ސަލަފީ މަންހަޖުގެ ސިފަތަކާއި އެ މަންހަޖުގެ ދަޢުވަތް - الشيخُ مُحَمَّدُ بِنْ عُمر سالم بازمول حفظه الله

الشيخُ مُحَمَّدُ بِنْ عُمر سالم بازمول حفظه الله ވިދާޅުވެފައި ވެއެވެ. "ސަލަފީއެއް ސިޔާސީ އެއްވެސް ޕްރޮޤްރާމެއް ނުގެންގުޅޭނެ އެވެ. އަދި ޙިޒްބީ މަންހަޖެއް ނުގެންގުޅޭނެ އެވެ. އަދި އެބައިމީހުންނަކީ ޕާޓީ ހަދާނެ ބައެއްވެސް ނޫނެވެ. ސަލަފީއެއްގެ އަތުގައިވާ ހުރިހާވެސް އެއްޗަކީ ޝަރުޢީ ޢިލްމު ހޯދުމާއި އެއަށް ޢަމަލު ކުރުމެވެ. އަދި ސުންނަތަށް ތަބަޢަވުމަށް އިންތިހާއަށް ގަދައަޅައި މަސައްކަތް ކުރުމާ އެކު ސުންނަތަށް ދަޢުވަތު ދިނުމުގައިވާނެ އެވެ. އަދި ބިދުޢަތަކަށް އިންޒާރުދޭނެ އެވެ.
އަދި ވަލިއްޔުލް އަމްރުއަށް އެންމެހައި ހެޔޮކަންކަމުގައި އަޑުއަހައި ކިޔަމަންގަތުމުގައި ދެމިހުންނާނެ އެވެ. އެބައިމީހުންނަކީ ސަރުކާރުތަކާއި ދެބަސްވާނެ (ދެކޮޅުވެރިވާނެ) ބައެއް ނޫނެވެ. އަދި ގޮޑިތައް ހޯދުމަށްޓަކައި މަސައްކަތްކޮށް އެކަމަށް ހަނގުރާމަ ނުކުރާނެ އެވެ. އެބައިމީހުން އެކަންތަކަށް ޕްލޭނުތަކެއް ރާވައި މޮޅެތި ރޭވުންތަކެއް ނުގެންގުޅޭނެ އެވެ. އިންޤިލާބްތަކާއި މުޒާހަރާތްތަކާއި ޖަމާޢަތްތައް ނަހަދާނެ އެވެ.
އެބައިމީހުން ހުރިހާ މަސައްކަތަކާއި ޝައުޤުވެރިކަމެއް ހުންނާނީ ރަސޫލާ صلى الله عليه وسلم ޤާއިމްވެ ދެމިހުންނެވި ކަންތައްތަކުގެ މައްޗަށާއި އަދި އެ ރަސޫލާގެ އަޞްޙާބުންގެ ޤާއިމްވެ ދެމިތިއްބެވި ކަންތައްތަކުގެ މައްޗަށެވެ. މިކަމަށް ރުހުނު މީހަކު ރުހުނަސް އަދި ނުރުހުނު މީހަކު ނުރުހުނު ކަމުގައިވީނަމަވެސް މެ އެވެ. ސާފު، ކިލަނބުކަމެއް ނުވާ ސަލަފިއްޔަތަކީ މި އެވެ.
އެންމެހައި ފިތުނަތަކާއި، މައްސަލަތަކާއި އަދި ދިމާވާނެ އެއްމެހައި ޙާދިޘާތަކުން ސަލާމަތް ވެވޭނީ މިގޮތުންނެވެ. މިނޫން އެހެން އެއްވެސް މަގެއް ނޯންނާނެ އެވެ. އެއީ ރަސޫލާ صلى الله عليه وسلم އަދި ރަސޫލާގެ އަޞްޙާބުންނަށް ތަބަޢަވުމެވެ. މި ނޫން އެހެން އެއްވެސް މަގެއް ނުވެ އެވެ. މިއީ އެންމެ މަގެކެވެ. އެމަގަކީ ސަބީލުލް މުއުމިނީން އެވެ. ކުރިންވެސް އަދި މިހާރުވެސް އަދި ޤިޔާމަތާއި ޖެހެންދެންވެސް އޮތީ މިގޮތެވެ. މިމަގުގައި ދެމިތިބުމެވެ."
****
ފަތުވާ ނަގާފައިވަނީ : https://t.co/XO4FH9ggD8