ޖަމާޢަތް ހަދައިގެން ދުޢާކުރުމަކީ ބިދުޢަވެރި މުންކަރާތެއް - العلامة الإمام ابن باز رحمه الله
ސުވާލު: "ފަރުޟު ނަމާދު ތަކަށް ފަހުގައި ޖަމާޢަތުގައި (އެކަކު ދުޢާކުރުމުން އެންމެން އެ ދުޢާއަށް އާމީން ކިޔުން) މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: "ފަރުޟު ނަމާދުތަކަށްފަހުގައި ނުވަތަ އެހެން ގޮތްތަކަށް ކަމުގައިވީ ނަމަވެސް، ޖަމާޢަތް ހަދައިގެން ދުޢާ ކުރުމަކީ (ދީނުގައި) ބިދުޢައެކެވެ. އެއްވެސް އަޞްލެއްގެ މައްޗަށް (އެއްވެސް ދަލީލެއްގެ މައްޗަށް) ބިނާކޮށްގެން ކުރެވޭ ކަމެއް ނޫނެވެ. އެއީ ނަމާދުގެ ފަހުގައި ކުރިކަމުގައިވީ ނަމަވެސްމެ އެވެ.
ޖަމާޢަތް ހަދައިގެން ކުރެވޭ އެއްވެސް ދުޢާއަކީ ދީނުގައި އެއްވެސް އަޞްލެއްގެ މައްޗަށް (އެއްވެސް ދަލީލެއްގެ މަތީގައި) ކުރެވޭ ކަމެއް ނޫނެވެ.
އިންސާނާއަށް އޮތީ އޭނާގެ އަމިއްލަ ނަފްސަށް ދުޢާކުރުމެވެ. ނުވަތަ އޭނާގެ އިޚްވާނުންނަށް ދުޢާކޮށް އުގަންނައި ދިނުމެވެ. .... އެހެނަސް ޖަމާޢަތެއް ހަދައި އެންމެން އެއްއަޑަކުން ދުޢާ ކުރުމަކީ (ދީނުގައި) އެއްވެސް އަޞްލެއް އެއަށްއޮތް ކަމެއް ނޫނެވެ. އަދި ޚާއްޞަކޮށް ނަމާދުތަކުގެ ފަހުގައި ދުޢާކުރުމެވެ. މި ހުރިހައި ކަންކަމަކީ ބިދުޢަތަކެވެ. އިންސާނާއަށް އޮތީ އޭނާ، އޭނާގެ ވެރި ރައްބު އަށް ދުޢާކުރުމެވެ. އެއީ ނަމާދުގައި ސަލާމް ދިނުމުގެ ކުރީގައި ނަމާދުގެ ފަހުވަޤުތުގައި ދުޢާކުރުމެވެ. ނުވަތަ ނަމާދުގެ ފަހުގައި އޭނާ، އޭނާގެ ރައްބަށް ދުޢާކުރުމެވެ. އެއީ އޭނާ އަދި އޭނާގެ ރައްބުއާ ދެމެދުގައި ކުރެވޭ (ދުޢާއެއްގެ) ގޮތުގަ އެވެ. އެހެނަސް އިމާމު ދުޢާކޮށް، މައުމޫމީން އެބައިމީހުންގެ އަތްތައް އުފުލައި އިމާމްއާ އެކުގައި ދުޢާ ކުރުމަކީ (ދީނުގައި) އެއަށް އެއްވެސް އަޞްލެއް (ދަލީލެއް) އޮތް ކަމެއް ނޫނެވެ. މިއީ ޝަރީޢަތުގައި އޮތް ކަމެއް ނޫނެވެ.
ހަމަ މިފަދައީ، ޖަމާޢަތެއް ހަދައި އެއްއަޑަކުން އެންމެން ދުޢާ ކުރުމެވެ. މި އެންމެހައި ގޮތްތަކަކީ އެއްވެސް އަޞްލެއްގެ (ދަލީލެއްގެ) މަތީގައި ކުރެވޭ ކަންތަކެއް ނޫނެވެ. އެއީ މިސްކިތެއްގައި ނުވަތަ އެހެން ތަނެއްގައި ކުރި ކަމުގައިވިޔަސް އެވެ.
ފަތުވާ : http://goo.gl/uV46WT
މީސްތަކުންނޭވެ!
ދީނުގައި ޒިނޭ ކުރުމަށްވުރެ، މީހުން ޤަތުލުކުރުމަށްވުރެ ބޮޑުވެގެންވާ ފާފައެއް ކަމުގައިވާ ބިދުޢަ ހެދުމުގައިވާ މީހާއަކީ "ސުންނަތް" ދިރުވާ މީހެއްކަމުގައި ވާނެ ހެއްޔެވެ؟ މިފަދަ މީހުންނަކީ ތިބާގެ ދީން ހޯދައިގަންނަ ފަރާތްތައް ކަމުގައި ހަދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނަށް ޖަހަންނަމައަށް ދިއުމުގެ މަގު ކޮށައިދޭނެ ފަރާތްތައް އަންނާނެ ކަމުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. ދީނުގައި އެއްވެސް ދަލީލެއް ނެތް، އެއްވެސް ޢަޞްލެއް އެކަމަކަށް ނެތް ކަމެއް އެއީ ކުރެވޭނެ ކަމެއްތޯ އެވެ؟ މިއަށްވުރެ ނުބައިކަން ބޮޑީ، އެއްވެސް އެއްޗެއް އޮޅުން ފިލައިފައި ނުވާ ބަޔަކަށް މިއީ ކުރެވޭނެ ކަމެއްކަން މިބަޔަކު އެބައިމީހުން ކައިރީގައި ހުރެ ޢަމަލީ ގޮތުން ދައްކައި ދީފައި ވުމެވެ. ﷲ ގެ ދީންނަށް މިފަދައިން ޢަމަލުކޮށްފި މީހަކު ދީނުގެ ނަމުގައި ނުކުރާނީ ކޮން ކަމެއްތޯ އެވެ؟!!
ޢިލްމުވެރިންނަކީ އެބައިމީހުންގެ އިސްވެ ގޮސްފައިވާ ފަރާތްތައް މިޘާލެއް ކަމުގައި ބަލައި، އެ ސުންނަތުގައި ޤާއިމްވެ ދެމިތިބި އަހުލުވެރިންނެވެ. ދީނަށް ބިދުޢަތައް ގެނެސް، އެއްވެސް ދަލީލެއް ނެތް އަޞްލެއްނެތް ކަންތަކުގެ މައްޗަށް މީސްތަކުން ގެނެސް އެބައިމީހުންނަށް ދީނުގައި ޙަރާމްކޮށްފައިވާ ބިދުޢަތައް ގެނެސް އެމީހުންނަށް އެކަމުގައި މިޘާލުދެއްކުމެއް ނޫނެވެ؟ މިއީ ކިޔަވައިގެން "ދަންނަބޭކަލުން" ގެ ޝިޢާރު ފާޅުކުރާނެ އެއްވެސް ފަރުދެއްގެ ޢަމަލު ހުންނާނެ ބީދަ އެއް ނޫނެވެ؟
الإمام الفضيل بن عياض رحمه الله: ވިދާޅުވެފައިވެ އެވެ. "އަހަރެންނާއި ބިދުޢައިގެ އަހުލުވެރިޔާއާ ދެމެދުގައި ދަގަނޑު ކިއްލާއެއް ބިނާވެފައިވުމަށް އަހަރެން ލޯބި ކުރަމެވެ. ބިދުޢަވެރިއަކާ އެކުގައި ކެއުމަށްވުރެ ޔަހޫދީއަކާ ނުވަތަ ނަޞާރާ އަކާ އެކުގައި ކެއުމަށް އަހަރެން ލޯބި ކުރަމެވެ." اللالكائي 2/638
الإمام أبو قلابة رحمه الله: ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުން ބިދުޢަ ވެރިންނާ އެކުގައި ނުއިށީންނާށެވެ. އެބައިމީހުންނާއި ޖަދަލު ނުކުރާށެވެ. ފަހެ، އެބައިމީހުން، ތިޔަބައިމީހުން މަގުފުރެދުންތަކުގެ ތެރެއަށް ވައްދާލައި ގެއްލެނިކޮށް އެކަކުވެސް ސަލާމަތްވެދާނެ ކަމަށް ނުދެކެމެވެ. ނުވަތަ އެބައިމީހުން، ތިޔަބައިމީހުން ދަންނަ އެތައް ކަމެއް ތިޔަބައިމީހުންނަށް އޮޅުވައިލާނެ އެވެ." الآجري في الشريعة 1/453-436
މި ފަދަ ބިދުޢަ ފެތުރުމުގެ އިސްސަފުގައި ދަންނަބޭކަލުން - މިއީ ސުންނަތް ދިރުވާ ޢިލްމުވެރިންތޯއެވެ؟ ނުވަތަ ބިދުޢަ ދިރުވާ ދަންނަބޭކަލުންތޯއެވެ؟
އިޚުވާނީ ސިޔާސީ ހިޒްބުތަކުން ރައްޔިތުން އެއްކޮށް މުޒާހަރާކޮށް ޖަމާޢަތް ހަދައި ވެރިންގެ މައްޗަށް ދުޢާކުރުން