5  ލާދީނިއްޔަތު: ﷲގެ ޙުކުމްތަކަށް އެކި ސިފަތަކުން ބަދުބަސް ބުނުމާއި، މި ޒަމާނާއި ނުގުޅޭ، އެކަށީގެން ނުވާ އެއްޗެއް ކަމުގައި ބުނުން - أبو أنس محمد حسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ލާދީނިއްޔަތު: ﷲގެ ޙުކުމްތަކަށް އެކި ސިފަތަކުން ބަދުބަސް ބުނުމާއި، މި ޒަމާނާއި ނުގުޅޭ، އެކަށީގެން ނުވާ އެއްޗެއް ކަމުގައި ބުނުން - أبو أنس محمد حسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ علمانية ލާދީނިއްޔަތު

الحمد لله رب العالمين و الصلاة و السلام على من بعثه الله رحمة للعالمين و على آله وصحبه وسلم : 

 


މިއަދުވެސް އަދި ޤިޔާމަތާއި ޖެހެންދެންވެސް އިސްލާމް ދީނުގެ ޢަދުއްވުންގެ ލަނޑުދަނޑިކަމުގައިވަނީ އިސްލާމް ދީނުން މީސްތަކުން އެއްކިބާ ކުރުމާއި މީސްތަކުންގެ ހިތްތަކުގައި ދީނުގެ މައްޗަށް ޝައްކާއި ވަހުމް އުފެއްދުމެވެ. ކާފަރުންގެ ފަރާތުން މިކަން ފެނިގެން ދިއުމަކީ ނަފްސަށް ޙައިރާންކަން ގެނުވާ ކަމެއް ނޫނެވެ. އެހެނަސް ހިތްދަތި ކަމާއި ހިތާމައަކީ މުސްލިމުންގެ ނަމުގައި ތިބި ބަޔަކު ﷲ ގެ ޝަރީޢަތާއި ދީނަށް ރައްދުކޮށް ބުނަމުންދާ މިފަދަ ބަސްތަކެވެ. 


އަހަރެމެންގެ ތެރޭގައިވާ ކިތައް މީހުންނަށް މިކަމުގެ ނުރައްކާ ވިސްނިފައިވޭ ތޯ އެވެ؟ މި ކާއިނާތް، ޢާލަމް ހެއްދެވި ފަރާތުން ޤިޔާމަތާއި ޖެހެންދެން މީސްތަކުންގެ މައްޗަށް ޝަރީޢަތް ބާވައިލެއްވި އެވެ. އެއީ ޤިޔާމަތާއި ޖެހެންދެން ދެމި އޮންނާނެ ޝަރީޢަތެއްގެ ގޮތުގައި ވުމުގެ މާނައަކީ، އެ ޝަރީޢަތް އެންމެހައި ޒަމާނަކަށް އަދި މުޖުތަމަޢުތަކަށް އެންމެ އެކަށޭނެ އެންމެ ފުރިހަމަ ޝަރީޢަތް އަދި ޙުކުމްތައް ކަމުގައިވުމެވެ. އެކަށީގެން ނުވާކަމަށް ބުނެފި މީހާ ނާތަހުޒީބާއި، އަނިޔާވެރިކަމާއި، ބޭއިންސާފު އަދި މި ނޫނަސް ޢައިބުތައް ނިސްބަތްކޮށްފައިވަނީ ޚާލިޤްވަންތަ އިލާހު އަށެވެ. 


އިސްލާމް ދީނަކީ ﷲ ފުރިހަމަ ކުރައްވާފައިވާ ދީނެއް ކަމާއި މުއުމިނު އަޅުތަކުންނަށް ﷲ ދަރުމަވަންތަވެވޮޑިގަންނަވައި އެބައިމީހުންނަށް ދެއްވި މާތް މަތިވެރި ނިޢުމަތެއްކަން :


ﷲ ވަޙީކުރެއްވިއެވެ. {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا} [المائدة:3] "މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިމަންއިލާހު ތިޔަބައިމީހުންނަށް ފުރިހަމަކޮށްދެއްވީމެވެ. އަދި އިސްލާމް ދީން އެއީ ތިބައިމީހުންނަށް ދީންކަމުގައި ތިމަންއިލާހު ރުއްސަވައިވޮޑިގެންފީމެވެ." 


އަދިވެސް ވަޙީ ކުރެއްވި އެވެ. {وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ} [المائدة:48] "އަދި ތިމަން އިލާހު ހައްޤު ގޮތުގައި ނަބިއްޔާއަށް ފޮތް ބާވައިލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވުނު ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގަ އެވެ. އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގަ އެވެ. ފަހެ، ﷲ ބާވައިލެއްވި ޙުކުމުން ނަބިއްޔާ އެބައިމީހުންގެ މެދުގައި ޙުކުމް ކުރައްވާށި އެވެ." 


ﷲ ބާވައިލެއްވި ޝަރީޢަތާއި ޙުކުމްތައް ފުރިހަމައަށް ހިތުގެ އަޑިން ޤަބޫލުނުކުރާ ހިނދެއްގައި އިންސާނާގެ އީމާންކަން ޞައްޙަނުވާނެކަން:


ﷲ ވަޙީކުރެއްވިއެވެ. { وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} [الحشر:7] "އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެ ނަބިއްޔާ ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ." 


އަދިވެސް ވަޙީ ކުރައްވާފައިވެ އެވެ. { وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا } [الأحزاب:36] "އަދި ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާ ކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރެއް އޮތުނަމީ ނެތް ކަމެކެވެ. އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ." 


الإمام ابن كَثِير رحمه الله  މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. "މި އާޔަތަކީ އެންމެހައި ކަންތައްތަކުގެ މައްޗަށް ޢާންމުވެގެންވާ އާޔަތެކެވެ. އެގޮތުން ﷲ އާއި އެއިލާހުގެ ރަސޫލާ އެކަމެއްގައި ޙުކުމް ނިޔާކުރައްވައިފިހިނދު، އެއްވެސް އެހެން ފަރާތަކަށް އެކަމާއި ޚިލާފުވުން ހުއްދައެއް ނުވާނެ އެވެ. އަދި އެކަމުގައި އެއްވެސް އިޚްތިޔާރެއް ނޯންނާނެ އެވެ. އަދި އެއްވެސް އެހެން ރައުޔެއް އަދި ބަހެއް ބުނުމެއްވެސް ނޯންނާނެ އެވެ. އެއީ އެ އިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. { فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا} [النساء:65] "އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެބަސްވުމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން ހަމަހިލާ އެބައިމީހުން އީމާންނުވެތެވެ. އަދި އެއަށްފަހު ނަބިއްޔާ ނިޔާކުރެއްވި ގޮތާއިމެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާކަމުގައި އެބައިމީހުން ނުދެކޭނެ އެވެ. އަދި އެބައިމީހުން (އެ ނިޔާކުރެއްވި ގޮތަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެ އެވެ."


އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުން މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވާ ކަން :


ﷲ ވަޙީކުރެއްވިއެވެ. { فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلً} [النساء :59] "ފަހެ، ހަމަކަށަވަރުން ކަމަކާއިމެދު ތިޔަބައިމީހުން ދެބަސްވެއްޖެހިނދު އެކަމެއް ﷲ އާއި އެކަލާނގެ ރަސޫލާއަށް ރައްދުކުރާހުއްޓެވެ. އެއީ ތިޔަބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާކަމުގައިވާނަމަ އެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެވެ." 


الإمام ابن القيم رحمه الله  މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. "ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެ ނަމަ، ﷲ އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން، ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑެވެ "މި ދަލީލަކީ، މީސްތަކުން ދީނުގައި ދެބަސްވެފައިވާ އެންމެހައި ކަންތަކުގައި، އެ ދެބަސްވެފައިވުން ﷲ އަށާއި އެކަލާނގެ ރަސޫލާ ﷺ އަށް ރައްދުކުރަން ވާޖިބުވެގެންވާ ކަމުގައި، އަދި އެނޫންގޮތެއް ނުއޮންނާނެ ކަމުގައި ބަޔާންވެގެންވާ ދަލީލެކެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާ ﷺ ނޫން އެހެން އެއްވެސް ފަރާތަކަށް ރައްދުކޮށްގެން ނުވާނެ އެވެ.


އެއަށްފަހު ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން ސަލަފުންނާއި ޚަލަފުން އިއްތިފާޤު ވެވަޑައިގެންވާ ގޮތުގައި ﷲ އަށް ރައްދު ކުރުމަކީ : އެއީ އެކަލާނގެ ފޮތަށް ރައްދުކުރުމެވެ. އަދި ރަސޫލާ ﷺ އަށް ރައްދުކުރުމަކީ : އެއީ ރަސޫލާ ﷺ ޙަޔާތްޕުޅުގައި އެ ނަބިއްޔާގެ އަރިއަހަށް ރައްދުކުޅައުމެވެ. އަދި ދުނިޔެ ދޫކުރެއްވުމަށް ފަހުގައި ނަބިއްޔާގެ ސުންނަތަށް ރައްދުކުޅައުމެވެ.


އެއަށްފަހު ﷲ ވަޙީކުރައްވާފައިވެ އެވެ. ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا "މާނައީ : ތިމަން ﷲ ތިޔަބައިމީހުންނަށް އަމުރުފުޅުކުރައްވާފައިވާ، ތިމަން ﷲ އަށް ކިޔަމަންވުމާއި، ތިމަން ﷲ ގެ ރަސޫލާއަށް ކިޔަމަންވުމާއި ވެރިންނަށްވެސް ކިޔަމަންގަތުމާއި ތިޔަބައިމީހުން ދެބަސްވެފައިވާ އެންމެހައި ކަންތަކެއް ތިމަން ﷲ އަށާއި ތިމަން ﷲ ގެ ރަސޫލާއަށް ރައްދު ކުޅައުމަކީ، ތިޔަބައިމީހުންނަށް ދުނިޔޭގެ ދިރުއުޅުމުގަ އާއި އާޚިރަތުގެ ދިރިއުޅުމަށް ހެޔޮކަންބޮޑުވެގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުންނަށް ބާއްޖަވެރިކަން ދެދުނިޔޭގައި ލިބިދެނިވި ގޮތެވެ. އެއީ ތިޔަބައިމީހުންނަށް އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި ނިމުމެއްގެ ގޮތުން އެންމެ ހެޔޮވެގެންވާ ގޮތެވެ.


މިއާޔަތުން ދަލީލު ކުރެވެނީ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވުމާއި، ރަސޫލާ ﷺ އަށް ކިޔަމަންވެ އަދި އޭގެ މައްޗަށް ހުރިހާ ކަމެއް ޙައްލުކުރުން ވެގެންވަނީ ދުނިޔޭގައި އަދި އާޚިރަތުގެ އެންމެހައި ބާއްޖަވެރިކަން ލިއްބައިދޭ ސަބަބުކަމުގައެވެ. މި ޢާލަމުގެ މައްޗަށް ވިސްނައި ފިކުރުކޮށްލި ކޮންމެ މީހަކަށް މިދުނިޔެމަތީގައި ހިނގަމުންދާ އެންމެހައި ނުބައި ކަންކަމަކީ އަދި ހަމަކަށަވަރުން މިޢާލަމުގައިވާ އެންމެހައި ނުބައި ކަންތަކުގެ ސަބަބަކީ رَسُوْلُ اللهِ ﷺ އަށް މީސްތަކުން ކިޔަމަން ނުވުމެވެ. އަދި ކިޔަމަންގަތުމުން ބޭރުވުމެވެ. މި ދުނިޔެމަތީގައިވާ އެންމެހައި ހެޔޮކަންތައް މެދުވެރިވުމުގެ ސަބަބަކީ ނަބިއްޔާ ﷺ އަށް ކިޔަމަންގަތުމެވެ. އަދި ހަމައެފަދައިން އާޚިރަތުގެ އެންމެހައި ނުބައިކަންތަކާއި ވޭނާއި، ޢަޒާބު ލިބިދޭނީ ހަމަކަށަވަރުން ނަބިއްޔާ ﷺ އަށް އުރެދުމުގެ ނުބައިކަމުގެ ސަބަބުންނެވެ.


رَسُوْلُ اللهِ ﷺ ޚިލާފްވެގަތުމުން ދުނިޔެއާއި އާޚިރަތުގެ ހުރިހާ ނުބައިކަންތައް މީސްތަކުންގެ މައްޗަށް އައެވެ.


ފަހެ، މީސްތަކުން رَسُوْلُ اللهِ ﷺ އަށް ޙައްޤުގޮތުގައި ކިޔަމަންވާނަމަ، މި ބިންމަތީގައި އެއްގޮތަކަށް ވެސް ނުބައިކަމެއް ނުއޮންނާނެ އެވެ. މިކަން ބިންމަތީގައި ޢާންމުކޮށް މެދުވެރިވާ ނުބައި ކަންތަކުންނާއި، މުޞީބާތްތަކުން އެނގިގެން ދެއެވެ. އަދި ހަމަ އެފަދައިން އަޅާއަށް އޭނާގެ އަމިއްލަ ނަފްސަށް މެދުވެރިވާ އެންމެހައި ނުބައި ކަންތަކާއި، ވޭނާއި، ހިތްނުތަނަވަސްކަން މެދުވެރިވާ ސަބަބަކީ ވެސް ހަމަކަށަވަރުން رَسُوْلُ اللهِ ﷺ އަށް ކިޔަމަން ނުވުމެވެ. އަދި އެ ނަބިއްޔާ ﷺ އަށް ކިޔަމަންވުމަކީ ކިއްލާއެއްގެ ތެރެއަށް ވަނުމުގެ ސަބަބުން އޭނާއަށް އަމާންކަން ލިއްބައިދޭ ސަބަބެއް ކަމުގައި ވެދެއެވެ. އަދި އެއީ އެ ހޮހަޅައެއްގެ ތެރެއަށް ވަނުމުން އެމީހަކަށް ކާމިޔާބު ލިބިދެނިވި އެއްޗެއްކަމުގައިވެ އެވެ. އެހެން ވުމުން އެނގިގެންދަނީ ދުނިޔޭގެ އެންމެހައި ނުބައި ކަންތަކާއި، އާޚިރަތުގެ އެންމެހައި ނުބައިކަންތައް މެދުވެރިވާ ސަބަބެއް ކަމުގައި ވަނީ ނަބިއްޔާ ﷺ ގެނެސްދެއްވި ކަންތަކުގެ މަތިން އިންސާނުން ޖާހިލު ކަމުގައި ވުމެވެ. އަދި އެކިޔަމަންގަތުމުން ބޭރުވުމެވެ. މިއީ ހަމަ ޔަޤީނުންވެސް النَّبِيُّ ﷺ ގެނެސްދެއްވި އެންމެހައި ކަންތަކުގެ ޢިލްމު ހޯދައި އަދި އެއަށް ޢަމަލު ކުރުމުގައި ފުރިހަމައަށް ޤާއިމްވެ ހުރުމުން މެނުވީ  އެއްވެސް އަޅަކަށް ކާމިޔާބީއެއް، ސަލާމަތްތެރިކަމެއް ލިބިގެން ނުދާނެކަން އެއްވެސް ޝައްކަކާއި ވަހުމަކާ ނުލައި ބަޔާންވެ އެނގިގެންދާ ބުރުހާނެކެވެ." الرِّسَالةِ التَّبُوكيَّة (ص 75- 86)


އެންމެހައި ޙުކުމްތަކެއް ﷲ އަށް ރުޖޫޢަކުރުމަށް އަމުރުފު ބަޔާންވެގެންވެ އެވެ. ނިޔާކަނޑައެޅުމަށް އަހަރެމެންނަށް ވާޖިބުވެގެންވަނީ ﷲގެ ޝަރީޢަތަށް ކަމުގައި އަންގަވައި ﷲ ވަޙީކުރައްވާފައިވެ އެވެ. { وَمَا اخْتَلَفْتُمْ فِيهِ مِن شَيْءٍ فَحُكْمُهُ إِلَى اللَّهِ} [الشورى :10] "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފްވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ ﷲ އަށެވެ."


އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެއްކަމާއި އެފަދައިން އަޅުތަކުން ޤަބޫލުކޮށް އީމާންވުން :


ﷲ ވަޙީކުރެއްވިއެވެ. { وَتَمَّتْ كَلِمَةُ رَبِّكَ صِدْقًا وَعَدْلا لا مُبَدِّلَ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ} [الأنعام:115] "އަދި ނަބިއްޔާގެ ވެރި އިލާހުގެ ކަލިމަފުޅު ތެދުވެރިކަމާއި ޢަދުލުވެރިކަމުގައި ފުރިހަމަވެއްޖެ އެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެ އެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ އަދި މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." 


العَلامة الشَّيخ عَبد المحسن العَبَّاد حفظه الله  ވިދާޅުވެފައިވެ އެވެ. " މާނައަކީ :ﷲގެ ބަޔާންކުރައްވާ ވަޙީކުރައްވާފައިވާ އެންމެހައި ޚަބަރުތަކަކީ ތެދުވެރި ބަސްފުޅުތަކެއް ކަމާއި އަދި އަމުރުފުޅު ކުރެއްވި އެންމެހައި އަމުރުފުޅެއް އަދި ނަހީކުރައްވާފައިވާ އެންމެހައި ނަހީފުޅު ތަކަކީ ޢަދުލުވެރި ކަންތައްތަކެއް ކަމުގައިވުމެވެ."


ﷲ ގެ ޙުކުމްތަކާއި، ނިޔާކުރައްވާފައިވާ ނިޔާކުރުންތަކަކީ އެއީ މީސްތަކުންނަށް އެކަށީގެންނުވާ، ޢަދުލެއް އިންސާފެއް ނުވާ އެއްޗެއް ކަމުގައި ބުނެފިމީހާވަނީ ހަމަކަށަވަރުން ﷲ ގެ ޝަރީޢަތުގެ މައްޗަށް އަރައިގަނެ ﷲ ގެ ޝަރީޢަތުގެ މައްޗަށް ޢައިބުބަސް ބުނެފަ އެވެ. މިފަދަ މީހަކު މުސްލިމެއް ކަމުގައި ޤަބޫލުކުރާނީ ފަހެ ކާކު ހެއްޔެވެ؟


الإمام ابن كَثِير رحمه الله  މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. " قَتَادَة ވިދާޅުވި އެވެ. އެކަލާނގެ ވަޙީކުރެއްވި އެންމެހައި ބަސްފުޅަކީ ތެދުކަމެވެ. އަދި ޙުކުމް ކުރެއްވި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެއް ކަމުގައި ޤަބޫލު ކުރުމެވެ.... ފަހެ، އެކަލާނގެ ދެއްވި އެންމެހައި ޚަބަރުތަކަކީ ޙައްޤުކަމާއި އޭގައި އެއްވެސް ޝައްކެތް އޮޅުމެއް ނެތްކަމެވެ. އަދި އަމުރުފުޅު ކުރެއްވި އެންމެހައި އަމުރުފުޅުތަކަކީ ޢަދުލުވެރި ޙުކުމްތަކެއް ކަމާއި އަދި އެނޫން އެއްޗެއްގައި ޢަދުލުވެރިކަމެއް ނޯންނާނެ ކަމުގައި ދެކުމެވެ. އަދި އެކަލާނގެ ނަހީކުރެއްވި އެންމެހައި ތަކެއްޗަކީ ފަހެ، ބާޠިލް އެވެ. ފަހެ، ހަމަކަށަވަރުން އެކަލނާގެ ނަހީކުރައްވާ ކޮންމެ ކަމެއް ނަހީކުރައްވަނީ އޭގައި ފަސާދައެއް ވުމުންނެވެ." 


ﷲ ބާވައިލެއްވި ޙުކުމްތައް ދޫކޮށް އެހެން ޙުކުމްތަކަށް ދިއުމަކީ އަނިޔާވެރި ޖާހިލިއްޔަތުގެ ޙުކުމަށް ދިއުން : 


ﷲ ވަޙީކުރެއްވިއެވެ. {اتَّبِعُوا مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ وَلا تَتَّبِعُوا مِنْ دُونِهِ أَوْلِيَاءَ قَلِيلاً مَا تَذَكَّرُونَ} [الأعراف:3] "ތިޔަބައިމީހުންގެ ވެރި އިލާހުގެ ހަޟުރަތުން ތިޔަބައިމީހުނަށް ބާވައިލެއްވުނު ފޮތަށް ތިޔަބައިމީހުން ތަބަޢަ ވާށެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އެހީތެރިންތަކަށް ތަބަޢަ ނުވާށެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ." 
ﷲ ގެ ފޮތަށް ތަބަޢަވުމަށް އެންމެހައި ފަރާތްތަކަށް އަމުރުކޮށްފައިވަނީ އެފޮތުގައިވާ އެންމެހައި ތަކެއްޗަަށް އީމާންވެ އެ ތަކެތީގައި ދެމިހުރުމުގެ ގޮތުގައި ތަބަޢަވުމެވެ. އެއްވެސް ޒަމާނެއް އަދި މުޖުތަމަޢެއް އިސްތިސްނާ ނުވާނެ ގޮތުގަ އެވެ. 


ﷲ ގެ ޙުކުމްތައް ދޫކޮށް އެހެން ޙުކުމްތަކަށް ޢަމަލު ކުރުމަކީ ޖާހިއްލަތުގެ އަނިޔާވެރި ޤާނޫނަށް ލެނބިގެންދިއުން ކަމުގައި ﷲ ވަޙީ ކުރައްވާފައިވެ އެވެ. {أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً لِقَوْمٍ يُوقِنُونَ} [المائدة:50] "ފަހެއެބައިމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ. ޔަޤީންކުރާ ބަޔަކަށް الله ގެ ޙުކުމަށްވުރެ ޙުކުމް ކުރުމަށް މޮޅީ ފަހެ ކާކުހެއްޔެވެ."


އެންމެހައި އަޚުންނާއި އުޚްތުންނޭވެ! ﷲ ގެ ޙުކުމްތައް ދޫކޮށްލުމަކީ ޖާހިލިއްޔަތު ޙުކުމަށް ދިއުމެވެ. ނާއިންސާފާއި، އަނިޔާވެރި، ބަދުއަޚްލާޤީ ޙުކުމްތަކަށް އެނބުރިގަތުމެވެ. ފަހެ، ﷲ ބާވައި ލައްވާފައިވާ މާތް މަތިވެރި ޝަރީޢަތް ނޫން އެއްޗެއް ބޭނުން ކަމަށް ދަޢުވާކޮށްފި މީހާގެ އިސްލާމް ދީނެއް އޮންނާނެ ހެއްޔެވެ؟ ﷲގެ ޝަރީޢަތަކީ އެކަށީގެން ނުވާ، އިންސާފާއި ޢަދުލުވެރިކަމެއް ނެތް އެއްޗެއްްގެ ގޮތުގައި ބުނެފި މީހާގެ ދީނެއް އޮންނާނެ ހެއްޔެވެ؟ 


ދަންނަހުއްޓެވެ! އެންމެހައި ބާއްޖަވެރިކަމާއި ކާމިޔާބީއެއްގެ އަޞްލުކަމުގައިވަނީ ﷲ ގެ ހިދާޔަތަށް ތަބަޢަވެ ދެމިހުރުމެވެ. ދުނިޔޭގެ ޙަޔާތުގައި އަދި އުޚުރަވީ ޙަޔާތުގެ އެންމެހައި އުފަލެއް އަދި ހިތްހަމަޖެހުމެއް އޮތީ ﷲ ގެ ޝަރީޢަތުގައި ޤާއިމްވެ ދެމިހުރުގެ ސަބަބުންނެވެ. 


އެ އިލާހު ވަޙީ ކުރައްވާފައިވެ އެވެ. {فَمَنْ تَبِعَ هُدَايَ فَلا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ} [البقرة:38] "ތިމަން الله ގެ ތެދުމަގަށް ތަބަޢަވެއްޖެ ބަޔަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުވެއެވެ."  އަދި ވަޙީކުރެއްވިއެވެ. {فَمَنِ اتَّبَعَ هُدَايَ فَلا يَضِلُّ وَلا يَشْقَى وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكاً وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى} [طه:123-124] "ދެން ތިމަން الله ގެ ތެދުމަގަށް ތަބަޢަވެއްޖެ މީހާ ދަންނާށެވެ. ފަހެ އެމީހަކު މަގުފުރެދިގެން ނުދާނެއެވެ. އަދި އަބާއްޖަވެރި އެއްވެސް ނުވާނެއެވެ. އަދި ތިމަންއިލާހުގެ ޤުރުއާނަށް ފުރަގަސްދީފި މީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވޭނެއެވެ.


މިފަދަ މާތް މަތިވެރި، ޢަދުލުވެރިކަމާއި އިންސާފު ޤާއިމްވެގެންވާ ޝަރީޢަތެއްގެ ގޮތުގައިވީހިނދު، ޝަރީޢަތަށް ބަދުބަސް ބުނާނީ ކޮންފަދަ ލާދީނީ، ނިފާޤުކަން ބޮޑުވެގެންވާ ފަރާތެއް ހެއްޔެވެ؟ މިކަމުގެ ނުރައްކަލުގެ ބޮޑުކަމާ އެވެ. 


العَلاَّمَة الشّيخ صَالح الفَوزَان حفظه الله  އަރިއަހުގައި ސުވާލު ކުރެވުނެވެ. 


ސުވާލު: ﷲގެ ޝަރީޢަތް މި ޒަމާނަށް އެކަށީގެން ނުވާކަމުގައި ބުނާ މީހާގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ މިބަސްބުނި މީހަކީ ޖާހިލު މީހެއްގެ ގޮތުގައިވެއްޖެހިނދު އެފަދަ މީހާއަކީ ޢުޛުރު ލިބިގެންވާ މީހެއްގެ ގޮތުގައިވާނެ ހެއްޔެވެ؟ (ޔަޢުނީ : މި ބަސް ބުނާ މީހާއަށް ނޭނގިފައިވުމުން މި ޙުކުމުން ސަލާމަތްވާނެ ހެއްޔެވެ؟)


ޖަވާބު: "ނޫނެކެވެ. އޭނާ ޖާހިލު ކަމުގެ ސަބަބުން ޢުޛުވެރިއެއްގެ ގޮތުގައި ނުވާނެ އެވެ. والعيَاذ بالله، އޭނާ ބުނަނީ ޝަރީޢަތް މި ޒަމާނަށް އެކަށީގެން ނުވާއެއްޗެއްް
 ކަމެވެ. والعيَاذ بالله، މިއީ ކުފުރުވުމެވެ. ދީން ޤަބޫލު ނުކުރުމެވެ. އާނއެކެވެ. (އިސްލާމީ ޝަރީޢަތަކީ) ޤިޔާމަތާއި ޖެހެންދެން އެންމެހައި ތަނަކަށް އަދި އެންމެހައި ޒަމާނަކަށް އެކަށީގެންވާ އެއްޗެކެވެ. އާނއެކެވެ." http://bit.do/eYv8Q  

  
العَلاَّمَة الشّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "އިސްލާމް ދީނުން ބޭރުވާ ކަންތައްތަކުގެ ތެރެއަށް މިފަދައިން ބުނާމީހުންގެ ބަސްތައް ވަންނާނެ އެވެ. (އެއީ) ހަމަކަށަވަރުން ޝަރީޢަތް އޮތީ ވޭތުވެދިޔަ ޒަމާނަށެވެ. މިހާރު މި ޒަމާނަށް އެކަށީގެންވާ އެއްޗެއް ނޫނެވެ. (މިބަހުގެ މާނައަކީ) ޝަރީޢަތަކީ އުނި އެއްޗެއްް ކަމެވެ. އެއީ ޙަމްދުލިބިވޮޑިގެންވާ ޚިކުމަތްވަންތަ އިލާހުގެ ޙަޟުރަތުން ބާވައިލެއްވުނު އެއްްޗެއްް ނޫން ކަމެވެ. މިބަސްބުނާ މީހާ ކާފަރުވާނެ ކަމާއިމެދު އެއްވެސް ޝައްކެތްނެތެވެ. مُحمَّد ގެ ޝަރީޢަތުން ބޭރުވެގަތުން ހުއްދަވެގެންވާކަމަށް ދަޢުވާކުރާ މީހުންގެ ބަސްތަކުގެ ތެރެއަށް މިބަސްތައް ވަދެ އެވެ. އެމީހުން ބުނެ އެވެ. ޝަރީޢަތް މިޒަމާނާ އެކަށީގެން ނުވެ އެވެ. އެއީ ވޭތުވެދިޔަ، ނިމިދިޔަ ޒަމާނަށްއޮތް އެއްޗެކެވެ. މިބަސްތައް (މި ޒަމާނުގައި) ބުނާ މީހުންގެ ގިނަކަމާ އެވެ." دروس في شرح نواقض الإسلام 182


"ﷲ ގެ ޙުކުމްތަކަކީ މި ޒަމާނާއި ނުގުޅޭ، މި ޒަމާނަށް އެކަށީގެންނުވާ ޙުކުމްތައް ކަމުގައި ސިފަކޮށްފި މީހާގެ ކުފުރުވެ، މުރުތައްދުވާމެދު ޝައްކެތްވެސް ނެތެވެ. ސަބަބަކީ އެމީހަކު އެވަނީ ﷲ ގެ ޝަރީޢަތުގެ މައްޗަށް ބަދުބަސްބުނެ، ޝަރީޢަތަކީ ޢަދުލު އިންސާފް ނެތް އެއްޗެއް ގޮތުގައި ސިފަކޮށްފަ އެވެ." 

 

އަދިވެސް العَلاَّمَة الشّيخ صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން ޙައްދުތައް ޤާއިމް ކުރުމާއި، ޒިނޭ ކުރާ މީހާ ރަޖަމް ކުރުމާއި، ވައްކަން ކުރާ މީހާގެ އަތް ކެނޑުމާއި، މުރުތައްދުވާ މީހުން މެރުމަކީ، މިއީ ހަރުކަށި، މި ތަރައްޤީވެ ކުރިއަރައިގޮސްފައިވާ ޒަމާނާއި، މީސްތަކުންގެ ވިސްނުމާއި ބުއްދީގައި ތަރައްޤީވެފައިވާ ޒަމާނާއި އެކަށީގެންވާ އެއްޗެއް ނޫން ކަމުގައި ބުނާބަޔަކު ވެ އެވެ. މި ޙައްދުތައް ޤާއިމްކުރުމެއް ނުވެ އެވެ. މީހަކު މެރި މީހެއްގެ މައްޗަށް ޤިޞާޞް ހިފުމެއް ނުވެ އެވެ. ސަބަބަކީ އެއީ (ހަރުކަށި) އަނިޔާވެރި ޙުކުމެކެވެ. ބައެއް މުނާފިޤުންގެ ކިބައިން ފާޅުވާ މިފަދަ ބަސްތަކަކީ ފާޅުކަން ބޮޑުގޮތުގައި އިސްލާމް ދީނުން މުރުތައްދުވެ ދިއުމެވެ. ސަބަބަކީ މިއީ ﷲ ގެ ޙުކުމުގެ މައްޗަށް ދެކޮޅުހެދުމެވެ. އަދި ﷲ ގެ ޙުކުމަކީ އުނި އަދި އެކަށީގެންނުވާ (ޒަމާނާއި ނުގުޅޭ) ޙުކުމްތަކެއް ކަމުގަ އެވެ. މިއީ ސާފު ޞަރީޙަ ގޮތުގައި އިސްލާމް ދީނުން މުރުތައްދުވުމެވެ." دروس في شرح نواقض الإسلام 100


ހަޤީޤަތުގައި އިންސާނާ މިވަނީ އޭނާއަކީ ﷲ ޚަލްޤު ކުރެއްވި ނިކަމެތި ފަރާތެއްކަން ހަނދާންނައްތާލަފަ އެވެ. އޭނާއަކީ އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑިގެންވާ، ހުރިހައިކަމެއްގެ ޢިލްމު އެންމެ ފުރިހަމައަށް ދެނެވޮޑިގެންވާ ފަރާތެއްވާކަން ހަނދާން ނައްތާލަފަ އެވެ. އެހިނދު ތިމާގެ ޤަދަރާއި މަޤާމްގެ މައްޗަށް ބޮޑާވެރި ޙައްދުފަހަނައަޅައިފައިވެ އެވެ.


އިސްލާމް ދީނުގެ ޙުކުމްތަކާއި، ﷲ ކަނޑައަޅުއްވާފައިވާ، ނިޔާ ކުރައްވާފައިވާ ޝަރީޢަތުގެ މައްޗަށް ބުނެފައިވާ ބަސްތަކުން ނުކުންނަ ނަތީއްޖާ!


1. "ޒަމާނާއި ނުގުޅޭތީ އުވާލަންޖެހޭ ޙުކުމް" ގޮތުގައި ސިފަކޮށްފައި ވުމުގެ މާނައަކީ، ޤިޔާމަތާއި ޖެހެންދެން ބާވައިލެއްވިފައިވާ ﷲ ގެ ޝަރީޢަތަކީ، ޤިޔާމަތާއި ޖެހެންދެން އޮންނަ އެއްްޗެއް ނޫން ކަމެވެ. ޒަމާނާއި އެކަށީގެންނުވާ އެއްޗެއް ކަމެވެ. އެހެން ޝަރީޢަތެއް ހޯދަންޖެހޭކަމެވެ. އަދި ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަކީ އޭގައި ތިބުމަށް ލާޒިމްކުރާ އެއްޗެއް ނޫންކަމެވެ. މި މުޑުދާރު ބަސްތައް މިވަނީ ﷲ ގެ މި ވަޙީބަސްފުޅު ދޮގުކޮށްފަ އެވެ. ﷲ ވަޙީކުރެއްވިއެވެ. {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا} [المائدة:3] "މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިމަންއިލާހު ތިޔަބައިމީހުންނަށް ފުރިހަމަކޮށްދެއްވީމެވެ. އަދި އިސްލާމް ދީނައި އެއީ ތިބައިމީހުންނަށް ދީންކަމުގައި ތިމަންއިލާހު ރުއްސަވައިވޮޑިގެންފީމެވެ." އިސްލާމް ދީނާއި، އެ ދީނުގައިވާ ޙުކުމްތަކާއި، ނިޔާ ކުރައްވާފައިވާ އެންމެހައި ނިޔާތަކަކީ ފުރިހަމަވެ، އެ އެންމެހައި ތަކެއްޗެއްގެ މައްޗަށް ﷲ ރުއްސަވައިވޮޑިގަންނަވާ ޝަރީޢަތެއް ކަމެވެ. 


2. "ޒަމާނާއި ނުގުޅޭތީ އުވާލަންޖެހޭ ޙުކުމް" ގޮތުގައި ސިފަކޮށްފައި ވުމުގެ މާނައަކީ، އަހަރެެމެން މި ޝަރީޢަތާއި ރިސާލަތް ދޫކޮށް ޒަމާނާއި ގުޅޭ އެހެން ޝަރީޢަތެއް އަދި ރިސާލަތަކަށް ބޭނުންވެ ޙާޖަތް ޖެހިފައިވާކަމެވެ. މިއީވެސް ކަނޑައެޅިގެން އެންމެ ފަހުގެ ރަސޫލާގެ މަތިވެރި ޝަރީޢަތަށް ކުޑައިމީސްބަސް ބުނެފައިވުމެވެ. މީސްތަކުން އެހެން ޝަރީޢަތަކަށް، ޒަމާނާގުޅޭ އެހެން އެއްޗަކަށް ބޭނުންވެފައިވާ ކަމުގައި ދަޢުވާކުރުމެވެ. {مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا} [الأحزاب:40] "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި مُحَمَّدٌ ﷺ ނުވެތެވެ. އެހެނެއްކަމަކު، އެ ނަބިއްޔާއަކީ ﷲ ގެ ރަސޫލާ އެވެ. އަދި ނަބީކަން ޚަތަމް ކުރެއްވި ނަބިއްޔާ އެވެ. އަދި ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެ އެވެ." މާނައަކީ : مُحَمَّدٌ ﷺ ގެ ރިސާލަތަކީ އެންމެ ފަހުގެ ރިސާލަތް ކަމުގައިވުމުން މިއީ އެންމެހައި ޒަމާނަކަށް އަދި ޤިޔާމަތާއި ޖެހެންދެން އޭގެ ޙުކުމްތަކާއި، ޝަރީޢަތް ދެމިއޮންނެ އެއްޗެއްގެ ގޮތުގައިވުމެވެ.


ދަންނަހުއްޓެވެ. ﷲ ގެ އާޔަތްތަކާއި ބަސްފުޅުތަކާއި ޙުކުމްތައް ބަޔާންކުރުމުން އޭގެ މައްޗަށް ނަފްރަތު ފާޅުކޮށް އިދިކޮޅު ހަދާ އަހުލުވެރިން ބަޔާންކުރައްވާ އެ އިލާހު ވަޙީ ކުރައްވާފައިވެ އެވެ. وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ تَعْرِفُ فِي وُجُوهِ الَّذِينَ كَفَرُوا الْمُنكَرَ "އަދި އެބައިމީހުންނަށް ތިމަން ﷲ ގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، ކާފިރުވީ މީހުންގެ މޫނުމަތިން ދެކޮޅުވެރިކަމާއި ނުރުހުމުގެ ޢަލާމާތްތައް ތިބާއަށް ފެންނާނެތެވެ." 


މި ބަސްތަކުގައި މިވަނީ، ޝަރީޢަތުގައި ކަނޑައެޅިފައިވާ ގިނަ ޙުކުމްތަކެއް އެއީ އެކަށީގެންނުވާ، ޒަމާނާއި ނުގުޅޭ، އަގެއް އޮށްޓަރެއްނެތް ޙުކުމްތަކެއްގެ ގޮތުގައި ހަދާފަ އެވެ. ނަތީއްޖާއަކީ ޢާލަމްތަކުގެ އެންމެހައި ކަންތައްތަކެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް "ނޭނގޭ ކަމާއި" "ޖާހިލުކަން" ނިސްބަތްކޮށްފައިވުމެވެ. 


މުސްލިމުން މިކަމުގެ މައްޗަށް ސަމާލުވެ ރައްކާތެރިވުން ހުއްޓެވެ. މިއީ ތިމާ ދީނުން ބޭރުވެ ކުފުރުގެ ތެރެއަށް ވެއްޓިދާނެ ކަމެއްގެ ގޮތުގައި ދަނެ، އިންޒާރުލިބި އެބައެއްގެ ކިބައިން އެއްކިބާވުން ލާޒިމްވެ ވާޖިބުވާނެކަން ދަންނަންޖެހެ އެވެ. ﷲ އަޅަމެން ރައްކާތެރި ކުރައްވާށެވެ. وصلى الله على نبينا محمد وعلى آله و صحبه وسلم.

 

Like what you see?

Close

Hit the buttons below to follow us, you won't regret it...