5 ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމާއި، އެއިލާހު ވޮޑިގެންވާކަމުގެ ދަލީލުތައް - الإِمَامُ العَلاَّمَة مُحَمَّدُ بن صَالِح العُثَيْمِيْن رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah
×

އިންޒާރު

JUser: :_load: غير قادر على استدعاء المستخدم برقم التعريف: 946

توحيد الربوبية ތައުޙީދުއް ރުބޫބިއްޔާ

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމާއި، އެއިލާހު ވޮޑިގެންވާކަމުގެ ދަލީލުތައް - الإِمَامُ العَلاَّمَة مُحَمَّدُ بن صَالِح العُثَيْمِيْن رحمه الله

ކެޓަގަރީ ﷲ އަށް އީމާންވުން

ތަރުޖަމާކުރީ: އަލް-އަޚް މުޖާހިދު ޢަބްދު ﷲ حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުލް ހަދީޘް ގައި ކިޔަވަމުންދާ އަދި ސަލަފީ ޢިލްމުވެރިން އަރިއަހުން ޢިލްމު ހާޞިލް ކުރަމުންދާ ދަރިވަރެއް)


الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުމާއި، އެއިލާހު ވޮޑިގެންވާކަމުގެ ދަލީލުތައް

(الإيمان بالله) އީމާންވުމުގެ މާނަ ލުޣަވީ ގޮތުން ވަރަށް ގިނަ ބަޔަކު ބުނާ ގޮތުގައި އެއީ (التصديق) ތެދުކުރުމެވެ. ތެދުކޮށްފީމޭ އަދި އީމާންވެއްޖައިމޭ ލުޣަވީ ގޮތުން އެއްމާނައެކެވެ. އެހެންނަމަވެސް މިއީ ރަނގަޅު ޤަޥްލެއް ނޫނެވެ. އަދި ކިއެއްތަ ލުޣަވީ ގޮތުން އީމާންވުމުގެ މާނައަކީ: "الإقرار بالشيء عن تصديق به"  އެއްޗެއް ތެދުކުރުމުގެ މަތީން އެއާމެދު ވާ އިޤުރާރުވުމެކެވެ. އެކަމުގެ ދަލީލަކީ ތިބާ ބުނާ ބުނުމެވެ. "آمنتُ بِكَذا" މިވެނި ކަމަކަށް އަހުރެން އީމާންވެއްޖައިން، "أقررتُ بِكَذا" މިވެނި ކަމަކަށް އިޤރާރުވެއްޖައިން، "صدّقتُ فُلانا" މިވެނި މީހަކު ތެދުކޮށްފިން؛ އެހެންކަމަކު "آمنتُ فُلانا" "މިވެނި މީހަކު އަހަރުން އީމާންވެއްޖައިން" މިފަދައިން ތިބާ ނުބުނާނެއެވެ.

ފަހެ އެހެންވުމާއެކު (الإيمان) އީމާންވުމުގައި ހަމައެކަނި ކަމެއް ތެދުކުރުން (التصديق)ގެ މައްޗަށް އިތުރު މާނައެއް އެކުލެވިގެންވެއެވެ. އެއީ ޚަބަރުތައް ޤަބޫލުކުރުމާއި ޙުކުމްތަކަށް ބޯލެނބުން ލާޒިމުކުރުވާ އިޢުތިރާފުވުމަކާއި އިޤްރާރުވުމެކެވެ. ފަހެ އީމާންވުމަކީ މިއީއެވެ. އެހެންކަމުން ތިބާ ﷲ ވޮޑިގެންވާކަމަށް އެކަނި އީމާންވުމަކުން، އެއީމާނަކީ ޚަބަރުތައް ޤަބޫލުކޮށް ޙުކުމްތަކަށް ބޯލެނބުން ލާޒިމުކުރުވާ އީމާންވުމަކަށް ވެއްޖައުމަށް ދާންދެން ފަހެ އެއީ އީމާންވުންކަމަކަށް ނުވާނެއެވެ.

 

الله سبحانه وتعالى އަށް އީމާންވުމުގައި ހަތަރުކަމެއް އެކުލެވިގެންވެއެވެ.


1- الإِيمَان بِوُجُودِهِ سُبْحَانَه وَتَعَالَى (الله سبحانه وتعالى  ވޮޑިގެންވާ ކަމަށް އީމާންވުން)
2- الإِيمَان بِانْفِرَادِهِ بِالرُبُوبِيَّة (ރުބޫބިއްޔަތުގައި އެއިލާހު އެއްކައުވަންތަ ކަމަށް އީމާންވުން)
3- الإِيمَان بِانْفِرَادِهِ بِالأُلُوهِيَّة (އުލޫހިއްޔަތުގައި އެއިލާހު އެއްކައުވަންތަ ކަމަށް އީމާންވުން)
4- الإِيمَان بِأَسمَائِه وَصِفَاتِه (އެއިލާހުގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުން)

 

މިކަންކަމާއެކު މެނުވީ އީމާންކަން ތަޙުޤީޤެއް ނުކުރެވޭނެއެވެ. ފަހެ ﷲ ވޮޑިގެންވާކަމަށް އީމާންނުވާ މީހާއަކީ މުއުމިނެއް ނޫނެވެ. ﷲ ވޮޑިގެންވާކަމަށް އީމާންވެފައި ރުބޫބިއްޔަތުގައި އެއިލާހު އެއްކައުވަންތަކަމަށް އީމާންނުވާ މީހާއަކީ މުއުމިނެއްނޫނެވެ. އަދި ރުބޫބިއްޔަތުގައި އެއްކައުވަންތަކޮށްފައި އުލޫހިއްޔަތުގައި އެއްކައުވަންތަކަމަށް އީމާންނުވާ މީހާއަކީ މުއުމިނެއް ނޫނެވެ. އަދި ރުބޫބިއްޔަތާއި އުލޫހިއްޔަތުގައި އެއްކައުވަންތަކަމަށް އީމާންވެފައި އެއިލާހުގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންނުވާ މީހާއަކީ މުއުމިނެއް ނޫނެވެ؛ އެހެންނަމަވެސް މިކަމުގައި (ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންނުވުމުގައި) އެމީހެއްގެ އީމާންކަން އެކުއެކީގައި ނެތި ފިލައިދާ މީހުނާއި، އީމާންކަމުގެ ފުރިހަމަކަން (كمال الإيمان) ގެއްލޭ މީހުން ހިމެނެއެވެ.


الإيمان بوجوده (ﷲ ވޮޑިގެންވާކަމަށް އީމާންވުން)


ﷲ عزوجل ވޮޑިގެންވާކަމުގެ ދަލީލަކީ ކޮބައިހޭ މީހަކު ބުނެފިނަމަ އަހުރެން ބުނާނަމެވެ؛ ﷲ ވޮޑިގެންވާކަމުގެ ދަލީލަކީ؛ العقل (ބުއްދި)، الحس (ޙިއްސު) އަދި الشرع (ޝަރުޢު)އެވެ. މި ތިންކަންތައްވެސް ﷲ ވޮޑިގެންވާކަމަށް ދަލީލުކޮށްދެއެވެ. އަދި ތިބާ ބޭނުންވެއްޖެނަމަ ފަހެ الفطرة (ފިޠުރަތު) އިތުރުކުރާށެވެ؛ ފަހެ އޭރުން ﷲ ވޮޑިގެންވާ ކަމުގެ ދަލީލުތައް މުޅިއެކު ހަތަރެކެވެ. އެއީ ބުއްދި، ޙިއްސު، ފިޠުރަތު އަދި ޝަރުޢުއެވެ.


އެއްވެސް ޙާލެއްގައި މިތަނުގައި އަހުރެމެން ޝަރުޢު އެންމެފަހުން މި ޛިކުރުކުރީ އެއީ އެ އިސްކުރުން ޙައްޤުނުވާތީއެއް ނޫނެވެ. އެހެންނަމަވެސް ޝަރުޢަށް އީމާންނުވާ މީހަކާ އަހަރުމެން މުޚާޠަބުކުރާތީއެވެ.


1. ބުއްދީގެ ގޮތުން ދަލީލުކޮށްދިނުން: 

މިކާއިނާތު ވުޖޫގައި ވަނީ އަމިއްލައަށް ހެއްޔެވެ؟ ނުވަތަ މިފަދައިން ވަނީ ހަމަ ކުއްލިގޮތަކަށް ހެއްޔެވެ؟ ފަހެ އެ ވުޖޫދުގައިވަނީ އަމިއްލަ ނަފްސަށޭ ތިބާ ބުނެފިނަމަ އެއީ ބުއްދީގެ ގޮތުން މުސްތަޙީލު ކަމެކެވެ. އެހެނީ އެއީ ނެތުމުގެ ތެރެއިން ވާ އެއްޗަކަށްވެފައި އެއީ ނެތް އެއްޗަކަށް ވީ ޙާލުގައި، ވުޖޫދުގައިވާ އެއްޗަކަށް ވެގަންނާނީ ކިހިނަކުން ހެއްޔެވެ؟! ނެތުމުގެ ތެރެއިން ވާ އެއްވެސް އެއްޗަކީ އެ އެއްޗެއް ވުޖޫދުގައި ވެއްޖައުމަށް ދާންދެން އެއްވެސް އެއްޗެއް ނޫނެވެ. އެހެންކަމުން އޭގެ އަމިއްލަ ނަފުސު އުފައްދައި އަމިއްލައަކަށް ވުޖޫދަށް ގެނައުމަކީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ.


އަދި ވުޖޫދުގައި މިވާ ހުރިހާ އެއްޗެއް އުފެދުނީ ހަމަ ކުއްލިގޮތަކަށް ކަމަށް ތިބާ ބުނެފިނަމަ އަހުރެމެން ބުނަމެވެ. މިއީވެސް މުސްތަޙީލުވެގެންވާ ކަމެކެވެ. އޭ ފަހެ އިންކާރުކޮށް ދެކޮޅު ހަދާ މީހާއެވެ! މަތިންދާބޯޓުތަކާއި ރޮކެޓްތަކާއި ކާރުތަކާއި އަދި އެހެނިހެންވެސް އާލާތްތައް ހަމަ ކުއްލިގޮތަކަށް ވުޖޫދުގައި ވީ ހެއްޔެވެ؟ (ހަމަ ހުރެ ބަހައްޓާފައި އެއްވެސް ޚާލިޤަކު ނެތި އުފެދުނީ ހެއްޔެވެ.) ފަހެ އޭނާ ބުނާނެއެވެ. އެއީ ވުން އެކަށީގެންވާ ކަމެއް ނޫނެވެ. ފަހެ ހަމަ އެ ބީދައިން މިދޫނިތަކާއި ފަރުބަދަތަކާއި އިރު ހަނދާ ތަރިތައް އަދި ގަސްގަހާގެއްސާއި އަންދާ ކަޅުދެއްޔާއި ވެއްޔާއި ކަނޑުތަކާއި އެނޫންވެސް ތަކެތި ކުއްލިގޮތަކަށް އުފެދިގެން އައިސް ވުޖޫދުގައި ވުން އެއީ ވާނޭ ކަމެއް ނޫނެވެ.


އަދި ބުނެވޭ ގޮތުގައި ސުމަނިއްޔަތު (އިންޑިޔާގެ ފަލްސަފާވެރި ބައެއް، ޢިލްމުތަކުގެ ތެރެއިން ހަމައެކަނި ޙިއްސުކުރެވޭ އެއްޗަކަށް މެނުވީ އިންކާރުކޮށް އިލާހެއް ނުވާކަމަށް ބުނާ ބައެއް) މިޖަމާޢަތުގެ ބައެއް އަބޫ ޙަނީފާ رحمه الله ގެ ގާތަށް އައެވެ. އަދި ހެއްދެވިފަރާތް (އަލްޚާލިޤު) ޘާބިތުކުރުމުގައި ބަޙުޘްކުރިއެވެ. އަބޫ ޙަނީފާ رحمه الله ވެގެންވަނީ އެންމެ ބުއްދި ރަނގަޅު ޢިލްމުވެރިންގެ ތެރެއިންނެވެ. އަދި އެއްދުވަސް ނޫނީ ދެދުވަސް ފަހުން އައުމަށް އެބައިމީހުންނަށް ވަޢުދުވިއެވެ. ދެން އެބައިމީހުން އައިސް ބުންޏެވެ. ތިބާ ބުނަނީ ކީކޭ ހެއްޔެވެ؟ އަބޫ ޙަނީފާ ދެންނެވިއެވެ. އަހަރެން މި ވިސްނަނީ މުދަލާއި ކާބޯތަކެތި އަޅާ ބަރާކުރެވިފައިވާ ބޯޓަކާ މެދުގައެވެ. ކަނޑުގެ ރާޅުތަކާ އޮއިވަރު ތެރޭގައި އައިސް ބަނދަރާ ގާތްކޮށްފައި އޭގައި ހުރި ތަކެތި ބާލާފައި އެނބުރި ގޮސްފިއެވެ. ދުއްވާ މީހެއް އަދި ކީއްކުރަން މުދާ އުފުލާ ބާލާ ބައެއްވެސް އޭގައި ނެތެވެ. އެބައިމީހުން ބުންޏެވެ. ތިކަމާ މެދު ތިބާ ފިކުރުކުރަނީ ހެއްޔެވެ؟! ފަހެ ޖަވާބުގައި ދެންނެވިއެވެ. އާއެކެވެ. ދެން އެމީހުން ބުންޏެވެ. އެހެންވީއިރު ތިބާ ބުއްދިއެއް ނެތެވެ. ފަހެ އެއްވެސް ދުއްވާމީހެއް ނެތި ބޯޓެއް އައިސް ތަކެތި ބާލާފައި ދާނެއޭ ބުއްދިއަށް ތަޞައްވުރު ކުރެވޭނެ ހެއްޔެވެ! މިއީ ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަބޫ ޙަނީފާ ދެންނެވިއެވެ. ފަހެ ހަމަކަށަވަރުން އުޑުތަކާއި އިރުހަނދާ ތަރިތަކާއި ފަރުބަދަތަކާއި ގަސްގަހާގެއްސާއި ހުރިހާ ޙަޔަވާނަކާއި އިންސާނުން (ވުޖޫގައި) ވަނީ އެތަކެތި ހެއްދެވި ފަރާތަކާ ނުލައިކަން ތިޔަބައިމީހުންގެ ބުއްދިއަށް ވިސްނި ޤަބޫލުކުރެވިފައި މިކަން މިގޮތަށް ވާނެ ކަމަށް ނުވިސްނެންވީ ކީއްވެހެއްޔެވެ؟ ފަހެ އެހިސާބުން، އެމީހުންނާ އެ މުޚާޠަބުކުރީ އެމީހުންގެ ބުއްދިއާ ވިސްނުން ހުރި ގޮތުގެ މަތީންކަން އެނގުނެވެ. އަދި އެއަށް ޖަވާބެއް ދިނުމަށް ނުކުޅެދުންތެރި ވެއްޖެއެވެ.


އަދި ބާދިޔާ (ސަހަރާ/ މީހުން އާބާދުވެފައިވާ ރަށްތަކުގެ ބޭރު) ގައި އުޅޭ އަޢުރާބީއަކަށް ބުނެވުނެވެ. ތިބާ ތިބާގެ ވެރި ރައްބު ދެނެގަތީ ކިހިނެއް ހެއްޔެވެ؟ ފަހެ އޭނާ ބުންޏެވެ. ފިޔަވަޅުތަކުގެ އަޘަރު އެތަނުން ބަޔަކު ދަތުރުކުރިކަމަށް ދަލީލުކޮށްދެއެވެ. އަދި ޖަމަލުގެ ބޮޑުކަމުދާތަކެތި އެތަނުން ޖަމަލެއް ދިޔަކަމަށް ދަލީލުކޮށްދެއެވެ. ފަހެ ތަރިތައް ވާ އުޑާއި، ފުޅާ މަގުތައް ވާ ބިމާއި، ބިޔަ ރާޅުތައް ވާ ކަނޑުތައް (السَّمِيع) އައސްވާވޮޑިގެންވާ (البَصير) ބައްލަވާވޮޑިގެންވާ ފަރާތަށް ދަލީލު ނުކޮށްދޭ ހެއްޔެވެ؟!


މިހެންވުމާއެކު ﷲ عز وجل ވަޙީކުރައްވާފައިވެއެވެ. ﴿أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ﴾ ]الطور: 35[ މާނަޢީ: "ފަހެ އެބައިމީހުން ޚަލްޤުކުރެއްވިގެންވަނީ އެއްވެސް އެއްޗަކުން ނޫނީ ހެއްޔެވެ ނުވަތަ އެބައިމީހުން (އަމިއްލައަކަށް) އެއީ ޚަލްޤުކުރާ މީސްތަކުން ހެއްޔެވެ."


ފަހެ މިއާއެކު ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށް ކަނޑައެޅި ޔަޤީންވެގެންވާ ދަލީލުކުރުމަކުން ބުއްދި (العقل) ދަލީލުކޮށްދޭކަން އެނގި ހާމަވެއެވެ.

 

2. ﷲ ވޮޑިގެންވާކަމަށް ޙިއްސީ ގޮތުން ދަލީލުކޮށްދިނުން:

ފަހެ ހަމަކަށަވަރުން އިންސާނާ ﷲ އަށް ދުޢާކުރެއެވެ. يا ربّ! އޭ ތިމަންނަގެ ވެރި ރައްބު! އަދި ބޭނުންކަމަށް އެދި ދުޢާކުރެއެވެ. ދެން އޭނާއަށް އެކަމުގައި ދުޢާ އިޖާބަކުރެވިގެން ދެއެވެ. މިއީ ޙިއްސީ ދަލީލެކެވެ. އޭނާ އަމިއްލައަށްވެސް ﷲ ނޫން ފަރާތަކަށް ދުޢާ ނުކުރެއެވެ. އަދި ﷲ އެ ދުޢާ އިޖާބަކުރެއްވިއެވެ. އެކަން އޭނާ ދުށީ ހަމަ ލޮލުންނެވެ. ފަހެ މިފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާ ދުޢާ އިޖާބަކުރައްވާކަން އަހަރުމެންގެ ކުރިން އިސްވެދިޔަ މީހުންނާއި އަހަރުމެންގެ މިޒަމާނުގައި އެތައް ބަޔެއްގެ ކިބައިން އަޑު އިވެއެވެ.


ފަހެ ރަސޫލާ صلّى الله عليه وسلّم ހުކުރު ދުވަހު ޚުޠުބާ ދެއްވަން ހުންނަވަނިކޮށް އަޢުރާބީއަކު ވަދެ ބުންޏެވެ. ނަޢަމްސޫފިތައް ހަލާކުވެއްޖެއެވެ. އަދި (ރިޒުޤުގެ) މަގުތައް ބަންދުވެއްޖެއެވެ. ފަހެ އަހަރުމެންނަށް ވާރޭ ވެއްސެވުން އެދި ﷲ އަށް ދުޢާކޮށްދެއްވާށެވެ. أنس رضي الله عنه (ޙަދީޘުގެ ރާވީ) ވިދާޅުވިއެވެ. އުޑުގައި އެއްވެސް ވިލާއެއް އަދި ކިއެއްތަ ވިލާއެއްގެ ކުނޑި މިންވަރެއްވެސް ނުވެއެވެ. އަދި އަހަރުމެންނާ ސަލްޢު ފަރުބަދަ (މަދީނާގައި މަސްޖިދުއްނަބަވީގެ ހުޅަނގަށް ހުންނަ ފަރުބަދައެއް) އާއި ދެމެދު އެއްވެސް ގެއެއް ދާރެއް ނުވެއެވެ. ދެން ފަހެ ރަސޫލާ صلّى الله عليه وسلّم ދުޢާކުރެއްވުމާއެކު ސަލްޢު ފަރުބަދައިގެ ފަހަތުން އައްޑަނައެއް ވަރުގެ ވިލާކޮޅެއް ނުކުމެ، އުޑުމައްޗަށް އަރައި ފެތުރިއްޖެއެވެ. އަދި ވިދާ ގުގުރި ޖަހައި ވާރޭ ވެހިއްޖެއެވެ. ފަހެ ރަސޫލާ صلّى الله عليه وسلّم ގެ ތުނބުޅިފުޅުން ވާރޭ ފެނުގެ ތިކިތިކި ޖަހަމުން ދިޔަ ޙާލުގައި މެނުވީ މިންވަރުން ފައިބާވަޑައިނުގަންނަވައެވެ.


ފަހެ މިފަދައިން ހިނގާ ކަންކަން ޙިއްސީގޮތުން ޚާލިޤަކު ވޮޑިގެންވާކަމަށް ދަލީލުކޮށްދެއެވެ.


މިފަދަ މިޘާލުތައް ޤުރުއާނުގައި ނުހަނު ގިނައެވެ. އެގޮތުން އެއް މިޘާލަކީ: ﴿ وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ . فَاسْتَجَبْنَا لَهُ ﴾  ]الأنبياء: 83، 84[ މާނަޢީ: "އަދި އައްޔޫބު عليه الصلاة والسلام  އެ ނަބިއްޔާގެ ވެރި ރައްބަށް ދުޢާ ދެންނެވި ހިނދެވެ. ހަމަކަށަވަރުން ތިމަންނައަށް ގެއްލުމާ ހަލާކު ޖެހިއްޖެއެވެ. ފަހެ ހަމަކަށަވަރުން އިނބަ އިލާހީ ރަޙުމުކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙުމަތްވަންތަ ފަރާތެވެ. ދެން ފަހެ ތިމަން ﷲ އެ ނަބިއްޔާއަށް އިޖާބަދެއްވީމެވެ." އަދި މިނޫންވެސް އެތައް އާޔަތެކެވެ.


3. އަދި ފިޠުރީގޮތުން ﷲ ވޮޑިގެންވާކަމުގެ ދަލީލަކީ:

ފަހެ މީސްތަކުންގެ ތެރެއިން އެބައިމީހުންގެ ފިޠުރަތު ފަސާދަވެ ބަދަލުވެފައިނުވާ އެތައް ބަޔަކު ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށް އީމާންވެއެވެ. އަދި ކިއެއްތަ ވާހަކަ ނުދެއްކޭ ޙަޔަވާނުންވެސް ﷲ ވޮޑިގެންވާކަމަށް އީމާންވެއެވެ. ސުލައިމާނު عليه الصلاة والسلام  ގެ ފަރާތުން އައިސްފައިވާ ހިނީގެ ވާހަކައިގައި ވެއެވެ. ސުލައިމާނު عليه الصلاة والسلام   އިސްތިސްޤާ ކުރެއްވުމަށް ނުކުމެވަޑައިގެން ހިނދު ހިންޏެއް އޭތީގެ ބުރަކަށި މައްޗަށް އޮށޯވެ ފައިތައް އުޑާ ދިމާއަށް އުފުލައިގެން އޮތް ޙާލު ދުޢާކުރަނިކޮށް ދެކެވަޑައިގަތެވެ. އަޅާގެ ވެރި އިލާހު! ހަމަކަށަވަރުން ތިމަންނަމެންނީ އިނބައިލާހުގެ ޚަލްޤުތަކުންގެ ތެރެއިން ޚަލްޤަކީމެވެ. ފަހެ ފެން ތިމަންނާމެނަށް މަނާ ނުކުރައްވާނދޭވެ! ދެން ފަހެ ސުލައިމާނު عليه الصلاة والسلام  (ޤައުމުގެ މީސްތަކުންނަށް) ވިދާޅުވިއެވެ. ތިޔަބައިމީހުން އެނބުރިދާށެވެ. ފަހެ ތިޔަބައިމީހުން ފިޔަވައި އެހެން ބައެއްގެ ދުޢާގެ ސަބަބުން ތިޔަބައިމީހުންނަށް ފެން ލިބިއްޖެއެވެ.


ފަހެ ޠަބީޢީ ގޮތުން ފިޠުރަތު ލެއްވިގެންވަނީ ﷲ عزّ وجلّ ދެނެގަތުމާއި އެއިލާހު އެއްކައުވަންތަކުރުމުގެ މައްޗަށެވެ. މިކަމުގެ މައްޗަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅުގައި އިޝާރާތްކުރައްވާފައިވެއެވެ. ﴿ وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَىٰ  شَهِدْنَا  أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَـٰذَا غَافِلِينَ ﴿١٧٢﴾ أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّن بَعْدِهِمْ  أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ﴾  ]الأعراف: 162، 163[ މާނައީ : "އަދި ނަބިއްޔާގެ ވެެރިއިލާހު އާދަމުދަރިންގެ ކިބައިން، އެބައިމީހުންގެ ބުރަކަށިތަކުން އެބައިމީހުންގެ ދަރިފަސްކޮޅު ނެރުއްވައި އެބައިމީހުންގެ އަމިއްލަނަފްސުތަކުގެ މައްޗަށް އެބައިމީހުން ހެކިކުރެއްވިހިނދު ހަނދުމަކުރައްވާށެވެ. (ﷲ ވަޙީކުރެއްވި އެވެ.) ތިޔަބައިމީހުންގެ ވެރި އިލާހުކަމުގައި ތިމަންއިލާހު ވޮޑިގެން ނުވަން ހެއްޔެވެ؟ އެބައިމީހުން ދެންނެވި އެވެ. ނޫނެވެ، އިބައިލާހުއީ އަޅަމެންގެ ވެރި އިލާހު އެވެ. އެކަމަށް އަޅަމެން ހެކިވެއްޖައީމެވެ. މިކަމާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެ ކަމަށަޓަކަ އެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެ ކަމަށްޓަކަ އެވެ. ޝަރީކުކޮށް އުޅުނުކަން ކަށަވަރީ ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ އެބައިމީހުންނަށްވުރެ ފަހުން އައި ދަރިފަސްކޮޅެއް ކަމުގަ އެވެ. ފަހެ، ބާޠިލް ގޮތަށް އުޅުނު މީހުން ކުޅަކަންތައްތަކަށްޓަކައި، ތިމަންމެން ހަލާކުކުރަންވީތޯ އެވެ."


ފަހެ ޠަބީޢަތުގައި އިންސާނާ އުފެދިގެންވަނީ އޭނާގެ ފިޠުރަތު ﷲ ތަޢާލާ ވޮޑިގެންވުމާއި އެއިލާހުގެ ރުބޫބިއްޔަތުގެ މައްޗަށް ހެކިވާ ގޮތުގެ މަތީންކަން މިއާޔަތް ދަލީލުކުރެއެވެ. އެއީ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ آدم عليه الصلاة والسلام  ގެ ބުރަކަށިފުޅުން އެބައިމީހުން ނެރެ އެކަމުގެ މައްޗަށް ހެކިކުރުވިކަމަށް ނުވަތަ މިކަމުގެ މައްޗަށް އިޤުރާރުވާގޮތުގެ މަތީން އެބައިމީހުންގެ ފިޠުރަތު ﷲ ތަޢާލާ އެކުލަވާލައްވައި އުފައްދަވާފައިވާކަމަށް އަހަރުމެން ބުނި ނަމަވެސް އެވެ. ފަހެ އިންސާނާ އޭނާގެ ފިޠުރަތުގައި އޭނާގެ ވެރި ރައްބު ދަނެގަންނަކަން މިއާޔަތް ދަލީލުކޮށްދެއެވެ.


އިސްވެ ދިޔަ މި ތިން ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށް ދަލީލުކޮށްދޭ ތިން ދަލީލެކެވެ.

4. ﷲ ވޮޑިގެންވާކަމަށް ޝަރުޢީ ގޮތުން ދަލީލުކޮށްދިނުން:

އެހެނީ ޚަލްޤުތަކުންގެ ހުރިހާ ކަމެއް އިޞްލާހުކޮށްދެނިވި ކަންކަން އެކުލެވޭ ގޮތުގެ މަތިން ﷲ ތަޢާލާގެ ޝަރީޢާތްތަކާއިގެން ރަސޫލުބޭކަލުން ވަޑައިގެންނެވި ކަންކަން، އެބޭކަލުން އެތަކެއްޗާއިގެން ފޮނުއްވީ ރަޙީމުވަންތަ ޙިކުމަތްތެރި ރައްބެއްކަން ދަލީލުކޮށްދެއެވެ. އަދި ވަކިން ޚާއްޞަކޮށް މި މަތިވެރިގެންވާ ޤުރުއާނެވެ. އެއީ އެފަދަ އެއްޗެއް ގެނައުމަށް އިންސީންނާ ޖިންނިން ނުކުޅެދިފައިވާ ފޮތެވެ.

****

ފަތުވާ ނަގާފައިވަނީ : الشيخ رحمه الله ގެ شرح العقيدة الواسطية އިން

Like what you see?

Close

Hit the buttons below to follow us, you won't regret it...