ސުންނަތް ތަދުވީނުކުރެވުން

 ސުންނަތް ތަދުވީނުކުރެވުން – ހިޖުރައިން ފުރަތަމަ ޤަރުނު (1) ފުރަތަމަ ބައި: ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި ސުންނަތް ތަދުވީނުކުރެވުން

ކެޓަގަރީ ސުންނަތް ތަދުވީނުކުރެވުން

بسم الله الرّحمن الرّحيم، الحمد لله ربّ العالمين، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين، أمّا بعد:

މި ސިލްސިލާ ލިޔުންތަކަކީ ސުންނަތް ތަދުވީނުކުރެވުމުގެ މަރުޙަލާ ތަކާއި، ސުންނަތް ތަދުވީނުކުރެވުނު ފޮތްތަކާއި، އެފޮތްތަކުގެ މުއައްލިފުންނާ، އަދި މިނޫންވެސް މި މައުޟޫޢާ ގުޅުންހުރި ކަންތައްތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ލިޔުންތަކެކެވެ. މި ލިޔުންތައް ތައްޔާރުކުރުމުގައި އަޞްލެއް ކަމުގައި ބަލާފައިވާނީ މަދީނާގެ ޖާމިޢާ އިސްލާމިއްޔާގެ ކުއްލިއްޔަތުލް ޙަދީޘްގެ ކުރީގެ މުޤައްރަރުގައި تدوين السّنّة  މާއްދާގައި ކިޔަވައިދެވުނު ފޮތް ކަމުގައިވާ، د. محمّد بن مطر الزّهراني - رحمه الله -  ލިޔުއްވާފައިވާ، تدوين السّنّة النّبويّة نشأته وتطوّره من القرن الأوّل إلى نهاية القرن التّاسع الهجري މިފޮތެވެ. ބައެއް ފަހަރު މިނޫން އެހެން ފޮތްތަކަށްވެސް ރުޖޫޢަވެފައި ވާނެއެވެ. 


މީސްތަކުންގެ ތެރޭގައި ނުހަނު ބޮޑަށް ފެތުރިފައިވީ ޤަބޫލުކުރުންތަކުގެ ތެރޭގައި، ސުންނަތް ތަދުވީންކުރެވި ލިޔެވުމާ މެދު ފެތުރިފައިވާ ޤަބޫލުކުރުމެއް ހިމެނެއެވެ.  އެއީ، ޙަދީޘްތައް، ލިޔެވުމަކާއި ނުލައި، ހިތުދަސްކޮށްގެން، ޢިލްމުވެރިންގެ މެދުގައި އަނގަބަހުން ނަޤުލުކުރެވޭ އެއްޗެއްގެ ގޮތުގައި ސަތޭކައަށްވުރެ ގިނަ އަހަރު ހޭދަވެފައިވާކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމެވެ. މިހީކުރުމުގެ މަތީގައި ގާތްގަނޑަކަށް ޖެހިޖެހިގެން 5 ޤަރުނު ވޭތުވެގެން ދިޔައެވެ. الخطيب البغدادي - رحمه الله - (2)  އާ ޖެހެންދެން ކަން އޮތީ މިހެންނެވެ. ފަހެ، الخطيب البغدادي - رحمه الله -  ވަޑައިގެންނެވުމަށްފަހު، މި މައުޟޫ ރަނގަޅަށް ދިރާސާ ކުރެއްވިއެވެ. އަދި މި މައުޟޫގައި އެކި ތަންތަނުގައި ފެތުރިފައިވާ ވާހަކަތަކާއި ބަސްތައް އެއްތަންކުރައްވައި ޖަމާކުރެއްވިއެވެ. އަދި "تَقْيِدُ الْعِلْمِ"  މިނަމުގައި ފޮތެއް ލިޔުއްވިއެވެ. 


އިސްވެ ބަޔާންކުރެވުނު ހީކުރުން މީސްތަކުންގެ ތެރޭގައި މަޝްހޫރުވާންޖެހުނު ސަބަބަށް ބަލާއިރު، ބަޔާންވެގެން ދަނީ އެއީ ސުންނަތް ތަދުވީން ކުރުމާ މެދު ބައެއް ޙަދީޘް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް މާނަކުރުމުގައި ޖެހުނު ކުށެއް ކަމެވެ. އެހެނީ، ބައެއް ޙަދީޘް ޢިލްމުވެރިން ޛިކުރުކުރައްވާފައިވާ ގޮތުގައި، އެންމެ ފުރަތަމަ ޢިލްމު ތަދުވީންކުރައްވައި ލިޔުއްވި ބޭކަލަކީ ހިޖުރައިން 124 ނުވަތަ 125 ވަނަ އަހަރުގައި އަވަހާރަވެވަޑައިގެންނެވި އިމާމެއް ކަމުގައިވާ الإمام ابْنُ شِهَاب الزُّهْرِي  - رحمه الله -  އެވެ. ކޮންމެއަކަސް، الخطيب البغدادي - رحمه الله - އަށްވުރެ ކުރިން މުޙައްދިޘުންގެ މި ބަސްފުޅުތަކަށް ލިބެންޖެހޭ ޙައްޤު މާނައާއި، އޭގެ ފުރިހަމަ ފަހުމް އެއަށް ދިނުމުގައި ޢިލްމުވެރިން މާބޮޑު މަސައްކަތްޕުޅެއް ކުރައްވާފައެއް ނުވެއެވެ. އަދި ކިއެއްތަ! އެ ބޭކަލުންވަނީ، ހަމަ ޙަޤީޤަތުގައިވެސް އެންމެ ފުރަތަމަ ޙަދީޘްތައް ލިޔުއްވި ފަރާތަކީ الزُّهْرِي  - رحمه الله - ކަމަށާއި، ފޮތްތަކުގައި އެ ޙަދީޘްތައް ފުރަތަމަ ތަޞްނީފު ކުރެއްވި ބޭފުޅުން ވަޑައިގެންނެވީ އޭގެ ފަހުގައިކަން ވަހުމްކުރެވޭނޭ ފަދައިން އެ ބަސްފުޅުތައް ރިވާކުރައްވާފައެވެ. 


ބައެއް ބޮޑެތި ފޮތްތައް ލިޔުއްވި ޢިލްމުވެރިންގެ މައްޗަށްވެސް މި ޤަބޫލުކުރުން ގަދަކަން ހޯދާފައި ވެއެވެ. އެގޮތުން أَبُو طَالِب الْمَكِّي  އާއި الإِمَامُ الذَّهَبِي  އާއި الْحَافِظُ ابْنُ حَجَر  އާއި الْمَقْرِيزِي  އާއި صِدِّيق حَسَن خَان  އަދި މިނޫންވެސް ޢިލްމުވެރިން ހިމެނިވަޑައިގަނެއެވެ. އެބޭކަލުން މި ރަޢުޔަށް ނަޞްރު ދެއްވިއެވެ. އެއީ ޞަޙާބީބޭކަލުން އަދި ތާބިޢީބޭކަލުންގެ ޒަމާނުގައި ލިޔެވިފައިވީ ޞައްޙަވެގެންވާ، އެހެނަސް، ތަރުތީބު ކުރެވިފައިނުވާ ފަތްފުށްތަކަކުން، އެ ޞަޙާބީބޭކަލުންނާއި ތާބިޢީ ބޭކަލުންނަށް ފަހު،  މީސްތަކުން ޢިލްމު ރިވާކުރިކަން ޚުދު އެބޭކަލުންވެސް ޛިކުރުކުރައްވާ ޙާލުގައެވެ


ކޮންމެއަކަސް، ތާބިޢީ ބޭކަލުންގެ ތެރެއިން ހަގު ތާބިޢީބޭކަލުންގެ ޠަބަޤާގެ ތެރެއިން ހިމެނިވަޑައިގަންނަވާ الزُّهْرِي  - رحمه الله -  އަށްވުރެ ކުރިން ޙަދީޘްތައް ވަނީ ތަދުވީނުކުރެވިފައެވެ.

އަދި، الخطيب البغدادي - رحمه الله -  ވަނީ ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި، ޞަޙާބީބޭކަލުންގެ ޒަމާނުގައި، އަދި ހަމައެފަދައިން ތާބިޢީ ބޭކަލުންގެ ޒަމާނުގައިވެސް، ޢިލްމު ޤައިދުކުރެވި ލިޔެވުނުކަން ސާބިތުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާފައެވެ. މި މަސައްކަތްޕުޅުކުރެއްވުމަށްޓަކައި ޢިލްމު ލިޔުމުގެ ތާރީޚު ދިރާސާކުރެއްވުމަށް ޖެހިވަޑައިގެންނެވިއެވެ. އެގޮތުން، ޢިލްމު ލިޔެވެން ފެށުމާ ގުޅުންހުރި ޙަދީޘްތަކާއި ޚަބަރުތައް ޖަމާކުރެއްވިއެވެ.  މިގޮތަށް، އޭގެ ކުރިން އެއްވެސް ޢިލްމުވެރިޔަކު ޖަމާކުރައްވާފައިނުވާހާ ގިނަ ޙަދީޘްތަކާއި ޚަބަރުތައް ޖަމާކުރެއްވިއެވެ. މިގޮތަށް ޖަމާކުރެވުނު ހިނދު الخطيب - رحمه الله -  އަށް ބަޔާންވެދިޔަ ކަމަކީ އެފަދަ ޙަދީޘްތައް ދެބަޔަކަށް ބެހިގެންދާކަމެވެ. އަދި ކޮންމެ ބައެއްވެސް އަނެއް ބަޔާ އިނދިކޮޅުވާކަމެވެ. އެހެނީ، އޭގެ ތެރެއިން ބައެއް ޙަދީޘްތަކުގައި ޙަދީޘް ލިޔުން ހުއްދަކުރައްވައި، އެކަންކުރުމަށް އިޝާރަތްކުރައްވާފައި ވެއެވެ. އަނެއްބައި ޙަދީޘްތަކުގައި ފާޅުވެގެން އަންނަނީ އޭގެ އިނދިކޮޅެވެ. މިއީ الخطيب - رحمه الله -  ގެ ކުރިންވެސް މި މައުޟޫގައި ދިރާސާކުރެއްވި ބައެއް ޢިލްމުވެރިންނަށްވެސް ވާސިލުވެވުނު ނަތީޖާއެވެ. ނަމަވެސް، އެ ޢިލްމުވެރިންނަށް ފާހަގަ ކުރެއްވިފައިނުވާ ކަމެއް الخطيب - رحمه الله -  އަށް ފާހަގަކުރެއްވުނެވެ. އެއީ، ޙަދީޘްތައް ނުލިޔުމަށް ވާރިދުވެފައިވާ ބައެއް ދަލީލުތަކުގައި އޭގެ ސަބަބުގެ މައްޗަށް އިޝާރާތްކުރައްވާފައިވުމެވެ. މިކަން ފާހަގަކުރެވުނު ހިނދު، މި ނައްޞުތައް އަމިއްލަޔަށް 'ވާހަކަދައްކައި' އުފެދިގެން އުޅޭ ޚިލާފު ނައްތާލުމަށްޓަކައި، މިނައްޞުތައް ޖަމާކޮށްފައިވާ ޚާއްޞަ ބާބެއް ފޮތުގައި ބެންނެވުމަށް الخطيب - رحمه الله -  ނިންމެވިއެވެ. 


މި ސިލްސިލާގެ ދެން އަންނަ ބައެއްގައި – إِنْ شَاءَ اللَّهُ-  ބަލައިލާނީ الخطيب - رحمه الله -  އެކަލޭގެފާނުގެ "تَقْيِيدُ الْعِلْمِ"  މިފޮތް ބައްސަވައި ތަރުތީބު ކުރައްވާފައިވާ ގޮތުގެ މައްޗަށެވެ. 
وصلّى الله وسلّم على نبيّنا محمّد وعلى آله وصحبه أجمعين، والحمد لله ربّ العالمين

 

****************

(1) މި ޤަބޫލުކުރުމަކީ މުސްލިމުން އެބައިމީހުންގެ ދީނާ މެދު ޝައްކުކުރުވުމަށްޓަކައި މިޒަމާނުގައި ފަތުރާ ޝުބުހައެއްވެސް މެއެވެ. މި ޝުބުހަ ފަތުރާ މީސްތަކުން ބުނެއެވެ. ތިޔަ ބުނާ ޙަދީޘްތައް ނުވަތަ ސުންނަތް ލިޔެވެންވެސް ފެށުނީ ނަބިއްޔާ ﷺ  އަވަހާރަވިތާ ސަތޭކައަށްވުރެ ގިނަ އަހަރު ފަހުންނެވެ. އެބައިމީހުންގެ ބޭނުމަކީ ސުންނަތާއި ޙަދީޘްތަކާ މެދު މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އޮޅުން އަރުވާލުމެވެ. މި ސިލްސިލާ ލިޔުންތަކުގައި – إِنْ شَاءَ اللَّهُ- މިދަޢުވާގެ ޙަޤީޤަތް ބަޔާންވެގެންދާނެއެވެ. އަދި ނަބިއްޔާ ﷺ ގެ ޒަމާނުގައިވެސް ޙަދީޘްތައް ލިޔެވި ތަދުވީނު ކުރެވުނުކަން ސާބިތުވެގެން ދާނެއެވެ. 

(2) ފުރިހަމަ ނަންފުޅަކީ: أَبُو بَكْر أَحْمَد بنْ عَلِي بن ثَابِت الْبَغْدَادِي އެވެ. އަވަހާރަފުޅުވީ ހިޖުރައިން 463 ވަނަ އަހަރުގައެވެ. 
 

 

Like what you see?

Close

Hit the buttons below to follow us, you won't regret it...