5  ސުންނަތް ތަދުވީނުކުރެވުން – ހިޖުރައިން ފުރަތަމަ ޤަރުނު (3) ފުރަތަމަ ބައި: ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި ސުންނަތް ތަދުވީނުކުރެވުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސުންނަތް ތަދުވީނުކުރެވުން

 ސުންނަތް ތަދުވީނުކުރެވުން – ހިޖުރައިން ފުރަތަމަ ޤަރުނު (3) ފުރަތަމަ ބައި: ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި ސުންނަތް ތަދުވީނުކުރެވުން

ލިޔެ ތައްޔާރުކުރީ: އަލް-އަޚް ޢަދިއްޔު ބިން މުޙައްމަދު حفظه الله. ކެޓަގަރީ ސުންނަތް ތަދުވީނުކުރެވުން

بسم الله الرّحمن الرّحيم، الحمد لله ربّ العالمين، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين، أمّا بعد:

މި ސިލްސިލާ ލިޔުންތަކަކީ ސުންނަތް ތަދުވީނުކުރެވުމުގެ މަރުޙަލާ ތަކާއި، ސުންނަތް ތަދުވީނުކުރެވުނު ފޮތްތަކާއި، އެފޮތްތަކުގެ މުއައްލިފުންނާ، އަދި މިނޫންވެސް މި މައުޟޫޢާ ގުޅުންހުރި ކަންތައްތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ލިޔުންތަކެކެވެ. މި ލިޔުންތައް ތައްޔާރުކުރުމުގައި އަޞްލެއް ކަމުގައި ބަލާފައިވާނީ މަދީނާގެ ޖާމިޢާ އިސްލާމިއްޔާގެ ކުއްލިއްޔަތުލް ޙަދީޘްގެ ކުރީގެ މުޤައްރަރުގައި تدوين السّنّة  މާއްދާގައި ކިޔަވައިދެވުނު ފޮތް ކަމުގައިވާ، د. محمّد بن مطر الزّهراني - رحمه الله -  ލިޔުއްވާފައިވާ، تدوين السّنّة النّبويّة نشأته وتطوّره من القرن الأوّل إلى نهاية القرن التّاسع الهجري މިފޮތެވެ. ބައެއް ފަހަރު މިނޫން އެހެން ފޮތްތަކަށްވެސް ރުޖޫޢަވެފައި ވާނެއެވެ. މިއީ މި ސިލްސިލާ ލިޔުންތަކުގެ ތިންވަނަ ބައެވެ.

މި ލިޔުމުގެ ފުރަތަމަ ބައިގައި ވާނީ ސުންނަތް ތަދުވީނުކުރެވެން ފެށުނު ގޮތާ މެދު الْخَطِيبُ الْبَغْدَادِيُّ - رحمه الله -  ދިރާސާކުރެއްވި ގޮތުގެ ތަޢާރަފެއް ގެނެސްދެވިފައެވެ. އެއަށްފަހު ދެވަނަ ބައިގައި ބަލައިލާފައިވާނީ الْخَطِيبُ  - رحمه الله -  އެބޭފުޅާގެ ފޮތް "تَقْيِيدُ الْعِلْمِ"  ބައްސަވައި ތަރުތީބު ކުރެއްވި ގޮތުގެ މައްޗަށެވެ. އެގޮތުން، ފޮތް ބައިތަކަކަށް ބެއްސެވިއެވެ. އަދި ކޮންމެ ބަޔެއްގައި ފަޞްލުތަކެއް ގެނެސްދެއްވިއެވެ. މީގެ ތެރެއިން ފޮތުގެ ފުރަތަމަ ބަޔާއި ދެވެނަ ބައިގައި ބަޔާންކޮށްދެއްވި ކަންތައްތަކުގެ ޚުލާޞާ މީގެ ކުރީ ލިޔުމުގައި ވާނީ ގެނެސްދެވިފައެވެ. އެއަށްފަހު، މިބައިގައި މި ގެނެސްދެނީ ފޮތުގެ ތިންވަނަ ބައިގައި ބަޔާންކޮށްދެއްވި ކަންތައްތަކުގެ ޚުލާޞާއެކެވެ. 


ފޮތުގެ ތިންވަނަ ބައި:
    

ފޮތުގެ މިބައިގައި، ޢިލްމު ލިޔުމަށް އިޒުނަދެވިފައިވާކަމުގެ މައްޗަށް ދަލީލުލިބޭ ޙަދީޘްތަކާއި އަޘަރުތައް ހިމެނޭ ގޮތުގެ މަތިން ތިން ފަޞްލު ގެނެސްދެއްވިއެވެ. 
    

ފުރަތަމަ ފަޞްލުގައި، ނަބިއްޔާ ﷺ އާ ހަމަޔަށް އުފުލިފައިވާ މަރްފޫޢު ޙަދީޘްތައް ގެނެސްދެއްވިއެވެ. އެ ރިވާޔާތްތަކުގެ ޢަދަދު ގިނައެވެ. އޭގެ ތެރޭގައި ޞައްޙަ ރިވާޔަތްތައް ހިމެނެއެވެ. އަދި ޟަޢީފް (ބަލިކަށި) ރިވާޔަތްތައްވެސް ހިމެނެއެވެ. ޟަޢީފް ރިވާޔަތްތަކުގެ ޢަދަދު ގިނައެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ ބަލިކަށިކަމުން އަރައިގަނެވި ބާރުލިބިގެންދިޔުން އެކަށީގެންވާ ރިވާޔަތްތަކެވެ. ކޮންމެއަކަސް، މިތަނުގައި މި ޛިކުރުކޮށްލަނީ މި ފަޞްލުގައި الْخَطِيبُ  - رحمه الله - ގެނެސްދެއްވި ރިވާޔަތްތަކުގެ ތެރެއިން ޞައްޙަ، ބައެއް ރިވާޔަތްތަކެވެ.


(1) أبُو هُرَيْرَة - رضي الله عنه -  ގެ ޙަދީޘެވެ. أبُو هُرَيْرَة - رضي الله عنه -  ވިދާޅުވިއެވެ. "ޞަޙާބީ ބޭކަލުންގެ ތެރޭގައި އަހަންނަށްވުރެ ޙަދީޘް ގިނަ ބޭކަލަކު ނުހުންނަވާނެއެވެ. عَبْدُ اللَّهِ بنْ عَمْرٍو ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން، އެ ޞަޙާބީ ލިޔުއްވާ އުޅުއްވިއެވެ. އަދި އަހަރެން ލިޔެ ނޫޅެމުއެވެ..."


(2) އަދިވެސް أبُو هُرَيْرَة - رضي الله عنه -   ގެ އަރިހުން ވާރިދުވެފައިވެއެވެ. أبُو هُرَيْرَة - رضي الله عنه -  ވިދާޅުވިއެވެ. "މައްކާ ފަތަޙަ ކުރެއްވި ދުވަހު ﷲ ގެ ރަސޫލާ ﷺޚުޠުބާދެއްވިއެވެ.." އެއަށްފަހު ޙަދީޘް ރިވާކުރައްވަމުން ގޮސް ނަބިއްޔާ ﷺ ގެ އަންނަނިވި ބަސްފުޅު ރިވާކުރެއްވިއެވެ. ފަހެ، އެ ރިވާޔަތުގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. (( اُكْتُبُوا لِأَبِي شَاة ))  މާނައީ: " أَبُو شَاة  އަށް ލިޔެދޭށެވެ!" މިއީ ލިޔުމަށް ކުރައްވާފައިވާ ސީދާ އަމުރެކެވެ.


(3) ابْنُ عَبَّاس  - رضي الله عنه -   ގެ ޙަދީޘްފުޅެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ އާލާސްކަންފުޅާ އޮންނެވި ޙާލުގައި ޙަދީޘްކުރެއްވިއެވެ. (( ائْتُونِي بِكِتَابٍ أَكْتُبُ لَكُمْ كِتَابًا لَا تَضِلُّوا بَعْدَه ))   މާނައީ: "ތިޔަބައިމީހުން ތިމަން ނަބިއްޔާއަށް ފޮތެއް ގެނެސްދޭހުށިކަމެވެ. އެލިޔުމަކަށްފަހު ތިޔަބައިމީހުން މަގުފުރެދިގެން ނުދާނޭ ލިޔުމެއް ލިޔުއްވުމަށްޓަކައެވެ." 


(4) عَبْدُ اللَّهِ بنْ عَمْرٍو بنْ الْعَاص  - رضي الله عنه -   ގެ ޙަދީޘެވެ.  ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން އަހަންނަށް އަޑު އިވޭ ހުރިހައި އެއްޗެއް ލިޔެ އުޅުނީމެވެ." މިގޮތަށް ވާހަކަ ދައްކަވަމުން ގޮސް ﷲ ގެ ރަސޫލާ ގެ އަންނަނިވި ބަސްފުޅު ރިވާކުރެއްވިއެވެ. ފަހެ، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (( اُكْتُبْ. فَوَالَّذِي نَفْسِي بِيَدِهِ مَا خَرَجَ مِنِّي إِلَّا حَقٌّ ))   މާނައީ: "ލިޔާށެވެ! ތިމަން ނަބިއްޔާގެ ނަފްސުފުޅު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ވިދާޅުވަމެވެ! ތިމަން ނަބިއްޔާގެ ކިބައިން (އެބަހީ؛ ދޫފުޅުން) ޙައްޤު ނޫނީ ބޭރެއް ނުވާނެއެވެ." 
    

ދެވަނަ ފަޞްލުގެ ސުރުޙީއެއްގެ ގޮތުގައި "ޞަޙާބީ ބޭކަލުން رضي الله عنهم ގެ ތެރެއިން އެބޭކަލަކު ޢިލްމު ލިޔުއްވިކަމަށް ނުވަތަ ލިޔުމަށް އަމުރުފުޅުކުރެއްވިކަން ރިވާކުރެވިފައިވާ ބޭކަލުންގެ ނަންގަތް ބާބު" މިފަދައިން ލިޔުއްވިއެވެ. އެއަށްފު، މި ސުރުޙީގެ ދަށުގައި އެ ޞަޙާބީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ގިނަ ރިވާޔަތްތަކެއް ޛިކުރުކުރެއްވިއެވެ. އަދި އޭގެ ތެރެއިން ގިނަ ރިވާޔަތްތަކަކީ ޞައްޙަ ރިވާޔަތްތަކެވެ. 
    އެރިވާޔަތްތައް ގެނެސްދެއްވި ހިނދު، އެ ރިވާޔަތްތަކާ ގުޅުންހުރި މުހިންމު ނުކުތާތަކެއްވެސް ޛިކުރު ކުރެއްވިއެވެ. މިސާލަކަށް، أَبُو سَعِيدٍ الْخُدْرِيُّ - رضي الله عنه -  އަރިހުން ރިވާކުރެވިފައިވާ ބަސްފުޅުގެ މައްޗަށް الْخَطِيبُ  - رحمه الله -  ޛިކުރުކުރެއްވި ނުކުތާއެވެ. ފަހެ، أَبُو سَعِيدٍ الْخُدْرِيُّ - رضي الله عنه -  ވިދާޅުވެފައިވެއެވެ. "އަހަރެމެން ޤުރުއާނާއި ތަޝައްހުދު ފިޔަވައި އެހެން އެއްޗެއް ލިޔެ ނޫޅެމުއެވެ." 


ފަހެ، މިބަސްފުޅާ މެދު الْخَطِيبُ  - رحمه الله -  ވިދާޅުވިއެވެ. "މިގޮތަށް މިވިދާޅުވި أَبُو سَعِيدٍ الْخُدْرِيُّ - رضي الله عنه -   އަކީ ﷲ ގެ ރަސޫލާ ﷺ (( لَا تَكْتُبُوا عَنِّي سِوَى الْقُرْآنِ، وَمَنْ كَتَبَ عَنِّي غَيْرَ الْقُرْآنِ فَلْيَمْحُهُ ))  މި ބަސްފުޅު ޙަދީޘްކުރެއްވިކަމަށް އެބޭކަލެއްގެ އަރިހުން ރިވާކުރެވުނު ޞަޙާބީއެވެ. އެއާއެކުވެސް، މި ރިވާޔަތުގައި މި ވިދާޅުވަނީ ތިމަން ބޭކަލުން ޤުރުއާނުގެ އިތުރަށް ތަޝައްހުދުވެސް ލިޔުއްވާ އުޅުއްވި ކަމުގައެވެ. ޤުރުއާން ނޫން އެހެން އެއްޗެއް ލިޔުމަށް ނަހީކުރެއްވުނު ސަބަބާ މެދު އަހަރެމެން ކުރިން ޛިކުރުކުރި ކަންކަމުގެ މައްޗަށް މިއިން ދަލީލު ލިބެއެވެ. އެއީ ﷲ تَعَالَى  ގެ ފޮތާއި އެހެން އެއްޗެއް އެއްވަރު ވިޔަ ނުދިނުމަށްޓަކައެވެ. އަދި ޤުރުއާން ފިޔަވައި، އެނޫން އެހެން އެއްޗަކާއިގެން މީސްތަކުން މަޝްޢޫލުވިޔަ ނުދިނުމަށްޓަކައެވެ. ފަހެ، މި ބިރު ފިލައިގޮސް މިކަންކަމުން އަމާންކަން ލިބި، ޢިލްމު ލިޔުމަށް ޙާޖަތް ޖެހުނު ހިނދު، އެފަދައިން އެ ޢިލްމު ލިޔުމަށް ހުއްދަދެވުނެވެ. އެއީ ތަޝައްހުދު ލިޔުއްވުމަށް ޞަޙާބީ ބޭކަލުން އިންކާރު ކުރައްވާފައިނުވާ ފަދައިންނެވެ. ތަޝައްހުދާ އެނޫން އެހެން ޢިލްމުތަކާ ވަކި ތަފާތެއް ނެތެވެ. އެހެނީ، ތަޝައްހުދަކީވެސް، އަދި އެނޫން ޢިލްމުތަކަކީވެސް ޤުރުއާނެއް ނޫނެވެ. ފަހެ، ޞަޙާބީ ބޭކަލުން ލިޔުއްވި ތަކެތި ލިޔުއްވީ، އަދި އެފަދައިން ލިޔުމަށް އަމުރުކުރެއްވީ އިތުރު ރައްކައުތެރިކަމެއްގެ ގޮތުގައި ނޫނީ ނުވާނެއެވެ. އެއީ، އޭގެ ކުރިން، ރައްކައުތެރިކަމަށްޓަކައި އެ ލިޔުމަށް އެބޭކަލުން ނުރުހުންތެރިވެވަޑައިގެންނެވި ފަދައިންނެވެ. والله أعلم. "


ފަހެ، ތިންވަނަ ފަޞްލާ މެދުގައި ދަންނައެވެ. މިފަސްލު ޚާއްޞަކުރެއްވީ މި ބާބުގައި ތާބިޢީ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ރިވާޔަތްތައް ޛިކުރުކުރެއްވުމަށެވެ. އެގޮތުން، الْخَطِيبُ الْبَغْدَادِيُّ - رحمه الله - ގެ އަމިއްލަ ސަނަދުން ބޮޑެތި ތާބިޢީ ބޭކަލުންނާއި، އެބޭކަލުންގެ ތެރެއިންވީ އިމާމުންނާ ހަމަޔަށް ސަނަދު ޛިކުރުކުރައްވައި ރިވާޔަތްތައް ގެނެސްދެއްވިއެވެ. ފަހެ، އެބޭކަލުން ޙަދީޘް ލިޔުއްވާ އުޅުއްވިކަމާއި، އެބޭކަލުންގެ ދަރިވަރުންނަށް ޙަދީޘް ލިޔުމަށް އިޛުނަ ދެއްވިކަމާ އަދި ކިއެއްތަ! ޙަދީޘް ލިޔުމަށް އެބޭކަލުން ބާރު އެޅުއްވިކަން އެ ރިވާޔަތްތަކުން ބަޔާންވެގެން ދެއެވެ. 


ތާބިޢީ ބޭކަލުންގެ ޒަމާނަށްފަހު، މީސްތަކުން ޢިލްމު ލިޔުމުގައި ކުރި އަރައިގޮސް، ލިޔުމުގެ މައްޗަށް ބަރޯސާވެގެންދިޔަ ސަބަބާ މެދު الْخَطِيبُ - رحمه الله - ވިދާޅުވެފައިވެއެވެ. " ފޮތްތަކުގައި ޢިލްމު  ލިޔުން އެއީ އެދެވިގެންވާ ކަމަކަށް ނުވެ ހިނގައިދިޔުމަށްފަހު، ޢިލްމު ލިޔުމުގައި މީސްތަކުން ކުރި އަރައިދިޔަ ސަބަބަކީ ރިވާޔަތްތައް ފެތުރިގެން ދިޔުމެވެ. އަދި ސަނަދުތައް ދިގުވެ، އޭގައިވާ ރާވީންގެ ނަންފުޅުތަކާއި، ކުންޔާތަކާއި، ނަސަބުފުޅުތައް ގިނަވެ، ލަފްޡުތައް ތަފާތުވެ ދިޔުމެވެ. ފަހެ، އަހަރެމެން މި ޛިކުރުކުރި އެންމެހައި ތަކެއްޗެއް ހިތުދަސްކުރުމަކީ ހިތްތަކަށް ކުޅަދާނަވެގެންވާ ކަމެއް ކަމުގައި ނުވިއެވެ."


މިހާ ހިސާބުން މި ލިޔުމުގައި ގެނެސްދޭން ބޭނުންވި މިންވަރު ގެނެސްދީ ނިމުނީއެވެ. ދެން އަންނަ ބައިގައި الْخَطِيبُ الْبَغْدَادِيُّ - رحمه الله -  ގެ "تَقْيِيدُ الْعِلْمِ" މި ފޮތަށް ބަލައިލަން ޖެހުނު ސަބަބަކީ ކޮބައިކަމާއި، މިފޮތުން ނެރެވުނު ނަތީޖާއަކީ ކޮބައިކަމުގެ މައްޗަށް – إِنْ شَاءَ اللَّهُ-  ބަލައިލާނަމެވެ. 
وصلّى الله وسلّم على نبيّنا محمّد وعلى آله أصحابه أجمعين، والحمد لله ربّ العالمين. 

 

*****

(1) ބައްލަވާ: صحيح البخاري  ގެ كتاب العلم  ގެ باب كتابة العلم 
(2) ހަމަ އިސްވެދިޔަ މަޞްދަރު.
(3) ހަމަ އިސްވެދިޔަ މަޞްދަރު.
(4) ރިވާކުރެއްވީ: مُسند (2/163) ގައި الإمام أحمد،  سنن  ގެ باب من رخّص في كتابة العلم 1/103 ގައި الدّارمي އަދި سُنن ގެ كتاب العلم ގައި أبو داود އެވެ. (5) މީގެ އިތުރުން تقييد العلم (ޞ. 74، 81) ގައި އެކި ސަނަދުތަކުން އަދި އެކި ލަފްޡުތަކުން الخطيب البغدادي ވެސް މި ރިވާޔަތް ގެނެސްދެއްވާފައިވެއެވެ. 
(6) މިތަނުގައި ތަޝައްހުދޭ ބުނުމުން އޭގެ މާނައަކީ ނަމާދުގެ އައްތަޙިއްޔާތުގައި ކިޔޭ ޛިކުރުތަކެވެ. 
(7) މި ބަސްފުޅުގެ މާނައީ: "ތިމަން ނަބިއްޔާގެ އަރިހުން ތިޔަބައިމީހުން ޤުރުއާން ނޫނީ އެހެން އެއްޗެއް ނުލިޔާށެވެ! ޤުރުއާން ނޫން އެހެން އެއްޗެއް ތިމަން ނަބިއްޔާގެ އަރިހުން ލިޔެފައިވާ މީހަކު އެއެއްޗެއް ފޮހެލާ ހުށިކަމެވެ!" މިއެވެ. 
(8) تقييد العلم، ص. 64-65
 

Like what you see?

Close

Hit the buttons below to follow us, you won't regret it...