ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 03 - ނައްޞުތައް ފަހުމްކުރުމުގައި ޞަޙާބީ ބޭކަލުންނާއި އުއްމަތުގެ ސަލަފުއް ޞާލިޙުންނާ ޚިލާފްވުން

بسم الله ، الحمد لله ، والصّلاة والسّلام على رسول الله وعلى آله وصحبه ومن والاه ، أمّا بعد:
(1) ފުރަތަމަ ބައި ކިޔާލުމަށް: މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން
(2) ދެވަނަދެވަނަ ބައި ކިޔާލުމަށް: ކަމެއް އިޢުތިޤާދު ކުރުމަށްފަހު ދެން އެކަމަކަށް ދަލީލު ހޯދުން
ތިންވަނަ ބައި: ނައްޞުތައް ފަހުމްކުރުމުގައި ޞަޙާބީ ބޭކަލުންނާއި އުއްމަތުގެ ސަލަފުއް ޞާލިޙުންނާ ޚިލާފްވުން
މި ސިލްސިލާގެ ދެވަނަބައިގައި ގެނެސްދެވިފައިވާނީ ހަވާނަފްސާއި ބިދުޢައިގެ އަހުލުވެރިން އެބައިމީހުންގެ ބާޠިލު ފެތުރުމަށްޓަކައި ގެންގުޅޭ އުސްލޫބުތަކުގެ ތެރެއިން އިއުތިޤާދު ކުރުމަށްފަހު ދެން އެކަމަކަށް ދަލީލު ހޯދަން އުޅުމެވެ. އެއަށްފަހު، މިބައިގައި މި ގެނެސްދެނީ އެބައިމީހުންގެ އުސްލޫބުތަކުގެ ތެރެއިން އެހެން އުސްލޫބެކެވެ. އެއީ ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ނައްޞުތައް އަޞްޙާބް ބޭކަލުންނާއި، އުއްމަތުގެ ސަލަފުއް ޞާލިޙުން އެ ނައްޞުތައް ފަހުމްކުރެއްވި ގޮތާއި ޚިލާފަށް އެބައިމީހުން މި ނައްޞުތައް ފަހުމް ކުރުމެވެ.
ފަހެ، އެބޭކަލުންގެ ފަހުމުން ބޭރުވެއްޖެނަމަ، މުއުމިނުންގެ މަގުން އެކަހެރިވެ، އެނޫން މަގުތަކަށް ތަބާވެވިގެން ދެއެވެ. ފަހެ، މުއުމިނުންގެ މަގުން (އެބަހީ، ޞަޙާބީ ބޭކަލުންގެ މަގުން) އެއްކިބާވުމުގެ ނުރައްކާތެރިކަން ބަޔާންވެގެންދާ ނައްޞުތަކުގެ ތެރޭގައި ﷲ ތަޢލާ ގެ މި ވަޙީ ބަސްފުޅު ހިމެނެއެވެ. އެއިލާހު ވަޙީ ކުރެއްވިއެވެ. (وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا) النساء: ١١٥ މާނައިގެ ތަރުޖަމާ: "އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވެއްޖެ މީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން އިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަން އިލާހު އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ."
މުއުމިނުންގެ މަގުން – އާދެ! ޞަޙާބީ ބޭކަލުންނާއި، އުއްމަތުގެ ސަލަފުއް ޞާލިޙުންގެ މަގުން އެއްކިބާވާ ޙާލު އެބައިމީހުން ބުނެއެވެ. އެއީވެސް މީހުންނެވެ. އަދި އަހަރެމެންނަކީވެސް މީހުންނެވެ. (1) އެބައިމީހުންގެ ތެރެއިން ބައެއް މީހުން، މި ފަހުގެ ދުވަސްތަކުގައި ދައްކާފައިވާ ވާހަކަ ތަކުގެ ތެރޭގައި އަންނަނިވި ވާހަކަ ހިމެނެއެވެ. މި ވާހަކައާ މެދު ނިކަން ރަނގަޅަށް ވިސްނާލާށެވެ!
އެބައިމީހުން ބުނެއެވެ. ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ނައްޞުތައް ދެނެގަނެ، (އޭނާ ދިރާސާކުރާ) ކޮންމެ މައްސަލައެއްގައި އެ ނައްޞުތައް ޖަމާކުރުމަކީ ޢިލްމު އުނގެނޭ ދަރިވަރުގެ މައްޗަށް ނުހަނު މުހިންމުވެގެންވާ ކަމެކެވެ. އަދި އަހުލުއް ސުންނަތި ވަލްޖަމާޢާ އެކަމެއްގައި އެހެން ޖަމާޢަތްތަކުގެ ތެރެއިން ވަކިވެ ފާޅުވެދާ ކަމަކީ، އެ ނައްޞުތައް ފަހުމްކުރުމުގައި އެބައިމީހުން ސަލަފުންގެ ފަހުމަށް ރުޖޫޢަވާކަމެވެ. އެއީ ކޮންމެހެން ސަލަފުންގެ ފަހުމަށް އެ ނައްޞުތައް ޙާޖަތް ޖެހިފައިވާތީއެއް ނޫނެވެ. އެހެނަސް، އަހަރެމެންގެ ޢިލްމީ ބަލިކަށިކަމުގެ ސަބަބުންނެވެ. ވުމުން، އަހަރެމެންގެ ޢިލްމުގެ ބަލިކަށިކަމަށްޓަކައި، ސަލަފުންގެ ފަހުމަށް އަހަރެމެން ވަނީ ޙާޖަތްޖެހިފައެވެ.
މި ބަސްތަކާ މެދު ރަނގަޅަށް ވިސްނާލާހުށިކަމެވެ. މި ނަޤުލުކުރި ވާހަކާއިގެ ބޭރުފުށުން އެއީ ނުހަނު މޮޅު ބަސްތަކެއް ކަމުގައި ތިޔަ އަޚާއަށް ނުވަތަ އުޚްތާއަށް ހީވެދާނެއެވެ. އެހެނަސް، ބުނަމެވެ. މިއީ އެ ބަސްތަކެއްގެ ތެރޭގައި ނުރައްކާތެރި ފިކުރެއް ފޮރުވިފައިވާ ކަލިމަތަކެކެވެ. އެހެނީ، މިފަދައިން ބުނާ މީހާ މިބުނަނީ، ނައްޞުތައް ފަހުމްކުރުމުގައި އަހަރެމެން ސަލަފުންގެ ފަހުމަށް ރުޖޫޢަ މިވަނީ އަހަރެމެންގެ ޢިލްމީ ފެންވަރު ދަށްކަމުގެ ސަބަބުން ކަމަށެވެ! މިއީ ރީތިކޮށް ޖަރީކޮށްފައިވާ ބާޠިލު ބަސްތަކެކެވެ. ކީއްވެގެން ހެއްޔެވެ؟
ސަބަބަކީ، ސަލަފުންގެ ފަހުމަށް ރުޖޫޢަވުން އަހަރެމެންގެ މައްޗަށް ލާޒިމުކުރެވިފައިވަނީ ކޮންމެހެން އަހަރެމެންގެ ކިބާގައިވާ ޢިލްމީ ބަލިކަށިކަމަކަށްޓަކައެއް ނޫނެވެ. އަދި ކިއެއްތަ! އެ ނައްޞުތައް ފަހުމްކުރުމުގައި އަހަރެމެން ސަލަފުއް ޞާލިޙުންގެ ފަހުމަށް ރުޖޫޢަވަނީ އެކަމަށް ވާރިދުވެފައިވާ އިލާހީ އަމުރުފުޅަށްޓަކައެވެ!
ތިބާ، ތިބާގެ ކޮންމެ ނަމާދެއްގައި (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) الفاتحة: ٦ މިފަދައިން ދުޢާ ކުރަމުއެވެ. މާނައީ: "އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!" މިއެވެ. ޖެހިގެން އޮތް އާޔަތުގައިވަނީ ކީކޭ ހެއްޔެވެ؟ (صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ) الفاتحة: ٧ އެބަހީ: "އެބަޔަކަށް އިބަ އިލާހު ނިޢުމަތް ލެއްވި މީހުންގެ މަގެވެ." ވުމުން، ތިބާ ތި ދުޢާ ކުރަނީ ﷲ އެބަޔަކަށް ނިޢުމަތް ލެއްވި މީހުންގެ މަގަށް މަގުދެއްކެވުމަށް އެދިއެވެ. ސުވާލަކީ، ﷲ އެބަޔަކަށް ނިޢުމަތް ލެއްވި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ޛިކުރުކުރެވޭ ފަރާތްތަކުގެ ތެރޭގައި ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުން ނުހިމެނޭ ހެއްޔެވެ؟ އެހެންކަމުގައިވުމުން، އެ ބޭކަލުންގެ ފަހުމް ދޫކޮށްލައިފިނަމަ، ތިބާއަށް އެބޭކަލުންގެ މަގަށް މަގު ފެނިގެންދާނީ ކިހިނަކުން ހެއްޔެވެ؟
ފަހެ، ﷲ ތަޢާލާ ގެ ވަޙީ ބަސްފުޅު (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) الفاتحة: ٦ މި އާޔަތާ މެދު أَبُو عَالِيَة الرِّيَاحِي - رحمه الله - އަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި ވިދާޅުވިއެވެ. އެއީ (އެބަހީ، އެ ސީދާވެގެންވާ މަގަކީ) ނަބިއްޔާ ﷺ އާއި އެ ނަބިއްޔާ ﷺ އަށް ފަހު އެނަބިއްޔާ ﷺ ގެ ދެ ޞާޙިބުން (އަބޫ ބަކުރު رضي الله عنه އަދި ޢުމަރު رضي الله عنه ގެ މަގު) އެވެ. ފަހެ، أَبُو عَالِيَة ގެ މި ޖަވާބާ މެދު الْحَسَنُ - رحمه الله - އަށް ސުވާލު ދެންނެވިއެވެ. الْحَسَنُ ޖަވާބުގައި ވިދާޅުވިއެވެ. أَبُو عَالِيَة އެ ވިދާޅުވީ ތެދުފުޅެކެވެ. އަދި އެ ދެއްވީ ނަޞޭޙަތެކެވެ.
ވުމުން، ތިބާ ސީދާވެގެންވާ ތެދުމަގަށް އެދޭނަމަ، ތިބާގެ މައްޗަށް އޮތީ ނަބިއްޔާ ﷺ ގެ ސުންނަތަށާއި، އެ ނަބިއްޔާ ﷺ އަށް ފަހު، އެ ނަބިއްޔާﷺ ގެ އަޞްޙާބް ބޭކަލުންގެ ސުންނަތަށް ތަބާވުމެވެ. މިނޫންގޮތަކަށް ތިބާ ޢަމަލު ކޮށްފިނަމަ، ތިބާ ތިޔަހުރީ ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެއް ނޫނެވެ.
ފަހެ، ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا) النساء: ١١٥ މާނައިގެ ތަރުޖަމާ: "އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވެއްޖެ މީހާ (ދަންނާށެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަން އިލާހު އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަން އިލާހު އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ." މިއާޔަތުގައިވާ "މުއުމިނުންގެ މަގާ" މެދުގައި ދަންނައެވެ. އެ މުއުމިނުންގެ ތެރެއިން އެންމެ ފުރަތަމަ ގުނާލެވޭ ފަރާތްތަކެއްގެ ގޮތުގައި ވެގެންދާހުށީ ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުންނެވެ.
إِعْلَامُ الْمُوَقِّعِين އޭ ކިޔުނު ފޮތުގައި الإمام ابْنُ الْقَيِّمِ - رحمه الله - ވަނީ، އަޞްޙާބް ބޭކަލުންގެ ފަހުމުގައި ލާޒިމްވެހުރުމުގެ މައްޗަށް ވާރިދުވެފައިވާ ރިވާޔަތްތައް ގިނަ ޢަދަދަކަށް ޛިކުރުކުރައްވާފައެވެ. އޭގެ ތެރޭގައި عِرْبَاض بنْ سَارِيَة - رضي الله عنه - ގެ އަންނަނިވި ޙަދީޘް ހިމެނެއެވެ.
عِرْبَاض بنْ سَارِيَة - رضي الله عنه - ވިދާޅުވިއެވެ. އެ ވަޢުޡެއްގެ ސަބަބުން ހިތްތަކަށް ބިރުވެރިކަން ވަދެ، ލޯތަކުން ކަރުނަ ފައިބައިގެން ދިޔަ ވައުޟަކުން ﷲ ގެ ރަސޫލާ ﷺ އަހަރެމެންނަށް ވަޢުޟު ވިދާޅުވިއެވެ. ފަހެ، އަހަރެމެން ދެންނެވީމުއެވެ. ﷲ ގެ ރަސޫލާއެވެ! ތިޔައީ ވަދާޢު ކިޔާފައި ދާ މީހަކު ދޭނޭ ފަދަ ވަޢުޡެކެވެ. އެހެންކަމުން، އަހަރެމެންނަށް ވަޞިއްޔަތްކުރައްވާށެވެ! ފަހެ، އެ ނަބިއްޔާ ﷺ ޙާދީޘްކުރެއްވިއެވެ. (( أُوصِيكُمْ بِتَقْوَى اللَّهِ، وَالسَّمْعِ وَالطَّاعَةِ، وَإِنْ تَأَمَّرَ عَلَيْكُمْ عَبْدٌ، فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي، وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ )) رَوَاهُ أَبُو دَاود والتِّرمِذِي، وقال: حَدِيثٌ حَسَنٌ صَحِيحٌ މާނައީ: ﷲ އަށް ތަޤުވާވެރިވުމަށް ތިމަން ނަބިއްޔާ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި އަޑުއަހައި ކިޔަމަންތެރިވުމަށްވެސް ވަޞިއްޔަތްކުރައްވަމެވެ. ތިޔަބައިމީހުންގެ މައްޗަށް ވެރިއެއްގެ ގޮތުގައި އަޅަކު އައި ކަމުގައިވިޔަސް މެއެވެ. ފަހެ، ހަމަކަށަވަރުން، ތިމަން ނަބިއްޔާއަށްފަހު، ތިޔަބައިމީހުންގެ ތެރެއިން ދިރިއުޅޭ ބަޔަކަށް ގިނަގުނަވެގެންވާ ޚިލާފުތަކެއް ފެންނާނެއެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ހިދާޔަތް ލިބިގެންވާ الْخُلَفَاءُ الرَّاشِدُون ގެ ސުންނަތެވެ. އޭގައި ތިޔަބައިމީހުންގެ ކޮލުދަތްތަކުން ދަތްއަޅައި ހިފަހައްޓާހުށިކަމެވެ. އަދި (ދީނުގެ ތެރެއަށް) އަލަށް ގެނެވޭ ކަންކަމާމެދު ތިޔަބައިމީހުން ސަމާލުވާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ އެއީ މަގުފުރެދުމެކެވެ."
ވުމުން، އަހަރެމެން ސަލަފުއް ޞާލިޙުންގެ ފަހުމަށް ރުޖޫޢަވަނީ އެކަމަށް ކުރެވިފައިވާ އިލާހީ އަމުރުފުޅަށްޓަކައެވެ.
الإمام أَحْمَد - رحمه الله - ވިދާޅުވެފައިވެއެވެ. "އެ މައްސަލައެއްގައި ތިބާއަށް ސަލަފަކު ނުވާ މައްސަލައެއްގައި ވާހަކަ ދެއްކުމާ މެދު ތިބާ ސަމާލުވާހުށިކަމެވެ!"(3)
އެބަހީ، އެ މައްސަލައެއްގައި ތިބާގެ ކުރިން ސަލަފުންގެ ތެރެއިން ބޭކަލަކު ބަސްފުޅުވިދާޅުވެފައިނުވާ މައްސަލައެއްގައި، ނުވަތަ ބަސްފުޅުވިދާޅުވެފައި ނުވާ ގޮތަކަށް ތިބާ ވާހަކަ ނުދައްކާހުށިކަމެވެ! ސުންނަތުގެ ޢިލްމުވެރިންގެ މަންހަޖަކީ މިއީއެވެ. الإمام مالك އާއި الإمام أحمد އާއި الإمام البخاري އަދި މިނޫންވެސް ޢިލްމުވެރިން ސަލަފުއް ޞާލިޙުންގެ ފަހުމާ އެއްގޮތަށް ނައްޞުތައް ފަހުމްކުރައްވައި، އެގޮތުގައި ލާޒިމްވެވަޑައިގެންނެވީ އެބޭކަލުންގެ ޢިލްމީ ފެންވަރު ދަށްވެގެނެއް ނޫނެވެ. މި ޢިލްމުވެރިންނަކީ އެބޭކަލުންގެ ޢިލްމީ ދަރަޖައިގެ މައްޗަށް މުޅި އުއްމަތް ހެކިވާ ޢިލްމުވެރިންނެވެ. އެބޭކަލުން، ސަލަފުންގެ ފަހުމުގައި ލާޒިމްވެވަޑައިގެންނެވީ އިލާހީ އަމަރުފުޅަށް ކިޔަމަންތެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ. އަމިއްލަ ޢިލްމީ ފެންވަރު ދަށްވެގެނެއް ނޫނެވެ!
ތެދެކެވެ. މި ޒަމާނުގައި ޚާއްޞަކޮށް ޝަރުޢީ ޢިލްމުގައި މީސްތަކުންގެ ފެންވަރު، މީގެ ކުރީ ޒަމާންތަކާ އަޅާ ބަލާއިރު، ނުހަނު ދަށެވެ. ނަމަވެސް ސަލަފުންގެ ފަހުމަށް ރުޖޫޢަވާންޖެހެނީ ކޮންމެހެން މި ސަބަބަށްޓަކައެއް ނޫނެވެ. މައިގަނޑު ސަބަބަކީ އެކަމަށް ވާރިދުވެފައިވާ އިލާހީ އަމުރުފުޅެވެ. ފަހެ، އެ އިލާހީ އަމުރުފުޅުގެ އިތުރަށް، ޢިލްމީ ބަލިކަށިކަންވެސް ފާހަނގަކުރެވިފައިވާ ހިނދު، ސަލަފުންގެ ފަހުމަށް ރުޖޫޢަވުމުގެ މުހިންމުކަން ކުރިޔަށްވުރެވެސް ބޮޑުވެގެން ދެއެވެ.
ކޮންމެއަކަސް، އަހަރެމެން ސަލަފުންގެ ފަހުމަށް ރުޖޫޢަވަނީ އަހަރެމެންގެ ޢިލްމީ ފެންވަރު ދަށްކަމުންނޭ ބުނެވޭ ބުނެވުމަކީ މީގެ ކުރިން ޢިލްމުވެރިންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ. މި ބަހުގެ ބާޠިލުކަން ދެނެގަތުމުގައި މީގެ ކުރިން ޢިލްމުވެރިޔަކު މި ބަސް ވިދާޅުވެފައި ނުވުންވެސް ފުދެއެވެ. އަދި އެއާއެކު، މި ބަހަކީ އޭގެ ޒާތުގައި އެބަސް ބުނާމީހާ ޢިލްމުގައި ފައިތިލަ ސާބިތުވެފައި ނުވާކަމުގެ ދަލީލެއްވެސް މެއެވެ. ސިލްސިލާގެ މިބައިގައި ގެނެސްދޭން ބޭނުންވި މިންވަރު ގެނެސްދެވުނީއެވެ. ދެން އަންނަ ބައެއްގައިވެސް، ބާޠިލްގެ އަހުލުވެރިންގެ އުސްލޫބުތަކުގެ ތެރެއިން އެހެން އުސްލޫބެއް – إِنْ شَاءَ اللَّهُ - ގެނެސްދޭނަމެވެ.
وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين.
******
[1] މިއީ އެބޭކަލުންނާ އަމިއްލަ ނަފްސު އެއްވަރުކުރާކަން ދޭހަވާ ބަހެކެވެ. އަދި ކިއެއްތަ! މިފަދަ މީހަކު މިބުނަނީ، އެބޭކަލުން ވަކި ގޮތެއް އިޚްތިޔާރުކުރެއްވި ގޮތަށް އަހަރެމެންނަށްވެސް އަހަރެމެން ބޭނުން ގޮތެއް އިޚްތިޔާރުކުރެވޭނެއެވެ. އަހަރެމެންނަކީވެސް އެބޭކަލުން ފަދަ މީހުންނެވެ.
[2] މި ރިވާޔަތަކީ ابن أبي حاتم އާއި ابن جرير ރިވާކުރައްވާފައިވާ ރިވާޔަތެކެވެ. އަދި މިރިވާޔަތަކީ ޙަސަން ދަރަޖައިގެ ރިވާޔަތެއްކަމުގައި އަހަރެމެންގެ ޝައިޚް عَبْدُ اللّهِ الْبُخَارِي -حَفِظَهُ اللَّهُ- ވިދާޅުވެފައިވެއެވެ. މި ލިޔުމުގައި އަޞްލެއްގެ ގޮތުގައި ބަލާފައިވާ ދަރުހުގެ 31 ވަނަ މިނެޓުން ފަށައިގެން އަޑުއައްސަވާށެވެ!
[3] سير أعلام النّبلاء (11/296) ط. الرّسالة.