5 ބޮޑު ފާފަ: ޒިނޭ ގެ ޖަރީމާ | ނުބައިކަމުގައި އިންތިހާއަށް ބޮޑުގެންވާ ފާފައެއް - الإمام ابن القيم الجوزية رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބޮޑު ފާފަ: ޒިނޭ ގެ ޖަރީމާ | ނުބައިކަމުގައި އިންތިހާއަށް ބޮޑުގެންވާ ފާފައެއް - الإمام ابن القيم الجوزية رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޒިނޭ ކުރުން


ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


  الإمام ابن القيم الجوزية رحمه الله

ބޮޑު ފާފަ: ޒިނޭ ގެ ޖަރީމާ | ނުބައިކަމުގައި އިންތިހާއަށް ބޮޑުގެންވާ ފާފައެއް 

ޒިނޭގެ ފަސާދައަކީ އެންމެ ބޮޑުވެގެންވާ ފަސާދައިގެތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެއީ މި ޢާލަމުގައި އިންސާނުންގެ ނަސަބު ރައްކާތެރިކުރުމަށް ލެއްވިފައިވާ ނިޒާމް ނަފީ ކުރެވިގެންވާ ކަމެކެވެ. އަދި އެއީ ފަރުޖުތަށް ޙިމާޔަތްކުރުމަށްޓަކައި ނަހީ ކުރެވިފައިވާކަމެކެވެ. ޙާރާމެކުރެވިގެންވާ ކަންތައްތަކުން ރައްކާތެރިކުރުމަށްޓަކައި ޒިނޭ ނަހީ ކުރެވިފައިވެއެވެ. އަދި މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފައްދައި އެގޮތުން އަންހެނާއާއި އޭނާގެ ޞާޙިބާ، އޭނާގެ އަންހެން ދަރިޔާއި، އޭނާގެ އުޚްތާއި، އޭނާގެ މަންމަ ދެމެދުގައި އެންމެ ބޮޑު ފަސާދައެއް ކޮށްލުމުގައިވެއެވެ. އަދި މިއީ މި ޢާލަމް ޚަރާބު ކުރުވާނެ ކަމެކެވެ. ޒިނޭގެ ޖަރީމާގެ ބޮޑު ކަމަކީ ގަޞްދުގައި މީހަކު މަރާލުމުގެ ފަސާދައަށް ފަހުގައި މިފާފަ ވުމެވެ. އެގޮތުން ﷲ سبحانه وتعالى އެއިލާހުގެ ފޮތުގައި އަދި ﷲ ގެ ރަސޫލާގެ ސުންނަތުގައި އިސްވެ ބަޔާންކުރެވުނު ފަދައިން މި ދެ ކަންތައް އެކައްޗަށް ފަހު އަނެކައްޗާއި ވިދިގެން ޛިކުރު ކުރައްވާފަިއވެއެވެ.
الإمام أحمد ވިދާޅުވެފައި ވެއެވެ: "ޤަޞްދުގައި މީހަކު ޤަތުލު ކުރުމުގެ ފާފައަށް ފަހުގައި ޒިނޭގެ ފާފައަށްވުރެ ބޮޑު ނުބައިކަމެއް ވާކަމެއް އަހަރެން ނުދަންނަމެވެ."

ﷲ سبحانه وتعالى މިކަމުގެ ޙުރުމަތުގެ ބޮޑުކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلا بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا ( 68 ) يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ( 69 ) إِلا مَنْ تَابَ ﴾ މާނައަކީ: "އެބައިމިހުންނަކީ ﷲ އާއެކު އެހެން އިލާހަކަށް ދުޢާ ނުކުރާނެ މީހުންނެވެ. އަދި ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފިމީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަ ކުރައްވާހުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެއަޛާބުގެ ތެރޭގައި އެމީހަކު ދެމިހުންނާނެ އެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަ މީހަކު މެނުވީއެވެ."
 

މިއާޔަތުގައިވަނީ ޝިރުކު ކުރުމާއި ނަފްސު ޤަތުލު ކުރުމާއެކުގައި ޒިނޭކުރުން ޒިކުރު ކުރައްވާފައެވެ. އަދި އެކަމުގެ ޖަޒާއަކީ ނަރަކައިގެ އަޛާބު ލިބުމުގައި ދެމިހުރުމާއި، އަޛާބު އޭނާގެ މައްޗަށް ގިނަކުރެއްވުމެވެ. އެއީ އަޅާއަށް އެޢުޤޫބާތް ލިބުން މަނާކުރުވާނެ ކަންތައްކަމުގައިވާ އީމާންކަމާއި، ހެޔޮ ޞާލިހު އަމަލު ކުރުމާއި އަދި ތައުބާ ވުން ނެތިއްޖެހިނދުގައެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ: ﴿وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً ﴾ "އަދި ތިޔަބައިމީހުން ޒިނޭއާ ކައިރި ނުވާށެވެ. އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދާހާ ނުބައިވެގެންވެއެވެ."

 

މިކަމުގެ ފާޙިޝްކަމުގެ ބޮޑުކަމުގެ ޚަބަރު ﷲ ބަޔާންކުރައްވާފައި ވެއެވެ. އެއީ އެފާޙިޝްކަމުގެ މުޑުދާރުކަން އިންތިހާއަށް ގޮސްފައިވުމެވެ. އެގޮތުން ޖަނަވާރުތަކުގެ ބުއްދިއަށް މިފާޙިޝްކަމުގެ ނުބައިކަންް އެނގިފައި ވުމެވެ. މިކަމުގެ މިޘާލަކީ عمرو بن الأودي ގެ އަރިހުން الإمام البخاري ޞަޙީޙުގައި ޒިކުރުކޮށްފައިވެއެވެ: "އަހަރެން ޖާހިލިއްޔަތުގައި މަކުނެއް އެހެން މަކުނަކާ ޒިނޭކުރުމުން ގިނަ މަކުނުތަކެއް ޒިނޭކުރި 2 މަކުނުގެ ކައިރިޔަށް ޖަމާވެ އެދޭތި މަރުވަންދެން ރަޖުމުކުރިއެވެ." އެއަށް ފަހުގައި މިއާޔަތުގައި ބަޔާންކޮށްފައިވަނީ ޒިނޭކުރުމުގެ މަގަކީ އޭގެ އިންތިހާއަށް މަގެއްގެ ގޮތުން ނުބައިވެގެންވީ މަގެއް ކަމުގައެވެ. އަދި ހަމަކަށަވަރުން އެމަގަކީ ހަލާކުގެ ތެރެއަށް އެއްލާލެވޭނެ، ނަރަކައިގެ ތެރެއަށް ހޫރާލެވޭނެ އަދި ދުނިޔެމަތީގައި ދެރަ ނިކަމެތިކޮށްލާނެ މަގެއް ގޮތުގައި ވެއެވެ. އަދި އެ މަގަކީ ޢަޒާބާއި މާޔޫސްކަމާއި އާޚިރަތް ދުވަހުގައި މޮޅިވެރިކަމާއި ހިތާމައާއި އަބާއްޖަވެރިކަމަށް ގެންގޮސްދޭނެ މަގެކެވެ.
ބަފައިން ކައިވެނިކޮށްފައިވާ އަންހެނުންނާއި ކައިވެނި ކުރުމަކީ ހުތުރުކަން ބޮޑު ކަމެއްގެ ގޮތުގައި ވުމުން އެނުބައިކަން އިތުރަށް ބަޔާންކުރައްވާ ޚާއްޞަކޮށް ވަޙީ ކުރެއްވިއެވެ: ﴿إِنَّهُ كَانَ فَاحِشَةً وَمَقْتًا وَسَاء سَبِيلاً ﴾ "ހަމަކަށަވަރުން އެކަމަކީ ހުތުރުކަން ބޮޑު ފާފައެއްކަމުގައްޔާއި އަދި ނުރުއްސަވާނޭ ކަމެއްކަމުގައި ވިއެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ މަގެކެވެ."

 

އަޅާގެ ކާމިޔާބީ ލިބުން އޮތީ އޭނާގެ ފަރުޖު (ޒިނޭކުރުމާއި އެހެނިހެން ޙަރާމްވެގެންވާ ކަންކަމުން) ރައްކާތެރިކުރުމުން ކަމުގައި ވަޙިކުރައްވާފައިވެ އެެވެ. ފަހެ، އެގޮތުން މެނުވީ ކާމިޔާބީ ހޯދޭނެ މަގެއް ނޯންނާނެއެވެ. ﷲ ވަޙީ ކުރެއްވިއެވެ: ﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴿٣﴾ وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ﴿٤﴾ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ ﴿٥﴾ إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴿٦﴾ فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ ﴿٧﴾ "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެބައިމީހުންނީ އެބައިމީހުންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ. އަދި އެބައިމީހުންނީ ބޭކާރު ވާހަކަތަކާއި ކަންތައްތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެބައިމީހުންނީ ޒަކާތްދޭ މީހުންނެވެ. އަދި އެބައިމީހުންނީ އެބަިމީހުންގެ ފަރުޖުތަކަށް (ޖިންސީ ގުނަންތަކަށް) ރައްކާތެރިވާ މީހުންނެވެ. އެބައިމީހުންގެ އަނބިންގެ މައްޗަށާއި އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނަށް އެކަމުގައި މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، މިނޫން ގޮތަކަށް އެދިއްޖެ މީހާ ދަންނާށެވެ، ފަހެ އެބައިމީހުންނަކީ ހައްދުފަހަނައަޅައިދާ މީހުންނެވެ."
 

މިތަނުގައި 3 ކަމެއް އެކުލެވިގެންވެ އެވެ. ހަމަކަށަވަރުން އެމީހެއްގެ ފަރުޖު ރައްކާތެރިނުކުރި މީހަކީ ކާމިޔާބީގެ އަހުލުވެރިންގެ ތެރެއިން ނުވާނެ މީހެކެވެ. އަދި ހަމަ ކަށަވަރުން އެފަދަ މީހަކީ މަލާމާތް ލިބިގެންވާ ހައްދުފަހަނައަޅައިފައިވީ އަދި ކާމިޔާބީ ފާއިތުވެ ގޮސްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ޢުދުވާނެއްގެ ނަން ޙައްޤުވެގެންވެ އެވެ. އަދި އޭނާ ވަނީ މަލާމާތުގެ ތެރެއަށް ވެއްޓިފައެވެ. ހަމަކަށަވަރުން ﷲ سبحانه وتعالى އިންސާނާއަކީ އުފަލާއި ދަތި ޙާލުގައި މުދާވެރިކަމަށް ދަހިވެތި ފަރާތެެއް ކަމުގައި ހައްދަވާފައިވެއެވެ. ހަމަކަށަވަރުން ﷲ ތައާލަ އެިލާހުގެ ނަބިއްޔާއަށް މުއުމިނު އަޅުތަކުންގެ ބެލުންތައް ތިރިކުރުމަށާއި އެބައިމީހުންގެ ފަރުޖުތަކަށް ރައްކާތެރިވުމަށް ﷲ އަމުރުފުޅު ކުރެއްވިއެވެ. އަދި އެއިލާހު އެބައިމީހުންގެ ޢަމަލުތަކުގެ މައްޗަށް ބައްލަވާވޮޑިގެންވާކަން އުނގަންނައި ދެއްވުމަށް ރަސޫލާއަށް ބަޔާންކުރެއްވިއެވެ. ﷲ ވަޙީ ކުރެއްވިއެވެ: ﴿يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ﴾  "ލޮލުގެ ޚިޔާނަތާއި ހިތްތަކުގައިވާ ވަންހަނާވެގެންވާ ކަންތައްތައް ދެނެވޮޑިގެންވެއެވެ."

 


ފަތުވާ ނަގާފައިވަނީ : الداء والدواء ص 345-347.

Like what you see?

Close

Hit the buttons below to follow us, you won't regret it...