5  ޞަޙާބީ ބޭކަލުންނަށް އަދާކުރަންޖެހޭ ޙައްޤުތައް (2) - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޞަޙާބީ ބޭކަލުންނަށް އަދާކުރަންޖެހޭ ޙައްޤުތައް (2)

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ ޞަހާބީންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވުން

بسم الله الرّحمن الرّحيم، الحمد لله ربّ العالمين، والصّلاة والسّلام على رسوله الأمين، وعلى آله وأصحابه أجمعين، ومن تبعهم إلى يوم الدّين، أمّا بعد:

ދެވަނަ ޙައްޤު: އަޞްޙާބް ބޭކަލުންގެ މާތްކަމާއި، އެބޭކަލުންގެ ޢަދުލުވެރިކަމާއި، އެބޭކަލުންނަކީ އުއްމަތުގެ އެންމެ ހެޔޮ، އެންމެ ފުރިހަމަ މީސްތަކުންކަމާއި، އަދި ޙައްޤުގައިވުން އެންމެ އައުލާވެގެންވާ މީސްތަކުންކަން ހިތުގެ އަޑިން، ޢަޤީދާގެ ގޮތުގައި ޤަބޫލުކުރުން.


 ފަހެ، މާތްކަމާއި، ހެޔޮ ޢަމަލުކުރުމާއި، ޙައްޤާހަމަޔަށް ވާޞިލްވުމުގައި މިއުއްމަތުގައި އަޞްޙާބް ބޭކަލުންފަދަ އެހެން ދެވަނަ ބަޔަކު ނުވެއެވެ. މިއީ މުސްލިމުންގެ މެދުގައި الْإِجْمَاعُ الْقَطْعِي (ޤަޠުއީ އިޖުމާޢު) އޮންނަ ކަމެކެވެ. އަދި ބިދުޢައިގެ އަހުލުވެރިން މިއާއި ޚިލާފްވާ ޚިލާފްވުމަކީ އެއްވެސް ބަރުދަނެއް ހުރި، ބަލައިގަނެވޭ ޚިލާފްވުމެއް ނޫނެވެ. 


الْكَافِيَةُ الشَّافِيَة (نُوَنِيَّة)  ގައި ابْنُ الْقَيِّم -رَحِمَهُ اللهُ- ވިދާޅުވެފައިވެއެވެ. 
إِذْ أَجْمَعَ الْعُلَمَاءُ أَنَّ صَحَابَة الْـ    ـمُخْتَارِ خَيْرُ طَوَائِفِ الْإَنْسَانِ
މާނަ: "ޢިލްމުވެރިން އިޖުމާޢުވި ހިނދެވެ! ނަބިއްޔާ .. ގެ އަޞްޙާބް ބޭކަލުންނަކީ އިންސާނުންގެ އެންމެހައި ބައިގަނޑުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީސްތަކުން ކަމުގެ މައްޗަށެވެ." 


ذَا بِالضَّرُورَةِ لَيْسَ فِيه الْخلْف بَيْـ    ـنَ اثْنَيْنِ، مَا حُكِيَتْ بِهِ قَوْلَانِ
މާނަ: "އެއީ ޟަރޫރީ ގޮތުން އެކަން އޮންނަން އޮތް ގޮތްވެސް މެއެވެ. އަދި މިއީ މިކަމުގައި ދެމީހެއްގެ ދެމެދުގައި ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ. އަދި މިކަމުގައި (ޚިލާފް އުފެދުމުގެ ސަބަބުން) ދެ ބަހެއް ވާރިދުވެފައި ނުވެއެވެ." 


    އެބޭކަލުންގެ މާތްކަމުގެ މައްޗަށްވާ ދަލީލުތައް ގިނަގުނަވެގެން ވެއެވެ. ފަހެ، އެބޭކަލުންގެ ތެދުވެރިކަމާއި، އެބޭކަލުންގެ އީމާންކަމުގެ ޞައްޙަކަމާއި، އެބޭކަލުންގެ ދެމެދުގައި އޮތް ޚާލިޞް ގުޅުމާއި، އެބޭކަލުންގެ ބުއްދިވެރިކަމާއި، އެބޭކަލުންގެ ރައުޔުފުޅުގެ ހެޔޮކަމާއި، އެބޭކަލުންގެ އިޚްލާޞްތެރިކަމުގެ ފުރިހަމަކަމާއި، އެބޭކަލުންގެ އަމާނާތްތެރިކަން ﷲ تعالى ދެނެވޮޑިގެން، އެބޭކަލުންގެ މައްޗަށް ޘަނާގެ ބަސްތައް ޤުރުއާނުގެ އެތައް އާޔަތްތަކެއްގައި ބާވައިލެއްވިއެވެ. އޭގެ ތެރޭގައި އަންނަނިވި އާޔަތްތައް ހިމެނެއެވެ. 


1. އެކަލާނގެ ވާޙީ ކުރެއްވިއެވެ.
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ التوبة: ١٠٠   މާނައީ: "މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބޭކަލުންނަށް ތަބާވީމީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވި އެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ." 


2. އެހެން އާޔަތްތަކެއްގައި ވަޙީކުރައްވާފައި ވެއެވެ.
إِنَّ الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُوا ۚ وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ (72) وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ (73) وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوا وَّنَصَرُوا أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ الأنفال: ٧٢ – ٧٤ މާނައީ: "ހަމަކަށަވަރުން، އީމާންވެ ހިޖުރަކޮށް އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކޮށް އުޅުނު މީހުންނާއި، (އެއުރެންނަށް) ހިޔާވަހިކަންދީ، ނަޞްރު ދިން މީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއް ބަޔެއްގެ އެހީތެރިންނެވެ. އަދި އީމާންވެ ހިޖުރަ ނުކޮށް ތި މީހުން (ދަންނާށެވެ!) އެއުރެން ހިޖުރަކޮށްފުމަށް ދާންދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސް ކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ. އަދި ދީނުގެ ނަމުގައި އެއުރެން ތިޔަބައިމީހުންގެ އެހީއަށް އެދިއްޖެނަމަ، އެއުރެންނަށް ނަޞްރު ދިނުން ތިޔަބައިމީހުންގެ މައްޗަށް ހުށްޓެވެ. އެބަޔަކާ، ތިޔަބައިމީހުންނާ ދެމެދުގައި މުޢާހަދާއެއް ކޮށްފައިވާ ޤައުމަކާ ދެކޮޅަށް މެނުވީއެވެ. ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ. ކާފިރުވީ މީހުން (ދަންނާށެވެ!) އެއުރެންގެ އެއްބަޔަކީ، އަނެއްބަޔެއްގެ އެހީތެރިންނެވެ. ތިޔަބައިމީހުން އެކަން ނުކުރާނަމަ (އެބަހީ: ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ނަޞްރުދީ އެހީވެ ނޫޅޭނަމަ) ބިމުގައި ފިތުނަވެރިކަމާއި، ބޮޑުވެގެންވާ ފަސާދަވެރިކަން އުފެދިދާނެތެވެ. އަދި އީމާންވެ ހިޖުރަކޮށް، ﷲ ގެ މަގުގައި ޖިހާދުކޮށް އުޅުނު މީހުންނާއި، (އެއުރެންނަށް) އެހީތެރިކަންދީ ނަޞްރުދިން މީހުން (ދަންނާށެވެ!) ޙަޤީޤަތުގައި މުއުމިނުންނަކީ ހަމަ އެއުރެންނެވެ. އެއުރެންނަށް ފާފަފުއްސެވުމާއި، ދީލަތިވެގެންވާ ރިޒްޤު ހުށްޓެވެ." 


3. توبة   ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
لَّقَد تَّابَ اللَّهُ عَلَى النَّبِيِّ وَالْمُهَاجِرِينَ وَالْأَنصَارِ الَّذِينَ اتَّبَعُوهُ فِي سَاعَةِ الْعُسْرَةِ مِن بَعْدِ مَا كَادَ يَزِيغُ قُلُوبُ فَرِيقٍ مِّنْهُمْ ثُمَّ تَابَ عَلَيْهِمْ ۚ إِنَّهُ بِهِمْ رَءُوفٌ رَّحِيمٌ التوبة: ١١٧  މާނައީ: "ހަމަކަށަވަރުން، ނަބިއްޔާގެ މައްޗަށާއި، މުހާޖިރުންނާއި، އަންޞާރުގެ މައްޗަށް ﷲ ތައުބާ ލެއްވިއެވެ. އެބޭކަލުންނީ، ދަތިކަމުގެ ވަގުތުގައި އެކަލޭގެފާނަށް ތަބާވީ ބޭކަލުންނެވެ. އޭގެތެރެއިން ބަޔެއްގެ ހިތްތައް، ތެދުމަގުން އެއްކިބާވެ ދިއުމަށް ގާތްވުމަށްފަހުގައެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންނަށް ނުހަނު އޯގާވަންތަ ، ރަޙީމްވަންތަ އިލާހެވެ."


4. فتح   ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا الفتح: ٢٩  މާނައީ: " މުޙައްމަދު ( ﷺ ) އަކީ ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙުމަތްތެރި ބަޔެކެވެ. ﷲ ގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކު ކަމުގައި ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައި ވެއެވެ. އެއީ ތައުރާތުގައިވާ، އެއުރެންގެ މިސާލެވެ. އަދި އިންޖީލުގައިވާ، އެއުރެންގެ މިސާލު އޭގެ ކުދި ނިރުތައް ފަޅާފައިވާ ގޮވާމެއް ފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަން ދިނެވެ. ދެން އެގޮވާން ގަސްތައް ފަލަވެ، އޭގެ ތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުން ދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖައިބުކޮށް ޙައިރާންކުރުވަމުންނެވެ. އެއުރެންދެކެ، ކާފިރުން އުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަ މީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ﷲ ވަޢުދުކުރައްވާފައި ވެއެވެ." 


5. تحريم    ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ التحريم: ٨ މާނައީ: "ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވީ މީހުން، ﷲ ނިކަމެތި ނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރައްބެވެ! އަޅަމެންގެ ނުރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަ އިލާހުއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ."


6. އެހެން އާޔަތްތަކެއްގައި ވަޙީ ކުރައްވާފައި ވެއެވެ.
وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ ۚ لَوْ يُطِيعُكُمْ فِي كَثِيرٍ مِّنَ الْأَمْرِ لَعَنِتُّمْ وَلَٰكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ ۚ أُولَٰئِكَ هُمُ الرَّاشِدُونَ (7) فَضْلًا مِّنَ اللَّهِ وَنِعْمَةً ۚ وَاللَّهُ عَلِيمٌ حَكِيمٌ الحجرات: ٧ – ٨  މާނައީ: "އަދި ތިޔަބައިމީހުންގެ ތެރޭގައި ﷲ ގެ ރަސޫލާ ހުންނެވިކަން ތިޔަބައިމީހުން ދަންނާށެވެ! ކަންތައްތަކުގެ ތެރެއިން ގިނަކަންތަކުގައި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔަމަންވެވަޑައިގަންނަވާނަމަ، ތިޔަބައިމީހުންނަށް ގެއްލުން ލިބިއްޖައީހެވެ. އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ކާފިރުކަމާއި، ފާސިޤުކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރި ކުރެއްވިއެވެ. އެއުރެންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ." 


7. حديد    ސޫރަތުގައި ވަޙީ ކުރައްވާފައި ވެއެވެ.
لَا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ ۚ أُولَٰئِكَ أَعْظَمُ دَرَجَةً مِنَ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا ۚ وَكُلًّا وَعَدَ اللَّهُ الْحُسْنَىٰ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ الحديد: ١٠ މާނައީ: "މައްކާ ފަތަޙަކުރެއްވުމުގެ ކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް، އަދި ހަނގުރާމަކޮށް އުޅުނު މީހުން (އެނޫން މީހުންނާ) ހަމަހަމަވެގެން ނުވެއެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަކުރި މީހުންނަށްވުރެން ދަރަޖައިގެ ގޮތުން އެއުރެން (އެބަހީ: މައްކާ ފަތަޙަކުރެއްވުމުގެ ކުރިން ހޭދަކުރި މީހުން) މާ މާތްކަން ބޮޑެވެ. ކޮންމެ ބަޔަކަށްމެ ހެޔޮ ދަރުމަ، ﷲ ވަޢުދު ކުރައްވާފައި ވެއެވެ. އަދި ﷲ އީ، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."


8. نمل ސޫރަތުގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَىٰ عِبَادِهِ الَّذِينَ اصْطَفَىٰ ۗ آللَّهُ خَيْرٌ أَمَّا يُشْرِكُونَ النمل: ٥٩  މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ޙަމްދު ހުރީ ﷲ އަށެވެ. އަދި އެކަލާނގެ ޚިޔާރުކުރައްވާފައިވާ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ސަލާމް ހުށްޓެވެ. ހެޔޮކަންބޮޑީ، ﷲ ހެއްޔެވެ؟ ނުވަތަ އެއުރެން ޝަރީކުކުރާ އެއްޗެހި ހެއްޔެވެ؟"


    މިއާޔަތުގައިވާ "އެކަލާނގެ ޚިޔާރުކުރައްވާފައިވާ" އަޅުތަކުންނަކީ އެއީ ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުން ކަމުގައި ابنُ عبّاس- رضي الله عنه- އާއި سُفيان الثّوري -رحمه الله- ގެ އަރިހުން ވާރިދުވެފައި ވެއެވެ. 


9. آل عمران ސޫރަތުގައި ﷲ ވަޙީ ކުރައްވާފައި ވެއެވެ.
كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ آل عمران: ١١٠   މާނައީ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައްތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާންވަމުއެވެ."


    މިއާޔަތުން ދަލީލު ލިބޭގޮތް ނުހަނު ފާޅުކަން ބޮޑުވެގެން ވެއެވެ. އެހެނީ، އެއްގޮތަކީ މި އާޔަތުގައި ސީދާ ކަނޑައެޅިގެން މިވަނީ އެބޭކަލުންގެ ވާހަކަ ކަމުގައި ވުމެވެ. އަނެއް ގޮތަކީ ޢާންމު ކޮށް މިއުއްމަތުގެ ވާހަކަ ކަމުގައި ވުމެވެ. އެހެންވެއްޖެ ކަމުގައިވަނަމަ، މިއުއްމަތުގެ ތެރެއަށް އެންމެ ފުރަތަމަ ވަދެގެންދާނޭ މީސްތަކުންނަކީ އެބޭކަލުންނެވެ. އެހެންވުމުން، މިއާޔަތުން އެބޭކަލުންގެ މާތްކަމާއި މަތިވެރިކަން ދަލީލުކޮށްދޭ ކޮށްދިނުމަކީ އިންކާރު ނުކުރެވޭނޭ ދަލީލުކޮށްދިނުމެކެވެ.


10. އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ البقرة: ١٤٣  މާނައީ: "އަދި ހަމައެފަދައިން، ޢަދުލުވެރި އުއްމަތެއް ކަމުގައި ތިމަން އިލާހު ތިޔަބައިމީހުން ލެއްވީމުއެވެ. އެއީ (ޤިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ." 


    މިއާޔަތުންވެސް ދަލީލު ލިބެނީ އިސްވެދިޔަ އާޔަތުން ދަލީލު ލިބޭ ފަދައިންނެވެ. އަދި ކިއެއްތަ! މި އުއްމަތުގެ ހެޔޮކަމާއި މާތްކަން ޒިކުރުކުރެވިފައިވާ ކޮންމެ އާޔަތެއްގައި، އަދި ކޮންމެ ޙަދީޘެއްގައި، އެ މާތްކަން މި އުއްމަތުގެ ތެރެއިން އެންމެ ފުރަތަމަ ލިބިގެންދާ ފަރާތްތައް ކަމުގައި ވާނީ ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުންނެވެ. 

އަޞްޙާބް ބޭކަލުންގެ މާތްކަމާއި، އެބޭކަލުންގެ މަތިވެރިކަމާއި، މަޤާމު ހާމަކޮށްދޭ ގިނަގުނަ ޙަދީޘްފުޅުތަކެއްވެސް ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެފައި ވެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ޙަދީޘްފުޅުތަކެވެ.

 
1. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. (( النُّجُومُ أَمَنَةٌ لِلسَّمَاءِ، فَإِذَا ذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ، وَأَنَا أَمَنَةٌ لِأَصْحَابِي، فَإِذَا ذَهَبْتُ أَتَى أَصْحَابِي مَا يُوعَدُونَ، وَ أَصْحَابِي أَمَنَةٌ لِأُمَّتِي، فَإِذَا ذَهَبَ أَصْحَابِي أَتَى أُمَّتِي مَا تُوعَدُ ))   - رواه مسلم.  މާނައީ: "ތަރިތަކަކީ އުޑަށްވާ އަމާންކަމެކެވެ. ފަހެ، ތަރިތައް ނެތިވެ ދިޔުމުން، އުޑަށް ވަޢުދުކުރެވުނު ކަންތައް އެއުޑާއި ކުރިމަތިލާނެއެވެ. އަދި ތިމަން ނަބިއްޔާ އަކީ ތިމަން ނަބިއްޔާގެ އަޞްޙާބް ބޭކަލުންނަށް ހުރި އަމާންކަމަކީމެވެ. ފަހެ، ތިމަން ނަބިއްޔާ އަވަހާރަވެ ދިޔުމުން، ތިމަން ނަބިއްޔާގެ އަޞްޙާބް ބޭކަލުންނަށް ވަޢުދުކުރެވުނު ކަންތައް އެބޭކަލުންނާ ބައްދަލުކުރާނެއެވެ. އަދި ތިމަން ނަބިއްޔާގެ އަޞްޙާބް ބޭކަލުންނަކީ ތިމަން ނަބިއްޔާގެ އުއްމަތަށް ހުރި އަމާންކަމެކެވެ. ފަހެ، ތިމަން ނަބިއްޔާގެ އަޞްޙާބް ބޭކަލުން އަވަހާރަވެދިޔުމުން، ތިމަން ނަބިއްޔާގެ އުއްމަތަށް ވަޢުދުކުރެވުނު ކަންތައް އެ އުއްމަތާއި ބައްދަލު ކުރާނެ އެވެ." 


    މި ޙަދީޘާއި މެދު ވާހަކަ ދައްކަވަމުން أَبُو الْعَبَّاس الْقُرْطُبِي -رحمه الله- ވިދާޅުވިއެވެ. "އެބަހީ: އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުން ދުނިޔޭގައި ތިއްބެވިހާ ހިނދަކު، ދީން ހެޔޮގޮތުގައި ދެމި އޮންނާނެއެވެ. އަދި ޙައްޤު ފާޅުވެފައި ވާނެއެވެ. އަދި ޢަދުއްވުންގެ މައްޗަށް ނަޞްރު ލިބިފައި ވާނެއެވެ. އެހެނަސް، އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުން އަވަހާރަވެ ނެތިވެ ދިޔުމުން، ހަވާނަފްސުގެ މަގުފުރެދުންތައް ބާރުގަދަވެ، ޢަދުއްވުންނަށް ގަދަކަން ލިބިގެން ދާނެއެވެ. އަދި ދީނުގެ ކަންކަމަށް އުނިކަން އަންނާނެ އެވެ. މިކަމުގެ ބޮޑު މިނަކީ، އެންމެ ފަހުން ގޮސް ބިންމަތީގައި " ﷲ،ﷲ" މިފަދައިން ކިޔާނެ ހަމަ އެކަކުވެސް ނުހުންނާނޭ ހިސާބަށް ދިޔުމެވެ. އެކަލޭގެފާނުގެ އުއްމަތަށް ވަޢުދުކުރެވުނު ކަމަކީ މިއީ އެވެ! اللهُ أَعْلَمُ. "  


2. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. (( لَا تَسُبُّوا أَصْحَابِي، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا بَلَغَ مُدَّ أَحَدِهِمْ وَلَا نَصِيفَهُ ))   - مُتَّفَقٌ عَلَيْهِ.   މާނައީ: "ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ޞަޙާބީންނަށް ބަދުބަސް ނުބުނާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު، އުޙުދު ފަރުބަދަހައި ރަން ހޭދަކުރި ކަމުގައިވިޔަސް، އެއިން ބޭކަލެއް ހޭދަކުރައްވާ މުއްދެއްގެ މިންވަރާއިވެސް އެއްވަރު ވެގެން ނުވެއެވެ. އަދި ކިއެއްތަ! އޭގެ ދެބައިކުޅަ އެއްބަޔާއިވެސް އެއްވަރު ވެގެން ނުވެއެވެ." 


    މި ޙަދީޘާއި މެދު ވާހަކަ ދައްކަވަމުން الشَّوْكَانِي  -رحمه الله- ވިދާޅުވެފައި ވެއެވެ. "މި ޙަދީޘުން މުޚާޠަބު ކުރެވިފައިވަނީ ފަހުން އިސްލާމްވެވަޑައިގެންނެވި އަޞްޙާބް ބޭކަލުންނަށް ކަމުގައި ވެފައި، އެއިން ބޭކަލެއް އުޙުދު ފަރުބަދަހައި ރަން ހޭދަކުރިޔަސް، އޭގެ ކުރިން އިސްލާމްވެވަޑައިގެންނެވި އަޞްޙާބްބޭކަލުންގެ ތެރެއިން ބޭކަލަކު ހޭދަކުރައްވާ މުއްދެއްގެ މިންވަރާއި، އަދި ކިއެއްތަ! އޭގެ ދެބައިކުޅަ އެއްބަޔާއިވެސް އެއްވަރު ނުވާ ކަމުގައިވާނަމަ، އަހަރެމެންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަހައި ރަން ހޭދަކުރިޔަސް، އެއިން ބޭކަލަކު ހޭދަކުރެއްވި ރެވި އޮށްޓަރެއްގެ މިންވަރާއި، އަދި ކިއެއްތަ! އޭގެ ދެބައިކުޅަ އެއްބަޔާއިވެސް އެއްވަރު ވާނޭކަމަށް އަހަންނަށް ހިއެއް ނުވެއެވެ."  


3. އަދިވެސް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. (( خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ ))   - مُتَّفَقٌ عَلَيْهِ.   މާނައީ: "އެންމެ ހެޔޮވެގެންވާ މީހުންނަކީ ތިމަން ނަބިއްޔާގެ ޤަރުނުގެ މީހުންނެވެ. ދެން އެއަށްފަހު އެބޭކަލުންނާއި ޖެހިގެން އަންނަ މީހުންނެވެ. ދެން އެއަށްފަހު އެބޭކަލުންނާއި ޖެހިގެން އަންނަ މީހުންނެވެ." 


އެބޭކަލުންނަކީ އެންމެ ހެޔޮ ޤަރުނުތަކުގެ އަހުލުވެރިކަމުގައި ސިފަކުރައްވައި، މިފަދަ ބޮޑު ޘަނާގެ ބަސްފުޅެއް އެބޭކަލުންނަށް ވިދާޅުވެފައި މިވަނީ ﷲ ގެ ރަސޫލާ ﷺ އެވެ. އެކަލޭގެފާނަކީ ހަވާނަފްސަށް ވާހަކަ ދައްކަވާ ބޭކަލެއް ނޫނެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ. 


ނަބިއްޔާ ﷺ ގެ އަޞްޙާބް ބޭކަލުން ސިފަކުރައްވަމުން ابنُ مَسْعود- رضي الله عنه- ވިދާޅުވެފައި ވެއެވެ. "އެހެންމީހަކު ނަމޫނާއެއް ކަމުގައި ނަގަން ބޭނުންވާ މީހާ، ހަމަކަށަވަރުން މަރުވެފައިވާ މީހަކު އެމީހެއްގެ ނަމޫނާ ކަމުގައި ހަދާށެވެ! އެހެނީ، ހަމަކަށަވަރުން، ދިރިހުރި މީހަކު ފިތުނައެއްގައި ނުޖެހޭނޭ ކަމުގެ މައްޗަށް އަމާންކަމެއް ނެތެވެ. އެބޭކަލުންނަކީ އެއީ މުޙައްމަދު ﷺ ގެ އަޞްޙާބް ބޭކަލުންނެވެ. ﷲ ގަންދީ ބުނަމެވެ. އެބޭކަލުންނަކީ މިއުއްމަތުގެ އެންމެ ހެޔޮވެގެންވާ މީސްތަކުންނެވެ. އެއުންމަތުގެ ތެރެއިން އެންމެ ހިތްތައް ހެޔޮ، އެންމެ ޢިލްމުވެރި، އެންމެ ތަކްލީފުކުޑަ މީހުންނަކީ އެބޭކަލުންނެވެ. އެބޭކަލުންނަކީ، ﷲ އެއިލާހުގެ ނަބިއްޔާ ﷺ ގެ ޞަޙާބީން ކަމުގައިވުމަށާއި، އެއިލާހުގެ ދީން ޤާއިމްކުރެއްވުމަށް އިޚްތިޔާރުކުރެއްވި ބޭކަލުންތަކެކެވެ. އެބޭކަލުންގެ މާތްކަން ތިޔަބައިމީހުން ދެނެގަންނާށެވެ! އަދި އެބޭކަލުންގެ އާޘާރުތަކަށް ތަބާވާށެވެ! އަދި އެބޭކަލުންގެ ދީންވެރިކަމާއި އަޚްލާޤުގައި ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހިފަހައްޓާށެވެ! އެހެނީ، ހަމަކަށަވަރުން އެބޭކަލުންވީ ސީދާވެގެންވާ ހިދާޔަތުގެ މަތީގައެވެ."  


މިމާނަ ދޭހަވާ ބަސްފުޅުތަކެއް ابنُ عُمر- رضي الله عنه-  އާއި الحسن البصري -رحمه الله-  ގެ އަރިހުންވެސް ވާރިދުވެފައި ވެއެވެ. 


އެބޭކަލުންވަނީ އެބޭކަލުންނަށްވުރެ ކުރިން އައި މީސްތަކުންނާއި، ފަހުން އައި މީސްތަކުން ފަހަނައަޅައި ހެޔޮކަމުގައި ކުރިޔަށް ވަޑައިގެންފައެވެ. އިސްލާމްދީން އަހަރެމެންނާ ހިސާބަށް ވާސިލްވެފައިވަނީ އެބޭކަލުންގެ ސަބަބުންނެވެ. ހުރިހާ ހެވަކާއި ހިދާޔަތެއް އަހަރެމެންނާ ހިސާބަށް އައީ އެބޭކަލުންގެ އަރިހުންނެވެ. ފަހެ، އެބޭކަލުންގެ ޢިލްމާއި، އެބޭކަލުންގެ ޢަދުލުވެރިކަމާއި، އެބޭކަލުންގެ ޖިހާދުގެ އަސަރުތަކުގެ މަތީގައި މިއުއްމަތް ޤިޔާމަތާ ޖެހެންދެން އޮންނާނެ އެވެ. ފަހެ، ދީނީ އެއްވެސް ޢިލްމެއް، އެއްވެސް ހިދާޔަތެއް، އެބޭކަލުން މެދުވެރިވެގެން ނޫނީ މިއުއްމަތުގެ އެއްވެސް މީހަކާ ހިސާބަކަށް ނާންނާނެއެވެ. އެބޭކަލުންނަކީ ހިދާޔަތުގެ ސިލްސިލާގެ މުގުލުގައި ތިއްބެވި ބޭކަލުންނެވެ. މިއުއްމަތުގެ ސަނަދުގެ ބިންގަލެވެ. މުސްލިމު ވެރިއެއް ޢަދުލުވެރި ވެއްޖެނަމަ، އެ ޢަދުލުވެރިކަމެއް އެވެރިޔަކާ ހަމަޔަށް އައީ އެބޭކަލުންގެ އަރިހުންނެވެ. މުސްލިމް ރައްޔިތުން ކިޔަމަންތެރިވެއްޖެނަމަ، އެ ކިޔަމަންތެރިކަމެއް އައިސްފައިވަނީ އެބޭކަލުންގެ އަރިހުންނެވެ. އެބޭކަލުންނަކީ ހުރިހާ ހެޔޮކަމެއްގައި މިއުއްމަތުގެ ނަމޫނާއެވެ. ބިމަކަށް އަމާންކަން ލިބުނުނަމަ ލިބިފައިވަނީ އެބޭކަލުންގެ ޖިހާދުގެ ސަބަބުންނެވެ. ފަހެ، ކަނޑިތަކުން އެބޭކަލުން ރަށްތައް ފަތަޙަކުރެއްވިއެވެ. އަދި އީމާންކަމުން މީސްތަކުންގެ ހިތްތައް ފަތަޙަކުރެއްވި އެވެ. އަދި ޢަދުލުވެރިކަމުން ބިންތަކަށް ދިރުން ގެނެސްދެއްވިއެވެ. އަދި ޢިލްމުން ހިތްތަކަށް އަލިކަން ގެނެސްދެއްވިއެވެ. އެއީ ﷲ ގެ ރަސޫލާ ﷺ ގެ ރަސޫލުންނެވެ. ފަހެ، ޤިޔާމަތާއި ޖެހެންދެން، މިއުއްމަތުގެ މީހުން ކުރާ ކޮންމެ ހެޔޮކަމެއްގެ ސަވާބާއި ދަރުމަ އެބޭކަލުންނަށް ލިބިލިބި ހުންނާނެއެވެ. އެ ހެޔޮކަން އުގަންނަވައިދެއްވައި ބަޔާންކޮށްދެވީ އެބޭކަލުން ކަމުގައި ވާތީއެވެ. އެއީ އެބޭކަލުންގެ އަމިއްލަފުޅު ޢަމަލުތަކަށް ލިބިވަޑައިގެންނެވި ސަވާބާއި ދަރުމައިގެ އިތުރުންނެވެ. ފަހެ، އެއިލާހުގެ ރަޙުމަތާއި ފަޟްލުވަންތަވެރިކަމުން އެއިލާހު އިރާދަކުރެއްވި އަޅަކު ޚާއްޞަކުރައްވާ މަތިވެރިކުރައްވާ އިލާހުގެ ހުސްތާޙިރުވަންތަ ކަމާއެވެ! ذلك فضل الله يؤتيه من يشاء، والله ذو الفضل العظيم

شَيْخُ الْإِسْلَام ابْنُ تَيْمِيَة -رحمه الله-  ވިދާޅުވެފައި ވެއެވެ. "އެބޭކަލުންގެ ސީރަތަށާއި، ﷲ އެބޭކަލުންނަށް ދެއްވާފައިވާ މާތްކަމުގެ މައްޗަށް ޢިލްމާއި ވިސްނުމާއެކު ރަނގަޅަށް ބަލައިފި މީހަކަށް، ނަބީބޭކަލުންނަށް ފަހުގައި އެންމެ ހެޔޮވެގެންވާ ޚަލްޤުތަކުންނަކީ އެބޭކަލުންކަން ޔަޤީންކަމާއެކު ބަޔާންވެގެން ދާނެއެވެ. އަދި އެބޭކަލުންފަދަ އެހެން ބަޔަކު ދުނިޔޭގައި އުޅެފައި ނުވާކަމާއި، އަދި ދުނިޔެއަށް ނުވެސް އަންނާނެކަމާއި، އެންމެ ހެޔޮވެގެންވާ، އެންމެ މާތްވެގެންވާ މިއުއްމަތުގެ އެކި ޤަރުނުތަކުގެ ތެރެއިންވެސް، އެންމެ ހެޔޮވެގެންވާ ބޭކަލުންނަކީ އެބޭކަލުންކަން ޔަޤީންކަމާއެކު ބަޔާންވެގެންދާނެ އެވެ." 


    އަޞްޙާބް ބޭކަލުންނަށް ލިބިވަޑައިގެންފައިވާ މާތްކަމާއި މަތިވެރިކަމަށްޓަކައި أَهْلُ السُّنَّةِ وَالْجَمَاعَةِ އެއްބަސްވެ އިއްތިފާގުވެފައިވާ ގޮތުގައި އެންމެހާ އަޞްޙާބް ބޭކަލުންނަކީ ޢަދުލުވެރި ބޭކަލުންތަކެކެވެ. އޭގެ ތެރެއިން އެންމެ ބާކަލަކުވެސް ޖަރަޙަ ވެފައި ނުވެއެވެ. އަދި ހަމަކަށަވަރުން، ބަޔަކަށް ޠަޢުނުކޮށް ބަދުބަސްބުނެވޭ ވަރަށްވުރެ ބޮޑަށް ﷲ تعالى ވަނީ އެބޭކަލުންގެ ޤަދަރު އުފުއްލަވައި މަތިވެރިކުރައްވާފަ އެވެ. އެ އެންމެހާ ބޭކަލުންނަކީ ޢިލްމުވެރިންނެވެ. ވެރިންނެވެ. ލީޑަރުންނެވެ. ﷲ تعالى އެބޭކަލުން އިޚްތިޔާރުކުރެއްވި ކުރެއްވުމުން އެކަން ބަޔާންވެގެން ދެއެވެ. އެކަލާނގެ ވަނީ އެކަލާނގެ ރަސޫލާ ﷺ އަށް ނަޞްރު ދެއްވި، އެކަލޭގެފާނުގެ އަޞްޙާބް ބޭކަލުން ކަމުގައި އެބޭކަލުން ލައްވާފައެވެ. ޘަނާއެއްގެ ގޮތުގައި، ތަޒްކިޔާއެއްގެ ގޮތުގައި، އަދި ތަޢުދީލެއްގެ ގޮތުގައި މިވަރު އެކަނިވެސް ފުދިގެން ވެއެވެ. 


وصلّى الله وسلّم على نبيّنا محمّد وعلى آله وأصحابه أجمعين،  والحمد لله ربّ العالمين

Like what you see?

Close

Hit the buttons below to follow us, you won't regret it...