5  ވަރީގެ ބައެއް ސަބަބުތަކާއި އޭގެ ފަރުވާ ބަޔާން ކޮށްދިނުން - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ވަރީގެ ބައެއް ސަބަބުތަކާއި އޭގެ ފަރުވާ ބަޔާން ކޮށްދިނުން - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ވަރި

ސުވާލު: سَمَاحَةُ الشَّيْخ އެވެ. الله ޝައިޚުމެން ރައްކައުތެރި ކޮށްދެއްވާށި އެވެ. އަހަރުމެންގެ މިޒަމާނުގައި، ބައެއް މީހުންގެ ފަރާތުން ވަރީގެ ބަސް ބުނުމާއި، އެބައިމީހުންގެ އާދައަކަށް އެކަން ވެދިއުމާ ހިސާބަށް، އެކަމުގައި ފަރުވާ ކުޑަވުން ވަނީ އިތުރުވެފަ އެވެ. ޝައިޚުމެންގެ ނަޒަރުގައި، އޭގެ ސަބަބުތަކަކީ ކޮބައިތޯ އެވެ؟ އަދި އޭގެ ފަރުވާ އަކީ ކޮބައިތޯ އެވެ؟ އަދި އެކަމުގެ ތެރެއަށް ވެއްޓިފައިވާ އަޚުންނަށް ޝައިޚުމެން ދެއްވާ އިރުޝާދަކީ ކޮބައިތޯ އެވެ؟


ޖަވާބު: ތިޔައީ ހިނގާ ކަމެކެވެ. ގިނަ މީހުން ވަރީގެ ތެރެއަށް ވެއްޓެނީ ބައިވަރު ސަބަބުތަކާ ހުރެ އެވެ. ބައެއް ފަހަރު ފިރިމީހާގެ ފަރާތުންނެވެ. އަދި ބައެއް ފަހަރު އަނބިމީހާގެ ފަރާތުންނެވެ. އަދި ބައެއް ފަހަރު އެދެމީހުންގެ ފަރާތުންނެވެ. ފަހަރެއްގައި އަންހެނާ އަކީ މުޑުދާރު ދުލެއްގެ ވެރިއަކަށް ވެދާނެ އެވެ. ފިރިމީހާއާ ދިމާއަށް އެއްޗެހި ގޮވައި، އަދި އެކަށީގެން ނުވާ ބަސްތަކެއް ބުނެ އެވެ. އޭގެ ސަބަބުން ފިރިމީހާއަށް ތަހައްމަލު ނުކުރެވި ވަރިކުރެ އެވެ. އަދި ފިރިމީހާ އަށް ވާޖިބުވެގެން ނުވާ ކަންކަމަށް އޭނާގެ ކިބައިން އެދެ އެވެ. އަދި ގިނަގިނައިން ކަންކަމުގައި ކިޔަ އެވެ. އަދި އޭނާއަށް އުނދަގޫ ކުރުމުން ވަރިކުރެ އެވެ. އަދި ފަހަރެއްގައި ފިރިމީހާ އަކީ އަވަހަށް ރުޅިއަންނަ، ކެތްތެރިކަން ކުޑަ މީހަކަށް ވެދާނެ އެވެ. ފަހެ އެއްވެސް ކަމެއް އޭނާއަށް ތަހައްމަލު ނުކުރެވެ އެވެ. ފަހަރެއްގައި އޭނާ މަޝްޣޫލު ކުރުވާ، އަވަދިނެތި ކުރުވާ އެހެން މަސައްކަތްތަކެއް ހުރުމުން އޭނާ ވަރުބަލިކަން ފިލުވަން އެނދުމަތި ކުރުވަފާނެ އެވެ. ފަހެ އޭނާއަށް ތަހައްމަލު ނުކުރެވެ އެވެ. އަދި ފަހަރެއްގައި މަސްތުވާ ތަކެތި އޭނާ ބޭނުންކޮށްފާނެ (އެބަހީ އެފަދަ ޙަރާން ކަންކަމަށް އަރައިގަނެފާނެ) އެވެ. ފަހެ އޭނާއަށް ތަހައްމަލު ނުކުރެވެ އެވެ. މިނޫން ސަބަބުތަކާވެސް ހުރެ އެވެ.


ފަހެ ވަރިކުރާ މީހާއާއި، ވަރިކުރެވޭ މީހާގެ މައްޗަށް އޮތީ الله އަށް ތަޤްވާވެރިވުމެވެ. އަދި ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމެވެ. އަދި އަނބިމީހާގެ ދުލުގެ ދިގުކަމާއި ނުބައިކަމުންނާއި، ޙައްޤަކާ ނުލައި އެދޭ އެދުންތައް ގިނަކުރުމުގެ ސަބަބުން، ފިރިމީހާ އަށް އުނދަގޫ ކުރުމާއި، އެކަށީގެން ނުވާ ކަންތަކުގެ ތެރެއަށް ފިރިމީހާ ވައްޓާލުމުން ދުރުވެ، އިންޒާރު ލިބިގަތުމެވެ.


އަދި ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އަނބިމީހާއާ ދޭތެރޭ الله އަށް ތަޤްވާވެރިވުމެވެ. އަދި އަނބިމީހާއަށް ޙައްޤުތައް އަދާކޮށްދިނުމެވެ. އަދި އޭނާއަށް އަނިޔާވެރި ނުވުމެވެ. އެއީ އަނބިމީހާ ފިރިމީހާއަށް އުނދަގޫ ކުރުމަށް މަޖުބޫރު ވެ ދިއުމަށް ފުރުސަތު ނުދިނުމަށްޓަކައެވެ. އަދި އަނބިމީހާއަށް ދިނުން ވާޖިބުވެގެން ނުވާ ކަންތައް ފިރިމީހާގެ ކިބައިން އެދުމަށް ފުރުސަތު ނުދިނުމަށްޓަކައެވެ. (އެހެންނޫންނަމަ) އޭގެ ސަބަބުން އޭނާގެ ކިބައިން ވަރިވުން ހިނގައިގެންދާނެ އެވެ.


ފަހެ އެންމެންގެ މައްޗަށް ވާޖިބުވެގެންވަނީ ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމެވެ. އަދި ޙައްޤަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރުމެވެ. ފަހެ ފިރިމީހާއަށް އައުލާވެގެންވަނީ ޙިކުމަތްތެރިވެ އަވަސްވެ ނުގަތުމެވެ. އަދި އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އަނބިމީހާގެ ޙައްޤުތައް ދިނުމެވެ. އަދި އޭނާގެ ކިބައިން (ގިނަގިނައިން) ކަންކަމަށް އެދުމާއި، އޭނާ ރުޅިއެރުވުމަށް ފުރުސަތު ނުދިނުމެވެ. އަދި އޭގެ އިތުރުން، އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ފިރިމީހާއަށް ހެޔޮކަންކަމުގައި އަޑުއަހައި ކިޔަމަންތެރިވުމެވެ. އަދި ހެޔޮކޮށް ދިރިއުޅުމެވެ. އަދި ރިވެތި ބަސް ބުނުމެވެ. އަދި ފިރިމީހާގެ ފަރާތުން ފެންނަ ބައެއް އުނިކަންތައްތައް ތަހައްމަލު ކުރުމެވެ. އެއީ الله ތަޢާލާ ގެ ވަޙީ ބަސްފުޅުގެ ސަބަބުންނެވެ: ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ މާނައީ: "އަދި ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުންނާ އެކު ދިރިއުޅޭށެވެ." އަދި الله سُبْحَانَه ގެ ވަޙީ ބަސްފުޅުގެ ސަބަބުންނެވެ: ﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى﴾ މާނައީ: "އަދި ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ." އަދި الله سُبْحَانَه ގެ ވަޙީ ބަސްފުޅުގެ ސަބަބުންނެވެ: ﴿وَلَهُنَّ مِثلُ الَّذِي عَلَيهِنَّ بِالمَعرُوفِ﴾ މާނައީ: "އަދި އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެންވެ އެވެ."


ފަހެ ދެމަފިރިންގެ މައްޗަށް ވާޖިބުވެގެންވަނީ ހެޔޮކަމާއި ތަޤްވާވެރިކަމުގެ މައްޗަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމެވެ. އަދި ޙައްޤަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރުމެވެ. އަދި ހެޔޮ އަމަލުތައް ކުރުމަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމެވެ. ފިރިމީހާ ގަދައަޅައި މަސައްކަތް ކުރުން ހުށީ އަނބިމީހާގެ ޙައްޤު އަދާ ކުރުމުށާއި، އެކަމަނާއަށް ހެޔޮކޮށް ހިތުމަށާއި، އެކަމަނާއާ އެކު ރިވެތިކޮށް ދިރިއުޅުމަށެވެ. އަދި އަނބިމީހާ ގަދައަޅައި މަސައްކަތް ކުރުން ހުށީ ފިރިމީހާގެ ޙައްޤު އަދާ ކުރުމަށާއި، ވަރިއާ ހިސާބަށް ދިއުމަށް ފުރުސަތު ނުދިނުމަށާއި، ޙައްޤަކާ ނުލައި އޭނާ ރުޅި ނޭރުވުމެވެ. ފަހެ، ވާގިވެރިވުން ހާސިލުވެއްޖެ ނަމަ، ވަރި މަދުވެގެންދާނެ އެވެ. އަދި ވާގިވެރިވުން ހާސިލު ނުވެއްޖެ ނަމަ، ވަރި ގިނަވެގެންދާނެ އެވެ.


◇  ◇  ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الثاني والعشرون، كتاب الطلاق، الطلاق السني والطلاق البدعي، بيان أسباب الطلاق وخطورته، ج22، ص21،  فتوى رقم: 2.
ސައިޓް ލިންކް: http://goo.gl/lXatqD

Like what you see?

Close

Hit the buttons below to follow us, you won't regret it...