ރޯދަވެރިޔާ ސިވާކު ބޭނުން ކުރުމާއި ދަތްއުނގުޅާ ބޭސް ބޭނުން ކުރުން - الإِمَامُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ރޯދަވެރިޔާ ސަިވާކު ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އަދި ހަމައެފަދައިން ދަތް އުނގުޅާ ބުރުސް ބޭނުން ކުރުމާއި ދަތް އުނގުޅާ ބޭސް ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ރޯދަވެރިޔާ ރޯދައަށްހުރެ ދުވާލުގެ ކުރީގެ ވަޤުތު ތަކުގައި އަދި ދުވާލުގެ ފަހު ކޮޅުގައި، ސިވާކު ބޭނުން ކުރުމަކީ ސުންނަތެކެވެ. ރޯދައަށް ހުންނަ ދުވަހުގެ އިރު މެދުން ފިލީއްސުރެން އިރު އޮއްސުމާ ހަމައަށް ސިވާކު ބޭނުން ކުރުމަކީ މަކްރޫހަ ވެގެންވާ ކަމެއްގެ ގޮތުގައި ބުނާ ބުނުމުގައި، އެކަށީގެންވާ އެއްވެސް ޙުއްޖަތެއް އޮތްކަމަށް އަހަރެން ނުދެކެމެވެ. (އެކަމުގައި ދަލީލެއް އޮތްކަމަށް އަހަރެން ނުދަންނަމެވެ.) ސަބަބަކީ ސިވާކު ބޭނުން ކުރުން ޝަރުޢުގައި (ޝަރުޢު ކުރެވިގެންވަނީ) ބަޔާންވެގެންވަނީ ޢާންމު ކޮށެވެ. އެކަން ޚާއްޞަ ވެގެންވާ ކަމުގައި ބަޔާންވެގެންވާ އެއްވެސް ދަލީލެއް ނުވެ އެވެ. إمام البخاري ތަޢުލީޤުކޮށް عامر بن ربيعة رضي الله عنه ގެ އަރިހުން ގެންނަވާފައިވާ ރިވާޔަތުގައިވެ އެވެ. (رأيت رسول الله صلى الله عليه وسلم ما لا أحصي يستاك وهو صائم) "އަހަރެންނަށް ރަސޫލާ صلى الله عليه وسلم ރޯދައަށް ހުންނަވާ ހިނދުގައި އަދަދު ނުކުރެވޭހާ ގިނައިން، ސިވާކު ބޭނުން ކުރައްވަނިކޮށް އަހަރެން ދެކުނީމެވެ."
ފަހެ އެހެންވުމުން ރޯދައަށް ނުހުންނަ މީހުންނަށް ސިވާކު ބޭނުން ކުރުން ޝަރީޢަތުގައި ބަޔާންކުރެވިގެންވާ ގޮތަށް، ރޯދައަށް ހުންނަ މީހާއަށްވެސް ސިވާކު ބޭނުން ކުރުން ޝަރުޢު ކުރެވިގެންވެ އެވެ.
ފަހެ، ދަތްއުނގުޅާ ބުރުސް އަދި ދަތްއުނގުޅާ ބޭސް ބޭނުން ކުރުން، 2 ޙާލަތެއްގައި ވެ އެވެ. މިއިން ކޮންމެވެސް ޙާލަތަކަށް ވަންނާނެ އެވެ.
ފުރަތަމަ ޙާލަތަކީ : އެއީ ބާރުގަދަ އެއްޗެއްގެ ގޮތުގައިވެ، މަޢިދާ ތެރެއިން ދިއުމުގެ ބާރު ހުރި އެއްޗެއް ކަމުގައި ވުމެވެ. އިންސާނާއަށް އެ ހިފެހެއްޓުމުގައި ކުޅަދާނަކަމެއް ނުވެ އެވެ. ފަހެ، މިއީ އޭނާއަށް އެ ހިނދުގައި ނުރައްކާ ކަމެކެވެ. އަދި ޙަރާމް ކަމަކަށް ގެންގޮސްދޭ އެއްޗަކީވެސް ޙަރާމް އެއްޗެއްގެ ގޮތުގައިވެ އެވެ. لقيط بن صبرة ގެ ޙަދީޘްގައި ވެ އެވެ. ނަބިއްޔާ صلى الله عليه وسلم އެ ޞަޙާބީއަށް ދެންނެވި އެވެ. (بالع في الإستنشاق إلا أن تكون صائما) "ތިބާ ރޯދައަށް ނުހުންނަ ހިނދުގައި ސްތިންޝާޤް (ވުޟޫ ކުރާއިރު ނޭފަތަށް ފެން ލުން) ވަރަށް ފުރިހަމައަށް، ބޮޑަށް ކުރުން ހުއްޓެވެ."
ރޯދައަށް ހުންނަ ޙާލަތުގައި، ބޮޑަށް އިސްތިންޝާޤް ކުރުން ރަސޫލާ صلى الله عليه وسلم އިސްތިޘްނާ ކުރެއްވި އެވެ. ސަބަބަކީ ރޯދައަށް ހުންނަ ޙާލުގައި ރޯދަވެރިޔާ ބޮޑަށް އިސްތިންޝާޤް ކޮށްފިނަމަ، އޭނާގެ ހަށިގަނޑު ތެރެއަށް ފެންގޮސް އޭނާގެ ރޯދަ ފަސާދަ ކުރާނެ ކަމެއްގެ ގޮތުގައިވާނެ އެވެ.
އެހެންވުމުން އަހަރެމެން ބުނަމެވެ. ބޭނުންކުރާ ދަތްއުނގުޅާ ބޭހަކީ ބާރުގަދަވެ އޭނާގެ މަޢިދާ ތެރެއިން ގޮސްދާނެ ފަދަ ބާރުވެރި އެއްޗެއްގެ ގޮތުގައި ވެއްޖެ ހިނދުގައި، ރޯދައަށް ހުންނަ ޙާލުގައި އެފަދަ ބޭސް ބޭނުން ކުރުން ހުއްދައެއް ނުވާނެ އެވެ. ނުވަތަ އެންމެ ދަށް ޙުކުމެއްގެ ގޮތުގައި ބުނަމެވެ. އޭނާއަށް އެހިނދުގައި އެ ބޭސް ބޭނުން ކުރުން މަކްރޫޙަ ވެގެންވެ އެވެ.
ދެވަނަ ޙާލަތަކީ : ދަތް އުނގުޅާ ބޭސް އަކީ، އެހާމެ ބާރުގަދަ އެއްޗެއްގެ ގޮތުގައި ނުވެ، އަދި އޭނާއަށް ރައްކާތެރިވެ ހުރުމަށް ކުޅަދާނަކަން ލިބިގެންވެ އެވެ. އެހިނދުގައި އެ ބޭނުން ކުރުމަކީ އެއްވެސް މައްސަލައެއްއޮތް ކަމެއް ނޫނެވެ. ސަބަބަކީ އަނގައިގެ އެތެރެއަކީ ހަށިގަނޑުގެ ބޭރުފުށުގެ ޙުކުމުގައިވާ ބައެކެވެ. އެހެންވުމުން އިންސާނާ އޭނާ، މަޟްމަޟާ (އަނގައަށް ފެންލުން) އެއީ އޭނާއަށް ނުރައްކަލެއްނެތް އަދި ހުއްދަވެގެންވާ ކަމެކެވެ. ފަހެ، އަނގައިގެ އެތެރެއަކީ ހަށިގަނޑުގެ އެތެރޭގެ ޙުކުމުގައިވާ ކަމެއްގެ ގޮތުގައިވާނަމަ، ރޯދަވެރިޔާއަށް މަޟްމަޟާ ކުރުން ނަމާވެގެންވާނެ އެވެ.
****
ފަތުވާ ނަގާފައިވަނީ : فتاوى في أحكام الصيام للشيخ العثيمين ص 351