5 ގަބުރުސްތާނުގައި ހުރި މިސްކިތްތަކުގަ އާއި ގަބުރުތަކުގެމަތީގައި ބިނާކޮށްފައިވާ މިސްކިތްތަކުގައި ކުރެވޭ ނަމާދުގެ ޙުކުމް - الشَّيخُ ابن بَاز އަދި الشَيخُ ابِن عُثَيْمِين رحمهما الله އަދި الشَيخُ صَالِح الفوزان އަދިالشَّيخُ رَبِيعُ المَدْخَلِي حفظهما الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ގަބުރުސްތާނުގައި ހުރި މިސްކިތްތަކުގަ އާއި ގަބުރުތަކުގެމަތީގައި ބިނާކޮށްފައިވާ މިސްކިތްތަކުގައި ކުރެވޭ ނަމާދުގެ ޙުކުމް - الشَّيخُ ابن بَاز އަދި الشَيخُ ابِن عُثَيْمِين رحمهما الله އަދި الشَيخُ صَالِح الفوزان އަދިالشَّيخُ رَبِيعُ المَدْخَلِي حفظهما الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ނަމާދު


ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: މުޙައްމަދު ރިފާދު


 

إِنَّ الحَمْدَ لِلَّهِ ، نَحْمَدُهُ ، وَنَسْتَعِينُهُ ، وَنَسْتَغْفِرُهُ ، وَنَعُوذُ بِاللهِ مِنْ شُرُورِ أَنْفُسِنَا ، وَسَيِّئَاتِ أَعْمَالِنَا ، مَنْ يَهْدِهِ اللهُ فَلَا مُضِلَّ لَه ، وَمَنْ يُضْلِلُ فَلَا هَادِيَ لَه ، وَأَشْهَدُ أَن لَا إِلَهَ إِلَّا الله وَحْدَهُ لَا شَرِيكَ لَه ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُه.


أَمَّا بَعْدُ: فَإِنَّ أَصْدَقَ الحَدِيثِ كِتَابُ اللهِ، وَخَيْرَ الهَدْيِ هَدْيُ مُحَمَّدٍ صَلَّى اللهُ عَلَيهِ وَسَلَّمَ ، وَشَرَّ الأُمُورِ مُحْدَثَاتُهَا، وَكُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ، وَكُلَّ ضَلَالَةٍ فِي النَّارِ.

ދިވެހި ރާއްޖޭގެ ބައެއް ރަށްތަކުގެ ބައެއް މިސްކިތްތައް ބިނާ ކުރެވިފައިވަނީ ގަބުރުސްތާނުތަކުގެ ތެރޭގަ އެވެ. އަދި ބައެއް މިސްކިތްތައް ބިނާ ކުރެވިފައި ވަނީ ގަބުރުތަކުގެ މަތީގަ އެވެ. ފަހެ މިކަމަކީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ މީސްތަކުން މަދެއް ނޫނެވެ. ވީމާ، އެންމެހައި ކިޔުންތެރިންނަށް ނަސޭހަތެއްގެ ގޮތުގައި، މިކަންކަމާ ގުޅޭ ގޮތުން މި އުންމަތުގެ ބޮޑެތި ޢިލްމުވެރިން ދެއްވާފައި ހުރި ބައެއް ފަތުވާތައް ޖަމައަކޮށް ތަރުޖަމާ ކޮށްދެމެވެ. މުސްލިމުންނަށް ދިމާވާ ދެބަސްވުންތައް ހައްލު ކުރުމުގަ އާއި އޮޅުންތައް ފިލުވުމަށްޓަކައި އަމުރުކުރެވިގެން ވަނީ ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުމެވެ. الله تعالى ވަޙީ ކުރައްވާފައިވާ ފަދައިންނެވެ: {فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ} [النحل: 43] މާނައީ: "އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަމުގައިވާ ނަމަ ޛިކުރުގެ އަހުލުވެރިންނާ (އެބަހީ ޢިލްމުވެރިންނާ) ތިޔަބައިމީހުން ސުވާލު ކުރާށެވެ."


މި ލިޔުމުގައި އަންނަނިވި ބައިތައް އެކުލެވިގެންވެ އެވެ.


1.    ގަބުރުސްތާނެއްގެ ތެރޭގައި ބިނާކޮށްފައިވާ މިސްކިތެއްގައި ނަމާދުކުރުމުގެ ޙުކުމް.
2.    މިސްކިތާ ޖެހިގެން ގަބުރެއް އޮތް މިސްކިތެއްގައި ނަމާދުކުރުމުގެ ޙުކުމް.
3.    ގަބުރުތަކުގެ މަތީގައި ބިނާކޮށްފައިވާ މިސްކިތްތަކުގައި ކުރެވޭ ނަމާދުގެ ޙުކުމް.

❆  ❆  ❆

 

1. ގަބުރުސްތާނެއްގެ ތެރޭގައި ބިނާކޮށްފައިވާ މިސްކިތެއްގައި ނަމާދުކުރުމުގެ ޙުކުމް

الشَّيخُ العَلَّامَة عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ:

ސުވާލު: އަޅުގަނޑުމެން ނަމާދު ކުރަނީ ގުބޫރިއްޔުންގެ ޖަމާއަތަކާ އެކުގަ އެވެ. އެމީހުން އިޢުތިޤާދު (ޢަޤީދާއެއްގެ ގޮތުގައި ޤަބޫލު) ކުރާ ގޮތުގައި ފައިދާ ކުރުމާއި ގެއްލުން ދިނުމާއި ބަރަކާތް ލެއްވުމުގެ ބާރު މައްޔިތުންނަށް ލިބިފައިވެ އެވެ. އަދި އަޅުގަނޑުމެން ނަމާދު ކުރާ ތަނުގައި އެބައިމީހުންގެ ތެރޭގައި ވަލީވެރިން ކަމަށާއި ޞާލިޙު އަޅުތަކުންގެ ގޮތުގައި ނަންދީ އުޅޭ ބައިވަރު މީހުން ވަޅުލެވިގެންވާ، ގުއްބުތަކެއް ލެވިގެންވާ ބިނާތަކެއްވެ އެވެ. އަދި އަޅުގަނޑުމެން ނަމާދު ކުރާ ތަނާއި މުޞައްލާއާ މާ ދުރުވެގެންނުވެ އެވެ. (އެބަހީ މިސްކިތް ވަނީ ގަބުރުސްތާނު ތެރޭގަ އެވެ.) ފަހެ މިތަނުގައި ކުރާ ނަމާދު ހުއްދަވެގެންވޭތޯ އެވެ؟ އަދި މިގުއްބުތަކުގެ ތެރޭގައިވާ ގަބުރުތައް ވަނީ އެ (ނަމާދު ކުރާ) ތަނާ ކައިރީގައި ނުވަތަ ގުޅިލާމެހިގެންވީ ހިނދު، އަދި މިސްކިތް ވެސް ވަނީ ހަމަ އެތަނުގައިވީ ހިނދު، އެތަން ބެލެވޭނީ ގަބުރުސްތާނުގެ ހަރިމުގެ ތެރެއިންވާ ބަޔަކަށްތޯ އެވެ؟ އަދި އެތަން ބެލެވޭނީ ގަބުރުސްތާނުގެ އިމުގެ ތެރެއިންވާ ބަޔަކަށްތޯ އެވެ؟ އަދި އެތަނުގައި ކުރާ ނަމާދު ހުއްދަވެގެންވޭތޯ އެވެ؟ އަދި އަވަށު ތެރޭގައި މި މިސްކިތް ނޫން އެހެން މިސްކިތެއް ނުވެ އެވެ. އަޅުގަނޑުމެންނަށް ފައިދާ ކޮށްދެއްވާށެވެ. الله ޝެއިޚަށް ފައިދާ ކޮށްދެއްވާނދޭވެ.


ޖަވާބު: ތި ތަނުގައި ނަމާދު ކޮށްގެން ނުވާނެ އެވެ. ސަލާމަތް ކަމާއި ރައްކައުތެރިކަން اللهގެ ޙަޟްރަތުން އެދެމެވެ. ތިއީ ގަބުރުސްތާނުތަކެކެވެ. އެތަންތަނުގައި ކުރެވޭ ނަމާދު ބާޠިލުވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {لَا تُصَلُّوا إِلَى القُبُورِ ، وَلَا تَجْلِسُوا عَلَيْهَا}(1) މާނައީ: "ޤަބުރުތަކާ ދިމާއަށް ތިޔަބައިމީހުން ނަމާދު ނުކުރާށެވެ. އަދި އެ ޤަބުރުތަކުގެ މަތީގައި ތިޔަބައިމީހުން ނުއިށީންނާށެވެ." އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ: {أَلَا وَإِنَّ مَنْ كَانَ قَبْلَكُم كَانُوا يَتِّخِذُونَ قُبُورَ أَنْبِيَائِهِم وَصَالِحِيهِم مَسَاجِدَ ، أَلَا فَلَا تَتَّخِذُوا القُبُورَ مَسَاجِدَ ، فَإِنِّي أَنْهَاكُم عَن ذَلِك}(2) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ވޭތުވެދިޔަ މީހުން އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހަދައި އުޅުނެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ގަބުރުތައް (ވަޅުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމެވެ." މިޙަދީޘް ރިވާކުރެއްވީ الإمام مسلم (އެބޭފުޅާ ލިޔުއްވި) الصحيح ގައެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާ ފައިވެ އެވެ: {لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى اِتَّخَذُوا قُبُورَ أَنْبِيَائِهِم مَسَاجِدَ}، متفق على صحته(3) މާނައީ: "اللهގެ ލަޢުނަތް ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް ހުއްޓެވެ. އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހެދި އެވެ." ފަހެ މި ގަބުރުތައް އެކުލެވިގެންވާ ތަނަށް (ނަމާދު ކުރަން) އައުން ހުއްދަވެގެންނުވެ އެވެ. އަދި އެ ގަބުރުތަކުގެ މަތީގައި ނުވަތަ އެ ގަބުރުތަކުގެ ދެމެދުގައި މިސްކިތް ބިނާކުރުން ހުއްދަވެގެންނުވެ އެވެ. އެއާ ޚިލާފަށް ވާޖިބުވެގެން ވަނީ ގަބުރުތަކާ ދުރުގައިވާ ތަންތަނުގައި މިސްކިތްތައް ހެދުމެވެ. އަދި ގަބުރުސްތާނުގެ ހިޔާވަހިކަމުގެ ތެރޭގައި (އެބަހީ ގަބުރުސްތާނުގެ ތެރޭގައި) މިސްކިތްތައް ނުހެދުމެވެ. އަދި ކިއެއްތޯ އެވެ. ގަބުރުސްތާނުގެ ކުރިމަތީގައި ނުވަތަ ފަހަތުގައި ނުވަތަ ކަނާއަތުގައި ނުވަތަ ވައަތުގައި، ގަބުރުސްތާނާ ދުރުގައި (އެ މިސްކިތްތައް) ހެދުމެވެ. އަދި (ވާޖިބުވެގެން ވަނީ) ގަބުރުސްތާނާ އެ މިސްކިތްތަކާ ދެމެދު ފަރުދާ ދެމުމެވެ. (އެބަހީ ގަބުރުސްތާނާ މިސްކިތާ ދެމެދު ފާރު ރާނައި ވަކި ކުރުމެވެ.) އަދި ގަބުރުސްތާނު ތެރޭގައި ނަމާދު ކުރުން ހުއްދަވެގެންނުވެ އެވެ. އަދި ގަބުރުސްތާނު ތެރޭގައި މިސްކިތް ބިނާ ކުރުން ހުއްދަވެގެންނުވެ އެވެ. މި ހުރިހާ ކަމަކީ ބާޠިލު ކަންތައްތަކެވެ. އަދި މުންކަރާތްތަކެކެވެ. – اللهގެ ޙަޟްރަތުން ޢާފިޔަތަށް އެދެމެވެ. – އަދި މިކަމަކީ ޝިރުކުގެ ތެރެއިންވާ ކަމެކެވެ. މައްޔިތުންގެ ކިބައިން ކަންކަމަށް އެދި ދުޢާ ކުރުމާއި، މައްޔިތުންގެ ކިބައިން މަދަދަށް އެދުމަކީ ބޮޑު ޝިރުކުގެ ތެރެއިންވާ ކަމެކެވެ. އަދި އެންމެހައި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މައްޔިތުންނަށް ނަދުރު ބުނުމަކީ ބޮޑު ޝިރުކުގެ ތެރެއިންވާ ކަމެކެވެ.


ފަހެ މުސްލިމު މީހާގެ މައްޗަށް ވާޖިބުވެގެންވަނީ މިކަމުން އިންޒާރު ލިބިގަތުމެވެ. މިކަމަށްޓަކައި (ނަދުރުބުނެ، މަދަދަށް އެދި، ދުޢާކޮށް ކަންކަމަށް އެދުމަށް) ގަބުރުތައް ކައިރިއަށް އަންނަ މީހާގެ މައްޗަށް ވާޖިބުވެގެން ވަނީ اللهއަށް ތައުބާވުމެވެ. ސަބަބަކީ އެކަމަކީ  ބޮޑު ޝިރުކުގެ ތެރެއިންވާ ކަމެކެވެ. އަދި ޖާހިލިއްޔަ ޒަމާނުގެ އަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. މައްޔިތުންގެ ކިބައިން ކަންކަމަށް އެދި ދުޢާ ކުރުމާއި، މައްޔިތުންގެ ކިބައިން މަދަދަށް އެދުމާއި، އެމީހުންނަށް ނަދުރު ބުނުމާއި، އެމީހުންނަށް ކަތިލުމަކީ މުޝްރިކުންގެ އަމަލުތަކުގެ ތެރެއިންވާ ކަންކަމެވެ. الله سبحانه ގެ ވަޙީ ބަސްފުޅުގެ ސަބަބުންނެވެ: {وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ} [الأنعام: 88] މާނައީ: "އެބޭކަލުން ވެސް (الله އަށް) ޝިރުކު ކުރެއްވި ނަމަ، އެބޭކަލުން ކުރައްވާ އުޅުއްވި ޢަމަލުފުޅުތައް ބާޠިލުވީހެވެ." އަދި الله سبحانه ވަޙީ ކުރެއްވި އެވެ: { وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا} [الفرقان: 23] މާނައީ: "އަދި ޢަމަލުގެ ތެރެއިން އެއުރެން ކުޅަ ކަންތަކަށް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުށްތަކެއް ފަދައިން ލައްވާހުށީމެވެ." އެއީ އެމީހުންގެ ޝިރުކާއި ކުފުރުގެ ސަބަބުންނެވެ. اللهގެ ޙަޟްރަތުން ޢާފިޔަތަށް އެދެމެވެ. ފަހެ އެންމެހައި ތަންތަނުގައިވާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެބައިމީހުންގެ މިސްކިތްތައް ގަބުރުތަކާ ދުރުގައި ހެދުމެވެ. އަދި ގަބުރުތަކުގެ ތެރޭގައި ނަމާދު ނުކުރުމެވެ. އަދި ގަބުރުތަކުގެ މަތީގައި ނުއިށީނުމެވެ. އަދި އެގަބުރުތަކުގެ މަތީގައި ބިނާ ނުކުރުމެވެ. އޭގެ އިތުރުން އެގަބުރުތައް ވާހުށީ ކަޝްފު ކުރެވިގެންނެވެ. އޭގެ މަތީގައި އެއްވެސް ބިނާއެއް ނުވާ ގޮތަށެވެ. އަދި ގަބުރުތައް ވަށައިގެން ނަމާދު ކޮށްގެން ނުވާނެ އެވެ. އަދި އެގަބުރުތައް ކައިރީގައި މިސްކިތް ބިނާ ކުރެވިގެން ނުވާނެ އެވެ. މިހުރިހާ ކަމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވި އަދި އެކަންކަމުން އިންޒާރު ދެއްވި މުންކަރާތްތަކެވެ. ފަހެ ވާޖިބުވެގެންވަނީ އެތަން (ގަބުރުތައް ކައިރީ، ގަބުރުސްތާނުގައި ބިނާކުރެވިފައިވާ މިސްކިތް) ތަޅާލައި ނެތިކޮށްލުމެވެ. އަދި (ވާޖިބުވެގެންވަނީ) ގަބުރުތަކާ ދުރު ސަރަހައްދު ތަކުގައި މިސްކިތްތައް ބިނާ ކުރުމެވެ. އަދި މިސްކިތްތަކާ ގަބުރުތަކާ އެއްވެސް ގުޅުމެއް ނުބޭއްވުމެވެ. އަދި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ޠާހިރުވެގެންވާ ބިމެއްގައި، އެތަނުގައި މިސްކިތެއް ބިނާކުރެވިފައި ނުވި ނަމަވެސް، ގަބުރުސްތާނުތަކާ ދުރުގައިވާ ތަނެއްގައި ނަމާދު ކުރުމެވެ. ޓެންޓުތަކެއްގެ ތެރޭގައިވީ ނަމަވެސް ވަރިހަމަ އެވެ. (މިސްކިތެއް) ބިނާކުރުމަށް އެބައިމީހުންނަށް الله ވާގިފުޅު ދެއްވުމަށް ދާންދެނެވެ. އަދި އެތަނުގެ މަތީގައި ޓެންޓެއް ނުވަތަ ފަންގަނޑުތަކެއް ނުވަތަ ކަދުރު ރުކުގެ ފަން ބެހެއްޓި ނަމަވެސް ރަނގަޅުވާނެ އެވެ. ފަހެ ވާޖިބަކީ މިއީ އެވެ. އަދި ގަބުރުތަކެއް ހުރި މިސްކިތަކަށް ވުރެ އެތަން ހެޔޮކަން ބޮޑުވެގެންވެ އެވެ. ގަބުރުތައް ހުރި މިސްކިތް، މިއީ ބާޠިލެކެވެ. މުންކަރެކެވެ. ހުއްދަވެގެންނުވެ އެވެ.


ފަތުވާ ނަގައިފައިވަނީ: ص.394، فتاوى نور على الدرب لسماحة الشيخ عبد العزيز بن باز رحمه الله، الرئاسة العامة للبحوث العلمية و الإفتاء، الطبعة الأولى 1430ه
ސައިޓް ލިންކް: http://goo.gl/t314cj
❆  ❆  ❆


ސަމާލުވުން ހުއްޓެވެ! މަތީގައިވާ ފަތުވާއަކީ ގަބުރުސްތާނެއްގެ ތެރޭގައި މިސްކިތެއް ހެދުމާ ބެހޭގޮތުން ދެވިފައިވާ ފަތުވާއެކެވެ. އަހަރެމެންނަށް އެ ފަތުވާއިން ބަޔާންވެގެން ދަނީ އެކަމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ. އެއާ ޚިލާފަށް މިސްކިތުގެ ފާރުން ބޭރުގައި، މިސްކިތުގެ ގޯތިތެރޭގައި ޤަބުރެއް ދެ ޤަބުރެއް އޮވެއްޖެ ޙާލަތެއްގައި، އެފަދަ މިސްކިތެއްގައި ނަމާދުކުރުން ހުއްދަވެގެންވާ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އަންނަނިވި ފަތުވާ ރަނގަޅަށް ވިދާޅުވެލައްވާ!

 

2. މިސްކިތާ ޖެހިގެން ގަބުރެއް އޮތް މިސްކިތެއްގައި ނަމާދުކުރުމުގެ ޙުކުމް


الشَّيخُ العَلَّامَة عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ:

ސުވާލު: މި ސުވާލުކުރާ މީހާ ބުނަނީ: سماحة الشيخ އެވެ. މިސްކިތާ ޖެހިގެން ވަލީވެރިއަކު (ޞާލިޙު އަޅުވެރިއަކު) ވަޅުލެވިގެންވެ އެވެ. އަދިއަދަށް ދާންދެން ވެސް ބައެއް މީހުން މި ވަލީވެރިޔާއަށް ޒިޔާރަތްކުރެ އެވެ. މި މިސްކިތުގައި ނަމާދުކުރުން ހުއްދަވެގެންވޭތޯ އެވެ؟


ޖަވާބު: އެ ގަބުރު ވަނީ މިސްކިތުން ބޭރުގައި ނަމަ ގެއްލުމެއް ނެތެވެ. މައްޔިތާއަކީ މުސްލިމުންގެ ތެރެއިންވާ މީހެއް ނަމަ އޭނާއަށް ސަލާމްގޮވައި، އަދި އޭނާއަށްޓަކައި ދުޢާ ކުރެވޭނެ އެވެ. އެހެން ނަމަވެސް އޮޅުން އަރައިގެންދިއުމުން އެންމެ ދުރު، އަދި އެންމެ އައުލާވެގެންވާ ގޮތަކީ ގަބުރުސްތާނާ ހަމައަށް އެ ގަބުރު ދުރުކުރުމެވެ. ފިތުނައިން ސަލާމަތްވުމަށްޓަކައި އެ ގަބުރު، ގަބުރުސްތާނަށް ބަދަލުކުރާނީ އެވެ. ދެން ފަހެ އެ ގަބުރު ވަނީ މިސްކިތުގެ ތެރޭގައި ނަމަ، ފަހެ އެ މިސްކިތުގައި ނަމާދުކޮށްގެން ނުވާނެ އެވެ. އަދި މިސްކިތް ތަޅާލުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ މިސްކިތް ބިނާކުރެވިފައިވަނީ ގަބުރުމަތީގައި ކަމަށް ވާތީ އެވެ. ދެން ފަހެ، ފަހުން އެ ގަބުރު ވަޅުލެވިގެންވާ ނަމަ، އަދި މިސްކިތް ކުރިން ބިނާކުރެވިފައިވާ ނަމަ އެ ގަބުރު ކޮންނަން ޖެހޭނެ އެވެ. އަދި ގަބުރުސްތާނަށް ބަދަލުކުރަން ޖެހޭނެ އެވެ.


ފަތުވާ ނަގައިފައިވަނީ: ص.411، فتاوى نور على الدرب لسماحة الشيخ عبد العزيز بن باز رحمه الله، الرئاسة العامة للبحوث العلمية و الإفتاء، الطبعة الأولى 1430ه
ސައިޓް ލިންކް:  http://goo.gl/fzKdFp
❆  ❆  ❆

 

3. ގަބުރުތަކުގެ މަތީގައި ބިނާކޮށްފައިވާ މިސްކިތްތަކުގައި ކުރެވޭ ނަމާދުގެ ޙުކުމް


شَيخُ الإِسْلَام اِبْنُ تَيْمِيَّة رحمه الله ވިދާޅުވި އެވެ: "ދެން ފަހެ، އެނޫން ވެސް ދީނަށް ގެނެވިފައިވާ އައު ކަންތައްތަކެއް (ބިދުޢަތަކެއް)ވެ އެވެ. އޭގެ ތެރޭގައި ހިމެނިގެންވެ އެވެ: އެއްވެސް ހާލެއްގައި ގަބުރުތައް ކައިރީގައި ނަމާދު ކުރުމެވެ. އަދި އެ ގަބުރުތައް ވަޅުލެވިފައިވާ ތަން މިސްކިތްތަކަށް ހެދުމެވެ. އަދި އެ ގަބުރުތަކުގެ މަތީގައި މިސްކިތްތައް ބިނާކުރުމެވެ. ފަހެ ހަމަކަށަވަރުން އެ ކަންތައްތައް ނަހީކުރެވިފައިވާކަމަށާއި، އެކަންކަމުގައި ހަރުކަށިކޮށް (އެއްވެސް ލުޔެއް ނުދެވި) މުޢާމަލާތް ކުރެވިފައިވާކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ނައްޞުތައް މުތަވާތިރުކޮށް ވާރިދުވެގެންވެ އެވެ."
ބައްލަވާލައްވާ: ص.184، اقتضاء الصراط المستقيم لمخالفة أصحاب الجحيم، الجزء الثاني، دار اشبيلية للنشر و التوزيع، الطبعة الثانية 1419ه
❆  ❆  ❆


الشَّيخُ العَلَّامَة عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ:

ސުވާލު: ގަބުރު ވަށައިގެން ނަރު ދަމާފައިވާ ގަބުރެއް އޮތް މިސްކިތެއްގެ ތެރޭގައި ނަމާދު ކުރުން ހުއްދަވާނެތޯ އެވެ؟ އަދި ގަސްދުގައި އެކަން ކޮށްފި މީހެއްގެ ޙުކުމަކީ ކޮބައިތޯ އެވެ؟ جزاكم الله خيرا.


ޖަވާބު: އެ މިސްކިތްތަކެއްގެ ތެރޭގައި ގަބުރު ހުރި އެއްވެސް މިސްކިތެއްގައި ނަމާދު ކޮށްގެން ނުވާނެ އެވެ. އަދި އެ މިސްކިތްތަކުގައި ކުރެވޭ ނަމާދުތައް ބާތިލުވެގެންވެ އެވެ. ފަހެ މިސްކިތް ކުރިން ބިނާކުރެވިފައިވާ ނަމަ، އަދި އޭގެ ފަހުން ގަބުރު ވަޅުލެވިފައިވާ ނަމަ، އެ ވަޅުލެވިފައިވާ ގަބުރު ކޮންނަން ޖެހޭނެ އެވެ. ކޮނެފައި އެ ގަބުރުގެ ވީރާނާވެފައިވާ ކުނޑިތައް އާންމު ގަބުރުސްތާނަކަށް ބަދަލު ކުރަން ޖެހޭނެ އެވެ. އަދި (އެއަށްފަހު) މިސްކިތުގައި ނަމާދު ކުރެވޭނެ އެވެ. އެހެން ނަމަވެސް ގަބުރު ކުރިން ވަޅުލެވިފައިވާ ނަމަ، އެއަށްފަހު މިސްކިތް އެގަބުރުގެ މަތީގައި ބިނާ ކުރެވިފައިވާ ނަމަ، އެމިސްކިތް ތަޅާލައި ތިރިކޮށްލަން ޖެހޭނެ އެވެ. ސަބަބަކީ އެ މިސްކިތް މަގުފުރެދުމެއްގެ މައްޗަށް ބިނާ ކުރެވިފައިވާތީ އެވެ. ހަމަކަށަވަރުން ޞައްޙަ ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ: {قَاتَلَ اللهُ اليَهُودَ ؛ اِتَّخَذُوا قُبُورَ أَنْبِيَائِهِم مَسَاجِدَ}(4) މާނައީ: "الله ޔަހޫދީންގެ މަރު ހިއްޕަވާނދޭވެ. (ނުވަތަ އެބައިމީހުންގެ މައްޗަށް ލައުނަތް ލައްވާނދޭވެ.) އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހެދިއެވެ." އަދި އެހެން ލަފްޒެއްގައިވެ އެވެ: {لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى اِتَّخَذُوا قُبُورَ أَنْبِيَائِهِم مَسَاجِدَ}(5) މާނައީ: "اللهގެ ލައުނަތް ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް ހުއްޓެވެ. އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހެދިއެވެ." އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {أَلَا وَإِنَّ مَنْ كَانَ قَبْلَكُم كَانُوا يَتِّخِذُونَ قُبُورَ أَنْبِيَائِهِم وَصَالِحِيهِم مَسَاجِدَ ، أَلَا فَلَا تَتَّخِذُوا القُبُورَ مَسَاجِدَ ، فَإِنِّي أَنْهَاكُم عَن ذَلِك}(6) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ވޭތުވެދިޔަ މީހުން އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހަދައި އުޅުނެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ގަބުރުތައް ވަޅުލެވިފައިވާ ތަންތަން މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމެވެ." أُمُّ سَلَمَة އަދި أُمُّ حَبِـيـبَـة - رضي الله عنهما - ޙަބުޝްކަރައަށް ހިޖުރަ ކުރެއްވި އިރު، ޙަބުޝްކަރައިގައިވާ ސޫރަތަކެއް (ތަސްވީރުތަކެއް) އެކުލަވާލާފައިވާ ކަނީސާ އެއް (ނަޞާރާއިންގެ ފައްޅިއެއް) ފެނިވަޑައިގަތް ވާހަކަ އެ ދެ ކަނބަލުން ނަބިއްޔާ صلى الله عليه وسلم އަށް ދެންނެވި އެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {أُولَئِكَ إِذَا مَاتَ مِنْهُم الرَّجُلُ الصَّالِحُ بَنَوا عَلَى قَبْرِهِ مَسْجِدًا ، ثُمَّ صَوَّرُوا فِيهِ تِلْكَ الصُّوَرَ ، أُولَئِكَ شِرَارُ الخَلْقِ عِندَ اللَّهِ}(7) މާނައީ: "އެބައިމީހުންގެ ތެރެއިން ޞާލިހު ފިރިހެނަކު މަރުވެއްޖެނަމަ އެބައިމީހުން އޭނާގެ ގަބުރުގެ މަތީގައި މިސްކިތެއް ބިނާ ކުރެއެވެ. ދެން އެ މިސްކިތުގެ ތެރޭގައި އެ ތަސްވީރުތައް ކުރަހާ ހަދަ އެވެ. އެބައިމީހުންނީ اللهގެ ޙަޟްރަތުގައި މަޚްލޫޤުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނެވެ." ފަހެ އެބައިމީހުންނީ މަޚްލޫގުންގެ ތެރެއިން އެންމެ ނުބައި މީހުންކަމަށް ނަބިއްޔާ صلى الله عليه وسلم ޚަބަރު ދެއްވި އެވެ. އެއީ އެބައިމީހުން ގަބުރުތައް މަތީ (ފައްޅިތަކާއި ބިނާތައް) ބިނާކުރުމުންނާއި އެ ގަބުރުތަކުގެ މަތީގައި ތަސްވީރުތައް އެޅުވުމުގެ ސަބަބުންނެވެ. اللهގެ ޙަޟްރަތުން ޢާފިޔަތަށް އެދި އަޅަމެން ދުޢާ ކުރަމު އެވެ.


    ފަހެ ބުނަން ގަސްދުކުރާ ވާހަކަ އަކީ: ގަބުރުތައް މަތީގައި ބިނާ ނުކުރުން ވާޖިބުވެގެންވާ ކަމެވެ. ގުއްބެއް ނުވަތަ މިސްކިތެއް ނުވަތަ އެނޫން އެއްޗެއް ކަމުގައިވީ ނަމަވެސް އެވެ. އެ ގަބުރު މަތީގައި އެއްވެސް ބިނާއެއް ނުވާ ގޮތަށް އެ ކަޝްފުކޮށްފައި ބޭއްވުން ވާޖިބުވެގެންވެ އެވެ. ބަޤީޢުގައި(8) ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައިވީ ފަދައިންނެވެ. އެ ގަބުރު އޮންނަން ޖެހޭނީ ކަޝްފު ކޮށްފައެވެ. އަދި އޭގެ ވެލި ނޫން އެއްޗެއް އޭގެ މައްޗަށް އަޅައިގެން ނުވާނެ އެވެ. ދެން އެއަށްފަހު ކައިވަތެއްހާ މިންވަރަށް ވެލި އަޅައި ފަސްގަނޑު އުސްކުރާނީ އެވެ. އެއީ ގަބުރުތަކެއްކަން އެނގުމަށްޓަކައެވެ. އަދި އެ ގަބުރުތަކު މެދުގައި އަދި އެ ގަބުރުތަކާ ދިމާލަށް ނަމާދު ކޮށްގެން ނުވާނެ އެވެ. އަދި އެ ގަބުރުތައް މަތީގައި ގުއްބު ނުވަތަ ކޮޓަރި ނުވަތަ މިސްކިތްތަކެއް ބިނާ ކުރެވިގެން ނުވާނެ އެވެ. އަދި (ގަބުރު ވަށައިގެން ބިނާއެއް ހަދައި ގަބުރު) ފޮރުވިގެން ނުވާނެ އެވެ. މި ހުރިހައި ކަމަކީ ވެސް މުންކަރާތްތަކެކެވެ. އަދި މި އެންމެހައި ކަންތައްތަކަކީ ޝިރުކަށް ވާސިލުކޮށްދޭ ކަންތައްތަކުގެ ތެރެއިންވާ ކަންކަމެވެ. ވާޖިބުވެގެންވަނީ އެކަންކަމުން ދުރުވެ ރައްކައުތެރިވުމެވެ. އަދި އެ މިސްކިތެއްގައި ގަބުރެއް އޮތް އެއްވެސް މިސްކިތެއްގައި ނަމާދު ކޮށްގެން ނުވާނެ އެވެ. އެހެން ނަމަވެސް ގަބުރު އަލަށް ގެނެވިފައިވާ ނަމަ (އެބަހީ މިސްކިތް ބިނާކޮށްފައި ހުއްޓައި އޭގެ ފަހުން ގަބުރު މިސްކިތުގައި ވަޅުލައިފައިވާ ނަމަ)، އެ ގަބުރު ކޮންނަން ޖެހޭނެ އެވެ. އަދި ގަބުރުސްތާނުގައި އެގަބުރު ވަޅުލާން ޖެހޭނެ އެވެ. އަދި (އެއަށްފަހު، އެ) މިސްކިތުގައި ނަމާދު ކުރެވިދާނެ އެވެ. ގަބުރު ކުރިން ވަޅުލެވިފައިވާ ނަމަ (އެބަހީ މިސްކިތް ބިނާ ކުރުމުގެ ކުރިން ގަބުރު އެތަނުގައި އޮތް ނަމަ) ފަހެ މިސްކިތް ތަޅާލަން ޖެހޭނެ އެވެ. އަދި އެތަނުގައި ނަމާދު ކޮށްގެން ނުވާނެ އެވެ. ދެން ފަހެ ގަބުރު ވަށައިގެން އޮޅާފައި ތިއޮތް ނަރު ބުރިކޮށްލަންޖެހޭނެ އެވެ. އެއީ އެ މައްޔިތާ މަތިވެރިކުރުމަށްޓަކައި ނުވަތަ މައްޔިތާގެ ގަބުރަށް އިޝާރަތް ކުރަން ނުވަތަ އެނޫން ކަމަކަށް ގަސްދު ކުރެވޭ އެއްޗަކަށްވާ ނަމައެވެ. ފަހެ އޭތި ނައްތާލަން ޖެހޭނެ އެވެ. އެބަހީ އެ ނަރު އެތާ އޮތުމަށް އެއްވެސް ބޭނުމެއް އަދި ސަބަބެއް ވެސް ނުވެ އެވެ. އެމީހުން އިއުތިޤާދު (ޤަބޫލު) ކުރާ ވާގަނޑު ނައްތާލަން ޖެހޭނެ އެވެ.


ފަތުވާ ނަގައިފައިވަނީ: ص.390، فتاوى نور على الدرب لسماحة الشيخ عبد العزيز بن باز رحمه الله، الرئاسة العامة للبحوث العلمية و الإفتاء، الطبعة الأولى 1430ه
ސައިޓް ލިންކް: http://goo.gl/W7vQSM


އަދިވެސް الشَّيخُ ابن بَاز رحمه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ:

ސުވާލު: ގަބުރު ހުރި މިސްކިތްތަކުގައި ކުރާ ނަމާދުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަޅުގަނޑު ދިރިއުޅެނީ މިކަން ފާޅުވެ، މިކަންތައް ގިނަވެފައިވާ ޤައުމެއްގައިކަން ދަންނަވާލަމެވެ. އަޅުގަނޑަށް އިރުޝާދު ދެއްވުމަށް އެދެމެވެ. އަދި ޚާއްސަކޮށް ދަންނަވާލަމެވެ. އަޅުގަނޑުގެ ވަށައިގެން އަދި ކައިރީގައި ގަބުރުން ސަލާމަތްވެފައިވާ އެއްވެސް މިސްކިތެއް ނުވެ އެވެ.


ޖަވާބު: ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން (އަންނަނިވި ރިވާޔަތް) ސާބިތުވެގެންވެ އެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى اِتَّخَذُوا قُبُورَ أَنْبِيَائِهِم مَسَاجِدَ}(9) މާނައީ: "اللهގެ ލަޢުނަތް ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް ހުއްޓެވެ. އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހެދިއެވެ." عائشة رضي الله عنها ވިދާޅުވި އެވެ: "يُحَذِّرُ مَا صَنَعُوا" މާނައީ: "އެމީހުން ކުރި ކަންތަކުން އިންޒާރު ދެއްވި އެވެ." އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ: {أَلَا وَإِنَّ مَنْ كَانَ قَبْلَكُم كَانُوا يَتِّخِذُونَ قُبُورَ أَنْبِيَائِهِم وَصَالِحِيهِم مَسَاجِدَ ، أَلَا فَلَا تَتَّخِذُوا القُبُورَ مَسَاجِدَ ، فَإِنِّي أَنْهَاكُم عَن ذَلِك}(10) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ވޭތުވެދިޔަ މީހުން އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހަދައި އުޅުނެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ގަބުރުތައް (ވަޅުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމެވެ." އަދި ގަބުރުތަކާ ދިމާލަށް ނަމާދު ކުރުން ނަހީ ކުރެއްވި އެވެ. ފަހެ އެކަމުން ދަލީލު ކޮށްދެނީ ގަބުރު ހުރި މިސްކިތުގައި ނަމާދު ކުރުން ހުއްދަވެގެންނުވާ ކަމެވެ. ފަހެ މިސްކިތް ބިނާ ކުރެވިފައި ވަނީ ގަބުރެއް ނުވަތަ ދެ ގަބުރު ނުވަތަ އެއަށްވުރެ ގިނަ ގަބުރު މަތީގައިކަމަށްވީ ނަމަވެސް، ފަހެ އެމިސްކިތުގައި ނަމާދު ކޮށްގެން ނުވާނެ އެވެ. އެއާ ޚިލާފަށް ނަމާދު ކުރެވެން ޖެހޭނީ ގަބުރުތައް ނުހުންނަ މިސްކިތްތަކުގައެވެ. އަދި (އެފަދަ) އެއްވެސް މިސްކިތެއް ނުފެނިއްޖެ ކަމުގައިވާ ނަމަ، އޭނާ ނަމާދު ކުރާ ހުށީ އޭނާގެ ގޭގަ އެވެ. ނުވަތަ އޭނާގެ އަޚުންގެ ގެތަކުގައި އަޚުންނާ އެކުގައެވެ. ނުވަތަ ގަބުރެއް ނުވާ މިސްކިތެއް ފެނިއްޖެ ނަމަ އެބައިމީހުން ނަމާދު ކުރަން ވާނީ އެތަނުގައެވެ. އަދި ގަބުރުތައް މިސްކިތްތަކުގައި ބެހެއްޓުން ހުއްދަ ވެގެނެއް ނުވެ އެވެ. އެއާ ޚިލާފަށް ވާޖިބު ވެގެންވަނީ އެ ކޮނެ ނަގައި މިސްކިތްތަކުން ދުރުކުރުމެވެ. މިސްކިތް ބިނާ ކުރެވުމަށް ފަހު ގަބުރު ވަޅުލެވިފައިވާ ނަމަ، ފަހެ ހަމަކަށަވަރުން އެ ގަބުރު ކޮނެ ނަގަން ޖެހޭނެ އެވެ. އަދި އެ ގަބުރުގެ ވީރާނާވެފައިވާ ކުނޑިތައް އާއްމު ގަބުރުސްތާނުތަކަށް ބަދަލުކުރަން ޖެހޭނެ އެވެ. މިސްކިތްތައް ހުންނަންވާނީ އެ ގަބުރުތަކުން އެއްކިބާ ކުރެވިގެންނެވެ. ދެން ފަހެ، ގަބުރުތައް މަތީގައި މިސްކިތް ފަހުން ބިނާ ކުރެވިފައިވާ ނަމަ، ފަހެ އެ މިސްކިތް ބިނާކުރެވިފައި ވަނީ ތަޤްވާގެ މައްޗަކަށް ނޫނެވެ. އެ މިސްކިތް ބިނާކުރެވިފައި ވަނީ ބާޠިލުގެ މައްޗަށެވެ. އެހެންކަމުން އެ މިސްކިތް ތަޅާލުން ވާޖިބުވެގެންވެ އެވެ. އެ މިސްކިތް ތަޅާލުމަށާއި ނެތިކޮށްލުމަށް ވެރިންގެ މައްޗަށް ވާޖިބުވެގެންވެ އެވެ. ސަބަބަކީ އެ މިސްކިތް ގަބުރުގެ މަތީގައި ބިނާކުރެވިފައިވާތީ އެވެ. އަދި ޔަހޫދީންނާއި ނަޞާރާއިން ގަބުރުތައް ވަޅުލެވިފައިވާ ތަން މިސްކިތަކަށް ހެދިކަމަށްޓަކައި އެބައިމީހުންގެ މައްޗަށް اللهގެ ރަސޫލާ صلى الله عليه وسلم ވަނީ ލަޢުނަތް ލެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފަ އެވެ. ކޮންމެ ތަނެއްގައިވީ ނަމަވެސް، ކޮންމެ އިސްލާމީ ދައުލަތެއްގައި ވެސް، ވެރިންގެ މައްޗަށް ވާޖިބުވެގެން ވަނީ މިކަމަށް އަހަންމިއްޔަތުކަން ދިނުމެވެ. ވެރިންގެ މައްޗަށް ވާޖިބުވެގެން ވަނީ މިސްކިތްތަކުން ގަބުރުތައް ހުސްކޮށް ސާފު ކުރުމެވެ. ފަހެ ގަބުރު ވަޅުލެވިފައި ވަނީ (މިސްކިތް ބިނާކުރުމުގެ) ފަހުން ކަމުގައިވާ ނަމަ، އެ ކޮންނަން ޖެހޭނެ އެވެ. އަދި އާއްމު ގަބުރުސްތާނަކަށް އެ ބަދަލު ކުރަން ޖެހޭނެ އެވެ. އަދި ގަބުރު ވަޅުލެވިފައި ވަނީ ކުރިން ކަމުގައިވާ ނަމަ، އަދި އެ ގަބުރުގެ މައްޗަށް މިސްކިތް ބިނާ ކުރެވިފައިވާ ނަމަ، މިސްކިތް ތަޅާލައި ނެތި ކޮއްލަން ޖެހޭނެ އެވެ. الله އަށާއި اللهގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންތެރިކަން އަދާ ކުރުމަށްޓަކައެވެ. އަދި މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ މިކަމުގެ މައްޗަށް ސަމާލުވުމެވެ. އަދި ގަބުރު ހުރި މިސްކިތްތަކުގައި ނަމާދު ކުރުމުން ދުރުވެ ރައްކައުތެރިވުމެވެ. ސަބަބަކީ އެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ ޝިރުކަށް އޮތް ވަސީލަތެކެވެ. ގަބުރުގެ އަހުލުވެރިންނަށް ޝިރުކު ކުރުމަށާއި الله ނޫން ފަރާތްތަކަށް ދުޢާ ކުރުމަށް އޮތް ވަސީލަތެކެވެ. ބައިވަރު ޤައުމުތަކުގައި އެކަން ހިނގާފައިވާ ފަދައިންނެވެ. و لا حول و لا قوة إلا بالله.


ފަތުވާ ނަގައިފައިވަނީ: ص.374، فتاوى نور على الدرب لسماحة الشيخ عبد العزيز بن باز رحمه الله، الرئاسة العامة للبحوث العلمية و الإفتاء، الطبعة الأولى 1430ه
ސައިޓް ލިންކް: http://goo.gl/0pPdNR
❆  ❆  ❆


الإِمَامُ المُجَدِّدُ شَيخُ الإِسْلَام مُحَمَّد بِن عَبْدِ الوَهَّاب رحمه الله ލިޔުއްވާފައިވާ كِتَابُ التَّوْحِيد(11) ގައި ޛިކުރު ކުރައްވާފައިވެ އެވެ:

جُنْدُب بن عَبْدِ الله رضي الله عنه ގެ އަރިއަހުން مسلم ރިވާކުރައްވާފައިވެ އެވެ: "ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމުގެ ފަސް ދުވަސް ކުރިން ތިމަން ޞަޙާބީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް އަޑު އެއްސެވީމެވެ: {إِنِّي أَبْرَأُ إِلَى اللهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ، فَإِنَّ اللهَ قَدِ اتَّخَذَنِي خَلِيلاً كَمَا اتَّخَذَ إِبْرَاهِيمَ خَلِيلاً، وَلَوْ كُنْتُ مُتَّخِذاً مِنْ أُمَّتِي خَلِيلاً؛ لَاتَّخَذْتُ أَبَا بَكْرٍ خَلِيلاً، أَلَا وَإِنَّ مَنْ كَانَ قَبْلَكُم كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِم مَسَاجِدَ، أَلَا فَلَا تَتَّخِذُوا القُبُورَ مَسَاجِدَ؛ فَإِنِّي أَنْهَاكُم عَن ذَلِكَ}(12) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ތިމަން ނަބިއްޔާއަށް ޚަލީލެއް(13) ނެންގެވުމުން، ހަމަކަށަވަރުން ތިމަން ނަބިއްޔާ اللهގެ ޙަޟްރަތަށް ބަރީއަވެވަޑައިގަންނަވަމެވެ. ފަހެ ހަމަކަށަވަރުން الله، إبراهيم – عليه السلام - ޚަލީލެއްގެ ގޮތުގައި ހިއްޕެވި ފަދައިން الله ތިމަން ނަބިއްޔާ ޚަލީލެއްގެ ގޮތުގައި ހިއްޕެވި އެވެ. އަދި ތިމަން ނަބިއްޔާގެ އުންމަތުން ޚަލީލެއް ހިއްޕަވާ ނަމަ ހަމަކަށަވަރުން ތިމަން ނަބިއްޔާ أَبُو بَكْر ޚަލީލެއްގެ ގޮތުގައި ނެންގެވީމުހެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ވޭތުވެދިޔަ މީހުން އެބައިމީހުންގެ ނަބިއްޔުންގެ ގަބުރުފުޅުތައް (ފަސްދާނުލެވިފައިވާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ހަދައި އުޅުނެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ގަބުރުތައް (ވަޅުލާ ތަންތަން) މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ. ފަހެ ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް އެކަން ނަހީ ކުރައްވަމެވެ."


    ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ ހަޔާތްޕުޅުގެ ފަހުކޮޅުގައި އެކަން ނަހީ ކުރެއްވި އެވެ. ދެން އޭގެ ފަހުން - ޙަދީޘްގެ އިބާރާތުގެ ތެރެއިން - އެކަން ކޮށްފި މީހަކަށް ލަޢުނަތް ލެއްވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވި އެވެ.


    ގަބުރު ކައިރީގައި ނަމާދު ކުރުންވެސް ވަންނަނީ އެކަމުގެ (އެބަހީ ގަބުރު، މިސްކިތަށް ހެދުމުގެ) ތެރެއަށެވެ. މިސްކިތެއް ބިނާ ނުކުރެވުނު ނަމަވެސްމެ އެވެ.
އަދި އެއީ އެކަމަނާ (عَائِشَة رضي الله عنها)ގެ ބަސްފުޅު: "ނަބިއްޔާ صلى الله عليه وسلم ގެ ގަބުރުފުޅު ފަސްދާނުލެވިފައިވާ ތަން  މިސްކިތަކަށް ހަދާފާނެކަމަށް ބިރުފުޅުވެވަޑައިގަތެވެ." ގެ މާނަ އެވެ. ފަހެ ހަމަކަށަވަރުން ޞަޙާބީން ނަބިއްޔާ صلى الله عليه وسلمގެ ގަބުރުފުޅު ވަށައިގެން މިސްކިތެއް ބިނައެއް ނުކުރައްވަ އެވެ. އަދި އެތަނެއްގައި ނަމާދު ކުރުމަށް ގަސްދުކުރެވުނު ކޮންމެ ތަނެއް މިސްކިތަކަށް ހަދައިފިކަން ކަށަވަރެވެ. އަދި ކިއެއްތޯ އެވެ. އެތަނެއްގައި ނަމާދު ކުރެވޭ ކޮންމެ ތަނަކަށް މިސްކިތެއްގެ ނަން ދެވިގެންވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ފަދައިންނެވެ: {جُعِلَتْ لِيَ الأَرْضُ مَسْجِداً وَ طَهُوراً}(14) މާނައީ: "ތިމަން ނަބިއްޔާއަށްޓަކައި ބިންމައްޗަކީ މިސްކިތެއްގެ ގޮތުގައި، އަދި ޠާހިރު ތަނެއްގެ ގޮތުގައި ލެއްވިގެންވެ އެވެ."


އަދި عَبْدُ اللهِ بنُ مَسْعُود رضي الله عنه ގެ އަރިއަހުން ރަނގަޅު ސަނަދަކުން، މަރުފޫޢު ޙަދީޘަކުން الإِمَام أَحْمَد رحمه الله ރިވާ ކުރައްވާފައިވެ އެވެ: {إِنَّ مِنْ شِرِارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَ هُم أَحْيَاءُ، وَ الَّذِينَ يَتَّخِذُونَ القُبُورَ مَسَاجِدَ}(15) މާނައީ: "މީސްތަކުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނަކީ އެމީހުން ދިރިތިއްބައި އެމީހުންނާ ޤިޔާމަތާ ބައްދަލުވާ މީހުންނާއި ގަބުރުތައް (ވަޅުލެވިފައިވާ ތަންތަން) މިސްކިތްތަކަށް ހަދާ މީހުންނެވެ."


الشَيخُ العَلَّامَة مُحَمَّد بِن صَالِح العُثَيْمِين رحمه الله، كِتَابُ التَّوْحِيد ގެ މި ބާބުގެ ޝަރަޙައިގައި ވިދާޅުވި އެވެ:

"ޚުލާސާއަކީ: ހަމަކަށަވަރުން ގަބުރުތައް މަތީ މިސްކިތްތައް ބިނާ ކުރުން ހުއްދަވެގެނެއްނުވެ އެވެ. އެއީ އެކަމަކީ ޝިރުކަށް ވާސިލުކޮށްދޭ ކަމަކަށް ވާތީ އެވެ. އެ ޝިރުކަކީ ގަބުރުގައިވާ މައްޔިތާއަށް އަޅުކަން ކުރުމެވެ. އަދި ގަބުރުތައް ކައިރީގައި ނަމާދުކުރަން ގަސްދުކުރުން ވެސް ހުއްދަވެގެނެއްނުވެ އެވެ. އެއީ ގަބުރުތައް މިސްކިތްތަކަށް ހެދުމުގެ ސަބަބު އެ ގަބުރު ކައިރީގައި ނަމާދު ކުރުމުން ވެސް ހާސިލުވާތީ އެވެ. (އެބަހީ ގަބުރުތައް މިސްކިތްތަކަށް ހެދުމުން ޝިރުކަށް ވާސިލުކޮށްދެ އެވެ. ހަމަ އެފަދައިން ގަބުރު ކައިރީ ނަމާދު ކުރުމުންވެސް ޝިރުކަށް ވާސިލުކޮށްދެ އެވެ.) އެހެންކަމުން މިސާލަކަށް މީހަކު ގަބުރުސްތާނަށް ގޮސް ގަބުރެއް ކައިރީ ނަމާދު ކުރެއެވެ. އެ ގަބުރަކީ ވަލީވެރިންގެ ތެރެއިން ވަލީވެރިއެއްކަމަށް އޭނާ ޤަބޫލުކުރެ އެވެ. އަހަރުމެން (އޭނާގެ ޢަމަލަށް ރައްދުދީ) ބުނަމެވެ: "ހަމަކަށަވަރުން ތިބާ އެ ގަބުރު މިސްކިތަކަށް ހަދައިފި އެވެ. އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިންނަށް ޙައްޤުވެގެންވާ ލަޢުނަތް ތިބާއަށް ޙައްޤު ވެގެންވެ އެވެ........"

ލިޔުން ނަގައިފައިވަނީ: ص.404، القول المفيد على كتاب التوحيد للشيخ محمد بن صالح العثيمين رحمه الله، المجلد الأول، دار ابن الجوزي، الطبعة الثانية 1424ه

الشَيخُ العَلَّامَة صَالِح بن فوزان الفوزان حفظه الله، كِتَابُ التَّوْحِيد ގެ މި ބާބުގެ ޝަރަޙައިގައި ވިދާޅުވި އެވެ:

"މި ދެ ޙަދީޘުން މަތިވެރިވެގެންވާ ކަންތައްތަކެއް (ފައިދާތަކެއް) ހާސިލު ކުރެވެ އެވެ:
(އެއަށްފަހު ޝައިޚު، ފައިދާތައް ޛިކުރުކުރައްވަން ފެއްޓެވި އެވެ. ފަސް ވަނަ ފައިދާގައި ވިދާޅުވި އެވެ:)
ފަސްވަނަ ކަމަކީ: ގަބުރުތައް ކައިރީގައި ނަމާދުކުރުމާއި، ގަބުރުތައް މަތީގައި މިސްކިތްތައް ބިނާ ކުރުން ޙަރާމް ކުރެވިގެންވާ ކަމުގެ ދަލީލެއް ޙަދީޘްގައި އެބަ އޮތެވެ. އެއީ {فَلَا تَتَّخِذُوا القُبُورَ مَسَاجِدَ}، (މާނައީ: "ތިޔަބައިމީހުން ގަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނުހަދާށެވެ.") ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްގައި ދެ މާނައެއް އެކުލެވިގެންވެ އެވެ: (ފުރަތަމައީ: ގަބުރުމަތީގައި) ބިނާއެއް ނެތި (ގަބުރާ ދިމާލަށް ނުވަތަ އޭގެ ކައިރީގައި) ނަމާދު ކުރުމެވެ. އަދި (ދެވަނައީ:) ގަބުރު މަތީގައި ބިނާއަކާ އެކު ނަމާދު ކުރުމެވެ. މިއިން ހުރިހާ ކަމެއް ވެސް ވަންނަނީ ގަބުރުތައް ވަޅުލެވިފައިވާ ތަންތަން މިސްކިތްތަކަށް ބަދަލުކުރުމުގެ ތެރެއަށެވެ. އެކަން (ނަހީ ކުރެވިފައި) ވަނީ ޝިރުކަށް ވާސިލުކުރުވާ މަގު ބަންދު ކުރުމުގެ ގޮތުންނެވެ. އެމީހެއްގެ ފަހުމް (އެބަހީ: ޝަރުޢީ ޢިލްމާއި ވިސްނުން) މަދުވެފައިވީ މީހާ ނުވަތަ މަގުފުރައްދަން އުޅޭ މީހާ ބުނާ ފަދައިންނެއް ނޫނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި (ގަބުރުތައް ވަޅުލެވިފައިވާ ތަންތަން މިސްކިތަށް ހެދުން މަނާކުރެވިފައިވާ) ސަބަބަކީ: '(ގަބުރު ވަޅުލެވިގެންވާ) ތަނުގެ ނަޖިސްކަމެވެ.' ފަހެ މިއީ (އެކަން ނަހީކުރެވުނު) ޞައްޙަވެގެންވާ ސަބަބެއް ނޫނެވެ. އެހެނީ އެ (ގަބުރު ވަޅުލެވިގެންވާ) ތަން ނަޖިސްވެގެނެއް ނުވެ އެވެ. ނުވަތަ މިހެން ބުނި މީހާ އެވެ: "(ޙަދީޘްގެ ހަމައެކަނި) މުރާދަކީ ގަބުރު އޮތް ތަނުގެ މަތީގައި ނަމާދު ނުކުރުމެވެ." (އެބަހީ މިހެން ބުނާ މީހާވެސް އެއީ ފަހުމް މަދު އަދި މަގުފުރައްދަން އުޅޭ މީހެކެވެ.)


ހަވަނަ ކަމަކީ: ގަބުރު ކައިރީގައި ކުރާ ނަމާދު ނުވަތަ ގަބުރުތައް މަތީ ބިނާކުރެވިފައިވާ މިސްކިތްތަކުގައި ކުރާ ނަމާދު ބާޠިލުވެގެންވާ ކަމުގެ ދަލީލެއް ޙަދީޘްގައި އެބަ އޮތެވެ. ސަބަބަކީ ރަސޫލާ (صلى الله عليه وسلم) އެކަން ނަހީ ކުރައްވާފައިވާތީ އެވެ. އަދި އުސޫލީ (ފިޤުހުގެ އުސޫލުތަކުގެ) ޢިލްމުވެރިންގެ އަރިއަހުގައި: ނަހީ، ފަސާދަ ލާޒިމް ކުރުވަ އެވެ. (މާނައީ: ނަހީ ކުރެވިފައިވާ އަމަލެއް ކުރުމުން އެ ޢަމަލަކީ ފަސާދަ އަމަލެއްގެ ގޮތުގައި ބެލެވޭނެ އެވެ.) ފަހެ ގަބުރު ކައިރީ ނަމާދުކުރާ މީހާގެ ނަމާދު ޞައްޙަވެގެނެއް ނުވެ އެވެ. ފަހެ އޭނާގެ މައްޗަށް ފަރުޟު ނަމާދުތައް އިއާދަކުރުން (އަލުން އަނެއްކާ ކުރުން) ވާޖިބުވެގެން ވެއެވެ.(16) ސަބަބަކީ ގަބުރު ކައިރީ ކުރާ ނަމާދު ނުވަތަ ގަބުރު މަތީ ބިނާކުރެވިފައިވާ މިސްކިތެއްގައި ކުރާ ނަމާދު ޞައްޙަވެގެން ނުވާތީ އެވެ. ސަބަބަކީ އެ(ފަދަ ތަނެއްގައި ކުރާ) ނަމާދަކީ ނަހީކުރެވިގެންވާ ނަމާދަކަށް ވާތީ އެވެ. އަދި ނަހީކުރެވިގެންވާ ނަމާދަކީ ޝަރުޢު ކުރެވިގެންވާ ނަމާދެއް ނޫނެވެ. އެހެންކަމުން އެ ނަމާދު ޞައްޙަވެގެންނުވެ އެވެ.


ހަތްވަނަ ކަމަކީ: ގަބުރުތައް ވަޅުލެވިފައިވާ ތަންތަން މިސްކިތްތަކަށް ހަދައިފި މީހުންނީ މަޚްލޫޤުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންކަމަށް ޙަދީޘްގައި ދަލީލެއް އެބަ އޮތެވެ. ފަހެ ޔަހޫދީން ނުވަތަ ނަޞާރާއިންގެ ތެރެއިން މީހަކު، ނުވަތަ އިސްލާމް ދީނަށް ނިސްބަތްވާ މީހުންގެ ތެރެއިން މީހަކު މި ޢަމަލު ކޮށްފި ނަމަ ފަހެ އެ މީހުންނީ މަޚްލޫޤުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނެވެ. އެއަށްވުރެ ނުބައިވެގެންވާ އެކަކު ވެސް ނުވެ އެވެ. ސަލާމަތް ކަމާއި ރައްކައުތެރިކަން اللهގެ ޙަޟްރަތުން އެދެމެވެ."

 

ލިޔުން ނަގައިފައިވަނީ: ص.298، إعانة المستفيد بشرح كتاب التوحيد للشيخ صالح الفوزان حفظه الله، الجزء الأول، مؤسسة الرسالة، الطبعة الثالثة 1423ه

 

الشَّيخُ العَلَّامَة رَبِيعُ بِن هَادِي المَدْخَلِي حفظه الله އަރިއަހުގައި ސުވާލު ދެންނެވުނެވެ:

ސުވާލު: (ސުވާލުކުރާ މީހާ) ބުނަނީ: ހަމަކަށަވަރުން އޭނާ ގަބުރެއް އޮތް، مَسْجِدُ الحُسَين (ނަމަކަށް ކިޔާ މިސްކިތެއް)ގައި ނަމާދުކޮށްފި އެވެ. އޭނާ އަށް (އެފަދަ މިސްކިތެއްގައި ނަމާދު ކުރުމުގެ) ޙުކުމް އެނގިފައެއް ނުވެ އެވެ. ފަހެ އޭނާގެ މައްޗަށް ވާޖިބުވެގެން ވަނީ ކޮންކަމެއްތޯ އެވެ؟


ޖަވާބު: ކޮންމެ ޙާލެއްގައި ވިޔަސް، ގަބުރުތައް ހުރި މިސްކިތްތަކުގައި ކުރާ ނަމާދު ބާޠިލުވެގެންވެ އެވެ. އަދި އިސްލާމް ދީނުގައި މިސްކިތާއި ގަބުރު ވަޅުލެވޭ ތަން އެކެއް ނުވާނެ އެވެ. އެހެންކަމުން އަހަރެން ދެކޭ ގޮތުގައި އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އޭނާ އެ ނަމާދު ޤަޟާ ކުރުމެވެ.


ފަތުވާ ނަގައިފައިވަނީ: ص.286، مجموع كتب و رسائل و فتاوى فضيلة الشيخ العلامة ربيع بن هادي عمير المدخلي، المجلد الخامس عشر، دار الإمام أحمد، الطبعة الأولى 1431ه
❆  ❆  ❆

 


 

(1)  ރިވާކުރެއްވީ: مسلم (2251).
(2)  ރިވާކުރެއްވީ: مسلم (1188).
(3)  ރިވާކުރެއްވީ: البخاري (5815)، مسلم (1187).
(4)  ރިވާކުރެއްވީ: البخاري (437)، مسلم (1185).
(5)  ރިވާކުރެއްވީ: البخاري (5815)، مسلم (1187).
(6)  ރިވާކުރެއްވީ: مسلم (1188).
(7)  ރިވާކުރެއްވީ: البخاري (434)، مسلم (1181).
(8)  ބަޤީޢުއަކީ އަލް-މަސްޖިދުއް-ނަބަވީ ގެ ވާތްފަރާތުގައިވާ ގަބުރުސްތާނަށް ކިޔާ ނަމެވެ. ބަޤީޢު ވަށައިގެން އުސް ފާރެއް ބިނާކުރެވިފައިވެ އެވެ.
(9)  ރިވާކުރެއްވީ: البخاري (5815)، مسلم (1187).
(10)  ރިވާކުރެއްވީ: مسلم (1188).
(11)  باب ما جاء في التغليظ فيمن عبد الله عند قبر رجل صالح.
(12)  ރިވާކުރެއްވީ: مسلم (1188).
(13)  الشيخ ابن عثيمين ވިދާޅުވި އެވެ: "ޚަލީލުއަކީ ލޯބީގެ އެންމެ މަތިވެރި ދަރަޖައަށް ފޯރާފައިވާ ފަރާތެވެ."
(14)  ރިވާކުރެއްވީ: البخاري (335)، مسلم (1163).
(15)  ރިވާކުރެއްވީ: أحمد، "المسند" ގައި (1/435).
(16)  އޭ އަޚާ އެވެ. ޢިލްމުވެރިންގެ މިފަދަ ބަސްތައް އަޑު އަހައިފައި ވެސް ޙަޤީޤަތް ޤަބޫލު ނުކުރާނަން ހެއްޔެވެ؟ ރާއްޖޭގައި، ގަބުރުސްތާނުގައި ބިނާ ކުރެވިފައިވާ ކިތައް މިސްކިތް އެބަ ހުރި ހެއްޔެވެ؟ އެފަދަ މިސްކިތްތަކުގައި ނަމާދު ކުރަނީ ކިތައް މީހުން ހެއްޔެވެ؟ އެފަދަ ތަންތަނުގައި ނަމާދު ކުރާ މީހުންނަށް ލަޢުނަތް ލިބޭނެކަން އެބައިމީހުންނަށް ނުއެނގެނީ ބާވައެވެ؟ އޭގެ އިތުރުން އެމީހުންގެ ނަމާދުތައް ބާޠިލުވެގެންދާކަން ނޭނގެނީ ބާވައެވެ؟ އޭނާ ވަގުތު ހޭދަކޮށް މަސައްކަތާ އެކު ކުރާ އަޅުކަން الله ޤަބޫލުފުޅު ނުކުރައްވަވާ އަމަލަކަށް ވާން އެދޭނީ ފަހެ ކާކު ހެއްޔެވެ؟ ނޭނގޭ މީހާގެ މައްޗަށް އުނގެނުން ވާޖިބުވެގެންވެ އެވެ. އެނގި ހުރެ ނުވަތަ ނުއެނގި ހުރެ ފާފަ ކޮށްފިމީހާ اللهއަށް ތަޥްބާވުން ވާޖިބުވެގެންވެ އެވެ. ޙައްޤު ބަސް އަޑުއަހާފައި ޙައްޤަށް ރުޖޫޢަނުވާނީ ކިބުރުވެރި މީހާކަން އޭނާ ދަންނަ ހުއްޓެވެ. ޙަދީޘްގައި ވާރިދުވެގެންވާ ފަދައިންނެވެ: {الكِبْرُ بَطْرُ الحَقِّ وَ غَمْطُ النَّاسِ} رواه أبو داود. މާނައީ: "ކިބުރުވެރިކަމަކީ ޙައްޤު (ޤަބޫލުނުކޮށް) ރައްދު ކުރުމެވެ. އަދި މީސްތަކުން ދަށްކޮށްލުމެވެ."

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 01 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم | 13 ޖުލައި 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 15 ޖެނުއަރީ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...