ޚުޠުބާ ތަކުގައި އަދި ދަރުސް ތަކުގައި ޤުރުއާން ތަރުތީލުކޮށް ކިޔެވުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله

ސުވާލު: ޚުޠުބާ ތަކުގައި އަދި ދަރުސް ދޭހިނދު، އާޔަތްތައް ތަރުތީލުކޮށް ކިޔުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: "މި ކަމުގެ ޙުކުމާމެދު ނުހަނު ގިނައިން ސުވާލު ކުރެވެ އެވެ. ސަބަބަކީ ބައެއް އަޚުން ޚުޠުބާތަކުގައި ނުވަތަ ނަޞޭޙަތްދޭ ހިނދު އާޔަތްތައް ތަރުތީލުކޮށް ކިޔެވުމެވެ. މިކަމަކީ އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އަރިއަހުން އެނގިފައިވާ ކަމެއް ނޫނެވެ. ސަބަބަކީ، ޤުރުއާން ތިލާވަތްކޮށް ކިޔެވުމާއި، ދަލީލު ޛިކުރު ކުރުމަށް އަދި ހެެއްކެއްގެ ގޮތުގައި ޤުރުއާން ކިޔެވުމާއި ދެމެދު ފަރަޤެއް ވެ އެވެ. ތިލާވަތް ކުރާހިނދު ތަރުތީލުކޮށް ތިލާވަތުގެ ޙުކުމްތަކުގައި ކިޔެވުމެވެ. އެހެނަސް ދަލީލު (އެކަމަށް ދަލީލު ބަޔާންކުރުމަށް ކިޔަވާހިނދު) އާޔަތް ތަރުތީލު ކުރުމެއް ނެތެވެ. އަދި ކިޔުންއޮތީ ލަޙުންތަކުން ސަލާމަތްވެގެންވާ ގޮތުގަ އެވެ."
****
ފަތުވާ ނަގާފައިވަނީ : الإجابات المهمة في المشاكل الملمة ص 279
އަޚުންނޭވެ! މި ޢަމަލުތައް މުޖުތަމަޢުތަކަށް ފާޅުވެފައިވަނީ އުއްމަތުގެ ޢީލްމުވެރިންނާއި އިމާމުން އަދި މުޞްލިޙުންގެ މަންހަޖާއި ފަތުވާތަކުގެ މައްޗަށް ބީރައްޓެހިވެފައިވާ ބޮޑުކަމުންނެވެ. ހިތާމައަކީ، މުދައްރިސުން، "ޢިލްމުވެރިން" ގޮތުގައިވާ ބަޔަކު އުއްމަތުގެ ރައްބާނިއްޔަ އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް އެބައިމީހުންގެ ބަސްތައް އިސްކޮށް، ދަރިވަރުން އެބައިމީހުންގެ އަމިއްލަ ގޮތްތަކުގެ މައްޗަށް ތަރުބިއްޔަތު ކޮށްފައިވުމެވެ. މިއީ އަދުގެ ޙާލަތެވެ. މިއީ ދީނުގައިވާ މިފަދަ ކަންތައްތަކުގަ އެވެ. ނުވަތަ ތިބާގެ އަމިއްލަ ބުއްދިއަށް ވިސްނާފައި ގޮތް ކަނޑައެޅުމެވެ. އެގޮތުން ބުނެ އެވެ. "މިއީ ޤުރުއާނެވެ. ޤުރުއާން ކިޔަވަންޖެހޭނީ ރީތިކޮށް ތަރުތީލުކޮށެވެ." މިފަދަ ޢިބާރާތްތައް ބުނާހިނދު، އުއްމަތުގެ ސަލަފުއް ޞާލިޙުންނަކީ ޙުޠުބާ ނުދެއްވާ އަދި ދަރުސްވެސް ނުދެއްވާ ބޭކަލުން ތޯ އެވެ؟ އެބޭކަލުން އެކަންކަމުގައި ތިއްބެވި ހިދާޔަތަކީ ކޮބައިތޯ އެވެ؟ ޞަލަފުއް ޞާލިޙުންނަށް ތަބަޢަވުން ކޮބައިހެއްޔެވެ؟ އަމިއްލަ ބުއްދިއަށް ތަބަވުން އެއީ ދީނުގައިއޮތް އުޞޫލު ހެއްޔެވެ!
އަޚުންނޭވެ! އެހެންވުމުން، ފަތުވާތައް ދީގެން ތިމާމެންނަށް މަޤާމާއި، ޖާހާއި، މުދަލާއި އެހެނިހެން ކަންްތައްތައް ޙާޞިލްވެވޭ ހިނދު، ޢިލްމުވެރިންގެ ފަތުވާތައް ދޫކޮށްލައި، މީސްތަކުން ތަރުބިއްޔަތު ކުރާނެ ގޮތާއިމެދު ވިސްނާލުން ހުއްްޓެވެ.
މުޖުތަމަޢުތަކުގައި މި ފެންނަނީ އެ މަންޒަރުތަކެވެ.