5 كِتَابُ التَّوْحِيد ގެ ޝަރަޙަ: ނުޝްރާއާ ބެހޭގޮތުން އައިސްފައިވާ ބާބު (ސިޙުރު ޖެހިފައިވާ މީހެއްގެ ކިބައިން ސިޙުރު ބާޠިލުކުރުމުގެ ބާބު)- الشَّيْخُ صَالِح بن فَوْزَان بن عَبْدِ الله الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

كِتَابُ التَّوْحِيد ގެ ޝަރަޙަ: ނުޝްރާއާ ބެހޭގޮތުން އައިސްފައިވާ ބާބު (ސިޙުރު ޖެހިފައިވާ މީހެއްގެ ކިބައިން ސިޙުރު ބާޠިލުކުރުމުގެ ބާބު)- الشَّيْخُ صَالِح بن فَوْزَان بن عَبْدِ الله الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ކިތާބުއް ތަޥްޙީދުގެ ޝަރަޙަ

شَيْخُ الإِسْلَام مُحَمَّد بنُ عَبْدِ الوَهَّاب رحمه الله ގެ ފޮތް "كِتَابُ التَّوْحِيد" ގައި ވިދާޅުވިއެވެ:


بَاب مَا جَاءَ في النُّشْرَة
عَنْ جَابِرٍ: أَنَّ رَسُولَ اللهِ  سُئِلَ عَنْ النُّشْرَةِ؟ فَقَالَ: {هِيَ مِنْ عَمَلِ الشَّيْطَانِ} رَوَاهُ أَحْمَدُ بِسَنَدٍ جَيِّدٍ، وَأَبُو دَاود، وَقَالَ: سُئِلَ أَحْمَدُ عَنْهَا؟، فَقَالَ: (اِبْنُ مَسْعُود يَكْرَهُ هَذَا كُلَّهُ).
ތަރުޖަމާ: ނުޝްރާއާ ބެހޭގޮތުން ޛިކުރުކުރެވިގެންވާ ބާބު
جَابِر  ގެ އަރިއަހުން ރިވާވެގެންވެ އެވެ. ނުޝްރާއާ ބެހޭގޮތުން الله ގެ ރަސޫލާ  އަށް ސުވާލު ދެންނެވުނެވެ. ފަހެ ޙަދީޘްކުރެއްވި އެވެ: {هِيَ مِنْ عَمَلِ الشَّيْطَانِ} މާނައީ: "އެއީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ކަމެކެވެ." މި ޙަދީޘް ރަނގަޅު ސަނަދަކުން ރިވާކުރެއްވީ أَحْمَدُ އާއި أَبُو دَاود އެވެ. އަދި ވިދާޅުވި އެވެ: "އެކަމާ ބެހޭގޮތުން الإِمَام أَحْمَدُ އާ ސުވާލުކުރެވުނެވެ. ފަހެ ޖަވާބުގައި ވިދާޅުވި އެވެ: " اِبْنُ مَسْعُود  އެހުރިހައި ކަމަކަށް ކަރާހަތްތެރިވެވަޑައިގަންނަވައެވެ."

الشَّيْخُ صَالِح الفَوْزَان حفظه الله ގެ ޝަރަޙަ: މީގެ އިސްވެދިޔަ ބާބުއާއި މިބާބުއާ ހުރި ގުޅުމަކީ: އިސްވެދިޔަ ބާބުތަކުގައި، ސިޙުރު ހެދުމާއި އެކަމާ ބެހޭގޮތުން ވާރިދުވެފައިވާ ކަންތައްތަކުގެ ވާހަކަ ޝައިޚު (مُحَمَّد بنُ عَبْدِ الوَهَّاب) ޛިކުރުކުރެއްވި އެވެ. އަދި ސިޙުރުގެ ބާވަތްތަކެއް ޛިކުރުކުރެއްވި އެވެ. އަދި ސިޙުރުގެ ތެރެއަށް ޢާއްމުކޮށް ވަންނަ ކަންތައްތަކާއި އެނޫންވެސް ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަންތައްތައް ޛިކުރުކުރެއްވި އެވެ. އެއީ ކާހިނުކަމާއި، ފާލު ބެލުމާއި، ފަންޑިތަވެރިކަމުގެ ތެރޭގައި ހިމެނޭ މި އެންމެހައި ކަންތައްތަކެވެ. މި ބާބުތައް ޛިކުރުކުރެއްވުމަށް ފަހު ނުޝްރާގެ ޙުކުމާ ބެހޭގޮތުން ބަޔާންކޮށްދެއްވުމަށް ޝައިޚު ކުރިމަތިލެއްވި އެވެ.


ފަހެ ޝައިޚު ވިދާޅުވި އެވެ: ((ނުޝްރާއާ ބެހޭގޮތުން ޛިކުރުކުރެވިގެންވާ ބާބު))

ޝަރަޙަ: އެބަހީ: އިސްލާމީ ޝަރީޢަތުގައި ނުޝްރާގެ ޙުކުމަށް ދަލީލުކޮށްދޭ ޙަދީޘްތަކާއި އަޘަރުތަކުގެ ވާހަކައެވެ.
އަދި މިއީ އެންމެ މުނާސަބުކަން ބޮޑު ބާބުތަކުގެ ތެރެއިން ބާބެކެވެ. އެއީ މީސްތަކުން އެކަން ދެނެގަތުމަށް ޙާޖަތްޖެހިފައިވާތީ އެވެ. އެހެނީ ސިޙުރަކީ ވުޖޫދުގައިވާ އެއްޗެކެވެ. އަދި އިންސާނުންގެ ތެރެއިން ސިޙުރުގެ މުޞީބާތް ކުރިމަތިވެ، ސިޙުރު ލައިގަނެ ސިޙުރުން ގެއްލުން ލިބޭ ބަޔަކުވެ އެވެ. الله تعالى އެއްވެސް ބައްޔެއް، އޭގެ ޝިފާއާ އެކު މެނުވީ އެބައްޔެއް ބާއްވައި ނުލައްވަ އެވެ. އެ އެނގުނު މީހަކަށް އެނގޭނެ އެވެ. އަދި އެކަން ނުއެނގުނު މީހަކަށް ނުއެނގޭނެ އެވެ. ފަހެ ސިޙުރަށް އޮތް ސައްޙަ ބޭހަކީ ކޮބައިކަން އަހަރެމެން ކޮންމެހެން ވެސް ދެނެގަންނަންޖެހެ އެވެ. ޢަޤީދާ ކިލަނބުކޮށް ނުލާ ބޭހެވެ. އަދި އޭގެ އިތުރުން ޢަޤީދާއާ ޚިލާފުވާ ކަންތައްތައް އަހަރެމެންނަށް އެނގެންޖެހެ އެވެ. އެއީ އަހަރެމެން އެކަންތައްތަކާ ދުރަށް ދިއުމަށްޓަކައެވެ. އަދި އޭގެ އިތުރުން: ސިޙުރުވެރިންގެ ތެރެއިން މީސްތަކުންނާ ދިމާއަށް މިފަދައިން ބުނާ ބަޔަކުވެ އެވެ: "އަހަރެން ސިޙުރަށް ފަރުވާ ކޮށްދޭނަމެވެ. އަދި އަހަރެން... އަދި އަހަރެން..." ފަހެ، މިއީ ހިނގަމުންދާ ކަމެކެވެ. އަހަރެމެން ކޮންމެހެން ވެސް އެކަންތައްތައް ދެނެގަނެ، އޭގެ ޙުކުމް މީސްތަކުންނަށް ބަޔާންކޮށްދޭންޖެހެ އެވެ.
އަދި ނޫނުގެ އުބުފިލި، ޝީނުގައި ސުކުން ޖެހިފައިވާ "نُشْرة" - ނުޝްރާ ނެގިފައިވަނީ: "النَّشْرُ" މިކަލިމައިންނެވެ. އޭގެ މާނައަކީ ވަކިކުރުމެވެ. އަދި الإِمَام اِبْنُ القَيِّم ޝަރަޙަކުރެއްވި ފަދައިން އޭގެ މާނައަކީ: ސިޙުރު ޖެހިފައިވާ މީހެއްގެ ކިބައިން ސިޙުރު ބާޠިލުކުރުމެވެ. އަދި އެއީ ފަރުވާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ނުޝްރާގެ ނަން ދެވުނީ އޭގެން (ސިޙުރު) ވަކި ކުރެވޭތީ އެވެ. އެބަހީ ބަލި މީހާއަށް ދިމާވި ކަންތަކާއި، ބަލިކަމުން އޭނާގެ މައްޗަށް ގަދަވެގަތް ކަންތައް ނެތިކޮށްލާތީ އެވެ.

شَيْخُ الإِسْلَام ގެ ބަސްފުޅު: "جَابِر  ގެ އަރިއަހުން ރިވާވެގެންވެ އެވެ. ނުޝްރާއާ ބެހޭގޮތުން الله ގެ ރަސޫލާ  އަށް ސުވާލު ދެންނެވުނެވެ."
ޝަރަޙަ: އެބަހީ ޖާހިލިއްޔަ ޒަމާނުގައި އެނގިފައިވާ ނުޝްރާ އެވެ. އެ ނުޝްރާ އަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ނުޝްރާ އެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: ފަހެ ޙަދީޘްކުރެއްވި އެވެ: {هِيَ مِنْ عَمَلِ الشَّيْطَانِ} މާނައީ: "އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ."
ޝަރަޙަ: އެއީ ސިޙުރަކަށްވާތީ އެވެ. އަދި ސިޙުރަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. އިސްވެދިޔަ ބާބުތަކުގައި ބަޔާންވެގެންވީ ފަދައިންނެވެ.
ރަނގަޅު ސަނަދަކުން ރިވާކުރެއްވީ الإِمَام أَحْمَدُ އެ އިމާމުގެ المُسْنَدُ ގައެވެ. އަދި أَبُو دَاود އެ އިމާމުގެ السُّنَنُ ގައެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "އަދި ވިދާޅުވި އެވެ."
ޝަރަޙަ: އެބަހީ أَبُو دَاود ވިދާޅުވި އެވެ. އެހެނީ أَبُو دَاود އަކީ الإِمَام أَحْمَدُ ގެ ދަރިވަރުންގެ ތެރެއިންވީ ބޭފުޅެކެވެ. އަދި މަޛްހަބުގެ ގިނަ ކަންކަމާ ބެހޭގޮތުން الإِمَام أَحْمَدُ ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. އަދި މިހާރު ޕްރިންޓް ކުރެވިގެންވާ ފޮތެއްވެ އެވެ. އޭގެ ނަމަކީ: "مَسَائِل أَبي دَاود" އެވެ. އެފޮތުގައި ވަނީ الإِمَام أَحْمَدُ އަށް ދެންނެވުނު ސުވާލުތަކަކަށް އެ އިމާމު ދެއްވާފައިވާ ޖަވާބުތަކާ ބެހޭގޮތުން أَبُو دَاود ރިވާކުރައްވާފައިވާ ޢިލްމީ މައްސަލަތަކެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "އެކަމާ ބެހޭގޮތުން الإِمَام أَحْمَدُ އާ ސުވާލުކުރެވުނެވެ."
ޝަރަޙަ: އެބަހީ: ނުޝްރާއާ ބެހޭގޮތުން ސުވާލުކުރެވުނެވެ. އޭގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެހިނދު ވިދާޅުވި އެވެ: "اِبْنُ مَسْعُود  އެ ހުރިހައި ކަމަކަށް ކަރާހަތްތެރިވެވަޑައިގަންނަވައެވެ." އެބަހީ ނުޝްރާއަކީ ޙަރާމް ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވައެވެ. އެހެނީ ސަލަފުން ކަރާހަތްތެރިކަން މާނަކުރައްވަނީ ޙަރާމްކަމުގެ މާނައިގައެވެ. އަދި މިތަނުގެ މުރާދަކީ ޖާހިލިއްޔަ ޒަމާނުގެ ޢަމަލުތަކުގެ ތެރެއިންވާ ނުޝްރާއެވެ.

شَيْخُ الإِسْلَام مُحَمَّد بنُ عَبْدِ الوَهَّاب رحمه الله ވިދާޅުވިއެވެ:
وَفِي البُخَارِي عَنْ قَتَادَة: قُلْتُ لِابْنِ المُسَيِّب: رَجُلٌ بِهِ طِبٌّ، أَوْ يُؤخَّذُ عَنِ امْرَأَتِهِ؛ أَيُحَلُّ عَنْهُ أَوْ يُنَشَّرُ؟ قَالَ: "لَا بَأْسَ بِهِ؛ إِنَّمَا يُرِيدُونَ بِهِ الإِصْلَاحَ، فَأَمَّا مَا يَنْفَعُ؛ فَلَمْ يُنْهَ عَنْهُ".
ތަރުޖަމާ: "އަދި صَحِيحُ البُخَارِي ގައިވެ އެވެ. قَتَادَة ގެ އަރިއަހުން ރިވާވެގެންވެ އެވެ: އަހަރެން ابْنُ المُسَيِّب އަށް ދެންނެވީމެވެ: "އެމީހަކަށް ޠިއްބު (ސިޙުރު) ޖެހިފައިވާ ފިރިހެނާ، ނުވަތަ (ސިޙުރުގެ ސަބަބުން) އޭނާގެ އަނބިމީހާއާ އެއްދާންކުރުމުން މަނާކުރެވިފައިވާ ފިރިހެނާގެ ކިބައިން (ސިޙުރު) ބާޠިލުކުރަންވީތޯ އެވެ؟ ނުވަތަ ނުޝްރާ ކުރަންވީތޯ އެވެ؟" ވިދާޅުވި އެވެ: "އެކަމުގައި މައްސަލައެއް ނެތެވެ. ހަމަކަށަވަރުން އެމީހުން އޭގެން ބޭނުންވަނީ އިޞްލާޙުކުރުމެވެ. ފަހެ ފައިދާ ކުރާ ކަމެއް ކަމުގައިވާ ނަމަ، އެކަން ނަހީކުރެވިގެނެއް ނުވެ އެވެ."

شَيْخُ الإِسْلَام ވިދާޅުވި އެވެ: "އަދި البُخَارِي ގައިވެ އެވެ."
ޝަރަޙަ: އެބަހީ: صَحِيحُ البُخَارِي ގައިވެ އެވެ.


شَيْخُ الإِسْلَام ވިދާޅުވި އެވެ: "قَتَادَة ގެ އަރިއަހުން ރިވާވެގެންވެ އެވެ."
ޝަރަޙަ: އެއީ قَتَادَة بْنُ دِعَامَة السَّدُوسِي އެވެ. قَتَادَة ގެ ކާފަ سَدُوسُ އަށް ނިސްބަތްކޮށެވެ. އެއީ ތާބިޢީންގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ޢިލްމުވެރިއެކެވެ. އަދި ބުނެވިގެންވެ އެވެ: ހަމަކަށަވަރުން قَتَادَة އުފަންވެވަޑައިގަތީ ލޯފަން ބޭފުޅެއްގެ ގޮތުގައެވެ. އެބަހީ ދެލޯފުޅަށް ފެނިވަޑައިނުގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި قَتَادَة رحمه الله ވެވަޑައިގަތީ ހިތުދަސްކުރެއްވުމާއި، ވިސްނުންފުޅު ތޫނުކަމާއި ފިޤްހުގައި އެހާމެ މަތީ ދަރަޖައަކަށް ވާޞިލުވި މަދު މީސްކޮޅެއްގެ ތެރެއިންނެވެ. އަދި ތާބިޢީންގެ ތެރެއިން އެންމެ އިސް ބޭފުޅުންގެ ތެރެއިން ހިމެނިވަޑައިގަތެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "(قَتَادَة ވިދާޅުވިއެވެ:) އަހަރެން ابْنُ المُسَيِّب އަށް ދެންނެވީމެވެ."
ޝަރަޙަ: އޭގެ މުރާދަކީ: سَعِيدُ بْنُ المُسَيِّب އެވެ. އެއީ ތާބިޢީންގެ ޢިލްމުވެރިންގެ ތެރެއިންވީ ބޭފުޅެކެވެ. އަދި އެބައެއްގެ ޒަމާނުގައި ފަތުވާ ދެއްވުމުގައި އިސްވެ ހުންނެވި ހަތް ފިޤްހު ޢިލްމުވެރިންގެ ތެރެއިންވީ ބޭފުޅެކެވެ. އަދި އެއީ މަދީނާގެ ޢިލްމުވެރިޔާ އެވެ. އަދި އެރަށުގެ ފަޤީހު - އެބަހީ ފިޤްހު ޢިލްމުވެރިޔާ އެވެ.

شَيْخُ الإِسْلَام ގެ ބަސްފުޅު: "އެމީހަކަށް ޠިއްބު (ސިޙުރު) ޖެހިފައިވާ ފިރިހެނާ"
ޝަރަޙަ: އެބަހީ قَتَادَة بْنُ دِعَامَة ގެ ޝައިޚު سَعِيدُ بْنُ المُسَيِّب ގެ އަރިއަހުން، "ޠިއްބު" ޖެހިފައިވާ މީހާއާ ބެހޭގޮތުން قَتَادَة ސުވާލުކުރެއްވި އެވެ.
    އަދި ޠިއްބުގެ މާނައަކީ: ސިޙުރެވެ. މަޠްބޫބު އޭ ބުނެވުމުން އޭގެ މާނައަކީ މަސްޙޫރު - އެބަހީ ސިޙުރު ޖެހިފައިވާ މީހާ - އެވެ. އަދި އެމީހުން ބުންޏެވެ: މިއީ އުންމީދުކުރުމުގެ ބާބުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެހެނީ ޠިއްބުގެ މާނައަކީ (މާނަތަކުގެ ތެރެއިން) "ފަރުވާ" ހިމެނެ އެވެ. ޝިފާއަށް އުންމީދުކުރާ ހާލުގައި ލަދީޣު (އެއްޗެއް ކަށިޖަހައިފައިވާ މީހާ) އަށް ސަލީމު (ސަލާމަތްވެފައިވާ މީހާ) އޭ އެމީހުން ބުނެއުޅޭ ފަދައިންނެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "أَوْ يُؤخَّذُ عَنِ امْرَأَتِهِ" ލަފްޒީ މާނައީ: "އެމީހެއްގެ އަނބިމީހާގެ ކިބައިން تَأْخِيذ ކުރެވޭ މީހާ"
ޝަރަޙަ: تَأْخِيذ ކުރެވޭ މީހާ: މާނައީ އެމީހެއްގެ އަނބިމީހާއާ ޖިމާޢުވުމުން މަނާކުރެވޭ މީހާއެވެ. ފަހެ ސިޙުރުގެ ސަބަބުން އަނބިމީހާއާ އެކު ޖިމާޢުވާން އޭނާއަކަށް ކުޅަދާނައެއް ނުވެ އެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "އޭނާގެ ކިބައިން (ސިޙުރު) ބާޠިލުކުރަންވީތޯ އެވެ؟ ނުވަތަ ނުޝްރާ ކުރަންވީތޯ އެވެ؟"
ޝަރަޙަ: (ސިޙުރު) ބާޠިލުކުރުން ނުވަތަ ނުޝްރާ ކުރުމުގެ މާނަ ވަނީ އެއް މާނައެއްގަ އެވެ. އެ ސިޙުރު ޖެހިފައިވާ މީހާ، ނުވަތަ އަނބިމީހާއާ އެއްދާންކުރުން މަނާކުރެވިގެންވާ މީހާއަށް ކުރިމަތިވެފައިވާ ސިޙުރު ބާޠިލުކުރުން ހުއްދަވެގެންވޭތޯ އެވެ؟
    އެހިނދު ابْنُ المُسَيِّب މި ބަސްފުޅުން ޖަވާބުދެއްވި އެވެ: "لَا بَأْسَ" މާނައީ: މައްސަލައެއް ނެތެވެ. އޭނާގެ ކިބައިން ސިޙުރު ބާޠިލުކުރުން ނުވަތަ ނުޝްރާ ކުރުމަކުން މައްސަލައެއް ނެތެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "ހަމަކަށަވަރުން އެމީހުން އޭގެން ބޭނުންވަނީ އިޞްލާޙުކުރުމެވެ."
ޝަރަޙަ: އެބަހީ ސިޙުރު ބާޠިލުކުރުމޭ ބުނުމުން އޭގެ މުރާދަކީ ސިޙުރުން ސަލާމަތްކުރުމެވެ. ހަމަކަށަވަރުން ސިޙުރު ހެދުމުގެ މުރާދަކީ އޭގެން ގެއްލުން ދިނުމެވެ. ދެންފަހެ، ސިޙުރު ބާޠިލުކުރުމުގެ މުރާދަކީ އެއިން ސަލާމަތްކޮށް، އިންސާނާގެ ކިބައިން ބަލި ނައްތާލުމެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "ފަހެ ފައިދާ ކުރާ ކަމެއް ކަމުގައިވާ ނަމަ، އެކަން ނަހީކުރެވިގެނެއް ނުވެ އެވެ."
ޝަރަޙަ: އެބަހީ އިސްލާމީ ޝަރީޢަތް އައިސްފައިވަނީ ފައިދާކުރަނިވި ކަންކަން ހުއްދަކުރުމާއި، ގެއްލުންދެނިވި ކަންކަން ޙަރާމްކުރުމާ އެކުގައެވެ. އަދި ނުޝްރާ ވަނީ ދެވަނަ ބައިގެ ތެރެއިންނެވެ. އެބަހީ ފައިދާކުރާ ކަންތައްތަކުގެ ތެރެއިންނެވެ.

شَيْخُ الإِسْلَام مُحَمَّد بنُ عَبْدِ الوَهَّاب رحمه الله ވިދާޅުވިއެވެ:
وَرُوِيَ عَن الحَسَن؛ أَنَّهُ قَالَ: "لَا يَحِلُّ السِّحْرَ إِلَّا سَاحِرٌ"
قَالَ ابنُ القَيِّمِ: "النُّشْرَةُ: حَلُّ السِّحْرِ عَنِ المَسْحُورِ، وَهِيَ نَوْعَانِ: حَلٌّ بِسِحْرٍ مِثْلِهِ، وَهُوَ الَّذِي مِنْ عَمَلِ الشَّيْطَانِ. وَعَلَيهِ يُحْمَلُ قَوْلُ الحَسَن. فَيَتَقَرَّبُ النَّاشِرُ وَالمَنْشُورُ إِلَى الشَّيْطَانِ بِمَا يُحِبُّ؛ فَيَبْطِلُ عَمَلَهُ عَنِ المَسْحُورِ. والثاني: النشرة بالرقية والتعوذات والأدوية والدعوات المباحة. فهذا جائز. "

ތަރުޖަމާ: "އަދި الحَسَن ގެ އަރިއަހުން ރިވާވެގެންވެ އެވެ. الحَسَن ވިދާޅުވި އެވެ: "ސިޙުރުވެރިއަކު މެނުވީ ސިޙުރު ބާޠިލެއް ނުކުރާނެ އެވެ."
ابنُ القَيِّمِ ވިދާޅުވި އެވެ: "ނުޝްރާއަކީ ސިޙުރު ޖެހިފައިވާ މީހާގެ ކިބައިން ސިޙުރު ބާޠިލުކުރުމެވެ. އަދި އޭގައި ދެ ބާވަތެއްވެ އެވެ: (ފުރަތަމައީ:) ސިޙުރާ އެއްފަދަ ސިޙުރަކުން އެ ސިޙުރު ބާޠިލުކުރުމެވެ. ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމަކީ އެއީ އެވެ. އަދި الحَسَن ގެ ބަސްފުޅުގެ މުރާދަކީ އެއީ އެވެ. ފަހެ ނުޝްރާ ކުރާ މީހާ އާއި ނުޝްރާ ކުރެވޭ މީހާ ޝައިޠާނާ ލޯބިކުރާ ކަންތަކައިގެން ޝައިޠާނާއަށް ކުއްތަންވެ ގާތްވެ އެވެ. އަދި ސިޙުރު ޖެހިފައިވާ މީހާގެ ކިބައިން ސިޙުރު ބާޠިލުކުރެއެވެ. އަދި ދެވަނައީ: ރުޤްޔާ ކޮށްގެންނާއި، ރައްކައުތެރިކަމަށް އެދި ކުރާ ދުޢާތައް ކުރުމުންނާއި، ހުއްދަ ބޭސްތަކާއި ދުޢާތައް ކުރުމާ އެކު ނުޝްރާ ކުރުމެވެ. ފަހެ މިއީ ހުއްދަވެގެންވާ ކަމެކެވެ."

شَيْخُ الإِسْلَام ގެ ބަސްފުޅު: "އަދި الحَسَن ގެ އަރިއަހުން ރިވާވެގެންވެ އެވެ."
ޝަރަހަ: الحَسَن އަކީ: اِبْنُ أَبِي الحَسَن البَصري رحمه الله އެވެ. އެއީ ފިޤްހާއި، ޢިލްމާއި، ވަރަޢުވެރިކަމާއި އަޅުވެރިކަމުން މަޝްހޫރުވެފައިވާ ތާބިޢީންގެ ތެރެއިން ޢިލްމުވެރިއެކެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "ސިޙުރުވެރިއަކު މެނުވީ ސިޙުރު ބާޠިލެއް ނުކުރާނެ އެވެ."
ޝަރަހަ: މި ބަސްފުޅު ޙަދީޘާއި اِبْنُ مَسْعُود  ގެ ބަސްފުޅާ އިއްތިފާޤުވެ އެވެ. އަދި މި ބަސްފުޅު ابْنُ المُسَيِّب ގެ ބަސްފުޅާ ޚިލާފުވެ އެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: "ابنُ القَيِّمِ ވިދާޅުވި އެވެ: "ނުޝްރާ އަކީ ސިޙުރު ޖެހިފައިވާ މީހާގެ ކިބައިން ސިޙުރު ބާޠިލުކުރުމެވެ. އަދި އޭގައި ދެ ބާވަތެއްވެ އެވެ:"
ޝަރަހަ: ابنُ القَيِّمِ رحمه الله ގެ ފޮތް "زَادُ المعَاد" ގައި މި ޙަދީޘާއި މި އަޘަރުތައް ޖަމާކުރައްވާފައިވެ އެވެ. ފަހެ ވިދާޅުވި އެވެ: "އަދި އޭގައި ދެ ބާވަތެއްވެ އެވެ: (ފުރަތަމައީ:) ސިޙުރާ އެއްފަދަ ސިޙުރަކުން އެ ސިޙުރު ބާޠިލުކުރުމެވެ. ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމަކީ އެއީ އެވެ. އަދި الحَسَن ގެ ބަސްފުޅުގެ މުރާދަކީ އެއީ އެވެ." އެބަހީ، الحَسَن ގެ

އިސްވެދިޔަ ބަސްފުޅު: " ސިޙުރުވެރިއަކު މެނުވީ ސިޙުރު ބާޠިލެއް ނުކުރާނެ އެވެ." މިބަސްފުޅުގެ މުރާދަކީ އެއީ އެވެ. އަދި الحَسَن ގެ ޤަޞްދަކީ: ސިޙުރާ އެއްފަދަ ސިޙުރަކުން އެ ސިޙުރު ބާޠިލުކުރުމެވެ. ފަހެ، الله ގެ ރަސޫލާ  އަށް ސުވާލު ދެންނެވުނީ މި ނުޝްރާ އާ ބެހޭގޮތުންނެވެ.
شَيْخُ الإِسْلَام ގެ ބަސްފުޅު: "ފަހެ ނުޝްރާ ކުރާ މީހާ އާއި ނުޝްރާ ކުރެވޭ މީހާ ޝައިޠާނާ ލޯބިކުރާ ކަންތަކައިގެން ޝައިޠާނާއަށް ކުއްތަންވެ ގާތްވެ އެވެ."
ޝަރަހަ: އައް-ނާޝިރު އަކީ ނުޝްރާ ކުރާ މީހާ އެވެ. އަދި އަލް-މުންތަޝަރު އަކީ އޭނާއަށްޓަކައި ނުޝްރާ ކުރެވޭ މީހާ އެވެ. ޝައިޠާނާ ލޯބިކުރާ ކަންތަކައިގެން އެ ދެމީހުން ވެސް، ބަލިމީހާއާ ސިޙުރުވެރިޔާ ވެސް، އެ ޝައިޠާނާއަށް ކުއްތަންވެ ގާތްވެ އެވެ. ފަހެ އެ ދެމީހުން ޝައިޠާނާއަށް ބޯލަނބައެވެ. އަދި الله  އަށް ޝަރީކުކުރުމާއި ކުފުރުވުމާއި، ޙަރާމް ކަންތައްތައް ކުރުމާ އެކު ޝައިޠާނާ ބޭނުންވާ ކަންކަމުގައި އެ އެއްޗަށް ކިޔަމަންތެރިވެ އެވެ. އެހިނދު ޝައިޠާނާ ސިޙުރު ޖެހިފައިވާ މީހާގެ ކިބައިން ސިޙުރު ބާޠިލުކުރެއެވެ. ސަބަބަކީ ސިޙުރަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމަކަށްވާތީ އެވެ. އަދި އެކަން ކޮށްދެނީ އެމީހުންގެ ދީނާއި އެމީހުންގެ ޢަޤީދާ ފަސާދަކޮށްލުމުން ދޭ ބަދަލެއްގެ ގޮތުގައެވެ. ފަހެ މަނާވެގެންވާ ނުޝްރާއަކީ މިއީ އެވެ.
    އެހެންކަމުން ސިޙުރުގެ މުޞީބާތް ޖެހިއްޖެ މީހަކު ސިޙުރުވެރިންގެ ގާތަށް ދިއުން ހުއްދަވެގެނެއް ނުވެ އެވެ. ސަބަބަކީ އެއިރުން ހަމަކަށަވަރުން އޭނާ ޝައިޠާނާ ލޯބިކުރާ ކަންތަކައިގެން އެ ޝައިޠާނާއަށް ކުއްތަންވެ ގާތްވާނެތީ އެވެ. އަދި އެހިނދު ޝައިޠާނާ ސިޙުރުޖެހިފައިވާ މީހާގެ ކިބައިން އޭގެ އަސަރު ކަނޑުވާލައެވެ. އެހެން ނަމަވެސް އޭނާގެ ޢަޤީދާއާއި އޭނާގެ ދީން ފަސާދަކޮށްލުމަށް ފަހުގައެވެ. ފަހެ އެހިނދު އޭނާގެ ދުނިޔެއާއި އާޚިރަތް އަބާއްޖަވެރިވެގެންދެ އެވެ.


شَيْخُ الإِسْلَام ގެ ބަސްފުޅު: (الإمام ابنُ القَيِّمِ ވިދާޅުވި އެވެ:) "އަދި ދެވަނައީ: ރުޤްޔާ ކޮށްގެންނާއި، ރައްކައުތެރިކަމަށް އެދި ކުރާ ދުޢާތައް ކުރުމުންނާއި، ހުއްދަ ބޭސްތަކާއި ދުޢާތައް ކުރުމާ އެކު ނުޝްރާ ކުރުމެވެ. ފަހެ މިއީ ހުއްދަވެގެންވާ ކަމެކެވެ."
ޝަރަހަ: އެބަހީ: ނުޝްރާގެ ދެވަނަ ބާވަތަކީ الله  ހުއްދަކުރެއްވި ކަންތައްތަކުން، ސިޙުރު ނޫން ޢަމަލަކުން ސިޙުރު ބާޠިލުކުރުމެވެ. ފަހެ الله އެއްވެސް ބައްޔެއް، އޭގެ ޝިފާއާ އެކު މެނުވީ ބާއްވައި ނުލައްވަ އެވެ. އެ އެނގުނު މީހަކަށް އެނގޭނެ އެވެ. އަދި އެކަން ނުއެނގުނު މީހަކަށް ނުއެނގޭނެ އެވެ. އަދި ސިޙުރަކީ ބައްޔެކެވެ. އަދި ހަމަ ޔަޤީނުން ވެސް الله އެއަށް ޝިފާއެއް ބާއްވައިލައްވާފައިވެ އެވެ. އަދި ހުއްދަކުރެވިގެންވާ ރުޤްޔާގައި ބާވަތްތަކެއްވެ އެވެ:


ފުރަތަމަ ބާވަތަކީ: ރުޤްޔާއިން ސިޙުރު ބާޠިލުކުރުމެވެ. ސިޙުރު ޖެހިފައިވާ މީހާގެ މައްޗަށް الله  ގެ ފޮތްކޮޅުން ކިޔެވުމެވެ. ފަހެ ރުޤްޔާގެ ތެރެއިން އެންމެ މަތިވެރި ރުޤްޔާ ކަމުގައިވާ ފާތިޙާ ސޫރަތް އޭނާގެ މައްޗަށް ކިޔަވާނީ އެވެ. އަދި ސިޙުރާއި އެ ބާޠިލުކުރުމާ ބެހޭގޮތުން ޛިކުރުކުރެވިފައިވާ އާޔަތްތައް އޭނާގެ މައްޗަށް ކިޔަވާނީ އެވެ. މިސާލަކަށް الأَعْرَاف ސޫރަތުގައިވާ الله تعالى ގެ އާޔަތެވެ: ﴿ {وَأَوْحَيْنا إِلى مُوسى أَنْ أَلْقِ عَصاكَ فَإِذا هِيَ تَلْقَفُ ما يَأْفِكُونَ (117) فَوَقَعَ الْحَقُّ وَبَطَلَ ما كانُوا يَعْمَلُونَ (118) فَغُلِبُوا هُنالِكَ وَانْقَلَبُوا صاغِرِينَ (119) وَأُلْقِيَ السَّحَرَةُ ساجِدِينَ (120) قالُوا آمَنَّا بِرَبِّ الْعالَمِينَ (121) رَبِّ مُوسى وَهارُونَ (122)﴾ [الأعراف: 117-122] މާނައީ: "ތިމަން އިލާހު مُوسَى އަށް ވަޙީކުރެއްވީމެވެ: އިބަ ނަބިއްޔާ އަސާކޮޅު އެއްލަވާށެވެ. ދެން (އެކަލޭގެފާނު އަސާކޮޅު އެއްލެވީމާ) އެ އަސާކޮޅު އެއުރެން ދޮގުން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފި އެވެ. ފަހެ ޙައްޤު ތެދު ފާޅުވެއްޖެ އެވެ. އަދި އެއުރެން ކޮށް އުޅުނު ކަންތައް ބާޠިލުވެގެން ހިނގައްޖެ އެވެ. ފަހެ އެތަނުގައި އެއުރެން ދެރަވެ ބަލިވެއްޖެ އެވެ. އަދި އެއުރެން ނިކަމެތިން ކަމުގައި ވެގެން ހިނގައްޖެ އެވެ. އަދި އެ ސިޙުރުވެރިން ސަޖިދައަށް ތިރިވެއްޖެ އެވެ. އެއުރެން ބުންޏެވެ: ޢާލަމްތަކުގެ ވެރި އިލާހަށް ތިމަންމެން އީމާންވެއްޖައީމެވެ. (އެއީ) مُوسَى އާއި هَارُون ގެ ވެރި އިލާހެވެ." އަދި يُونُس ސޫރަތުގައިވެ އެވެ: ﴿ {فَلَمَّا أَلْقَوْا قالَ مُوسى ما جِئْتُمْ بِهِ السِّحْرُ إِنَّ اللَّهَ سَيُبْطِلُهُ إِنَّ اللَّهَ لا يُصْلِحُ عَمَلَ الْمُفْسِدِينَ (81) وَيُحِقُّ اللَّهُ الْحَقَّ بِكَلِماتِهِ وَلَوْ كَرِهَ الْمُجْرِمُونَ (82)}﴾ [يونس: 81-82] މާނައީ: "ފަހެ އެއުރެން އެތަކެތި އުކި ހިނދު مُوسَى ވިދާޅުވި އެވެ: ތިޔަބައިމީހުން ތިޔަ ގެނައީ ސިޙުރެވެ. ހަމަކަށަވަރުން الله އެ ސިޙުރު ބާޠިލުކުރައްވާނެ އެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންގެ ޢަމަލު، الله އިޞްލާޙު ނުކުރައްވާ ހުއްޓެވެ. އަދި މުޖްރިމުން ނުރުހުނަސް، الله އެއިލާހުގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި ފާޅުކުރައްވާނެ އެވެ." އަދި طه ސޫރަތުގައިވެ އެވެ: ﴿ وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا إِنَّمَا صَنَعُوا كَيْدُ سَاحِرٍ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى (69) فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آَمَنَّا بِرَبِّ هَارُونَ وَمُوسَى (70)﴾ [طه: 69-70] މާނައީ: "އަދި އިބަ ނަބިއްޔާގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ. އޭރުން އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެ އެވެ. ހަމަކަށަވަރުން އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ސިޙުރުވެރިންގެ މަކަރު ކަމުގައެވެ. އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވީ ނަމަވެސް، އޭނާއަކަށް ކާމިޔާބެއް ނުވާނެ އެވެ. ފަހެ ސިޙުރުވެރިން ސަޖިދައަށް ތިރިވި އެވެ. އެއުރެން ބުންޏެވެ: هَارُون އާއި مُوسَى ގެ ވެރި އިލާހަށް ތިމަންމެން އީމާންވެއްޖައީމެވެ."


    الأَعْرَاف ސޫރަތާއި، يُونُس ސޫރަތާއި، طه ސޫރަތުގައި މިވާ އާޔަތްތައް ރުޤްޔާ ކުރާ މީހާ ސިޙުރު ޖެހިފައިވާ މީހާގެ މައްޗަށް ކިޔަވާނީ ޣާފިލުނުވާ ހިތަކައިގެންނެވެ. އަދި الله  އަށް ވަކީލުކުރުމާ އެކުގައެވެ. އަދި الله ގެ މަތިން ރަނގަޅު ގޮތުގައި ހީކުރުމާ އެކުގައެވެ. އަދި މި ބަލިމީހާއަށް الله ޝިފާ ދެއްވާނެ ކަމުގެ ޢަޤީދާއާ އެކުގައެވެ.
ދެން އޭނާގެ މައްޗަށް ޤުރްއާން ކިޔެވޭ މީހާގެ މައްޗަށް އޮތީ މި ޢަޤީދާ އިޢުތިޤާދުކޮށް ޤަބޫލުކުރުމެވެ. ފަހެ އޭނާ ޝިފާއަށް އެދުން ހުށީ الله ގެ ޙަޟްރަތުންނެވެ. އަދި الله އާ މެދު ޔަޤީންކުރުން ހުއްޓެވެ. އަދި އެއިލާހަށް ވަކީލުކުރުން ހުއްޓެވެ. އަދި الله ގެ ކަލާމްފުޅުގައި ޝިފާ އެކުލެވިގެންވާކަން އިޢުތިޤާދު ކުރުން ހުއްޓެވެ.
ފަހެ ރުޤްޔާ ކުރާ މީހާއާއި ރުޤްޔާ ކުރެވޭ މީހާ މި ކުރިމަތިލުމާ އެކު الله އަށް ކުރިމަތިލައި އެއިލާހަށް ވަކީލުކޮށްފި ނަމަ، ނަތީޖާ ޙާޞިލުވާނެ އެވެ. އެކަމަކީ އެއްވެސް ޝައްކެއް އޮޅުމެއް އޮތް ކަމެއް ނޫނެވެ.
ހަމަކަށަވަރުން ނަތީޖާ ފަސްޖެހިގެންދަނީ އިންސާނާގެ ޢަޤީދާ ފަސްޖެހިއްޖެ ނަމަ، ނުވަތަ އެ ޢަޤީދާއާ މެދު ޣާފިލުވެއްޖެ ނަމަ އެވެ.


ދެވަނަ ބާވަތަކީ: ރައްކައުތެރިކަން ހޯދުމަށް އެދި ކުރާ ދުޢާތަކުން ސިޙުރު ޙައްލުކުރުމެވެ. އެއީ ނަބިއްޔާ  ގެ އަރިއަހުން ވާރިދުވެފައިވާ ދުޢާތަކެވެ. ހަމަކަށަވަރުން އަހަރެމެން އެއިން ބައެއް ދުޢާތައް ޛިކުރުކޮށްލާނަމެވެ:
 أُعِيذُكَ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ.
 أُعِيذُكَ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ. وَمِنْ كُلِّ عَيْنٍ لَامَّةٍ.
 أُعِيذُكَ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ، وَمِنْ شَرِّ طَوَارِقِ اللَّيْلِ وَالنَّهَارِ، إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَن.
 بِسْمِ اللهِ أَرْقِيكَ مِنْ كُلِّ دَاءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ وَعَيْنٍ حَاسِدٍ، اللهُ يَشْفِيكَ.
 بِسْمِ اللهِ، أَذْهِبِ البَأَسَ رَبَّ النَّاسِ، وَاشْفِهِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا
 رَبَّنَا اللَّهُ الَّذِي فِي السَّمَاءِ تَقَدَّسَ اسْمُكَ، أَمْرُكَ فِي السَّمَاءِ وَالأَرْضِ، كَمَا رَحْمَتُكَ فِي السَّمَاءِ، اِجْعَلْ رَحْمَتَكَ فِي الأَرْضِ، اِغْفِرْ لَنَا حُوبَنَا وَخَطَايَانَا أَنْتَ رَبُّ الطَّيِّبِينَ، أَنْزِلْ رَحْمَةً مِنْ رَحْمَتِكَ، وَشِفَاءً مِنْ شِفَائِكَ عَلَى هَذَا الْمَرَضِ.


ފަހެ އެހިނދު الله ގެ އިޛްނަފުޅާ އެކު އޭނާ އެ ބަލިން ސަލާމަތްވާނެ އެވެ." ރައްކައުތެރިކަން ހޯދުމަށް އެދި ކުރާ ދުޢާތަކަކީ މިއީ އެވެ.
❊ ތިންވަނަ ބާވަތަކީ: ހުއްދަވެގެންވާ ދުޢާތައް ބޭނުންކޮށްގެން ރުޤްޔާ ކުރުމެވެ. ފަހެ އެ ދުޢާތަކެއްގެ ސަބަބުން الله ސިޙުރު ނެތިކޮށްލަވާ ދުޢާތަކެއްވެ އެވެ. މާހިރުންނާއި ތަޖުރިބާގެ އަހުލުވެރިންނާއި ސަލާމަތްވެގެންވާ ޢަޤީދާގެ އަހުލުވެރިން އެ ދުޢާތައް ދަނެއެވެ. الله ގެ އިރާދަފުޅާ އެކު، ސިޙުރު ނެތިކޮށްލުމަށް އެ ދުޢާތަކުން ފައިދާކުރާނެ އެވެ. الله ގެ ޛިކުރުކުރުމާ އެކުގައެވެ. އަދި الله ގެ ޙަޟްރަތުން ސަލާމަތްކަމަށް އެދި ދުޢާކުރުމާ އެކުގައެވެ. އަދި ރުޤްޔާ ކުރުމާ އެކުގައެވެ. އަދި ޤުރްއާން ކިޔެވުމާ އެކުގައެވެ. ފަހެ، ހުއްދަވެގެންވާ މި ކަންކަން ޖަމާވުމުން، މީގެ ސަބަބުން الله ފައިދާކޮށްދެއްވާނެ އެވެ. އެހެން ނަމަވެސް އެކަން ޙާޞިލުވުމަށްޓަކައި الله  ގެ މަތިން ރަނގަޅު ގޮތުގައި ހީކުރުމާއި، ޝިފާ ވަނީ الله  ގެ ޙަޟްރަތުންކަން އިޢުތިޤާދުކުރުން ޝަރުޠުކުރެވިގެންވެ އެވެ.


ފަހެ ނަތީޖާއަކީ، ނުޝްރާ ވަނީ ابنُ القَيِّمِ ވިދާޅުވެފައިވާ ފަދައިންނެވެ. ނުޝްރާގެ ތެރެއިން ބައެއް ކަންކަމީ ޙަރާމް ކަންކަމެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި ޢަމަލުކޮށް އުޅުނު ނުޝްރާ އެވެ. އެއީ ސިޙުރުވެރިން ޢަމަލުކޮށް އުޅުނު ނުޝްރާ އެވެ.


އަދި ނުޝްރާގެ ތެރެއިން ބައެއް ކަންކަމީ ހުއްދަ ކަންކަމެވެ. އަދި އެއީ ޝަރުޢީ ނުޝްރާ އެވެ. އެހެން ނަމަވެސް އެ ނުޝްރާ ކުރުމުގައި އެމީހެއްގެ ޢިލްމާއި ދީންވެރިކަން ޔަޤީންވާ މީހެއް ލައްވައި ނުޝްރާ ކުރުވުން ޝަރުތުކުރެވިގެންވެ އެވެ. ދުނިޔަވީ އެދުންތަކުގެ އަހުލުވެރިން، ނުވަތަ މީސްތަކުންގެ ޢަޤީދާތައް ފަސާދަކޮށް، ދޮގާއި އޮޅުވާލުމާ އެކު މީހުން ބިރުގަންނުވާ ފަންޑިތަވެރިން ލައްވައި އެކަން ކުރުވައިގެން ނުވާނެ އެވެ.


ލިޔުން ނަގައިފައިވަނީ: إعانة المستفيد بشرح كتاب التوحيد للإمام المجدد الشيخ محمد بن عبد الوهاب، شرح معالي الشيخ الدكتور صالح بن فوزان عبد الله الفوزان، ص503-509،  دار العاصمة، الطبعة الأولى 1429 ه

Like what you see?

Close

Hit the buttons below to follow us, you won't regret it...