ސުވަރުގެއާ ބެހޭގޮތުން ނަޞޭޙަތްދޭ ހިނދު އެކިއެކި މަންޒަރު ކުރަހައި ސިފަކުރުމުގެ ޙުކުމް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله

ސުވާލު: ދަޢުވަތުދޭ ބައެއް ދާޢީންގެ ބައެއް ރޯލުތަކުގައި، އެއީ ސުވަރުގެއާ ބެހޭގޮތުން ދީފައިވާ ދަރުސެއްނަމަ، ބައެއް ޢިޢުލާނުތަކުގައި ބަޤީޗާ ކުރަހާފައިވެ އެވެ. އަދި ނުބައިކަންތައްތަކާ ބެހޭގޮތުން ދީފައިވާ ދަރުސެއްނަމަ، ހިޔަންޏެއް ކުރަހައި އެއީ ޝައިޠާނާގެ ހިޔަނި ގޮތުގައި ދޭހަވާގޮތަށް ކުރަހާފައިވެ އެވެ. ފަހެ، މި ޢަމަލު ތަކަކީ ހުއްދަވެގެންވާ ޢަމަލުތަކެއް ހެއްޔެވެ؟
ޖަވާބު: މި ކުރެހުންތަކުގައިވަނީ ﷲ މެނުވީ އެހެން އެއްވެސް ފަރާތެއް ދެނެވޮޑިނުގަންނަވާ ޣައިބުގައިވާ ޢިލްމަށް ދަޢުވާކޮށްފަ އެވެ. ސުވަރުގޭގެ (ޙަޤީޤަތް) ﷲ މެނުވީ އެހެން އެއްވެސް ފަރާތެއް ދެނެވޮޑިނުގަންނަވަ އެވެ. އަދި ނަރަކަ، ﷲ މެނުވީ އެހެން އެއްވެސް ފަރާތެއް ދެނެވޮޑިނުގަންނަވަ އެވެ. ކުރެހުންތަކުގައި އެއީ ސުވަރުގެ ނުވަތަ ނަރަކަ ނުވަތަ ސިރާތުމަގު ސިފަކުރެވޭގޮތައް ކުރެހުން ހުއްދައެއް ނުވާނެ އެވެ. މިއީ އެއްވެސް ޙާލެއްގައި ހުއްދަވާނެ ކަންތަކެއް ނޫނެވެ. އަދި މިއީ ޖާހިލު (މީސްތަކުން ޖާހިލު ކަމުގެ ތެރެއަށް ޣަރަޤުވެފައިވާލެއް ބޮޑުކަމުން) ފާޅުވެފައިވާ ކަމެކެވެ."
*****
ފަތުވާ ނަގާފައިވަނީ : الإجابات المهمة في المشاكل الملمة ص 277
އަޚުންނޭވެ! މި ޢަމަލުތަކަކީ އަހަރެމެންގެ މި މުޖުތަމަޢުއަށް ބީރައްޓެހި ކަންތަކެއްވެސް ނޫނެވެ. ސުވަރުގެއާ މެދުގައި ދެވޭ ދަރުސެއްކަމުގައިވެއްޖެ ހިނދު، ބަޤީޗާ ތަކާއި ދެމިގެންދާ ފެންކޯރުތަކުގެ މަންޒަރު ދަރުސްްދޭން ހުންނަ މީހާގެ ފުރަގަހުގައިވާ ސްކްރީނުން ފެންނަން ހުރެ އެވެ. ޤިޔާމަތްވުން ކަމުގައި ވެއްޖެ ހިނދު، ސްކްރީނުން ދުނިޔެ ފަޅައިގެން ކުދިކުދިވެގެންދާތަން ފެންނަން ހުރެ އެވެ. ނަރަކަ ކަމުގައި ވެއްޖެހިނދު ބޮޑެތި އަލިފާންގަޑު ސްކްރީނުން ފެންނަން ހުރެ އެވެ. އެއްފަހަރަކު ބޭއްވުނު މިފަދަ ދަރުސަކަށް މީހުން ހާޒިރުކުރުމަށް މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ބަހަމުން ދިޔަ އިސްތިހާރުގަޑު ތަކުގައި ބަޤީޗާއެއް އަދި ފެންކޯރު ދެމިގެންދާތަން ކުރަހައިފައިވާ މަންޒަރު ލޮލުން ދެކުނީމެވެ.
ﷲ ޣައިބުގައި ލައްވާފައިވާ ޢިލްމުގައިވާ ކަންތައްތައް މިފަދަ މީސްތަކުންނަށް އެނގުނީބާވަ އެވެ! ސުވަރުގެ، ނަރަކަ، ދުނިޔެ ޤިޔާތަމް ވުމުގެ ސިފައިގެ ޢިލްމު ޙާޞިލްކުރެވުނީ ހެއްޔެވެ؟ ނަރަކައިގެ ޚަބަރު އުއްމަތަށް ދެއްވައި އެނަރަކައިގެ މައްޗަށް މީސްތަކުންނަށް އެންމެ ފުރިހަމަ ގޮތުގައި އިންޒާރުދެއްވި ނަބިއްޔާ ﷺ އަށް ދަޢުވަތުދެއްވި މިންވަރަށްވުރެ މިމީސްތަކުންގެ ދަޢުވަތު ފުރިހަމަވީ ހެއްޔެވެ؟ ޢިލްމުވެރިންނަށް ތަބަޢަވެވޭ މިންވަރު ފެނެ އެވެ؟ ޢިލްމަށް ދަޢުވާކުރާ މީހުންގެ ޙަޤީޤަތް، ޖާހިލުކަން ފެތުރިފައިވާ މިންވަރު މިކަންތަކުން ބަޔާންވެގެންވެ އެވެ. މުސްލިމުންގެ ހިތްތަކަށް ޣައިބުގައި ލައްވާފައިވާ ޢިލްމު މިފަދައިން ސިފަކޮށްދީ އެމީސްތަކުންގެ ދީން ހަލާކުކޮށް މަގުގެއްލުވާލުމަކީ ކޮންފަދަ ޖަރީމާއެއް ތޯ އެވެ؟