5  އަލް-އިމާމް މުޙައްމަދު ބިން އަބްދުލް ވައްހާބު އަކީ ވެރިންނާއި ދެކޮޅަށް ނުކުތްފަރާތެއް ނޫންނެވެ! (އެއްވަނަ ބައި: ޝައިޚްގެ ޢަޤީދާ) - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އަލް-އިމާމް މުޙައްމަދު ބިން އަބްދުލް ވައްހާބު އަކީ ވެރިންނާއި ދެކޮޅަށް ނުކުތްފަރާތެއް ނޫންނެވެ! (އެއްވަނަ ބައި: ޝައިޚްގެ ޢަޤީދާ)

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ އަލް އިމާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބް رحمه الله - 1206 هـ

بسم الله ، الحمد لله ، والصّلاة والسلام على رسول الله ، وعلى آله وصحبه ومن والاه، أما بعد:

الشيخ محمّد بن عبد الوهاب رحمه الله ގެ ދަޢުވަތަކީ އެ ދަޢުވަތަކާ މެދުގައި ބާޠިލުގެ އަހުލުވެރިން އެކި ޒާތްޒާތުގެ ބުހުތާނު ދޮގުތަކާއި ޙަޤީޤަތެއްނެތް ވާހަކަތައް ފަތުރަމުން އަންނަ ދަޢުވަތެކެވެ. އަދި ޝައިޚްގެ ޝަޚްސިއްޔަތަކީ އެ ފަރާތަކާއި މެދުގައި އެބައިމީހުން ބޮޑެތި ތުހުމަތުތައް ކުރާ ޝަޚުސިއްޔަތެކެވެ. އެގޮތުން، އެބައިމީހުން ފަތުރާފައިވާ ޝުބުހަތްތަކުގެ ތެރޭގައި، ޝައިޚަކީ މުސްލިމް ވެރިންނާ ދެކޮޅަށް – އާދެ! އެޒަމާނުގައި އޮތް ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ނުކުންނެވި ބޭފުޅެއް ކަމަށާއި، އެކަމަކީ ހުއްދަކަމެއް ކަމުގައި ދެކިލައްވާ ބޭފުޅެއް ކަމުގައި ތުހުމަތު ކުރުން ހިމެނެއެވެ.
    މިއަދު ދިވެހިރާއްޖޭގައިވެސް މިފަދަ ތުހުމަތުތައް ޝައިޚާ މެދުގައި ދަނީ ކުރެވެމުންނެވެ. އަދި ވަކިން ދެރަވާންޖެހޭ ކަމަކީ، އިސްލާމްދީނުގެ ޝަރުޢީ ޢިލްމަށް ނިސްބަތްވާ ބަޔަކު މިފަދަ ވާހަކަ ދައްކަމުން ގެންދާ ކަމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި އެފަދަ ބަޔަކު އެވާހަކަ ދައްކަނީ މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމަކީ ހުއްދަވަގެންވާ ކަމެއް ކަމުގައި ދެއްކުމަށްޓަކައެވެ. މި ސިލްސިލާ ލިޔުންތަކުގައި އަޅުގަނޑުމެން މަސައްކަތްކުރާނީ ޝައިޚަކީ މުސްލިމް ވެރިންނާ ދެކޮޅަށް ނުކުންނެވި ބޭފުޅެއް ނޫންކަމާއި، އަދި އެއީ ހުއްދަކަމެއް ކަމުގައި ޝައިޚް ދެކިނުލައްވާކަން ސާބިތު ކުރުމަށެވެ.


ޝައިޚްގެ ޒަމާނުގައި އިސްލާމީ ދުނިޔޭގައި މަޝްހޫރު ވެރިކަމެއްގެ ގޮތުގައި އޮތީ ޢުޘްމާނީ ޚިލާފަތެވެ. ވުމުން، ތުހުމަތްތަކުގެ އަހުލުވެރިން ދެކޭ ގޮތުގައި ޝައިޚްގެ ދަޢުވަތާއިގެން ޝައިޚާއި، ޝައިޚަށް އެހީތެރިވެވަޑައިގެންނެވި محمّد بن سعود رحمه الله، ނުކުމެވަޑައިގަތުމަކީ އެއީ ޢުޘްމާނީ ޚިލާފަތާ ދެކޮޅަށް ނުކުތުމެވެ. މުސްލިމް ވެރިކަމަކާ ދެކޮޅަށް ޚުރޫޖު ކުރުމެވެ.


ޤަޞީމްގެ އަހުލުވެރިން، ޝައިޚްގެ ޢަޤީދާ ބަޔާންކޮށްދޭން ޝައިޚްގެ އަރިހުން އެދުނު ހިނދު، ޝައިޚްގެ ޢަޤީދާއަކީ ކޮބައިކަން ބަޔާކޮށްދެއްވައި އެބައިމީހުންނަށް ލިޔުމެއް ފޮނުއްވިއެވެ. އެ ލިޔުން ވަނީ " الدّرر السنيّة في الأجوبة النّجديّة" (1/33-29) މިފޮތުގައި ޛިކުރު ކުރެވިފައެވެ. އެ ލިޔުމުގައި ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމާ ބެހޭގޮތުން ޝައިޚްގެ ޢަޤީދާ ބަޔާންކުރަށްވައި ވިދާޅުވެފައިވެއެވެ.


"... މުސްލިމް ވެރިންނަށް އަޑުއަހައި ކިޔަމަންވުމަކީ އަހަރެން ދެކޭގޮތުގައި ވާޖިބުވެގެންވާ ކަމެކެވެ. އެވެރިންނަކީ ހެޔޮ ލަފާ ބައެއް ކަމުގައި ވިޔަސް އަދި ނުބައި ނުލަފާ ބައެއް ކަމުގައި ވިޔަސް މެއެވެ. އެއީ އެބައިމީހުން އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކުއެވެ. އެމީހަކާ ޚިލާފަތް ޙަވާލުކުރެވި، މީސްތަކުން އެމީހެއްގެ އަތްމައްޗަށް ޖަމާވެ، އެމީހަކާ މެދު ރުހިއްޖެ މުސްލިމް ވެރިޔާއާއި، މީސްތަކުންގެ މައްޗަށް ކަނޑި ބޭނުންކޮށްގެން ގަދަބާރުން ވެރިވެގަނެ ޚަލީފާއެއް ކަމުގައި ވެއްޖެ މުސްލިމް ވެރިޔާއަށްވެސް ކިޔަމަންތެރިކަން އަދާކުރުން ވާޖިބުވެގެން ވެއެވެ. އަދި އޭނާއާ ދެކޮޅަށް ނުކުތުން ހުއްދަވަގެން ނުވެއެވެ..."


މީގެ އިތުރުން " الدّرر السنيّة في الأجوبة النّجديّة" (1/173) ގައި ޛިކުރު ކުރެވިފައިވާ ޝައިޚްގެ އެހެން ބަސްފުޅެއްގައި ވިދާޅުވެފައި ވެއެވެ.
"ތިންވަނަ އަޞްލު: ހަމަކަށަވަރުން، އެއްބައިވަންތަކަން ފުރިހަމަވުމުގެ ތެރޭގައި އަހަރެމެންގެ މައްޗަށް ވެރިކަންކުރާ ވެރިޔާއަށް އަޑުއަހައި ކިޔަމަންގަތުން ހިމެނެއެވެ. އެއީ އޭނާއަކީ ޙަބަޝީ އަޅަކު ކަމުގައި ވިޔަސް މެއެވެ. ފަހެ، އެއިން ޝިފާ ލިބޭނޭ، ފުދޭނޭ މިންވަރަށް، އެކިއެކި މޭރުމުން، ޝަރުޢީ ގޮތުންނާއި، ޤަދަރީ ގޮތުން ﷲ ވަނީ މިކަން ބަޔާންކޮށްދެއްވާފައެވެ. އެއަށްފަހު، މި އަޞްލު ވެގެންދިޔައީ ޢިލްމު ލިބިފައިވާކަމަށް ދަޢުވާކުރާ ގިނަ ބަޔަކަށް ނޭނގޭ އަޞްލެއް ކަމުގައެވެ. ފަހެ، (އެހެންވުމުން، އެބައިމީހުން) އެއަށް ޢަމަލު ކުރާނީ ކިހިނަކުން ތޯއެވެ؟"[1]


މި ޛިކުރުކޮށްދެވުނީ ޝައިޚްގެ އަމިއްލަ ޢަޤީދާ ބަޔާންކޮށް ޝައިޚް އަމިއްލަޔަށް ލިޔުއްވާފައިވާ ބަސްފުޅުތަކުގެ ތެރެއިން ބައެއް ބަސްފުޅުތަކެވެ. މިއީ ޝައިޚްގެ ޢަޤީދާކަމުގައި ވެފައި، ޝައިޚަކީ ވެރިންނާ ދެކޮޅަށް ނުކުތް ފަރާތެކޭ، ނުވަތަ އެކަން ހުއްދަކަމަށް ދެކިލެއްވި ފަރާތެކޭ ބުނުމަކީ ކިހާ ބޮޑު އަނިޔާވެރިކަމެއް ތޯއެވެ؟ އަދި އެފަދައިން ބުނާ މީހަކު އެކަމުގެ މައްޗަށް ކިހާ ބޮޑު ޙުއްޖަތެއް ނުވަތަ ދަލީލެއް ނެރެން ޖެހޭނެތޯއެވެ؟


މި ސިލްސިލާގެ ދެން އަންނަ ބައިގައި އަޅުގަނޑުމެން ބަލައިލާނީ ޝައިޚަށް ކުރެވޭ މި ތުހުމަތާއި މެދުގައި މިޒަމާނުގައި މިއުއްމަތް ދުށް އެންމެ ބޮޑު އެއް ރައްބާނީ ޢިލްމުވެރިޔަކު ކަމުގައިވާ، الشيخ عبد العزيز بن عبد الله بن باز رحمه الله މި މައްސަލައާއި މެދުގައި ވިދާޅުވެފައިވާ ބަސްފުޅަށެވެ.
وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين، والحمد لله ربّ العالمين
*******

[1]  ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ މައިގަނޑު ހަ އުޞޫލެއް ބަޔާންކުރަށްވައި ޝައިޚް ވިދާޅުވެފައިވާ މި ބަސްފުޅުތައް އަހަރެމެންގެ މެދުގައި މަޝްހޫރުވެފައިވަނީ "الْأُصُولُ السِّتَّةُ" (ހަ އުޞޫލު) ގެ ނަމުންނެވެ. މިތަނުގައި ޛިކުރު ކުރެވިފައި މިވަނީ އެ 6 އުޞޫލުގެ ތެރެއިން 3 ވަނަ އަޞްލެވެ.

1. މި 6 އުޞޫލުގެ މަތުނު ކިޔުއްވުމަށް:
މި ލިންކަށް ކްލިކް ކުރަށްވާށެވެ.
2. އަދި މި 6 އުޞޫލުގެ ދިވެހި ޝަރަޙައިގެ އޯޑިއޯ ޑައުންލޯޑް ކުރެއްވުމަށް:
މި ލިންކަށް ކްލިކް ކުރަށްވާށެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...