5  ދުނިޔެމަތީގައިވާ ނަބިއްޔާގެ ސުންނަތުގެ ފެންގަނޑުން ފެން ނުބުއި މީހާ، ޤިޔާމަތްދުވަހުގައި އެ ނަބިއްޔާގެ ޙަޥްޟުން ފެން ބުއިމުން މަޙުރޫމް ވާހުއްޓެވެ! - الإِمَام ابن القَيِّم رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ދުނިޔެމަތީގައިވާ ނަބިއްޔާގެ ސުންނަތުގެ ފެންގަނޑުން ފެން ނުބުއި މީހާ، ޤިޔާމަތްދުވަހުގައި އެ ނަބިއްޔާގެ ޙަޥްޟުން ފެން ބުއިމުން މަޙުރޫމް ވާހުއްޓެވެ! - الإِمَام ابن القَيِّم رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސުންނަތް

ވިސްނާލުން ހުއްޓެވެ! މިއީ މާތް ނަބިއްޔާ ދޫކުރައްވާ ވަޑައިގެންނެވި ސުންނަތުގެ މަޤާމެވެ.

"އެ ނަބިއްޔާ ﷺ އަށް ބޮޑުވެގެންވާ ދެ ފެންގަނޑު (ޙަޥްޟު) ވެ އެވެ. އެތަނުން އެއް ފެންގަނޑު ވަނީ ދުނިޔެމަތީގަ އެވެ. އެއީ އެ ނަބިއްޔާ ﷺ ގެ ސުންނަތެވެ. އަދި އެކަންތައްތަކާއިގެން ނަބިއްޔާ ﷺ ވަޑައިގެންނެވި އެންމެހައި ކަންތައްތަކެވެ. އަނެއް ފެންގަނޑުވަނީ އާޚިރަތް ދުވަހުގަ އެވެ. ދުނިޔޭގެ މި ފެންގަނޑުން (ޙަޥްޟު) އިން ފެންބޯ މީސްތަކުންނަކީ ޤިޔާމަތްދުވަހު އެ ނަބިއްޔާގެ ޙަޥްޟުންވެސް ފެންބޯނެ މީހުންނެވެ. އެއްބަޔަކު ފެންބޯހިނދު އަނެއްބަޔަކުވަނީ އެކަމުން މަޙްރޫމު ވެގެންނެވެ. އަދި ހަމަ އެބީދައިން އެއްބަޔަކު މަދުން ފެންބޯއިރު އަނެއްބަޔަކު ފެން ބުއިން ގިނަ ކުރާނެތެވެ." اجتماع الجيوش الإسلامية 2/ 85
****


ޤިޔާމަތް ދުވަހުގައި މީސްތަކުން މަޙްޝަރު މައިދާނުގައި ފެންބުއިމަށް ޖަމަޢަވާ الحَوْض އަކީ ސުވަރުގޭގައިވާ الْكَوْثَرَ ކޯރުން އޮއްސާލެވޭ ފެންތަކެކެވެ.
الحَوْض ގެ ސިފަތަކާ މެދުގައި ވަރަށްވެސް ގިނަ ޙަދީޘްތަކެއް ވާރިދުވެގެންވެ އެވެ.


ފުރަތަމައީ: މިހާރު ވުޖޫދުގައި ވާ ކަމުގައި އީމާންވުމެވެ. ނަބިއްޔާ ﷺ އެއްދުވަހު ޞަޙާބީންނަށް ޚުޠުބާ ދެއްވަން ހުންނަވާ ވިދާޅުވި އެވެ. (وَإِنِّي والله لَأَنْظُر إِلى حَوضِيْ الآن) "ﷲ ޤަންދީ ބުނަމެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާގެ الحَوْض ތިމަންނަބިއްޔާއަށް މިހާރު ފެނިވަޑައިގަންނަވަ އެވެ."  رواه البخاري 6590 و مسلم 2296


ދެވަނައީ: الحَوْض ގެ ފެންގަޑު ތައްޔާރު ކުރެވެނީ الْكَوْثَرَ އިން ދެ ދިޔަދޮވިން އޮއްސާލެވޭ ފެނުންނެވެ.  رواه مسلم 2300


ތިންވަނައީ: الحَوْض އިން ފެންބޯނީ ޞިރާޠުމަގު ހުރަސްކުރުމުގެ ކުރިންނެވެ. ސަބަބަކީ ވަރަށްވެސް ގިނަ ދުވަސްތަކެއްވަންދެން މީސްތަކުން އެއްވެސް އެއްޗެއް ނުކައި އަދި ކަރުހިއްކުމުގައި ދެމިތިބުމެވެ. އެބައިމީހުންނަށް ނުހަނު ޙާޖަތް ޖެހިފައިވުމެވެ.


ހަތަރުވަނައީ: الحَوْض ގެ ފެނާ މެދުގައި ވާރިދުވެފައިވެ އެވެ. އޭގެ ފެން ކިރަށްވުރެ ހުދުވާނެ އެވެ. އަދި ފެނުގެ ފޮނިކަން މާމުއި އަށްވުރެ ފޮނިވާނެ އެވެ. އަދި ފެނުގެ ވަސް، މިސްކުގެ ވަހަށްވުރެ މީރުވަސް ދުވާނެ އެވެ. މިފަދައިން ނަބިއްޔާ ﷺ ގެ އަރިހުން ޙަދީޘް ޞައްޙަވެގެންވެ އެވެ. رواه البخاري 6579 و مسلم 2292


ފަސްވަނައީީ: الحَوْض ގެ ކަންވާރުތަކާ މެދުދައި ވާރިދުވެފައިވެ އެވެ. އުޑުގައިވާ ތަރިތަކަށްވުރެ ތަށީގެ ޢަދަދު ގިނަވާނެ އެވެ. ނުވަތަ އޭގައިވާ ތަށިތައް ތަރިތަށް ފަދަ އެވެ. މާނައީ، ޢަދަދުގެ ގިނަކަމެވެ. އަދި އެ ތަށީގެ ސާފުކަމާއި ނޫރުލެވިފައިވެ އަލިން ބަބުޅާ ޙާލުގައި ތަށިތައް ވާނެކަމެވެ.


ހަވަނައީ: الحَوْض އިން ފެން ކޯވަރެއް ބޮއެފި މީހާއަށް ލިބޭ ހިތްހަމަ ޖެހުމާއި އުފަލާއި އަރާމެވެ. ޙަދީޘްގައިވެ އެވެ. "ފެން ކޯވަރެއް ބޮއެފި މީހާ ދުވަހަކުވެސް ކަރުނުހިއްކާނެ އެވެ." މާނައީ : ޞިރާތުމަގުގައިވެސް އަދި އެއަށްފަހުގައިވެސް އޭނާ ކަރުހިއްކުމާއި ބައްދަލު ނުކުރާނެ ކަމެވެ. ސުވަރުގޭގެ ފެން އޭނާ ބޯނީ ލައްޒަތާއި އަރާމާއި އުފަލަށްޓަކަ އެވެ.


ހަތްވަނައީ: الحَوْض ގެ ތަނަވަސްކަމާއި ފުޅާކަމެވެ. އެތަނުގެ ފުޅާމިނަކީ އެއްމަސްދުވަހުގެ ރާސްތާ އެވެ. އަދި އެތަނުގެ ދިގުމިނަކީވެސް އެއްމަސްދުވަހުގެ ރާސްތާ އެވެ. މިތަނުގައި ބަޔާންވެފައިވާ އެއްމަސްދުވަސް އަކީ ނަބިއްޔާ ﷺ ގެ ޒަމާނުގައި ޢާންމުކޮށް ޖަމަލެއް ދަތުރުކުރާ ރާސްތާގެ ވާހަކަ އެވެ.


އަށްވަނައީ: އެހެނިހެން ނަބިއްޔުންނަށްވެސް ޤިޔާމަތް ދުވަހުގައި الحَوْض އެއް ލިބިވަޑައިގެންނަވާނެ ކަމެވެ. އެހެނަސް އަހަރުމެންގެ ނަބިއްޔާގެ الحَوْض އަކީ އެހެން ހުރިހައި الحَوْض ތަކަށްވުރެ ފުރިހަމަކަމާއި ތަނަވަސްކަމާއި އަދި ފައިދާކުރަނިވި الحَوْض އެއް ކަމުގައިވާނެ އެވެ.


ނުވަވަނައީ: الحَوْض ފެންބޯނީ ﷲ އާއި ރަސޫލާ އަށް އީމާންވުމުގައިވާ މީސްތަކުންނެވެ. އަދި ﷲ ގެ ޝަރީޢަތަށް ތަބަޢަވުމުގައިވާ މީހުންނެވެ. އޭގެ ބަދަލުގައި ޝަރީޢަތަށް ތަބަޢަވުމަށް ފުރަގަސްދީ، ބޮޑާވެރިވެ، ތަބަޢަވުމަށް ބޭނުންނުވި މީސްތަކުން އެދުވަހުގައި الحَوْض އިން ދުރު ކުރެވޭނެ އެވެ.  


ދިހަވަނައީ: ރަސޫލާ ﷺ ގެ އުއްމަތުގެ ބަޔަކު، އެނަބިއްޔާގެ الحَوْض އިން ދުރުކުރެވޭހިނދު އެތަން ނަބިއްޔާއަށް ފެނިވަޑައިގެންނެވުމުން، މަލާއިކަތުންނަށް އެއީ ތިމަންނަބިއްޔާގެ އުއްމަތުގެ އަހުލުވެރިންކަމުގައި ބަޔާންކުރައްވާނެ އެވެ. ޙަދީޘްގައިވެ އެވެ.  (ثم يُحالُ بيني وبينهم فأقولُ : إنهم مِنِّي، فيقال: إنك لا تدري ما أحدَثُوا بعدَك ، فأقولُ : سحقًا سحقًا لمن غيَّرَ بعدي) "އެއަށްފަހު އެބައިމީހުންނާއި ތިމަންނަބިއްޔާއާ ދުރުކުރެވެ އެވެ. ފަހެ، އެހިނދު ތިމަންނަބިއްޔާ ދަންނަވާނަމެވެ. ހަމަކަށަވަރުން އެއީ އަހަރެމެންގެ ތެރެއިންވާ ބައެކެވެ." ފަހެ، އެހިނދު (މަލާއިކަތުން) ދަންނަވާނެ އެވެ. "ނަބިއްޔާ ދުނިޔެ ދޫކުރެއްވުމަށްފަހުގައި، އެބައިމީހުން އުޅުނީ ކިހިނެތްކަމެއް އިބަނަބިއްޔާއަށް އެނގިވަޑައި ނުގަންނަވަ އެވެ. (އަލަށް ދީނަށް ކަންތައްތައް ވެއްދިކަމެއް އެނގިވަޑައިނުގަންނަވަ އެވެ.)" ފަހެ، އެހިނދު ތިމަންނަބިއްޔާ ވިދާޅުވާނަމެވެ. "ތިމަން ނަބިއްޔާއަށްފަހު ދީނަށް އުނިއިތުރުގެނައި (ބަދަލުކުރި) ފަރާތްތައް ދުރުކުރާށެވެ. ދުރުކުރާށެވެ."


އަޚުންނާއި އުޚްތުންނޭވެ! މިފަދަ ފެންއާރަކުން މަޙްރޫމް ކުރެވޭ ވާހަކަ އެވެ. އަދި މިފަދަ ފެން އާރަކުން ފެން ބުއިމުގެ ތަޥްފީޤު ލިބިގެންދާނެ ވާހަކަ އެވެ. ދުނިޔޭގައި ސުންނަތް ބުއި މިންވަރަކުން، ސުންނަތަށް ޢަމަލު ކުރި މިންވަރަކުން، ސުންނަތުގައި ޤާއިމްވެ ހުރި މިންވަރަކުން ޤިޔާމަތް ދުވަހު ޙަޥްޟު އިން ފެންބުއިމުގެ ތަޥްފީޤު ލިބިގެންދެ އެވެ.


އަޚާ އެވެ! ދަތި، އުނދަގޫ، ވޭނާއި ބުރަތަކުން އިންތިހާ ދަރަޖައަށް ގޮސްފައިވާ، އެންމެ ދުވަހެއްގެ މުއްދަތު 50 ހާސް އަހަރުގެ ގޮތުގައި ނިޔާކުރެވިގެންވާ ޤިޔާމަތް ދުވަހެވެ. ކާއެއްޗެއް، ބޯނެ އެއްޗެއް ނުލިބި ހުސްފަޔާ ކޮޅަށް ހުންނަން ޖެހޭ ދުވަހެވެ.


ﷲ އަށްޓަކައި، ﷲ އަށްޓަކައި، ތިޔައަޚާ ވިސްނާލާށެވެ! އިރު ވަނީ މޭލެއްހާ ހަމައަށް ތިރީގަ އެވެ. ހަށިގަނޑުން ދާ އޮހޮރި، އެއިންސާނަކު ހުންނާނީ އޭނާގެ ހަށިގަނޑުން އޮހޮރިގެންދާ އެ ދަލުގެ ތެރޭގަ އެވެ. އެދުވަހުގައި ކަރުހިއްކުން ގޮސްފައިހުންނާނެ މިންވަރު ވިސްނާލާށެވެ. ހެޔޮ ޖަޒާލިބުންއޮތީ އޭނާގެ ކުރި މަސައްކަތުންނެވެ. މަޙްޝަރު މައިދާނުގައި ﷲ އެއިލާހުގެ ނަބިއްޔާ ﷺ އަށް ފެންއާރެއް (ޙަޥްޟެއް) ދެއްވަވަ އެވެ. އެއީ ހެޔޮކަމާއި ބަރަކާތުން ފުރިގެންވާ ފެން އާރެކެވެ.


މިފަދަ ޙާލެއްގައިވާ މީހާ އެދުވަހު އޭނާގެ ނަބިއްޔާގެ ފެންއާރުން ފެންބުއިމުން މަޙްރޫމް ކުރެވިއްޖެހިނދު، އެ ހިތާމައަށްފަހު އެހެން ހިތާމައެއް އޮންނާނެ ހެއްޔެވެ؟ އެ ހިތްދަތިކަމަށްފަހު އެހެން ހިތްދަތިކަމެއް އޮންނާނެ ހެއްޔެވެ؟ އެ ދުވަހުގައި ޙަޥްޟުން ފެންބުއިމުގެ ތަޥްފީޤު ލިބޭނެ އަހުލުވެރިންނަކީ މި ދުނިޔޭގައިވާ ނަބިއްޔާގެ ފެންއާރު ކަމުގައިވާ ސުންނަތް ބުއި މީހުންނެވެ! ފެންފޮދަކަށް ޙާޖަތްޖެހިފައިވާ އެ ދުވަހުގައި އެ ފެންއާރުން މަޙްރޫމުވެގެންް ދިއުމަށްވުރެ ބޮޑު އަބާއްޖަވެރިކަމެއް ކޮބައި ހެއްޔެވެ؟ ސުންނަތަށް އެކި ގޮތްތައް ގެނެސް ބަދަލު ކުރާމީހާ ވިސްނާލުން ހުއްޓެވެ! ތިމާގެ ވަޒީފާ، މަޤާމް، ދުނިޔެއަށްޓަކައި ސުންނަތް ޤުރުބާން ކޮށްލާ މީހާ ވިސްނާލުން ހުއްޓެވެ!!


މިއީ ދުނިޔެމަތީގައި ލިބޭ ކުޑަމިންވަރެއްގެ ދުނިޔެވީ ފައިދާއަކުން މަޙްރޫމްވެގެންދާނެ ކަމެއްނަމަ، މީސްތަކުން ނުހަނު ފަރުވާތެރިވެ، އޭގައި ފުރިހަމައަށް ޤާއިމްވެ ދެމިތިބޭނެކަން ފެންނާނެ އެވެ. އެއްވެސް ބަދަލެއް ނުގެންނާނެ އެވެ. އެހެނަސް މިއީ ފަނާވުމެއްނެތް، އަބަދަށް ދާއިމަށް ދިރިތިބެންޖެހޭނެ ދުނިޔޭގެ ވާހަކަ އެވެ. އެންމެ ފުރަތަމަ ޙާޞިލްވާނެ، ބައްދަލުކުރާނެ އެއްޗެވެ. މާތް ނަބިއްޔާގެ ޙަޥްޟެވެ. اللهم اجعلنا ممن يشربون من حوض نبينا

Like what you see?

Close

Hit the buttons below to follow us, you won't regret it...