5 އަންހެނުންގެ ލިބާސް އަދި ޙިޖާބަށް ޚާއްޞަ ވެގެންވާ ޙުކުމްތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަންހެނުންގެ ލިބާސް އަދި ޙިޖާބަށް ޚާއްޞަ ވެގެންވާ ޙުކުމްތައް - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އުޚްތުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

އަންހެނުންގެ ލިބާސް އަދި ޙިޖާބަށް ޚާއްޞަ ވެގެންވާ ޙުކުމްތައް

 

ފުރަތަމައީ: މުސްލިމް އަންހެނާގެ ޝަރުޢީ ލިބާސްގެ ސިފަ.  


1. މުސްލިމް އަންހެނާގެ މުޅި ހަށިގަނޑު އެކުއެކީގައި، އޭނާގެ މަޙްރަމުން ނޫން އެހެން އެންމެހައި މީސްތަކުންގެ ކިބައިން، ފަރުދާ ކުރުން ވާޖިބުވެގެންވެ އެވެ. އަދި މަޙްރަމުންނަށް ޢާދަކާދައިގެ ގޮތުގައި ކަޝްފުކުރެވޭ މިންވަރު ކަމުގައިވާ މޫނާއި، އަތްތިލަ އަދި ފައިތިލަ ކަޝްފުކުރުން ހުއްދަވެގެންވެ އެވެ.


2. އަންހެނުންގެ ފޭރާމަކީ އެ ފޭރާމުގެ ތުނި ކަމުން އޭގެ އަނެއްފަރާތް ފެންނަ ފޭރާމެއްގެ ގޮތުގައިވެގެން ނުވާނެ އެވެ. އެ ފޭރާމުގެ ތުނިކަމުން ހަށިގަނޑުގެ ކުލަ ފާޅުވެގެންވާ ފޭރާމެއްގެ ގޮތުގައި ވެގެންނުވާނެ އެވެ.


3. ފޭރާމަކީ ހަށިގަނޑުގެ ގުނަވަންތައް ސިފަކުރެވޭ ފަދައިންވާ، ހަށިގަނޑަށް ބާރު ފޭރާމެއްގެ ގޮތުގައިވެގެންނުވާނެ އެވެ. صحيح مسلم ގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގައިވެ އެވެ. (صنفانِ من أهلِ النارِ لم أرَهما قومٌ معهم سياطٌ كأذنابِ البقرِ يضربون بها الناسَ ونساءٌ كاسياتٌ عارياتٌ مميلاتٌ مائلاتٌ رؤوسُهنَّ كأسنِمَةِ البختِ المائلةِ لا يدخلْنَ الجنةَ ولا يجدْنَ ريحَها وإن ريحَها لتوجدُ من مسيرةِ كذا وكذا) "ނަރަކައިގައިވާނެ ދެ ބާވަތެއްގެ މީހުންވެ އެވެ. ތިމަން ނަބިއްޔާ އެ ދެބައިމީހުން ނުދެކެމެވެ. (އެއް ބަޔަކީ) ގެރީގެ ނިގޫފަދަ ތަކެއްޗެއް އެބައިމީހުންގެ އަތްތަކުގައިވެ އެއިން އެބައިމީހުން މީސްތަކުންގެ ހަށިގަނޑުގައި ތަޅަމުންދާ މީހުންނެވެ. އަދި (ދެވަނަ ބަޔަކީ) ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނުންނެވެ. ހިނގާފައި ދިޔުމުގައި މިސްތަކުން ލަންބުވާ އަދި ލެނބިގެންދާ އަންހެނުންނެވެ. އެ މީހުންގެ އިސްތަށިގަނޑު ވަނީ އެއްއަތަށް ޖެހިފައިވާ، ޖަމަލުތަކެއްގެ ގޮންގަޑު ފަދައިންނެވެ. އެބައިމީހުންނަކީ ސުވަރުގެ ވަންނާނެ ބައެއް ނޫނެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުދުވާނެ އެވެ. އަދި ހަމަކަށަވަރުން ސުވަރުގޭގެ ވަހާއި އެބައިމީހުންނާ ދެމެދުގައި އެވެނިމިވެނި މިންވަރެއްގެ ރާސްތާއެއްވެއެވެ."


شيخ الإسلام ابن تيمية رحمه الله مجموع الفتاوى (22-146) ގައި ވިދާޅުވެފައިވެ އެވެ. "ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައިވާ (كاسياتٌ عارياتٌ) "ހެދުން ލައިގެން އޮރިޔާން" އަކީ ހަށިގަނޑު ނިވާ ނުވާފަދަ ފޭރާންލުން ކަމުގައި ތަފްސީރު ކުރެވިފައިވެ އެވެ. ފަހެ، އެ އަންހެނާ އަކީ ހެދުމެއް ލައިގެން ހުރި އަންހެނެކެވެ. އެހެނަސް ޙަޤީޤަތަކީ އެ އަންހެނާއަކީ އޮރިޔާމުން ހުރި އަންހެނެކެވެ. މިޘާލަކަށް، ހަށިގަނޑުގެ ހަންގަނޑުގެ ކުލަ އިނގޭފަދަ ތުނި ފޭރާމެއް ލައިގެން ހުރުން ނުތަވަ ހަށިގަނޑަށް ބާރު ފޭރާމެއް ލައިގެން ހަށިގަނޑުގެ ގުނަވަންތައް ފާޅުވެފައިވުމެވެ. މިޘާލަކަށް، އޭނާގެ ފޫކޮޅުގެ މަސްގަނޑު ނުވަތަ އަތުގެ ސިފަ ފާޅުވުމެވެ. ހަމަކަށަވަރުން އަންހެނާގެ ފޭރާން ކަމުގައިވާހުށީ އަންހެނާ ފަރުދާވެވޭ އެއްޗެއްގެ ގޮތުގައެވެ. ހަށިގަނޑު ފާޅުވެގެން ނުވުމެވެ. އަދި ފޭރާމުގެ ފުޅާކަމާއި ބޮޑުކަމުން ގުނަވަންތަކުގެ ބައްޓަން ފާޅުނުވުމެވެ."


4. އަންހެންމީހާގެ ފޭރާން ފިރިހެނުންގެ ފޭރާމާއި އެއްގޮތް ނުވަތަ އެއްވައްތަރު ނުވުމެވެ. ފަހެ، ހަމަކަށަވަރުން އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތްވާ އަންހެނުނަށް ނަބިއްޔާ صلى الله عليه وسلم ލަޢުނަތް ލައްވާފައިވެ އެވެ. ފޭރާމުގައި އަންހެނުން ފިރިހެނުންނާ އެއްގޮތްވެވޭ ގޮތަކީ، އެ ފޭރާމުގެ ބާވަތާއި އަދި ސިފައިގައި އެ މުޖްތަމަޢުއެއްގައި ބޭނުންކުރާ ޚާއްޞަ ފޭރާމެއް ބޭނުން ކުރުމެވެ.


شيخ الإسلام ابن تيمية رحمه الله مجموع الفتاوى (22-148 149 155) ގައި ވިދާޅުވެފައިވެ އެވެ. "އަންހެނުންގެ ފޭރާމާއި ފިރިހެނުންގެ ފޭރާން ވަކިކޮށްދޭ އެއްޗަކީ، ފިރިހެނުންގެ ފޭރާމަކީ އެބައިމީހުންނަށް އެކަށީގެންވާ އެންމެ ހެޔޮ ފޭރާން ގޮތުގައިވުމާއި އަދި އަންހެނުންގެ ފޭރާމަކީ އެބައިމީހުންނަށް އެންމެ ހެޔޮ، އެކަށީގެންވާ ފޭރާންކަމުގައިވާ ފޭރާމެވެ. އަދި އެ ފޭރާމަކީ ފިރިހެނުންނަށް އަމުރު ކުރެވިގެންވާ ފޭރާމުގެ ގޮތުގައިވާ ފޭރާމެވެ. އަދި އަންހެނުންނަށް ވެސް އަމުރުކުރެވިގެންވާ ފޭރާމުގެ ގޮތުގައިވާ ފޭރާމެވެ. ފަހެ، އަންހެނުންނަށް އަމުރު ކުރެވިގެންވަނީ މުޅިން އެކުގައި ފަރުދާވުމާއި އެއްވެސް ގޮތަކަށް ޒީނަތްތެރިކަން ފާޅުނުވެ އަދި ރިވެތިކަން ފާޅުނުވުމެވެ. ފަހެ، އެގޮތުން ޝަރީޢަތުގައި އަންހެނުންނަށް ބަންގި ގޮވުން ޝަރުޢު ކުރެވިގެންނުވެ އެވެ. އަދި ތަލްބިޔާ ބާރަށް ކިޔުންވެސް އަމުރުކުރެވިގެންނުވެ އެވެ. އަދި ޞަފާއަށް އަދި މަރުވާއަށް ވެސް އެރުމެއްނުވެ އެވެ. އަދި ފިރިހެނުން ހެދުންތައް ބާލައި އިޙްރާމް އަންނަ ފަދައިން އަންހެނުންނަށް އެގޮތުން އިޙްރާމް ލުމެއްނުވެ އެވެ. ފިރިހެނުންނަށް (އިޙްރާމްގައި) އަމުރު ކުރެވިގެންވަނީ ބޯ ހާމައަށް ބެހެއްޓުމެވެ. އަދި ޢާންމުކޮށް ބޭނުންކުރާ ފޭރާންތައް ދޫކޮށްލުމެވެ. އެ ފެރާންތަކަކީ ހަށިގަނޑުގެ ގުނަވަންތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފޭރާމެވެ. ފަހެ، ކުރުތާ ޤަމީސް، އަދި ސިރުވާލު އަދި ބޯ ނިވާކުރަންއަޅާ އެތި އަދި ޚުއްފު ބޭނުންނުކުރެވެ އެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "އެހެނަސް އަންހެނުންނަށް އެއްވެސް ފޭރާމެއް ނަހީ ކުރެވިފައެއް ނުވެ އެވެ. ސަބަބަކީ އަންހެނުންނަށް އަމުރު ކުރެވިގެންވަނީ ނިވާވެ، ޙިޖާބުވެގެން ހުރުމެވެ. މިގޮތާ ޚިލާފް އެއްވެސް ކަމެއް ޝަރީޢަތުގައި ހުއްދައެއްނުވެ އެވެ. އެހެނަސް ނިޤާބު އެޅުމާއި އަންގިލުމެއް ނެތެވެ. ސަބަބަކީ އެ ފޭރާންތައް ތައްޔާރުކޮށްފައިވަނީ ހަށިގަނޑުގެ ގުނަވަނާ އެއްގޮތްކަމުގައިވުމުން އެއަށް އެއްވެސް ޙާޖަތެއްނެތެވެ. (އެއަށްފަހު އަންހެން މީހާގެ މޫނު އެނޫން އެއްޗަކުން ނިވާކުރުމަށް ބަޔާންކުރައްވާފައިވެ އެވެ.) .. އަދި ނިންމުމުގައި ވިދާޅުވި އެވެ... "ފަހެ މިކަން ބަޔާންވެދިއުމުން، ކޮންމެހެން ވެސް އަންހެނުންނާއި ފިރިހެނުން ފަރަޤު ކުރާނެ ފޭރާމެއް ހުންނަންޖެހޭނެ އެވެ. އަދި އަންހެނުންގެ ފޭރާމަކީ ހަށިގަނޑު ނިވާކުރެވޭ އަދި ޙިޖާބުވުމުގެ މަޤްޞަދު ޙާޞިލްކުރެވޭ އެއްޗެއްގެ ގޮތުގައިވާން ޖެހޭނެ އެވެ. ފަހެ، އެހިނދުގައި މިބާބުގެ އަޞްލަކީ ކޮބައިކަން ބަޔާންވެގެންދެއެވެ. އަދި ބަޔާންވަނީ ހަމަކަށަވަރުން އެ ފޭރާމަކީ ޢާއްމުކޮށް ފިރިހެނުންގެ ފޭރާމެއް ކަމުގައިވާނަމަ، އެ ފޭރާން އަންހެނުންނަށް ނަހީކުރެވިގެންވެ އެވެ. (އަދިވެސް ވިދާޅުވެފައިވެ އެވެ.) "ފަހެ، އެ ފޭރާމަކީ ހަށިގަނޑު ނިވާކުރުން ކުޑަވެފައިވާ އަދި ފިރިހެނުންނާ އެއްގޮތްވެވޭ ފޭރާމެއް ކަމުގައިވެއްޖެ ހިނދުގައި ދެ ގޮތަކުން އެ ފޭރާން ނަހީ ކުރެވިގެންވެ އެވެ. و الله أعلم"


5. އެ ފޭރާމަކީ އެ ފޭރާމުގައި އަންހެނާ ގެއިން ބޭރަށް ނުކުމެއްޖެ ހިނދުގައި، އޭގެ ޒީނަތްތެރިކަމުގެ ސަބަބުން ލޯތަށްހުއްޓޭ ފަދަ ފޭރާމަކަށްވެގެން ނުވާނެ އެވެ.

 
ދެވަނައީީ: ޙިޖާބުގެ މާނަ، އަދި އޭގެ ދަލީލުތަކާއި ފައިދާތައް.  


ޙިޖާބު : އޭގެ މާނައީ : އަންހެނާ އޭނާގެ މަޙްރަމުން ނޫން އެހެން އެންމެންގެ ކިބައިން ނިވާކުރުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ ﴾ "އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބޮލުންވައްޓާލެވޭ ފޭރާން އެކަނބަލުންގެ މޭމަތިތައް ނިވާކުރާށެވެ. އަދި އެކަނބަލުންގެ ފިރިންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް" އަދިވެސް ވަޙީކުރައްވާފައިވެ އެވެ. ﴿ وَإِذَا سَأَلْتُمُوهُنَّ مَتَاعاً فَٱسْأَلُوهُنَّ مِن وَرَآءِ حِجَابٍ﴾ "އަދި އެކަނބަލުންގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ ޙިޖާބެއްގެ (ފަރުދާއެއްގެ) އަނެއް ފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުވާލު ކުރާށެވެ." ޙިޖާބުގެ މުރާދަކީ : އަންހެނާ ފަރުދާ ކުރެވޭ އެއްޗެވެ. ފާރެއް، ދޮރެއް ނުވަތަ ލިބާސް ފަދައިންނެވެ. މި އާޔަތް ވާރިދުވެގެންވަނީ ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނަށް ކަމުގައިވީ ނަމަވެސް، މި ޙުކުމަކީ އެންމެހައި މުއުމިން އަންހެނުންނަށް ޢާއްމުވެގެންވާ ޙުކުމެކެވެ. ސަބަބަކީ، އޭގެ ސަބަބަކީ ކޮބައިކަން ﷲ އެ އިލާހުގެ ބަސްފުޅުގައި ބަޔާންކުރައްވާފައިވެ އެވެ. ﴿ ذٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ﴾ "ތިޔަބައިމީހުންގެ ހިތްތަކަށާއި އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަން ބޮޑީ އެގޮތެވެ."


ފަހެ، މިތަނުގައި ބަޔާންވެގެންވާ ސަބަބަކީ ޢާއްމުވެގެންވާ ސަބަބެކެވެ. ފަހެ، ސަބަބު ޢާއްމު ކަމުގައި ވުމުން، އެއިން ދަލީލު ކުރެވެނީ އޭގެ ޙުކުމް ޢާއްމު ކަމެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ﴾ "އޭ ނަބިއްޔާ އެވެ. ނަބިއްޔާގެ އަނބިއަނބިކަނބަލުންނާއި، ނަބިއްޔާގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެނުން އެކަނބަލުންގެ ޖިލްބާބުތަކުން ނިވައިވެ ތިބުމަށް ނަބިއްޔާ އެކަނބަލުންނަށް ވިދާޅުވާށެވެ."


شيخ الإسلام ابن تيمية رحمه الله مجموع الفتاوى (22-110 111) ގައި ވިދާޅުވެފައިވެ އެވެ. "ޖިލްބާބް އަކީ މަލާއު އެވެ. އެއީ ابن مسعود އަދި އެހެނިހެން ޞަޙާބީން ވިދާޅުވެފައިވާ ފަދައިން އެއީ ފޭއްޔެކެވެ. އަދި ޢާންމު މީސްތަކުން އެއަށް ކިޔަނީ އިޒާރުއެވެ. ފަހެ، އެއީ ބޮޑު ފޮތިގަނޑެކެވެ. އެއިން އަންހެނާގެ ބޮލާއި މުޅި ހަށިގަނޑު އެކުއެކީގައި ނިވާކޮށްދޭ އެއްޗެކެވެ. އަދި أبو عبيدة އަދި އެހެނިހެން އަހުލުވެރިން ވިދާޅުވެފައިވަނީ އެއީ، ބޯމަތިން ވައްޓާލުމުން އަންހެނާގެ ލޯ ފިޔަވާ މުޅި ހަށިގަނޑު އެކުއެކީގައި ނިވާކޮށްދޭ ފޭރާމެވެ. އަދި އެއީ ނިޤާބުގެ ޖިންސުގެ ތެރޭގައި ހިމެނިގެންވާ އެއްޗެކެވެ."


އަންހެނާ އޭނާގެ މަޙްރަމުން ފިޔަވައި އެހެން އެންމެހައި މީސްތަކުންގެ ކިބައިން މޫނު ނިވާކުރުން ވާޖިބުވެގެންވާ ބަޔާންވެގެންވާ، ސުންނަތުގެ ދަލީލުތަކުގެ ތެރޭގައި، عائشة رضي الله عنها ޙަދީޘް ހިމެނެ އެވެ. (كان الركبًان يمرون بنا ونحن مع رسول اللهِ صلى الله عليه وسلم محرمات فإذا حاذوا بنا سدلت إحدانا جلبًابها من رأسها على وجهها فإذا جاوزونا كشفناه) "އަހަރެމެން ރަސޫލާ صلى الله عليه وسلم އަރިއަހުގައި އިޙްރާމުގައި ތިބި ހިނދުގައި، މީހަކު އަހަރެމެން ހުރަސްކޮށް ދާ ހިނދު، އަހަރެމެން އަންހެނުން ޖިލްބާބު ބޯމަތިން މޫނު މައްޗަށް ވައްޓާލައި މޫނުނިވާކުރަމެވެ. އަދި އެމީހަކު އަހަރެމެން ހުރަސްކޮށް ފަސްދީ ދިއުމުން އަހަރެމެން މޫނު ހާމަކޮށް ބަހައްޓަމެވެ."


އަންހެނުން، އެކަނބަލުންގެ މަޙްރަމުން ނޫން މީހުންގެ ކިބައިން މޫނު ނިވާކުރުން ވާޖިބުވެގެންވާ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ނުހަނު ގިނައެވެ. އޭ މުސްލިމް އުޚްތުއެވެ. އަހަރެން މި ކަމުގައި ތިޔަ އުޚްތަށް މި ފޮތްތައް މުރާޖަޢާ ކުރުމަށް ބަޔާންކުރަމެވެ. شيخ الإسلام ابن تيمية ލިޔުއްވާފައިވާ ފޮތް (حجاب المرأة ولباسها في الصلاة)، سماحة الشيخ عبد العزيز بن عبد الله بن باز ލިޔުއްވާފައިވާ ފޮތް (حكم السفور والحجاب)، الشيخ حمود بن عبد الله التويجري ލިޔުއްވާފައިވާ ފޮތް (الصارم المشهور على المفتونين بالسفور) އަދި الشيخ محمد بن صالح العثيمين ލިޔުއްވާފައިވާ ފޮތް (رسالة الحجاب) އެވެ. މި ފޮތްތަކުގައި ހަމަކަށަވަރުން ފުދޭނެ މިންވަރަށް ބަޔާންވެގެންވެ އެވެ.


އޭ މުސްލިމް އުޚްތާ އެވެ! ދަންނަހުއްޓެވެ. ތިޔަ އުޚްތާއަށް މޫނު ނިވާކުރުމަކީ އެއީ ހުއްދަވެގެންވާ ކަމެއްގެ ގޮތުގައި ބަޔާންކުރި މީހާގެ ޤައުލަކީ މަރްޖޫޙަ (ބަލިކަށި، ދެރަ) ޤައުލެކެވެ. އަދި އެކަން ހުއްދަކޮށްފައިވަނީ އަމާންކަމާއި ފިތުނަވެރިކަން ނެތް ކަމުގައިވާ ޙާލަތަށް ރިޢާޔަތްކޮށްފައެވެ. އަދި ޚާއްޞަކޮށް މި ޒަމާނުގައި، އަންހެނުންނާއި ފިރިހެނުންގެ ކިބައިން ދީންވެރިކަން ނެތިވެފައިވާ ޒަމާނެއްގައި ފިތުނަވެރިކަމަކީ އަމާންކަން ލިބިގެންވާ ކަމެއްނޫނެވެ. އަދި ލަދުވެތިކަން ގެއްލިފައިވާ ޒަމާނެއްގެ ގޮތުގައިވެ އަދި ފިތުނަވެރި ކަމުގައިވާ ދަޢުވަތުދޭ މީހުން ގިނަވެފައިވާ ޒަމާނެއްގައިވެ އަދި އެކިއެކި ބާވަތްތަކުގެ ޒީނަތުން އަންހެނުން އެބައިމީހުންގެ މޫނުތައް ޒީނަތްތެރިކޮށް ފިތުނަވެރިކަމުގައިވާ ޒަމާނެއްގައި (މޫނު ދެއްކުން ހުއްދައެއް ނުވާނެ) އެ ޢިލްމުވެރިންނެއް ހުއްދައެއް ނުކުރައްވައެވެ. ފަހެ، މި އެންމެހައި ކަންތައްތަކުގެ މައްޗަށް މުސްލިމް އުޚްތު އިންޒާރުލިބި ސަމާލުވުން ހުއްޓެވެ. ޙިޖާބުގައި ލާޒިމްވެ ދެމިތިބުމަކީ  ﷲ ގެ އިޛުނަފުޅާ އެކު މި އެންމެހައި ފިތުނަތަކުން ރައްކައުތެރިކޮށްދޭނެ ކަމެކެވެ. މުސްލިމުންގެ ތެރެއިން އެންމެ ކުރީއްސުރެން ފަށައިގެން އަދި ފަހުގެ ޒަމާންތަކުގައި ވެސް ފާޅުވި އެއްވެސް ޢިލްމުވެރިއެއް އަންހެނުންގެ މިފިތުނަވެރިވެފައިވާ ޢަމަލުތައް ހުއްދަކުރައްވާފައެއް ނުވާނެއެވެ. އަދި މުސްލިމު އަންހެނުން ޙިޖާބު ބޭނުންކުރަނީ މުނާފިޤުންގެ ސިފައިގައެވެ. ފަހެ، އެ މުޖްތަމަޢުއަކީ އަންހެނުން ޙިޖާބުވެގެންވާ މުޖުތަމަޢެއް ކަމުގައިވެއްޖެ ހިިނދުގައި ޙިޖާބްވެގަނެއެވެ. އަދި އެ މުޖުތަމަޢުއަކީ ޙިޖާބުނުވެ އުޅޭ މުޖުތަމަޢުއެއް ނަމަ ޙިޖާބު ނުވާނެއެވެ. އަދި އަންހެނުންގެ ތެރެއިން ބައެއް އަންހެނުން، ޢާންމު ތަނެއްގައި ހުރެއްޖެ ހިނދުގައި ޙިޖާބުވެގަނެއެވެ. އަދި ވިޔަފާރި ކުރާތަނެއް ނުވަތަ ހޮސްޕިޓަލެއްގެ ތެރެއަށް ވަންނަ ހިނދުގައި ޙިޖާބް ދޫކޮށްލައެވެ. ނުވަތަ ގަހަނާ ހަދާ މީހެއް ނުވަތަ އަންހެނުންގެ ހެދުން ފަހާ މީހަކާ ވާހަކަދައްކާ ހިނދުގައި މޫނާއި އަތް ކަޝްފުކޮށްލައެވެ. އެ އަންހެންމިހާ އެވަނީ އޭނާގެ ފިރިމީހާ ނުވަތަ އޭނާގެ މަޙްރަމެއްގެ ގާތުގައި ހުންނަ ހެންނެވެ.


މިފަދަ ޢަމަލުތައް ކުރުމުގައިވާ އަންހެނުން ﷲ އަށް ބިރުވެތިވުން ހުއްޓެވެ. ހަމަކަށަވަރުން ޤައުމުން ބޭރުން ފުލައިޓުގައި ދަތުރުކޮށް އަންނަ އަންހެނުން، އެ ފްލައިޓު މި ޤައުމުގެ އެއަރޕޯޓުގައި ޖައްސަންދެން ޙިޖާބު ދޫކޮށްފައިވާތަން އަހަރުމެންނަށް ފެނިފައިވެ އެވެ. ފަހެ، ޙިޖާބު ވުމަކީ އެއީ ޢާދަކާދައިގެ ގޮތުން ކުރާކަމެއްގެ ގޮތުގައިވެ، އެއީ ދީނީގޮތުން ކުރެވޭ ޝަރުޢީ ކަމެއްގެ ގޮތުގައިނުވެ އެވެ.


މުސްލިމް އަންހެނާ އެވެ! ހަމަކަށަވަރުން ޙިޖާބަކީ ނުބައި، ވިހަ ލޯތަކުގެ ނަޒަރުން ތިބާ ރައްކައުތެރިކޮށްދޭނެ އެއްޗެކެވެ. އަދި ފިތުނަވެރިކަމާއި އިންސާނުންގެ ތެރޭގައިވާ ޝަހުވާނީ އެދުންވެރިކަމުގެ ޖަނަވާރުތަކުގެ ކިބައިން ރައްކައުތެރިކުރާނެ އެއްޗެކެވެ. އެދުންވެރިކަމުގެ އަހުލުވެރިންގެ ކިބައިން އެކަހެރިކޮށްދޭނެ އެވެ. އެ ޙިޖާބުގައި ދެމިހުރެ އެ ޙިޖާބުގައި ލާޒިމްވެ ހުންނާށެވެ. ޙިޖާބުވުމާއި ދެކޮޅަށް ދެކެވޭ ވާހަކަތަކާއި، ޙިޖާބާއި ދެކޮޅަށް ކުރެވޭ ހަނގުރާމައަށް ނުބަލާށެވެ. އަދި ޙިޖާބުވުން ދެރަ، ނިކަމެތިކޮށް އަގުދަށްކުރާ އަހުލުވެރިންގެ ބަސްތަކަށް ނުބަލާށެވެ. ހަމަކަށަވަރުން އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިން ތިބާއަށް ގެއްލުންދިނުމަށް ބޭނުންވާ ކަންތައްތަކެވެ. ﴿وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلًا عَظِيمًا ﴾ "އަދި ޝަހުވާނީ އެދުންތަކަށް ތަބަޢަވާ މީހުން އެދެނީ، ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ."
    
****

 

ފަތުވާ ނަގާފައިވަނީ : تنبيهات على أحكام تختص بالمؤمنات ص 39-44

 

Like what you see?

Close

Hit the buttons below to follow us, you won't regret it...