5  އުޚްޠާ އެވެ! އުއްމަތުގައި ޒިނޭ ފެތުރިގެން ދިއުމުގެ ސަބަބެއް ކަމުގައި ނުވާށެވެ! - الإمام العلامة الشيخ صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އުޚްޠާ އެވެ! އުއްމަތުގައި ޒިނޭ ފެތުރިގެން ދިއުމުގެ ސަބަބެއް ކަމުގައި ނުވާށެވެ! - الإمام العلامة الشيخ صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޒިނޭ ކުރުން

"މިއީ މުޞީބާތެކެވެ. ޒިނޭ ކުރުން ޢާންމުވުމެވެ. ޒިނޭ ކުރުން ޢާންމު ވުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ ޒިނޭ އަކީ ޙަރާމް ވެގެންވާ ޢަމަލެއް ކަމުގައި އެންމެން ދަނެ އެވެ. އެހެނަސް ޒިނޭ ކުރުން ފާޅުވެ ޢާންމުވެފައިވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟


ސަބަބަކީ: ޝަރުޢުޤައި އާއި މުޖުތަމަޢުގައި އެކަނބަލުންނަށް ކަނޑައެޅިގެންވާ ސުލޫކީ މިންގަނޑުން ބޭރުވެ، އެކަނބަލުންނާ އެކަށީގެންނުވާފަދަ ގޮތަކަށް އަޚްލާޤު ފަސާދަވުމެވެ. (އަންހެނުން ބޭރަށް ނުކުމެ އެބައިމީހުންގެ ޒީނަތްތެރިކަން ފާޅުކޮށްފައިވުމެވެ.) އަންހެނުންނަށް (ޙައްޤު ލިބިގެންވޭ، މިނިވަންކަން ލިބިގެންވޭ ބުނެ) އަންހެނުން ފާޅުވެ އަދި ފިރިހެނުންނާ އެކު މަސައްކަތުގެ (ވަޒީފާގެ) މައިދާނުގައި މައްސުނިވުމެވެ. މިއީ މިއަދު ގޮވަމުން ދާ ގޮވާލުން ތަކެވެ. (އެބަހީ : އަންހެނުންނާއި ފިރިހެނުން ވަޒީފާއި އެކުވުމާއި، މައިދާން ތަކުގައި އެކުވުމެވެ.)  


މިއެންމެހައި ކަންތައްތަކަކީ ޒިނޭ ފާޅުވެގެން ދިއުމަށްއޮތް ސަބަބުތަކެވެ. ސަބަބަކީ މީސްތަކުންގެ ނަފްސުގައި ޝަހުވަތްތެރިކަންވެ އެވެ. އަންހެނުންނާއި ފިރިހެނުންގެ (ދެ ޖިންސުގެ އަހުލުވެރިންގެ) ނަފްސުގައި ވެ އެވެ. ހަށިގަނޑުތަކުން ޝަހުވަތްތެރިކަން ނުކުމެގެން (ފިލައިގެން) ނުދެ އެވެ. އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކޮށް، މީރުވަސް ދުވާތަކެތި (ހިލޭ ފިރިހެނުންނަށް) އޭގެ ވަސްދުވާގޮތުގައި ބޭނުންކޮށް، ބާޒާރުތަކަށް އެ އަންހެނުންތައް ނުކުމެ، ވަޒީފާގެ މައިދާނަށް ނިކުމެ، ކޭޝިއަރުންގެ ގޮތުގައި ފާޅުވެ، ގަނެވިއްކުމުގެ މައިދާނަށް ނިކުމެ، ފިރިހެނުންނައި މައްސުނިވުމުން (މިއީ ޒިނޭ ޢާންމުވުމަށް) އޮތް ސަބަބުތަކެވެ. މި އެންމެހައި ސަބަބުތަކާ އެކު، ޝަހުވަތްތެރިކަން ވެ އެވެ. އެކަންތަކަށް ޝައުޤުވެރިކުރާ ޝައިޠާނާވެ އެވެ. ފިތުނަވެރިކަމާއި، ފާފަތަކަށް މަގުހުޅުވި ހިތްވަރުދެވެ އެވެ.
އެހެނަސް އަންހެނުން އެކަނބަލުންނަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ޤާއިމްވެ، އަޚްލާޤުތަކުގައި ޤާއިމްވެއްޖެހިނދު، ފިތުނަތަކުން އަމާންކަން ލިބިގެންދެ އެވެ.


އެހެނަސް އަންހެނުން މި މިންގަނޑުތަކުން އަދި އަޚްލާޤުތަކުން ބޭރުވެ، ނުބައިކަން ބޮޑުވެގެންވާ ފަރާތްތަކުން ގޮވަމުންދާ "އަންހެނުންގެ މިނިވަންކަމޭ" ބުނާ ބުނުންތަކަކީ، ޙަޤީޤަތުގައި މިއީ މިނިވަންކަމެއް ނޫނެވެ. މިއީ އަޅުވެތިކަމުގައި އެންމެ މައްޗަށް އަރައިގެން ދިއުމެވެ. މިއީ ޝަހުވަތްތެރިކަމަށް އަޅުވެތިވުމެވެ. وَالعِيَاذ بالله.   ޝަހުވާނީ އެދުންތަކަށް އަޅުވެތިވުމެވެ. މިނިވަންކަމަކީ ﷲ އަށް އަޅުވެތިވުމުގައިވުމެވެ. އެއީ، ފާފަތަކުން އެއްކިބާވެ ﷲ އަށް އަމުރުފުޅުތަކުގައި ދެމިހުރުމުގެ މިނިވަންކަމެވެ.


ފަހު ޒަމާނުގައި އަންހެނުން ޝަރުޢީ މިންގަނޑުތަކުން ބޭރުވުމުން، ޒިނޭކުރުން ފެތުރި ޢާންމުވުން ޙާޞިލްވެ އެވެ. ސަބަބަކީ މިއީ ޒިނޭ ކުރުމަށް އޮތް ވަޞީލަތްތަކެވެ. ޚާއްޞަކޮށް އަންހެނުން އެބައިމީހުން ޒީނަތްތެރިކަން ފާޅުކޮށް ފިރިހެނުންނާ މައްސުނިވެއްޖެ ހިނދުގަ އެވެ. އަދި ބޭރުތެރެއަށް ނުކުމެ އުޅުމުގެ ފުރިހަމަ މިނިވަންކަން ދެވިއްޖެހިނދު، އެގޮތުން ސަވާރީގެ ތަޅުދަނޑި އަންހެންމީހާގެ އަތުގައިވެ، ދިއުމާއި އެނބުރިއައުން (އެކަމުގެ) އިޚްތިޔާރު އަންހެނުންނަށް ދެވިއްޖެ ހިނދުގަ އެވެ...."
****
ބަސްތައް ނަގާފައިވަނީ : https://goo.gl/VezbfT


އަޚުންނޭވެ! މިއީ މިއަދު ދުނިޔެމަތީގައި ތިއްބެވި، އިސްލާމް ދީނުގެ އެންމެ ބޮޑެތި ރައްބާނީ ޢިލްމުވެރިންގެ ބަސްފުޅެވެ. އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ، އިސްލާމް ދީނުގައި އެންމެ ބޮޑު އެއް ޙުކުމް ކަނޑައެޅިފައިވާ ޒީނޭ ކުރުމުގެ ފާފައިގެ ސަބަބަކީ ކޮބައިކަމެވެ. ނަޟަރު ހިންގައި ވިސްނާލުން ހުއްޓެވެ. ﷲ އަށް ޙައްޤު ގޮތުގައި ބިރުވެތިވާ އަހުލުވެރިޔާ، ﷲ ޙަރާމްކޮށްފައިވާ ފާފައަކަށް ވާގިވެރިވާ އަދި އެކަން ކުރުމަށް މަގުފަހިކޮށްދޭ ވަޞީލަތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭނެ ހެއްޔެވެ؟ މި ފާފައަށް ވާގިވެރިވާ އެންމެ ބޮޑު ވަޞީލަތަކީ އަންހެނުންނާއި ފިރިހެނުން މައްސުނިވުމެވެ.


އުޚްތާ އެވެ! އިސްލާމްދީނުގައި ވަރުޤަދަ މާޤާމެއް ދެއްވާފައިވާ، މަތިވެރި ޤަދަރެެއްދެއްވާފައިވާ، އަދި ނުހަނު ބޮޑު ރައްކާތެރިކަމެއް ދެއްވާފައިވާ އަންހެނުންނަކީ އަގެއްނެތް ޤަދަރެއްނެތް ބަޔަކަށް ހަދައި ޒިނޭގެ ދޮރުތަކުގެ މައްޗަށް ގެންްގޮސްދިނުމަށް މަސައްކަތްކުރާ މީސްތަކުންގެ އަވައިގައި ނުޖެހުން ހުއްޓެވެ. އަންހެނުންނާއި ފިރިހެނުން މައްސުނިކޮށް އެއްތަން ކުރުމަށް ގޮވައި އެކަމަށް ހިތްވަރުދޭ ކޮންމެ މީހަކީ ތިޔަ އުޚްތާގެ ޢިއްޒަތާއި ކަރާމާތާއި ޤަދަރު ދެރަ ނިކަމެތިކޮށްލާފައިވާ މީހެކެވެ.


الإمَام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "އެއްވެސް ޝައްކެތްނުވާ ގޮތުގައި، ފިރިހެނުންނާއި އަންހެނުން މައްސުނިވުމަށް ކުޅަދާނަކަން ލިބުމަކީ، ހުރިހައި ނުބައެއް އަދި އެންމެހައި ވަބާ ތަކުގެ އަޞްލެވެ. މިއީ (އަންހެނުންނާއި ފިރިހެނުން މައްސުނި ވުމަކީ) ޢާންމު ވެގެންވާ ޢުޤޫބާތް މީސްތަކުންގެ މައްޗަށް ފާޅުވުމަށް އޮތް އެންމެ ބޮޑުވެގެންވާ ސަބަބެވެ. އަދި ހަމައެފަދައިން މިކަމަކީ ޢާންމު ވެގެންވާ އަދި ޚާއްޞަވެގެންވާ އެންމެހައި ކަންތަކެއް ފަސާދަވާނެ ސަބެކެވެ. އަދި ފިރިހެނުން އަންހެނުންނާއި މައްސުނި ވުމަކީ، ފާޙިޝް ކަންތަކާއި، ޒިނޭކުރުން ގިނަވާނެ ސަބަބެކެވެ." طرق الحكمية ص 281


އުޚްތާ އެވެ! މިބަސްފުޅުތަކަކީ އަހަރެމެންގެ ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ޢިލްމުވެރިން ދޫކޮށްފައިވާ ބަސްފުޅުތަކެވެ. الإمَام ابن القيم رحمه الله ދުނިޔެ ދޫކުރެއްވީ ޙިޖުރައިން 751 ވަނަ އަހަރުގަ އެވެ. މާނައީ : މިއީ ދުނިޔެވީ އެދުމަކަށް ނުވަތަ އަމިއްލަ މަންފާއަކަށް ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ. އެހެނަސް މިއީ ސަމާވީ ޢިލާހީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމެވެ.


الإمَام شَيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. "ފިރިހެނުންނާއި އަންހެނުން މައްސުނި ވެއްޖެ ހިނދުގައި، އޭގެ މަޤާމަކީ އަލިފާނާއި ދަރު މައްސުނި ވުމެވެ." الإستقامة 1-163 ތިޔަ އުޚްތް އަކީ ރޯވެފައިވާ އަލިފާންގަނޑަކަށް އުކާލެވޭ ދަރުކަމުގައިވެއްޖެހިނދު މި ޙަޔާތް އަދި އަންނަންއޮތް ޙަޔާތުގެ ޙާލަތާއިމެދު ވިސްނާލުން ހުއްޓެވެ.  


އަދިވެސް الإمَام شَيخ الإسلام ابن تَيمية رحمه الله ވިދާޅުވެފައިވެ އެވެ. "ފިރިހެނާއާ އެފަދަ މިޘާލެއް ނުވާ (އެއްވަތްތަރުނުވާ) ފަދައަކުން، އަންހެން މީހާ އޭނާ ރައްކާތެރި ކަމުގައި އަދި (ފިރިހެނުންގެ) ކިބައިން ފޮރުވިގެންހުރުން ވާޖިބު ވެގެންވެ އެވެ. ފަހެ، މިގޮތުން އަންހެނާއަށް ޙިޖާބުވެ ހުރުމާއި ޒީނަތްތެރިކަން ފާޅުކުރުމުން ދުރުވެހުރުން ވާޖިބުވެގެންވެ އެވެ. އަދި އަންހެނާއަށް ފިރިހެނުންނަށް ވާޖިބުވެގެން ނުވާ މިންވަރަށް ފޭރާންލައިގެން އަދި ގޭގައި ފޮރުވި، ނިވާވެގެން ހުރުން ވާޖިބުވެގެންވެ އެވެ. ސަބަބަކީ އަންހެނުން (މީސްތަކުންގެ ތެރެއަށް) ފާޅުވެގަތުމަކީ (އެންމެހައި) ފިތުނަވެރިކަމުގެ ސަބަބު ކަމުގައިވެ އެވެ. އަދި ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ، ބެލެހެއްޓުމުގައި ޤާއިމްވެގެންތިބޭ ބައެކެވެ." مجموع الفتاوى 15-297


ބަޔާންކުރެވުނު ބަސްފުޅުތައް ޛިކުރު ކޮށްފައިވާ ޢިލްމުވެރިންނަކީ ކޮބައިކަން ޝަރުޢީ ޢިލްމަށް ލޯހުޅުވިފައިވާ އެންމެ ދަށު ދަރަޖައިގެ އަހުލުވެރިންނަށްވެސް އިނގޭނެ އެވެ. މިއީ ދީނުގެ ޙުކުމް ކަމުގައިވެ، ޝަރުޢުގައި ނިޔާކުރެވިފައިވާގޮތް ކަމުގައިވާ ހިނދު، މިއަދު މުސްލިމް އަންހެނުންނާއި ފިރިހެނުން މައްސުނިކޮށް، އެއްމައިދާނަކަށްނެރެ އެކަމަށް ހިތްވަރުދޭ އަހުލުވެރިން މި ފާފައަށް ހިތްވަރު ދީފައިވާ މިންވަރާއި، ދީން އޮޅުވާލައިފައިވާ މިންވަރު އުޚްތުން ވިސްނާލުން ހުއްޓެވެ.


އަންހެނުން ފިރިހެނުންގެ ތެރެއަށް ނެރެ، އަންހެނުންގެ ކިބައިން އެބައިމީހުން ބޭނުންވާ ހިތްހަމަ ޖެހުމާއި އުފާ ހޯދައި، ނަޟަރުހިންގައި ގައިގޯޅިވެ ހަދާހިނދު މުސްލިމް އަންހުންނަށް އެބަޔަކު ދީފައިވާ ޤަދަރަކީ ކޮބައިހެއްޔެވެ؟


ހިތާމައަކީ، މުޒާހަރާ ތަކަށާއި، ޖަލްސާތަކަށާއި، ފިރިހެނުންނާއި އެއްސަފެއްގައި، މައްސުނިކޮށް ބައިތިއްބަން މިއަދު ގޮވާލަނީ "ޢިލްމުވެރިންނޭ" ބުނާ ބަޔަކު ކަމުގައިވުމެވެ.
ތިމާމެންގެ އަނބިންތައް އެފަދަ ތަންތަނަށްނެރެ، ހިލޭ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމްކޮށް، މައްސުނި ކުރާހިނދު، ޒިނޭގެ ދޮރުތަކަށް މަގުފަހިކޮށްފައިވުން ވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހެޔޮ ވިސްނުމުގެ އަހުލުވެރިން ކޮބައިހެއްޔެވެ؟


الإمَام عَبد العَزِيز بن بَاز رحمه الله ވިދާޅުވެފައިވެ އެވެ. "އިސްލާމްދީނުގައި ފާޅުވެ ބަޔާންވެގެންވާ ގޮތުގައި، ފިރިހެނުން މަސައްކަތުގެ (ވަޒީފާގައި) އުޅޭ މައިދާންތަކަށް އަންހެނުން ނުކުތުމަކީ، ދެ ޖިންސު މައްސުނިވުމަށް އޮތް ކަމެކެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުން ޚަލްވާ (އަންހެނާއި ފިރިހެނާ އެހެން މީހުންނާ ވަކިވުމަށް) އޮތް ކަމެކެވެ. މިއީ ނުހަނު ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ނުކުންނަ މޭވާއަކީ ނުރައްކާތެރި ހިތި މޭވާ އެކެވެ. އޭގެ ނިމުމަކީ ނުހަނު ވޭންހުރި ނިމުމެކެވެ. އަދި މިކަމަކީ ދީނުގައި ބަޔާންވެގެންވާ ޝަރުޢީ ދަލީލުތަކާއި ދެކޮޅުވެގެންވާ ކަމެކެވެ. އެ ދަލީލުތަކުގައި އަމުރު ކުރެވިފައިވަނީ އަންހެނާ އޭނާގެ ގޭގައި ޤަރާރުވެ އިނުމަށެވެ. އަދި އަންހެނާ އޭނާއަށް ޚާއްޞަވެގެންވާ އަދި ﷲ އޭނާގެ ފިޠުރަތުގައި ލައްވާފައިވާ ޢަމަލުތައް ކުރުމުގައި ދެމިހުރުމެވެ. ފަހެ އެ ޢަމަލުތަކަކީ އަންހެނާ ފިރިހެނުންނާއި ދުރުގައި ވަކިވެ ހުރެ ކުރެވޭ ޢަމަލުތަކެއްގެ ގޮތުގަ އެވެ." العدل في شريعة الإسلامية وليس في الدمقراطية المزعومة ص 61


އަދިވެސް الإمَام عَبد العَزِيز بن بَاز رحمه الله ވިދާޅުވެފައިވެ އެވެ. " އަންހެނުންނާއި ފިރިހެނުން މައްސުނިވުމަށް ގޮވާ އަދި މައްސުނި ވުމަށް ދަޢުވަތުދޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ނަރަކައަށް ދަޢުވަތުދޭ މީހުންނެވެ....."


އެބައިމީހުން އެގޮވަނީ މީސްތަކުން ނަރައަކަށް ވަނުމަށެވެ. ނަރަކައިގެ ޢަމަލުތަކަށެވެ. ހިތާމައިގެ ބޮޑުކަމާ އެވެ! މި ފާފަ ޢާންމުވެ، ފާޅުވެގެންވާހިނދު، މިއީ ފާފައެއްކަން މުންކަރާތެއްކަން، ޒިނޭ ޢާންމުވުމަށް އޮތް ސަބަބެއްކަން ބަޔާންކޮށް އެގޮތުގައި އޮޅުންފިލުވައިދިނުމުގެ ބަދަލުގައި އެކަމަށް ވާގިވެރިވެ، ހިތްވަރުދޭ ކިތައް ފަރުދުން ވޭ ހެއްޔެވެ؟ މީގެ އެންމެ ފުރިހަމަ މިޘާލަކީ ސިޔާސީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކެވެ. އަންހެނުންނާއި ފިރިހެނުން މައްސުނި ކުރުމުގެ ލާމަސީލު މިޘާލެކެވެ. އެއީ ފާފައެއްކަން ނުވަތަ މުންކަރާތެއް ކަމުގައި ނަފްސުގައި ކުޑަ މިންވަރެއްވެސް ނުވާ ކަހަލަ އެވެ.


އަޚުންނާއި އުޚްޠުންނޭވެ! ހޭލާކަށް ނުވޭތޯ އެވެ. މުސްލިމް އަންހެނުން މިފަދަ ޙާލަތެއްނެރެ، އެއީ އަގެއްނެތް ލަދެއްނެތް، ކާފަރު އަންހެނެއް ފަދައިން ހަދައި އެއަށް ދަޢުވަތުދޭ މީހުންގެ ކިބައިން ސަމާލުވެ އިންޒާރު ލިބިގަތުން ހުއްޓެވެ. މިއީ ދީނަށް ދަޢުވަތުދޭ ބައެއް ނޫނެވެ. ދުނިޔޭގެ މަޤާމާއި ޖާހާއި، މަތިވެރިކަމަށްޓަކައި ދީން ޤުރުބާންކޮށްލާނެ ކަމުގެ ހެއްކެކެވެ. މިއަދު މިފަދަ ވާހަކަ ދެއްކުންވެސް އެއީ އެމީހުންގެ ގާތުގައި "ޙައްދުފަހަނަ އެޅުން" އެވެ. އާނއެކެވެ. ވާނީވެސް އެހެންނެވެ. މާޤާމާއި ޖާހު ލިބެންއޮތީ "ޑިމޮކްރަސީ" މީހުންނާ އެކުގަ އެވެ. އޭގައި ވަނީ މިނިވަންކަމޭ ބުނެ، ހަމަހަމަކަމޭ ބުނެ އެއްމައިދާނަކަށް އަންހެނުން ނެރެ، މި ފާފާ ފާޅުކުރުމެވެ.   

Like what you see?

Close

Hit the buttons below to follow us, you won't regret it...