ރޯދައަށްހުރި އަންހެނަކު ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުގައި ޙައިޟުވުން - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله
ސުވާލު: (ރަމަޟާން މަހުގައި) އަންހެނަކު މަޣްރިބު ނަމާދަށް ބަންގި ގޮވުމުގެ އިރުކޮޅެއް ކުރިން ޙައިޟުން ޠާހިރުވެއްޖެ ނަމަ، ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: މަޣްރިބު ނަމާދަށް ބަންގިގޮވުމަށް އިރުކޮޅެއް ހުއްޓާ ޠާހިރުވި ކަމުގައި ވިޔަސް އެދުވަހުގައި ރޯދައަށް ހުންނާކަށެއް ނުޖެހޭނެ އެވެ. އާއެކެވެ. ފަހެ، ޙައިޟުވެރިޔާ އޮންނާނީ 4 ގޮތެކެވެ.
ފުރަތަމަ ޙާލަތަކީ : ފަތިސް ވަޤުޠުގެ ކުރިން ޙައިޟުގެ ލޭ ފެނުމެވެ.
ދެވަނަ ޙާލަތަކީ : ދުވާލުގެ ވަޤުތެއްގައި ޙައިޟުގެ ލޭ ފެނުމެވެ. އެއީ އިރުއޮއްސުމަށް ކުޑަ ހިނދުކޮޅެއް ހުއްޓައި ކަމުގައި ވިޔަސްމެ އެވެ.
ތިންވަނަ ޙާލަތަކީ : ދުވާލުގެ ވަޤުތެއްގައި ޠާހިރުވެއްޖެކަން އިނގުމެވެ. ފަހެ، މި 3 ޙާލަތުގައި، އަންހެނާ ރޯދަވެރިއެއްގެ ގޮތުގައި އެދުވަހުގައި ނުވާނެ އެވެ. އަންހެން މީހާއަށް ވާޖިބުވެގެންވަނީ އެ ރޯދަ ޤަޟާކުރުމެވެ.
އަންހެންމީހާ އަކީ މީހަކާ އިނދެއެން ހުރި އަންހެނެއްގެ ގޮތުގައިވެ، އޭނާގެ ފިރިމީހާ ރޯދަވެރިއެއްގެ ގޮތުގައި ނުވެ ހުރެ އޭނާ ކައިރިއަށް (ދަތުރެއް ކޮށްފަ އައުމެވެ.) ނުވަތަ ޢުޛުރު ވެރިއެއްގެ ގޮތުގައިވެ ރޯދަ ދޫކޮށް ހުރެ، އަންހެން މީހާ ކައިރިން އޭނާ އެދޭ ޙާޖަތަށް އެދުމެވެ. އެހިނދުގައި އަންހެން މީހާ އެއަށް އިޖާބަ ދެވޭނެ އެވެެ. އަންހެންމީހާ އަކީ މިހަކާ އިނދެގެން ހުރި އަންހެނެއްގެ ގޮތުގައި ނުވެ، ނުވަތަ ފިރިމީހާ ރޯދައަށް ހުރެ ނުވަތަ ފިރިމީހާ އޭނާ ކައިރީގައި ނޫޅޭކަމުގައިވުމުން، އެދުވަހުގައި އަންހެން މީހާއަށް ސުންނަތް ރޯދައަށް ހުރުން ހުއްދަވެގެންވެ އެވެ. އެއީ އޭގެކުރިން އެއްވެސް އެއްޗެއް ކައިބޮއި ހަދައިފައި ނުވާ ނަމަ އެވެ. ސަބަބަކީ ސުންނަތް ރޯދަ ހިފުމަށް ރޭގަނޑުގައި ނިޔަތްގަތުން ޝަރުޠުވެފައިނުވެ އެވެ. (ހެނދުނުގައި، ރޯދައަށް ހުރުމަށްޓަކައި ނިޔަތް ގަނެވޭނެ އެވެ.) ރޭގަނޑުގައި ނިޔަތްގަތުމަކީ ސުންނަތް ރޯދައިގައި އިތުރު ހެޔޮކަމެއްގެ ގޮތުގައިވާ ކަމެކެވެ.
ހަތަރުވަނަ ޙާލަތަކީ : ފަތިސްވަޤުތުގެ ކުރިން ޠާހިރުވެއްޖެކަން އިނގުމެވެ. ފަހެ، އެދުވަހުގައި އަންހެންމީހާ ހުންނަންޖެހޭނީ ރޯދައަށެވެ. އެއީ ފަތިސްވަޤުތުގެ ކުރިން ހިނގައިގަތް ކަމުގައިވިޔަސް ނުވަތަ (ފަތިސްކުރިން ހިނައިގަތުމަށް ކުޅަދާނަކަން ނުލިބި) އަންހެންމީހާ ފަތިސްވަޤުތު ވަނުމަށް ފަހުގައި ހިނައިގަނެވުނު ކަމުގައިވިޔަސް (އެ ދުވަހުގައި ހުންނަންޖެހޭނީ) ރޯދައަށް ހުންނަން ޖެހޭނެ އެވެ.
***
ފަތުވާ ނަގާފައިވަނީ : http://goo.gl/VCCSb7