ރަމަޟާން މަހުގައި މީހަކު ކެއުމާއި ބުއިމުގައިވާތަން ފެނުމުން ހަދާނީ ކިހިނެތް؟ - الإمام العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ސުވާލު: ރޯދައަށް ހުރި މީހަކު ހަނދާންނެތިގެން ރޯދަމަހުގެ ދުވާލުގެ ވަގުތުގައި އޭނާ ކެއިންބުއިމުގައި ވަނިކޮށް ފެނުމުން އޭނާއަށް ހަނދާންކޮށްދޭނީތޯ ނުވަތަ ނޫންތޯ އެވެ؟
ޖަވާބު: ރޯދައަށް ހުރި މީހަކު ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ކެއިންބުއިމުގައިވާތަން ފެނުމުން، ފަހެ އެހިނދުގައި އޭނާއަށް ހަނދާންކޮށްދިނުން ވާޖިބުވެގެންވެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވުމުންނެވެ. ނަބިއްޔާ صلى الله عليه وسلم އަށް ނަމާދުގައި ހަނދުމަނެތުމުން ޙަދީޘް ކުރެއްވި އެވެ. (فإذا نسيت فذكروني) "ތިމަން ނަބިއްޔާއަށް ހަނަދުމަނެތިވެއްޖެ ހިނދުގައި ތިމަންނަބިއްޔާއަށް ތިޔަބައިމީހުން ހަނދުމަކޮށްދޭށެވެ."
ފަހެ އިންސާނާވަނީ، އޭނާ ހަނދާންނެތި ކުރެވޭކަންތައްތަކުން ޢުޛުރުވެރިވެގެންވާ މީހެއްގެ ގޮތުގަ އެވެ. އެހެނަސް އެފަދަކަމެއް ކުރުމުން އެމީހެއްގެ ރޯދަ ބާޠިލްވާނެކަން ދަންނަ މީހާއަށް، އެފަދަ ޙާލުގައި (ރޯދަ ބާޠިލްވާނެ ކަންތައް ކުރާމީހާއަށް) ހަނދުމަ ނުކޮށްދިނުމަކީ ފަރުވާކުޑަވެ (ހެޔޮކަމުގައި ފަރުވާލެއް ނުބެހެއްޓި) މީހެއްގެ ގޮތުގައިވާ މީހެކެވެ. ސަބަބަކީ އެއީ އޭނާގެ އަޚެކެވެ. ފަހެ އެހެންވުމުން އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާފަދައިން އޭނާގެ އަޚާދެކެ އޭނާ ލޯބިވުން ވާޖިބުވެގެންވެ އެވެ.
މިކަންތަކުން ޙާޞިލްވެގެންދަނީ، ރޯދައަށް ހުރި މީހަކު ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ހަނދާންނެތިވެ ކެއިންބުއިމުގައިވާތަން ފެނުމުން އެފަދަމީހާއަށް ހަނދާންކޮށްދިނުމެވެ. އަދި ރޯދަވެރިޔާއަށް ހަމައެވަގުތުން ފެށިގެން ކެއުމާއި ބުއިމުން މަނާވެގަންނަން ޖެހޭނެ އެވެ. އެއަށްފަހު އޭނާ ކެއުމާއި ބުއިމުގައިވުން އެއްވެސް ގޮތަކަށް ހުއްދައެއް ނުވާނެ އެވެ.
އަދި އެފަދައިން އޭނާގެ އަނގައިގައި އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ހުރެއްޖެ ހިނދުގައި އެތަކެތި އެއްލާލުން ހުއްޓެވެ. އޭނާއަށް ހަނދާންކޮށްދެވިއްޖެ ހިނދުގައި އެއިން އެއްވެސް އެއްޗެއް ދިރުވާލުން ހުއްދައެއް ނުވާނެ އެވެ. ނުވަތަ އޭނާ އަމިއްލައަށް ރޯދައަށް ހުރިކަން ހަނދާންވުމަށް ފަހުގައިވެސް އެއްވެސް އެއްޗެއް ދިރުވާލުން ހުއްދައެއް ނުވާނެ އެވެ.
އަދި ހަމަކަށަވަރުން މި މުނާސަބަތުގައި، ރޯދަވެރިޔާ ރޯދައަށް ހުންނަ ހިނދުގައި ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރިކަމުގައި ވިޔަސް އޭނާގެ ރޯދަ އެއިން ޙާލަތެއްގައި ނުގެއްލޭނެ ޙާލާތްތައް ބަޔާންކުރަން ބޭނުމެވެ.
ފުރަތަމަ ޙާލަތް: ހަނދާންނެތިވެ ހުންނަ ޙާލުގައި އެފަދަކަމެއް ކުރުން.
ދެވަނަ ޙާލަތް: ޖާހިލުކަމުގައި ހުރެ އެފަދަކަމެއް ކުރުން.
ތިންވަނަ ޙާލަތް: ޤަސްދަކާ ނުލައި އެފަދަ ކަމެއް ކުރެވުން.
ފަހެ، ހަނދާންނެތިވެ ހުރެ ކެއުމާއި ބުއިން، ފަހެ އޭނާގެ ރޯދައަކީ ފުރިހަމަ ރޯދައެއްގެ ގޮތުގައިވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވުމުންނެވެ. (من نسي وهو صائم فأكل أو شرب فليتم صومه، فإنما أطعمه الله وسقاه) "ރޯދައަށް ހުރި މީހަކު، ހަނދާންނެތިވެ ހުރެ، ކައިބޮއިފި ހިދުގައި އޭނާ އެ ރޯދަ ފުރިހަމަކުރާށެވެ. ފަހެ، ހަމަކަށަވަރުން އޭނާއަށް އެ ކެއުމާއި ބުއިން ދެއްވީ ﷲ އެވެ."
އަދި ފަތިސްވަޤުތު ނުވަންނަކަމަށް ހީކޮށް އޭނާ ކައިބޮއިފި ހިނދުގައި ނުވަތަ އިރު އޮއްސިއްޖެ ކަމަށް ހީކޮށް ކެއިންބުއިމުގައިވެ އެއަށްފަހު އޭނާއަށް ހީކުރެވުނުގޮތާ ޚިލާފަށް ބަޔާންވެދިޔުމުން، ފަހެ އެޙާލަތުގައިވެސް އޭނާގެ ރޯދަ ޞައްޙަވާނެ އެވެ. އެއީ أسماء بنت أبي بكر رضي الله عنها ގެ އަރިހުން ޘާބިތުވެގެންވާ ޙަދީޘްގައިވާ ފަދައިންނެވެ. أسماء بنت أبي بكر ވިދާޅުވެފައިވެ އެވެ. (أفطرنا في عهد النبي صلى الله عليه وسلم في يوم غيم ثم طلعت الشمس) "ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި، ވަރަށްވެސް ވިލާބޯވެ އިރު ނުފެނިހުރި ދުވަހެއްގައި އަހަރެމެން ރޯދަ ދޫކުރީމެވެ. އަދި އެދުވަހުގައި (އިރުއޮއްސިއްޖެ ކަމަށް ހީކޮށް ރޯދަ ދޫކުރުމަށްފަހުގައި) އެއަށްފަހު އިރު ފެނުނެވެ." އަދި އެދުވަހުގެ ރޯދަ ޤަޟާކުރުމަށް ނަބިއްޔާ صلى الله عليه وسلم އަމުރުފުޅެއް ނުކުރައްވަ އެވެ. ފަހެ، އެދުވަހުގެ ރޯދަ ޤަޟާކުރުން އެބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާނަމަ، ނަބިއްޔާ އެބައިމީހުންނަށް ރޯދަ ޤަޟާކުރުމަށް އަމުރުފުޅު ކުރެއްވި އެވެ. އަދި އެދުވަހުގައި އެފަދައިން އަމުރުފުޅު ކުރެއްވިނަމަ، އެކަން އަހަރެމެންނާ ހަމައަށް ނަޤުލު ކުރެވިފައިވާނެ އެވެ. ސަބަބަކީ އެބައިމީހުންގެ މައްޗަށް އެފަދައިން އަމުރުފުޅު ކުރެއްވުމުން އެހިނދު އެއީ ﷲ ގެ ޝަރީޢަތުގައި އޮތް ގޮތް ކަމުގައިވާނެ އެވެ. އަދި ﷲ ގެ ޝަރީޢަތް ޤިޔާމަތާއި ޖެހެންދެން ރައްކާތެރި ކުރެވިފައި ފުރިހަމައަށް އެގޮތުގައި ދެމިއޮންނާނެ އެވެ.
އަދި ހަމައެފަދައިން ރޯދަގެއްލޭނެ ކަމެއް ޤަޞްދަކާއި ނުލައި ކުރެވުނު ހިނދުގައިވެސް އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ. މިޘާލަކަށް، މަޟްމަޟާ (ވުޟޫކުރާހިނދުގައި އަނގައަށް ފެންލުން) ފަހެ، އެހިނދުގައި އޭނާގެ ކަރުތެރެއިން ހަށިގަނޑަށް ފެން ދިއައީ އެވެ. ފަހެ، އެހިނދުގައި އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. ސަބަބަކީ އެއީ ޤަޞްދުކޮށްގެން ކުރެވުނު ކަމަކަށްނުވާތީ އެވެ.
އަދި ހަމައެފަދައިން އޭނާ ރޯދައަށް ހުއްޓާ އިޙްތިލާމްވެ، މަނި ބޭރުވުމަކީ އޭނާގެ ރޯދަ ފަސާދަވެ، ގެއްލޭނެ ކަމެއްނޫނެވެ. ސަބަބަކީ ނިދާފައި އޮންނަ މީހާއަކީ އަމިއްލައަށް ޤަޞްދުކޮށްގެން އެކަމެއް ކުރާމީހެއްގެ ގޮތުގައި ނުވާނެ އެވެ. ފަހެ ﷲ މިފަދައިން ވަޙީކުރައްވާފައިވެ އެވެ.
*****
ފަތުވާ ނަގާފައިވަނީ : مجموع فتاوى ورسائل ج 19 ص 272