5 شرح العقيدة الواسطية (ތަޥްޙީދުއް ރުބޫބިއްޔާ) - الشيخ العلامة محمد بن صالح بن عثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah
×

އިންޒާރު

JUser: :_load: غير قادر على استدعاء المستخدم برقم التعريف: 946

شرح العقيدة الواسطية (ތަޥްޙީދުއް ރުބޫބިއްޔާ) - الشيخ العلامة محمد بن صالح بن عثيمين رحمه الله

ކެޓަގަރީ توحيد الربوبية ތައުޙީދުއް ރުބޫބިއްޔާ

وقد قسم العلماء رحمهم الله التوحيد إلى ثلاثة أقسام: أحدها:

توحيد الربوبية

(ތައުޙީދުއް ރުބޫބިއްޔާ) އެއީ ތިން ކަމެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ.

(1) ޚަލްޤުކުރެއްވުމާއި،

(2) މުލްކުފުޅުގައި އަދި

(3) ކަންކަން ހިންގާ ތަދުބީރުކުރެއްވުމުގައެވެ.
 

އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ.

(أَلَا لَهُ الْخَلْقُ وَالْأَمْرُ (الأعراف: ٥٤) މާނައީ: "ހެއްދެވުމާއި أمر ކުރެއްވުންވަނީ، ހަމައެކަނި އެއިލާހަށް ޚާއްޞަވެގެންނެވެ".

މިއާޔަތުން އެކަމަށް ދަލީލުކޮށްދޭ ގޮތަކީ، ﷲ ތަޢާލާ މިއާޔަތުގައި ޚަބަރު ކުރިއަށް ގެންނަވާފައި އޮތުމުންނެވެ. އެހެނީ ޖުމްލައިގައި ޚަބަރުގެ ޙައްޤަކީ، މުބްތަދާގެ (ފުރަތަމަ ފަށައިގަނެވޭ ނަމުގެ) ފަހުން އައުމެވެ.  ބަލާޣަތްތެރިކަމުގެ ޤަވާއިދެއްގައި ބުނާ ގޮތުގެ މަތިން، ޖުމްލައިގައި އެ އެއްޗެއްގެ މަޤާމަކީ ފަހުން ޛިކުރުކުރުން ކަމުގައިވާ އެއްޗެއް، ކުރިއަށް ގެނެސްފިނަމަ ޙަސްރު ކުރުމުގެ މާނަ ލިބިގެންދެއެވެ.  އަދި ހަމައެފަދައިން، އެއްޗެއްގެ މައްޗަށް ސަމާލުކަންދީ ބާރުދިނުމަށް ދަލީލުކޮށްދޭ ލަފްޡު "ألا" އިން މިއާޔަތް ފެށިފައިވުމުންވެސް މިމާނަ ދޭހެވެގެންދެއެވެ. (أَلا لَهُ الْخَلْقُ وَالْأَمْرُ) (لأعراف: من الآية54) "ހެއްދެވުމާއި أمر ކުރެއްވުންވަނީ ހަމައެކަނި އެއިލާހަށެވެ. އެފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް ނޫނެވެ." މިއީ ހެއްދެވުމުގައި އެއިލާހު އެއްކައުވަންތަ ވެގެންވާ ކަމުގެ ދަލީލެކެވެ. އަދި ހަމައެއާއެކު أمرކުރެއްވުން، އެހެނީ ތަދުބީރުކުރެއްވުމުގައި ވެސް މެއެވެ.
 

އަދި މިލްކުވެރިކަމުގައި އެއިލާހު އެއްކައުވަންތަވެ ވޮޑިގެންވާކަމަށް ދަލީލު ކޮށްދޭ ދަލީލުތކުގެ ތެރެއިން އެއް މިސާލަކީ (وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ) (الجاثـية: من الآية27) މި އާޔަތެވެ. މާނައީ: "އަދި އުޑުތަކާއި ބިމުގެ ވެރިކަން މިލްކުވެގެން ވަނީ ހަމައެކަނި ﷲ އަށެވެ." ފަހެ މިލްކުވެރިކަމުގައި، އެއިލާހު އެކަހެރިވެ އެއްކައުވަންތަވެ ވޮޑިގެންވާކަމަށް މިއާޔަތުން ދަލީލުކޮށްދެއެވެ. އެއީ ހަމަ އިސްވެދިޔަ އާޔަތުގައި ބަޔާންކުރެވުނު ފަދައިންނެވެ. ފަހެ އެހެންކަމަށްވުމާއެކު ހެއްދެވުމާއި، މިލްކުވެރިކަމުގައާއި އަދި ތަދުބީރުކުރެއްވުމުގައި الرب سبحانه وتعالى ވަނީ އެކަހެރިވެ އެއްކައުވަންތަވެ ވޮޑިގެންނެވެ.
 

ފަހެ ތިބާ ބުނެދާނެއެވެ. ހެއްދެވުމުގައި ﷲ ތަޢާލާ އެއްކައުވަންތަވެ ވޮޑިގެންވާ ކަމަށް ތިބާ ތިޔަ ބަޔާންކުރި ކުރުމާއި، ﷲ ފިޔަވައި އެހެން ފަރާތްތަކަށް ތަކެތި ހެދުން ޘާބިތުވެގެންވުމާއި މި ދެ ކަންތައް ތިބާ ޖަމާކުރާނީ ހެއްޔެވެ. އެއީ މިސާލަކަށް ﷲ ތަޢާލާގެ މިބަސްފުޅުގައެވެ.( فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ) ( المؤمنون: من الآية14 ) "ފަހެ ﷲ މަތިވެރިވެވޮޑިގެންވެއެވެ. އެއީ ތަކެތި ހަދާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ފަރާތެވެ." އަދި ހަމަ އެފަދައިން ރަސޫލާ صلى الله عليه وسلم ޞޫރަކުރާ މީސްތަކުންނާ ބެހޭ ގޮތުން ކުރެއްވި ޙަދީޘުގައި؛ ((يُقال لهم: أَحيوا ما خَلَقْتُم)) މާނައީ: "އެބައިމީހުންނަށް ބުނެވޭނެއެވެ. ތިޔަބައިމީހުން ހެދި ތަކެތި ދިރުވާށެވެ." އަދި ހަމަ މިފަދަ އަނެއް މިސާލަކީ ޤުދުސީ ޙަދީޘުގައިވާ ﷲ ތަޢާލާގެ ބަސްފުޅެވެ. ((ومَن أَظْلَمُ مِمَّنْ ذَهَبَ يَخْلُقُ كَخَلْقِي)) މާނައީ: "އަދި ތިމަން އިލާހުގެ ހެއްދެވުމާ އެއްގޮތަށް ތަކެތި ހަދަމުން ދިޔަ މީހާއަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟!"
 

ފަހެ ހެއްދެވުމުގައި ﷲ އެއްކައުވަންތަވެ ވޮޑިގެންވާކަމަށް ތިބާ ބުނާ ބަހާއި، މިދަލީލުތަކާމެދު ތިބާ ޖަމާކުރާނީ ކިހިނެއް ހެއްޔެވެ؟ ފަހެ މިސުވާލުގެ ޖަވާބުގައި ބުނެވޭނެއެވެ. ހަމަކަށަވަރުން ޚަލްޤުކުރުމަކީ (ހެއްދެވުމަކީ) އީޖާދުކުރުމެވެ. މިއީ ﷲ ތަޢާލާ އަށް ޚާއްޞަ ވެގެންވާ ކަމެކެވެ. އެހެނެއްކަމަކު އެއްޗެއް އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމަކީ އެއީ ޙަޤީޤަތުގައި އެއްޗެއް ހެދުމެއް ނޫނެވެ. އެއްޗެއް ނެތުމުގެ ތެރެއިން އަލަށް އީޖާދުކުރުމެއް ނޫނެވެ. އެހެނީ އެއްޗެހިތަކެއް އެއްކޮށް ރާވާލުމުގެ ގޮތުން ބަލާއިރު އެއްޗެއް ހެދުމުގެ ނަން އެކަމަށް ދެވުނު ނަމަވެސް، އެއީ ޙަޤީޤަތުގައި ފުރިހަމައަށް އެއްޗެއް ހެދުމެއް ނޫނެވެ. ފަހެ މިސާލަކަށް؛ ވަޑާންކުރާމީހަކު ލަކުޑިން ދޮރެއް ޖަހައިފިއެވެ. އަދި އޭނާ ދޮރެއް ހަދައިފި އޭ ބުނެވިދާނެއެވެ. އެހެންނަމަވެސް އެދޮރު ޖަހަން އޭނާ ބޭނުންކުރި މާއްދާ ހެއްދެވި ފަރާތަކީ ﷲ سبحانه وتعالى އެވެ. ފަހެ މީސްތަކުން ކުޅަދާނަކަމާ ޤާބިލުކަމުގައި ކިތަންމެ ކުރިއަރައި ދިޔަ ނަމަވެސް އަރާކު ދަނޑިކޮޅެއްގެ މިންވަރު ހެދުމަށް ކުޅަދާނައެއް ނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ. ހިންޏެއް ނުވަތަ މެއްސެއްވެސް ހެދުމަށް ކުޅަދާނައެއް ނުވާނެވެ. ފަހެ ﷲ سبحانه وتعالى ގެ ބަސްފުޅު އަޑުއަހާށެވެ. )يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَنْ يَخْلُقُوا ذُبَاباً وَلَوِ اجْتَمَعُوا لَهُ وَإِنْ يَسْلُبْهُمُ الذُّبَابُ شَيْئاً لا يَسْتَنْقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ ) ( الحج:73 ) މާނައީ: "އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ."


މިއާޔަތުގައި (الَّذِينَ) މިނަމުގެ ތެރެއަށް ﷲ ފިޔަވައި ދުޢާކުރެވޭ ހުރިހާ އެއްޗެއް ވަންނާނެއެވެ. އެއީ ގަހެއް، ހިލައެއް، އިންސާނެއް ނުވަތަ މަލާއިކަތެއް ނުވަތަ އެހެން ކޮންމެ އެއްޗަކަށް ވީ ނަމަވެސް އެވެ. ( لَنْ يَخْلُقُوا ذُبَاباً وَلَوِ اجْتَمَعُوا لَهُُ ) ( الحج:73 )  ﷲ ފިޔަވައި އެބައިމީހުން ދުޢާކުރާ ހުރިހާ ފަރާތްތައް އެއްވިނަމަވެސް އެބައިމީހުންނަށް މެއްސެއް ނުހެދޭނެތެވެ. އެހެންވީއިރު، އެއިން ކޮންމެ ފަރާތެއް އެކަހެރިވެއްޖެނަމަ އެފަރާތެއްގެ ނުކުޅެދުންތެރިކަން މާ ބޮޑުވާނެއެވެ.(إِنْ يَسْلُبْهُمُ الذُّبَابُ شَيْئاً لا يَسْتَنْقِذُوهُ مِنْهُ) [ الحج:73 ] "އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ." އަދި އެންމެ ކުޑަމިނުން، އެ މެހި އެބައިމީހުން ދުޢާ ކުރާ ފަރާތްތަކުގެ ކިބައިން އެއްޗެއް އަތުލައިފިނަމަ އެ ނިކަމެތި މެހީގެ ކިބައިން އެއެއްޗެއް އެބައިމީހުންނަށް ސަލާމަތެއްވެސް ނުކުރެވެއެވެ. ދުނިޔޭގައިވާ އެންމެ ބާރުގަދަ ރަސްކަލެއްގެ މިލްކުގައިވާ ހުވަނދުން އެ މެހި މިންވަރެއް ނަގައިފިނަމަ އެމިންވަރުވެސް އޭތީގެ ކިބައިން ނެރުމަށް އޭނާ ކުޅަދާނަވެގެން ނުވެއެވެ. ހަމައެފަދައިން އޭނާގެ ކާބޯތަކެތިން އެއްޗެއް ނެގިކަމުގައި ވިޔަސް އެވެ. ފަހެ އެހެންކަމުން ﷲ سبحانه وتعالى އެއީ ހަމައެކަނި ހައްދަވާ ފަރާތެވެ.


ދެން ފަހެ ތިބާ ބުނެދާނެއެވެ.
މިލްކުވެރިކަމުގައި ﷲ ތަޢާލާ އެއްކައުވަންތަވެ ވޮޑިގެންވާ ކަމަށް ތިބާ ބުނުމާއި، މަޚްލޫޤުތަކުންނަށް މިލްކު ޘާބިތުކުރުމާއި މި ދެ ކަންތައް ތިބާ ޖަމާކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ މިސާލަކަށް ﷲ ތަޢާލާގެ މިބަސްފުޅުގައެވެ.( أَوْ مَا مَلَكْتُمْ مَفَاتِحَه ) ( النور: من الآية61 ) "ނުވަތަ ތިޔަބައިމީހުންނަށް އެ ތަންތާނގެ ތަޅުދަނޑިތައް މިލްކުވެގެންވާ ގޭގެއިން" )إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُم ) ( المؤمنون: من الآية6 )"އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ." ފަހެ މިސުވާލުގެ ޖަވާބުގައި، ދެ ގޮތަކުން ޖަމާކުރެވިދާނެއެވެ. 

ފުރަތަމަ ގޮތަކީ: އިންސާނާ އެއްޗެއް މިލްކުކުރާ ކުރުން އެއީ ޝާމިލު އަދި ޢާއްމުވެގެންދާ ގޮތުގައި ކުރެވޭ މިލްކެއް ނޫނެވެ. އެހެނީ އަހަރެން މިލްކުކުރަނީ ހަމައެކަނި އަހަރެންގެ އަތުގައި ވާ އެއްޗެކެވެ. ތިބާގެ އަތުގައި ވާ އެއްޗެއް އަހަރެންނަށް މިލްކުވެގެން ނުވެއެވެ. އަދި މިހުރިހާ އެއްޗަކީ ﷲ ތަޢާލާގެ މިލްކެވެ. ފަހެ ﷲ ތަޢާލާގެ މިލްކުވެރިކަން މާބޮޑަށް ފުޅާވެފައި ޢާއްމުވެގެން ވެއެވެ. އެއީ ފުރިހަމަވެގެންވާ މިލްކުވެރިކަމެކެވެ.
 

ދެވަނަ ގޮތަކީ: އަހަރެން އެއްޗެއް މިލްކުކުރާ ކުރުން، އެއީ ޙަޤީޤީ މިލްކުކުރުމެއް ނޫނެވެ. އަހަރެން ބޭނުންގޮތަކަށް އެއެއްޗަކާ މެދު މުޢާމަލާތްކުރެވޭ ފަދަ މިލްކުކުރުމެއް ނޫނެވެ. އަހަރެން އެއާ މެދު މުޢާމަލާތްކުރަނީ ހަމައެކަނި ޝަރުޢުގައި އަމުރު ކުރައްވާފައިވާ ގޮތަށެވެ. އޭގެ ޙަޤީޤީ މިލްކުވެރި ފަރާތް، އެހެނީ ﷲ سبحانه وتعالى އަމުރުކުރެއްވި ގޮތަށެވެ. އަހަރެން ދެ ދިރުހަމަށް އެއް ދިރުހަމް ވިއްކައިފިނަމަ އެއީ އަހަރެންނަށް މިލްކުވެގެންވާ ކަމެއް ނޫނެވެ. އަހަރެންނަށް ޙަލާލުވެގެންވާ ކަމެއް ނޫނެވެ. ފަހެ އެހިނދުން އަހަރެންގެ މިލްކުކުރުމަކީ އުނި މިލްކުކުރުމެކެވެ. އަދި ހަމައެފަދައިން ކައުނީ ގޮތުން ބަލާއިރުވެސް އަހަރެންގެ އަތުގައިވާ އެއްޗެއްގެ މައްޗަށް އެއްވެސް މިލްކުވެރިކަމެއް ލިބިގެންނުވެއެވެ. އެހެނީ ހުރިހާ ކަމެއް ހިންގެވުން ވަނީ ﷲ އަށެވެ. އަހަރެންގެ ބަލިވެފައިވާ އަޅުމީހާއާ ދިމާއަށް ތިބާ ރަނގަޅުވާށޭ ބުނުމުން އޭނާ ރަނގަޅުވުން، މިއީ އަހަރެންނަށް ޤާބިލުކަން ލިބިފައިވާކަމެއް ނޫނެވެ. އަދި އަހަރެންގެ ޞިއްޙަތު ރަނގަޅަށް ހުރި އަޅަކާ ދިމާއަށް ބަލިވާށޭ ބުނުމުން އޭނާ ބަލިވުން މިއީ އަހަރެންނަށް އެކަމުގައި ބާރު ލިބިގެންވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު ޙަޤީޤީ ތަޞައްރުފުކުރުން ވަނީ ﷲ سبحانه وتعالى އަށެވެ. ﷲ ތަޢާލާ އެބަލިމީހާއަށް ހެޔޮވާށޭ އަންގަވައިފިނަމަ ހެޔޮވެދެއެވެ. އަދި އަނެކާއަށް ބަލިވާށޭ އަންގަވައިފިނަމަ ބަލިވާނެއެވެ.
 

ފަހެ މިތަނުގައި އަހަރެންގެ މިލްކުކުރުމަކީ އެއާމެދު ތަޞައްރުފުކޮށް މުޢާމަލާތްކުރުމުގެ ގޮތުން ބަލާއިރު އުނި މިލްކުކުރުމެކެވެ. އަދި ޝާމިލުވާ ތަކެތީގެ ގޮތުން ބަލާއިރުވެސް އުނި މިލްކުކުރުމެކެވެ.  އެހެންކަމުން މިލްކުވެރިކުރެއްވުމުގައި ﷲ سبحانه وتعالى އެއްކައުވަންތަވެ ވޮޑިގެންވާ ގޮތް އަހަރުމެންނަށް ވަރަށް ރަނގަޅަށް ބަޔާންވެގެން ހިނގައްޖެއެވެ.
 

އަދި ހަމަ އެފަދައިން ތަދުބީރުކުރެއްވުމުގައި ﷲ އެއްކައުވަންތައޭ އަހަރުމެން ބުނާ ހިނދު، ފަހެ އިންސާނާއަށްވެސް ތަދުބީރުކުރުމެއް ލިބިގެންވެއެވެ. ނަމަވެސް އެއީ އުނި ތަދުބީރުކުރުމެކެވެ. އިސްވެ ދިޔަ ދެ ގޮތުގެ މަތީން އެއަށް ޖަވާބުދެވޭނެއެވެ. ހުރިހާ ކަމެއްގައި ތަދުބީރުކުރުމުއް އަހަންނަށް ލިބިގެންނުވެއެވެ. އަހަރެންނަށް ހަމައެކަނި ކަންކަން ތަދުބީރުކުރެވެނީ އަހަރެންގެ އަތުގައި އަހަރެންގެ މިލްކުގައިވާ އެއްޗަކަށެވެ. އަދި ހަމައެއާއެކު އެތަކެތީގައި ތަދުބީރުކުރުން އަހަންނަށް ލިބިގެންވަނީ އަހަރެންނަށް އެ ތަދުބީރުކުރުން ހުއްދަކުރި ޝަރުޢުއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
 

ފަހެ އެހިނދުން، އަހަރުމެން ބުނި ފަދައިން "ހެއްދެވުމާއި މުލްކުފުޅުގައާއި އަދި ތަދުބީރުކުރެއްވުމުގައި ﷲ سبحانه وتعالى އެއްކައުވަންތަވެ ވޮޑިގެންވާކަން" މި ބަސް އެކުއެކީގައި ޢާއްމުވެގެންވާ ކަން ބަޔާންވެގެން ގޮސްފިއެވެ. އެއްވެސް އެއްޗެއް އެއިން އިސްތިޘްނާ ވެގެން ނުވެއެވެ. އެހެނީ އަހަރުމެން މިޛިކުރު ކުރި އެއްވެސް ކަމެއް ﷲ سبحانه وتعالى އަށް ޘާބިތުވެގެންވާ ކަންތައްތަކާއި ފުށު ނާރައެވެ.

ލިޔުން ނަގާފައިވަނީ: الشيخ رحمه الله ގެ شرح العقيدة الواسطية އިން

 

Like what you see?

Close

Hit the buttons below to follow us, you won't regret it...