ފިރިހެނުން ކިޔަވައިދޭ މައުޙަދުތަކަށް އަންހެނުން ކިޔަވަން ދިއުމުގެ ޙުކުމް - فضيلة الشيخ عرفات بن حسن المحمدي حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
فضيلة الشيخ عرفات بن حسن المحمدي حفظه الله
ސުވާލު: އަހަރުމެންގެ ޝެއިޚް އެވެ. މި އުޚުތް ސުވާލުކޮށް ބުނަނީ، ޤުރުއާން އަދި އޭގެ ޢިލްމު ކިޔެވުމަށްޓަކައި މަޢުޙަދަކަށްވަނީ އެވެ. ފުރަތަމަ ފެށުނު ދުވަހުއްސުރެން ފަށައިގެން ކިޔަވައިދޭން އަންނަނީ އަންހެން ޓީޗަރުން ނެވެ. އެހެނަސް، މިހާރު ފިރިހެނެއް ކިޔަވައިދޭން އަންނަން ފަށައިފިއެވެ. އެއީ ޤުރުއާނާއި ޤުރުއާނުގެ ޢިލްމާއި ބެހޭ މާއްދާއެއް ކިޔަވާދޭކަށެއް ނޫނެވެ. ސަތޭކަ ޕަސެންޓުން ވަކިމިންވަރަކަށް ކުލާހަށް ޙާޟިރުވާންޖެހެއެވެ. އެއީ އެމާއްދާއިން ފެއިލްދެވާނެ ތީވެ އެވެ. ސުވާލަކީ: މި ކުލާހުގައި ކިޔަވަން އިނުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ޝެއިޚް އެވެ. ކުލާހުގައި އުޅޭ ބައެއް ދަރިވަރުން ބުނަނީ، ހަމަކަށަވަރުން ޞަޙާބީންވެސް ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ ކައިރިއަށް އައިސް ސުވާލު ކުރެ އެވެ. އަދި އަހަރެމެން މިތިބީ ކުލާހުގައި އެއްކޮށް ޙިޖާބުވެގެންނެވެ. އެހެންވުމުން، އަހަރެމެންނާއި މުދައްރިސް ދެމެދުގައި ފަރުދާވެފައި ވުން މިވަރުން ފުދޭނެ އެވެ.
ޖަވާބު: ޝައިޚް މުޙައްމަދު އެވެ! الاختِلَاط )އަންހެނުންނާ ފިރިހެނުން މަސްހުނިވުން) އާ މެދު ބުނެވެން އޮތީ އެއީ ނުބައި ކަމެއް ކަމުގައެވެ. މިއީ ތިބާއަށްވެސް އެނގޭ ކަމެކެވެ. الاختِلَاط ގެ ސަބަބުން ނުބައި ކަންތައްތަކާ ފާފަތައް ނޫނީ ނާދެއެވެ. އޭގެ ސަބަބުން ނުރަނގަޅު ކަންތައްތަކެއް ނޫނީ ކުރިމައްޗެއް ނުވެއެވެ. އަދި މިޒަމާނުގައި ކަންތައްތައް ވެގެންދާ ގޮތް ބަލާލުމުން އެކަން ސާބިތުވެގެން ދާނެއެވެ. މިއީ ފާޅުކޮށް އެނގޭ ކަމެކެވެ. ނަބިއްޔާ ﷺ ގެ އަނބިއަނބިކަނބަލުންނާ މެދު ދަންނާށެވެ! ފަހެ، އެ ޒަމާނުގެ ޙާލަތާއި މިހާރުގެ ޙާލަތް ތަފާތެވެ. އެހެނީ މީހަކު އައިސް ސުވާލެއް ކޮށްލުމަށްފަހު ފަސްދީފައި ދިޔުމާއި، ކޮންމެ ދުވަހަކު ކުލާހެއްގެ ތެރޭގައި ދިގު މުއްދަތަކަށް ނުވަތަ ގިނަ ގަޑިއިރުތަކަކަށް الاختِلَاط ވުމާއި މުޅިން ތަފާތެވެ. މިހާރުގެ ޙާލަތުގައި ސާބިތުވެގެން ވަނީ އޭގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައްސަލަތަކާއި މުޞީބާތްތައް ކުރިމަތިވެފައިވުމެވެ. އެބަހީ ޙަޤީޤަތުގައި ފަޟީޙަތް ވުމެވެ. މިއީ ހަމައެކަނި ބައެއް ދައުލަތްތަކުގައި الاختِلَاط ގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެއް ނޫނެވެ. އަދި ޒުވާނުންގެ ތެރެއިން ދީނުގައި ސާބިތުވެގެން ތިބި އެތައް ބައެއް، އަންހެނުންނާ މަސްހުނިވުމުގެ ސަބަބުން ބަލިކަށިވެގެން ގޮސްފައިވެއެވެ. ކޮންމެ ޙާލެއްގައިވެސް، އަހަރެމެން ނަޞޭޙަތް ދޭނީ ޢިލްމުވެރިން ނަޞޭޙަތް ދީފައިވާ ފަދައިންނެވެ. އެއީ ހަމަކަށަވަރުން الاختِلَاط އަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމާއި، އަންހެނާ އަށް އެންމެ ހެޔޮކަން ބޮޑު ގޮތަކީ (ހިލޭ ފިރިހެނުންނާ) ދުރުވެ، އޭނާގެ ގޭގައި އިނުމެވެ.
މަޞްދަރު: އުސްތާޛް އަބޫ އަނަސް ޝެއިޚް ޢަރަފާތަށް ފޮނުވި ސުވާލެއް
*****