ސޫރިއާ އަދި އެނޫން ތަންތަނުގައިވާ މުސްލިމުންނަށް ދިމާވެފައިވާ ދަތިޙާލުން ސަލާމަތްވެވޭނީ ކިހިނަކުންތޯ އެވެ؟ - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

މުސްލިމުންނަށް ދިމާވެފައިވާ ދަތިޙާލުގެ އަޞްލަކީ ތައުޙީދާއި ސުންނަތާއި މެދު ފަރުވާ ކުޑަކޮށްފައިވުން
ޝެއިޚް حفظه الله ވިދާޅުވިއެވެ. "މުސްލިމުންނަށް ދިމާވާ އެކި ކަންތައްތަކަކީ އަހަރެމެން އަޅާނުލާ ދޫކޮށްލާ ކަންތަކެއް ނޫނެވެ. އެހެނަސް އެއާއި ޚިލާފަށް އަހަރެމެން އެކަންތައް މުހިއްމު ކަމެއްގެ ގޮތުގައި ދެކެމެވެ. އެބައި މީހުންނަށް ނަޞްރު ދިނުމުގައި އާއި، އަދި ވެވުނު މިންވަރަކުން އަހަރެމެންނަށް ކުޅަދާނަވީ މިންވަރަކަށް އެމީސްތަކުންނަށް ދިމާވެފައިވާ ދަތި އުދަނގޫ ކަންކަމުން އެމީސްތަކުން ސަލާމަތް ކޮށްދިނުމަށް އެއްމެހައި ވަޞީލަތްތަކުން މަސައްކަތް ކުރަމެވެ. މުސްލިމުން ޤަތުލުކޮށް އެބައި މީހުންނަށް ގެއްލުން ދިނުމަކީ އަހަރެމެންނަށް އެއީ ފަސޭހަ ކަމެއްގެ ގޮތުގައި ބަލައި ގަނެވޭނެ ކަންތަކެއް ނޫނެވެ.
އެހެނަސް މުސްލިމުންނަށް ދިމާވެފައިވާ ކަންތަކުގައި ރޮއެ، ގިސްލާ ހެދުމަކީ އެކަންތަކަށް އަހަރެމެން އަހައްމިއްޔަތު ކަމެއް ދިނުމެއް ނޫނެވެ. އަދި މުޅި މިދުނިޔެ ފުރެންދެން އެއްޗެހި ލިޔެ، ބަސްތައްބުނެ، ހަޅޭއްލަވައި ހެދުމަކީ އެކަންތައް އެއީ ބޮޑެތި ކަންތައްކަމުގައި ދެކޭކަމުގައި ކުރެވޭނެ ކަންތަކެއް ނޫނެވެ. ފަހެ ހަމަކަށަވަރުން މިއިން އެއްވެސް ކަމަކީ ކުޑަވެސް މަންފާއެއް ލިބިދެވޭނެ ކަމެއް ނޫނެވެ.
އެހެނަސް މިގޮތާއި ޚިލާފަށް މުސްލިމުންނަށް ދިމާވެފައިވާ ކަންތައް ޙައްލުވުމުގެ ޞައްޙަ ގޮތުގައިވާ ބޭސްފަރުވާއަކީ:
އެއްމެ ފުރަތަކަ މި ޢުޤޫބާތްތައް މުސްލިމުންގެ ބިންތަކަށް އައުމަށް މެދުވެރި ވެފައިވާ ސަބަބުތައް ހޯދުމެވެ. ޢަދުއްވުން އެބައި މީހުންގެ މައްޗަށް އަތްގަދަ ކޮށްފައިވަނީ ކިހިނަކުންތޯ ހޯދުމެވެ. މިކަންތައް މެދުވެރިވެފައިވާ އެއްމެ ބޮޑު އެއްމެ މުހިއްމު ސަބަބެއް ކަމުގައި ވެފައިވަނީ، ހަމަކަށަވަރުން އެބައި މީހުން ތައުޙީދުގެ މަތިން ފަރުވާ ކުޑަ ކޮށްފައި ވުމެވެ. " (ނަގާފައިވަނީ : دروس من القرآن ص 8-11).
އަޚުންނޭވެ! ސޫރިއާގެ ހާލަތު އޮތީ މިނޫން ގޮތަކަށް ބާވައެވެ. ފަލަޞްތީނުގެ ހާލަތު އޮތީ މިނޫން ގޮތަކަށް ބާވައެވެ. ރާއްޖޭގެ ހާލަތު އޮތީ މިނޫން ގޮތަކަށް ބާވައެވެ. މީސްތަކުންވަނީ ތައުޙީދާއި ސުންނަތާއި މެދު ޣާފިލުވެފައެވެ. އަދި ކިޔެއް ހެއްޔެވެ! އޭގެ އިތުރަށް، ކީރިތި ޤުރުއާނާއި މޫރިތި މާތް ނަބިއްޔާގެ ސުންނަތުގައިވާ ހިދާޔަތް ނޫން ހިދާޔަތްތަކުން (މުޒާހަރާ ކުރުމާއި، ޕާޓީ ހެދުމާއި، ޑިމޮކްރަސީގެ އެކި އެކި މަބާދިޢުތަކުން) ނަޞްރުވެރިކަން ހޯދުމުގައިވިއެވެ. ނަތީޖާއެއްގެ ގޮތުން މުޖްތަމަޢުތަކަށް އައީ ލޭއޮހޮރުވުމާއި ޤަތުލުކުރުމާއި ފިތުނަ ފަސާދައެވެ. ސޫރިޔާގެ ހާލަތު އެހާލަތަށް ބަދަލުވެެގެން ދިޔައީ ކޮންބައެއްގެ އިހުމާލުން ހެއްޔެވެ؟ އެ ޤައުމުގެ ކާފިރުވެރިޔާ ދެކޮޅަށް ރައްޔިތުން މުޒާހަރާކޮށް ހަޅުތާލުކުރުމަށް ފަތުވާދިން މީހުންގެ އިހުމާލުން ނޫންތޯއެވެ؟ ކަންތައްތައް ހައްލުކުރުމަށް މުސްލިމުންނަަށް އޮތީ ޝަރުޢީ ހަމަތައް ނޫންހެއްޔެވެ؟ ކާފަރުވެރިޔާ ބޭލުމަށް ނުކުންނަންވީ މުޒާހަރާކޮށް ހަޅުތާލުކޮށް އިންޤިލާބު ގެނެސްގެންތޯއެވެ؟ އެއީ ތިޔަބައިމީހުންނަށް ލޮބުވެތި ނަބިއްޔާ ދެއްކެވި ހިދާޔަތު ތޯއެވެ؟ މައްކާގެ މުޝްރިކުންނާއި ދެކޮޅަށް ނަބިއްޔާ ނުކުތީ މުޒާހަރާކޮށްގެން ތޯއެވެ؟ ކާފަރު ވެރިޔާ ބޭލުމަށް ނުކުންނަން ޖެހޭނީ އެކަމުގެ ޝަރުޠުތައް ފުރިހަމަ ވުމުންނެވެ. އަދި ނުކުންނަން ޖެހޭނީ ޝަރީޢަތުގައި އަންގަވާފައިވާ މަގުތަކުންނެވެ. މުސްލިމުން އޭނާ ބޭލުމަށް ހަތިޔާރުގެ ގޮތުންނާއި ދީނުގެ ގޮތުން ތައްުޔާރުވާން ޖެހޭނެއެވެ. ކޮންމެހެންވެސް ކުޅަދާނަކަން ހޯދައިގަންނަން ޖެހޭނެއެވެ.
الإِمَامُ محمد بن صالح العثيمين رَحِمَه الله ވިދާޅުވެފައިވެ އެވެ. "އަހަރެމެންނަށް ބަޔާންވެގެންވާ ދަލީލުތަކުގެ މައްޗަށް ﷲ ގެ ހަޒްރަތުން ދަލީލުތަކާއިއެކު ކާފިރުވި ވެރިޔާ ބޭލުމަށް ކުޅަދާނަކަން ލިބިފައިވުމެވެ. އަހަރެމެންނަށް އެ ކުޅަދާނަކަން ލިބިގެން ނުވާނަމަ އެކަމުން އަންނާނީ އަހަރެމެން ނައްތާލަން ބޭނުންވި ނުބަޔަށްވުރެ ބޮޑު ނުބަޔެކެވެ. އެހެންކަމުން އަހަރެމެންނަށް އިޞްލާހުގެނެވޭނެ ކުޅަދާނަ އެހެން ގޮތެއް ހޯދާ ބަލާނީއެވެ. ބައެއް އަޚުންނަށް އިސްލާމްދީނުގައި ނުވާ ހަމާސް ނުވަތަ ޖޯޝު އައިސްގެން މި ކަމުގައި ކުށް ކުރެއެވެ. އެބައިމީހުންގެ މައްޗަށް ﷲ ގެނެސްފައިވާ ވެރިޔާ ދެކޮޅަށް ނުކުތުމުގައި ކުށް ކުރެއެވެ. ﷲ އެއީ ޙަކީމްވަންތަ އިލާހެވެ. އެކަލާންގެ އަނިޔާވެރިންގެ މައްޗަށް އަނިޔާވެރިން އިސްކުރައްވައެވެ. ވެރިން ނުބައިވެ މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ، އެބައިމީހުންގެ މައްޗަށް ހައްދުފަހަނައަޅައި ދިއުމުން، އެކަމަކީ ﷲ އެކަނލާންގެ އަޅުތަކުންގެ މައްޗަށް ހަމައެކަނި އެގޮތް މެދުވެރި ކުރެއްވީ ކަމުގައި ތިޔަބައިމީހުން ނުދެކޭށެވެ. މިކަމުގައި ހިކްމަތްތަކެއް ވެއެވެ. އެކަނލާންގެ ވަޙީކުރެއްވިއެވެ. قَوْله تَعَالَى :{ وَكَذَلِكَ نُوَلِّي بَعْض الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ } "އެބައިމީހުން ހޯދައިގަތް ކަންކަމުގެ ސަބަބުން ތިމަން އިލާހު އަނިޔާވެރިންގެ އެއްބަޔަކު އަނެއް ބަޔަކާއި މަތިކުރެއްވީމެވެ." ރައްޔިތުންގެ ނުބައިކަމުން މެނުނީ އަނިޔާވެރި ވެރިން ރައްޔިތުންގެ މައްޗަށް ވެރިނުގަންނާނެއެވެ."
މިއީ ކިހާ އިބްރަތްތެރި ބަސްފުޅެއް ތޯއެވެ؟ ސޫރިއާއިން އެ ފެންނަނީ މި ހަޤީޤަތް ނޫންތޯއެވެ؟