްސުނި ވެގެންނެވެ. ފަހަރެއްގައި އަންހެންމީހާ ހިލޭ ފިރިހެނެއްގެ ގާތުގައި އިށީންނަން ޖެހެ އެވެ." 


ސަޢުދީ ޢަރަބިއްޔާއަށް ފާޅުވި ބޮޑެތި އިމާމްވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް އިމާމު ކަމުގައިވާ الشَّيخ العَلاَّمَة عَبدُ الله بن إبراهيم القرعاوي رحمه الله ވިދާޅުވެފައިވެ އެވެ. "މަޙްރަމެއް ނެތި އަންހެނަކު ދަތުރުކުރުން ޙަރާމްވެގެންވެ އެވެ. އެއީ ގިނަ އަންހެނުންތަކަކާ އެކު ކަމުގައިވީ ނަމަވެސް އެވެ. ސަބަބަކީ ޙަދީޘްފުޅުގައިވެ އެވެ. (لا تُسَافِر المَرأة إلا و مَعَها ذو مَحرم) "މަޙްރަމަކާ އެކުގައި މެނުވީ އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ." 


އަޚުންނާއި އުޚްތުންނޭވެ! މިއީ މާތްﷲ އުޑުތަކުގެ މަތިން ޤިޔާމަތާއި ހަމައަށް ބާވައިލެއްވި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ޙުކުމެކެވެ. ﷲ ގެ ޤާނޫނެވެ. ޝަރީޢަތެވެ. ﷲ އަށް އީމާންވެގެންވާ ފަރާތްތައް އެބައިމީހުންގެ ލޮލާއި، ބޮލާއި ދުލުން ރުހި ޤަބޫލުކުރަންޖެހޭ ޙުކުމެވެ. ކާއިނާތުގެ އެންމެހައި ކަންތައްތަކެއް ދެނެވޮޑިގެންވާ ފާރާތުން މި ޙުކުމް ބާވައިލެއްވީ އަޅުތަކުންނަށް ނޭނގޭ، ނުދަންނަ އެތައް ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ގޮތުގަ އެވެ. 


ޤައުމެއްގައި ބަގުރާ ވިއްކުމަށް ހުއްދަ ދިނުމުން އެކަމަށް މަރުޙަބާކިޔާ "މުސްލިމަކާއި" މެދު ބުނާނީ ކީކޭ ހެއްޔެވެ؟ އެފަދަ "މުސްލިމަކީ" ﷲ އީމާންވެ، ﷲ ގެ ޝަރީޢަތަށް ރުހި ޤަބޫލުވެގެންވާ ފަރާތެއް ހެއްޔެވެ؟ ނުވަތަ ބޭރުފުށުން އިސްލާމެއްގެ ޞޫރަޖެހިގެންވާ ލާދީނީ މުނާފިޤު ޝައިޠާނެއް ނޫން ހެއްޔެވެ؟
ޤައުމެއްގައި ހަށިވިއްކާ ތަންތަނަށް ހުއްދަ ދެވުމުން އެކަމަށް މަރުހަބާ ކިޔާ "މުސްލިމަކާ" މެދު ބުނާނީ ކީކޭ ހެއްޔެވެ؟
ޤައުމެއްގައި އެއްޖިންސުގެ ގުޅުން ހިންގަން ހުއްދަ ދިނުމުން އެކަމަށް މަރުޙަބާ ކިޔާ "މުސްލިމަކާ" މެދު ބުނާނީ ކީކޭ ހެއްޔެވެ؟ 


އުއްމަތުގެ އިޖްމާޢުއާ ޚިލާފްވުމުންވެސް އޮތީ އެކަމަށް ޘަނާ ކިޔުމާއި މަރުޙަބާ ކިޔުން ހެއްޔެވެ؟ ތިޔަ ހިތްތަކުގައި ﷲ ގެ ކަލާމްފުޅާއި މާތް ނަބިއްޔާގެ ސުންނަތް ޤަބޫލު ކުރޭތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟


الحَافِظ ابن حَجر رحمه الله  މި މައުޟޫގައި ވާރިދުވެގެންވާ ޙަދީޘްތައް ބަޔާންކުރެއްވުމަށްފަހު ވިދާޅުވެފައިވެ އެވެ. "މަޙްރަމެއް ނެތި އަންހެނަކު ދަތުރުކުރުން ހުއްދަވެގެންނުވާނެ ކަމުގައި ދަލީލު ކުރެވެ އެވެ. ޙައްޖު އަދި ޢުމުރާގައި އަދި ކުފުރުގެ ބިމުން (ޙިޖުރަކޮށް) ނުކުންނަ ޙާލަތް ފިޔަވައި ޢިލްމުވެރިންވަނީ މިކަމުގައި އިޖްމާޢުވެވަޑައިގެންފަ އެވެ. އަދި ޢިލްމުވެެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން އެއީ ޙައްޖުގެ ޝަރުޠެއް ކަމުގައި ވިދާޅުވެފައިވެ އެވެ."  


ޢިޖްމާޢުއަކީ ތިޔަބައިމީހުން ޤަބޫލުނުކުރާ އެއްޗަކީތޯ އެވެ؟ އިޖުމާޢުގެ މައްސަލަތަކަކީ ޙުއްޖަތެއް ދަލީލެއް ކަމުގައި ނުބަލަނީ ހެއްޔެވެ؟ ފުރެދުމާއި، ހަވާނަފްސުގައި ގެނބިފައިވާ ވަރުގެ ބޮޑުކަމާ އެވެ؟ سُبحَان الله!


މިއީ ހައްތަހާވެސް އިސްލާމީ ޝަރީޢަތުގައި އާޔަތްތަކާއި ޙަދީޘްތަކުން ޙަރާމްވެގެންވާ، އެންމެ ބޮޑެތި ފާފަތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެ ބޮޑެތި ފާޙިޝް ޢަމަލުތަކެވެ. އެކަން ކުރުމަށް މަރުޙަބާ ކިޔާ މީހާގެ އިސްލާމް ކަމަކީ ކޮބައިތޯ އެވެ؟


އިސްލާމްދީނުގައި އަންހެނުން މަޙްރަމުންނާ ނުލައި ދަތުރު ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ޤައުމަކުން ކުރިއަސް އަދި ޤައުމަކުން ނުކުރިއަސް ﷲގެ ޙުކުމެއް ބަދަލެއް ނުވާނެ އެވެ. 
އޭގެ ބަދަލުގައި ﷲގެ ޙުކުމަކީ އެއީ އެންމެ ރިވެތި، ފުރިހަމަ، އެންމެ ހެޔޮ، ޢަދުލުވެރި ޙުކުމް ކަމުގައި ޤަބޫލުކުރާ ފާރަތްތަކާއި އިސްލާމް ދީން ބޭރުފުށަށް ދައްކައި، އިސްލާމް ދީނަށް އެއްވެސް ޤަދަރެއް އަދި ލޮތްބެއް އަދި ރުހި ޤަބޫލުވުމެއްނެތް، އިސްލާމް ދީނަކީ ހަމައާއި އިންސާފު ނެތް ދީނެއް ކަމަށް ދެކި، ޙުކުމްތަކަކީ ބޯދާ، ޒަމާނާ ނުގުޅޭ ބަދަލު ކުރަންޖެހޭ އެއްޗެއްކަން ދެކޭ މީހުން ފާޅުވެ އިނގެ އެވެ. 


ސަޢުދީ ޢަރަބިއްޔާގެ ދަޥްލަތަށް ނިސްބަތްކޮށް ބުނެވިފައިވާ ބަސްތަކަށްފަހު ދުނިޔޭގެ ކަންކޮޅުތަކުން އަދި ދިވެހިރާއްޖެއިން މިއަދު މި ފެނުނީ މިފަދަ "ލާދީނީ" "ދީނުގެ ޙުކުމްތަކަށް ނުރުހޭ" ފާޖިރުންނެވެ. ފާސިޤުންނެވެ. ދުނިޔޭގައި ހިނގަމުންދާ ކޮންމެ ކަމަކީވެސް މުއުމިނު އަޅާއަށް އޭގައި ޢިބްރަތާއި ފިލާވަޅާއި، ޙައްޤު އަދި ބާޠިލް ފާޅުވެދިއުމަށް އެފަދަ އެމީހުންނަކީ ކޮބައިކަން އެނގި ބަޔާންވެ ދިއުމަށް ހިނގައިދާ ކަންތައްތަކެވެ. މިކަންތައް ހިނގައިގެން ދިއުމުން މިއަދު ﷲ ގެ ޙުކުމްތަކާމެދު "ތިޔަ ލާދީނީ" ފަރާތްތަކުގެ ހިތުގައި ﷲގެ ޤާނޫނާއި ޝަރީޢަތާއި މެދު އޮތީ ކޮންފަދަ ނިފާޤުކަމެއްކަން މިވަނީ ފާޅުވެފަ އެވެ. ތިޔަ "ބައިގަނޑުގެ" ތެރޭގައި އޮތް ދީނަކީ ކޮބައިކަން މިވަނީ ފާޅުވެފަ އެވެ. އިސްލާމް ދީނުގެ ޞޫރަ ދައްކައި، ތިމާމެން ބޭނުންވަނީ ޙަޤީޤަތުގައި ކޮންލަނޑުދަނޑިއެއްކަން މިވަނީ ފާޅުކަންބޮޑު ގޮތުގައި ހާމަވެފަ އެވެ. 


ދީނީ ޕާޓީއެކޭ ބުނާ ބައިގަނޑެއްގެ ޙަޤީޤަތަކީ މިއީ ތޯ އެވެ؟ ﷲ ޤަންދީ ބުނަމެވެ. މުސްލިމް އުއްމަތް މިއަދު މިފެންނަ ނިކަމެތި ޙާލަތަށް ދިއުމުގެ އެންމެބޮޑު ބައިވެރިންކަމުގައިވަނީ މިފަދަ މީސްތަކުންނެވެ. ދީނީ ޖަމާޢަތްތަކޭ ބުނެ، ޔަހޫދީންނާއި ނަޞާރާއިން އިސްލާމް ދީނަށް ބަދުބަސްބުނާ ފަދައިން ދީނަށް ބަދުބަސް ރައްދު ކުރުމެވެ. ކާފަރުންނަށް މަސައްކަތްކޮށްދޭ އެޖެންޓުން ގޮތުގައި ދީނަށް ނިކަމެތިކަން ހޯދައި ދިނުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. 


މިފަދަ އެންމެހައި ފަރާތްތަކަށް ގޮވާލަނީ ﷲގެ ޝަރީޢަތަށް ބުނެފައިވާ މި ބަސްތައް ދޫކޮށް ﷲ އަށް ތަޥްބާވުމެވެ. މި ޖަމާޢަތްތަކުގައިވާ ދީނީ "ދަންނަބޭކަލުން" ކޮބައިބާ އެވެ! ﷲ އަށްޓަކައި ޙައްޤު ދިފާޢު ކުރުމާއި، ބާޠިލްއަށް ރައްދު ދިނުން ކޮބައިހެއްޔެވެ؟ ތިމާގެ ބައިގަނޑަށްވީތީވެ ހަނުހުރުން އެއީ މަސްލަޙަތު ތޯ އެވެ؟ ލާދީނީވަނީ ތިމާގެ ބައިގަނޑު ނޫން ބައިގަނޑު ހެއްޔެވެ؟ و الله المُستَعاَن! 
و الحمد لله رب العالمين

 

Like what you see?

Close

Hit the buttons below to follow us, you won't regret it...