ބޮޑެތި ޚަރަދުކޮށް ފިރިހެނުންގެ ކުރިމައްޗަށް އަންހެނުން ނެރެގެން ދަޢުވަތު ދިނުމޭ ބުނެ ޢަމަލު ކުރަނީ ބޮޑެތި ޢިލްމުވެރިންނަށް އިޙްތިރާމާއި ޤަދަރު ކުރުމަށްތޯ އެވެ؟ ނުވަތަ ފިތުނަ އާއި ފަސާދަށް މަގު ކޮށުމަށް ތޯ އެވެ؟ - العلاَّمة الشيخ ابن العثيمين رحمه الله

ސުވާލު: އަންހެނުން ދީނަށް ދަޢުވަތު ދިނުމަކީ ވާޖިބުވެގެންވާ ކަމެއް ތޯ އެވެ؟ އަދި ދަޢުވަތު ދެވޭނީ ކޮން މައިދާނެއްގައި ތޯ އެވެ؟
ޖަވާބު: އަހަރެމެން ދެނެގަތުން ވާޖިބުވެގެންވާ ޤަވާޢިދެއް ވެ އެވެ. އެއީ : ހަމަކަށަވަރުން ދީނުގައި ފިރިހެނުންނަށް ވާޖިބުވެގެންވާ (ޙައްޤުވެގެންވާ) އެންމެހައި ކަންކަމެއް އަންހެނުންނަށްވެސް ވާޖިބުވެގެންވެ އެވެ. ދަލީލަކުން އެކަމެއް އިސްތިޘްނާ ކޮށްފައިވާ ޙާލަތުގައި ފިޔަވަ އެވެ. ވަކިބަޔަކަށް އެކަމެއް ޚާއްޞަ ކުރެވިގެންވާ މިޘާލު ތަކުގެ ތެރޭގައިވެ އެވެ.
عائشة رضي الله عنها ވިދާޅުވެފައިވެ އެވެ. ރަސޫލާގެ އަރިއަހުގައި ދެންނެވީމެވެ. (يَا رَسُوْل اللهِ! هَلْ عَلَى النِّسَاءِ مِنْ جِهَادٍ؟ قَالَ: نَعَمْ! عَلَيْهِنَّ جِهَادٌ لَا قِتَالَ فِيْه: الحَجُّ وَالعُمْرَة) "ﷲ ގެ ރަސޫލާއެވެ. އަންހެނުންނަށް ޖިހާދު ކުރުން ވޭތޯއެވެ. (ޙަދީޘްކުރެއްވި އެވެ.) "އާނއެކެވެ. އެކަނބަލުންގެ މައްޗަށް ހަނގުރާމަ ކުރުމެއްނުވާ ޖިހާދެއްވެ އެވެ. ޙައްޖު އަދި ޢުމްރާ އެވެ." މި ޙަދީޘުން ދަލީލު ކުރެވެނީ، ހަމަކަށަވަރުން ޢަދުއްވުންނާ ދެކޮޅަށް ޖިހާދު ކުރުމަކީ އެއީ ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެއް ކަމެވެ. އަދި އަންހެނުންގެ މައްޗަށް ވާޖިބުވެގެން ނުވެ އެވެ.
އަދިވެސް މިދަފަ މިޘާލަކީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެވެ. (خَير صفُوف الرجَال أَوَّلُهَا، و َشَرُّهَا آخِرهَا. وَ خَير صُفُوف النساءِ آخِرُها و شَرهَا أَوَّلها) "ފިރިހެނުންނަށް އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފުރަތަމަ ސަފެވެ. އަދި ފިރިހެނުންނަށް އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި އަންހެނުންނަށް އެންމެ ހެޔޮވެގެންވާ ސަފަކީ އެންމެ ފަހު ސަފެވެ. އަދި އެންމެ ނުބައިވެގެންވާ ސަފަކީ އެންމެ ކުރީ ސަފެވެ."
އަޞްލަކީ ފިރިހެނުންނަށް ޘާބިތުވެގެންވާ އެންމެހައި ކަންްތައްތަކެއް އަންހެނުންގެ މައްޗަށް ޘާބިތުވެގެންވެ ވުމެވެ. ފަހެ، އެ އެންމެހައި ކަންތައްތަކެއް، އެއީ : އަމުރު ކުރެވިގެންވާ ކަންތައްތައް ކަމުގައިވީ ނަމަވެސް ނުވަތަ އެއީ ނަހީކުރެވިގެންވާ ކަންތައްތައް ކަމުގައިވީ ނަމަވެސް އަންހެނުންނަށް އެކަންތައްތައް ޘާބިތުވެގެންވުމެވެ.
އަދި ހަމައެފަދައިން އަންހެނުންނަށް ޘާބިތުވެގެންވާ ކަންތައްތައް ފިރިހެނުންނަށް ޘާބިތުވެގެންވެ (ޙައްޤުވެގެންވެ) އެވެ. އެގޮތުން އަންހެނަކު ފިރިހެނެއްގެމައްޗަށް ޤަޛުފު ކުރީ އެވެ. ﷲ ވަހީކޮށްފައިވާ އާޔަތުގައި ޢިއްފަތްތެރި އަންހެނުންގެ މައްޗަށް ޤަޛުފުކުރާ ފިރިހެނުންނަށް (އެ ޢުޤޫބާތު ދިނުމަށް) އަމުރުފުޅު ކުރައްވައިފައިވީ ނަމަވެސް މި ޙުކުމް އަންހެނުންގެ މައްޗަށްވެސް ވެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً "ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާ މީހުންނަށް އެކަމަށް ހަތަރު ހެކިން ނުގެނެސްފިހިނދު ފަހެ، އެބައިމީހުންގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖަހާށެވެ."
އެއަށްފަހު އަހަރެމެން ﷲ ގެދީނަށް ދަޢުވަތު ދިނުމުގެ މައިދާނަށް ބަލަމެވެ. އެއީ ފިރިހެނުނަށް ޚާއްޞަވެގެންވާ ކަމެއް ތޯ އެވެ؟ ނުވަތަ އެއީ ފިރިހެނުންނާއި އަންހެނުން ދެބައިމީހުން ބައިވެރިވެވޭ ގޮތުގައި އޮތް ކަމެއް ހެއްޔެވެ؟ ﷲގެ ފޮތުން އަދި ރަސޫލާ ﷺ ގެ ސުންނަތުން ބަޔާންވެގެންވަނީ އެއީ ދެބައިމީހުންނަށް ޢާންމުކޮށް ޝާމިލުކުރެވިގެންވާ ކަމެއް ކަމެވެ.
އެހެނަަސް އަންހެނުން ދަޢުވަތުގެ މައިދާނަކީ ފިރިހެނުންގެ ދަޢުވަތުގެ މައިދާނެއް ނޫނެވެ. އެގޮތުން އަންހެނަކު ދަޢުވަތު ދިނުމުގައި އޮތް މައިދާނަކީ އަންހެނުންގެ މުޖުތަމަޢެވެ. ފިރިހެނުންގެ ތެރޭގައެއް ނޫނެވެ. ފަހެ، އަންހެނުން ދަޢުވަތު ދިނުންއޮތީ އެތަނެއްގައި އޭނާއަށް ދަޢުވަތުދިނުމަށް އެކަށޭނެ ތަނެއްގަ އެވެ. އެއީ އަންހެނުންގެ ތެރޭގަ އެވެ. އެގޮތުން އެއީ މަދަރުސާއެއް ކަމުގައިވީ ނަމަވެސް ނުވަތަ މިސްކިތް ކަމުގައިވީ ނަމަވެސް މެ އެވެ."
ފަތުވާ ނަގާފައިވަނީ : دور المرأة في إصلاح المجتمع
*****
އަޚުންނޭވެ! ދަންނަ ހުއްޓެވެ. މިއީ ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އަންހެނުންގެ މައިދާނަކީ ކޮބައިކަން ޤުރުއާނުގެ ގިނަ އާޔަތްތަކެއްގައި އަދި ސުންނަތުގެ ގިނަ ދަލީލުތަކެއްގައި ބަޔާންކުރެވިގެންވެ އެވެ. އަންހެނުންނާއި ފިރިހެނުން މައްސުނިވުމަކީ ދީނުގައި ޙަރާމްކުރެވިފައިވާ ބޮޑުވެގެންވާ ފާފައެއްކަން ބަޔާންވެގެންވެ އެވެ. ޢިއްފަތްތެރި ޞާލިޙް އަންހެނުންގެ ސިފައަކީ ފިރިހެނުންގެ ކިބައިން ނިވާވެ، ފިރިހެނުންނާއި އެކުވެވޭ މައިދާނުން ދުރުވެ ވަކިވުން ކަމުގައި ދީނުގައި ބަޔާންކުރެވިފައިވެ އެވެ.
އެއްވެސް ޝައްކެތްނެތެވެ. "ދަޢުވަތް ދިނުން" މިއީ ޝަރުޢީގޮތުން އަމުރުކުރެވިގެންވާ ކަމެކެވެ. އޭގެ މާނައީ ޙަރާމެއް ޙަލާލެއް ނުބަލައި އެކަންތައް ޖެހުނުހާ ގޮތަކަށް، ތިމާމެންނަށް މަންފާއާ ދުނިޔޭގެ މަޤާމާއި ޖާހަށްޓަކައި ކުރުމަށްއޮތް ކަންތައްތަކެއް ނޫނެވެ. ދަޢުވަތޭ ބުނެ ބައެއްގެ ލޮލުގައި ދަޢުވަތުގެ އަދުނުން ޢަދުން އަޅުވައި މި މުންކަރާތުގެ ތެރެއަށް ވެއްޓިގަތުން އެމީހެއްގެ މުޑުދާރުކަމާއި ދީނުގައި ފާފަކުރުމާއި ދީނުގެ ޙުދޫދްތައް ފަހަނައަޅައި ދިއުމަށް ފުދެ އެވެ.
އަންހެނުން ފިރިހެނުންގެ މައިދާނުތަކަށް ނުކުމެ، ފިރިހެނުންގެ ކުރިމަތީގައި ހުއްޓިހުރެ ދީނަށް "ދަޢުވަތް" ދިނުމުގެ ޝިޢާރު ހިފައިގެން އެކަން ކުރަނީ ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް ބާ އެވެ! މިކަން ކުރުމަށް މަގުކޮށައިދީ، ފައިސާ ޚަރަދުކޮށް މި މުންކަރާތް ދިރުވަނީވެސް "ދީނަށްޓަކައި" ބާ އެވެ!
މިއަށްވުރެބޮޑު ހިތާމައަކީ، އެކިއެކި މަޙްްފިލުތަކާއި، ސިޔާސީ ޕޯޑިއަމްތަކަށް އަންހެނުން ނެރެ، އޭގެ އިތުރަށް ޝަރުޢީ ގޮތަށް އަޢުރަ ނިވާނުކޮށްތިބޭ އަންހެނުން ހަރުއަޑުން އަޑުއުފުލައި ބަސްތައް ބުނަމުންދާ ހިނދުގައި، އެފަދަ ތަންތަނުގައި، މި މުންކަރާތްތަކުގައި "ދަންނަބޭކަލުންނާއި" "ދީނީ" މީހުންނާއި "ސުންނަތް" ގެ މީހުން ތިބޭކަމެވެ! އަޚުންނޭވެ! ފިތުނަވެރިކަމާއި އަމިއްލަ މަންފާއަށާއި މަޤާމަށް މެނުވީ މިކަން ކުރާ ސަބަބެއް އެބައޮތް ހެއްޔެވެ؟ ވިސްނާލުން ހުއްޓެވެ!