5  އޮޅުންއަރާ ކަންކަމުގައި ޢިލްމުވެރިންނަށް ރުޖޫޢަވުމުގައި ސަލަފުއް ޞާލިޙުންގެ އަރިހުން ވާރިދުވެފައިވާ ބައެއް މިސާލުތައް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އޮޅުންއަރާ ކަންކަމުގައި ޢިލްމުވެރިންނަށް ރުޖޫޢަވުމުގައި ސަލަފުއް ޞާލިޙުންގެ އަރިހުން ވާރިދުވެފައިވާ ބައެއް މިސާލުތައް

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ ޢިލްމު ވެރިންގެ މަތިވެރިކަން

بسم اللّه الرّحمن الرّحيم
الحمد لله ربّ العالمين، والصّلاة والسّلام على رسوله الأمين، وعلى آله وصحبه أجمعين، وبعد:
ނޭނގޭ ކަންކަން އޮޅުންފިލުވުމަށްޓަކައި ޢިލްމުވެރިނާ ސުވާލުކުރުމަކީ އެކަމަކަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކަމެކެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ (الأنبياء:٧)  މާނައިގެ ތަރުޖަމާ: "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!"


މިފަދައިން ﷲ ތަޢާލާ އަމުރުކުރައްވާފައިވުމުން ހިނދުކޮޅަކަށް އަމިއްލަ ނަފްސާއެކު ހުއްޓިލައި މީގެ މުހިންމުކަމާމެދު ވިސްނާލުން ހުށްޓެވެ! އެކި މުޖުތަމަޢުތަކުގައި ހިނގަމުންދާ ދެބަސްވުންތަކާއި، ޚީލާފްތަކާއި، ފިތުނަތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި މި އަމުރުފުޅަށް ކިޔަމަން ނުގަތުން ހިމެނެއެވެ. މި ލިޔުމުގައި މިގެނެސްދެނީ ޢިލްމުވެރިންނަށް ރުޖޫޢަވުމުގައި އަހަރެމެންގެ ސަލަފުއް ޞާލީހުންގެ އަރިހުން ވާރިދުވެފައިވާ ނުހަނު ފުރިހަމަ ދެ މިސާލަކަށެވެ. 

 

ފުރަތަމަ މިސާލު:


صحيح ގައި (1) الإمام مسلم އެބޭފުޅާގެ ސަނަދުން، يحيى بن يَعْمَر ގެ އަރިހުން ރިވާކުރެއްވިއެވެ. ފަހެ، يحيى بن يَعْمَر ވިދާޅުވިއެވެ. 


"ބަޞަރާގައި ޤަދަރާ ބެހޭގޮތުން އެންމެ ފުރަތަމަ ވާހަކަދެއްކި މީހެއް ކަމުގައި ވެގެން ދިޔައީ مَعْبَد الْجُهَنِي އެވެ. ފަހެ، އަހަންނާއި، حُمَيد ابن عبد الرّحمن الحِمْيَرِي އާއި ދެމީހުން ޙައްޖަށް ނުވަތަ ޢުމްރާއަށް ދިޔައީމެވެ. އަދި އެ ދަތުރުގައި، ﷲ ގެ ރަސޫލާގެ އަޞްޙާބް ބޭކަލުންގެ ތެރެއިން ބޭކަލަކާ ބައްދަލުވެއްޖެނަމަ، މިބައިމީހުން ޤަދަރާއި މެދުގައި  ދައްކާ ވާހަކަތަކާއި މެދު އެބޭކަލަކާއި ސުވާލުކުރުމަށް އަހަރެމެން ނިންމީމުއެވެ. ފަހެ، މިސްކިތުގެ ތެރެއިން، އަހަރެމެންނަށް عَبد الله بن عمر بن الخطّاب އާއި ބައްދަލުކުރުމުގެ ތައުފީޤު ލިބުނެވެ. ފަހެ، އަހަރެމެން ދެމީހުން ابن عمر ގެ އަރިހަށް ގޮސް ވަށައިލީމެވެ. އަހަރެމެންގެ ތެރެއިން އެކަކު ހުރީ ابن عمر ގެ ކަނާތްފަރާތުގައެވެ. އަނެކަކު ހުރީ ވާތްފަރާތުގައެވެ. ދައްކަން އުޅޭ ވާހަކަ ދެއްކުން އަހަރެންނާއި، އަހަރެންގެ އެކުވެރިޔާ ޙަވާލުކޮށްފާނޭކަމަށް އަހަންނަށް ހީވިއެވެ. ފަހެ، އެހިނދު، އަހަރެން ابن عمر އަށް ދެންނެވީމެވެ. އޭ أبو عبد الرّحمن (2) އެވެ. ހަމަކަށަވަރުން، އަހަރެމެންގެ ހިސާބުގައި ބަޔަކު ފައުޅު ވެއްޖެއެވެ. އެބައިމީހުން ޤުރުއާން ކިޔަވައެވެ. އަދި ޢިލްމުގެ ފަހަތުން އުޅެއެވެ. (3) –ފަހެ، މިގޮތުގެ މަތިން އެބައިމީހުންގެ ބައެއް ސިފަތައް ބަޔާންކޮށްދެއްވިއެވެ.  އެއަށްފަހު ވިދާޅުވިއެވެ.- އަދި އެބައިމީހުން ދެކޭ ގޮތުގައި ޤަދަރެއް ނުވެއެވެ. އަދި މިހުރިހާ ކަމަކީ ފެށުމެކެވެ. (4) 


ابن عمر ވިދާޅުވިއެވެ. ތިޔަބައިމީހުންނާއި އެބައިމީހުން ބައްދަލުވެއްޖެނަމަ، އެބައިމީހުންގެ ކިބައިން، ހަމަކަށަވަރުން އަހަރެން ބަރީއަވެގެންވާކަމާއި، އަދި ހަމަކަށަވަރުން، އަހަރެންގެ ކިބައިން އެބައިމީހުން ބަރީއަ ވެގެންވާކަން އެބައިމީހުންނަށް އަންގާށެވެ! އެކަމެއްގައި عَبد الله بن عمر  ހުވާކޮށް ބުނާ ބަހަކީ؛ ހަމަކަށަވަރުން، އެބައިމީހުންގެ ތެރެއިން މީހަކަށް އުޙުދު ފަރުބަދަހައި ރަން ލިބި، އެ ހުރިހައި ރަނެއް ހޭދަކުރި ކަމުގައިވިޔަސް، އެމީހަކު ޤަދަރަށް އީމާންވެއްޖައުމަށް ދާންދެން ﷲ އޭނާގެ ކިބައިން އެހޭދަ ޤަބޫލުނުކުރައްވާނެއެވެ." 


އެއަށްފަހު، ބައްޕާފު عمر بن الخطّاب – رَضِيَ اللهُ عَنْهُ-  ގެ އަރިހުން މަޝްހޫރު ޖިބްރީލް ޙަދީޘް ރިވާކުރެއްވިއެވެ.


މި ރިވާޔަތުން ލިބޭ ފައިދާތައް ޒިކުރުކުރައްވަމުން الشّيخ عبد المحسن العبّاد -حَفِظَهُ اللّهُ- ވިދާޅުވެފައިވެއެވެ. " އުނދަގޫ ކަންތައްތަކުގެ ޙުކުމް ދެނެގަތުމަށްޓަކައި – އެއީ ޢަޤީދާއާއި ގުޅުން ހުރި ކަމެއް ކަމުގައިވިޔަސް، ނުވަތަ އެނޫން ކަމެއް ކަމުގައިވިޔަސް،  ތާބިޢީ ބޭކަލުން ޞަޙާބީ ބޭކަލުންގެ އަރިހަށް ވަޑައިގަންނަވާކަން މިއިން ދޭހަވެއެވެ. ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެންވަނީ މިފަދައިން ޢަމަލުކުރުމެވެ. އޭނާގެ ދީނީ ކަންކަން އޮޅުންފިލުވުމަށްޓަކައި ޢިލްމުގެ އަހުލުވެރިންގެ އަރިހަށް ރުޖޫޢަވުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﱡفَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ (الأنبياء:٧)  މާނައިގެ ތަރުޖަމާ: "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!"


އަދިވެސް އިތުރު ފައިދާއެއްގެ ގޮތުގައި ވިދާޅުވިއެވެ. "ޙައްޖަށް ދާމީހުންނާއި، ޢުމްރާއަށް ދާމީހުން ދެ ޙަރަމަށް އެކުރާ ދަތުރުގައި އެ ބިންތަކުގައިވާ ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލްކޮށް، ދީނީ އެކި ޙުކުމްތަކުގައި އޮޅުން އަރާ ކަންކަމާއި މެދު އެ ޢިލްމުވެރިންނާ ސުވާލުކުރުން މުސްތަޙައްބު ވެގެން ވެއެވެ. މި ރިވާޔަތުގައި  يحيى بن يَعْمَر އާއި حُمَيد ابن عبد الرّحمن الحِمْيَرِي ކަންކުރައްވާފައިވާ ގޮތަށެވެ." (5) އެއަށްފަހު، ތިރީގައިވާ ދެވަނަ މިސާލު ޛިކުރުކުރެއްވިއެވެ.

 

ދެވަނަ މިސާލު:


صحيح  مسلم ގައި يَزِيد الْفَقِير ގެ އަރިހުން ވާރިދުވެފައިވެއެވެ. يَزِيد ވިދާޅުވިއެވެ. 


"އެއް އިރެއްގައި ޚަވާރިޖުންގެ ރައުޔުތަކުގެ ރައުޔެއް އަހަންނަށް ނުހަނު ކަމުގޮސްފިއެވެ. (7) ފަހެ، އަހަރެމެން، ބޮޑު ޖަމާޢަތެއްގައި ޙައްޖު ކުރުމަށްޓަކައި ނުކުތީމެވެ. އަހަރެމެން ނިންމާފައި އޮތީ، ޙައްޖުކޮށް ނިމުމުން މީސްތަކުންގެ މައްޗަށް ނުކުތުމަށެވެ. (8) މިދަތުރުގައި، އަހަރެމެން މަދީނާއަށްވެސް ވަނީމެވެ. ފަހެ، جَابر بن عبد الله - رضي الله عنه - ތަނބެއްގައި ލެނގިވަޑައިގެން (9) އިންނަވައި، ރަސޫލު ﷲ ﷺ ގެ އަރިހުން މީސްތަކުންނަށް ޙަދީޘް ކިޔައިދެއްވާތަން އަހަރެމެންނަށް ފެނުނެވެ. އެގޮތުން، ނަރަކައިގެ އަހުލުވެރިންގެ ވާހަކަ ޛިކުރު ކުރެއްވިއެވެ. އެހެނިދު އަހަރެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާގެ ޞާޙިބާއެވެ! ތިވިދާޅުވަނީ ކީކޭ ތޯއެވެ؟ ﷲ ވަޙީ ކުރައްވާފައިވަނީ إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ (آل عمران: ١٩٢) (10) މިފަދައިން ނޫންތޯއެވެ؟ އަދި كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا أُعِيدُوا فِيهَا (السجدة: ٢٠) (11) މިފަދައިން ނޫންތޯއެވެ؟ ވުމުން، ތިޔަ ވިދާޅުވަނީ ކީކޭ ތޯއެވެ؟

 

ވިދާޅުވިއެވެ. ތިބާ ޤުރުއާން ކިޔަވައި އުޅެމު ހެއްޔެވެ؟ އަހަރެން ދެންނެވީމެވެ. އާދޭހެވެ! 

ވިދާޅުވިއެވެ. ތިބާ މުޙައްމަދު ﷺ ގެ މަޤާމާއި ބެހޭގޮތުން އަޑު އެހީމު ހެއްޔެވެ؟ (12) އަހަރެން ދެންނެވީމެވެ. އާދޭހެވެ!

ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، އެ މަޤާމަކީ ޙަމްދު ލިބިގެންވާ، މުޙައްމަދު ﷺ ގެ މަޤާމެވެ. އެ މަޤާމުގައި (ނަބިއްޔާ ﷺ ގެ ޝަފާޢަތުން، ﷲ ތަޢާލާ ތައުޙީދުގެ އަހުލުވެރިންގެ ތެރެއިން) އެއިލާހު އިރާދަކުރެއްވި އަޅަކު (ނަރަކައިން) ނެރުއްވާނެއެވެ.

 
އެއަށްފަހު، ޞިރާޠު މަގު ދަމައިލެވުމުގެ ވާހަކައާއި، އޭގެ މަތިން މީސްތަކުން ދަތުރުކުރާނޭ ވާހަކަ ޛިކުރު ކުރެއްވިއެވެ. އެ ވާހަކަތައް އަހަރެން ހިތުދަސްވެފައި ނުހުރެދާނޭ ކަމަށް އަހަރެން ބިރުގަނެއެވެ. (13)  

 

ހަމަޔަޤީނުންވެސް، ނަރަކާގައި ބަޔަކު ތިބުމަށްފަހު އެތަނުން ނުކުންނާނޭ ކަމުގައި ވިދާޅުވިއެވެ. އެބަހީ: سِمْسِمْ އޮށްތަކުގެ ގޮފިތަކެއް ފަދައިން އެބައިމީހުން ނުކުންނާނެއެވެ.  އެއަށްފަހު، އެބައިމީހުން ސުވަރުގޭގެ ކޯރުތަކުގެ ތެރެއިން ކޯރަކަށް ފައިބައި އެކޯރުން ހިނައިގަންނާނެއެވެ. އަދި ފޮތެއްގެ (ގަނޑުތަކެއް) ފަދައިންވާ ޙާލު (15) އެބައިމީހުން އެ ކޯރުން ނުކުންނާނެއެވެ.

 
ފަހެ، މިއަށްފަހު އަހަރެމެން (މަދީނާގައި އަހަރެމެން ތިބޭ ގެއަށް) ރުޖޫޢަވީމުއެވެ. އަދި އަހަރެމެން (އެއްބަޔަކު އަނެއް ބަޔަކަށް) ބުނީމެވެ.  ޝޭޚު (އެބަހީ: جَابر بن عبد الله - رضي الله عنه -) ނަބިއްޔާ ﷺ ގެ މައްޗަށް ދޮގުހަދައިފާނޭކަމަށް ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟ 


ފަހެ، އަހަރެމެން (ދަތުރަށްފަހު އެނބުރި ކޫފާއަށް) ރުޖޫޢަވީމެވެ. ނޫނެކެވެ! ﷲ ގަންދީ ބުނަމެވެ! އަހަރެމެންގެ ތެރެއިން އެންމެ މީހަކު ނޫނީ ޚުރޫޖު ނުކުރެއެވެ." (16)


މިއީ، ނުބައި ޢަޤީދާއެއްގެ މަތީގައި ތިބެ ޙައްޖަށް ދިޔަ ބައެއްގެ ވާހަކައެވެ. އެތަނުން އެބައިމީހުންނާއި ބައްދަލުވި، ޢިލްމުގެ އަހުލުވެރިއެއްކަމުގައިވާ ނަބިއްޔާ ﷺ ގެ ޞަޙާބީ جَابر بن عبد الله - رضي الله عنه - ވެގެންދިޔައީ އެބައިމީހުންގެ އެ ނުބައި ޢަޤީދާއިން ސަލާމަތްވުމުގެ ސަބަބެއް ކަމުގައެވެ. މިއިން ދޭހަވަނީ، އެ ބިންތަކަށް ކުރާ އެފަދަ ދަތުރުތަކުގައި ޢިލްމު އުނގެނި، ޢިލްމުވެރިންނާއި ސުވާލުކުރުމުގެ މުހިންމު ކަމެވެ.


މިއީ ނަމޫނާ ލިބިގަންނަންވީ މިސާލުތަކެކެވެ. ޢިބުރަތް ޙާޞިލްކުރަންޖެހޭ ކަންކަމެވެ. 

وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين.

 

********************************

 

(1) ނަންބަރު: 8
(2) أبو عبد الرّحمن އަކީ ابن عمر - رضي الله عنه - ގެ "ކުންޔާ" އެވެ. މާނައަކީ: "ޢަބްދުއްރަޙްމާންގެ ބައްޕަ" މިއެވެ.
(3) އެބަހީ: ޢިލްމު ހޯދުމަށް މަސައްކަތް ކުރެއެވެ.
(4) ރިވާޔަތުގެ މަތުނުގައި ޢަރަބި ބަހުން ވަނީ : وَأنَّ الْأَمْرَ أُنُفٌ މިހެނެވެ. އެބަހީ: އެބައިމީހުން ދެކޭ ގޮތުގައި ހުރިހާ ކަމެއްވެސް ފެށިގެން އަންނަނީ ޤަޟާ ޤަދަރުގައި ނިޔާކުރެއްވުމުގެ ކުރިންނެވެ. އެކަމެއް ފެށިގެން އަންނަނީ ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުންނެއް ނޫނެވެ. އަދި ކިއެއްތަ! ތިބާގެ އަމިއްލަ އިޚްތިޔާރުންނެވެ. އެކަމެއް ހިނގައިދިޔުމަށްފަހުގައި މެނުވީ އެކަމެއް ﷲ ދެނެވޮޑިގެން ނުވެއެވެ. މިއީ ޤަދަރީންނޭ ކިޔޭ ބައިގަނޑުގެ މީހުންގެ ތެރެއިން އެންމެ ހައްދުފަހަނައަޅާފައިވާ ބައިގަނޑުގެ ޢަޤީދާއެވެ. 
(5) މި ފައިދާތަކާއި، އަދި މި ލިޔުމުގައި މިނޫން ތަނެއްގައިވެސް عبد المحسن العبّاد  حَفِظَهُ اللَّهُ ގެ ބަސްފުޅެއް ގެނެވިފައިވާނަމަ އެއީ كتب ورسائل عبد المحسن بن حمد العبّاد البدر  މި ފޮތުގެ 3 ވަނަ މުޖައްލަދުގެ، ފުރަތަމަ ރިސާލާ ކަމުގައިވާ شرح حديث جبريل في تعليم الدّين   ޞ. 11-15 އިން ނަޤުލުކުރެވިފައިވާ ބަސްތަކެކެވެ.
(6) ނަންބަރު: 191
(7) އެ ރައުޔަކީ: އެބައިމީހުން ދެކޭ ގޮތުގައި ބޮޑެތި ފާފަކުރާ މުސްލިމުން ތާއަބަދަށް ނަރަކާގައި ދެމި ތިބޭނެއެވެ. އަދި ނަރަކަޔަށް ވަދެއްޖެ މީހަކަށް ދެން ދުވަހަކުވެސް އެތަނަކުން ނުނުކުމެވޭނެއެވެ.
(8) އެބަހީ: އަހްލުއް ސުންނަތި ވަލްޖަމާޢާ ބަލިކޮށް، އެބައިމީހުންނާ ދެކޮޅަށް ޚަވާރިޖުންގެ މަޒްހަބު ފައުޅުކޮށް، އެއަށް ދަޢުވަތުދިނުމަށެވެ. 
(9) އެބަހީ: المسجد النّبوي  ތެރޭގައި ތަނބެއްގައި ލެނގިވަޑައިގެންނެވެ. 
(10) މާނައިގެ ތަރުޖަމާ: "އަޅަމެންގެ ވެރި އިލާހެވެ! ހަމަކަށަވަރުން، އިބަ އިލާހު ނަރަކަޔަށް ވައްދަވައިފި މީހާ، ފަހެ، އިބަ އިލާހު އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ."
(11) މާނައިގެ ތަރުޖަމާ: "އެބައިމީހުން އެތަނުން (އެބަހި: ނަރަކައިން) ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެބައިމީހުން އަނބުރާ އިޢާދަ ކުރައްވާނެތެވެ."
މިއާޔަތްތައް ގެނެސްދެއްވީ، ނަރަކަޔަށް ވަދެއްޖެމީހަކު އަނބުރާ ނަރަކައިން ނުނުކުންނާކަމަށް ދަލީލު ދެއްކެވުމަށެވެ. ނަމަވެސް، ތައުޙީދުގެ އަހުލުވެރިން ނަރަކައިން ނުކުންނާކަމަށް ސުންނަތުން ދަލީލު ލިބޭކަން މި ރިވާޔަތާއި، އަދި މިނޫންވެސް ނައްޞުތަކުން ހާމަވެގެން ދެއެވެ. އަދި މި އާޔަތްތަކުގައި ނަރަކައިން ސަލާމަތްވުން ނަފީކުރެވިފައިވަނީ ޝިރުކާއި ކުފުރުގެ އަހުލުވެރިންނަށެވެ.
(12) އެބަހީ: ﷲ ތަޢާލާ އެ ނަބިއްޔާ އެ މަޤާމަކަށް ގެންނަވާ المقام المحمود އެވެ. 
(13) އެ ސަބަބަށްޓަކައި މި ރިވާޔަތުގައި އެ ތަފްޞީލުތައް ޛިކުރުކުރައްވާފައި ނުވެއެވެ. 
(14) މި އޮށަށް ދިވެހިން ކިޔާނަން ހޯދަން އުނދަގޫވި ހިނދު ބުނަމެވެ. މި އޮށަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ “Sesame Seed”  މިފަދައިންނެވެ. މީގެ އޮށްތަކުގެ ގޮފިގަނޑެއް އިރުގެ ހޫނުގައި ބާއްވައިފިނަމަ، އޭގެ ކުލަ ކަޅުކުލައަށް ބަދަލުވެގެން ދެއެވެ. ހޫނުގެ ސަބަބުން އަނދައިގެން ދަނީއެވެ. މިތަނުގައި މި އޮށްތަކުގެ މިސާލު ޖެހިފައިވަނީ މިސަބަބަށްޓަކައެވެ. ނަރަކާގައި ޢަޛާބު ލިބުމަށްފަހު، އެތަނުން އެބައިމީހުން ނުކުންނަ އިރު އެބައިމީހުންގެ ޙާލު ވަނީ މިފަދައިންނެވެ. އަދި މިބާވަތުގެ އޮށްތަކުގެ ބަދަލުގައި މިނޫން ގޮތްގޮތަށްވެސް މި ކަލިމަ މާނަކުރެވިފައި ވެއެވެ. والله أعلم بالصّواب.
(15) އެބަހީ: އެބައިމީހުން ކުރިންވީ ޙާލަތު ބަދަލުވެ، އެބައިމީހުންގެ ހަށިގަނޑުގެ ކުލަ ދޮންވެ، އެ ދޮންކަމުގެ ގަދަކަން ބަޔާންކޮށްދިނުމަށްޓަކައި، ލިޔަން ގެންގުޅޭ ފޮތެއްގެ ގަނޑުތަކުގެ ހުދުކަމާއި އެއްވަތަރު ކުރެވިގެން ވެއެވެ.  
(16) އެބަހީ: جَابر بن عبد الله - رضي الله عنه - އާއި ބައްދަލުވުމަށްފަހު، އެންމެ މީހަކު ފިޔަވައި އަހަރެމެން އެންމެން ޚުރޫޖުވާން ރޭވި ރޭޥުން ދޫކޮށްލައި، ޚަވާރިޖުންގެ ޢަޤީދާއިން ރުޖާޢަވެ ތައުބާ ވެއްޖައީމުއެވެ.


 

Like what you see?

Close

Hit the buttons below to follow us, you won't regret it...