އިމާމް ފަހަތުގައި ހުރެ މައުމޫމް ރުކުނެއް ނުވަތަ ވާޖިބެއް ދޫކޮށްލައިފި ނަމަ، މައުމޫމްގެ ނަމާދުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ސުވާލު: ސުވާލު ކުރާ މީހާ އަހައެވެ: އިމާމުއާ އެކު (ނަމާދުގައި ހުއްޓައި) އަޅުގަނޑަށް ރުކުނެއް ނުވަތަ ވާޖިބެއް ހަނދާން ނެތިއްޖެ ނަމަ، އަޅުގަނޑު ކަންތައް ކުރަންވީ ކިހިނަކުންތޯ އެވެ؟ އަޅުގަނޑު އަލުން ނަމާދު އިއާދަ ކުރަންވީތޯ އެވެ؟ ނުވަތަ އަޅުގަނޑަށް ލާޒިމްވަނީ ކުށު ސަޖިދަ (ޖެހުން) ތޯ އެވެ؟
ޖަވާބު: މައުމޫމެއްގެ ގޮތުގައި ހުރެ ނަމާދު ކުރާ މީހާއަށް ނަމާދުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެއް ހަދާން ނެތިއްޖެ ނަމަ، އޭނާގެ ކިބައިން އެކަން ވެއްޓޭނެ އެވެ. މިސާލަކަށް: އޭނާ ސަޖިދައިގައި سُبْحَانَ رَبِّيَ الْأَعْلَى ކިޔަން ހަނދާން ނެތުނީ އެވެ. ނުވަތަ ރުކޫގައި سُبْحَانَ رَبِّيَ الْعَظِيم ކިޔަން ހަނދާން ނެތުނީ އެވެ. ނުވަތަ ރުކޫ ކުރާއިރު ނުވަތަ ސަޖިދައަށް ދާއިރު، ނުވަތަ ސަޖިދައިން ތެދުވާއިރު ކިޔާ ތަކްބީރު ހަނދާން ނެތުނީ އެވެ. ފަހެ ހަމަކަށަވަރުން އޭނާގެ ކިބައިން މިކަން ވެއްޓޭނެ އެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ކަމެއް ވާޖިބެއް ނުވާނެ އެވެ. އެއީ އޭނާއަކީ އިމާމަށް ތަބާވާ ފަރާތެއްގެ ގޮތުގައިވާތީ އެވެ. އަދި ހަމަމިފަދައިން އޭނާއަށް ފުރަތަމަ އައްތަޙިއްޔާތު ހަނދާން ނެތިއްޖެ ނަމަ، މަޝްޣޫލުވެ، ފުރަތަމަ އައްތަޙިއްޔާތު ނުކިޔައި، ހަނދާން ނެތުމުގެ ސަބަބުން އެނުކިޔައި އިމާމުއާ އެކީ ތެދުވެއްޖެ ނަމަ، ފަހެ އޭނާގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. އެ ތަހައްމަލު ކުރާނީ އިމާމު އެވެ.
ދެން ފަހެ ރުކުންތައް، އެއީ މަތިވެރިވެގެންވީ ފަރުޟުތަކެވެ. ފަހެ އެރުކުންތައް ކޮންމެހެންވެސް އަދާ ކުރަންޖެހޭނެ އެވެ. ފަހެ އޭނާއަށް އެރުކުންތައް (އެއިން ރުކުނެއް) ހަނދާން ނެތިއްޖެ ނަމަ، އެރުކުން އަދާ ކުރާނީ އެވެ. ދެން އެއަށްފަހު އިމާމުއާ ގުޅޭނީ އެވެ. ފަހެ (މިސާލަކަށް) ރުކޫ ކުރަން އޭނާއަށް ހަނދާން ނެތިއްޖެ ނަމަ އެވެ. އިމާމް މީހާ ރުކޫ ކުރުމަށް ތަކްބީރު ކިޔައި، އަދި ރުކޫއިން ތެދުވި ފަހުން އޭނާއަށް ސަމާލުކަން އަތުވެއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އޭނާ ރުކޫކުރާނީ އެވެ. ދެން އެއަށްފަހު ތެދުވެ، އިމާމަށް ތަބާވާނީ އެވެ. އަދި ހަމަމިފަދައިން (މިސާލަކަށް) ފުރަތަމަ ސަޖިދަ ހަނދާން ނެތިފައި ހުއްޓާ، އިމާމް ސަޖިދައަށް ގޮސް ތެދުވީ އެވެ. އިމާމް ތެދުވި ފަހުން އޭނާއަށް ސަމާލުކަން އަތުވެއްޖެ ނަމަ، ފަހެ ހަމަކަށަވަރުން އޭނާ ސަޖިދަ ޖަހާނީ އެވެ. ދެން އެއަށްފަހު ތެދުވެ، ދެވަނަ ސަޖިދައިގައި އިމާމުއާ ގުޅޭނީ އެވެ. ފަހެ ބުނަން ބޭނުންވާ ވާހަކަ އަކީ: ރުކުންތަކަކީ ޔަގީންކަށަވަރު ކުރެވިގެންވާ ފަރުޟު އަޅުކަންތަކެވެ. މައުމޫން ހަނދާން ނެތިގެން އެރުކުންތައް ނުވެއްޓޭނެ އެވެ. އަދި ކިއެއްތޯ އެވެ. އޭނާ އެރުކުން އަދާ ކުރަން ޖެހޭނެ އެވެ. އެއަށްފަހު އިމާމުއަށް ތަބާވާނީ އެވެ.
◇ ◇ ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد الثاني عشر، كتاب الصلاة القسم السابع، حكم صلاة المأموم إذا ترك ركنا، أو واجبا خلف الإمام، ج12، ص348، فتوى رقم: 177.
ސައިޓް ލިންކް: http://goo.gl/0UcjYJ