5  ސުންނަތުގެ މާނަ - الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ސުންނަތުގެ މާނަ - الشَّيْخ الدُّكْتُور عَبْد الله بِنْ عَبدُ الرحيم البُخَارِيْ حَفِظَهُ الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސުންނަތް

 

ލުޣަވީގޮތުން ސުންނަތް: އެއީ ސީރަތެވެ. އެއީ ރަނގަޅު ނުވަތަ ނުބައި ސީރަތެއް ވިޔަސްމެ އެވެ. އަދި ރަނގަޅު މަގު ނުވަތަ ނުބައި މަގު، އެއީވެސް ސުންނަތުގެ މާނަ ކަމުގައި ބުނެވެ އެވެ. السُّنَّةُ ލަފްޒު ނެގިފައިވަނީ السَّنَنُ ން އެވެ. އޭގެ މާނައަކީ މަގެވެ. 


ސުންނަތުގެ އިޞްޠިލާޙީ މާނަ: ގިނަ ޙަދީޘް ޢިލްމުވެރިންގެ އަރިއަހުގައި މާނައަކީ : ނަބިއްޔާ ﷺ ގެ އަރިއަހުން އައިސްފައިވާ ރަސޫލުالله ﷺ ގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އެކަންތަކާ މެދު އިޤުރާރުވެވަޑައިގެންނެވި ކަންތަކާއި، އަދި ނަބިއްޔާ ﷺ އަށް ލިބިވަޑައިގެންނެވި ޚުލްޤީ ޞިފަފުޅުތަކާއި ޚަލްޤީ ޞިފަފުޅުތަކެވެ.


އެއަށްފަހުގައި ބުނަމެވެ. "ސުންނަތް" މާނަކުރެވޭ އެކިގޮތްތައްވެ އެވެ.
 

ފުރަތަމައީ: السُّنَّةُ މި ލަފްޒު ރަސޫލާ ﷺ ގެ ޙަދީޘްގައި، ޞަޙާބީން ބަސްފުޅުތަކުގައި އަދި ސަލަފުންގެ އިމާމުންގެ ފަރާތުން ވާރިދުވުމުން، އޭގެ މުރާދަކީ "ޤުރުއާން އަދި ސުންނަތުގައި ވާރިދުވެގެންވާ އެންމެހައި ކަންތައްތަކެވެ." ނުވަތަ އެއީ "ޝަރުޢީގޮތުން ޢާއްމުކޮށް އެންމެހައި ޢަމަލީ ހުކުމްތަކާއި ޢިލްމީ ޙުކުމްތައް އޭގައި ޝާމިލްވެގެންދާ ގޮތުގައި ވުމެވެ." އެއީ ނަބިއްޔާ ﷺ ގެ ޙަދީޘްގައި ވާރިދުވެގެންވާ ފަދައިންނެވެ. (فَمَنْ رَغِبَ عَنْ سُنَّتِيْ فَلَيَسَ مِنِّيْ) "ތިމަން ނަބިއްޔާގެ ސުންނަތުން ދުރުވެގަންނަ މީހަކީ، ތިމަން ނަބިއްޔާގެ ތެރެއިންވާ މީހެއް ނޫނެވެ."
 

ދެވަނައީ: ބިދުޢައިގެ އިދުކޮޅުގެ ގޮތުގައި ބުނެވެއެވެ. އަދި ޞަޙާބީން ޢަމަލުކުރެއްވި ގޮތަށް ޢަމަލު ނުކުރުމުން އެމީހަކު ކުރި ޢަމަލާއި ދެކޮޅަށްވެސް "ސުންނަތް" މިހެން ބޭނުން ކުރެވެ އެވެ.  އެއީ ކުރީގައި ބަޔާންވެ ދިޔަ العِرْبَاَضِ بنِ سَارِيَة رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘްގައި ވާރިދުވެގެންވާ ފަދައިންނެވެ. އެ ޙަދީޘްގައިވެ އެވެ.) فَإِنَّهُ مِنْ يَعِشْ مِنْكُمْ فَسَيَرى إِخْتِلاَفاً كَثِيْرا فعليكُمْ بِسُنَّتِي وَسُنَّةِ خُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ، وَإَيَّاكُمْ وَمُحْدَثَاتُ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ( "ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަކަށް ހިފަހައްޓާށެވެ. އަދި އައުކަންތަކާ މެދު ސަމާލުވެ ތިބޭށެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."


ބުނަމެވެ. މިފަދައިން ތިޔަބައިމީހުން "މިވަނި މީހަކީ ސުންނަތުގައިވާ މީހެކެވެ." އެއީ އޭނާއަކީ ބިދުޢަވެރިއަކަށް ނުވެ، ސުންނަތަށް ތަބަޢަވާ މީހެއްގެ ގޮތުގައި ވުމުންނެވެ. މިގޮތުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ބައެއްފޮތްތައް މިމާނައިގައި ޛިކުރުކުރައްވާފައިވެ އެވެ. މިޘާލަކަށް عَبْدُ الله بن أَحْمد ލިޔުއްވާފައިވާ ފޮތް (السُّنَّةِ)  އަދި الطَّبَريْ ލިޔުއްވާފައިވާ ފޮތް (صَرِيْح السُّنَّة)  އަދި الخَلاَّل ލިޔުއްވާފައިވާ ފޮތް (السُّنَّة)  ހިމެނެ އެވެ.


ތިންވަނައީ: ފަރުޟު، މުސްތަޙައްބު އަދި މަންދޫބު ކަންތަކުގެ އިދިކޮޅު އެއްޗެއްގެ ގޮތުގައި ބުނުމެވެ. އެއީ ފިޤުހު ޢިލްމުވެރިން ސުންނަތް ބަޔާންކޮށްފައިވާ ގޮތެވެ. އެބައި މީހުން ސުންނަތް މާނަކޮށްފައިވަނީ ދީނުގައި މީސްތަކުންގެ މައްޗަށް އޮތް ތަކްލީފުތަކުގެ ޙުކުމްތައް ބެހިގެންދާ އެއްބައިގެ ގޮތުގަ އެވެ. އެއީ އެކަމެއް ކުރުމުން ޘަވާބު ލިބިދޭ އަދި ނުކޮށް ދޫކޮށްލުމުން ޢަޛާބު ނުލިބޭކަންތަކެވެ.
 

ހަތަރުވަނައީ: ޝަރީޢަތުގައި ޙުކުމްތައް ނެރެވޭ އެއްދަލީލުގެ މުރާދުގައި ޛިކުރު ވުމެވެ. އެއީ ޝަރީޢަތުގެ އެއް އަޞްލުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެގޮތުން ބުނެވެ އެވެ. މި މައްސަލައަށް ޤުރުއާނުންނާއި ސުންނަތް އަދި އިޖްމާޢުއިން ދަލީލު ކުރެވެ އެވެ.


އެންމެ ފުޅާކަންބޮޑު ގޮތުގައި ސުންނަތް ބަޔާންކޮށްފައިވަނީ: ކުރީގައި ބަޔާންކުރެވުނު ފަދައިން، ޙަދީޘް ޢިލްމުގެ އަހުލުވެރިންނެވެ. އުޞޫލީންނާއި މުޙައްދިޘުންގެ ދެމެދުގައި ސުންނަތް މާނަކުރުމުގައި ފުޅާކަންބޮޑު ގޮތުގައި މުޙައްދިޘުން ޤާއިމްވެފައިވާ ސަބަބަކީ، މުޙައްދިޘުން ސުންނަތް މާނަކުރުމުގެ ބޭނުމަކީ ރަސޫލާ ﷺ ޤާއިމްވެވަޑައިގެން ހުންނެވި އެންމެހައި ގޮތްތަކެއް އެނގިގަތުމެވެ. ސަބަބަކީ، އެއީ ކޮންމެ ކަމެއްގެ އެންމެ ރިވެތިވެގެންވާ ނަމޫނާއަށް ވުމުންނެވެ. އެއަށްފަހު މީސްތަކުންނަށް އެ އެންމެހައި ކަންތަކެއް ނަޤުލު ކޮށްދިނުމެވެ. އެއީ މީސްތަކުން އެއިން ޝަރުޢީ ޙުކުމްތައް ނެރުނު ނުވަތަ ނުނެރުނު ކަމުގައި ވިޔަސްމެއެވެ. އެހެނަސް އުޞޫލީން، އެބައިމީހުން ސުންނަތުން ހޯދަނީ ޙުކުމްތަކާއި އެއިން ނެރެވޭ ކަންތައް އެކަންޏެވެ. ފަހެ، އެހެންވުމުން ސުންނަތުގެ ތެރެއަށް ސިފަފުޅުތައް ވައްދާފައެއްނުވެ އެވެ. واللهُ أَعْلَمُ.

(ފޮތް: من ثمرات التمسك بالسنة)

Like what you see?

Close

Hit the buttons below to follow us, you won't regret it...