5 ވަރީގެ ބައެއް ޙުކުމްތައް - الشَّيْخُ مُحمَّد بن عمر بن سَالم بازمُول حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ވަރީގެ ބައެއް ޙުކުމްތައް - الشَّيْخُ مُحمَّد بن عمر بن سَالم بازمُول حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވަރި


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


ވަރިއަކީ، ކައިވެނީގެ ގޮތުން ގުޅިފައިވާ ގުޅުން ނައްތާލުމަށް އޮތް ޙައްލެވެ. ވަރިވެގެންދާނެ އެއްގޮތަކީ ރަޖުޢީ ވަރިންނެވެ. އަނެއްގޮތަކީ ބާއިން ވަރިން ވަރިވުމެވެ.

ކައިވެނިކޮށްފައިވާ ދެމީހުންގެ ފުރަތަމަ ދެ ވަރިއަކީ ރަޖުޢީ ދެ ވަރިއެވެ. އެއްވެސް ރަނެއް އަދި އަލުން ކައިވެންޏެއް ކުރުމެއް ނެތި ފިރިމީހާއަށް އޭނާ ވަރިކޮށްފައިވާ އަނބިމީހާ އަނބުރާ އަނތްބެއްގެ ޙާލަތަށް ގެނައުން ފިރިމީހާއަށް މިލްކުވެގެންވެ އެވެ. ތިންވަނަ ފަހަރަށް ވަރިކުރުމުން، އަނބުރާ އަންހެންމީހާ ރުޖޫޢުކުރަން ވަރިކުރި ފިރިހެންމީހާއަށް ޙަލާލެއްނުވާނެ އެވެ. އޭނާއަށް އެ ވަރިކުރި އަންހެންމީހާ ޙަލާލުވާނީ އަންހެންމީހާ އެހެން ފިރިހެނަކާ ކައިވެނިކޮށް ވަރިކޮށް އަދި އެ ވަރީގެ ޢިއްދަ ނިމުމަށްފަހުގަ އެވެ. އަދި އެއަށްފަހު، ފުރަތަމަ ކައިވެނިކުރި ފިރިހެންމީހާއަށް، އެ އަންހެންމީހާއާ އަލަށް ރަންކިޔައި އަލަށް ކައިވެނީގެ ގުޅުމަކުން ގުޅެން ހުއްދަވާނެ އެވެ.


ޞަރީޙަ ބަހުން ވަރިކޮށްފައޭ ބުނުމުން އަނބިމީހާ ވަރިވާނެ އެވެ. އަދި ޞަރީޙަ ނޫން ބަހަކުންވެސް، (ވައްބަހުން) އަނބިމީހާ ވަރިކުރުމުގެ ޤަޞްދުގައި ބުނެފި ހިނދުގައި އަނބިމީހާ ވަރިވާނެ އެވެ.


ވަރިކުރުމަކީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. ޙަދީޘް ކުރެއްވި އެވެ. (الطلاق لمن اخذ بالساق) "ހަމަކަށަވަރުން ވަރިއަކީ ބާރުވެރިކަން ލިބިގެންވާ މީހާއަށް ލިބިގެންވާ އެއްޗެކެވެ."


މިޙައްޤު ފިރިމީހާއަށް، އޭނާ ބޭނުންވެއްޖެ ހިނދެއްގައި އޭނާގެ އަނބިމީހާއަށް ދެވިދާނެ އެވެ. އަނބިމީހާއަށް، އޭނާގެ ފިރިމީހާ ދީނީގޮތުން، އަޚްލާޤީ ގޮތުން ނުވަތަ އެހެންވެސް ގޮތަކުން ނުރުހޭ ކަމުގައިވާނަމަ، އަނބިމީހާއަށް ޚުލްޢު ކުރުންވެ އެވެ. އެގޮތުން ދެމީހުން އެއްބަސްވާ ގޮތެއްގެ މަތިން ފިރިމީހާ އެކަމުގެ ބަދަލުގައި ބޭނުންވާ އެއްޗެއް ދިނުމަށްފަހުގައި ދެފަރާތުން އެއްބަސްވެ ރުހި، ވަރިވާނީ އެވެ. ނޫނީ، ޝަރުޢީ އިމާމް، ޙާކިމާ، ޤާޟީ ފިރިމީހާއަށް އެކަމުގައި މަޖްބޫރު ކުރާނީ އެވެ.


ފަހެ، މިކަމުގެ އަޞްލަކީ، ފިރިމީހާ އޭނާގެ އަނބިމީހާގެ މައްޗަށް ކެތްތެރިވުމެވެ. އަދި އަނބިމީހާ އަދަބުވެރި ކުރުމުގައި ދެމިހުރުމުވެ. ﷲ ގެ އިރާދަފުޅުން އަންހެންމީހާ ހެޔޮ، ރަނގަޅު ޙާލަތަކަށް އައުން ގާތްވެގެންވެ އެވެ. އަދި ވަރިކުރުން އެއީ އެންމެ ފަހުގެ ޙައްލު ކަމުގައިދެކި، ވަރިކުރުމަކީ އެންމެ ފަހުން ކުރެވޭ ގޮތްކަމުގައި ހެދުމެވެ.

ވަރިކުރުން 2 ބަޔަކަށްބެހިގެން ދެއެވެ.

ފުރަތަމައީ : ސުންނީ ވަރި އެވެ.
ދެވަނައީ :  ބިދުޢީ ވަރި އެވެ.


ފަހެ ސުންނީ ވަރިއަކީ، ﷲ ޙަލާލްކުރައްވާފައިވާ ވަރިއެވެ. އެއީ، ފިރިމީހާ އޭނާގެ އަނބިމީހާ ޙައިޟުވެ، ޙައިޟުން ޠާހިރުވުމަށްފަހު، އަނބިމީހާއާ ޖިމާޢުވުމުގެ ކުރިން، އެއް ވަރިން ކުރާވަރިއެއްގެ ގޮތުގައި ވަރިކުރުމެވެ.


ފަހެ، އެއީ ޙައިޟު ނުވާ އަންހެނެއް ކަމުގައިވާ ނަމަ، އޭނާ ބޭނުން ވަޤުތެއްގައި ވަރިކުރުމެވެ. އަދި އަނބިމީހާ ދަރިމައިވެފައިވާކަން ބަޔާންވެ ދިއުމަށްފަހުގައި ވެސް ވަރިކުރުމަކީ ސުންނީ ވަރިއެކެވެ.


ފަހެ ބިދުޢީ ވަރިއަކީ، ﷲ ޙަރާމްކުރަށްވާފައިވާ ވަރިއެވެ. އެއީ އިސްވެ ބަޔާންވެ ދިޔަ ސިފަތަކާ ޚިލާފަށް ކުރެވޭ ވަރި އެވެ. އޭގެ ތެރޭގައި އަންނަނިވި ޙާލާތްތައް ޝާމިލްވާނެ އެވެ.
- އަނބިމީހާ ޙައިޟުގެ ދުވަސްވަރު ވަރިކުރުން.
- އަނބިމީހާއާ ޖިމާޢުވެގެންވާ ޠުޙުރެއްގައި ވަރިކުރުން.
- އެއްމަޖްލިސް އެއްގައި ނުވަތަ އެއްފަހަރާ އެއްވަރިއަށްވުރެ ގިނަ ވަރިން ވަރިކުރުން.
- އަނބިމީހާއާ ޖިމާޢުނުވެ ހުރެ ޠުހުރެއްގައި ވަރިކުރުން، އަދި އެގޮތުގައި (އެ ޠުހުރުގައި) ރުޖޫޢު ކުރުމެއްނެތި ދެވަނަ ފަހަރަށް ވަރިކުރުން ނުވަތަ ތިންވަނަ ފަހަރަށް ވަރިކުރުން.
މި އެންމެހައި  ބާވަތްތަކުގެ ވަރިކުރުންތަކަށް އުއްމަތުގެ ޢިލްމުވެރިން ވަނީ އިޖްމާޢުވެގެންނެވެ. (مجموع الفتاوى (33/66-67))


ވަރިކުރެވިފައިވާ އަންހެނާ އަކީ އަނތްބެއްގެ ޙުކުމުގައި އިންނަ އަންހެނެކެވެ. އެ އަންހެންމީހާގެ ޢިއްދާ ނިމެންދެން ފިރިމީހާގެ ގޭގައި އިންނަންޖެހެއެވެ. އަދި ޢިއްދާގެ މުއްދަތުގައި އަނބިމީހާއަށް ޚަރަދުކޮށް ބަލަހައްޓައިދޭން ޖެހޭނެއެވެ. ފިރިހެންމީހާ އޭނާ ވަރިކޮށްފައިވާ އަންހެނާއާ އެކުގައި އިނށީދެ ހެދުމާއި، އަންހެންމީހާ އޭނާ ވަރިކޮށްފައިވާ ފިރިހެންމީހާއަށް ޒީނަތްތެރިވުމާއި، އަންހެން މީހާ އޭނާގެ ހަށިގަނޑު ފިރިހެންމީހާ އުފާހޯދައިގަތުމަށް ހުށަހެޅުންވެ އެވެ. އަދި ޖިމާޢުވެއްޖެ ހިނދުގައި އެއީ ރުޖޫޢަވުން ކަމުގައި ވާނެއެވެ.


ޢިއްދާ ނިމެންދެން ޖިމާޢުނުވެ ހުރެ، އަންހެން މީހާގެ ޢިއްދަ ނިމިއްޖެ ހިނދު، އަންހެންމީހާ އޭނާގެ ވަލީވެރިޔާގެ ގެއަށް ދިއުން ހުއްޓެވެ. ޢިއްދަ ނިމުމުން އަންހެންމީހާ ރުޖޫޢަ ނުކުރެވޭނެ އެވެ. އަލަށް ރަން ކިޔައި ކައިވެންޏެއް ކޮށްގެން މެނުވީ އެ އަންހެން މީހާ ވަރިކުރި ފިރިހެންމީހާއަށް ޙަލާލެއް ނުވާނެ އެވެ. ތިންފަށް ވަރިއަކުން ވަރިވެފައިވާ އަންހެންމީހާއާ ޚިލާފަށެވެ.


ތިންފަށް ވަރިއަކުން ވަރިވެފައިވާ އަންހެނާ، ވަރިކުރި ފިރިހެނާ ނޫން އެހެން ފިރިހެނަކާ ކައިވެނިކޮށް، ފަހެ، އެ ފިރިހެން މީހާ އަންހެންމީހާ ވަރިކޮށް އަދި ޢިއްދަ ނިމިގެން ދާންދެން ރުޖޫޢަ ނުކުރާނަމަ، ކުރިން ވަރިކުރި ފިރިހެންމީހާއަށް އެއަންހެން މީހާ ހުއްދަވާނެ އެވެ. އެއީ އަލަށް ރަންކިޔައި ކައިވެނި ކުރުމަށްފަހުގައެވެ.


ރުޖޫޢަ ކުރުވޭ ވަރިއަކުން ވަރިކޮށްފައިވާ އަންހެނާއަށް ޢިއްދައިގެ ތެރޭގައި ފިރިމީހާ މަރުވެއްޖެ ނަމަ، މުޠްލަޤުކޮށް ވާރުތަ މުދާ ޙައްޤުވެގެންވާ މީހުންގެ ތެރޭގައި ހިމެނޭނެ އެވެ. އަދި ވަރިކުރި ފިރިމީހާއަށް ވެސް، އަންހެންމީހާ ޢިއްދައިގެ ތެރޭގައި މަރުވެއްޖެ ހިނދުގައި ވާރުތަމުދާ ލިބޭ މީހުންގެ ތެރޭގައި ހިމެނިގެންވާނެ އެވެ.


ވަކިކަމެއް ކުރުމުން ވަރިވާނެ ކަމަށް ޝަރުޠުކޮށްފައިވާ އަންހެނާ، އެ ޝަރުޠުކޮށްފައިވާ ކަމެއް ކުރުމުން ވަރިވާނެ އެވެ. އިސްތިޘްނާ ކުރެވޭ ޙާލަތަކީ، އެކަމެއް ޝަރުޠުކޮށްފައިވަނީ ވަރިކުރުމުގެ ޤަޞްދެއްގައި ނޫންކަމުގައިވާ ނަމަ އެވެ. އެހެނަސް ޤަޞްތަކީ، އެކަމަށް ބާރުއެޅުވުމަށް، ބޮޑުކަމެއްގެ ގޮތުގައި ހެދުމަށް ބުނެފައިވުމެވެ. އަދި އެހިނދުގައި ކައްފާރާދިނުން ހުއްޓެވެ.

އަނބިމީހާ އޭނާގެ ފިރިމީހާގެ ކައިރިން ވަރިއަށް އެދި ސުވާލުކުރުން :

ޝަރުޢީ ސަބަބެއްނެތި، ފިރިމީހާ ކައިރިން ވަރިއަށް އެދުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ثوبان رضي الله عنه ގެ ޙަދީޘްގައިބަޔާންވެގެންވާ ފަދައިންނެވެ. (أيما امرأة سألت زوجها الطلاق من غير ما بأس فحرام عليها رائحة الجنة) "އެއްވެސް އަންހެނަކު އޭނާގެ ފިރިމީހާގެ ކައިރިން ޝަރުޢީ ސަބަބެއްނެތި ވަރިއަށް އެދެފި ހިނދުގައި، ފަހެ އެ އަންހެންމީހާގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެ އެވެ." أخرجه أحمد وأبو داود وابن ماجه والترمذي وابن حبان والحاكم. وصححه الألباني انظر حديث رقم: 2706 في صحيح الجامع.


މީސްތަކުނަށް ދިމާވާ ޙާލާތްތައް ގިނަކަމާ އެކު، ވަރިކުރުމަށް މެދުވެރިވާ ސަބަބުތައް ނުހަނު ގިނަވެގެންވެ އެވެ. ސަބަބަކީ ބައެއް ފަރުދުންނަށް އެބައިމީހުންގެ މުޖުތަމަޢުތަކުގައި ދިމާވާ ކަންތައްތައް އެހެނިހެން ފަރުދުންނަށް އެބައިމީހުންގެ މުޖުތަމަޢުގައި ދިމާނުވާނެތީ އެވެ. ވަރިވުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
-ފިރިމީހާއާއި އަނބިމީހާ ދެބަސްވެ އޭގެ ސަބަބުން އެކަކު އަނެކަކަށް ދޭންޖެހޭ ލޯބި ޙާޞިލްނުވުމެވެ.
- ދެމަފިރިންގެ ތެރެއިން އެކަކުގެ އަޚުލާޤު ނުބައިކަމުން، އަނެކަކަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރުމުގައި ދެމި ނުހުރެވުމެވެ.
- އަނބިމީހާގެ މައްޗަށް ފިރިމީހާގެ މައިންބަފައިން، ނުވަތަ ފިރިމީހާގެ މައިންބަފައިންގެ ތެރެއިން އެކަކު، ގެ ޙާލަތު ގޯސްވުމެވެ. އަދި އެ މައިންބަފައިންނާ މެދުގައި މުޢާމަލާތްކުރުމުގައި ޙިކްމަތްތެރިކަމެއް ނެތުމެވެ.
- ފިރިމީހާއަށް އަނބިމީހާގެ ޙައްޤުތައް އަދާކުރުމުގައި ނުކުޅެދުންތެރިވުމެވެ. ނުވަތަ އަނބިމީހާއަށް ފިރިމީހާގެ ޙައްޤުތައް އަދާކުރުމުގައި ނުކުޅެދުންތެރިވުމެވެ.
- ފިރިމީހާ ﷲ ޙަރާމްކުރަށްވާފައިވާ އުރެދުންތަކަށް އަރައިގަތުމެވެ. ބޮޑެތިފާފަތަކަށް އަރައިގަތުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ޑްރަޤް ބޭނުންކުރުމުގައި ވުމެވެ.
- ފިރިމީހާ، އެ އަނބިމީހާ ކައިވެނީގެ ކުރިން ފެނިފައި ނުވުމެވެ. ސަބަބަކީ އޭނާއަށް އަނބިމީހާގެ ޙާލަތު ފެނުނީ އެ އަންހެންމީހާ އޭނާއަށް ސިފަވެގެންދިޔަގޮތާ ޚިލާފަށް ކަމުގައި ވެދާނެއެވެ. ފަހެ، މިގޮތުން ޝަރީޢަތުގައި ފިރިހެންމީހާ އަންހެންމީހާއަށް ބެލުން ޝަރުޢު ކުރެވިފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ.
 (إذا خطب أحدكم المرآة فان استطاع أ ن ينظر منها إلى ما يدعوه إلى نكاحها فليفعل، فان ذلك أحرى إلى أن يؤد م بينهما) رواه أحمد في المسند 3/334-360، وأبو داود في كتاب النكاح، باب في الرجل ينظر إلى المرأ ة وهو يريد تزويجها برقم (2082) "ތިޔަބައިމީހުންގެ ތެރެއިން މީހަކު އަންހެނަކާ ޚިޠުބާ ކޮށްފިހިނދު އެ އަންހެންމީހާގެ ކައިވެންޏަށް ބޭނުންވެފައިވާ މިންވަރަށް އޭނާއަށް ބެލުން ހުއްޓެވެ. ފަހެ، އެއިރުން ދެމީހުންގެ މެދުގައި ކުލުނާއި ލޯބި އުފެދިގެން ދިއުން ގާތްކަން ބޮޑެވެ."
- ފިރިމީހާއަށް ވަރީގެ ސަބަބުން ނުކުންނަ ނަތީއްޖާއާ މެދުގައި ހަނދާންނެތިފައިވުން. އަދި ޚާއްޞަކޮށް އެ އަނބިމީހާގެ ފަރާތުން ދަރިން ލިބިފައިވާ ކަމުގައިވާނަމަ އެ ދަރިންނަށް ފޯރާނެ ނޭދެވޭ ކަންތައްތަކުގެ މައްޗަށް ހަނދުމަނެތިވުމެވެ.


ފިރިމީހާއަށް ވާޖިބުވެގެންވަނީ އޭނާގެ ނަފްސުގެ މައްޗަށް އަނބިމީހާގެ ކަންތައްތަކަށް ކެތްތެރިވުމެވެ. އަދި ވަރިކުރުމަށް އަވަސްނުވުމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا يفركن مؤمن مؤمنة إن كره منها خلقا رضي منها غيره) رواه أحمد في المسند 3/334-360، وأبو داود في كتاب النكاح، باب في الرجل ينظر إلى المرأ ة وهو يريد تزويجها برقم (2082) "އެއް މުއުމިނަކު އަނެއް މުއުމިންދެކެ ރުޅިވެރިނުވާހުއްޓެވެ. މުއުމިންއަޅާ، އަނެކާގެ އެއް އަޚްލާޤާ މެދުގައި ހިތްހަމަ ނުޖެހޭ ހިނދުގައި އޭނާގެ އެހެން ޚުލުޤަކާމެދުގައި ރުހޭނެ އެވެ."


أبي هريرة  رضي الله عنه ރިވާވެގެންވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إن المرأة خلقت من ضلع لن تستقيم لك على طريقة فإن استمتعت بها استمتعت بها و بها عوج و إن ذهبت تقيمها كسرتها و كسرها طلاقها) أخرجه مسلم "ހަމަކަށަވަރުން އަންހެނާ ހެއްދެވިފައިވަނީ ގުދު ކައްޓަކުންނެވެ. ތިބާއަށް އެ އެކުއެކީގައި ސީދަލެއް ނުކުރެވޭނެ އެވެ. ތިބާ އަނބިމީހާގެ ކިބައިން އަރާމާއި އުފާ ހޯދާކަމުގައިވާނަމަ އޭނާގެ ކިބައިން އަރާމާއި އުފާ ހޯދުން ހުއްޓެވެ. އޭނާގެ ހަށިގަނޑުގައި ބަލިކަށިކަމެއްވާނެއެވެ. ތިބާ އަންހެނާ އެކުއެކީގައި ސީދާކުރުމަށް މަސައްކަތްކުރާނަމަ އެ ދާނީ ބިންދައިގެންނެވެ. އެ ބިންދައިގެން ދިއުމަކީ ވަރިވުމެވެ."
ވަރިކުރުމުގެ ބައެއް ޙުކުމްތައް :


ހަމަކަށަވަރުން، ވަރީގެ ޙުކުމްއެއީ ޙައްޤު ވަރިއެއްގެ ގޮތުގައިވުމަށް، ވަރިކުރި ފިރިމީހާއަކީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރެވުނު ވަރިއެއްކަމުގައިވާން ޖެހޭނެ އެވެ. އަދި އޭނާއަކީ ހަމަބުއްދީގައި ސިކުނޑި ސަލާމަތުންހުރި ގޮތުގައި ކުރެވޭ ވަރިއެއް ކަމުގައިވާނެއެވެ. އަދި ވަރިއަކީ ވަރިއެއް ކަމުގައި ނުވެ މަނާވެދާނެ އެއްވެސް ކަމެއް އޭގައި ވެގެންނުވާނެއެވެ. މިޘާލަކަށް ބުއްދި ފިލައިގޮސް މޮޔަ މީހެއްގެ ޙާލުގައިވެ ވަރިކުރުން ނުވަތަ މަސްތުވެގެންވާ ޙާލަތުގައި ވަރިކުރުން ފަދަ ޙާލަތެއްގައި ކުރެވޭ ވަރިއަކީ، ވަރިވުން ކަމުގައި ނުބެލެވޭނެއެވެ. އަދި ވަރިކުރެވޭ އަންހެނާއަކީ ޖިމާޢުނުވެ އިން ޠުހުރެއްގައި ނުވަތަ މާބަނޑު ޙާލަތުގައި ނުވަތަ ދުވަހަކުވެސް ޙައިޠުނުވާ އަންހެނެއްގެ ގޮތުގައިވުން ހިމެނެއެވެ.


ޙުކުމް ކުރުމަށް ޤާއިމްވެގެންވާ ޤާޟީ ވަރިވެއްޖެ ކަމުގައި ނިޔާކަނޑައަޅައިފި ހިނދުގައި، ވަރިވެއްޖެ ކަމުގައިވާނެ އެވެ. ސަބަބަކީ އިޖްތިހާދީ މައްސަލަތަކުގައި ޤާޟީ ވަކި ޙުކުމެއް ކަނޑައަޅައިފި ހިނދުގައި، ޚިލާފްނެތިގެން ދާނެއެވެ.


އޭނާއަށް ދިމާވެފައިވާ މައްސަލަތަކުގައި ޝަރުޢީ މަޙްކަމާއަށް ދިއުމަކީ އޭނާއަށް ލާޒިމްވެގެންވާ ކަމެއް ނޫނެވެ. މުސްލިމް އަޅާ އޭނާއަށް ދިމާވެފައިވާ ކަންތަކުގައި ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރުމުން އޭނާ އެހިނދުގައި އެވަނީ ޝަރުޢީ ޢަމުރަށް ކިޔަމަންތެރިކަން އަދާކޮށްފަ އެވެ. ﷲ ވަޙިކުރައްވާފައިވާ ފަދައިންނެވެ. { وَمَا أَرْسَلْنَا مِنْ قَبْلك إِلَّا رِجَالًا نُوحِي إِلَيْهِمْ فَاسْأَلُوا أَهْل الذِّكْر إِنْ كُنْتُمْ لَا تَعْلَمُونَ } "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައިވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ."

*****
މިބަސްތައް ނަގާފައިވަނީ  الشيخ محمد بن عمر بن سالم بازمول حفظه الله ގެ ޓުވިޓާ އިންނެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...