ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 02 - ކަމެއް އިޢުތިޤާދު ކުރުމަށްފަހު ދެން އެކަމަކަށް ދަލީލު ހޯދުން

بسم الله ، الحمد لله ، والصّلاة والسّلام على رسول الله وعلى آله وصحبه ومن والاه ، أمّا بعد:
ފުރަތަމަ ބައި ކިޔާލުމަށް: މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން
ދެވަނަ ބައި: ކަމެއް އިޢުތިޤާދު ކުރުމަށްފަހު ދެން އެކަމަކަށް ދަލީލު ހޯދުން
މި ސިލްސިލާގެ ދެވަނަބައިގައި މިގެނެސްދެނީ ހަވާނަފްސާއި ބިދުޢައިގެ އަހުލުވެރިން އެބައިމީހުންގެ ބާޠިލު ފެތުރުމަށްޓަކައި ގެންގުޅޭ އުސްލޫބުތަކުގެ ތެރެއިން، އިއުތިޤާދު ކުރުމަށްފަހު ދެން އެކަމަކަށް ދަލީލު ހޯދަން އުޅުމެވެ. ފުރަތަމަ އެބައިމީހުން މަގުފުރެދުމެއް އިޢުތިޤާދު ކުރަނީއެވެ. އެބަހީ؛ ސުންނަތާ ޚިލާފު ޢަޤީދާއެއް ޤަބޫލުކުރުމެވެ. ދެން އެއަށްފަހު، އެ ބާޠިލަކީ ޙައްޤު ކަމުގައި ހަދައި، އޭގައި ޙައްޤުގެ ފޭރާން އެޅުވުމަށްޓަކައި، އެއަށް ޤުރުއާނާއި ސުންނަތުން ދަލީލު ހޯދަން މަސައްކަތް ކުރުމެވެ. އެއަށްފަހު، އެ 'ދަލީލު' ތަކުގެ ބޭނުން ހިފައިގެން އެބޭނުންވާ ބާޠިލު އެއީ ޙައްޤު ކަމުގައި އެބައިމީހުން ހަދާލައެވެ. އެއަށްފަހު، އޭގެ މައްޗަށް ބިނާވެގެންދަނީ މަގުފުރެދުމަކަށްފަހު މަގުފުރެދުމެކެވެ. އަނދިރީގެ މައްޗަށް އަނދިރިއެވެ. އެ މަގުފުރެދުންތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ މަގުފުރެދުމަކީ، އެބައިމީހުންގެ އެ ޢަޤީދާއާ ޚިލާފަށް އައިސްފައިވާ އަސްލު ޙަޤީޤީ ޞަރީޙަ ދަލީލުތަކުގައި ކޮޅުފައިން ޖަހައި ރައްދު ކުރުމެވެ. އަދި ޞައްޙަ ސުންނަތަށް ފުރަގަސް ދިނުމެވެ.
ފަހެ، ސުންނަތުގެ ޢިލްމުވެރިންގެ މަންހަޖަކީ މިއެއް ނޫނެވެ. އެބޭކަލުން ބަޔާންކުރައްވާ ކޮންމެ ކަމެއްވެސް ގެނެސްދެއްވަނީ އޭގެ ދަލީލާ އެއްކޮށެވެ. އަދި އެބޭކަލުން ދަޢުވަތް ދެއްވާފައިވަނީވެސް ދަލީލުތަކަށް ތަބާވުމަށެވެ. މީގެ މިސާލެއްގެ ގޮތުގައި ބުނަމެވެ. شَيْخُ الْإِسْلَامِ مُحَمَّد بنْ عَبْدِ الْوَهَّاب - رحمه الله - އެބޭފުޅާގެ މަޝްހޫރު ރިސާލާއެއް ކަމުގައިވާ "الْأُصُولُ الثَّلَاثَةُ وَأَدِلَّتِهَا" ގެ ފެށޭ ތަނުގައި ވިދާޅުވެފައިވެއެވެ. "ދަންނާށެވެ! ﷲ ތިބާއަށް ރަޙުމަތް ލައްވާށިއެވެ. ހަމަކަށަވަރުން، ހަތަރު ކަމެއް ދެނެގަތުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ފުރަތަމައީ: ޢިލްމެވެ. އެއީ ﷲ މަޢުރިފާކުރުމެވެ. އަދި އެއިލާހުގެ ނަބިއްޔާ މަޢުރިފާކޮށް ދެނެގަތުމެވެ. އަދި އިސްލާމްދީން ދަލީލުތަކާ އެއްކޮށް ދެނެގަތުމެވެ..." މިފޮތަށް ބަލައިފި މީހަކަށް މި މަންހަޖު ވަރަށް ބޮޑަށް ފާޅުވާނެއެވެ. ކޮންމެ ކަމަކަށްވެސް ދަލީލު ގެނެސްދެއްވާފައިވާތަން ފެންނާނެއެވެ. ފަހެ، އެބޭކަލުންގެ ދަޢުވަތަކީ މިއީއެވެ. ދަލީލުތަކުގެ މައްޗަށް ނޫނީ އަހްލުއް ސުންނަތި ވަލްޖަމާޢަތުގެ އެއްވެސް ޢަޤީދާއެއް ނުވަތަ ޢަމަލެއް ބިނާވެފައި ނުވެއެވެ.
މި ބަރަކާތްތެރި މަންހަޖާ ޚިލާފްވެ، ދަލީލަކާއި ނުލައި ކަންތައްތަކެއް އިޢުތިޤާދު ކުރުމަށްފަހު، ދެން އެކަންތައްތަކުގެ މައްޗަށް ދަލީލު ގެންނަން މަސައްކަތްކުރާ މީހުންގެ ޢަމަލު ހުންނަ ގޮތުގެ މިސާލެއްގެ ގޮތުގައި ބުނަމެވެ. އެބައިމީހުންގެ ތެރެއިން ބައެއް މީހުން ބުނެފައިވެއެވެ. މުކައްލަފެއްގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވާ ކަމަކީ ނަޒަރު ހިންގައި ބެލުމެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބާޠިލް ބަހެކެވެ.(1) އަދި ކިއެއްތަ! މުކައްލަފެއްގެ މައްޗަށް އެންމެ ފުރަތަމަ ވާޖިބުވެގެންވަނީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމާއި، އިސްލާމްދީން ދެނެގަތުމެވެ. ޙައްޤު ދެނެގަތުމެވެ! ﷲ ތަޢާލާ ވަޙީ ކުރަށްވާފައިވެއެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (الذاريات: ٥٦) މާނައިގެ ތަރުޖަމާ: "ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމުއެވެ." އަދި مُعَاذ بن جَبَل - رضي الله عنه - ޔަމަނަށް ފޮނުއްވި ހިނދު އެކަލޭގެފާނަށް އިރުޝާދު ދެއްވައި ނަބިއްޔާ ﷺ ޙަދީޘްކުރަށްވާފައިވެއެވެ. (( ... فَلْيَكُنْ أَوَّل مَا تَدْعُوهُمْ إِلَى أَنْ يُوَحِّدُوا اللّهَ... )) މާނައީ: "ތިބާ އެބައިމީހުންނަށް އެންމެ ފުރަތަމަ ގޮވައިލަނީ، ﷲ އެއްކައުވަންތަ ކުރުމަށް ކަމުގައި ހަދާހުށިކަމެވެ!" މިއެވެ. ވުމުން، ބިދުޢައިގެ އަހުލުވެރިން ބުނެފައި އެވާ ބަހުގައި އެބައިމީހުން ވަނީ ޞައްޙަވެގެންވާ ޞަރީޙަ ސުންނަތާ ޚިލާފްވެފައެވެ.
މި ބާޠިލު ބަސް މިގޮތަށް ބުނުމަށްފަހު، ދެން އެބައިމީހުން އޭގެ މައްޗަށް ދަލީލުހޯދަން މަސައްކަތްކުރިއެވެ. އަދި އެބައިމީހުންނަށް އެއިން ދަލީލު ލިބޭކަމަށް ހީވާ ނައްޞުތައް ގެނެސް މީސްތަކުންގެ ކުރިމައްޗަށް ނެރުނެވެ. ފަހެ، ރަނގަޅަށް ބަލައި ހޯދިނަމަ، އެ ނައްޞުތަކުން އެބައިމީހުންގެ ދަޢުވާއަށް އެއްވެސް ދަލީލެއް ނުލިބޭކަން ބަޔާންވެގެން ދިޔައީހެވެ! އަދި، އެ ނައްޞުތަކަކީ ޞައްޙަ ނައްޞުތަކެއްނަމަ، އަހްލުއް ސުންނަތި ވަލްޖަމާޢަތް ދެކޭ ގޮތާ އެ ނައްޞުތައް ޚިލާފު ނުވާކަން ފާޅުވެގެން ދިޔައީހެވެ!
އެހެނީ ޞައްޙަ ދަލީލުތަކަކީ އެކަތި އަނެކައްޗާ ތަޢާރުޟުވާ އެއްޗެއް ނޫނެވެ. ބައެއް ފަހަރު، އޭގެ ބޭރުފުށުން އެއް ދަލީލު އަނެއް ދަލީލާ ތަޢާރުޟުވާހެން ހީވި ކަމުގައި ވިޔަސް މެއެވެ. އެހެނަސް، ޙަޤީޤަތުގައި އެފަދަ ތަޢާރުޟެއް ނޯންނާނެއެވެ. الْإِمَامُ ابْنُ خُزَيْمَة - رحمه الله - ވިދާޅުވެފައިވެއެވެ. "އެއް ޙަދީޘް އަނެއް ޙަދީޘާ އިނދިކޮޅު ވާގޮތަށް ވާރިދުވެފައިވާ ޞައްޙަ ދެ ޙަދީޘެއް ވާކަމެއް އަހަރެންނަށް އެނގިފައެއް ނުވެއެވެ. އެމީހެއްގެ އަތުގައި އެފަދަ ދެ ޙަދީޘް އޮވެއްޖެނަމަ، އެ ހިފައިގެން އަހަރެންގެ ގާތަށް އަންނަ ހުށިކަމެވެ! އަހަރެން އެ ދެ ޙަދީޘް ޖަމާކޮށްދޭހުށީމެވެ!"(2) އެހެނަސް، އެފަދަ ޙަދީޘްތައް ޖަމާކުރުމަކީ، ޙަދީޘް ޢިލްމުގައި ފައިތިލަ ސާބިތުވެފައިނުވާ ފަރާތްތަކަށް ނުހަނު އުނދަގޫ ކަމެއް ކަމުގައި ވެއެވެ.
މިހިސާބުން މި ލިޔުމުގައި ގެނެސްދޭން ބޭނުންވި މިންވަރަށް ގެނެސްދީ ނިމުނީއެވެ. ދެން އަންނަ ބައެއްގައިވެސް، ބިދުޢައާއި ހަވާ ނަފްސުގެ އަހުލުވެރިން އެބައިމީހުން ބާޠިލް ފެތުރުމަށްޓަކައި ބޭނުންކުރާ އުސްލޫބުތަކުގެ ތެރެއިން އުސްލޫބެއް ބަޔާންކޮށްދިނުމުގެ ނިޔަތުގައި ގަލަން އުފުލައިލާނަމެވެ. و بالله التّوفيق،
وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين.
*******************
(1) މި ބަހަކީ މިއީ މުޢުތަޒިލީންނާއި އަޝްޢަރީންގެ ކިބައިން މަޝްހޫރުވެގެން ގޮސްފައިވާ ބަހެކެވެ.
النَّظَر ނުވަތަ ނަޒަރޭ ބުނުމުން މުތަކައްލިމޫންގެ ގާތުގައި އޭގެ މާނައަކީ: އެނގިގެންވާ ދެ ކަމެއް ތަރުތީބުކޮށްގެން އެ ތަރުތީބުގެ އެހީގައި ނޭނގޭ ޢިލްމަކާ ހަމަޔަށް ވާޞިލްވުމެވެ." (މަޞްދަރު: شرح الجوهرة، ص. 37، އަދި ބައްލަވާ: الجويني ގެ الإرشاد، ص. 25) އެބައިމީހުން ދެކޭ ގޮތުގައި ފުރަތަމަ ޖެހޭނީ ނަޒަރު ހިންގައި ބަލާށެވެ. އެގޮތަށް ނަޒަރު ހިންގައި ފިކުރުކޮށްގެން ﷲ މަޢުރިފާކުރާށެވެ. މި ބަހަކީ މިއީ އޭގެ ބާޠިލުކަން ބަޔާންވެގެންވާ ބަހެކެވެ. އެހެނީ، ﷲ ވޮޑިގެންވާކަމުގެ ޢިލްމަކީ އެއީ ނޭނގޭ ކަމެއް ނޫނެވެ. އިސްވެ النَّظَر ގެ ތަޢުރީފުގައި ބަޔާންކުރެވުނު ފަދައިން، نَظَر ހިންގައިގެން ވާސިލްވެވޭނީ ނޭނގޭ ޢިލްމަކަށެވެ. އެހެނަސް، ﷲ ވޮޑިގެންވާކަމީ އިންސާނާގެ ފިޠުރަތުގައިވާ ކަމެކެވެ. ވުމުން، މިފަދައިން ނަޒަރު ހިންގުމަކީ އޭނާގެ މައްޗަށް އޮތް ކަމެއް ނޫނެވެ. އޭނާގެ މައްޗަށް އޮތީ، އެއިލާހަށް އަޅުކަންކުރުމެވެ. މީގެ މާނައަކީ ﷲ ގެ ހެކިތަކާއި އާޔަތްތަކާ މެދު ފިކުރުކޮށް ވިސްނާ ނޫޅޭށޭ އެއް ނޫނެވެ. އެހެނަސް، މިތަނުގައި އިންކާރު މިކުރެވެނީ، މިބައިމީހުން މާނަމިކުރާ ގޮތަށް نَظَر ހިންގުމެވެ. އެބައިމީހުންގެ މި ބަހަކީ މިއީ، ޞައްޙަވެގެންވާ ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކުރުމަށް ހުޅުވައިލެވޭ ދޮރެކެވެ. އެކަމަށް ދެވޭ ދަޢުވަތެކެވެ.
މިއާ މެދުގައި أَبُو الْمُظَفَّر السَّمْعَانِي - رحمه الله - ވިދާޅުވެފައިވެއެވެ. "ފަހެ، ހަމަކަށަވަރުން އަހަރެމެން އިންކާރުކޮށްފައިވާކަން ކަށަވަރީ ކަލާމުގެ އަހުލުވެރިން އަސާސުކޮށްފައިވާ އަސާސަށެވެ. ފަހެ، އެބައިމީހުން ބުނެއެވެ. ހައްދަވައި ބޮޑުކުރައްވާ އިލާހު މަޢުރިފާކުރުމަށް ވާސިލްކޮށްދޭ ގޮތަށް ހިންގައިލެވޭ نَظَر އަކީ (ނުވަތަ ފިކުރަކީ) އެއީ އިންސާނާގެ މައްޗަށް ވާޖިބުވެގެންދާ އެންމެ ފުރަތަމަ ކަމެވެ. މިއީ އެބައިމީހުން އަމިއްލަޔަށް ގެނެސްފައިވާ ބަހެކެވެ. އެބައިމީހުންނަށްވުރެ ކުރިން ސަލަފުންގެ ތެރެއިން އެއްވެސް ބޭކަލަކު، އެއްވެސް އިމާމަކު ވިދާޅުވެފައިވާ ބަސްފުޅެއް ނޫނެވެ." މަޞްދަރު: السُّيُوطِي - رحمه الله - ގެ صوت المنطق والكلام މި ފޮތުގެ ތެރޭގައި ހިމެނޭ الانتصار لأهل الحديث މި ފޮތުގައި، ޞަފްޙާ ނަންބަރު:171.
(2) މި ބަސްފުޅު ابْنُ خُزَيْمَة - رحمه الله - ގެ އަރިހުން الْكِفَايَة (432) ގައި الْخَطِيبُ الْبَغْدَادِيّ - رحمه الله - ރިވާކުރައްވާފައިވެއެވެ. އަދި عُلُومُ الْحَدِيث (258) ގައި ابنُ الصَّلَاح - رحمه الله - ވެސް ޛިކުރުކުރައްވާފައިވެއެވެ.