5 އަންހެނުންގެ ޢިއްފަތްތެރިކަމާއި، ކަރާމާތް ރައްކާތެރިކުރުމަށް ދީނުގައި އައިސްފައިވާ ޙުކުމްތައް ބަޔާންކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އަންހެނުންގެ ޢިއްފަތްތެރިކަމާއި، ކަރާމާތް ރައްކާތެރިކުރުމަށް ދީނުގައި އައިސްފައިވާ ޙުކުމްތައް ބަޔާންކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އުޚްތުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

އަންހެނުންގެ ޢިއްފަތްތެރިކަމާއި، ކަރާމާތް ރައްކާތެރިކުރުމަށް ދީނުގައި އައިސްފައިވާ ޙުކުމްތައް ބަޔާންކުރުން

1. ބެލުން ތިރިކުރުމާއި ފަރުޖަށް ރައްކައުތެރިވުމަކީ ފިރިހެނުން ފަދައިން އަންހެނުންނަށްވެސް އައިސްފައިވާ ޙުކުމެކެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿ قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ﴾ "މުއުމިނު ފިރިހެނުންނަށް އެބައިމީހުންގެ ބެލުން ތިރިކުރުމަށާއި އެބައިމީހުންގެ ފަރުޖުތައް ރައްކައުތެރި ކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ. އެގޮތް އެބައިމީހުންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ އެބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުން ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރި ކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ."


އަހަރުމެންގެ ޝެއިޚް محمد الأمين الشنقيطي رحمه الله ލިޔުއްވާފައިވާ ތަފްސީރު ފޮތް أضواء البيان (6-186-187) ގައި ވިދާޅުވެފައިވެ އެވެ. "މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް އެބައިމީހުންގެ ބެލުން ތިރިކުރުމަށާއި އަދި އެބައިމީހުންގެ ފަރުޖުތައް ރައްކައުތެރިކުރުމަށް އަމުރުފުޅު ކުރައްވާފައިވެ އެވެ. ފަރުޖު ރައްކައުތެރި ކުރުމުގެ ތެރެއަށް ޒިނޭ ކުރުމާއި، ފިރިހެނުން އެއްޖިންސުން ގުޅުންހިންގުން (ލިވާޠު) އަދި އަންހެނުން އެއްޖިންސުން ގުޅުންހިންގުން (މުސާޙަޤާ)، މިއެންމެހައި ކަންތައްތަކުން ރައްކައުތެރި ކުރުން ވަންނާނެ އެވެ. އަދި ގުނަވަންތައް ފާޅުކުރުމާއި ކަޝްފުކުރުމުން ރައްކައުތެރި ކުރުންވެސް ވަންނާނެ އެވެ. (އަދިވެސް ވިދާޅުވެފައިވެ އެވެ.) ހަމަކަށަވަރުން މި އާޔަތުގައި، އެ އިލާހުގެ އަމުރުފުޅުގައި ޤާއިމްވެއްޖެ އެންމެހައި ފިރިހެނުންނާއި އަންހެނުންނަށް ފާފަފުއްސެވުމާއި ބޮޑުވެގެންވާ އަޖުރު ލިބޭނެ ކަމުގައި ﷲ ވަނީ ވަޢުދުވެވޮޑިގަންނަވާފަ އެވެ. އެއީ ބެލުން ތިރިކުރުމާއި ފަރުޖުތައް ރައްކައުތެރިކުރުމާއި އެކުގައި الأحزاب ޛިކުރުކުރައްވާފައިވާ އެހެނިހެން ސިފަތައް ހޯދައިފިކަމުގައިވާނަމަ އެވެ. އެ އާޔަތްތަކުގައި ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا﴾ "ހަމަކަށަވަރުން މުސްލިމް ފިރިހެނުންނާއި، މުސްލިމް އަންހެނުންނާއި، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، ޞަދަޤާތްދޭ ފިރިހެނުންނާއި، ޞަދަޤާތްދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުން، އެބައެއްގެ ފަރުޖުތައް ރައްކައުތެރިކުރާ ފިރިހެނުންނާއި، އެބައެއްގެ ފަރުޖުތައް ރައްކައުތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ޛިކުރުކުރާ ފިރިހެނުންނާއި، ގިނަގިނައިން ޛިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވި އެވެ."


މިތަނުގައި، محمد الأمين الشنقيطي رحمه الله އަކީ ވިދާޅުވެފައިވާ "މުސާޙަޤާ" އަކީ އަންހެނަކު އަންހެނަކާ އެކުގައި ގުޅުން ހިންގުމެވެ. މިއީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި މި ޢަމަލުކުރާ ދެ އަންހެނުންނަށް ބޮޑުވެގެންވާ އަދަބަކުން އަދަބުދީ ގަދައަށް މަނާކުރުން ޙައްޤުވެގެންވެ އެވެ.


المغني (8-198) ގައިވެ އެވެ. "ދެ އަންހެނަކު އެކުގައި ގުޅުން ހިންގައިފި ހިނދުގައި އެ ދެ އަންހެނުންނަކީ ޒިނޭކުރި އަދި ލަޢުނަތް ލިބިގެންވާ ދެ އަންހެނުންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (إذا أتت المرأة المرأة فهما زانيتان) "އަންހެނަކު އަންހެނަކާ ޖިންސީގުޅުން ހިންގައިފި ހިނދުގައި އެ ދެ އަންހެނުންނަކީ ޒިނޭކުރި ދެ އަންހެނުންނެވެ." އަދި މި ދެ އަންހެނުން ތަޢުޒީރު ކުރުންވެ އެވެ. އެއީ ޙައްދެއް (ވަކި މިންވަރެއް ކަނޑައެޅިފައި) ނެތް ޒިނޭ އެކެވެ."


ފަހެ މުސްލިމް އަންހެނާ މިޢަމަލުގެ މަތިން ބޮޑުވެގެންވާ އިންޒާރެއް ލިބިގަތުން ހުއްޓެވެ. ޚާއްޞަކޮށް ޒުވާން އަންހެނުން މި މުޑުދާރު މުންކަރު ޢަމަލުން އިންޒާރު ލިބިގަތުން ހުއްޓެވެ.


އެހެނަސް ބެލުން ތިރިކުރުން، (މިކަމުގެ މައްޗަށް) العلامة ابن القيم رحمه الله ލިޔުއްވާފައިވާ ފޮތް الجواب الكافي ގެ ޞަފްޙާ 129،130 ގައި ވިދާޅުވެފައިވެ އެވެ. "ފަހެ، ލޮލުން ބަލާ ބެލުމަކީ، ޝަހުވާނީ އެދުންތަކަށް ގެންގޮސްދޭ މެސެންޖަރު އެވެ. ބެލުން ރައްކައުތެރިކުރުމުގެ އަޞްލަކީ ފަރުޖު ރައްކައުތެރި ކުރުމެވެ. ފަހެ، އެމީހެއްގެ ލޮލުގެ ބެލުން ދޫކޮށްލައިފި މީހާވަނީ ހަލާކުގެ ތެރެއަށް އެއްލާލާފަ އެވެ. ހަމަކަށަވަރުން ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. (ياعلي، لا تتبع النظرة النظرة، فإنما لك الأولى) "އޭ ޢަލީ އެވެ. އެއް ބެލުމާ ވިދިގެން އަނެއް ބެލުން ނުބަލާށެވެ. ފަހެ، ތިބާއަށް ލިބިގެންވަނީ ފުރަތަމަ ބެލުމެވެ."       މި (ޙަދީޘް) ގެ މުރާދަކީ : ޤަޞްތަކާ ނުލައި ކުއްލިއަކަށް ބެލޭ ބެލުމެވެ." އަދި المسند ގައި ނަބިއްޔާ    صلى الله عليه وسلم އަރިއަހުން ޙަދީޘް ވާރިދުވެގެންވެ އެވެ. (النظرة سهم مسموم من سهام إبليس) "ލޮލުން ބަލާ ބެލުމަކީ އިބްލީސްގެ ވިހަ ތީރު ތަކުގެ ތެރެއިންވާ ތީރެކެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "ޢާންމުކޮށް އިންސާނާއަށް ދިމާވާ އެންމެހައި ޙާދިޘާތަކަކީ ލޮލުގެ ބެލުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ފަހެ، ހަމަކަށަވަރުން ލޮލުން ބަލާލެވޭ ބެލުމަކީ ޚިޔާލު އުފެދޭ ކަމެކެވެ. އަދި ޚިޔާލު އެކަމަށް ފިކުރު އުފައްދަ އެވެ. އަދި އެ ފިކުރުތައް ޝަހުވަތްތެރިކަން އުފައްދަ އެވެ. އެއަށްފަހު ޝަހުވަތްތެރިކަން ހިތްޖެހުން އުފައްދަ އެވެ. އަދި އެ ހިތްޖެހުން ވަރުގަދަވެ ނުގުޑާވަރު އަޒުމަކަށް އެކަން ބަދަލުވެ އެވެ. ފަހެ، ޔަޤީން ކަށަވަރު ކަމާއެކުގައި އެކަން މަނާކުރާނެ އެއްޗެއް ނެތް ހިނދުގައި ޢަމަލު (ޒިނޭ) ކުރާނެ އެވެ. އެހެން ވުމުން ބުނެވެ އެވެ. ބެލުން ތިރިކުރުމުގެ މައްޗަށް ކެތްތެރިވުން، އޭގެފަހުގައި އަޅާ ވޭނަށް ކެތްތެރިވުމަށްވުރެ ފަސޭހަވެގެންވެ އެވެ."


އޭ މުސްލިމް އުޚްތާ އެވެ. ތިބާއަށް ވާޖިބުވެގެންވަނީ ފިރިހެނުންނަށް ނަޟަރު ހިންގައި ބެލުމުގެ ބަދަލުގައި، ބެލުން ތިރިކުރުމެވެ. އަދި ބައެއް މަޖައްލާތަކުގައި ޖަހާފައިވާ ފިތުނަވެރި ސޫރަތަކަށް ނުބެލުމެވެ. ނުވަތަ ޓީވީ ތަކުންނާއި އަދި ވީޑިޔޯތަކުން ފެންނަ މިފަދަ ތަކެއްޗަށް ނުބެލުމެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމަކުން ސަލާމަތްވުމަށްޓަކައެވެ. ފަހެ، ލޮލުން ބަލައިލެވޭ ބެލުމަކުން ކިތައް އަންހެނުން ހިތިކަން ތަޖުރިބާ ކޮށްފައިވޭ ހެއްޔެވެ. ފަހެ އަލިފާން އުފެދިގެންދަނީ ކަނިތަކަކުންނެވެ.  


2. ފަރުޖު ރައްކައުތެރި ކުރުމަށް އޮތް ވަޞީލަތްތަކުގެ ތެރޭގައި ލަވަ އަދި މިއުޒިކީ ސާމާނާއި ދުރުވުން ހިމެނެ އެވެ. الإمام العلامة ابن القيم رحمه الله ލިޔުއްވާފައިވާ ފޮތް إغاثة اللهفان ގެ ޞަފްޙާ 1-265،264،248،242 ގައި ވިދާޅުވެފައިވެ އެވެ. "ދީންވެރިކަމާއި، ބުއްދި އަދި ޢިލްމުގެ ނަޞީބު ދަށްވެގެން ދިޔަ އަހުލުވެރިން ޝައިތާނާ އޭނާގެ ކެހިވެރިކަމުން ޝިކާރަ ކޮށްފައިވާ ކަންތަކުގެ ތެރޭގައި ތުނބުންފުމުމާއި، އަތްތިލަ ޖެހުމާއި، ލަވަކިޔުމާއި ޙަރާމްވެގެންވާ މިޔުޒިކީ ސާމާނުތަކުން، ޤުރުއާނުން މީސްތަކުން އެއްފަރާތް ކުރުންވެ އެވެ. އަދި މި ކަންކަމަކީ ފާސިޤުކަންތަކާއި އުރެދުމަށް ގެންގޮސްދޭ އެއްޗެކެވެ. ފަހެ މިޔުޒިކަކީ ޝައިޠާނާގެ ޤުރުއާނެވެ. ރަޙްމާންވަންތަ ﷲ ގެ ކިބައިން ފަރުދާކޮށްދޭ އެއްޗެކެވެ. މިޔުޒިކަކީ ލިވާތު ކުރުމަށާއި ޒިނޭ ކުރުމަށް ގެންގޮސްދޭ އެއްޗެކެވެ. މިއުޒިކަކީ ފާސިޤު ކަމުގައިވާ ލޯބިވެރިޔާ އޭނާގެ ޢިޝްޤީ ލޯބިވެރިޔާ ހޯދައިގަތުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "ފަހެ، މި ލަވަ އަޑުއަހަނީ އަންހެނެއްގެ ފަރާތުން ނުވަތަ އަމްރަދު (ތުނބުޅި ނުފަޅާ ފިރިހެނެއްގެ) ކިބައިން ކަމުގައިވާ ނަމަ، ފަހެ އެއީ އެންމެ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އަދި ދީން ފަސާދަ ކުރުމަށް އޮތް އެންމެ ބޮޑު އެއްޗެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "ކޮންމެ ޣީރަތްތެރިކަމުގެ އަހުލުވެރިއެއް އޭނާގެ އަނބިދަރިން މިޔުޒިކް އަޑުއެހުމުން ދުރުކުރާނެ އެވެ. އެއީ ޝައްކު ކުރެވޭ ކަންތައްތަކުން އެ ކަނބަލުން ދުރުކުރުވާ ފަދައިންނެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "އަދި އެންމެހައި މީސްތަކުންނަށް ބަޔާންވެ އެނގިގެންވާ އެއްޗަކީ، ފިރިހެނަކު އަންހެނަކާ ގައިގޯޅިވެ އުޅުމަށް އުނދަގޫ ނަމަ، އެ އަންހެންމީހާއަށް މިޔުޒިކް އަޑުއިއްވައި ދިނުމަށް މަސައްކަތް ކުރެއެވެ. ފަހެ، އެ ހިނދުގައި އެ އަންހެންމީހާ އެކަމަށް ލެނބިގެންދެއެވެ. ފަހެ ސަބަބަކީ އަންހެނުން ނުހަނު އަވަހަށް އަޑުތަކުން ވަރަށްބޮޑަށް އަޘަރު ކުރުވާ ކަމެވެ. ފަހެ، އެ އަޑު (ލަވަ) ވަނީ މިޔުޒިކާ އެކުވެފައި ކަމުގައިވާ ނަމަ އެއިން 2 ބާވަތަކުން އަޘަރު ކުރުވައެވެ. އެއް ބާވަތަކީ އަޑުން އަނެއް ބާވަތަކީ އޭގެ މާނައިންނެވެ. ފަހެ، މި ލަވައިގެ ތެރެއަށް ބެރުޖެހުމާއި ޒުވާން އަންހެނުން ނެށުން އެކުލެވިއްޖެ ހިނދުގައި، އަންހެނުން މިޔުޒިކަށް ހިތްޖެހޭ ކަމުގައިވާނަމަ މިފަދަ މިޔުޒިކަށް އެބައިމީހުން ލެނބިގެންދާނެ އެވެ. ﷲ ޤަންދީ ބުނަމެވެ. ކިތައް މިނިވަން އަންހެނުން މިޔުޒިކްގެ ސަބަބުން ޒިނޭ ކުރާ އަންހެނުންގެ ގޮތުގައިވެއްޖެ ތޯ އެވެ؟

 

އޭ މުސްލިމް އަންހެނާ އެވެ. ﷲ އަށް ބިރުވެތިވެ ތަޤްވާވެރިވުން ހުއްޓެވެ. މި ނުރައްކައުތެރި މުޑުދާރު އަޚްލާޤުން އިންޒާރު ލިބިގަތުން ހުއްޓެވެ. އެ މުޑުދާރު ނުރައްކައުތެރި އަޚްލާޤަކީ މުސްލިމުންގެ ތެރޭގައި ފާޅުކަންބޮޑު ގޮތުގައި އެކިއެކި ވަސީލަތްތަކުން އަދި އެކިއެކި ތަފާތު ބާވަތްތަކުން ފެތުރިފައިވާ، ޕްރޮމޯޓުކުރާ މިޔުޒިކް އަޑުއެހުމެވެ. މިއީ ވަރަށްވެސް ގިނަ ޖާހިލުކަންމަތީގައިވާ ޒުވާން އަންހެންކުދިން އޭގެ މަސްދަރުތަކުން ހޯދައި އަދި އެކަކު އަނެކަނަށް ހަދިޔާ ގޮތުގައި ބަދަލު ކުރާ އެއްޗެކެވެ.


3. ފަރުޖު ރައްކައުތެރި ކުރުމަށް އޮތް ވަޞީލަތްތަކުގެ ތެރޭގައި އަންހެނުން މަޙްރަމެއް ނެތި ދަތުރުކުރުން މަނާކުރެވިފައިވެ އެވެ. އަންހެން މީހާގެ ޢިއްފަތްތެރިކަން ފާސިޤު އަދި ނުބައި ނުލަފާ މީސްތަކުންގެ ކިބައިން ރައްކައުތެރި ކުރާނެ އަދި ޙިމާޔަތްކޮށްދޭނެ މަޙްރަމެއް ނެތި ދަތުރުކުރުން މަނާކުރެވިފައިވެ އެވެ. ހަމަކަށަވަރުން ޞައްޙަ ގިނަ ޙަދީޘްތަކެއް، އަންހެނާ މަޙްރަމެއް ނެތި ދަތުރުކުރުން މަނާކުރެވި ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި ابن عمر رضي الله عنهما ވިދާޅުވެފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا تسافر المرأة ثلاثة أيام إلا مع ذي محرم) متفق عليه "މަޙްރަމެއް ނެތި އަންހެނަކު ތިންދުވަހުގެ މުއްދަތަށް ދަތުރު ކޮށްގެން ނުވާނެ އެވެ." އަދި أبي سعيد الخدري رضي الله عنه ގެ އަރިއަހުން ރިވާކުރެވިގެންވެ އެވެ. (نهى أن تسافر المرأة مسيرة يومين أو ليلتين إلا ومعها زوجها أو ذو محرم) متفق عليه "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަންހެނަކު ދެ ދުވަހުގެ މުއްދަތަށް ނުވަތަ ދެ ރޭގެ މުއްދަތައް އޭނާގެ ފިރިމީހާ ނެތި ނުވަތަ މަޙްރަމެއްނެތި ދަތުރުކުރުން ނަހީކުރެއްވި އެވެ." އަދި أبو هريرة رضي الله عنه ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا يحل لإمرأة تؤمن بالله واليوم الآخر تسافر مسيرة يوم و ليلة إلا مع ذي محرم عليها) متفق عليه "ﷲ އަށް އީމާންވެގެންވާ އަދި އާޚިރަތް ދުވަހަށް އީމާންވެގެންހުރި އަންހެނަކަށް، އެއްދުވަހާއި ރެއެއްގެ މުއްދަތަށް މަޙްރަމަކާ ނުލައި ދަތުރު ކުރުން ޙަލާލެއް ނުވާނެ އެވެ."


މި ޙަދީޘްތަކުގައި ކަނޑައަޅާފައިވާ ތިން ދުވަހުގެ މުއްދަތު، ދެ ދުވަހުގެ މުއްދަތު އަދި ދުވަހަކާއި ރެއެއްގެ މުއްދަތުގެ މުރާދަކީ އެ ޒަމާނުގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުން ފައިމަގުގައި އަދި ސަވާރީގައި ދަތުރު ކުރެވޭ މުއްދަތެވެ. އަދި ޙަދީޘްތަކުގައި ތިން ދުވަސް ނުވަތަ ދެ ދުވަސް ނުވަތަ ދުވަހަކާއި ރެއެއްގެ ގޮތުގައި ތަފާތު ގޮތްތަކުގައި ވާރިދުވެގެންވުން އަދި މިއަށްވުރެ ކުރު މުއްދަތްވެސް ވާރިދުވެގެން ވުމުގެ މައްޗަށް ޢިލްމުވެރިން ދެއްވާފައިވާ ޖަވާބަކީ، މިތަނުގައިވާ މުރާދަކީ ޙަދީޘްގެ ބޭރުފުށުން ދޭހަވާ މުރާދެއް ނޫންކަމެވެ. އެހެނަސް މުރާދަކީ، އެއީ ދަތުރެއް ކަމުގައި ބުނެވޭ ކޮންމެ ދަތުރެއް، އަންހެނުންނަށް މަޙްރަމެއް ނެތި ދަތުރުކުރުން ނަހީކުރެވިފައި ވުމެވެ.


الإمام النووي رحمه الله ލިޔުއްވާފައިވާ ފޮތް شرح صحيح مسلم (9/103) ގައި ވިދާޅުވެފައިވެ އެވެ. "ފަހެ، މިތަނުން ޙާޞިލްވާ އެއްޗަކީ، ހަމަކަށަވަރުން ދަތުރެއް ކަމުގައި ބުނެވޭ އެންމެހައި ދަތުރެއް އަންހެނުން އެބައިމީހުންގެ ފިރިމީހާ ނެތި ނުވަތަ މަޙްރަމެއް ނެތި ދަތުރުކުރުން ނަހީކުރެވިފައިވުމެވެ. އެއީ ތިން ދުވަހުގެ މުއްދަތަށް ނުވަތަ ދެ ދުވަހުގެ މުއްދަތަށް ނުވަތަ އެއް ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދަތުރުކުރި ކަމުގައިވީ ނަމަވެސްމެއެވެ. އެއީ مسلم ގެ ރިވާތަޔުގައި މުޠްލަޤުކޮށް އައިސްފައިވުމެވެ. އެއީ ކުރީގައި ގައި ބަޔާންކުރެވުނު ރިވާޔަތެވެ. (لا تسافر امرأة إلا مع ذي محرم) "މަޙްރަމެއް ނެތި އަންހެނަކު ދަތުރުކޮށްގެން ނުވާނެ އެވެ." ފަހެ، މި ޙުކުމްގެ ތެރެއަށް އެއީ ދަތުރެއް ކަމުގައިބުނެވޭ އެންމެހައި ދަތުރުތަކެއް ވަންނާނެ އެވެ. والله أعلم.


އެހެނަސް ވާޖިބު ޙައްޖު ކުރުމަށްޓަކައި އަންހެނަކަށް، އަންހެނުންގެ ޖަމާޢަތަކާ އެކުގައި ދަތުރު ކުރެވިދާނެ ކަމަށް ދީފައިވާ ފަތުވާއަކީ ސުންނަތާ ޚިލާފު ވެގެންވާ ފަތުވާ އެކެވެ.  


الإمام الخطابي رحمه الله ލިޔުއްވާފައިވާ ފޮތް معالم السنن (2/277، 276) ގައި ވިދާޅުވެފައިވެ އެވެ. "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަންހެނުން ފިރިހެނަކާ އެކުގައި މެނުވީ ނުވަތަ މަޙްރަމަކާ އެކުގައި މެނުވީ ދަތުރު ނުކުރުމަށް ވަރަށްބޮޑަށް ގަދައަޅާ މަނާކުރެއްވި އެވެ. ފަހެ، ޙައްޖު ކުރުމަށްޓަކައި އަންހެނާއަށް ނަބިއްޔާ صلى الله عليه وسلم ޘާބިތުކުރައްވާފައިވާ މަޙްރަމަކު ހުރުން، ޝަރުޠު ނުކުރުމަކީ ސުންނަތާ ޚިލާފްވެގެންވާ ގޮތެވެ. އަދި އަންހެނާ މަޙްރަމަކާ ނުލައި ދަތުރު ކުރުމަކީ ﷲ އަށް އުރެދުން ކަމުގައިވުމުން، އެ ޙާލަތުގައި ޙައްޖު ކުރުން އަންހެނާއަށް ލާޒިމްވެގެން ނުވެ އެވެ. އަދި އެއީ ކިޔަމަންގަތުމަށް އޮތް އަމުރަކުން ﷲ އަށް އުރެދި ގަންނަނީ އެވެ."


އަހަރެން ބުނަމެވެ. އެބައިމީހުން އަންހެނަކަށް މަޙްރަމެއް ނެތި އެއްވެސް ޙާލެއްގައި (މުޠްލަޤުކޮށް) ދަތުރުކުރުން ހުއްދައެއް ނުކުރެއެވެ. އަދި ހުއްދަވެގެންވާ ކަމަށް ބަޔާންކޮށްފައިވަނީ ވާޖިބުވެގެންވާ ޙައްޖުގައި އެކަންޏެވެ.


الإمام النووي رحمه الله ލިޔުއްވާފައިވާ ފޮތް المجموع (8/249) ގައި ވިދާޅުވެފައިވެ އެވެ. "ސުންނަތް އަޅުކަމަކަށް އަދި ވިޔަފާރި ދަތުރުގައި އަދި އެކިތަންތަނަށް ޒިޔާރަތް ކުރުމަށް، މަޙްރަމަކު ނެތި ދަތުރުކުރުން ހުއްދައެއް ނުވާނެ އެވެ."


މިބައިމީހުން ބުނެފައިވެ އެވެ. މަޙުރަމު ގޮސް އަންހެންމީހާ ފްލައިޓަށް އަރުވާނީ އެވެ. އަދި އަނެއް މަޙްރަމު އަންހެން މީހާ ދާން ބޭނުންވާ މަންޒިލުން އިސްތިޤްބާލު ކުރާނީ އެވެ. ސަބަބަކީ ފްލައިޓަކީ އަމާންކަމުގައިވާ އެއްޗެކެވެ. އެމީހުންގެ މިކަމުގެ ދަޢުވާއަކީ ފްލައިޓުގައި ގިނަ ފަސިންޖަރުންގެ ގޮތުގައި ފިރިހެނުންނާއި އަންހެނުން ތިބޭތީ އެވެ.


އެބައިމީހުންނަށް އަހަރެމެން ބުނަމެވެ. ހަމަހިލާ އެހެނަކުން ނުވާނެ އެވެ. ފްލައިޓަކީ އެހެން ތަކެއްޗަށްވުރެން ނުރައްކައުތެރިކަން ބޮޑު އެއްޗެކެވެ. ސަބަބަކީ އޭގައި ފަސިންޖަރުންވަނީ މައްސުނި ވެގެންނެވެ. ފަހަރެއްގައި އަންހެންމީހާ ހިލޭ ފިރިހެނެއްގެ ގާތުގައި އިށީންނަން ޖެހެ އެވެ. އަދި ފަހަރެއްގައި އެ ފްލައިޓް އެ ދާންޖެހޭ ތަން ނޫން އެހެން އެއަރޕޯޓަކަށް އޭގެ މިސްރާބު ބަދަލުކުރަންޖެހިދާނެ އެވެ. އަދި އެ އަންހެނާ އިސްތިޤްބާލު ކުރަންދާން އޮތް މީހާ، އެ އަންހެންމީހާއަށް ނުފެންނާނެ އެވެ. ފަހެ، އެހިނދުގައި ފިތުނަވެރިކަމުގެ ނުރައްކަލާ ކުރިމަތިވެ އެވެ. އަދި އަންހެނާ އޭނާއަށް ބީރައްޓެހި ގޮތްނޭނގޭ ޤައުމެއްގައި ކަންތައް ވާނީ ކިހިނަކުންތޯ އެވެ. އެތަނުގައި އޭނާއަށް އެއްވެސް މަޙްރަމެއް ނުވެ އެވެ.


4. ފަރުޖު ރައްކައުތެރި ކުރުމަށް އޮތް ވަޞީލަތްތަކުގެ ތެރޭގައި އަންހެނަކު އޭނާގެ މަޙްރަމަކަށްނުވާ ފިރިހެނަކާ ޚަލްވާވުން (އަންހެނަކާއި ފިރިހެނަކު ވަކިވެގަތުން) މަނާކުރެވިފައިވެ އެވެ.

 

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (من كان يؤمن بالله واليوم الآخر فلا يخلون بامرأة ليس معها ذو محرم منها، فإن ثالثهما الشيطان) "ﷲ އާއި އާޚިރަތްދުވަހަށް އީމާންވެގެން ހުރި މީހާ، އަންހެނަކާ އެކު މަޙްރަމެއްނެތި ޚަލްވާވެގަތުން (ވަކިވެގަތުން) ޙަލާލެއް ނުވާނެ އެވެ. ހަމަކަށަވަރުން އެ ދެމީހުންގެ ތިންވަނަ ފަރާތެއްގެ ގޮތުގައިވަނީ ޝައިޠާނާ އެވެ." އަދި عامر بن ربيعة رضي الله عنه ވިދާޅުވި އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ألا لايخلون رجل بامرأة لا تحل له، فإن ثالثهما الشيطان، إلا محرم) متفق عليه "ދަންނަހުއްޓެވެ. ފިރިހެނަކު އޭނާއަށް ޙަލާލުވެގެން ނުވާ އަންހެނަކާ ވަކިވެގެން ނުވާނެ އެވެ. ހަމަކަށަވަރުން އެ ދެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާ އެވެ. މަޙުރަމަކާ އެކުގައި މެނުވީ އެވެ." المجد رحمه الله ލިޔުއްވާފައިވާ ފޮތް المنتقى ގައި ވިދާޅުވެފައިވެ އެވެ. أحمد ރިވާކުރައްވާފައިވެ އެވެ. އަދި މީގެކުރިން މި މާނައިގައި ابن عباس އަރިއަހުން متفق عليه ޙަދީޘް ބަޔާންވެގެންވެ އެވެ.


الإمام الشوكاني رحمه الله ލިޔުއްވާފައިވާ ފޮތް نيل الأوطار (6/120) ގައި ވިދާޅުވެފައިވެ އެވެ. "ހިލޭ އަންހެނަކާ އެކުގައި ޚަލްވާވުމަކީ ޙަރާމްކަމެއް ކަމުގައި އިޖްމާޢުވެގެންވެ އެވެ.


الحافظ ލިޔުއްވާފައިވާ ފޮތް الفتح  ގައި ވިދާޅުވެފައިވެ އެވެ. މިކަން ޙަރާމްވުމުގެ ސަބަބަކީ އެމީހުންގެ ތިންވަނަ ފަރާތަކީ ޝައިޠާނާ ކަމުގައިވުމެވެ. އަދި ޝައިޠާނާ އެތަނަށް ޙާޟިރުވެ އެ ދެމީހުން މަގުފުރެދުމުގެ ތެރެއަށް ވައްޓާނެވެ. އަދި އެހެނަސް މަޙުރަމެއް ހުރެއްޖެ ހިނދުގައި އަންހެންކުއްޖާއާ އެކުގައި ހިލޭއަންހެނަކާ އެކުގައިވުން ހުއްދަވެގެންވެ އެވެ. ސަބަބަކީ އެ މަޙްރަމް ހުރެއްޖެ ހިނދުގައި ފާފައިގެ ތެރއަށް ވެއްޓިގެން ދިއުން މަނާކުރުވާތީ އެވެ.


ބައެއް އަންހެނުން ބައެއްފަހަރު އެކިއެކި ބާވަތްތަކުން އެބައިމީހުންގެ އަންހެންދަރިން ޚަލްވާ ވެ އެވެ. މީގެ ތެރޭގައި :
أ- އަންހެނުން އެބައިމީހުންގެ ފިރިންގެ ތިމާގެ މީހުންނާ އެކުގައިވުމާއި އެމީހުންގެ ކުރިމަތީގައި މޫނު ކަޝްފުކުރުމެވެ. ފަހެ މިއީ އެހެން އެންމެހައި ޚަލްވާއަށްވުރެން ނުރައްކައުތެރިވެގެންވާ ޚަލްވާ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (إياكم و الدخول على النساء) "ތިޔަބައިމީހުން އަންހެނުންގެ ތެރެއަށްވަނުމެއް ނުވެ އެވެ." ފަހެ، އެހިނދުގައި އަންޞާރުންގެ ތެރެއިން ޞަޙާބީއެއް ވިދާޅުވި އެވެ. ﷲ ގެ ރަސޫލާ އެވެ. ޙަމޫއާ މެދުގައި ވިދާޅުވަނީ ކީކޭތޯ އެވެ؟ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (الحمو : الموت) "ޙަމޫއަކީ ތިބާގެ މަރެވެ." ވިދާޅުވި އެވެ. ޙަމޫގެ މާނައީ، ބުނެވެ އެވެ. އެއީ ފިރިމީހާގެ ބޭބެ ނުވަތަ ފިރިހެން ކޮށްކޮ އެވެ. ބޭބެގެ އަނބިމީހާއާ އެކުގައި، އެބައިމީހުން ޚަލްވާވުން ކަރާހާތްތެރި ކުރެއްވި އެވެ."


الحافظ ابن حجر رحمه الله ލިޔުއްވާފައިވާ ފޮތް فتح الباري (9/331) ގައި ވިދާޅުވެފައިވެ އެވެ. "النووي ވިދާޅުވެފައިވެ އެވެ. ބަހުގެ ޢިލްމުވެރިން އިއްތިފާގު ވެގެންވާ ގޮތުގައި ޙަމޫ އިންނަކީ ފިރިމީހާގެ ގާތްތިމާގެ މީހުންނެވެ. މިޘާލަކަށް ފިރިމީހާގެ ބައްޕަ، ބޮޑުބޭބެ، ބޭބެ، ބޭބެގެ ދަރިފުޅު، ބޮޑުބޭބެގެ ދަރިފުޅު އަދި އެނޫންވެސް ފަރާތްތަކެވެ." އަދިވެސް ވިދާޅުވެފައިވެ އެވެ. "ޙަދީޘްގައި ބަޔާންވެގެންވާ މުރާދަކީ ފިރިމީހާގެ މައިންބަފައިންނާއި ދަރިން ފިޔަވައި ގާތްތިމާގެ މީހުންނެވެ. ސަބަބަކީ އެއީ އަނބިމީހާގެ މަޙްރަމުންނެވެ. އަނބިމީހާއާ އެކުގައި އެބައިމީހުން އެކަހެރިވުން ހުއްދަވެގެންވެ އެވެ. އަދި މަރު ކަމުގައި ސިފަ ނުކުރެވޭނެ އެވެ." އަދިވެސް ވިދާޅުވި އެވެ. "މިކަމުގެ މައްޗަށް ފަރުވާކުޑަވުން ޢާދަކާދައަށް ވެއްޖެއެވެ. ފަހެ، އެގޮތުން ފިރިމީހާގެ އަޚު އޭނާގެ ބޭބޭގެ އަނބިމީހާއާ އެކުގައި ޚަލްވާ ވުމެވެ. ފަހެ، އެހިނދު އެއީ މަރުކަމުގައި ސިފަކުރެވިގެންވެ އެވެ. އަދި މިކަން މަނާކުރުން އައުލާވެގެންވެ އެވެ."


الإمام الشوكاني رحمه الله ލިޔުއްވާފައިވާ ފޮތް نيل الأوطار (6/122) ގައި ވިދާޅުވެފައިވެ އެވެ. "ޙަދީޘްގައިވާ ޙަމޫ އަކީ މަރެވެ. މާނައީ : އެހެންމީހުންގެ މައްޗަށް ބިރުވެތި ވުމަށްވުރެ އޭނާގެ މައްޗަށް ބިރުވެތިވުން ބޮޑެވެ. އެއީ މަރުގެ މައްޗަށް އެހެން ހުރިހައި އެއްޗަކަށް ގަންނަ ބިރަށްވުރެ ބޮޑުވެގެންވާ ފަދައިންނެވެ."


އޭ މުސްލިމް އަންހެނާ އެވެ. ﷲ އަށް ބިރުވެތިވުން ހުއްޓެވެ. މީސްތަކުން މިކަމުގެ މައްޗަށް ފަރުވާކުޑަކޮށްލާފައިވީ ނަމަވެސް ތިބާ މިކަމުގެ މައްޗަށް ފަރުވާކުޑަ ނުކުރާށެވެ. ސަބަބަކީ ޢިބްރަތަކީ ޝަރީޢަތުގައިވާ ޙުކުމެވެ. މީސްތަކުން ޢާދަކާދައިގެ ގޮތުން ކުރާ ކަންތައްތަކެއް ނޫނެވެ.  
ب- އަންހެނުން އަދި އެބައިމީހުންގެ ބަލަދުވެރިން، އަންހެނުން މަޙްރަމަކާ ނުލައި ހިލޭ ފިރިހެނެއްގެ ގޮތުގައިވާ ޑްރައިވަރަކާ އެކުގައި ކާރަށް އެރުން.


ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشيخ محمد بن إبراهيم آل الشيخ رحمه الله ލިޔުއްވާފައިވާ ފޮތް مجموع الفتاوى (10/52)  ގައި ވިދާޅުވެފައިވެ އެވެ. "މިހާރު އެއްވެސް ޝައްކެތްނުވާ ގޮތުގައި، ހިލޭ އަންހެނަކު، ކާރުގެ ޑްރައިވަރާ އެކީގައި ބަލަހައްޓާނެ މަޙްރަމެއް ނުލައި ކާރަށް އެރުމަކީ ފާޅުވެ ބަޔާންވެގެންވާ މުންކަރާތެކެވެ. މިކަމަށް އަންހެނުން ފަރުވާކުޑަކޮށްގެން ނުވާނެ އެތަކެއް މަފާސިދުތަކެއްވެ އެވެ. އެއީ އެ އަންހެނާއަކީ މަޑުމައިތިރި ނުވަތަ ފިރިހެނުންނާ ވާހަކަ ނުދައްކާ އަންހެނެއް ކަމުގައިވީ ނަމަވެސްމެއެވެ. އޭނާގެ މަޙްރަމުންނަށް މި ކަމަށް އެދޭ ފިރިހެނާއަކީ ދީނީ ގޮތުން ބަލިކަށި، ފިރިހެންވަންތަކަން އުނިވެފައިވާ، މަޙްރަމުންގެ މައްޗަށް ޣީރަތްތެރިކަމުގައި ދެރަ ނިކަމެތި ފިރިހެނެކެވެ. ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لايخلون رجل بامرأة إلا كان الشيطان ثالثهما) متفق عليه "ތިންވަނަ ފަރާތަކީ ޝައިޠާނާ ކަމުގައި ނުވާ ގޮތެއްގައި އަންހެނަކާއި ފިރިހެނަކު ވަތްކެއް ނުވާނެ އެވެ." އަންހެނަކު ފިރިހެނަކާ އެކުގައި ކާރުގައި ވަކިވެގަތުމަކީ ގޭތެރޭގައި ނުވަތަ އެހެނިހެން ގޮތަކުން ޚަލްވާވުމަށްވުރެ ނުރައްކައުތެރިވެގެންވާ ކަމެކެވެ. ސަބަބަކީ އެ އަންހެން މީހާ ގޮވައިގެން އޭނާ ބޭނުންވާނެ ތަނަކަށް ދިއުމަށް ކުޅަދާނަވުމެވެ. ރަށުތެރެއަށް ނުވަތަ ރަށުން ބޭރަށް، އަންހެން މީހާގެ ރުހުމުގައި އަދި ނުރުމުގައިވެސް އެކަން ކުރެވޭނެތީވެ އެވެ. މުޖައްރަދުކޮށް ޚަލްވާ ވުމަށްވުރެ އެތަކެއް ގުނަ އިތުރު ފަސާދަތަކެއް މިގޮތުގައި ވަކިވުމުން ނުކުމެވެ.


އަދި އެކަހެރިވެވޭ ވަޤުތުގައި އެތަނުގައި ޢުމުރުގެ ގޮތުން ބޮޑު މީހަކު ހުރުން ލާޒިމްވެގެންވެ އެވެ. ކުޑަކުއްޖަކު ހުރުމަކުން ނުފުދޭނެ އެވެ. ބައެއް އަންހެނުންނަށް ވިސްނިފައިވާ ގޮތުން އަންހެންމީހާއާ އެކުގައި ކުޑަކުއްޖެއް ހުރުމުން ޚަލްވާވުން ކަމުގައި ނުވާނެ ކަމަށް ދެކުމަކީ، ކުށްހީ އެކެވެ.


الإمام النووي رحمه الله ލިޔުއްވާފައިވާ ފޮތް المجموع (9/109) ގައި ވިދާޅުވެފައިވެ އެވެ. "އަދި ހިލޭ އަންހެނަކާ ހިލޭ ފިރިހެނެއް ތިންވަނަ ފަރާތެއްނެތި އެކަހެރިވުމަކީ ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ. އަދި އުމުރުގެ ގޮތުން ހަގުވުމުވެ ސަބަބުން އެ ފަރާތެއްގެ މައްޗަށް ލަދުވެތިނުވާ ކަމުގައިވާނަމަ، ޙަރާމްވެގެންވާ އެކަހެރިވުމުން ދުރުވީ ކަމުގައި ނުވާނެ އެވެ."


ج- ބައެއް އަންހެނުން އަދި އަންހެނުންގެ ބަލަދުވެރިން، އަންހެނުން ޑޮކްޓަރަކަށް ދެއްކުމަށޭ ބުނެ ފިރިހެން ޑަކްޓަރު ކައިރިއަށް ވަނުން. އެމީހުން މިކަމުގައި ދައްކާ ޙުއްޖަތަކީ ބޭސްފަރުވާ ކުރުމަށްޓަކަ އެވެ. މިއީ ބޮޑުވެގެންވާ މުންކަރާތެކެވެ. މިއީ ބޮޑުވެގެންވާ ނުރައްކަލެކެވެ. މިކަމަށް އިޤްރާރުވުން ހުއްދައެއް ނުވާނެ އެވެ. އަދި ހަނު ހުރުން ހުއްދައެއް ނުވާނެ އެވެ.


الشيخ محمد بن إبراهيم آل الشيخ رحمه الله ލިޔުއްވާފައިވާ ފޮތް مجموع الفتاوى (10/13)  ގައި ވިދާޅުވެފައިވެ އެވެ. "ކޮންމެ ޙާލަތެއްގައިވީ ނަމަވެސް، އަންހެނަކު ހިލޭ ފިރިހެނަކާ އެކަހެރިވެގަތުން ޝަރުޢީ ގޮތުން ޙަރާމްވެގެންވެ އެވެ. އެއީ އަންހެންމީހާއަށް ބޭސްފަރުވާކުރާ ޑޮކްޓަރު ކަމުގައިވީ ނަމަވެސް އެވެ. އެއީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިންނެވެ. (لايخلون رجل بامرأة إلا كان الشيطان ثالثهما) متفق عليه "ތިންވަނަ ފަރާތަކީ ޝައިޠާނާ ކަމުގައި ނުވާ ގޮތެއްގައި އަންހެނަކާ ފިރިހެނަކު އެކަހެރިއެއް ނުވާނެ އެވެ." ފަހެ، ކޮންމެހެންވެސް އަންހެން މީހާއާ އެކުގައި އެހެން މީހަކު ހުންނަން ޖެހޭނެ އެވެ. އެއީ ފިރިމީހާ ނުވަތަ ފިރިހެނުންގެ ތެރެއިން އަންހެނާގެ މަޙްރަމެއްގެ ގޮތުގައިވާ ފަރާތެކެވެ. އަދި މިފަދަ މީހަކު ނެތް ޙާލަތެއްގައި އަންހެނާގެ ގާތްތިމާގެ މީހެކެވެ. އަދި މިތަނުގައި ޛިކުރުކޮށްފައިވާ މީހަކު ނެތި އަދި ބަލިބޮޑުކަމުން ނުރައްކައުތެރި ޙާލަތަށް ގޮސްފައިވެ – އެކަން ލަސްކުރުމަށް ކުޅަދާނަކަމެއް ނެތް ހިނދުގައި- އެންމެ ކުޑަމިނުން އަންހެން ނަރުހެއް ހުންނަން ޖެހޭނެ އެވެ. އެއީ ޝަރީޢަތުގައި ނަހީ ކުރެވިފައިވާ އެކަހެރިވުމުން (ޚަލްވާވުން) އެއްކިބާވުމަށްޓަކައެވެ.


އަދި ހަމަ މިފަދައިން ފިރިހެން ޑޮކްޓަރު ވެސް، ހިލޭ އަންހެނުންނާ އެކު އެކަހެރިވުން ހުއްދައެއް ނުވާނެ އެވެ. އެ އަންހެން ޑަކްޓަރަކީ އޭނާއާ އެކުގައި ކިޔެވި، ނުވަތަ އެ ނަރުސް ކުއްޖާއަކީ އޭނާއާ އެކުގައި ކިޔެވި އަންހެނެއް ކަމުގައިވީ ނަމަވެސް އެވެ. އަދި ލޯފަން މުދައްރިސުންނަށް ވެސް އަންހެން ދަރިވަރުންނާ އެކަހެރިވެގެން ނުވާނެ އެވެ. އަދި ފްލައިޓުގައި މަސައްކަތްކުރާ މުވައްޒަފުން ހިލޭފިރިހެނުންނާ އެކަހެރިވުން ވެސް ހުއްދައެއް ނުވާނެ އެވެ. މިކަންތައްތަކަކީ މުޑުދާރު ތަރައްޤީޤެ ނަމުގައި އަދި ކާފަރުންނަށް ދަލީލެއް ބަލާލުމެއްނެތި ތަޤްލީދު ކުރުމެކެވެ. އަދި މިއީ ޝަރީޢަތުގައިވާ ޙުކުމްތަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުމުގެ ސަބަބުން ދިމާވެފައިވާ ކަންތައްތަކެވެ. لاحول ولاقوة إلا بالله العلي العظيم.


ގޭގައި މަސައްކަތް ކުރުމަށް ގެންގުޅޭ އަންހެން ޚާދިމުއާ އެކުގައި ފިރިހެންމީހާ (ޚަލްވާވުން) އެކަހެރިވުން ހުއްދައެއް ނުވާނެ އެވެ. އަދި ގޭގައި މަސައްކަތްކުރަން ގެންގުޅޭ ފިރިހެން ޚާދިމުއާ އެކުގައި އަންހެނުން އެކަހެރިވުން ހުއްދައެއް ނުވާނެ އެވެ. ފަހެ، މަސައްކަތް ކުރުމަށް ޚާދިމުން ގެންގުޅުމަކީ ވަރަށްގިނަބަޔަކަށް އިމްތިޙާނެއް ކަމުގައި ދިމާވެފައިވާ ބޮޑު ނުރައްކަލެކެވެ. މިކަމުގެ ސަބަބަކީ އަންހެނުން މަސައްކަތް ކުރުމުގެ ނަމުގައި އަދި ކިޔެވުމަށްޓަކައި ގެއިން ބޭރަށް ނުކުމެފައިވުމެވެ. ފަހެ، މިކަމުގެ މައްޗަށް މުއުމިނު އަންހެނުންނާއި މުއުމިނު ފިރިހެނުން ބޮޑުވެގެންވާ އިންޒާރުން އިންޒާރު ލިބި، ސަމާލުވުން ހުއްޓެވެ. އަދި މިކަމަށް ލާޒިމްވެގެންވާ އެންމެހައި ފިޔަވަޅުތަކެއް އެޅުން ހުއްޓެވެ. އަދި ހަޑިހުތުރު ޢާދަކާދަތައް ބަލައިނުގަތުމެވެ.


ސަމާލުކަމަށް :

އަންހެނުން އެބައިމީހުންގެ މަޙްރަމުން ނޫން ފިރިހެނުންނާ އަތާއި އަތްޖޯޑުކޮށް ސަލާމްކުރުން ޙަރާމްވެގެންވެ އެވެ.


الشيخ عبد العزيز بن عبد الله بن باز رحمه الله ލިޔުއްވާފައިވާ ފޮތް مجموع الفتاوى (1/185)  ގައި ވިދާޅުވެފައިވެ އެވެ. "މުޠްލަޤުކޮށް، އަންހެނުން އެބައިމީހުންގެ މަޙްރަމުން ފިޔަވައި އެހެން މީސްތަކުންނާ ސަލާމްކުރުން ޙަރާމްވެގެންވެ އެވެ. އެއީ ޒުވާން އަންހެނަކާ ނުވަތަ މުސްކުޅި އަންހެނަކާ ކަމުގައިވި ނަމަވެސް އެވެ. އަދި ސަލާމް ކުރަނީ ޒުވާން ފިރިހެނުންނާ ނުވަތަ ދުވަސްވީ ފިރިހެނުންނާ ކަމުގައިވީ ނަމަވެސް އެވެ. ސަބަބަކީ މި ކަމުގެ ސަބަބުން ދެފަރާތަށްވެސް އޮތް ނުރައްކަލުގެ ބޮޑުކަމުންނެވެ. އަދި ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم އަރިއަހުން ޞައްޙަ ޙަދީޘްގައި ވާރިދުވެގެންވެ އެވެ. (إني لا أصافح النساء) "ހަމަކަށަވަރުން ތިމަންނަބިއްޔާ އަންހެނުންނާ އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރަމެވެ." އަދި عائشة رضي الله عنها ވިދާޅުވެފައިވެ އެވެ. "ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަތްޕުޅު ދުވަހަކުވެސް އަންހެނެއްގެ އަތުގައި ނުބީހެއެވެ. ބަސްފުޅު ވިދާޅުވެ މެނުވީ ބައިޢަތް ނުހިއްޕަވަ އެވެ." އަދި ސަލާމް ކުރަނީ ފަރުދާއެއް (ހުރަހެއް) ނުވަތަ ހުރަހެއް ބޭނުން ނުކޮށް ކަމުގައިވީ ނަމަވެސް އޭގައި އެއްވެސް ތަފާތެއްނުވެ އެވެ. ސަބަބަކީ ދަލީލުތައް އައިސްފައިވަނީ ޢާންމުކޮށެވެ. އަދި ފިތުނައަށް މަގުހުޅުވިގެންދާނެ ދޮރުތައް ބަންދުކުރެވިގެން ދިއުމަށްޓަކަ އެވެ."


އަހަރުމެންގެ ޝެއިޚް محمد الأمين الشنقيطي رحمه الله ލިޔުއްވާފައިވާ ތަފްސީރު ފޮތް أضواء البيان (6/602- 603) ގައި ވިދާޅުވެފައިވެ އެވެ. "ދަންނަހުއްޓެވެ. "ހިލޭ ފިރިހެނަކު އޭނާއަށް ހިލޭ އަންހެނެއްގެ ގޮތުގައިވާ އަންހެނަކާ ސަލާމްކުރުން ހުއްދައެއް ނުވާނެ އެވެ. އަދި އަންހެންމީހާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން ހުއްދައެއް ނުވާނެ އެވެ. މިކަމުގެ މައްޗަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރޭގައި :


ފުރަތަމަ އަމުރު : ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި ކަމުގައި ވާރިދުވެގެންވެ އެވެ. (إني لا أصافح النساء) "ހަމަކަށަވަރުން ތިމަން ނަބިއްޔާ އަންހެނުންނާ ސަލާން ނުކުރަމެވެ." ﷲ عز وجل ވަޙިކުރައްވާފައިވެ އެވެ.  ﴿ لَّقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا ﴾ "ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެންމެ ރިވެތި މިޘާލެއް ކަމުގައި ތިޔަބައިމީހުންގެ ނަބިއްޔާ ވެ އެވެ." ފަހެ ނަބިއްޔާ صلى الله عليه وسلم އަށް އިޤްތިދާ ވުމަށްޓަކައި އަހަރެމެންނަށް ލާޒިމްވެގެން ވަނީ އަންހެނުންނާ ސަލާމް ނުކުރުމެވެ. މުޢަޞްފަރު ފޭރާމެއް ފިރިހެނުންނަށާއި އަންހެނުންނަށް އިޙްރާމުގެ ގޮތުގައި އަދި އެ ނޫން ގޮތުގައި ލުމާ މެދުގައި ނަހީކުރެވިގެންވާކަން ބަޔާންކޮށްދިނުމަށް  (މިތަނުގައި) ޛިކުރުކޮށްފައިވާ ޙަދީޘް، މީގެ ކުރީގައި ވަރަށް ތަފްޞީލުކޮށް، سورة الحج ގައި ބަޔާންކޮށްފައިވާނެ އެވެ. އަދި سورة الأحزاب ގެ ޙިޖާބުގެ އާޔަތް (ތަފްޞިލުކޮށް ބަޔާންކޮށްދިނުމުގައި ވެސް) ބަޔާންކޮށްފައިވާނެ އެވެ. އަދި ހަމަކަށަވަރުން، ބައިޢަތު ހިއްޕެވުމުގައި ނަބިއްޔާ صلى الله عليه وسلم އަންހެނުންނާ ސަލާމް ނުކުރައްވާކަމަކީ، އަންހެނުންނާއި ފިރިހެނުން ސަލާމްކުރުން ހުއްދަވެގެން ނުވާކަން ވަރަށް ފާޅުކޮށް ބަޔާންވެގެންވާ ދަލީލެކެވެ. އަދި އަންހެން މީހާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެންމެ ލުއި ވެގެންވާ ބީހުމަކީ ސަލާމް ކުރުމެވެ. ސަލާމް ކުރުމަށް ޙާޖަތް މެދުވެރިވެފައިވާ ދަނޑިވަޅެއް ކަމުގައިވާ ބައިޢަތު ހިއްޕެވުމުގައި ސަލާމް ކުރުމުން މަނާވެ އެއްކިބާވެގެންވުމުން، މިކަމުން ދަލީލު ކުރެވެނީ ސަލާމް ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން ކަމެވެ. އަދި އެއްވެސް ފަރާތަކަށް ނަބިއްޔާ صلى الله عليه وسلم އާ ޚިލާފްވުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ގެ އުއްމަތަށް ޝަރުޢުވެގެންވަނީ ނަބިއްޔާގެ ބަސްފުޅުތަކާއި، ޢަމަލުފުޅު ތަކާއި އަދި އިޤްރާރުވަޑައިގެންނެވި އެންމެހައި ކަންތައްތަކެވެ.


ދެވަނަ އަމުރު : އެއީ އިސްވެ އަހަރެމެން ބަޔާންކޮށްފައިވާ ފަދައިން، އަންހެނާގެ މުޅި ހަށިގަނޑަކީ ޢައުރަ އެކެވެ. އަދި އަންހެނާއަށް ހަށިގަނޑު އެކުއެކީގައި ފަރުދާކޮށް ޙިޖާބުކުރުން ވާޖިބުވެގެންވެ އެވެ. އަދި ހަމަކަށަވަރުން ބެލުން ތިރިކުރުމަށް އަމުރު ކުރެވިފައިވަނީ ފިތުނަވެރިކަމުގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ބިރަށެވެ. އަދި އެއްވެސް ޝައްކެތް ނުވާ ގޮތުގައި އެއްހަށިގަނޑާއި އަނެއް ހަށިގަނޑު ބީހުމަކީ ނަފްސުގައިވާ ޣަރީޒާއަށް އަޘަރު ކުރުމަށް އޮތް އެންމެ ބާރުގަދަ ގޮތެވެ. އަދި އެއީ ލޮލުން ހިންގާލެވޭ ނަޒަރަކަށްވުރެ ހުރިހައި ގޮތްތަކުން ފިތުނަވެރި ކަމަށް ގެންގޮސްދިނުމަށް ބާރުގަދަވެގެންވާ ގޮތެކެވެ. މިއީ ހަމަވިސްނޭ ބުއްދިން އިންސާފުވެރި ގޮތުގައި ވިސްނައިފި ކޮންމެ މީހަކަށް މިކަމުގެ ޞައްޙަކަން އެނގިގެން ދާނެއެވެ.


ތިންވަނަ އަމުރު : މި ޒަމާނުގައި މީސްތަކުން ތަޤްވާވެރި ކަމުގައި ބަލިކަށި ވުމާ އެކު، އަމާނާތް ތެރިކަން ގެއްލިގެން ގޮސްފައިވާ ދުވަސްތަކެކެވެ. އަދި ޝައްކު ކުރެވޭ ކަންތައްތަކުގެ މައްޗަށް އެއްވެސް ބެލެހެއްޓުންތެރި ކަމެއް ނެތް، ރައްކައުތެރި ކަމެއް ނެތް ޒަމާނެއް ކަމުގައިވެ (ހިލޭ އަންހެނުންނާ ސަލާމް ކުރުމަކީ) ހިލޭ އަންހެނުންގެ ކިބައިން ލައްޒަތް ހޯދުމަށް އޮތް ދޮރެކެވެ.


ހަމަކަށަވަރުން އަހަރެމެންނަށް ތަކުރާރުކޮށް ޚަބަރު ލިބިފައިވާ ގޮތުގައި، ބައެއް ޢާންމު ފިރިހެނުން އެބައިމީހުންގެ އަނބިންގެ އުޚުތުންގެ އަނގައަށް ދޮން ދެ އެވެ. މިއި އެމީހުން ބޮސްދިނުމުގެ ނިޔަތުގައި ކުރާކަމެކެވެ. މިއީ ޢިލްމުވެރިން ޢިޖްމާޢުވެގެންވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ. ފަހެ، އެބައިމީހުން ބުނެ އެވެ. މިއީ ސަލާމް ކޮށްލުމެވެ. މާނައީ : މިފަދައިން ދޮން ދިނުމަކީ ސަލާމްކޮށްލުމެވެ. އެއްވެސް ޝައްކެތްނުވާ ގޮތުގައި ޙައްޤުގޮތަކީ އެންމެހައި ފިތުނަތަކުން އަދި ޝައްކު ކުރެވޭ އެންމެހައި ކަންތައްތަކުންނާއި އެކަމަށް އޮތް އެންމެހައި ސަބަބުތަކާ ދުރުގައިވުމެވެ. އެންމެ ބޮޑުގެންވާ (ފިތުނަވެރި) ކަމަކީ ފިރިހެނާ އޭނާއަށް ހިލޭ އަންހެނެއްގެ ގޮތުގައިވާ އަންހެނާގެ ހަށިގަނޑުގައި ބީހުމެވެ. ޙަރާމްކަމަކަށް ގެންގޮސްދޭ ދޮރުތަކަކީ ބަންދުކުރަން ވާޖިބުވެގެންވާ ދޮރުތަކެވެ."


އެންމެހައި މުއުމިނު ފިރިހެނުންނާއި އަންހެނުންނެވެ. ﷲ އެ އިލާހުގެ ވަޙީބަސްފުޅުގައި ބަޔާންކުރައްވާފައިވާ ވަޞިއްޔަތް ތިޔަބައިމީހުންނަށް ހަނދުމަކޮށްދެމެވެ.


 ﴿قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آَبَائِهِنَّ أَوْ آَبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ "مؤمن ފިރިހެނުންނަށް، އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައިމީހުންގެ فرج ތައް ރައްކައުތެރިކުރުމަށް ނަބިއްޔާ ވިދާޅުވާށެވެ! އެގޮތް އެބައިމީހުންނަށް، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކައުތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ބޮލާއި މޭމަތީގައި އަޅާ ނިވާކުރުން ހުއްޓެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ."
الحمد لله رب العالمين، وصلى الله على نبينا محمد، وآله وصحبه وسلم.  
   

❆  ❆  ❆
ފަތުވާ ނަގާފައިވަނީ : تنبيهات على أحكام تختص بالمؤمنات ص 104-117

 

Like what you see?

Close

Hit the buttons below to follow us, you won't regret it...