5 އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެފައިވާ ރިވާޔަތެއްގެ މައްޗަށް ހިންގާލެވިފައިވާ ނަޒަރެއް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެފައިވާ ރިވާޔަތެއްގެ މައްޗަށް ހިންގާލެވިފައިވާ ނަޒަރެއް

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ރައްދުތައް

الحمد لله رب العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:
06 މާރޗް 2015 ވީ ހުކުރުދުވަހުގެ ހުކުރު ޚުޠުބާގައި ތިރީގައިވާ ގޮތަށް އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާޔަތެއް ނަޤުލުކުރެވިފައިވެއެވެ.

[.... މީހުންގެ ލޭ އޮހޮރުވުމުގެ ނުބައިކަން ބަޔާންކޮށްދެއްވަމުން މާތް ރަަސޫލާ ޙަދީޘްކުރައްވަނީ (يَجِيئُ الْمَقْتُولُ بِالْقَاتِلِ يَوْمَ الْقِيَامَةِ نَاصِيَتُهُ وَرَأْسُهُ بِيَدِهِ ، وَأَوْدَاجُهُ تَشْخَبُ دَمًا، يَقُولُ: يَا رَبِّ هَذَا قَتَلَنِي حَتَّى يُدْنِيَهُ مِنَ الْعَرْشِ) މިފަދައިންނެވެ. މާނައީ: ޤިޔާމަތްދުވަހު މަޤްތޫލު އޭނާގެ ކަރުގެ މައި ނާރުތަކުން ލޭ ފައިބަމުން އޮހެމުންދާ ޙާލުގައި އޭނާ މަރާލި ޤާތިލުގެ ބޮލުގެ ނިތްގަނޑުގައި ހިފައިގެން ﷲ ގެ ޙަޟްރަތަށް އަންނާނެއެވެ. އޭނާ ދަންނަވާނެއެވެ. ހައްދަވާ ބޮޑުކުރެއްވި މިއަޅާގެ ވެރި އިލާހު! މިއަޅާ މަރާލީ މިމީހާއެވެ. މިހެން ދަންނަވަމުން އޭނާ ﷲ ގެ ޢަރުޝީގެ އަރިހަށް، ގާތަށް ދާނެއެވެ. އެހިނދު އިބްނު ޢައްބާސުގެފާނަށް ތައުބާގެ ވާހަކަ ދެންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަރަހުށި ﷲ ވަޙީ ކުރަށްވަނ { وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا} [النساء: 93] މިފަދައިންނެވެ. މާނައީ: މުއުމިނަކު ގަސްތުގައި މަރާލިމީހާގެ ޖަޒާއަކީ ނަރަކައެވެ. މިއާޔަތް މަންސޫޚު ކުރައްވާފައެއް ނުވެއެވެ. އަދި ބަދަލުކުރަށްވާފައެއް ނުމެވޭމެއެވެ. ވީމާ އޭނާއަށް ތައުބާ ލިބޭނީ ކިހިނަކުން ހެއްޔެވެ؟]

 

މި ރިވާޔަތް އަޑު އިވުމާއެކު ކޮންމެ މީހެއްގެ ހިތުގައިވެސް ސުވާލުތަކެއް އުފެދޭނެއެވެ. ﷲ އާ ޝިރުކު ކުރުން ފިޔަވާ އެހެން ފާފަތައް ފުއްސަވާކަމަށް ޤުރުއާނުގައި އައިސްފައިވާއިރު، މުއުމިނަކު މަރާލުމުގެ ފާފަ ﷲ ނުފުއްސަވަންވީ ކީއްވެތޯއެވެ؟ މި އާޔަތްތަކާއި ރިވާޔަތްތައް ޖަމްޢުކުރާނީ ކިހިނެއްތޯއެވެ.


ފުރަތަމަ ނުކުތާ: މިޙަދީޘަކީ ސުނަނު الترمذي ، އަދި ސުނަން النسائي އަދި ސުނަން ابن ماجه ގައި އަދި މީނޫންވެސް މަޝްހޫރު ބައެއް ޙަދީޘްފޮތްތަކުގައި ރިވާކުރެވިފައިވާ ރިވާޔަތެކެވެ. އަދި އިމާމް އައްތިރްމިޛީ މި ޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމުގައި ވިދާޅުވެފައިވެއެވެ.  


ދެވަނަ ނުކުތާ: ސުނަނު އައްތިރްމިޛީ ގެ ޝަރަޙަ تحفة الأحوذي ގައި الحافظ النووي رَحِمَهُ اللَّهُ ގެ އަރިހުން ނަޤުލުކުރެވިފައިވެއެވެ. [ابن عباس رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ވާރިދުވެފައިވާ މަޝްހޫރު ބަސްފުޅަކީ މިއީއެވެ. އަދި ހަމައެފަދައިން، ޤަޞްދުގައި މީހަކު މަރާލާ މީހާއަށް ތައުބާ ލިބިގެންވާކަމަށާއި އޭނާއަށްވެސް ﷲ ފާފަފުއްސަަވައިފާނޭކަމަށް އެ ޞަޙާބީގެ އަރިހުން ރިވާވެފައިވެއެވެ. އެއީ

{وَمَنْ يَعْمَلْ سُوءًا أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ اللَّهَ يَجِدِ اللَّهَ غَفُورًا رَحِيمًا} [النساء: 110]

(ތަރުޖަމާގެ މާނަ: ނުބައިކަމެއް ކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަ ފުއްސެވުން އެދި ﷲ ގެ ޙަޟްރަތަށް ދަންނަވާ މީހާ (ދަންނާށެވެ.) ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ.)

 

މިއާޔަތުގެ މައްޗަށް ބުރަވެވަޑައިގެންނެވެ. އަދި ابن عباس رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ވާރިދުވެފައި މިވާ ދެވަނަ ބަސްފުޅަކީ (އެބަހީ އޭނާގެ މައްޗަަށް ތައުބާ ވާކަމަށް ވިދާޅުވެފައިވާ ރިވާޔަތަކީ) އެއީ އެންމެހާ ޞަޙާބީންނާއި، އެންމެހާ ތާބިޢީންނާއި، އޭގެ ފަހުން އައި މީސްތަކުންނާއި، ސުންނަތް ޖަމާޢަތުގެ އެންމެން އެގޮތެއްގެ މަތީގައިވާ ބަސްފުޅެވެ. މިއާ ޚިލާފަށް ބައެއް ސަލަފުންގެ ފަރާތުން ރިވާކުރެވިފައިވާ ބަސްފުޅުތަކަކީ މީހުން މެރުމާ މެދު މީސްތަކުންނަށް ގަދަފަދައަކަށް އިންޒާރުދީ މީސްތަކުން އެކުށުން ދުރުކުރުވުމުގެ މައްޗަށް އައިސްފައިވާ ބަސްފުޅުތެކެކެވެ...]


ތިންވަނަ ނުކުތާ: "سلسلة الأحاديث الصحيحة" (6/711-712) ގައި الإمام الألباني رَحِمَهُ اللَّهُ ވިދާޅުވެފައިވެއެވެ. [ބުޚާރީގެ އިސްވެދިޔަ ރިވާޔަތުގައި ابن عباس ގެ އަރިހުން ވާރިދުވެފައިވަނީ "ގަސްތުގައި މީހަކު މަރާލާފި މީހެއްގެ މައްޗަށް ތައުބާއެއް ނެތެވެ." މިފަދައިން އެ ޞަޙާބީ ވިދާޅުވިކަމަށެވެ. އަދި އެ ބަސްފުޅަކީ ابن عباس ގެ އަރިހުން ވާރިދުވެފައިވާ މަޝްހޫރު ބަސްފުޅެކެވެ. އަދި ابن كثير އާއި ابن حجر ވިދާޅުވެފައިވާ ގޮތަށް، އެ ރިވާޔަތް އެތައް ޠުރުޤު ތަކަކުން ރިވާވެ ނަޤުލުކުރެވިގެންވެއެވެ. އެހެނަސް، ޖުމްހޫރު ޢިލްމުވެރިންވަނީ އެބަސްފުޅާ ޚިލާފަށެވެ. އަދި އެއްވެސް ޝައްކެއް ނުވާ ގޮތުގައި ޖުމްހޫރުންގެ އެ ރައުޔަކީ އެކަމުގައި އެންމެ ރަނގަޅު ގޮތެވެ. އެހެނީ އެކަމުގައި ފުރުޤާން ސޫރަތުގައި އައިސްފައިވާ އާޔަތް ޞަރީޙަވެފައިވާތީއެވެ. އަދި الفرقان ސޫރަތުގައި އައިސްފައިވާ އާޔަތާއި النساء ސޫރަތުގައި އައިސްފައިވާ އާޔަތާ ދެމެދު އެއްވެސް ޚިލާފެއް ނެތެވެ. އެހެނީ النساء ސޫރަތުގައިވާ އާޔަތް އައިސްފައިވަނީ އޭނާގެ މައްޗަށް ހުރި ޢުޤޫބާތް ބަޔާންކޮށްދިނުމުގައެވެ. އޭނާގެ ތައުބާއާ ބެހޭ ގޮތަކުން ނޫނެވެ. މިއީ ވަރަށް ބޮޑަށް ފާޅުވެ އެނގޭ ކަމެކެވެ. ابن عباس ގެ އަރިހުން ވާރިދުވެފައި އެވާ ބަސްފުޅާ ޚިލާފު އެހެން ބަސްފުޅުތަކެއް ހަމަ އެޞަޙާބީގެ އަރިހުން ވާރިދުވެފައިި ވަނީ މިހެންވެ ކަމުގައި ވެދާނެއެވެ. ވީމާ، އަޅުގަނޑަށް ފެނިފައިވާ (ގަސްތުގައި މުއުމިނަކު މަރާލި މީހާގެ މައްޗަށްވެސް ތައުބާ ވާކަމަށް ابن عباس ގެ އަރިހުން ވާރިދުވެފައިވާ) ބައެއް ރިވާޔަތްތައް މިތާގައި ޛިކުރުކޮށްލާނަމެވެ. އެއީ އަޅުގަނޑަށް ފެންނަގޮތުގައި އެރިވާޔަތްތައް މިތަނުގައި ޛިކުރުކުރުން މުހިންމުވެފައި ޙާފިޘުން އެރިވާޔަތްތަކާމެދު ޣާފިލުވެފައިވާ ކަމަށްޓަކައެވެ.

 

ފުރަތަމަ ރިވާޔަތް: عطاء بن يسار، ابن عباس ގެ އަރިހުން ރިވާކުރަށްވާފައިވާ ރިވާޔަތެވެ. އެރިވާޔަތުގައި ابن عباس رَضِيَ اللَّهُ عَنْهُمَا ގެ އަރިހަށް މީހަކު އައެވެ. އަދި ބުންޏެވެ. [އަހަރެން އަންހެނަކާ ކައިވެނި ކުރުމަށްޓަކައި އޭނާއަށް ހުށަހެޅީމެވެ. ފަހެ، އެއަންހެނާ އަހަރެންގެ ހުށަހެޅުމަށް އިންކާރު ކުރިއެވެ. އެއަށްފަހު އަހަރެން ނޫން އެހެން ފިރިހެނަކު އޭނާއަށް ކާވެންޏަށް އެދި ހުށަހެޅިއެވެ. ފަހެ، އެ އަންހެނާ އެމީހާއާއި ކައިވެނި ކުރުމަށް ލޯބިކުރިއެވެ. އެހިނދު އަހަރެން އެ އަންހެނާ މަރާލީމެވެ. ފަހެ، އަހަންނަނަށް ތައުބާ ލައްވައިފާނެ ތޯއެވެ؟] ابن عباس ވިދާޅުވިއެވެ. [ތިބާގެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟] އޭނާ ޖަވާބު ދިިނެވެ. [ނޫނެކެވެ.] އެހިނދު ابن عباس ވިދާޅުވިއެވެ. [ތިބާ ﷲ އަށް ތައުބާ ވާށެވެ. އަދި  ތިބާއަށް ކުޅަދާނަވީ މިންވަރަކުން އެއިލާހާ ކުއްތަންވާށެވެ.] އެހިނދު އަހަރެން (އެބަހީ: عطاء) ابن عباس އާއި ސުވާލު ކުރީމެވެ. [އޭނާގެ މަންމަ ދިރިހުރިތޯ ތިބާ ސުވާލުކުރީ ކީއްވެތޯއެވެ؟] ވިދާޅުވިއެވެ. [ހަމަކަށަވަރުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށްވުރެ ބޮޑަށް އެޢަމަލެއްގެ ސަބަބުން ﷲ އާއި ކުއްތަންވެވޭ އެހެން ޢަމަލެއް އަހަންނަކަށް އެނގިގެން ނުވެއެވެ.] الأدب المفرد (ނަންބަރު 4) ގައި މި ރިވާޔަތް އިމާމް އަލްބުޚާރީ  ރިވާކުރައްވާފައިވެއެވެ. އަދި 'އައްޞަޙީޙައިން" ގެ ޝަރުޠުތަކުގެ މަތިން މި ރިވާޔަތުގެ ސަނަދަކީ ޞައްޙަ ސަނަދެއްވެސް މެއެވެ.

 

ދެވަނަ ރިވާޔަތް: ابن عباس ގެ އަރިހުން ސަޢީދު ރިވާކުރެއްވި ރިވާޔަތެވެ. އެއީ { وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا} [النساء: 93]
: މިއާޔަތާމެދު [ޤާތިލުގެ މައްޗަށް ތައުބާއެއް ނުވެއެވެ. އޭނާ ﷲ އަށް އިސްތިޣުފާރުކުރުން ފިޔަވައެވެ.] މިއީ އިބްނު ޖަރީރު (5/138) ރިވާކުރަށްވާފައިވާ، ސަނަދު ރަނގަޅު ރިވާޔަތެކެވެ. އަހަންނަށް ހީވާގޮތުގައި އެންމެ ފުރަތަމަ ގެނެވުނު ރިވާޔަތުގައި "އޭނާގެ މައްޗަށް ފާފައެއް ނުފުއްސަވާނޭ" ވިދާޅުވުމަށްފަހު، އަމިއްލަ ނަފްސަށް ވިސްނިވަޑައިގެން ދެން "އޭނާ ﷲ އަށް އިސްތިޣުފާރު ކުރުން މެނުވީ" އޭ ފަހުން ވިދާޅުވީއެވެ. وَاللَّهُ أَعْلَمُ – ا هـ

 

އިސްވެ ނަޤުލުކުރެވިފައި އެވަނީ މި މަޥްޟޫޢުގައި ޢިލްމުވެރިންގެ އަރިހުން ރިވާވެފައިވާ ބަސްފުޅުތަކުގެ ތެރެއިން ބައެއް ބަސްފުޅުތަކެވެ. ކޮންމެއަކަސް، ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ؛ ﷲ އާއި ޝިރުކު ކުރުމުގެ ފާފަ ފިޔަވާ އެހެން ކޮންމެ ފާފައެއް އެއިލާހު އިރާދަ ކުރެއްވި އަޅަކަށް ފުއްސަވައި ދެއްވާނޭ ކަމެވެ. މިކަން އެނގިގެންދަނީ ކިރީތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްބަސްފުޅުތަކުންނެވެ. އަދި މިއުއްމަތުގެ ސަަލަފުންގެ އަރިހުން ވާރިދުވެފައިވާ އަޘަރު ތަކުންނެވެ.
ތިރީގައި އެވަނީ އިސްވެ ބަޔާންކުރެވުނު ބަސްތަކުގެ ކުރު ޚުލާޞާއެކެވެ.

 

ޚުލާޞާ

1. ޚުޠުބާގައި ޛިކުރު ކުރެވުނު ރިވާޔަތަކީ ابن عباس ގެެ އަރިހުން ވާރިދުވެފައިވާ މަޝްހޫރު، ޙަސަން ދަރަޖައިގެ ޙަދީޘެކެވެ.
2. ނަމަވެސް، ابن عباس ގެެ އަރިހުން ރިވާވެފައިވާ އެ ޞަޙާބީގެ ބަސްފުޅަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ގިނަ ޢިލްމުވެރިންނާއި ޞަޙާބީންނާއި ތާބިޢީންގެ ރައުޔާ ޚިލާފަށް އައިސްފައިވާ ބަސްފުޅެކެވެ.
3. ابن عباس ގެ އަރިހުން އެފަދަ މީހަކަށް ފާފަ ފުއްސެވޭނޭ ކަމަށް ވިދާޅުވެފައިވާ އެހެން ރިވާޔަތްތަކެއް ރިވާވެގެންވެ އެވެ. އޭގެ މިސާލުތައް الإمام الألباني ވަނީ ޛިކުރު ކޮށްދެއްވާފައެވެ.   
4. ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ، ابن عباس އާއި އެހެން ޞަޙާބީންނާއި، ތާބިޢީންނާއި، އޭގެ ފަހުން އައި ސަލަފުންގެ ގިނަ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތަަށް ގަސްތުގައި މީހަކު މަރާލިޔަސް އޭނާ ތައުބާ ވުމުން ﷲ އޭނާގެ ފާފަ ފުއްސަވައިފާނޭ ކަމެވެ. އަދި ނުފުއްސެވޭ ހަމައެކަނި ފާފައަކީ ޝިރުކު ކަމެވެ.
5. ޚުޠުބާގައި ޛިކުރު ކުރެވުނު ރިވާޔަތް ވާރިދުވެފައިވާ ރިވާޔަތްތަކުގެ ތެރެއިން އެއް ރިވާޔަތުގައި، الإمام الألباني ޛިކުރު ކުރަށްވާފައިވާ ގޮތަށް [އޭނާ ﷲ އަށް އިސްތިޣުފާރު ކުރުން ފިޔަވައޭ] ابن عباس ވިދާޅުވެފައިވުމުން އިބްނު ޢައްބާސްގެ ރައުޔަކީވެސް އެފަދަ މީހެއްގެ ފާފަވެސް ﷲ އިރާދަކުރައްވައިފިނަމަ ފުއްސަވާނޭކަން ކަމުގައި ބަޔާންވެދެ އެވެ.


ދުޢާއަކީ ޙައްޤުމަގަށް ތަބާވުމުގެ ތަވްފީޤު އަޅުގަނޑުމެން އެންމެނަށް ﷲ ދެއްވުމެވެ. އަދި އަޅުގަނޑުމެންގެ އެންމެހާ ޢަމަލުތަކަކީ އެއިލާހުގެ ވަޖުހުފުޅަށްޓަކައި ކުރާ ޢަމަލުތަކެއް ކަމުގައި ލައްވަވާ، ޤިޔާމަތް ދުވަހުން އަޅުގަނޑުމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭ ޢަމަލުތަކެއްް ކަމުގައި އެޢަމަލުތައް ލެއްވުމުވެ. އަދި ދެއްކުންތެރިކަމާއި، އަމިއްލަ ނަފްސާ މެދު ޢަޖާއިބު ވުމުގެ ފިތުނައިން ދުރުކުރަށްވައި، އެއިލާހުގެ ވަލިއްޔުންގެ ތެރެއިން ވާ ބަޔަކު ކަމުގައި ލެއްވުމެވެ.
وَ صَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّد ، وَآخِرُ دَعْوَانَا أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِين

Like what you see?

Close

Hit the buttons below to follow us, you won't regret it...