އަންހެން ފިރިހެން މައްސުނިވުން

ވަޒީފާގެ މައިދާނުގައި ދެޖިންސުގެ އަހުލުވެރިން (އަންހެނުންނާއި ފިރިހެނުން) މަސްހުނިވުމުގެ ޙުކުމް - العَلَّامَة عَبْدُ العَزِيز بِنْ عَبْدُ الله بِنْ بَاز رحمه الله

ކެޓަގަރީ އަންހެން ފިރިހެން މައްސުނިވުން

الإِمَامُ الشيخ ابن باز  رَحِمَه الله ވިދާޅުވެފައިވެ އެވެ. "އިސްލާމްދީނުގައި ފާޅުވެ ބަޔާންވެގެންވާ ގޮތުގައި، ފިރިހެނުން މަސައްކަތުގެ (ވަޒީފާގައި) އުޅޭ މައިދާންތަކަށް އަންހެނުން ނުކުތުމަކީ، ދެ ޖިންސު މައްސުނިވުމަށް އޮތް ކަމެކެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުން ޚަލްވާ (އަންހެނާއި ފިރިހެނާ އެހެން މީހުންނާ ވަކިވުމަށް) އޮތް ކަމެކެވެ. މިއީ ނުހަނު ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ނުކުންނަ މޭވާއަކީ ނުރައްކާތެރި ހިތި މޭވާ އެކެވެ. އޭގެ ނިމުމަކީ ނުހަނު ވޭންހުރި ނިމުމެކެވެ. އަދި މިކަމަކީ ދީނުގައި ބަޔާންވެގެންވާ ޝަރުޢީ ދަލީލުތަކާއި ދެކޮޅުވެގެންވާ ކަމެކެވެ. އެ ދަލީލުތަކުގައި އަމުރު ކުރެވިފައިވަނީ އަންހެނާ އޭނާގެ ގޭގައި ޤަރާރުވެ އިނުމަށެވެ. އަދި އަންހެނާ އޭނާއަށް ޚާއްޞަވެގެންވާ އަދި ﷲ އޭނާގެ ފިޠުރަތުގައި ލައްވާފައިވާ ޢަމަލުތައް ކުރުމުގައި ދެމިހުރުމެވެ. ފަހެ އެ ޢަމަލުތަކަކީ އަންހެނާ ފިރިހެނުންނާއި ދުރުގައި ވަކިވެ ހުރެ ކުރެވޭ ޢަމަލުތަކެއްގެ ގޮތުގަ އެވެ." العدل في شريعة الإسلامية وليس في الدمقراطية المزعومة ص 61

شَيْخُ الإِسْلاَم الإِمَامُ ابن تَيْمِيَّة رَحِمَه الله ވިދާޅުވެފައިވެ އެވެ. "ފިރިހެނުންނާއި އަންހެނުން މައްސުނި ވެއްޖެ ހިނދުގައި، އޭގެ މަޤާމަކީ އަލިފާނާއި ދަރު މައްސުނި ވުމެވެ." الإستقامة 1-163

الإمام ابن القيم رَحِمَه الله ވިދާޅުވެފައިވެ އެވެ.   މި އުއްމަތުގެ ސަލަފުން ވިދާޅުވެފައިވެ އެވެ. "ދެވައްތަރުގެ މީސްތަކުންގެ ފަރާތުން އަމިއްލަ ނަފްސަށް އިންޒާރު ދިނުން ހުއްޓެވެ. ހަވާނަފްސުގެ ފިތުނަވެރިކަމުގައި ޖެހިފައިވާ ހަވާނަފްސުގެ އަހުލުވެރިޔާ އެވެ. އަދި ދުނިޔެ ފެނި އެއަށް ބޭނުންވެގެންވާ ދުނިޔޭގެ ޞާޙިބެއްކަމުގައިވާ މީހާ އެވެ." إعلام الموقعين 1-255

މިއަދު އަންހެނުންނާއި ފިރިހެނުން އެއްތަނަށް އެއްވުމަށް ގޮވާލާ މީހާ އަކީ ޝަރީޢަތުގައި ބަޔާންވެގެންވާ ޙަރާމްކަމަކަށް އަރައިގަތުމަށް ގޮވާލާ މީހެކެވެ. ސުންނަތް ކޮބައި ތޯ އެވެ؟ މިއަދު ކައުންސިލަރު ކަމާއި މަޖްލީހަށް ފިރިހެނުންނާއި އެއްމައިދާނަށް އަންހެނުން ނެރެ މިއީ އިސްލާމްދީން ތަމްޘީލު ކުރުން ކަމުގައިވުމުން ހުރި ނުބައިކަމާއި ނުލަފާކަމުގެ ބޮޑުކަމާ އެވެ. ދީނުގެ ނަމުގައި ދުނިޔެ ހޯދުންނޫން ކަމެއް މިކަމުގައިވޭތޯ އެވެ! ﷲ ގެ ޝަރީޢަތުގެ މި ބާބުގައި ދީނަށްޓަކައި ވާ "ދަންނަބޭކަލުން" ކޮބައިތޯ؟

Like what you see?

Close

Hit the buttons below to follow us, you won't regret it...