5 ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ މައުލިދުއް ނަބަވީ (ޢީދު މީލަދު)


الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމާއި މެދުގައި ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެބޮޑު އެއް އިމާމް ވިދާޅުވެފައިވާ ބަސްފުޅު.

 

ސުވާލު: "ނަބިއްޔާގެ ޢީދު މީލާދު" ފާހަގަ ކުރުމުގެ ޙުކުމަކީ ކޮބާހެއްޔެވެ. އަދި އެތަނަށް ޙާޒިރުވުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ. އަދި މި ދުވަސް ފާހަގަކުރުމުގައި ހުރެ ދުނިޔެ ދޫކުރާމީހާއަށް ޤިޔާމަތް ދުވަހުގައި ޢަޒާބު ލިބޭނެތޯއެވެ؟

ޖަވާބު: "ޢީދު މީލާދު" ފާހަގަ ކުރުމަށް މި ޝަރީޢަތުގައި އެއްވެސް ގޮތަކަށް ވާރިދުވެފައި ނުވެއެވެ. އެއީ ނަބިއްޔާ ﷺ ގެ ޢީދު މީލާދު ކަމުގައި ވިޔަސް އަދި އޭނޫން މީހެއްގެ ޢީދު މީލާދު ކަމުގައި ވިޔަސް ފާހަގަ ކުރުމެއް ނުވެއެވެ. މި ޠާހިރު ވެގެންވާ ޝަރީޢަތުގައި އަދި ޙައްޤު ގޮތުގައިވާ ޢިލްމުވެރިން އެގޮތެއްގައި އިޤްރާރުވެ ވަޑައިގެންފައިވަނީ ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައެކެވެ. މިކަމުގައި އެއްވެސް ޝައްކެތްނެތެވެ.


ސަބަބަކީ ނަބިއްޔާ ﷺ އަކީ އެންމެ ހެޔޮގޮތުގައި އުއްމަތަށް ނަޞޭޙަތްތެރިވި ފަރާތެވެ. އަދި ﷲ ގެ ޝަރީޢަތް އެއްމެ ފުރިހަމައަށް އެނގިވަޑައިގެންފައިވާ ފަރާތެވެ. ﷲ ގެ ޝަރީޢަތް އެކަލާނގެ އަމުރުފުޅަށް، މީސްތަކުންނަށް ބަޔާންކޮށްދެއްވި ފަރާތް ކަމުގައިވާ ނަބިއްޔާ ﷺ އަމިއްލަފުޅަށް ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވެއެވެ. އަދި ނަބިއްޔާ ﷺ ޞަޙާބީން ﷺ އެ ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވެއެވެ. ޚުލަފާއުއް ރާޝީދީން އެދުވަސް ފާހަގައެއް ނުކުރެއެވެ. އަދި އެނޫން އެހެން ފަރާތްތައްވެސް އެދުވަސް ފާހަގައެއް ނުކުރެއެވެ.


މިދުވަސް ފާހަގަ ކުރުމަކީ ޙައްްޤު ގޮތެއް ކަމުގައި ވާނަމަ، ނުވަތަ ހެޔޮކަމެއް ގޮތުގައި ނުވަތަ ސުންނަތެއް ކަމުގައިވާނަމަ އެކަން ކުރުމަށް ނަބިއްޔާ ﷺ އަވަސްވެ ވަޑައިގަންނަވާ، އެކަމެއް ދުލެއް ނުކުރައްވާނެއެވެ. އަދި ނަބިއްޔާ ﷺ އުއްމަތަށް އެކަމުގެ ޢިލްމު ދެއްވާފައި ވާނެއެވެ. އަދި އަމިއްލަ ނަފްސަށް އެކަންތައް ކުރައްވާނެއެވެ. އަދި ނަބިއްޔާ ﷺ ގެ ޞަޙާބީން، ޚަލީފާއިން އެކަން ކުރައްވާފައި ވާނެއެވެ. އެ އެންމެހައި މީސްތަކުން އެކަންތައް ދޫކުރައްވާފައި ވުމުން އަހަރެމެންނަށް ޔަޤީން ކަމާއިއެކީގައި އެނގިގެންދަނީ، މިކަމަކީ އިސްލާމީ ޝަރީޢަތުގައި ވާ ކަމެއް ނޫން ކަމުގައިއެވެ. ހަމައެފަދައިން ހެޔޮކަމުގައި ދެމިއޮތް ޤަރުނުތަކުގެ އަހުލުވެރިން ޢީދު މީލާދު ފާހަގަ ކުރައްވާފައެއް ނުވެއެވެ. ފަހެ، އެހެންވުމުން ވާޟިޙުކޮށް ބަޔާންވެގެންދަނީ މިއީ ބިދުޢައެއް ކަމެވެ. ހަމަކަށަވަރުން ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. "مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ" "އަހަރެމެންގެ މިދީނުގައި، އަމުރު ވެގެންނުވާކަމެއް ކޮށްފިނަމަ އެކަމެއް ވާނީ އެމީހެއްގެ މައްޗަށް ރައްދުވެވިގެންނެވެ." އަދިވެސް ޙަދީޘްފުޅު ކުރެއްވިއެވެ. "مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ" "އަހަރުމެންގެ މި ދީނުގައި ނުވާކަމެއް ޢަމަލެއް، އަލަށް ގެނެސް އެ ޢަމަލެއް އަލަށް ކޮށްފިނަމަ، އެކަމެއް ވާނީ އެކަން ކުރިމީހާގެ މައްޗަށް ރައްދުވެވިގެންނެވެ."  އެހެން ޙަދީޘް ތަކުގައިވެސް މިފަދައިން ބަޔާންވެގެންވެއެވެ.


މިހެންވުމުން އެނގިގެންދަނީ ނަބިއްޔާގެ ޢީދު މީލާދު ރަބީޢުލް އައްވަލުގައި ފާހަގަކުރުމާއި، ނުވަތަ އެފަދަ އެހެން ޢީދު މީލާދު، މިޘާލަކަށް އަލް-ބަދަވީ، އަލް-ޙުސައިން ނުވަތަ އެނޫން ފަރާތެއްގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢަވެރި މުންކަރާތެކެވެ. އިސްލާމް ދީނުގެ އަހުލުވެރިންނަށް ވާޖިބު ވެގެންވަނީ މިފަދަ ކަންތައް ދޫކޮށްލުމެވެ. މިފަދަ ޢީދު ތަކުގެ ބަދަލުގައި ﷲ ވަނީ މަތިވެރި ދެ ޢީދެއް މުސްލިމުންނަށް ދެއްވާފައެވެ. އެއީ ފިޠުރު ޢީދާއި، އަޟުޙާ ޢީދެވެ. މި ބިދުޢަވެރި މުންކަރާތް ޢީދުތައް ފާހަގަ ކުރުމުގެ ބަދަލުގައި އެ ޢީދު ފާހަގަ ކުރުން ފުދިގެންވެއެވެ.


ނަބިއްޔާ .. ދެކެލޯބިވާކަމުގައި ވާނީ ޢީދު ތަކެއް ބާއްވައިގެން ނޫނެވެ. ނަބިއްޔާ ﷺ ދެކެ ލޯބިވުމުގައި ވަނީ އެ ނަބިއްޔާއަށް ތަބަޢަވުމާއި، ގެނެސްދެއްވި ޝަރީޢަތުގައި ޤާއިމްވެ، އެ ޝަރީޢަތް ރައްކާތެރި ކުރުމާއި، އެއަށް ދަޢުވަތު ދިނުމެވެ. އަދި ޝަރީޢަތުގެ މަތީގައި ފުރިހަމައަށް ދެމިހުރުމެވެ. ﷲ ގެ ވަޙީބަސްފުޅުގައިވާ ފަދައިން ތެދުވެރި ލޮތްބަކީ މިއެވެ. قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ "ނަބިއްޔާ ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައި ވަނީނަމަ ފަހެ، ތިޔަބައިމީހުން ތިމަން ނަބިއްޔާއަށް ތަބަޢަ ވާށެވެ. އޭރުން ﷲ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައި މީހުންނަށްޓަކައި، ތިޔަބައި މީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ."


ފަހެ، ﷲ އާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވުންއޮތީ ޢީދު މީލާދު ބާއްވައިގެން އަދި ބިދުޢަތައް ކޮށްގެން ނޫނެވެ.
އެހެނަސް، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ދެކެ ލޯބިވުންއޮތީ ﷲ އަށާއި ރަސޫލާއަށް ކިޔަމަންގަތުމުގައިއެވެ. އަދި އެކަލާނގެ ޝަރީޢަތުގައި ފުރިހަމައަށް ޤާއިމްވެ ދެމިތިބުމުގައިއެވެ. އަދި ﷲއަށް ޓަކައި ޖިހާދުކުރުމުގައި ދެމިތިބެގެންނެވެ. އެއާއެކު ނަބިއްޔާ ﷺ ސުންނަތައް ދަޢުވަތް ދިނުމާއި، އެސުންނަތް މަތިވެރިކުރުމާއި، ރައްކާތެރި ކުރުމުގައި ދެމިހުރުމުގައިއެވެ. އަދި ސުންނަތާއި ޚިލާފްވާ މީހާގެ މައްޗަށް އެކަން އިންކާރު ކުރުމުގައި ދެމިހުރުމެވެ. ﷲ ސުބުޙާނަޙޫ ވަތަޢާލާ ދެކެ އަދި ނަބިއްޔާ ﷺ ދެކެ ލޯބިވުން އޮތީ މިގޮތުގައިއެވެ. އޭނާގެ ޢަމަލުގައި، އޭނަގެ ބަސްތަކުގައި އެ ސުންނަތުގައި ދެމިހުރުމެވެ. އަދި ނަބިއްޔާ ﷺ ގެ މަންހަޖު ޚިޔާރުކޮށް އެގޮތުގައި ދެމިހުރުމެވެ. އަދި އެއާއި އެކު އެއަށް ދަޢުވަތު ދިނުމެވެ. ޝަރުޢީގޮތުން ބަޔާންކޮށްފައިވާ ތެދުވެރި ލޮތްބަކީ މިއެވެ.


ފަހެ، މިކަންކުރާ މީހާއަށް ޢަޒާބު ލިބޭނެތޯ ނުވަތަ ނޫންތޯ އަކީ މުޅިން އެހެން ކަމެކެވެ. އެއީ ﷲ جل وعلا އަށް ލިބިވޮޑިގެންވާ ކަމެކެވެ. ބިދުޢަތަކާއި، ފާފަތަކަކީ ޢަޒާބު ލިބުމަށް އޮތް ސަބަބުތަކެކެވެ. އެހެނަސް ބައެއްފަހަރު އިންސާނާއަށް އޭނާ ކޮށްފައިވާ ފާފަތަކުގެ ސަބަބުން ޢަޒާބު ލިބޭނެއެވެ. އަދި ބައެއްފަހަރުގައި އޭނާ އެކަން ކޮށްފައިވަނީ ޖާހިލުކަންމަތީގައި ވުމުން އެކަމުގެ ފާފަ ފޮހެވިގެން ގޮސްދާނެއެވެ. ނުވަތަ އެކަން ކުރާމީހުން ފެނުމުން އެކަން އެއީ ހެޔޮކަމެއްގެ ގޮތުގައި އޭނާއަށް ފެނި އެކަން ކޮށްފައިވުމެވެ. އަދި އޭނާކޮށްފައިވާ ގިނަގުނަ ހެޔޮ ޢަމަލުތަކުގެ ސަބަބުން ﷲ އޭނާގެ ފާފަ ފުއްސެވުމުގެ ތައުފީޤު އޭނާއަށް ލިބިދެއްވަފާނެއެވެ. ނުވަތަ ނަބިއްޔުންނާއި، މުއުމިން އަޅުތަކުންގެ ޝަފާޢަތުގެ ޝަފާޢަތުން ޝަފާޢަތްލިބިގެންވާ ފާރާތަކަށް އޭނާ ވެދާނެއެވެ.


ފަހެ، އަހަރުމެންނަށް ބަޔާންވެދަނީ ފާފަތަކާއި، ބިދުޢަތަކަކީ ޢަޒާބު އެބަޔަކަށް ލިބުމަށް އޮތް ސަބަބެއް ކަމުގައެވެ. ކާފަރު ނުވާފަދަ ބިދުޢަވެރިއެއްގެ ގޮތުގައިވުމުން މިކަމުގެ އަހުލުވެރިޔާ ޤިޔާމަތްދުވަހުގައި ދެމިހުންނާއި ﷲ ގެ އިރާދަފުޅުގެ ދަށުގައެވެ. އެހެނަސް އެ ބިދުޢައަކީ ބޮޑު ޝިރުކުގެ ތެރޭގައިވާ ކާފަރުވެވޭ ފަދަ ބިދުޢައެއް ވުމުން، އެކަމުގެ އަހުލުވެރިޔާ ޤިޔާމަތް ދުވަހުގައިވާހުށީ ތާއަބަދަށް ނަރަކައިގައި ދެމިހުންނާނެ މީހެއް ކަމުގައެވެ. –والعياذ بالله- މި ބިދުޢައިގައި ބޮޑު ޝިރުކުގެ ކަމެއްނެތި، އެހެނަސް ބިދުޢަވެރި ޞަލަވާތްތަކެއް ކިޔައި، ބިދުޢަވެރި ޙަފްލާއެއް ބޭއްވުން ކަމުގައިވެ، އިސްލާމްދީނުން ބޭރުވާ ޝިރުކެއް އެކުނުލެވޭ ކަމުގައިވާނަމަ، މި ޙާލަތުގައި މިކަމުގެ އަހުލުވެރިޔާ ޤިޔާމަތް ދުވަހުގައި ވާހުށީ، ﷲގެ އިރާދަފުޅުގެ ދަށުގައެވެ. އެއީ ނިސާ ސޫރަތުގައި އެކަލާނގެ ވަޙީބަސްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ. إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ "ހަމަކަށަވަރުން، ﷲ އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް އެކަލާނގެ އިރާދަ ކުރައްވާ މީހަކަށް ފުއްސަވަތެވެ."
އަދި ފަރުދީ ޝަޚްސިއްޔަތުތައް އެބައި މީހުން އަމިއްލަ ނަފްސަށް ޢީދު މީލާދީގެނެސް ހެދުމުން، އެބައި މީހުންގެ މި ޢަމަލު ވެގެންދަނީ ބިދުޢަވެރި މުންކަރާތަކަށެވެ. މައިންގެ ޢީދާއި، ބަފައިންގެ ޢީދާއި، އެމީހުންގެ ތެރޭގައިވާ ބޮޑެތި މީހުންގެ ޢީދުތަކަކީވެސް ބިދުޢަވެރި ޢީދުތަކެވެ. މި އެއްމެހައި ޢީދުތައް ދޫކުރުން ވާޖިބު ވެގެންވެއެވެ. އަދި މީސްތަކުންނަށް މިކަންތަކުން އެއްކިބާވުމަށް އިންޒާރު ދިނުން ހުއްޓެވެ.


ރަސޫލާ ﷺ ގެ ޢީދު މީލާދީ އަކީ އެއްމެނަށް ފާޅުވެ އެނގިފައިވާ ފާޠިމީން އިސްލާމްދީނަށް އަލަށް ވައްދާފައިވާ އެއްޗެކެވެ. ހަމަކަށަވަރުން އެއީ މިޞްރުގައި ފެށިގެން އައިސްފައިވާ ކަމެކެވެ. އެހެން ވުމުން އެނގިގެންދަނީ މިއީ ބިދުޢައެއް ކަމާއި އަދި މިއީ ޝިރުކުގެ ތެރެއަށް ގެންގޮސްދޭ ވަޞީލަތެކެވެ. އަދި ނަބިއްޔުންގެ މައްޗަށާއި ޞާލިޙް އަޅުތަކުންގެ މައްޗަށް ހައްދުފަހަނައަޅައި ދެވޭ ގޮތެކެވެ. ހަމަކަށަވަރުން އެބައި މީހުން މަދަޙަ ކިޔުމުން ޙައްދުފަހަނައަޅައި ގޮސް މަތިވެރިކުރެއެވެ. އެ މަދަޙައިގައި ޝިރުކު އެކުލެވިގެންވެއެވެ. ބޮޑު ޝިރުކެވެ. މިޘާލަކަށް ޞިފަކުރާގޮތުގައި އެމީސްތަކުންނަށް ޣައިބު އެނގިގެންވާކަމުގައި ބުނުމެވެ. ނުވަތަ އެބައި މީހުން ﷲ ނޫން އެހެން ފަރާތަކަށް ދަންނަވާފަދައިން އެބައި މީހުން ކައިރީގައި ދަންނަވައެވެ. މަދަދަށް އެދެއެވެ. އަދި މިފަދަ އެހެނިހެން ކަންތައް ކުރެއެވެ. އެގޮތުން މި ޢީދު ފާހަގަކުރުމުގައި އެތަކެއް ވައްތަރުތަކެއްގެ ޝިރުކުގެ ތެރެއަށް އެބައިމީހުންނަށް އެނގިތިބެ ނުވަތަ ނޭނގިތިބެ ވެއްޓިގެންދެއެވެ.


މީސްތަކުންނަށް ވާޖިބުވެގެންވަނީ މިކަންތައް ދޫކޮށްލުމެވެ. އެކަންތައް ފާހަގަ ކުރާމީހުން އެއީ ނަބިއްޔާ ﷺ ދެކެ ލޯބިވާތީ ކުރާކަމެއްގެ ގޮތުގައި ބުނުމަށް ނުވަތަ ނަބިއްޔާއަށް ތަބަޢަވުމަށް ކުރާ ކަމެއްގެ ގޮތުގައި ބުނުމަށް އެއްވެސް ދަލީލެއް ލިބިފައެއް ނެތެވެ. އެހެނަސް އެއްމެހައި ދަލީލުތަކާއި ބުރުހާނުތައް އައިސްފައިވަނީ ނަބިއްޔާ ﷺ ބަޔާންކުރައްވާފައިވާ ކަންތައްތަކުގައި އެނަބިއްޔާއަށް ތަބަޢަވުމަށެވެ. ލޯބިވެއޭ ބުނާކަމުގައި ވާނަމަ އެކަމަށް އޮތް ދަލީލަކީ ނަބިއްޔާ ﷺ އަށް ތަބަޢަވުމެވެ. ތެދުވެރިކަމާއެކުގައި ލޯބިވެއޭ ބުނުމުގެ ދަލީލަކީ އެކަލާނގެ ވަޙީކުރައްވާފައިވާ ފަދައިން ތަބަޢަވުމެވެ. قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ "ނަބިއްޔާ ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައި ވަނީނަމަ ފަހެ، ތިޔަބައިމީހުން ތިމަން ނަބިއްޔާއަށް ތަބަޢަ ވާށެވެ. އޭރުން ﷲ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައި މީހުންނަށްޓަކައި، ތިޔަބައި މީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެތެވެ. ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ."


ފަހެ، ﷲ އަށާއި އެކަލާނގެ ރަސޫލާ ﷺ ދެކެ ލޯބިވާ ކޮންމެ މީހަކަށް ވާޖިބު ވެގެންވަނީ ޙައްޤަށް ތަބަޢަވުމެވެ. އެއީ ﷲގެ އެއްމެހައި އަމުރުފުޅު ތަކުގައި ދެމިހުރުމާއި، އެކަލާނގެ ޙަރާމް ކުރައްވާފައިވާ އެއްމެހައި ކަންތައްތަކުން ދުރުވުމެވެ. އަދި ﷲ ނިޔާ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅައި ނުގޮސް އެ އިންތަކުގައި ދެމިހުރުމެވެ. އަދި ﷲގެ ރުހިވޮޑިގަތުމާއި ކުށްތަންވެވޭ އެއްމެހައި ކަންކަމުގައި ކުރިއަރައި ދިއުމެވެ. އަދި އެކަލާނގެ ކޯފާ ލެވިގެންވާ އެއްމެހައި ކަންކަމުން އަމިއްލަ ނަފްސަށް އިންޒާރުދީގެން ހުރުމެވެ. ބަޔާންވެގެންވާ ބުރުހާންތަކަކީ މިއެވެ. ނަބިއްޔާ ﷺ ޞަޙާބީންނާއި އެބައި މީހުންނަށް ހެޔޮގޮތުގައި ތަބަޢަވީ އެއްމެހައި މީސްތަކުން ޤާއިމްވެފައިވަނީ މިގޮތުގައިއެވެ.


އެހެނަސް މިގޮތާ ޚިލާފަށް ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަ ކުރުމާއި، الشيخ عبد القادر الجيلاني ގެ ޢީދު މީލާދު ފާހަގަ ކުރުމާއި، އަލްބަދަވީ ނުވަތަ އެވަނި މިވަނި މީހެއްގެ ޢީދު ދުވަސްފަދަ، މި އެއްމެހައި ދުވަސްތައް ފާހަގަ ކުރުމަކީ އެއްމެހައި މީސްތަކުންނަށް މުންކަރާތެއްގެ ގޮތުން ދޫކޮށްލުން ވާޖިބުވެގެންވާ މުންކަރާތެކެވެ. ސަބަބަކީ ހުރިހައިވެސް ހެޔޮކަމަކީ ނަބިއްޔާ ﷺ އަށް، ޞަޙާބީންނަށާއި ސަލަފުއް ޞާލިޙުންނަށް ތަބަޢަވުމެވެ. ހުރިހައިވެސް ނުބަޔަކީ އޭގެ ފަހުން އައިސްފައިވާ މީހުން އަލަށް ގެނެސްފައިވާ ކަންތަކަށް ތަބަޢަވެ، ސަލަފުއް ޞާލިޙުންނާއި ޚިލާފްވުމެވެ.


ކޮންމެ މީހަކަށް ވާޖިބު ވެގެންވަނީ މިގޮތްކަމުގައި ބުނަމެވެ. އަހަރެމެން ފަތުވާދެނީ މިގޮތުގައެވެ. ހަމަކަށަވަރުން މި އުއްމަތުގެ ސަލަފުން ދޫކޮށްފައިވާ ޙައްޤުގޮތަކީ މިއެވެ. މިގޮތާއި ޚިލާފަށް އެކިއެކި ގޮތްތަށް ބުނެ އެއަށް ޢަމަލުކުރާމީހުންގެ ބަސްތަކުގައި އެއްވެސް ބުރަދަނެއް ނެތެވެ. އެއީ އެއްވެސް ޢިބްރަތެއް އެކުލެވިގެންވާ ބަސްތަކެއް ނޫނެވެ. އެތަކެއް ރަށްތަކުގައި އިސްލާމްދީން ހަލާކުވެ، އެބައި މީހުނަށް ދީން އޮޅުންއަރާފައިވަނީ މީސްތަކުން ދީނުގައިވާ ކަންތަކުގެ މައްޗަށް ފަރުވާ ކުޑަކޮށް އަދި އެމީހުންގެ އަމިއްލަ ގޮތްތައް ގެނައުމުގެ ސަބަބުންނެވެ. އަދި ބިދުޢަތައް ފާޅުވެ ދިއުމުގެ ސަބަބުންނެވެ. އެގޮތުން އެތަންތަނުގައި ސުންނަތް މަރުވެ ދިއައެވެ. ولا حول ولا قوة إلا بالله ، و الله المستعان .

 

( ފަތުވާ ނަގާފައިވަނީ ނޫރުން އަލައް ދަރްބް س 148 )

 

Like what you see?

Close

Hit the buttons below to follow us, you won't regret it...